ލޮބުވެތި ރަސޫލާ

أُحد ހަނގުރާމަ

ހިޖްރައިން ތިން ވަނަ އަހަރުގެ ޝައްވާލް މަހު ... މައްކާގެ މުޝްރިކުން، ބަދުރު ހަނގުރާމައިން އެމީހުން ވީ ބަލިން ލިބުނު ފިލާވަޅު ދަހެއް ނުކުރި އެވެ. އަދި ހަމައެއާއެކު، އެ ބަލިން ލިބުނު ވޭން ވެސް ހަނދާން ނައްތައެއް ނުލެވުނެވެ. އެ ހަނގުރާމައިގައި ޤުރައިޝުންގެ ވަރަށް ގިނަ މަޝްހޫރު މީހުން މަރުވެގެން ގޮސްފައި ވެއެވެ. އަދި ހަމަ އެއާ އެކު، ދިމިޝްޤުގެ ވިޔަފާރި މަގު މުސްލިމުންގެ އަތްދަށަށް ދިޔަދިއުމަކީ ވެސް އެ މީހުން ވަރަށް ރުޅިގަދަވެގެން ދިޔަ ސަބަބެކެވެ.

أبو سُفيان ގެ ކޮމާންޑް ކަމުގައި ދަތުރުކުރި ވިޔަފާރި ޤާފިލާ، ސަތޭކަ ޕަސެންޓް ފައިދާ އާ އެކު އެނބުރި މައްކާ އަށް އަތުވެއްޖެ އެވެ. އެ ޤަފިލާގައި އިންވެސްޓް ކުރި ގިނަ މީހުން ބަދުރު ހަނގުރާމައިގައި މަރުވެފައި ވުމާ އެކު، އެ ޤާފިލާގެ ފައިދާ ބެހެއްޓިފައި ހުރީ މުޝްރިކުން ކަންކަން ނިންމުމަށް އެއްވާ ދާރުއްނަދްވާ ކިޔާ ޢިމާރާތެއްގަ އެވެ.

ބަދުރު ހަނގުރާމައިގައި އެ މީހުންގެ ބަފައިންނާއި، އަޚުންނާއި، ފިރިންނާއި، ފިރިހެންދަރިން ގެއްލިގެންދިޔަ صفوان بن أُميّة، عكرمة بن أبي جهل، عبدالله بن رابعة އަދި އެހެން މީހުން أبو سُفيان އަށް އިލްތިމާސްކުރަމުން ބުނޫ އެވެ. "މުސްލިމުން ވަނީ އަހަރެމެންގެ ވެރިން މަރާފައެވެ. އެމީހުން އަހަރެމެންގެ ދުވަސް ދުއްވާލައިފި އެވެ. އެމީހުންގެ ކިބައިން ބަދަލުހިފަންވީ ވަޤުތަކީ މިއީ އެވެ. ވިޔަފާރި ޤާފިލާގެ ފައިދާ އިން ލަޝްކަރެއް ތައްޔާރުކުރާމާ ހިނގާށެވެ. މަދީނާ އަށް ޙަމަލާދީ އަހަރެމެންގެ ބަދަލުހިފަމާ ހިނގާށެވެ".

أبو جهل، عُتبة، އަދި شَيبَة ފަދަ ނުބައިލަފާ ކާފަރުން މީގެ ކުރިން ޤަތުލުކޮށްފައި ވުމާ އެކު، އޭރި އަދި އިސްލާމްނުވާ أبو سُفيان އަކީ ކާފަރުންގެ ވެރިޔާ އެވެ. ދިމިޝްޤުގެ ވިޔަފާރި ޤާފިލާ އިން އެއް ލައްކަ ރަން ފައުނުގެ ފައިދާ ވަނީ ލިބިފައެވެ. އޭގެ ދެބައިކުޅަ އެއްބަޔަކީ، ހިނގި ޚަރަދެވެ. އަނެއް ބަޔަކީ ފައިދާ އެވެ. ޚަރަދަށް ވީ ބައި އޭގެ ވެރިންނަށް ވަގުތުން ބަހާލައި، ފައިދާ ދެބަޔަކަށް ބަހާލައި؛ އޭގެ ދެބައިކުޅަ އެއް ބައި ހަތިޔާރު ގަތުމަށް ހޭދަކޮށް، އަނެއް ބައި ހޭދަކުރެވުނީ ސިފައިންނަށެވެ. އޭގެ އިތުރަށް، ޅެންވެރިންނާއި، ވާހަކަދެއްކުންތެރިނަށް ފައިސާ ދެވުނެވެ. ވާހަކަދެއްކުންތެރިންނާއި، ޅެންވެރިން ދިޔައީ، ހަނގުރާމަ އަށް ދިއުމަށް މީސްތަކުން ފޯރިއަރުވައި، ހިތްވަރުދިނުމަށް ޓަކައި ޅެންތަކާއި، އަންބާތައް ކިޔަމުންނެވެ. އަދި އަންހެނުންތައް ބެރުޖަހަމުން އެ މީހުންނާ ގުޅުނެވެ. އެ މީހުންގެ މަޤްޞަދަކަށް، މަދީނާ އިން މުސްލިމުން ބޭރުކޮށް، رَسُوْلُ اللهِ ﷺ އަވަހާރަކޮށްލައި، އިސްލާމް ދީން ނައްތާލުން އޮތް މުޝްރިކުން، އަވަށްޓެރި ޤަބީލާތަކަށް ވެސް ޒިޔާރަތްކޮށް އިތުރު ސިފައިން ހޯދިއެވެ.

އެންމެ ފަހުން 3،000 ސިފައިންގެ ބޮޑު ލަޝްކަރެއް މައްކާގައި ޖަމާކޮށްފި އެވެ. އޭގެތެރެއިން 700 މީހުން ތިބީ ދަހަނާގައެވެ. 200 މީހުންނަކީ އަސްވަރުންނެވެ. އަދި އެ މީހުންނާ އެކު 3،000 ޖަމަލު ހުއްޓެވެ. މިއުޒިކްކުޅޭ މީހުންނާއި، އަންހެނުން ވެސް ގުޅުނު މި ބޮޑު ލަޝްކަރު ކޮމާންޑްކުރީ އަބޫ ސުފްޔާނެވެ. އޭނާގެ އަންހެނުން ހިންދުއަކީ އަންހެންވެރިންގެ ވެރިޔާ އެވެ. އަދި މުޝްރިކުން ހަނގުރާމައަށް ފޯރިއެރުވުމަށް ޓަކައި އެ ކަނބުލޭގެ ޢަމަލުތައް ހުރީ ޙައްދުން ނައްޓާފައެވެ. އެހެނީ، އެކަނބުލޭގެ ބައްޕަ އާއި ދެ ބޭބެ އިން ބަދުރު ހަނގުރާމައިގައި ވަނީ މަރުވެފައެވެ. އެކަނބުލޭގެ އަށް އޭނާގެ ވޭން ހަނދާންނައްތާނުލެވުނެވެ. އަދި ހަނގުރާމައިގައި އަންހެނުން ބައިވެރިކުރަން ދެކޮޅު ހެދި މީހުންގެ އަޑު ކަނޑުވާލުމަށް ޓަކައި އޭނާ ބުނަމުން ދިޔައެވެ. "ބަދުރު ހަނގުރާމައިގެ މަތިން ހަނދާންކުރާށެވެ! ކަލޭ ބަދުރު ހަނގުރާމައިގެ މައިދާނުން ފިލީ، ކަލޭގެ އަނބިމީހާ އާއި ދަރިންނާ ހަމައަށް ދިއުމަށެވެ! މިހާރުން ފެށިގެން، ފިލަން ބޭނުންވާ މީހުންނަށް އެ މީހުންގެ ކުރިމަތިން އަހަރެމެން ފެންނާނެ އެވެ"! އެހެންކަމުން، ހިންދު، އެކަނބުލޭގެ ހުރި ހުރިހާ ބަރެއް ބޭނުންކޮށްގެން ޤުރައިޝުން ހަނގުރާމައަށް ތައްޔާރުކުރި އެވެ.1

މުޝްރިކުންގެ މީހެއް ކަމުގައިވާ جُبير بن مُطعم ގެ ވަޙްޝީ ނަމަކަށް ކިޔާ އަޅެއް ހުއްޓެވެ. އޭނާ އަކީ، ލޮންސި އުކުމަށް ވަރަށް ހުނަރުވެރި މީހެކެވެ. އޭނާ އަކީ އޭނާ އުކާ ކޮންމެ އުކުމެއް ގައި އަމާޒަށް ލޮންސި ޖަހާ މީހެކެވެ. ހިންދު އާއި، ޖުބައިރު ދިޔައީ حمزة ގެފާނުގެ ކިބައިން ބަދަލުހިފުމަށް ކެކިއަރަމުންނެވެ. އެހެނީ، حمزة ގެފާނު ވަނީ ބަދުރު ހަނގުރާމައިގައި ހިންދުގެ ބައްޕަ عُتبة އަދި ޖުބައިރުގެ ބޮޑުބޭބެ ތުޢައިމާ ޤަތުލުކޮށްލައްވާފައެވެ. ޖުބައިރު އޭނާގެ އަޅު ވަޙްޝީ އަށް އެންގީ "ކަލޭ حمزة ޤަތުލުކޮށްލައިފި ނަމަ، އަހަރެން ކަލޭ މިނިވަންކުރާނަން"، މިހެންނެވެ. ހިންދު ވަޙްޝީ ކައިރީފައި ބުނީ، "ކަލޭ އޭނާ ޤަތުލުކޮށްފި ނަމަ، އަހަރެން ކަލެއަށް ވަރަށް ގިނަ ރަން ފައުނާއި، ގަހަނާ ދޭނަމެވެ".2

ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރުމަށް ފަހު، ޤުރައިޝުންގެ ލަޝްކަރު އެ މީހުންގެ ދިދަތައް ނިއުޅާލުމަށް ފަހު އެއް ދިދަ طلحة بن أبي طلحة އަތަށް، އެއް ދިދަ އަޙާބީޝް ގެ ތެރެއިން ކޮންމެވެސް މީހަކުގެ އަތަށް، އަދި އެއް ދިދަ أبو سُفيان ބިން ޢުވައިފުލް ޙާރިޘީ އަތަށް ދިނެވެ.

عبّاسގެފާނު ވަގުތުން އޭނާ އިތުބާރުކުރައްވާ މީހެއްގެ އަތަށް ދީ މަދީނާ އަށް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީ ގައި އަންގަވާފައިވަނީ މުޝްރިކުން 3،000 ސިފައިންގެ ލަޝްކަރެއް އެކުލަވާލި ކަމަށާއި، އޭގެ ތެރެއިން 700 މީހުންނަކީ ދަހަނާ އެޅި މީހުން ކަމަށާއި، 200 މީހުންނަކީ އަސްވާރުން ކަމަށާއި، އެ މީހުންގެ އަތުގައި 3،000 ޖަމަލާއި، ގިނަ ޢަދަދެއްގެ ހަތިޔާރު ހުރި ކަމަށާއި، އެ މީހުން މަދީނާ އަށް ދާން ތައްޔަރުވެއްޖެ ކަމަށާއި، އެ މީހުންނާ ކުރިމަތިލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެއާއެކު، رَسُوْلُ اللهِ ﷺ ޙާލަތު ބެލުމުގެ މަސްއޫލިއްޔަތު އެކަލޭގެފާނުގެ ބައެއް އެކުވެރިންނަށް ދެއްވި އެވެ. އެ ޞަޙާބީން މައްކާ އަށް ދިއުމަށް ދަތުރު ފެށްޓެވި އެވެ. މަގުމަތިން އެ ބޭކަލުންނަށް މުޝްރިކުން އަންނަ ކަމަށް ޚަބަރު ލިބުމުން ތަޙްޤީޤުކުރައްވަން ފެއްޓެވި އެވެ. އެބޭކަލުންގެ މަސައްކަތް ކުރު ވަގުތެއް ގައި ފުރިހަމަކުރުމަށް ފަހު، އެ ބޭކަލުން އަވަސްއަވަހަށް މަދީނާ އަށް އެނބުރި ވަޑައިގެންފި އެވެ. އެ ބޭކަލުންނަށް ފެނުނު ކަންކަމާއި، ލިބުނު މަޢުލޫމާތު، عبّاسގެފާނު ފޮނުއްވި ސިޓީއާ ދިމާވެއެވެ.

ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ވަގުތުން ހަނގުރާމަ އަށް ތައްޔާރުވާން ފަށްޓަވައިފި އެވެ. އޭގެ އިތުރަށް، އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، ޢަދުއްވުންނަށް ކުއްލިއަކަށް މަދީނާ އަށް ނޭރޭނެ ގޮތަށް ހެއްދެވުމުގެ ގޮތުން، މަދީނާ ވަށައިގެން ގާޑުން ލެއްވުމެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޞްޙާބު ބޭކަލުން ތައްޔާރީތައް ފުރިހަމަކޮށްލައްވައިފި އެވެ. ޢާއިލާތަކާ އަލްވަދާޢު ކިޔުމަށް ފަހު، އަޞްޙާބު ބޭކަލުން رَسُوْلُ اللهِ ﷺ ގެ ވަށައިގެން އެއްވެއްޖެ އެވެ.

އެ ދުވަހަކީ ހުކުރު ދުވަހެކެވެ. ޞަޙާބީންނާ އެކު ހުކުރު ނަމާދު އިމާމުވެ ކުރެއްވީ رَسُوْلُ اللهِ ﷺ އެވެ. ޚުޠުބާ ގައި، الله تعالى ގެ ދީން ފެތުރުމަށާއި، ﷲ ގެ މަގުގައި ހަނގުރާމަކުރުމަށް ޓަކައި، ޖިހާދުކުރުމުގެ މުހިއްމުކަމަށް ބާރު އެޅުއްވި އެވެ. މި ހަނގުރާމައިގައި މަރުވާ މީހުން ޝަހީދުންނަށް ވާނެ ކަމަށާއި، ސުވަރުގެ ވަންނާނެ ކަމުގެ އުފާޥެރި ޚަބަރު އެކަލޭގެފާނު ދެއްވި އެވެ. އެކަލޭގެފާނު އެންގެވީ ޢަދާވާތްތެރިންގެ ކުރިމަތީ ގައި ކެތްތެރިވެ އުނދަގޫތައް ތަޙައްމަލުކުރާ މީހުންނަށް الله تعالى އެހީތެރިވެދެއްވާނެ ކަމަށެވެ.

رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުންނަށް حديث ކުރެއްވީ، ހަނގުރާމަ ކުރާނެ ތަނަކާ މެދު މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށާއި، އެ ރޭ އެކަލޭގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތް ކަމަށެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ހުވަފެންފުޅު ގައި، ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ، ވަރުގަދަ ދަހަނާއެއް އަޅުއްވައިގެން ހުއްޓައެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ، ތިމަންކަލޭގެފާނުގެ ކަނޑިކޮޅު ذو الفقار ގެ މިޔަ ތޫނުކޮށްފައި ހުރިތަނާއި، ކަތިލެވިފައިވާ ކެރިއަކާއި، ކަންބަޅު ބަކަރިއެއް ގެނެވޭ ތަނެވެ". ޞަޙާބީން އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ތި ހުވަފެން ތަޢުބީރުކުރެއްވީ ކިހިނެއް ތޯ އެވެ"؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "ވަރުގަދަ ދަހަނާއެއް ލުމަކީ މަދީނާގެ، މަދީނާ ގައި ހުރުމުގެ ޢަލާމާތެކެވެ.... އެތަނުގައި ހުރުމެވެ... ތިމަންކަލޭގެފާނުގެ ކަނޑީގެ މިޔަ ތޫނުވެފައި ހުރި ތަން ފެނުމަކީ، ތިމަންކަލޭގެފާނު ބަލިވާނެ ކަމުގެ ޢަލާމާތެކެވެ. ކަތިލެވިފައިވާ ގެރިއަކީ، ތިމަންކަލޭގެފާނުގެ ޞަޙާބީންގެ ބައެއް ބޭކަލުން ޝަހީދުވާނެ ކަމުގެ ޢަލާމާތެކެވެ. އެއަށް ކަންބަޅު ބަކަރިއެއް ގެނެވުމަށް ބަލާއިރު، ކަންބަޅި ބަކަރި އަކީ الله تعالى ޤަތުލުކުރައްވާނެ ޢަސްކަރީ ޔުނިޓެއްގެ ޢަލާމާތެކެވެ".

އެހެން ރިވާޔަތެއް ގައި ވާ ގޮތުން އެކަލޭގެފާނު حديث ކުރެއްވީ، "ތިމަންކަލޭގެފާނުގެ ހުވަފެންފުޅު ގައި، ތިމަންކަލޭގެފާނުގެ ކަނޑި ބިންމައްޗަށް ޖެއްސެވުމުން، އޭގެ މިޔަ ބިނދުނެވެ. އެއިން ދޭހަކޮށްދެނީ، ތިމަންކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުން أُحد ހަނގުރާމައިގެ ދުވަހު ޝަހީދުވާނެ ކަމެވެ. ތިމަންކަލޭގެފާނުގެ ކަނޑި އަނެއްކާ ވެސް ބިމަށް ޖެއްސެވުމުން، އެ ކަނޑި ކުރިން އޮތް ގޮތަށް ރުޖޫޢަވެއްޖެ އެވެ. އެއިން ދޭހަކޮށްދެނީ، الله تعالى ގެ ޙަޟްރަތުން ފަތަޙަކުރެއްވުމެއް އަންނާނެ ކަމާއި، އީމާންވާ މީހުން އެއްވާނެ ކަމެވެ".

ވަޙީ އިން އެކަލޭގެފާނަށް ހާމަނުކުރެވޭ ކަންތައްތަކާ މެދު رَسُوْلُ اللهِ ﷺ ޞަޙާބީންނާ މަޝްވަރާކުރައްވައި، އެ ގޮތަކަށް ޢަމަލުކުރެއްވި އެވެ. ޢަދުއްވުންނާ ކުރިމަތިލާނެ ތަނަކާ މެދު، ބައެއް ޞަޙާބީން ވިދާޅުވީ، "އަޅުގަނޑުމެން މަދީނާ ގައި ތިބެފައި ދިފާޢީ ހަނގުރާމައެއް ކުރަމާ ހިނގާށެވެ". މި ހުށަހެޅުމަކީ، رَسُوْلُ اللهِ ﷺ ބޭނުންފުޅުވާ ގޮތާ ވެސް ދިމާވާ ހުށަހެޅުމެކެވެ. أبوبكر ، عُمرُ، سعد بن مُعاذ (‏رضي الله عنهم)‏ ފަދަ އަޞްހާބުންގެ ތެރެއިން އިސް ބޭފުޅުން ވެސް ވިސްނެވީ رَسُوْلُ اللهِ ﷺ ވިސްނެވި ގޮތަށެވެ.

"ތިމަންކަލޭގެފާނުގެ ޞަޙާބީންނާ ދެކޮޅަށް ވާހަކަނުދައްކާށެވެ! ތިޔަބައި މީހުން އުޙުދު ފަރުބަދައާ އެއްވަރުގެ ޞަދަޤާތް ދިން ކަމުގައި ވިޔަސް، އެ ބޭކަލުންނަށް ބާލީ މުށެއްގެ ޞަދަޤާތަކަށް ލިބިލެއްވި ސަވާބު ތިޔަބައި މީހުންނަކަށް ނުލިބޭނެ އެވެ".
حديث الشّريف

އެހެންނަމަވެސް، ބަދުރު ހަނގުރާމައިގައި ބައިވެރިނުވެވުނު ހިތްވަރުގަދަ ޒުވާން ޞަޙާބީންނަށް، ބަދުރު ހަނގުރާމައިގައި ބައިވެރިވި ޞަޙާބީންނަށް ލިބުނު އަޖްރާއި، ޘަވާބު3 އަދި ބަދުރު ހަނގުރާމައިގައި ޝަހީދުވި ޞަޙާބީންނަށް ހުރި މަތިވެރި ކަމުގެ ވާހަކަ حديث ކުރެއްވި އަޑުއިވުމުން، އެ ހަނގުރާމައިގައި ބައިވެރިނުވެވުނީތީ ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. މި ސަބަބަށް ޓަކައި، އެ ބޭކަލުން ބޭނުންވީ، މަދީނާ އިން ބޭރު ގައި ޢަދުއްވުންނާ ކުރިމަތިލައި އެ މީހުންނާ ކައިރިން ކުރިމަތިލައި ހަނގުރާމަކުރާށެވެ. حمزة، ނުޢޫމާން ބިން މާލިކު، އަދި ސަޢޫދު ބިން ޢުބާދާ (‏رضي الله عنهم)‏ ވެސް ވިސްނަވަމުން ގެންދެވީ އެ ގޮތަށެވެ. ޙައިސަމާ (‏رضي الله عنه)‏ ހުއްދަ ނަންގަވައި ވިދާޅުވި އެވެ.:

"މާތް ﷲ ގެ ރަސޫލާ އެވެ! ޤުރައިޝުންގެ މުޝްރިކުން ސިފައިން ހޯދާފައިވަނީ އެކި ޢަރަބި ޤަބީލާތަކުންނެވެ. އެ މީހުން، އެ މީހުންގެ ޖަމަލުތަކާއި، އަސްތަކަށް ސަވާރުވެގެން އައިސް އަޅުގަނޑުންގެ ބިންތަކަށް ވަދެގެންފި އެވެ. އެ މީހުން އަޅުގަނޑުމެންގެ ގެތަކާއި، ކިއްލާތަކުގައި އަޅުގަނޑުމެން ޙިޞާރުކޮށް އޭގެ ފަހުން އެ މީހުން އެބުރި ދާނެ އެވެ. އަޅގަނޑުމެންނަށް އަޑުނީވޭ ގޮތަށް އެ މީހުން އެތައް ވާހަކައެއް ދައްކާނެ އެވެ. މި ޙާލަތުން އެ މީހުންގެ ހިތްވަރު ގަދަވެ، އެ މީހުން އާ ޙަމަލާތައް ރާވާނެ އެވެ. އަޅުގަނޑުމެން އެ މީހުންނާ މިހާރު ކުރިމަތިނުލާ ނަމަ، އެހެން ޢަރަބި ޤަބީލާތަކުން އަޅުގަނޑުމެންނާ ދޭތެރޭ ނުރުހޭނެ އެވެ. އަޅުގަނޑު ގެ އުއްމީދަކީ މުޝްރިކުންގެ މައްޗަށް އަޅުގަނޑުމެންނަށް الله تعالى ނަޞްރުދެއްވުމެވެ.

އޭގެ ތެރެއިން ދެވަނަ ގޮތަށް ވެއްޖެ ނަމަ، ވާނީ ޝާހީދެވެ؛ ބަދުރު ހަނގުރާމައިގައި އަޅުގަނޑުގެ ކިބައިން އެކަން މަހްރޫމްކުރިވި އެވެ. އެހެން ނަމަވެސް، އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދިއެދި ހުރި ކަމެކެވެ. އަޅުގަނޑު ބަދުރު ހަނގުރާމައިގައި ބައިވެރިވާ ކަން އަޅުގަނޑުގެ ފިރިހެން ދަރިފުޅަށް އެނގުމުން، އޭނާ އަޅުގަނޑާ ބެޓްކުރި އެވެ. އޭނާ އަޅުގަނޑަށް ވުރެ ނަޞީބު ރަނގަޅެވެ؛ އޭނާ އަށް ޝަހީދުވުމުގެ ޝަރަފު ޙާޞިލުވިއެވެ.

މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ޝަހީދުވުމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. ރޭ ގައި، އަޅުގަނޑުގެ ދަރިފުޅު ވަރަށް ރިވެތި ޙާލަތެއް ގައި ވަނިކޮށް އަޅުގަނޑަށް ހުވަފެނުން ފެނުނެވެ. އޭނާ ދިޔައީ ސުވަރުގޭގެ ބަގީޗާތަކާއި، ކޯރުތަކުގެ ސަރަޙައްދު ގައި ބުރުޖަހަމުންނެވެ. އަދި އަޅުގަނޑަށް ބުންޏެވެ. 'ސުވަރުގޭގެ ޞަޙާބީންނާ ގުޅޭށެވެ! الله تعالى ވަޢުދުކުރެއްވި ތެދުކަން އަހަންނަށް ޙާޞިލުކުރެވިއްޖެ އެވެ'.

މާތް ﷲ ގެ ރަސޫލާ އެވެ! ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ހެނދުނު އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ، ސުވަރުގޭގައި އަޅުގަނޑުގެ ދަރިފުޅާ އެކު ވާށެވެ. އަޅުގަނޑު މިހާރު ޢުމުރުން ދުވަސް ވެސް ވެއްޖެ އެވެ. އަޅުގަނޑު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް ދިއުން ފިޔަވައި އެހެން އެދުމެއް ނެތެވެ".

އޭނާ އާދޭސް ދެންނެވި އެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ޝަހީދަކަށް ވެ އަޅުގަނޑުގެ ދަރިފުޅާ އެކު ސުވަރުގޭގައި ހުރެވޭތޯ الله تعالى އަށް ދުޢާކޮށްދެއްވާށެވެ"! އޭނާގެ އެދުނު ގޮތަށް ޤަބޫލުކުރައްވާ އޭނާ އަށް ދުޢާކޮށްދެއްވި އެވެ.

ގިނަ މުސްލިމުންގެ ޚިޔާލު ހުރީ އެ ގޮތަށް ކަމަށް ވުމާއެކު، ޢަދުއްވުންނާ މަދީނާގެ ރަށް ބޭރުން ކުރިމަތިލުމަށް رَسُوْلُ اللهِ ﷺ ނިންމެވި އެވެ. ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. "(‏އޭ ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ!)‏ ތިޔަބައި މީހުންގެ ކިބައިގައި ސާބިތުކަމާއި، ކެތްތެރިކަން ހުރެއްޖެ ނަމަ، الله تعالى އެކަލާނގެ އެހީތެރިކަން އަނެއްކާ ވެސް ދެއްވާނެތެވެ. އަހަރެމެންގެ މަސްއޫލިއްޔަތަކީ، ޢަޒުމް ވަރުގަދަކޮށް ތިބުމާއި، އެ ކަމަށް މަސައްކަތް ކުރުމެވެ".

رَسُوْلُ اللهِ ﷺ ޢަޞްރު ނަމާދު އިމާމުވެ ކުރެއްވުމަށް ފަހު ގެކޮޅަށް ވަޑައިގެންފި އެވެ. އެކަލޭގެފާނަށް ފަހު، أبوبكر އަދި عُمرُ (‏رضي الله عنهما)‏ ހުއްދަ އާ އެކު އެ ގެއަށް ވަންނަވައިފި އެވެ. رَسُوْلُ اللهِ ﷺ ފޮށާ އަޅުއްވައި، އެކަލޭގެފާނުގެ ދަހަނާ އެޅުއްވުމަށް އެ ދެބޭކަލުން އެހީތެރި ވެލެއްވި އެވެ. އެކަލޭގެފާނުގެ ކަނޑިކޮޅު އަޅުވައި، އެކަލޭގެފާނުގެ އައްޑަނަ އެކަލޭގެފާނުގެ ބުރަކަށިކޮޅުގައި އެޅުއްވި އެވެ.

އެ ވަގުތު، އަޞްޙާބު ބޭކަލުން رَسُوْلُ اللهِ ﷺ ގެ އިންތިޒާރު ގައި ބޭރުގައި މަޑުކުރައްވައިގެން ތިއްބެވި އެވެ. މަދީނާ ގައި މަޑުކުރައްވައި، ދިފާޢީ ހަނގުރާމައެއް ކުރައްވަން ބޭނުންފުޅުވި ބޭކަލުން، ދެން ތިއްބެވި ބޭކަލުންނަށް ވިދާޅުވި އެވެ. " رَسُوْلُ اللهِ ﷺ މަދީނާ އިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅެއް ނޫނެވެ. އެކަލޭގެފާނު އެ ގޮތަށް އެއްބަސްވެ ވަޑައިގަތީ ތިޔަބައި މީހުންގެ ބަހަށެވެ. އެހެން ނަމަވެސް، رَسُوْلُ اللهِ ﷺ އަށް އަމުރު ލިބިވަޑައިގަންނަވަނީ الله تعالى ގެ ޙަޟްރަތުންނެވެ. މި މައްސަލަ އެކަލޭގެފާނަށް ދޫކޮށްލާށެވެ. އެކަލޭގެފާނު އަންގަވާ ގޮތަކަށް ޢަމަލުކުރާށެވެ". އެހެން މީހުން، އެ މީހުން ކުރި ކަންތަކާ މެދު ދެރަވެ، އެ މީހުންގެ ރައުޔުތައް ދޫކޮށްލައި، ބުނެފޫއެވެ. "އަހަރެމެން އާ ދެކޮޅު ނަހަދަމާ ހިނގާށެވެ". رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތުގެ ގެކޮޅުން ނުކުންނެވުމުން، އެ މީހުން މަޢާފަށް އެދެމުން ބުނެފޫއެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާން ކުރައްވާށިއެވެ. ކަލޭގެފާނު ބޭނުންފުޅު ގޮތަކަށް ކަންތައް ކުރައްވާށެވެ. ކަލޭގެފާނު މަދީނާ ގައި މަޑުކޮށްލައްވަން ބޭނުންފުޅުވާ ނަމަ، އަހަރެމެން މަޑުކުރަމާ ހިނގާށެވެ. ކަލޭގެފާނުގެ އެންގެވުމާ ދެކޮޅުހެދުމުން މިންޖުކުރެއްވުމަށް الله تعالى ގެ ޙަޟްރަތުން އަހަރެމެން އެދެމެވެ".

رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ހަނގުރާމަކުރުމަކާ ނުލައި ރަސޫލަކު އެ ބޭކަލެއްގެ ދަހަނާ ނުނަގާނެ އެވެ. އެއީ ، އޭނާ އާ އޭނާގެ ޢަދާވާތްތެރިޔާ އާ ދެމެދުން ކާކު ތޯ الله تعالى ކަނޑައެޅުއްވުމަށް ދާންދެނެވެ. ތިމަންކަލޭގެފާނު ތިބާ އަށް ދެއްވާ އިރުޝާދަކީ، ތިމަންކަލޭގެފާނު އަންގަވާ ގޮތަށް ޢަމަލުކޮށް، ކެތްތެރިވެ، ސާބިތުކަން މަތީ الله تعالى ގެ އިސްމުފުޅު ކިޔުމުން، އެކަލާނގެ އެހީތެރިވެވަޑައިގަންނަވާނެ ކަމެވެ".

އެ ވަގުތު، ޢަމްރު ބިން ޖުމަޙް ގޭގައި އުޅޭ އޭނާގެ ހަތަރު ފިރިހެން ދަރިން ކައިރީގައި ބުނަމުންދިޔައީ، "އަހަރެންގެ ފިރިހެން ދަރިންނޭވެ! އަހަރެން އެ ޣަޒްވާ އަށް ގެންގޮސްދޭށެވެ". މިހެން ބުނުމުން، އޭނާގެ ފިރިހެން ދަރިން، އެ މީހުންގެ ބައްޕަ ޤަބޫލުކުރޭތޯ ބަލަން ދެންނެވި އެވެ. "ބައްޕާ އެވެ! ތިބާގެ ޒަޚަމްވެފައިވާ ފައިތިލައާ ހެދި، ކަލޭގެފާނު ދެއްކެވި ވާހަކަފުޅު ޤަބޫލުކުރައްވައިފި އެވެ. ﷲ ގެ ރަސޫލާ ކަލޭގެފާނު ޢުޒުރުދެއްކެވި ގޮތަށް ރިޢާޔަތްކުރައްވައިފި އެވެ. ކަލޭގެފާނު ޖިހާދަށް ދިއުން ލާޒިމެއް ނޫނެވެ. ކަލޭގެފާނުގެ ބަދަލުގައި ދާނީ އަހަރެމެންނެވެ". އެހެން ނަމަވެސް، ޢަމްރު (‏رضي الله عنه)‏ حديث ކުރެއްވި އެވެ. ކަލޭމެންގެ ފަދަ ފިރިހެންދަރިންނަށް ލަދު ހުއްޓެވެ. ކަލޭމެން ހަމަ ތިކިޔާ އެއްޗެއް ކިޔައިގެން އަހަރެން ބަދުރު ހަނގުރާމައިގައި ސުވަރުގެ ވަނުމުން ހުއްޓުވިއެވެ. ކަލޭ އަނެއްކާ ވެސް އަހަރެން މަޙްރޫމްކުރުވާނަން ހެއްޔެވެ"؟ ދެން އޭނާ رَسُوْلُ اللهِ ﷺ ގެ ޙަޟްރަތަށް ގޮސް ބުންޏެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާން ކުރައްވާށިއެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ދަރިން ބޭނުންވަނީ، ބައެއް ޢުޒުރުތައް ދައްކައިގެން އަޅުގަނޑު މި ހަނގުރާމައިން މަޙްރޫމްކުރުވުމެވެ. އަޅުގަނޑު الله تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑު ބޭނުންވަނީ، ކަލޭގެފާނާ އެކު ހަނގުރާމައަށް ގޮސް ސުވަރުގެ ވަނުމެވެ. މާތް ﷲ ގެ ރަސޫލާ އެވެ! الله تعالى އަށް ޓަކައި ހަނގުރާމަކޮށް ޝަހީދުވެ، އަޅުގަނޑުގެ ބޭނުންނުކުރެވޭ ފަޔާ އެކު ސުވަރުގޭގައި ހިނގާބިގާވެ އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަލޭގެފާނު ނުބައްލަވަން ތޯ އެވެ؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އާއެނކެވެ! ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެކަށީގެންވާ ކަމެކެވެ". ޢަމްރު ބިން ޖުމާޙް (‏رضي الله عنه)‏ ވަރަށް އުފާވެ، ތައްޔާރުވެ ލަޝްކަރާ ގުޅިއްޖެ އެވެ.4

"ހަނގުރާމަކުރުމަކާ ނުލައި ރަސޫލަކު އެ ބޭކަލެއްގެ ދަހަނާ ނުނަގާނެ އެވެ. އެއީ ، އޭނާ އާ އޭނާގެ ޢަދާވާތްތެރިޔާ އާ ދެމެދުން ކާކު ތޯ الله تعالى ކަނޑައެޅުއްވުމަށް ދާންދެނެވެ. ތިމަންކަލޭގެފާނު ތިބާ އަށް ދެއްވާ އިރުޝާދަކީ، ތިމަންކަލޭގެފާނު އަންގަވާ ގޮތަށް ޢަމަލުކޮށް، ކެތްތެރިވެ، ސާބިތުކަން މަތީ الله تعالى ގެ އިސްމުފުޅު ކިޔުމުން، އެކަލާނގެ އެހީތެރިވެވަޑައިގަންނަވާނެ ކަމެވެ".
حديث الشّريف

މަދީނާ ގައި އިމާމުވެ ނަމާދުކުރުމަށް ބެހެއްޓުނީ عبدالله بن أُمُّ مكتُوم (‏رضي الله عنه)‏ އެވެ.5 ރަސޫލުންގެ ސުލްޠާން ތިން ބެނާއެއް ބެންނެވި އެވެ. އޭގެތެރެއިން އެއް ބެނާ خبّاب ބިން މުންޒިރަށް، އަނެއް ބެނާ أسيد بن حُضير އަށް، އަދި އަނެއް ދިދަ مُصعب بن ޢުމައިރަށް ދެއްވިއެވެ. ގާތްގަޑަކަށް އެއްހާސް ސިފައިން ހިމެނޭ ލަޝްކަރު ގައި ދެ އަސްވާރުންނާއި، ދަހަނާ އެޅި ސަތޭކަ ސިފައިން ތިއްބެވެ.6

ހުކުރު ދުވަހުގެ މެންދުރު ފަހު، އުޙުދަށް ވަޑައިގަތީ، ދަހަނާ ގައި ތިއްބެވި سعد بن عُبادة އާއި، سعد بن معاذ އެކު ލަޝްކަރުގެ ވެރިޔާގެ ގޮތުގައެވެ. މުހާޖިރުން ތިއްބެވީ ކަނާތް ފަރާތުގައެވެ. އަދި އަންޞާރުން ތިއްބެވީ ވާތްފަރާތުގައި، ކަމަކަށް އުފާފާޅުކުރާހެން "الله أكبر" ގެ އަޑާއެކުގައެވެ.

އެ ވަޑައިގަތް މަގުމަތީގައި، ޔަހޫދީންގެ ހަސަތޭކަ ސިފައިންގެ ފައުޖަކާ ދިމާވި އެވެ. އެ މީހުންނަކީ، އިސްލާމީ ލަޝްކަރާ ގުޅެން ބޭނުންވެފައި ތިބި މުނާފިޤުންގެ ވެރިޔާ عبدالله بن أُبَيُّ بن سلُولގެ އެކުވެރިންނެވެ. رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. "އެ މީހުން އިސްލާމްވެއްޖެ ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ނޫނެކެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ގޮސް އެ މީހުން ކައިރީގައި ބުނާށެވެ. އަނބުރި ދާށެވެ. އެހެނީ، މުޝްރިކުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ގައި ކާފަރުންގެ އެހީތެރިކަމެއް އަހަރެމެން ބޭނުމެއް ނޫނެވެ".

މަދީނާ އާ އުޙުދާ ދެމެދުގައި ވާ ޝައިޚައިން ނަމަކަށް ކިޔާ ސަރަޙައްދަކަށް رَسُوْلُ اللهِ ﷺ ވަޑައިގަތެވެ. އެތާނގައި އެ ބޭކަލުން އެ ރޭ މަޑުކުރެއްވި އެވެ. އޭރު އަދި އިރު ނުއޮއްސެއެވެ. ހަނގުރާމަކޮށް ޝަހީދުވާން ބޭނުންވެފައި ތިބި ކުޑަކުދިން ވެސް ސިފައިންގެ ގޮތުގައި ލަޝްކަރުގައި ތިއްބެވެ. ލަޝްކަރު އިންސްޕެޓް ކުރެއްވިއ އިރު، ސަތާރަ ކުޑަކުދިން ތިބި ތަން ފެނިވަޑައިގަތެވެ. އޭގެތެރޭގައި، ރާފިޢު ބިން ޙަދީޖް އޭރު މަސައްކަތްކުރަމުން ދިޔައީ، އޭނާގެ ފައިތިލައިގެ އިނގިލިތަކުގެ މައްޗަށް ތެދުވެ ދިގުކަމަށް ދެއްކެންވެގެންނެވެ. ޒުހައިރުގެފާނު "މާތް ﷲ ގެ ރަސޫލާ އެވެ! ރާފިޢު އަކީ ހުނަރުވެރި ދުނިޖެހުންތެރިއެއް" މިހެން ވިދާޅުވުމުން އޭނާ ލަޝްކަރުގައި ހިމެނުއްވި އެވެ. މި މަންޒަރު ފެނިފައި، ސަމްރާ ބިން ޖުންދުބު ވިދާޅުވި އެވެ. "އަޅުގަނޑަށް މަސްގުޅަހިފުމުގައި ރާފިއު ބަލިކުރެވިދާނެ އެވެ. އެހެންކަމުން، އަޅުގަނޑު ވެސް ހަނގުރާމައިގައި ބައިވެރިވާން ބޭނުމެވެ". رَسُوْلُ اللهِ ﷺ ހިނިވަރުނަކުރައްވާފައި، އެ ދެމީހުން މަސްގުޅަހިފުމަށް ފުރުޞަތުދެއްވި އެވެ. މަސްގުޅަހިފުމުގައި ސަމްރާގެފާނު، ރާފިޢު ބަލިކުރެއްވުމުން، އޭނާ މުޖާހިދުންގެ ތެރެއަށް ނެގުނެވެ. މަދީނާގެ މީހުން ޙިމާޔަތްކުރުމަށް ޓަކައި، އެހެން ކުޑަކުދިން މަދީނާ އަށް އަނބުރާ ފޮނުވާލެވުނެވެ.7

މަޣްރިބު ނަމާދާއި، ޢިޝާ ނަމާދުގެ ބަންގި ގޮވީ بلال الحبشي (‏رضي الله عنه)‏ އެކަލޭގެފާނުގެ ރިވެތި އަޑުންނެވެ. رَسُوْلُ اللهِ ﷺ އިމާމުވެ ނަމާދުކުރެއްވުމަށް ފަހު، محمّد بن مسلمة އާ ފަންސާސް ސިފައިން ހަމަޖައްސަވައި، އެންގެވީ، ހެނދުނު ވަންދެން ބަލަން ތިބުމަށެވެ. އަޞްޙާބު ބޭކަލުން ދެން ދުރުވީ ނިދުމަށެވެ. އެ ރޭ، ގާޑުކުރުން ޙަވާލުކުރެވުނީ ޒަކްވާން (‏رضي الله عنه)‏ އާ އެވެ.

އެ ވަގުތު، ޝައިޚައިން ސަރަޙައްދު ގައި އިސްލާމީ ލަޝްކަރު އަރާމުކޮށްލަން މަޑުކޮށްގެން ތިބި ކަން ޢަދުއްވުންގެ ލަޝްކަރަށް އެނގި، عكرمةގެ ކޮމާންޑްކަމުގެ ދަށުގައި ފައިމަގުގައި ފައުޖެއް ޕެޓްރޯލްކުރަން ނެރެފި އެވެ. އޭރު އަދި އިސްލާމްނުވާ عكرمة އިސްލާމީ ލަޝްކަރާ ދިމާލަށް ޙައްރާ އޭ ކިޔުނު ހިސާބެއް ގައި އައި ކަމުގައި ވިޔަސް، މުޖާހިދުންގެ ޕެޓްރޯލަށް ބިރުން އޭނާ ފަހަތަށް ޖެހިއްޖެ އެވެ. ފަޖުރުގެ ވަގުތަށް ފަހު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީން ނިދިން ހޭލެއްވެވި އެވެ. އެ ބޭކަލުން أُحد ފަރުބަދަ އަށް ވަޑައިގެންފި އެވެ. އެ ތަނުގައި ދެ ލަޝްކަރަށް އެއްބަޔަކު އަނެއް ބަޔަކު ފެނެއެވެ. ފަތިސް ނަމާދުގެ ބަންގި بلال الحبشي (‏رضي الله عنه)‏ އެކަލޭގެފާނުގެ ރިވެތި އަޑުން ދެއްވައިފި އެވެ. ހަތިޔާއު އަޅައިގެން ތިއްބެވި މުޖާހިދުން رَسُوْلُ اللهِ ﷺ ގެ ފަހަތްޕުޅުގައި ޖަމާޢަތުގައި ނަމާދުކުރައްވައި، ދުޢާ ކުރެއްވި އެވެ. ޢާލަމްތަކުގެ ސައްޔިދު ދެވަނަ ދަހަނާއެއް ތުރުކުރައްވައި، ބޯކޮޅުގައި ހެލްމެޓް އެޅުއްވި އެވެ.

އެ ވަގުތު، މުނާފިޤުންގެ ވެރިޔާ عبدالله بن أُبَيُّ بن سلُول، "އަހަރެމެން މި ތާނ މި ތިބީ ޤަތުލުވާން ހެއްޔޭ؟ ފެށުނު އިރު އަހަރެމެންނަށް މިކަން ނޭނގުނީ ކީއްވެގެން ހޭ"، މިހެން ކިޔަމުން 300 މުނާފިޤުންނާ އެކު އެނބުރި މަދީނާ އަށް ގޮސްފި އެވެ.

أُحد ހަނގުރާމަ

އީމާންވެ، ހިތުން އެއްބައިވެ، ފުރާނަ އަތްމައްޗަށް ލައިގެން ތިބި، ޖެހިލުންވުމެއް ނެތް، އަދި ޝަހީދުވާން ބޭނުންވެފައި ތިބި މީހުންގެ ޢަދަދަކީ ގާތްގަޑަކަށް ހަތް ސަތޭކަ އެވެ. އެ އެންމެން ވެސް ވަޢުދުވީ އެ މީހުންގެ އެންމެ ފަހު ލޭ ތިއްކަށް ދާންދެން رَسُوْلُ اللهِ ﷺ ޙިމާޔަތް ކުރުމަށެވެ.

ރަސޫލުންގެ ސައްޔިދު رَسُوْلُ اللهِ ﷺ މުޖާހިދުން ވަކި އިންތިޒާމަކަށް އެޅުއްވި އެވެ. އެކަލޭގެފާނު އިސްލާމީ ލަޝްކަރު ރުކުރުވާލެއްވި ގޮތުން ލަޝްކަރުގެ ފަހަތް أُحد ފަރުބަދައާ ދިމާވާ ގޮތަށް، އަދި މަދީނާ އަށް ކުރިމަތިވާ ގޮތަށް އަތުރުއްވާލެއްވި އެވެ. ކަނާތް ފަޅީގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ عُكاشة بن محسن އެވެ. ވާތް ފަރާތުގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ أبو سلامة بن عبدالأسد އެވެ. سعد بن أبي وقّاص އާއި أبو عُبيدة بن جرّاح ތިއްބެވީ ކުރިމަތީގައި ދުނިދަނޑި ޖަހާ މީހުންގެ އިސް މީހުންނަށެވެ. زُبيرُ بن عوّام ހުންނެވީ ދަހަނާ އެލީ ސިފައިންގެ އިސް މީހަކަށެވެ. އަދި حمزة ހުންނެވީ ދަހަނާ ނާޅައި ތިބި މީހުންގެ އިސް މީހަކަށް ކުރިމަތީގައެވެ. مقداد ބިން ޢަމްރު ޢައްޔަންކުރެވުނީ ފަހަތުގައިވާ ފައުޖުގެ ކޮމާންޑަރަކަށެވެ.

ހަމައެކަނި ﷲ އަށް ޓަކައޭ، އެކަލޭގެފާނު މީހުން ދެކެ ލޯބިވެ އަދި ނުރުހުނީ،
އަމިއްލަ ޒާތަށް ޓަކައި، އެކަލޭގެފާނު އެކުވެރިޔަކަށް އަދި ޢަދުއްވަކަށް ނުވެއޭ، ދީލަތިކަމުގެ ފައްވާރާއޭ.
އެކަލޭގެފާނު އެއްގޮތަކަށް ވެސް ގަދަ ހިނިގަނޑަކާ އެކު ހިނިތުންނުވެއޭ، އަދި އެއްވެސް ހުވައެއްނުކުރައްވައޭ،
އެކަލޭގެފާނުގެ ބަސްފުޅު ރީތިވެފައި ހިނިތުންވެރި މޫނެކޭ، ދީލަތިކަމުގެ ފައްވާރާއޭ.
އެކަލޭގެފާނު ޖަރީކުރެވިފައިވީ ރިވެތިކަމާއި، މަޑުމައިތިރިކަމާއި، ހިތްތިރިކަމުގައޭ،
އެކަލޭގެފާނު ބޭނުންޖެހިފައިވާ މީހާ މަޙްރޫމްނުކުރައްވައޭ، ދީލަތިކަމުގެ ފައްވާރާއޭ.

އިސްލާމީ ލަޝްކަރުގެ ވާތް ފަރާތުގައި ހުރީ ޢައިނައިން ފަރުބަދަ އެވެ. އެ ފަރުބަދައިގައި ހަނި މަގެއް އޮތެވެ. ފަންސާސް ދުނިދަނޑިޖަހާ މީހުން، عبدالله بن جُبير ގެ ކޮމާންޑް ގެ ދަށުގައި އެ މަގުގައި ބޭތިއްބެވި އެވެ. ދުނިދަނޑި ޖަހާ މީހުން އެ މަގުގައި އެ މީހުންގެ މަޤާމުތަކުގައި އެތުރިލައިފި އެވެ. رَسُوْلُ اللهِ ﷺ އެ މީހުންގެ ކައިރި އަށް ވަޑައިގެން ތިރީގައިވާ ގޮތަށް އެންގެވި އެވެ. "ފަހަތުން އަޅުގަނޑުމެން ޙިމާޔަތްކުރައްވާށެވެ. ތިޔަބައި މީހުންގެ ޕޮޒިޝަންތަކުގައި ތިބޭށެވެ. ތިބި ތަން ދޫކޮށް ނުދާށެވެ. އަހަރެމެން ޢަދުއްވުން ބަކިކޮށްފި ކަމަށް ތިޔަބައި މީހުންނަށް ފެނުނަސް، އަހަރެމެން އެންގުމުގެ ކުރިން، އަހަރެމެން މީހަކު ފޮނުވަން ދެން، ތިޔަބައި މީހުން ތިބި ތަން ދޫކޮށް ނުދާށެވެ. ޢަދުއްވުން އައިސް އަހަރެމެން މަރާލާނެ ކަމަށް ނުވަތަ މަރާލި ކަމަށް ފެނުނަސް، އައިސް އަހަރެމެންނަށް އެހީތެރިނުވާށެވެ. އެ މީހުންގެ ކިބައިން އަހަރެމެން ސަލާމަތްކޮށްދޭން ނޫޅޭށެވެ. ކަލޭމެންނާ ދިމާލަށް ޢަދުއްވުންގެ ފައިމަގުގައި ތިބޭ ސިފައިން އަންނަ ތަން ފެންނަ ކޮންމެ ފަހަރަކު ދުނި ފޮނުވާށެވެ. އެހެނީ، ދުނިދަނޑީގެ ޙަމަލާތައް ދޭހާ ހިނދަކު ފައިމަގުގައި ތިބޭ ސިފައިންނަށް ކުރިއެއް ނޭރޭނެ އެވެ. މާތް ﷲ އެވެ! އަޅާ އެ މީހުންނަށް އެންގީ އިބަރަސްކަލާނގެ ހެކިކޮށެވެ".

"އަހަރެމެން ކާފަރުން ފިސްފިސްކޮށް އަހަރެމެންގެ ފައިދަށުގައި ޗިސްޗިސް ކުރަމުންދާ ތަން ފެނުނު ކަމުގައި ވިޔަސް، ތިމަންކަލޭގެފާނު އަންގަވަން ދެން ތިޔަބައި މީހުން ތިބޭ ތަން ދޫކޮށްނުލާށެވެ".
حديث الشّريف

މި އަމުރު އެތައް ފަހަރަކު ތަކުރާރުކުރައްވަމުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ދޫނިތައް އަހަރެމެންގެ މުޅަމަސްގަނޑުތައް ކާ ތަން ތިޔަބައި މީހުންނަށް ފެނުނު ކަމުގައި ވިޔަސް، ތިމަންކަލޭގެފާނު މީހަކު ފޮނުވަންދެން ތިޔަބައި މީހުން ތިބޭ ތަން ދޫކޮށްނުލާށެވެ.8 އަހަރެމެން ކާފަރުން ފިސްފިސްކޮށް އަހަރެމެންގެ ފައިދަށުގައި ޗިސްޗިސް ކުރަމުންދާ ތަން ފެނުނު ކަމުގައި ވިޔަސް، ތިމަންކަލޭގެފާނު އަންގަވަން ދެން ތިޔަބައި މީހުން ތިބޭ ތަން ދޫކޮށްނުލާށެވެ". އެކަލޭގެފާނު ދެން އެތަން ދޫކުރައްވައި، ލަޝްކަރު ކޮމާންޑްކުރައްވަން ފަށްޓަވައިފި އެވެ.

ލަޝްކަރުގެ ބެނަރ مُصعب بن عُمير އަށް رَسُوْلُ اللهِ ﷺ ދެއްވި އެވެ. مُصعب ގެފާނު ބެނަރ އުފުއްލަވަމުން، އޭނާގެ މަޤާމް رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގައި ނަންގަވައިފި އެވެ.9 އެ ވަގުތު، އަލަށް ކައިވެނިކުރައްވައިގެން ހުންނެވި حنظلة (‏رضي الله عنه)‏ އަވަސް އަވަހަށް މަދީނާ އިން އުޙުދަށް ދުރުވެ މުޖާހިދުންގެ ސަފުތަކާ ގުޅިވަޑައިގެންފި އެވެ.

މީގެ ތިން ދުވަސް ކުރިން އުޙުދަށް އައި ކާފަރުންގެ ލަޝްކަރުގެ ކޮމާންޑަރަކީ أبو سُفيان އެވެ. އެ މީހުން ހަނގުރާމަ އަށް އެތުރުނީ، މަދީނާ އެ މީހުންގެ ފަހަތަށް ވާ ގޮތަށެވެ. ކަނާތްފަރާތުން ފައިމަގުގައި ތިބި ސިފައިން ކޮމާންޑްކުރީ خالد بن وليد އެވެ. އަދި ވާތް ފަރާތުން ފައިމަގުގައި ތިބި ސިފައިން ކޮމާންޑްކުރީ عكرمة އެވެ. ހަމަ އެއާއެކު، ރިވާކުރެވިގެންވާ ގޮތުގައި، صفوان بن أُميّة ހުރީ ފައިމަގުގައި ތިބި ފައުޖުގެ ކޮމާންޑަރަކަށެވެ. ކާފަރުންގެ ބެނަރ ނަގައިގެން ހުރީ طلحة بن أبي طلحة އެވެ.

ދެ ލަޝްކަރުގެ ދެމެދު ގައި ބާރުގެ ގޮތުން ވަރަށް ބޮޑު ތަފާތު ހުއްޓެވެ. ޤުރައިޝުންގެ ލަޝްކަރު ގެ ސިފައިންނާއި، ހަތިޔާރުތަކާއި، ސާމާނު އިސްލާމީ ލަޝްކަރަށް ވުރެ ހަތަރު ގުނަ ގިނަ އެވެ.

ޤުރައިޝުންގެ ލަޝްކަރުގައި، މެދުކެނޑުމެއް ނެތް ހަޅޭލެވުމާއި، އަނގަތެޅުމުގެ އަޑުފަތްގަނޑެއް އިވިއިވި ހުއްޓެވެ؛ ބަދަލުހިފުމަށް ފެންބޮވައިގެންފައިވާ އަންހެންވެރިން ދިޔައީ ހަނގުރާމަ ކުރުމަށް ސިފައިންނަށް ހިތްވަރުދިނުމުގެ ގޮތުން ބެރު ދުންމާރި ޖަހަމުން، ލަވަކިޔަމުން، އެ މީހުން އަޅުކަންކުރި ބުދުތަކުގެ ކިބައިން އެހީތެރިކަމަށް އެދެމުންނެވެ.

މުޖާހިދުންނަށް ބަލާ އިރު، އެ މީހުން ދިޔައީ ދުޢާތަކާއި، تكبيرތައް ކިޔަމުންނެވެ. "الله أكبر! الله أكبر!" އެ މީހުން ދިޔައީ އިސްލާމް ދީން ޙިމާޔަތްކޮށް، ފެތުރުމަށް الله تعالى ގެ އެހީތެރިކަމަށް އެދެމުންނެވެ.

رَسُوْلُ اللهِ ﷺ ގެންދެވީ އެކަލޭގެފާނުގެ ހިތްވަރުގަދަ ޞަޙާބީންނަށް الله تعالى ގެ މަގުގައި ޖިހާދުކޮށް ހަނގުރާމަ ކުރުމަށް ހިތްވަރުދެއްވަމުންނެވެ. އަދި އެކަމުން ލިބޭނެ ސަވާބު ސިފަކޮށްދެއްވަމުން حديث ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ! ޢަދަދުގެ ގޮތުން މަދު ފައުޖުތަކަށް ޢަދުއްވުންނާ ހަނގުރާމަކުރުމަށް އުނދަގޫވާނެ އެވެ. އެ މީހުން ސާބިތުކަމާއި، ހިތްވަރު ދައްކާ ނަމަ، الله تعالى އެ މީހުންނަށް ތަސައްލީ ދެއްވަވާނެ އެވެ. އެހެނީ الله تعالى ވަނީ އެކަލާނގެ އަށް ކިޔަމަންވާ މީހުންނާ އެކުގައެވެ... الله تعالى ވަޢުދުވެ ވޮޑިގެންނެވި ދަރުމަ އަށް އެދޭށެވެ..." أُحد ހަނގުރާމަ އާ ބެހޭގޮތުން ކީރިތި قرآن ގެ سورة آل عمران ގެ 132-134 ވަނަ އާޔަތްތަކުގައި ބާވައިލައްވާފައި ވެއެވެ. (‏وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ ‎﴿١٣٢﴾‏ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏ الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ ‎﴿١٣٤﴾‏‏)‏10 * آل عمران : 132-134)‏ މާނައީ: "އަދި، ﷲ އަށާއި، އާ رسول އަށް، ތިޔަބައި މީހުން ކިޔަމަންތެރިވާށެވެ! (‏އެއީ)‏ ތިޔަބައި މީހުންނަށް رحمة ލެއްވުމަށް ޓަކައެވެ. (‏132)‏ އަދި، ތިޔަބައި މީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިން ފަދަ ތަނަވަސްކަންހުރި ސުވަރުގެ އަށް ތިޔަބައި މީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ. (‏133)‏ އެއުރެންނަކީ، ތަނަވަސްކަމުގަޔާއި، ދަތި حال ގައި، (‏މުދާ)‏ ހޭދަކޮށް އުޅޭ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިން ދެކެ ﷲ ލޯބިވެ ވޮޑިގެން ވެއެވެ. (‏134)‏"

އަދި ކީރިތި قرآن ގެ سورة آل عمران ގެ 136 ވަނަ އާޔަތްތަކުގައި ބާވައިލައްވާފައި ވެއެވެ. (‏أُولَٰئِكَ جَزَاؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَنِعْمَ أَجْرُ الْعَامِلِينَ ‎﴿١٣٦﴾‏‏‏)‏11 * آل عمران : 136)‏ މާނައީ: "އެއުރެންގެ ޖަޒާއަކީ އެއުރެންގެ ވެރިރަސްކަލާނގެ ން ފާފަފުއްސެވުމެވެ. އަދި، އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެ ތަންތާނގައި އެއުރެން އަބަދަށް ދެމިތިބޭ ގައެވެ. ހެޔޮ ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ! (‏136)‏".

އީމާންތެރިކަމުން ފުރިގެންވާ ހިތްތަކަކާއި، ހިތްވަރުގަދަން ދައްކުވައިދޭ ލޯތަކުގެ ވެރި އަޞްޙާބު ބޭކަލުން، ޝަހީދުވުމުގެ ޝައުޤުވެރިކަމުގައި މަޑަކުން ނުތިއްބެވުނެވެ؛ އެބޭކަލުން ތިއްބެވީ، ވީހާވެސް އަވަހަކަށް ޢަދުއްވުންނަށް ޙަމަލާދިނުމުގެ އަމުރުފުޅަށް އެ ބޭކަލުން ތިއްބެވީ އިންތިޒާރުގައެވެ. ބަދުރު ހަނގުރާމައިގައި ފަދައިން، علي (‏رضي الله عنه)‏ ތުރުކުރައްވައިގެން ހުންނެވީ ހުދު ކުލައިގެ ފޮށައެކެވެ. زُبيرُ بن عوّام (‏رضي الله عنه)‏ ތުރުކުރައްވައިގެން ހުންނެވީ ރީނދޫ ކުލައިގެ ފޮށައެކެވެ. އަދި أبو دُجانة (‏رضي الله عنه)‏ ތުރުކުރައްވައިގެން ހުންނެވީ ރަތް ކުލައިގެ ފޮށައެކެވެ. حمزة (‏رضي الله عنه)‏ ތުރުކުރައްވައިގެން ހުންނެވީ ގިނިކާމާދޫނީގެ ފަތެކެވެ.

ދެ ލަޝްކަރު ކުރިމަތިވާ ގޮތަށް ރުކުރުވާލައިފި އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އިސްލާމް ދީން ފެތުރުމަށް ޓަކައި، އެންމެ ގާތް ތިމާގެ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަސްނުޖެހޭ އިސްލާމީ މުޖާހިދުންނާއި، އެބައެއްގެ ގެއްލެނިވެގެންވާ މަގުގައި ގަދަދައްކައިގެން ތިބި އިސްލާމް ދީނުގެ ޢަދުއްވުންނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށޭނެ އެވެ.

ދެ ލަޝްކަރު ގާތްވުމުން، ކޮންމެ ލަޝްކަރަކުން ވެސް އަނެއް ލަޝްކަރާ ދިމާލަށް ދުންޏެއް ޖަހާލި އެވެ. އަދި ދަހަނާގައި ހުރި މުޝްރިކެއް އޭނާގެ ޖަމަލުގައި ކުރިޔަށް ޖެހިލައި، މުޖާހިދުންގެ ތެރެއިން ބޭކަލަކު އޭނާ އާ ކުރިމަތިލާ ހަނގުރާމަކުރުމަށް ޑިމާންޑްކޮށްފި އެވެ. އެންމެން ތިބީ އޭނާ ދެކެ ބިރުން ކަމަށް ހީކޮށް، އޭނާގެ ޑިމާންޑް ތިން ފަހަރު ތަކުރާރުކޮށްފި އެވެ. އެއާއެކު، އިސްލާމީ ލަޝްކަރުން އިސްކޮޅުން ދިގު، ރީނދޫ ކުލައިގެ ފޮށައެއް ތުރުކުރައްވައިގެން ހުންނެވި ހިތްވަރުގަދަ މުޖާހިދެއް ހަނގުރާމައިގެ މައިދާނަށް ހިންގަވާފައި ނުކުންނެވި ތަން ފެނިއްޖެ އެވެ. އެއީ، رَسُوْلُ اللهِ ﷺ ގެ ބޮޑުދައިތާފުޅުގެ ދަރިކަލުން زُبيرُ بن عوّام (‏رضي الله عنه)‏ އެވެ. "الله أكبر!" ގެ އަޑު އިސްލާމީ ލަޝްކަރުގެ ތެރެއިން ގުގުމައިގެން ދިޔައެވެ. އަދި زُبيرގެފާނަށް ކާމިޔާބަށް އެދި މުޖާހިދުން ދުޢާކުރެއްވި އެވެ. زُبيرُ بن عوّام (‏رضي الله عنه)‏ މުޝްރިކު ކަލޭގެއާ އަރާހަމަވުމުން އޭނާ އަރާ އިން ޖަމަލުގެ މައްޗަށް ފުންމަވާފައި އަރާވަޑައިގެންފި އެވެ. ޖަމަލު މަތީ ގައި ވަރުގަދަ ކުރިމަތިލުމެއް ކުރިޔަށް ދިޔަ އެވެ.އެ ވަގުތު، އިވެގެންދިޔައީ "އޭނާ ބިން މައްޗަށް ވައްޓާލާށެވެ!" މިހެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އަޑެވެ. زُبيرގެފާނަށް މި އަމުރު އައުމާ އެކު، އޭނާ އާ ހަނގުރާމަކުރަމުންދިޔަ މުޝްރިކު ކަލޭގެ ބިން މައްޗަށް ކޮށްޕާ ވައްޓަވާލައްވައިފި އެވެ. ދެން އޭނާގެ ފަހަތުން ބިން މައްޗަށް ފުންމާލައިވައި އެކަލޭގެ ކަރުގައި زُبيرގެފާނުގެ ކަނޑިން ޖައްސަވައިފި އެވެ. މުޝްރިކު ކަލޭގެ ހެލްމެޓު އަޅާފައި ވާ ބޯ އޭނާގެ ދަހަނާ އަޅާފައިވާ ހަށިގަނޑުން ވަކިވެއްޖެ އެވެ. زُبيرގެފާނުގެ މައްޗަށް رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ.

ދެން، މުޝްރިކުންގެ ދިދަ އުފުލަމުން ދިޔަ طلحة بن أبي طلحة ހަނގުރާމައިގެ މައިދާނަށް ބާރަކަށް ނުކުމެއްޖެ އެވެ. އޭނާ ހަޅޭލަވައިގެންފައި ބުނެފި އެވެ. "ކަލޭމެންގެ ތެރޭގައި އަހަންނާ ކުރިމަތިލާން ކެރޭ މީހަކު އެބަ ހުރި ހެއްޔެވެ"؟ أسدُالله، علي (‏رضي الله عنه)‏ އޭނާޔާ ކުރިމަތިލެއްވުމަށް ކުރިޔަށް ޖެހިލައްވައިފިއެވެ. ޖެއްސެވި އެންމެ އެތިފަހަރަކުން، އެކަލޭގެފާނު، މުޅި ހަށިގަނޑު ގައި ދަހަނާއަޅާފައި ހުރި މުޝްރިކުންގެ ދިދައުފުލާ މީހާގެ ބޯ ބުރިކޮށްލައްވައިފި އެވެ. މި މަންޒަރު ފެނިފައި، رَسُوْلُ اللهِ ﷺ "الله أكبر! الله أكبر!" މިހެން حديث ކުރެއްވި އެވެ. އަޞްޙާބު ބޭކަލުން ތަކުބީރު ކިޔުމުގައި رَسُوْلُ اللهِ ﷺ އާ ބައިވެލެއްވުމުން މުޅި ތަނުގައި تكبيرގެ އަޑުން ގުގުމާލައިފި އެވެ.12

"އޭ ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ! ޢަދަދުގެ ގޮތުން މަދު ފައުޖުތަކަށް ޢަދުއްވުންނާ ހަނގުރާމަކުރުމަށް އުނދަގޫވާނެ އެވެ. އެ މީހުން ސާބިތުކަމާއި، ހިތްވަރު ދައްކާ ނަމަ، الله تعالى އެ މީހުންނަށް ތަސައްލީ ދެއްވަވާނެ އެވެ".
حديث الشّريف

ދެން، طلحة ގެ އަޚް عُثمان بن أبي طلحة އަށް މުޝްރިކުންގެ ދިދަ ވެއްޓުނު ތަން ފެނިގެން ހަނގުރާމައިގެ މައިދާނަށް ރާސްލާފައި ނުކުމެއްޖެ އެވެ. އޭނާ އެ ދިދަ އުފުލާލުމަށް ފަހު، އޭނާ އާ ކުރިމަތިލާނެ ހަނގުރާމަވެރިޔަކަށް ޑިމާންޑްކޮށްފި އެވެ. حمزة (‏رضي الله عنه)‏ އޭނާޔާ ކުރިމަތިލައްވައިފި އެވެ. އެކަލޭގެފާނުގެ ކަނޑި "يا الله" މިހެން ކިޔުއްވާފައި عثمان ގެ ކޮންޑު ގައި ވަރަށް ބާރަށް ޖެއްސެވުމުން އެ މީހުންގެ ދިދަ އުފުލައިގެން ހުރި މުޝްރިކު ކަލޭގެ އަތް ބުރިވެއްޖެ އެވެ. އޭނާ ބިން މައްޗަށް ވެއްޓި މަރުވެއްޖެ އެވެ.13

މި ވަގުތު، މުޝްރިކުންގެ ދިދަ ބިން މައްޗަށް ވެއްޓުނު ތަން ފެނިގެން أبو سعد بن أبي طلحة ހަނގުރާމައިގެ މައިދާނަށް ހިންގާފައި ނުކުމެއްޖެ އެވެ. އެނާ ވެސް ހުރީ ބޮލުން ފެށިގެން ފައިތިލަ އާ ހަމައަށް ދަހަނާ އަޅައިގެންނެވެ. އޭނާ މުޝްރިކުންގެ ދިދަ ބިން މަތިން ނެގުމަށް ފަހު އިސްލާމީ ލަޝްކަރާ ދިމާލަށް ބެލުމަށް ފަހު ހަޅޭލަވަން ފަށައިފި އެވެ. "އަހަންނަކީ ޤުސަމްގެ ބައްޕަ އެވެ. އަހަންނާ ކުރިމަތިލާން ކެރޭނީ ކާކަށް ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ އަނެއްކާ ވެސް ފޮނުއްވީ علي (‏رضي الله عنه)‏ އެވެ. އެކަލޭގެފާނު އެ މުޝްރިކު ކަލޭގެ ޤަތުރުކޮށްލެއްވުމަށް ފަހު އެ މީހުންގެ ދިދަ ބިންމައްޗަށް ވައްޓަވާލައްވާފައި، މުޖާހިދުންގެ ތެރޭގައި ހުންނެވި ތަނުގައި މަޑުކޮށްލައްވައިފި އެވެ.

އޭގެ ފަހުން، ވަރަށް ގިނަ މުޝްރިކުން ކުރިޔަށް އައިސް، އެ މީހުންގެ ދިދަ އުފުއްލައި، މުޖާހިދުންގެ ތެރެއިން ކުރިމަތިލާނެ ބޭކަލަކަށް ޑިމާންޑްކުރަމުން ދިޔަ އެވެ. އެހެން ނަމަވެސް، އެއިން ކޮންމެ ފަހަރަކު ވެސް الله تعالى ގެ ރުހިވޮޑިގަތުމާ އެކު، ކާމިޔާބު ހޯއްދަވަނީ ހިތްވަރު ގަދަ މުސްލިމުންނެވެ. މުޝްރިކުންގެ ދިދަ އުފުލާ ކޮންމެ މީހަކުގެ މަރާ އެކު، އިސްލާމީ ސިފައިންގެ ތެރޭގައި تكبيرގެ އަޑު ގުގުމައިގެން ގޮސް، ޢަދުއްވުންގެ މެދު ގައި ވަރަށް ބޮޑު ހިތާމަޔަކާއި ހިތްދަތިކަމެއް ވެރިވެގެންދިޔަ އެވެ. ގަފަޔަށް ހަޅޭލަވަމުންދިޔަ މުޝްރިކުން ވެސް "ކަލޭމެންގެ ލަދެއްވެސް ނުގަނޭ ހޭ" ކިޔާ އެ މީހުންގެ ސިފައިންނަށް ހުތުރު އެއްޗެހި ގޮވައި ހަދަން ފަށައިފި އެވެ. އެ ވަގުތު، "ކޮން ކަމަކަށް އިންތިޒާރު ކޮށްގެންހޭ ތި ތިބީ"؟ މިހެން ކިޔައި، ހަނގުރާމަ ކުރުމަށް އެދި އާދޭސްކުރަން ފަށައިފި އެވެ.

މި ކަނޑީގެ ބާރު ދައްކާލާނީ ކާކު؟

އެންމެ ފޯރި ގަދަވެގެންދިޔަ ވަގުތު، ތިރީގައިވާ ޅެން ބައިތު ލިޔެފައިވާ އެކަލޭގެފާނުގެ ކަނޑި رَسُوْلُ اللهِ ﷺ ދެއްކެވި އެވެ.:
ފިނޑިކަމުގައި ލަދުވެތިކަން ވެޔޭ، ކުރިޔަށް ދިޔުމުގައި ޝަރަފޭ.
ބިރުގަތުމަކުން އެ މީހަކަށް ވާންހުރި ކަމަކުން ސަލާމަތެއް ނުވެވޭނެޔޭ.

އެކަލޭގެފާނު އެއްސެވީ "މި ކަނޑި ތިމަންކަލޭގެފާނުގެ އަތްޕުޅުން ނަގާނީ ކާކު ހެއްޔެވެ"؟ މިހެންނެވެ. އަޞްޙާބު ބޭކަލުންނަށް މި އަޑު އިވުމާ އެކު، ގިނަ އަޞްޙާބު ބޭކަލުން އެ ކަނޑި ނެންގެވުމަށް އަތްދިއްކޮށްލެއްވި އެވެ. رَسُوْلُ اللهِ ﷺ އަނެއްކާ ވެސް އެއްސެވި އެވެ. "މި ކަނޑީގެ ބާރު ދައްކާލުމަށް މި ކަނޑި ނަގާނީ ކާކު ހެއްޔެވެ"؟ އަޞްޙާބު ބޭކަލުން ހިމޭންވެ ފަހަތަށް ޖެހިލައްވައިފި އެވެ. އެ ކަނޑި ވަރަށް ބޮޑަށް ބޭނުންވެގެން ހުންނެވި އެއް ބޭފުޅާ ކަމަށް ވާ زُبيرُ بن عوّام (‏رضي الله عنه)‏ ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ތި ކަނޑި ނަގާނަމެވެ". رَسُوْلُ اللهِ ﷺ އެ ކަނޑި زُبيرގެފާނަކަށް ނުދެއްވި އެވެ. ހަމަ އެއާއެކު، أبوبكر އަދި عُمرُ (‏رضي الله عنه)‏ ގެ އެދިލެއްވުން ވެސް رَسُوْلُ اللهِ ﷺ ޤަބޫލެއް ނުކުރެއްވި އެވެ.

أبو دُجانة (‏رضي الله عنه)‏ އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. މި ކަނޑިން ކުރާ ކަމަކީ ކޮބައި ތޯ އެވެ"؟ ލޮބުވެތި رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "މި ކަނޑިން ކުރާ ކަމަކީ، މި ކަނޑި ލެބެންދެން ޢަދުއްވު ގައިގައި ޖެހުމެވެ. މި ކަނޑިން ކުރާ ކަމަކީ، ތިބާ މި ކަނޑިން މުސްލިމަކު ނުމަރާ ކަމެވެ. އަދި މި ކަނޑި އާ އެކު ކާފަރުންނަށް ފިލަން މި ކަނޑިއާ އެކު ނުފިލުމެވެ. މި ކަނޑީގެ ޒިއްމާ އަކީ، ކާމިޔާބުވުން ނުވަތަ ޝަހީދަކަށް ވަންދެން ﷲ ގެ މަގުގައި ހަނގުރާމަ ކުރުމެވެ". أبو دُجانة ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މި ކަނޑީގެ ބާރު ދައްކާލުމަށް އަޅުގަނޑު ތި ކަނޑި ނަގާނަމެވެ". އެ ކަނޑި أبو دُجانة ގެ އަތްޕުޅަށް ދެއްވި އެވެ.14

أبو دُجانة (‏رضي الله عنه)‏ ހަނގުރާމަކުރެއްވީ ވަރަށް ޖެހިލުންކުޑަކަމާއި، ހިތްވަރާ އެކުގައެވެ. އަދި ހަމަ އެއާއެކު، ހަނގުރމާއިގެ މައިދާންތަކުގައި ޙީލަތްތެރި އެކެވެ. އެގޮތުން އެކަލޭގެފާނު ޢަމަލުކުރެއްވީ "ހަނގުރާމައަކީ އޮޅުވާލުން"15 ކަމަށް ސީދާ حديث الشريف ގައި ވާ ގޮތަށެވެ. ކަނޑި ނަންގަވައިގެން، ހަނގުރާމައިގެ މައިދާނާ ދިމާއަށް ހަރުކަށި އަދި ފޮނި ގޮތަކަށް ޅެން ވެސް ކިޔުއްވަމުން أبو دُجانة (‏رضي الله عنه)‏ ހިންގަވަން ފަށްޓަވައިފި އެވެ. އޭނާ ތުރުކުރައްވައިގެން ހުންނެވީ، ސަޤާފީ ދިގު ގަމީހެކާއި ރަތް ފަގުޑިއެކެވެ.

ދުޖާނަ (‏رضي الله عنه)‏ މި ގޮތަށް ހިންގެވުމުން އަޞްޙާބު ބޭކަލުންނަށް ކަމުދާ ކަމަށް ނުވި އެވެ. އެއާ އެކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މި ތަންތާނގައި (‏ހަނގުރާމައިގެ މައިދާނުގައި)‏ މެނުވީ، މި ވައްތަރަށް ހިނގާފައި އުޅުމަކީ الله تعالى ގެ ކޯފާ ލިބޭނޭ ކަމެކެވެ". އެހެންކަމުން، އެންގެވީ، ހަރުކަށި ގޮތަކަށް ހިނގާފައި ދިއުމަކީ ހަމައެކަނި ޢަދުއްވާ ދެކޮޅަށް ހުއްދަ ކަމެއް ކަމަށެވެ.

މުޝްރިކުންގެ ސަފުތަކުން، ކެތްމަދުވެފައި ހުރި خالد بن وليد، އޭނާގެ ކޮމާންޑުގެ ދަށުގައިވާ ފައުޖާ އެކު ޙަމަލާއެއް ދޭން ފަށައިފި އެވެ. މި މަންޒަރު ބަލަން މަޑުންނުތިބެވުނު ޞަޙާބީން ޙަމަލާ ދެއްވުމަށް رَسُوْلُ اللهِ ﷺ އަމުރުކުރައްވައފި އެވެ. އިސާހިތަކު "الله أكبر" ގެ އަޑުން މައިދާން ގުގުމާލައިފި އެވެ. އެންމެ ކުރީ ސަފު ގައި ދަހަނާ ނާޅައި ތިބި ސިފައިން ކޮމާންޑުކުރައްވަމުން حمزة (‏رضي الله عنه)‏ އެކަލޭގެފާނުގެ ކަނޑި އޭނާ އާ ކުރިމަތިވާ ކޮންމެ ޢަދުއްވަކާ ދިމާލަށް ހޫރުއްވަން ފަށްޓަވައިފި އެވެ. ވަރަށް ފޯރިއާ އެކު ނުކުމެގެން އައި خالد بن وليد ގެ ފައުޖު ވަގުތުން ހުއްޓުވައިފި އެވެ. މި ފަހަރު، خالد بن وليد، ފަރުބަދައިގެ ތެރެއިން ފަހަތުން ޙަމަލާދިނުމަށް ޓަކައި، ބޮޑު ވަށްބުރެއް ގައި ތިބެގެން ޢައިނައިން ފަރުބަފަދަ އަށް ގޮސްފި އެވެ. އެހެން ނަމަވެސް، ޢަބްދުﷲ ބިން ޖުބައިރާއި، އޭނާގެ ކޮމާންޑުގެ ދަށުގައިވާ ފަންސާސް މުޖާހިދުން އެ މީހުން ފަހަތަށް ޖެއްސެވީ ދުނީގެ ވަރުގަދަ ޙަމަލާއަކުންނެވެ.

މިހާރު، ހަނގުރާމަ ވަނީ ހޫނުވެފައެވެ. ދެ ފަރާތުން ވެސް ހަނގުރާމަކުރަމުން ދިޔައީ، ލިބިފައިވާ އެންމެ ވަރުގަދަ ބާރުގެ ބޭނުންކޮށްގެންނެވެ. ކޮންމެ ޞަޙާބީއެއް ވެސް މަސައްކަތްކުރައްވަމުން ގެންދެވީ މަދުވެގެން ހަތަރު މުޝްރިކުންނާ ހަނގުރާމަކޮށް ކުރިޔަށް ޖެހުމަށެވެ. حمزة (‏رضي الله عنه)‏ "الله أكبر! الله أكبر!" މިހެން ކިޔުއްވައި ހަޅޭލަވަމުން ގެންދެވި އިރު، އަނެއްކޮޅުން ޢަދުއްވުން ޤަތުލުކުރައްވަމުން ކުރިޔަށް ޖެހެމުން ދިޔައީ، "އަހަންނަކީ މާތް ﷲ ގެ ސިންގާ އެވެ" މިހެން ވިދާޅުވަމުންނެވެ. صفوان بن أُميّة ދިޔައީ ހަނގުރާމައިގެ މައިދާން އޭނާގެ ވަށައިގެން ތިބި މީހުންގެ ކައިރިން "حمزة ކޮބައިހޭ؟ އޭނާ އަހަންނަށް ދައްކާށޭ" މިހެން ގޮވަމުންނެވެ. އެއް ފަހަރަކު، މީހަކު ދެ ކަނޑިން ހަނގުރާމަކުރައްވަމުން ގެންދެވި ތަން ފެނިފައި، "މީ ކޮން ހަނގުރާމަވެރިއެއް ހެއްޔޭ" މިހެން އަހައިފި އެވެ. އޭނާގެ ވަށައިގެން ތިބި މީހުން ޖަވާބު ދިނީ، "އޭނާ އަކީ ކަލޭ ތި ހޯދަމުންދާ މީހާ އެވެ! އެއީ حمزة އެވެ"! ޞަފްވާން ބުންޏެވެ. "އެ މީހެއްގެ އަމިއްލަ ޤައުމުގެ މީހުން ޤަތުރުކުރުމަށް މިހާ ފޯރިއާ ހިތްވަރާ އެކު ޙަމަލާދޭ އެހެން މީހެއް އަހަންނަކަށް ފެނިފައެއް ނެތެވެ".

ހަނގުރާމަ އޭގެ އެންމެ ފޯރި ގަދަވި ވަގުތު، އޭނާ އަށް ކަނޑި ނުލިބުނީމާ، މުހާޖިރީންގެ ތެރެއިން زُبيرُ بن عوّام އެ ކަމާ ހިތްހަމަނުޖެހިގެން ވިދާޅުވެއްޖެ އެވެ. "رَسُوْلُ اللهِ ﷺ ގެ އަރިހުން ކަނޑި އަށް އެދުނީމެވެ. އެކަމަކު އެކަލޭގެފާނު އެ ކަނޑި ދެއްވީ أبو دُجانة އަށެވެ. އެހެން ނަމަވެސް، އަހަންނަކީ، އެކަލޭގެފާނުގެ ބޮޑުދައިތަ صفيّة ގެ ދަރިއެކެވެ. އަދި ކީއްހޭ، އަހަންނަކީ ޤުރައިޝުންގެ ތެރެއިން ވާ މީހަކީމެވެ. ހަމަ އެއާ އެކު އެ ކަނޑި އެންމެ ފުރަތަމަ ބޭނުންވީ މީހަކީ އަހަންނެވެ. أبو دُجانة އަހަންނަށް ވުރެ އިތުރަށް ޙާޞިލުކުރަނީ ކޮން ކަމެއް ތޯ ބަލަން އަހަރެން ގޮސް ބަލަން އެބަޖެހެއެވެ". ދެން، أبو دُجانة ގެ ފަހަތުން ދާން ފަށްޓަވައިފި އެވެ. أبو دُجانة "الله أكبر! الله أكبر!" މިހެން ކިޔުއްވަމުން އޭނާއާ ދިމާވާ މުޝްރިކުން ޤަތުލުކުރައްވަމުން ގެންދެވި އެވެ. ފުރިހަމަ ދަހަނާ ގައި ހަމައެކަނި ލޯ ފެންނަން ހުރި ބޮޑު ހަށިގަނޑެއްގެ ވެރި މުޝްރިކުންގެ ތެރޭގައި ހުރި އެންމެ ވަރުގަދަ އެކަކު أبو دُجانة އާ ކުރިމަތިލައިފި އެވެ. أبو دُجانة އަށް އިސްވެ ފުރަތަމަ ޙަމަލާދިނީ އެ މުޝްރިކު ކަލޭގެ އެވެ. އެކަލޭގެފާނުގެ އައްޑަނަ އިން أبو دُجانة ދިފާޢުވަމުން ގެންދެވި އެވެ. މުޝްރިކު ކަލޭގެ ކަނޑި أبو دُجانة ގެ އައްޑަނައިގައި ތާށިވެއްޖެ އެވެ. އަދި ކަނޑި ދަމައިގަންނަން އުޅެއުޅެ އެކަމެއް ނުވިއެވެ. މިހާރު، މިއީ أبو دُجانة ގެ ފަހަރެވެ. ކަނޑިން ޖެއްސެވި އެންމެ އެތިފަހަރަކުން އެކަލޭގެފާނުގެ ޢަދުއްވު ބަލިކުރައްވައިފި އެވެ.

"ހަނގުރާމައަކީ އޮޅުވާލުމެވެ".
حديث الشّريف

އެއަށް ފަހު، އޭނާ އާ ދިމާވި ކޮންމެ މުޝްރިކަކު ޤަތުލުކޮށްލެއްވުމަށް ފަހު، ފަރުބަދައިގެ ބުޑުގައި މުޝްރިކުންގެ މެދުގައި ހަނގުރާމައިގެ ފޯރި ނަގަން ބެރުދުންމާރި ޖަހަމުން ދިޔަ އަންހެންވެރިންނާ ހަމަޔަށް ވަޑައިގެންފި އެވެ. އެހެން ނަމަވެސް، ކަނޑި މައްޗަށް ނަންގަވައިފާ ވެސް އޭނާގެ ވިސްނުން ބަދަލުކުރައްވައި، أبو سُفيان ގެ އަނބިމީހާ هند ޤަތުލެއް ނުކުރެއްވި އެވެ.16 މި މަންޒަރު ފެނިފައި زُبيرُ بن عوّام (‏رضي الله عنه)‏ ވިދާޅުވި އެވެ. "ކަޑި ދެއްވާނެ މީހަކު ތިމަންނަ އަށް ވުރެ އެނގިވޮޑިގެންވަނީ ﷲ އާއި އެކަލާނގެ رَسُوْلُ اللهِ ﷺ އަށެވެ". އޭނާ ވިދާޅުވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނަށް ވުރެ (‏أبو دُجانة އަށް ވުރެ)‏ މޮޅަށް ހަނގުރާމަކުރާ އެހެން މީހަކު އަހަރެން ނުދެކެމެވެ".

مقداد بن أسود، زُبيرُ بن عوّام، علي، عُمرُ، طلحة بن عُبيدُالله އަދި مُصعب بن عُمرُ (‏رضي الله عنهم)‏ މި ބޭބޭކަލުން ވީ ފޫއަޅުވާނުލެވުނު ކިއްލާތަކަކަށެވެ. މަތިވެރި ޞަޙާބީންނަށް، رَسُوْلُ اللهِ ﷺ ޢަދުއްވުންނާ ދާދި ގާތުން ހަނގުރާމަކުރައްވަމުން، ޙަމަލާއަކަށް ފަހު ޙަމަލާއެއް ދެއްވަމުން ވަޑައިގެންނެވި ތަން ފެނުމުން އެ ބޭކަލުން ގެ އަމިއްލަ ނަފްސުތައް ކޮންޓްރޯލްކުރެވޭ ގޮތެއް ނުވި އެވެ. ޞަޙާބީން رَسُوْلُ اللهِ ﷺ ގެ ވަށައިގެން އެއްވެ، އަށް އަނިޔާއެއް ވެދާނެތީ، ދަގަނޑު ދަހަނާ އަޅައިގެން ތިބި މުޝްރިކުންނަށް ހޮންދެމިލާނެ ޖާގައެއް ވެސް ނުދެއްވި އެވެ. އެ ވަގުތު، عبدالله بن عمرُو ޝަހީދުވި ތަން ފެނިގެންދިޔަ އެވެ. އޭނާ އަކީ، أُحد ހަނގުރާމައިގެ އެންމެ ފުރަތަމަ ޝަހީދެވެ. އޭނާ ޝަހީދުވި ތަން ފެނުނު އޭނާގެ އެކުވެރިން، الله تعالى ގެ ރުއްސެވުން އަދައި، ޢަދުއްވުންގެ މެދަށް ސިންގާތަކެއް ފަދައިން އެދިޔަ ގޮތަށް ގޮސް ވަދެގެންފި އެވެ.

ހަނގުރާމަ ވަރަށް ފޯރިގަދަވި ވަގުތު، ހިތްވަރުގަދަކަމުގެ ރަމްޒެއް ކަމުގައިވާ عبدالله بن جحش އަދި ދުނިޖެހުންތެރިންގެ ވެރިޔާ سعد بن أبي وقّاص (‏رضي الله عنهما)‏ ބައްދަލުވެއްޖެ އެވެ. އެ ދެބޭކަލުން ތިއްބެވީ ހަށިގަނޑުގެ އެކި ތަންތަން ޒަޚަމްވެފައެވެ. سعد بن أبي وقّاص (‏رضي الله عنه)‏ ރިވާކުރައްވާފައި ވެއެވެ.: އެއީ أُحدގެ ހަނގުރާމައިގެ ފޯރިގަދަ ވަގުތެކެވެ. ކުއްލިއަކަށް، عبدالله بن جحش އަހަރެން ކައިރިއަށް ވަޑައިގެންފައި، އަހަރެން އަތުގައި ހިއްޕަވައިގެން ދަމާފައި ހިލައެއްގެ ދަށަށް ގެންދަވައިފި އެވެ. އޭނާ އަހަރެންގެ ގާތުގައި ވިދާޅުވިއެވެ. "މިހާރު މިތާނގައި ތިބާ ދުޢާއެއް ކިޔާށެވެ. އަދި އަހަރެން 'އާމީން' ކިޔާނަމެވެ. ދެން އަހަރެން ދުޢާއެއް ކީމާ ތިބާ 'އާމީން' ކިޔުއްވާނީ އެވެ". އަހަރެން އެއްބަސްވީމެވެ. އަހަރެން ދުޢާކޮށް ދެންނެވީމެވެ. "އަޅާގެ ﷲ އެވެ! އަޅާ އަށް ވަރަށް ބާރުގަދަ އަދި ބިޔަ ޢަދުއްވުން ފޮނުއްވާދެއްވާދޭވެ! އަޅާ އެ މީހުންނާ ވަރުގަދަ އަށް ހަނގުރާމަކުރިޔަ ދެއްވާދޭވެ! އަޅާ އެ އެންމެން ޤަތުލުކޮށް އަޅާގެ ގެއަށް ޣާޒީއެއްގެ ގޮތުގައި އެނބުރި އަޔަދެއްވާދޭވެ"!. އޭނާގެ ހިތާއި ރޫޙުން އޭނާ އަހަރެންގެ ދުޢާ އަށް "އާމީން" އޭ ވިދާޅުވި އެވެ.

ދެން އޭނާ ދުޢާކުރައްވަން ފެށްޓެވި އެވެ. "އަޅާގެ ﷲ އެވެ! ވަރުގަދަ ޢަދުއްވުން އަޅުގަނޑާ ހަމަޔަށް ފޮނުއްވައި، އެ މީހުންނާ ވަރުގަދަޔަށް ހަގުރާމަކުރިޔަ ދެއްވާދޭވެ! ޖިހާދުގެ ޙައްޤު މަޤާމު އަޅުގަނޑު ދިނުނަ ދެއްވާށެވެ. އަޅާ އެ އެންމެން ޤަތުލުކުރިޔަ ދެއްވާދޭވެ! ނިމޭ އިރު، އޭގެ ތެރެއިން އެކަކު އަޅާ ޝަހީދުކުރިޔަ ދެއްވާދޭވެ! ދެން އޭނާ އަޅާގެ ތުންފަތާއި، ނޭފަތާއި، ކަންފަތް ކެނޑިޔަ ދެއްވާދޭވެ! އިބަރަސްކަލާނގެ ކުރިފުޅު މައްޗަށް ލެއިން ތަތްތެޅިގެން އަޅާ އަޔަ ދެއްވާދޭވެ! އިބަރަސްކަލާނގެ އަޅާއާ 'ﷲގެ އަޅާއޭ! ކަލޭ، ކަލޭގެ ތުންފަތަށާއި، ނޭފަތަށާއި، ކަންފަތަށް ކުރީ ކީއްހެއްޔޭ'، އެއްސެވުމުން އަޅުގަނޑު 'އަޅާގެ ﷲ އެވެ، އަޅާ ވަނީ އެ ގުނަވަންތަކާ އެކު ގިނަ ކުށްތަކެއް ކޮށްފައެވެ. އަޅާ އަށް އެ ގުނަވަންތައް ފުރިހަމައަށް ބޭނުމެއް ނުކުރެވުނެވެ. އެ ގުނަވަންތައް އިބަރަސްކަލާނގެ ޙަޟްރަތަށް ގެނައުމަށް ލަދުގަނެއެވެ. އަޅުގަނޑު މިއައީ ބައިވެރިވެ ވަޑައިގެންނެވި ހަނގުރާމައަކުން ގައިގައި ހިރަފުސް އުނގުޅިގެންނެވެ'، މި ޖަވާބު ދިނުނަ ދެއްވާދޭވެ!". އެފަދަ ދުޢާއަކަށް 'އާމީން' ކިޔާކަށް އަހަރެންގެ ހިތް ބޭނުމެއް ނުވި އެވެ. އެހެން ނަމަވެސް، އޭނާ އެކަމަށް ބޭނުންފުޅުވުމާއި، ކުރިން އެކަމަށް ވަޢުދވެފައި ވާތީ، 'އާމީން' ކީމެވެ.

ދެން އަހަރެމެން، އަހަރެމެންގެ ކަނޑިތައް ނަގައި ހަނގުރާމަކުރުމައިގެން ކުރިޔަށް ދިޔައީމެވެ. އަހަރެމެންގެ ކުރިމައްޗަށް އައިހާ މީހެއް އަހަރެމެން ދިޔައީ މަރަމުންނެވެ. عبدالله بن جحش ގެންދެވީ ވަރަށް ހިތްވަރު ގަދަކަމާ އެކު، ޢަދުއްވުންގެ ސަފުތައް ފިސްފިސް ކުރައްވަމުންނެވެ. އޭނާ ގެންދެވީ ޢަދުއްވުންނަށް ކެނޑިނޭޅި ޙަމަލާދެއްވަމުންނެވެ. ޙަމަލާދެއްވަމުން ގެންދެވީ، ޝަހީދަކަށް ވުމުގެ ޢަޒުމާ އެކުގައެވެ. "الله أكبر! الله أكبر!" ކިޔުއްވަމުން ހަނގުރާމަ ކުރައްވަމުން ދަނިކޮށް އޭނާގެ ކަނޑި ބިންދައިގެން ގޮސްފި އެވެ. އެ ވަގުތު، رَسُوْلُ اللهِ ﷺ އޭނާ އަތަށް ކަދުރު ރުކުގެ ފަނެއް ދެއްވައި ހަނގުރާމަ ކުރިޔަށްގެންދެވުމަށް އެންގެވި އެވެ. މުޢުޖިޒާތެއްގެ ގޮތުން އެ ފަން ކަނޑިއަކަށް ބަދަލު އޭނާ ހަނގުރާމަކުރުމާއިގެން ކުރިޔަށް ގެންދެވި އެވެ. އޭނާ ގިނަ ޢަދުއްވުން ޤަތުލުކުރި އެވެ. ހަނގުރާމަ ނިމެމުން ދަނިކޮށް، އޭނާ އެދިއެދި ހުރި ފަދައިން، أبو الحكم ނަމަކަށް ކިޔުނު މުޝްރިކަކު ފޮނުވި ދުނި އަރައި އެކަލޭގެފާނު ޝަހީދު ވެއްޖެ އެވެ. އޭނާ ޝަހީދުވުމުން، ކާފަރުން އޭނާގެ ހަށިގަނޑަށް ހަމަލާދީ، އޭނާގެ ނޭފަތާއި، ތުންފަތާއި، ކަންފަތް ކަނޑާލައިފި އެވެ. އޭނާގެ މުޅި ހަށިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ.

މުޖާހިދުންގެ ސަފުތަކުން، ކަޒްމާން އޭނާގެ ކަނޑީގެ އުރަ ބިނދެލައްވާފައި މުޝްރިކުންނަށް ޙަމަލާދެއްވަމުން "ފިލަން ދުވުމަށް ވުރެ މަރުވުން މާ ރަނގަޅޭ" ވިދާޅުވެ ހިތްވަރުގަދަކަމާ އެކު ހަނގުރާމކުރެއްވި އެވެ. އޭނާ އެކަނި ވެސް ހަތެއް ނުވަތަ އަށް ކާފަރުން ޤަތުލުކުރެއްވި އެވެ. އެންމެ ފަހުން އޭނާ ޒަޚަމްވެ ބިން މައްޗަށް ވެއްޓުނެވެ. އޭނާގެ ހިތްވަރުގަދަކަން ފެނިފައި ޞަޙާބީން އެ ޚަބަރު رَسُوْلُ اللهِ ﷺ އަށް ދެންނެވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭނާ ދާނީ ނަރަކަ އަށެވެ". أبن نعمان (‏رضي الله عنه)‏ ކަޒްމާން ގާތަށް ގޮސް ވިދާޅުވި އެވެ. "އޭ ކަޒްމާންއެވެ! ކަލޭގެފާނު ޝަހީދަކަށް ވުމުގެ ނިޢުމަތް ދެއްވާށިއެވެ"! ކަޒްމާން ޖަވާބު ދެއްވި އެވެ. "އަހަރެން ހަނގުރާމަކުރީ ދީނަށް ޓަކައެއް ނޫނެވެ. އެކަމަކު ޤުރައިޝުން މަދީނާ އަށް އައިސް އަހަރެންގެ ކަދުރު ރުކުގެ ދަނޑު ހަލާކުކުރިޔަނުދޭން ވެގެންނެވެ". ދެން އޭނާ އޭނާގެ އަތުގެ ފަލަ ނާރު ދުންޏަކުން ކެޑުމަށް ފަހު އަމިއްލައަށް މަރުވެއްޖެ އެވެ. އެހެންކަމުން، ކުރިން رَسُوْلُ اللهِ ﷺ "އޭނާ ދާނީ ނަރަކަ އަށޭ" حديث ކުރެއްވި ކުރެއްވުން ވިސްނައިގަނެވެއެވެ.

ހަނގުރާމަ ފެށުނު އިރުން ފެށިގެން رَسُوْلُ اللهِ ﷺ ހިމެނޭ ގޮތަށް ހުރިހާ ޞަޙާބީން ވެސް ވަރަށް ވަރުގަދަޔަށް ހަނގުރާމަ ކުރެއްވި އެވެ. މުޝްރިކުންގެ ލަޝްކަރު އެ ބޭކަލުން ފަހަތަށް ޖެއްސެވީ ވަރުގަދަ ޙަމަލާތަކުންނެވެ. މުޖާހިދުންގެ މި ހިތްވަރުގަދަކަމުގެ ކުރިމަތީގައި، އެމީހުންގެ އަމިއްލަ އަތުން ހެދި ލާތަ އާއި، ޢުއްޒާ އާއި، ހުބަލްގެ ނަމުން ނަން ދެވިފައިވާ ބުދުތަކަށް އަޅުކަންކޮށް އެ ބުދުތަކުން އެހީތެރކަމަށް އެދުނު މުޝްރިކުން ފިލައި ދުވެ ރައްކާވާން ފަށައިފި އެވެ. އެ މީހުންނަށް ހަނގުރާމަ ކުރުމަށް ހިތްވަރުދޭން އައި އަންހެންވެރިންތައް ދިޔައީ ހަޅޭލަވަމުން ފިލަން ދުވެފައި ދިޔަ އެ މީހުންގެ ސިފައިންނާ ހަމަކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ޤުރައިޝުންގެ މުޝްރިކުން ހަނގުރާމައިގެ މައިދާން ދޫކޮށް، އެ މީހުންގެ ގެނައި މުދާތައް ދޫކޮށް، މައްކާ އާ ދިމާލަށް ފިލަން ފެށި އިރު، އިސްލާމީ ސިފައިން އުފާކޮށް، އެ ބޭކަލުންނަށް الله تعالى ވަޢުދުވެވޮޑިގެންނެވި ކާމިޔާބު ކާމިޔާބު ދެއްވި ކަމަށް ޓަކައި، އެކަލާނގެ އަށް ޙަމްދު ދެންނެވި އެވެ. އެ މީހުންގެ ލަޝްކަރުގެ ޢަދަދާއި، ހަތިޔާރުގެ ގޮތުން ބާރުގަދަ ނަމަވެސް، މުޝްރިކުން، މުސްލިމުންގެ ކުރިމަތީގައި ބަލިވެގެންދިޔަ އެވެ. އެކަކު އަނެކަކު ގަޔަށް އަރަމުން އެބައި މީހުން ފިލަން ދުވި އިރު، މަތިވެރި އަޞްޙާބު ބޭކަލުން ގެންދެވީ އެ މީހުން ފަހައި ދުވެ އަތުޖެހުނު މީހަކު ޤަތުލުކުރައްވަމުންނެވެ. މި އޮޅުންބޮޅުންގަނޑުގެ ތެރޭގައި، އަލަށް ކައިވެނިކޮށްގެން ހަނގުރާމަ އަށް އައި حنظلة بن أبو عامر (‏رضي الله عنه)‏، މުޝްރިކުންގެ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރު أبو سُفيان އޭނާގެ އަހުފައި ފިލަން ދަނިކޮށް އޭނާ ފަހަތުން އަޅުވާލައިފި އެވެ. އެގޮތުން، أبو سُفيان ގެ އަހުގެ ފައިގައި އޭނަގެ ކަނޑިން ޖައްސަވައި އެ އަސް ބިން މައްޗަށް ވައްޓަވާލައްވައިފި އެވެ. أبو سُفيان ބިން މައްޗަށް ވެއްޓުމުން، "އޭ ޤުރައިޝުންނޭވެ! އެހީވާށޭ! އަހަންނަކީ أبو سُفيان އޭ! حنظلة ބޭނުންވަނީ އޭނާގެ ކަނޑިން އަހަރެން ކޮށާލާށޭ"، މިހެން ކިޔައި އަޑުގެ ކޮޅަށް ހަޅޭލަވަން ފަށައިފި އެވެ. މުޝްރިކުންނަށް މި މަންޒަރު ފެނުނު ކަމުގައި ވިޔަސް، ޚުދު އެ މީހުން ދިޔައީ، އެ ފުރާނަ އަށް ބިރުން ފިލުމަށް ދުވަމުންނެވެ. އެހެންކަމުން، އެ މީހުންގެ ކޮމާންޑަރު ސަލާމަތްކުރުމުގެ ޝައުޤުވެރިކަމެއް އެ މީހުންގެ ނެތެވެ.

އެހެން ނަމަވެސް، އެ ވަގުތު، حنظلة ގެފާނުގެ ފަހަތުގައި ހުރި މުޝްރިކެއް ކަމުގައިވާ شدّاد بن أسود އޭނާގެ ލޮންސި حنظلة ގެ ބުރަކަށްޓަށް ހަރައިފި އެވެ. "الله أكبر" ކިޔުއްވައި ޙަމަލާދެއްވުމަށް ބޭނުންފުޅުވިޔަސް، އޭނާ ބިން މައްޗަށް ވެއްޓި ޝަހީދުވެ، އޭނާގެ ބަރަކާތްތެރި ފުރާނަ ސުވަރުގެ އަށް އަރުއްވައިފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މަލާއިކަތުން، އުޑާއި ބިމާ ދޭތެރޭގައި ހުރި ރިހީގެ ކަންވާރެއް ގައި ހުރި ވާރޭފެނުން ޙަންޒަރާ ހިނަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ". أبو أُسيدي ވިދާޅުވި އެވެ. رَسُوْلُ اللهِ ﷺ ގެ މި حديث ބަސްފުޅު އަޑުއިވުމުން، އަހަރެން حنظلة (‏رضي الله عنه)‏ ގެ އަރިހަށް ދިޔައިމެވެ. ވާރޭފެން ދިޔައީ އޭނާގެ ބޮލުން ވާރޭފެން ދިޔައީ އޮހޮރެމުންނެވެ. އަހަރެން އެނބުރި އައިސް رَسُوْلُ اللهِ ﷺ އަށް މި ވާހަކަ ދެންނެވީމެވެ. އެކަލޭގެފާނު حنظلة ގެފާނަށް ނިސްބަތްކޮށް حديث ކުރެއްވީ 'غسيل الملائكة' އެވެ. މާނަ އަކީ މަލާއިކަތުން ހިނެވި ބޭފުޅާއެވެ.17

މުޝްރިކުން ފިލަން ދުވާ ތަން ފެނިވަޑައިގެން، ޢައިނައިން މަގުގައި ތިބި ދުނިޖެހުންތެރިން ހަނގުރާމަ ނިމުނު ކަމަށް ހީކޮށް އެ މީހުންގެ ތިބި ތަން ދޫކޮށް ގޮސްފި އެވެ. އެ މީހުންގެ ކޮމާންޑަރ ޢަބްދުﷲ ބިން ޖުބައިރު އާއި އިތުރު ބާރަ މީހަކު އެތާނގައި މަޑުކޮށްގެން ތިއްބެވެ.18

علي (‏رضي الله عنه)‏ ގެ ހިތްވަރުގަދަކަން

"މަލާއިކަތުން، އުޑާއި ބިމާ ދޭތެރޭގައި ހުރި ރިހީގެ ކަންވާރެއް ގައި ހުރި ވާރޭފެނުން ޙަންޒަރާ ހިނަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ".
حديث الشّريف

އެ ވަގުތު، ގާޑުކޮށް، ލިބޭ ކޮންމެ ފުތުޞަރެއްގެ ބޭނުންކުރުމަށް މަސައްކަތްކުރަމުންދިޔަ ޤުރައިޝުންގެ ދުނިޖެހުންތެރިންގެ ފައުޖުގެ ކޮމާންޑަރ خالد بن رليد އަށް މުޖާހިދުންގެ ޢަދަދު މަދުވި ތަން ފެނި، އޭނާގެ ކޮމާންޑުގެ ދަށުގައި ތިބި ފައިމަގުގައި ހަނގުރާމަކުރާ ފައުޖު ހަގުރާމައިގެ މައިދާނަށް ނެރެފި އެވެ. މިނެޓެއްގެ ތެރޭގައި، عكرمة بن أبي جهل އާ އެކު، އެ މީހުން ޢައިނައިން މަގަށް އަތުވެއްޖެ އެވެ. عبدالله بن جُبير (‏رضي الله عنه)‏ އާއި، އޭނާގެ ވަފާތެރި އެކުވެރިން ސަފަކަށް އެތުރިއްޖެ އެވެ. އެ ބޭކަލުން ޢަދުއްވުނާ ދިމާލަށް އެ ބޭކަލުން ހިތްފުރޭ ވަރަށް ދުނި ފުންޏެއް ފޮނުވާލައިފި އެވެ. ދެން، އެ ބޭކަލުންގެ ލޮންސިތަކުން ވަރަށް ހިތްވަރު ގަދަކަން ލޮންސިންނާއި ކަނޑިން ދައްކަވާލައްވާފައި "الله أكبر! الله أكبر!" ކިޔުއްވަމުން ޢަދުވުންނާ ކައިރިއަށް ޖެހިލައްވައިފި އެވެ. މުސްލިމުންނާ ކާފަރުންނާ ދެމެދު ބާރުގެ ތިލަފަތުގައި ވަރަށް ބޮޑު ތަފާތެއް ހުއްޓެވެ؛ އެއީ، ކޮންމެ މުސްލިމަކަށް ފަންސަވީސް ކާފަރުންނެވެ. އެ ބޭކަލުންގެ ކޮމާންޑަރު ގެ އެންގެވުމާ އެއްގޮތަށް އެތާ ތިއްބެވި އަޞްޙާބު ބޭކަލުން، އެ ބޭކަލުންގެ އެންމެ ފަހު ލޭތިއްކަށް ދާންދެން ހަނގުރާމަ ކުރެއްވި އެވެ. އެކަކަށް ފަހު އަނެކަކު ޝަހީދުވެގެން ދިޔަ އެވެ؛ އެ ބޭކަލުންގެ ބަރަކާތްތެރި ހަށިކޮޅުތައް ބިން މައްޗަށް ވެއްޓި، އެ ބޭކަލުންގެ (‏رضي الله عنهم)‏ ފުރާނަތައް ސުވަރުގެ އަށް އެރުއްވި އެވެ.

އެ މީހުންގެ ހިތުގައި އަނދަމުންދިޔަ ނަފްރަތުގެ ސަބަބުން މުޝްރިކުން، عبدالله بن جُبير (‏رضي الله عنه)‏ އޮރިޔާންކޮށް އެކަލޭގެފާނުގެ ހަށިކޮޅަށް ލޮންސިން ހަރައިފި އެވެ. އެ މީހުން އެކަލޭގެފާނުގެ ބަނޑު ކަނޑައި އެތެރެ ހަށީގެ ގުނަވަންތައް ދަމާ ނެރުނެވެ.

خالد بن وليد އާއި، عكرمة بن أبي جهل، ޢައިނައިން މަގުގައި ތިބި މުޖާހިދުން ޝަހީދުކުރި އިރު، އެ މީހުން ޙަމަލާދިނީ ކުއްލިއަކަށް އެތާ ތިނި އިސްލާމީ ލަޝްކަރުގެ ފަހަތުންނެވެ. މުޝްރިކުން ކުއްލިއަކަށް ފަހަތުން އަންނަ ތަން އަޞްޙާބު ބޭކަލުންނަށް އެނގުނު އިރު، އަލުން އިންތިޒާމުވެލާނެ ފުރުޞަތެއް އެ ބޭކަލުންނަކަށް ނުލިބުނެވެ. އެހެނީ، އޭގެ ތެރެއިން ގިނަ ބޭކަލުންގެ ހަތިޔާރު އޭރު ވަނީ ބިންމަތީ ގައި ބަހައްޓާފައެވެ. ހުރިހާ ކަމެއް ވަގުތުން ބަދަލުވެއްޖެ އެވެ. خالد بن وليد ފަހަތުން ޙަމަލާއެއް ދިން ފެނި، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަންދުވެދުވެ ތިބި ޤުރައިޝުންގެ މުޝްރިކުން އަލުން އަނބުރާ މައިދާނަށް އަތުވެއްޖެ އެވެ. މުޖާހިދުން އެ ދޭތެރޭގައި ތާށިވެއްޖެ އެވެ. ޢަދުއްވުން ކުރިމަތިންނާއި ފަހަތުން މުސްލިމު ލަޝްކަރަށް ޙަމަލާދޭން ފަށައިފި އެވެ. ޞަޙާބީން އެކަކު އަނެކަކާ އޮތް ގުޅުން ކެނޑިއްޖެ އެވެ. މުސްލިމުންނަށް ޖެހުނީ އެކި ދިމަދިމާލަށް ވިއްސިވިހާލިވެގެން ދާށެވެ.19

علي (‏رضي الله عنه)‏ ތިރީގައި ވާ ގޮތަށް ވިދާޅުވެފައި ވެއެވެ.: "عكرمة بن أبي جهل ހުރި މުޝްރިކުންގެ ފައުޖެއްގެ މެދަށް އަހަރެން ފުންމާލީމެވެ. އެ މީހުން އަހަރެން ވަށައިލި އެވެ. އޭގެ ގިނަ މީހުންގެ ދުވަސް ދުއްވާލީމެވެ. އަދި އެހެން ފައުޖަކަށް އެ ގޮތަށް ފުންމާލައި، އޭގެ ތެރެއިން ގިނަ ބަޔަކު ޤަތުލުކޮށްލީމެވެ. އަހަރެންގެ ޙަޔާތުގެ ދައުރު ނުނިމޭތީ، އެއްވެސް ކަމެއް އަހަންނަކަށް ނުވިއެވެ. އިރުގަނޑެއް ވަންދެން އަހަންނަކަށް رَسُوْلُ اللهِ ﷺ ނުފެނުނެވެ. އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ. 'އަހަރެން ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނަކީ، ހަނގުރާމައިގެ މައިދާން ދޫކުރައްވައި ވަޑައިގަންނަވާނެ ބޭކަލެއް ނޫނެވެ. އަހަރެމެންގެ އެކަށީގެންނުވާ ޢަމަލުތަކުގެ ސަބަބުން الله تعالى އެ ކަލޭގެފާނު އަހަރެމެންގެ ތެރެއިން އަރުއްވައިގަތީ ކަމަށް ވެދާނެ އެވެ. މިހާރު އަހަންނަށް ހަނގުރާމަކޮށް ޝަހީދުވުން ފިޔަވައި އެހެން ގޮތެއް ނެތެވެ'. ދެން އަހަރެންގެ ކަނޑީގެ އުރަ ނެނެގެވީމެވެ. އަހަރެން މުޝްރިކުންނަށް ޙަމަލާދީ އެ މީހުން ވިއްސިވިހާލި ކުރި އިރު، އަހަންނަށް ފެނުނީ އެ މީހުންގެ މެދުގައި رَسُوْلُ اللهِ ﷺ ހުންނެވި ތަނެވެ. އަހަންނަށް ވިސްނުނު ގޮތުގައި، الله تعالى އެކަލާނގެ މަލާއިކަތުން މެދުވެރިކުރައްވައި އެ ގެންދަވަނީ رَسُوْلُ اللهِ ﷺ ޙިމާޔަތް ކުރައްވަމުންނެވެ".

ޢަދުއްވުންގެ ހަނގުރާމަވެރިން رَسُوْلُ اللهِ ﷺ އާ ހަމަޔަށް އަތުވެއްޖެ އެވެ. ޙާލަތު ވަރަށް ނުރައްކާވެއްޖެ އެވެ. رَسُوْلُ اللهِ ﷺ އުސް ފަރުބަދައެއް ހެންސާބިތުވެ ހުންނެވި އެވެ؛ އެކަލޭގެފާނު ހުންނެވި ސާބިތުކަމާ އެކު އެކަލޭގެފާނު ހުންނެވި ތަން ދޫކޮށްނުލައްވައެވެ. އެއް ކޮޅުން، އެކަލޭގެފާނު ގެންދެވީ ޢަދުއްވުންނާ ހަނގުރާމަ ކުރައްވަމުންނެވެ. އަނެއް ކޮޅުން، އެކަލޭގެފާނުގެ ޢަޞްޙާބުން އެއްކުރެއްވުމަށް حديثކުރައްވަމުން ގެންދެވީ "އެވެނި މިވެނި މީހެކެވެ. ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! އެވެނި މިވެނި މީހެކެވެ. ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! ތިމަންކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލާ އެވެ. ތިމަންކަލޭގެފާނުގެ އަރިހަށް އެނބުރި އަންނަ މީހުންނަށް ސުވަރުގެ ހުއްޓެވެ" މިހެންނެވެ. ކުއްލިއަކަށް أبوبكر ، عُمرُ، ޢަބްދުއްރަޙްމާނު ބިން ޢައުފު، طلحة بن عُبيدُالله، علي بن أبي طالب، زُبيرُ بن عوّام، أبو دُجانة، أبو عُبيدة بن جرّاح، سعد بن مُعاذ، سعد بن أبي وقّاص، حبّاب بن منذر، أُسيدُ بن حُضيرُ، سهل بن حنيد، عاصم بن ثابت އަދި حارث بن الصمة (‏رضي الله عنهم)‏، رَسُوْلُ اللهِ ﷺ ގެ ވަށައިގެން ވަށްބުރެއް ގައި އެކަލޭގެފާނު ޙިމާޔަތްކުރުމަށް ޓަކައި ދިރިހުރި ކިއްލާއެއް ހައްދަވާލައްވައިފި އެވެ.

އެ ވަގުތު، ރޫޅިފައި ތިބި އަޞްޙާބު ބޭކަލުން އެއްކުރެވޭތޯ عبّاس بن عُبادة (‏رضي الله عنه)‏ ވިދާޅުވާ އަޑު އިވުނެވެ. "އޭ އަހަރެން ގެ އަޚުންނޭވެ! މިހާރު އަހަރެމެންނާ ކުރިމަތިވެފައިވާ މުޞީބާތަކީ، رَسُوْلُ اللهِ ﷺ ގެ އަމުރުފުޅު ތަންފީޒުނުކުރެވުމުގެ ނަތީޖާ އެވެ. ވަކިވެ ފެތުރިގެން ނުދާށެވެ! رَسُوْلُ اللهِ ﷺ ގެ ވަށައިގެން އެއްވާށެވެ! رَسُوْلُ اللهِ ﷺ ގެ ޙިމާޔަތަށް ތިއްބެވި ބޭކަލުންނާ އަހަރެމެން ނުގުޅި، رَسُوْلُ اللهِ ﷺ އަށް އަނިޔާއެއް ވެއްޖެ ނަމަ، ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާނގެ ޙަޟްރަތުގައި އަހަރެމެން ދައްކާނެ ޢުޒުރެއް ނޯންނާނެ އެވެ". عبّاس بن عُبادة، خارجة بن زيد އި، حوص بن أرقم (‏رضي الله عنهم)‏، ބާރަށް "الله أكبر" ކިޔުއްވަމުން ޢަދުއްވުންގެ ސަފުތަކުގެ ތެރެއަށް ފުންމާލައްވައިފި އެވެ. رَسُوْلُ اللهِ ﷺ އަށް ޓަކައި، އެކަލޭގެފާނުގެ ޙިމާޔަތަށް އެ ބޭކަލުން ހިތްވަރާ އެކު ހަނގުރާމަ ކުރެއްވި އެވެ. خارجة بن زيد ގެ ހަށިގަނޑު ގައި ނަވާރަ ޒަޚަމް އުފެދުނެވެ. އެހެން ބޭފުޅުންނަށް ލިބުނު ޒަޚަމް ވަކި އެއަށް ވުރެ ވަކި މަދެއް ނޫނެވެ. އެހެންކަމުން، އެ ބޭކަލުން އެދިއެދި ތިއްބެވި ގޮތަށް އެ ތިން ބޭކަލުން ވެސް ވީ ޝަހީދުންނަށެވެ.

އެ ނުރައްކާތެރި ވަގުތު، رَسُوْلُ اللهِ ﷺ ގެ ވަށައިގެން އަޞްޙާބު ބޭކަލުން އެއްވާން ފަށައިފި އެވެ. މުޝްރިކުން، رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ ވަށައިގެން ތިއްބެވި ޞަޙާބީން ވަށާލައިފި އެވެ. އެ މީހުން ކުރިޔަށް އައީ އެކީ ގައި ހުރިހާ ދިމާލަކުންނެވެ. ޤުރައިޝުންގެ ގްރޫޕެއް ކުއްލިއަކަށް ކުރިޔަށް ޖެހިލި މަންޒަރު ފެނިވަޑައިގެން، ގެ ވަށައިގެން ތިބި ޞަޙާބީންނަށް حديث ކުރެއްވީ ކުރިމަތިވާ ޙަމަލާގެ ކުރިމަތީ ގައި އެ ބޭކަލުންގެ ފުރާނަ ދުއްވާލުމަށް ތައްޔާރުވުމަށެވެ. "މި ފައުޖާ ކުރިމަތިލާނީ ކާކު ހެއްޔެވެ"؟ ވަހުބު ބިން ޤާބޫސް، "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! މާތް ﷲ ގެ ރަސޫލާ އެވެ. އަޅުގަނޑެވެ"! މިހެން ވިދާޅުވެފައި ކުރިޔަށް ޖެހިލއްވައިފި އެވެ. މެދުކެނޑުމެއް ނެތި الله تعالى ގެ ނަންފުޅު ކިޔއްވަމުން ގެންދެވި މި ބަޠަލު މުޝްރިކުންގެ މެދަށް، އޭނާގެ ކަނޑި އަތަށް ލައްވައިގެން ފުންމާލައިވައިފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާ އަށް ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވަމެވެ". ޢަދުއްވުންނާ ދެކޮޅަށް އޭނާގެ ސާބިތުކަމާއި، ހިތްވަތު ފެނިވަޑައިގަތުމުން އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭ އަޅާގެ ﷲ އެވެ! އޭނާގެ މައްޗަށް ރަޙްމް ކުރައްވާދޭވެ! އޭނާ އަށް ކުލުނު ދެއްވާދޭވެ"!

މުޝްރިކުން، ވަހްބު އެ މީހުންގެ މެދަށް ގެންގޮސްލޮންސިތަކުން އޭނާ ޝަހީދުކޮށްލި މަންޒަރު ފެނިލައްވައިގެން، سعد بن أبي وقّاص (‏رضي الله عنه)‏ އޭނާ އަށް އެހީތެރިވުމަށް އަވަސްވެގަނެ، ޢަދުއްވުންގެ މެދަށް ވަންނަވައި، ކުރިން ނުފެންނަ ވަރުގެ ހިތްވަރު ދެއްކެވި އެވެ. އޭނާ އެތައް މުޝްރިކުންނެއް ޤަތުލުކޮށްލެއްވި އެވެ. އެހެން މީހުންނަށް ގޮންޖައްސަވަމުން، އޭނާގެ ލޮބުވެތި رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެންފި އެވެ. ވަހްބު (‏رضي الله عنه)‏ އާ ބެހޭގޮތުން رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނު ތިބާއާ ދޭތެރޭ ހިތްހަމަޖެހިލައްވަފައިފި އެވެ. الله تعالى ވެސް ތިބާ އާ ދޭތެރޭ ރުއްސަވާފާދޭވެ".

މުޝްރިކުންގެ ބަޔަކު މުޖާހިދުންގެ ވަށްބުރު ފަހަނައަޅައި، އެކަލޭގެފާނާ ދިމާލަށް އަންނަ މަންޒަރު رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު عليގެފާނަށް ވިދާޅުވި އެވެ. "އެ މީހުންނަށް ޙަމަލާދޭށެވެ"! عليގެފާނު ޙަމަލާދެއްވުމަށް ފަހު ޢަމްރު ބިން ޢަބްދުﷲ ޤަތުލުކުރައްވައި، ދެން ތިބި މީހުންނަށް ގޮންޖައްސަވައިފި އެވެ. އޭނާގެ ކަނޑި ބިންދައިގެން ދިއުމުން رَسُوْلُ اللهِ ﷺ އޭނާ އަށް އެކަލޭގެފާނުގެ ކަނޑި ذو الفقار ދެއްވި އެވެ. ޢަދުއްވުންގެ އެހެން ގްރޫޕެއް އަންނަނިކޮށް، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ علي އެވެ! މިތިބަ މީހުންގެ އަނިޔާވެރިކަން ތިމަންކަލޭގެފާނާ ދުރަށް ޖައްސަވާށެވެ"! އެކަލޭގެފާނުގެ ޖާނު ޤުރްބާންކުރައްވަން ތައްޔާރަށް ހުންނެވި أسدُ الله ވަގުތުން ޙަމަލާދެއްވައިފި އެވެ. އެ ޙަމަލާ ގައި عليގެފާނު، شَيبَة بن مالك ޤަތުލުކުރައްވައި، ދެން ތިބި މީހުންނަށް ގޮންޖައްސަވައިފި އެވެ. އެ ވަގުތު، جبريل (‏عليه السّلام)‏ ވަޑައިގެން رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! މިއީ عليގެފާނުގެ އާދަޔާޚިލާފު ހިތްވަރުގަދަކަމެކެވެ". رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އޭނާ ވަނީ ތިމަންކަލޭގެފާނުގެ ފަރާތުންނެވެ. އަދި ތިމަންކަލޭގެފާނު ވަނީ އޭނާގެ ފަރާތުންނެވެ". جبريل (‏عليه السّلام)‏ ދެންނެވި އެވެ. "عليގެފާނު ފަދަ ބަޠަލެއް ނެތެވެ. ذو الفقار ފަދަ ކަނޑިއެއް ނުވެއެވެ".

"އަޅާގެ ﷲ އެވެ! ސަޢުދުގެ ދުޢާ އިޖާބަކުރައްވާދޭވެ! އަޅާގެ ﷲ އެވެ! ސަޢުދުގެ ދުނި ސީދާކުރައްވާދޭވެ! سعدކުރިޔަށް ގެންދާށެވެ! ކުރިޔަށް ގެންދާށެވެ! ތިމަންކަލޭގެފާނުގެ މައިންބަފައިން ޤުރްބާންކުރައްވާދޭވެ".
حديث الشّريف

رَسُوْلُ اللهِ ﷺ އާ ހަމައަށް ނުދެވުނު ކަން މުޝްރިކުންނަށް ރޭކާލުމުން، އެ މީހުން ދުނިޖަހަން ފަށައިފި އެވެ. އެ މީހުންގެ ދުނިތައް ދިޔައީ އެހެންޏާ އެކަލޭގެފާނުގެ މަތިން ފަހަނައަޅައި، ނުވަތަ އެކަލޭގެފާނުގެ ކުރިމައްޗަށާއި، ފުރަގަހަށާއި، ކަނާތް ފަރާތައް، ނުވަތަ ވާތް ފަރާތަށް ވެއްޓެމުންނެވެ. ޢަދުއްވުން ބަލިކޮށްލުމަށް ގަދަޔަށް ހަނގުރާމަކުރަމުން ދިޔަ ޞަޙާބީންނަށް، މި މަންޒަރު ފެނުމާ އެކު، އެ މީހުން ޢާލަމްތަކުގެ ސައްޔިދުގެ ވަށައިގެން އެއްވެ، ފޮނުވަމުން ދިޔަ ދުނިތަކުގެ ޙިމާޔަތަށް އެ ބޭކަލުންގެ ހަށިތައް ހައްދަވައިފި އެވެ. ރައްދުގައި ދުނި ޖެހުމަށް رَسُوْلُ اللهِ ﷺ، ޞަޙާބީންނަށް އެންގެވުމުން، އަޞްޙާބު ބޭކަލުން ޢަދުއްވުންނާ ދިމާލަށް ދުނި އުއްކަވަން ފަށްޓަވައިފި އެވެ. سعد بن أبي وقّاص (‏رضي الله عنه)‏ އަށް رَسُوْلُ اللهِ ﷺ އެންގެވީ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގަތުމަށެވެ. އަމާޒަށް ދުނި ޖައްސަވާ ބޭފުޅެއް ކަމުގައިވާ سعد بن أبي وقّاص (‏رضي الله عنه)‏ ޢަދުއްވުންނާ ދިމާލަށް ތީރަކަށް ފަހު ތީރެއް އުއްކަވަން ފަށްޓަވައިފި އެވއޭނާގެ ދުނިފޮށިން ތީރެއް ނަންގަވާ ކޮންމެ ފަހަރަކު އޭނާ ވިދާޅުވަމުން ގެންދެވި އެވެ. "އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! މިއީ އިބަސުވާމީންގެ ތީރެވެ! ޢަދުއްވުގެ ގަޔަށް މި ދުނި ޖައްސަވާދޭވެ"! رَسُوْلُ اللهِ ﷺ حديث ކުރައްވަމުން ގެންދެވި އެވެ. "އަޅާގެ ﷲ އެވެ! ސަޢުދުގެ ދުޢާ އިޖާބަކުރައްވާދޭވެ! އަޅާގެ ﷲ އެވެ! ސަޢުދުގެ ދުނި ސީދާކުރައްވާދޭވެ! سعدކުރިޔަށް ގެންދާށެވެ! ކުރިޔަށް ގެންދާށެވެ! ތިމަންކަލޭގެފާނުގެ މައިންބަފައިން ޤުރްބާންކުރައްވާދޭވެ"! މި ގޮތަށް ޖެހުނު ކޮންމެ ތީރަކާ އެކު رَسُوْلُ اللهِ ﷺ ގެންދެވީ އެ ދުޢާ ތަކުރާރުކުރައްވަމުންނެވެ.

سعد بن أبي وقّاص (‏رضي الله عنه)‏ ގެ ދުނިތައް ހުސްވުމުން، އޭނާ އަށް އެކަލޭގެފާނުގެ އަމިއްލަފުޅު ދުނިތައް ދެއްވައި، އެ ދުނިތައް ޢަދުއްވުންނާ ދިމާލަށް ޖެއްސެވުމަށް އެންގެވި އެވެ. سعد بن أبي وقّاص (‏رضي الله عنه)‏ ޖެއްސެވި ކޮންމެ ދުންޏެއް ވެސް ގޮސް އަރަނީ ޢަދުއްވެއްގެ ގަޔަށް ނޫނީ އޭނާގެ ޖަނަވާރަށެވެ.

މުޝްރިކުން ދުނިޖަހަމުން ދިޔަ އިރު، أبو طلحة (‏رضي الله عنه)‏ ހުންނެވީ رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގައި އޭނާގެ ހަށިގަނޑާއި އައްޑަނަ އިން، ހުރިހާ ދުންޏަކުން رَسُوْلُ اللهِ ﷺ ޙިމާޔަތްކުރައްވަމުންނެވެ. އެހެން ހުރެލާފައި، ޢަދުއްވުން ސިއްސުވާލި ގަދަ އަޑެއް ގެންދެވީ އަގައިން ނެރުއްވަމުންނެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ސިފައިންގެ ތެރެއިން، އަބޫ ޠަލްޙާ ގެ އަޑު ސަތޭކަ މީހުންނަށް ވުރެ ރަނގަޅެވެ". ފުރުޞަތެއް ލިބިވަޑައިގެންނެވި ކޮންމެ ފަހަރެއް ގައި މުޝްރިކުންނާ ދިމާލަށް ދުނިޖެއްސެވުން އަބޫ ޠަލްޙާ ހުއްޓަވާނުލައްވަ އެވެ. އޭނާ ދުނި ޖައްސަވަމުން ގެންދެވީ ވަރަށް އަވަސް އަވަހަށް އަދި ބާރަށެވެ. އަދި އެއްވެސް އަމާޒަކަށް އަމާޒުނުވެ ނުދެއެވެ. ފޮނުވާ ދުންޏަށް ވާގޮތެއް ބައްލަވަން ބޭނުންފުޅުވެގެން ބޯ ހިއްލަވާލައްވާ ކޮންމެ ފަހަރަކު، ދުންޏެއް އަރާފާނެ ކަމުގެ ބިރަށް ޓަކައި އަބޫ ޠަލްޙާ ވިދާލުވަމުން ގެންދެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅާގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! ކަލޭގެފާނުގެ ބަރަކާތްތެރި ބޯފުޅު ނުހިއްލަވާށެވެ. އޭރުން، ޢަދުއްވުންގެ ދުންޏެއް ކަލޭގެފާނުގެ ހަށިކޮޅަށް ނާރާނެ އެވެ. އަޅުގަނޑުގެ ހަށިގަނޑަކީ، ކަލޭގެފާނުގެ ހަށިގަނޑަށް ހުރި އައްޑަނައެއް އަދި ޤުރްބާނެކެވެ. އެމީހުން އަޅުގަނޑު ކަތިލައިގެން މެނުވީ ކަލޭގެފާނާ ހަމައަކަށް އެ މީހުންނަކަށް ނާދެވޭނެ އެވެ! އަޅުގަނޑު މަރުވެގެން ނޫނީ ކަލޭގެފާނަކަށް އެއްވެސް ކަމެއް ނުވާނެ އެވެ". އަބޫ ޠަލްޙާ، އޭނާގެ އަމިއްލަ ނަފްސަށް ވުރެ އަށް އިސްކަންދެއްވި އެވެ.

أُحد ހަނގުރާމައިގެ މައިދާނުގެ ހުރިހާ ދިމާލެއް ގައި ވަރުގަދަ އަދި ބިރުވެރި ހަނގުރާމައެއް ހިނގަމުންދިޔައެވެ؛ ބައެއް މީހުން އަސްތަކަށް ސަވާރުވެގެންނެވެ. ބައެއް މީހުން ފައިމަގުގައެވެ. އީމާންކަމާއި ކާފަރުކަމާ ދެމެދުގެ ހަނގުރާމަ އެވެ. އޭރު އަދި ހަނގުރާމައިގެ މައިދާނުން ޞަޙާބީންނަށް އަދި އަރެއް ނުގަނެވެއެވެ. رَسُوْلُ اللهِ ﷺ ގެ ވަށައިގެން އޭރު ތިބީ ގާތްގަޑަކަށް ތިރީސް ޞަޙާބީންނެވެ؛ އެ ބޭކަލުން ގެންދެވީ، އެ ބޭކަލުންގެ ހަށިތައް، އަންނަމުންދިޔަ ތީރުތަކާއި، ލޮންސިތަކާއި، ކަނޑީތަކުގެ އައްޑަނައަކަށް ހައްދަވައިގެންނެވެ. އެ ބޭކަލުންގެ ހަމައެކަނި އެދުމަކަށް ވެފައި އޮތީ، رَسُوْلُ اللهِ ﷺ ގެ އަމުރުފުޅު ތަންފީޒުކޮށް، އެކަލޭގެފާނާ ދިމާލަށް އަރާފާނެ ކޮންމެ ޙަމަލާއަކުން ރެކުމެވެ. އެ އޮޅުންބޮޅުންގަނޑު ތެރޭގައި، ހިތްވަރުގަދަ މީހުންގެ ވެރިޔާ حمزة (‏رضي الله عنه)‏ އޭރު ވަނީ رَسُوْلُ اللهِ ﷺ އާ ވަކިވެފައެވެ؛ އޭނާ އޭރު ހަނގުރާމަކުރައްވަމުން ގެންދެވީ، މީސްތަކުންގެ މެދުގައި ކޮންމެ އަތްޕުޅެއް ގައި ކަނޑިއެއް ހިތްޕަވައިގެންނެވެ. "الله أكبر" ގެ އަޑާ އެކު ޢަދުއްވުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަވަމުންނެވެ. އެ ވަގުތާ ހަމައަށް حمزة ގެފާނުގެ ވަނީ ތިރީހަށް ވުރެ ގިނަ މުޝްރިކުން ޤަތުލުކުރައްވައި، އޭގެ ތެރެއިން ގިނަ މީހުންގެ އަތާއި ފައި ކަނޑާލެވިގެން ދިޔަ އެވެ. އޭނާގެ ވަށައިގެން ތިބި މުޝްރިކުން ވިއްސިވިހާލިކުރެއްވި އިރު، ސިބާ ބިން އުއްމު عمّار، حمزة ގެފާނަށް ގޮންޖަހާފައި ބުންޏެވެ. "ކަލޭމެންގެ ތެރޭގައި އަހަންނާ ކުރިމަތިލާން ކެރޭ މީހަކު އެބަ ހުރި ހެއްޔެވެ؟" حمزة ގެފާނު ވިދާޅުވި އެވެ. "ސާބަހޭ. ޚިތާނުކުރާ އަންހެނާގެ ފިރިހެންދަރިޔާ އެވެ! ކަލޭ ތި ގޮންޖަހަނީ الله تعالى އާއި އެކަލާނގެ رَسُوْلُ اللهِ ﷺ އަށް ހެއްޔެވެ"؟ މިހެން ވިދާޅުވެ، އޭނާގެ އޭނާގެ ފައިގާ ހިފައި ވައްޓަވާލެއްވި އެވެ.20 އެކަލޭގެ ތެދުވުމުގެ ކުރިން އޭނާގެ ބޯ ހަށިގަނޑާ ވަކިކޮށްލެއްވި އެވެ. އޭނާ އަށް ފެނިވަޑައިގަތީ، އޭރު އަދި އިސްލާމްނުވާ ވަޙްޝީ ނަމަކަށް ކިޔާ މީހަކު، އޭނާގެ އަތުގައި އޮތް ލޮންސި އެކަލޭގެފާނުގެ ކުރިމަތީގައިވާ ހިލައިގެ ފުރަގަހުގައި ހުރެ އެކަލޭގެފާނަށް އަމާޒުކޮށްގެން ހުއްޓައެވެ. ހަމަވަގުތުން، އޭނާ އާ ހަމައަށް ވަޑައިގެން، ވާރޭ ވެހިގެން ހެދިފައި އޮތް ފެންގަނޑަކަށް އެރި ކައްސާލައިގެން އުއްޑުން ވެއްޓިއްޖެ އެވެ. އެ ވަގުތު، އެކަލޭގެފާނުގެ ބަޑު މަތީގައިވާ ދަހަނާ ހުޅުވިއްޖެ އެވެ. ފުރުޞަތުގެ ބޭނުންހިފައި ވަޙްޝީ އޭނާގެ ލޮންސި ޖަހައިފި އެވެ. އެ ލޮންސި حمزة ގެފާނުގެ ހަށިގަނޑު ފޫއަޅުވާލާފައި އަނެއް ފަރާތުން ނިކުމެއްޖެ އެވެ. އެންމެ ހިތްވަރުގަދަ ބަޠަލު "މާތް ﷲ" އޭ ވިދާޅުވެ ވެއްޓިއްޖެ އެވެ. حمزة ގެފާނު ޝަހީދުވެ އޭނާ އެދިއެދި ހުރި ދަރަޖަ އަށް އުފުލިއްޖެ އެވެ. رَسُوْلُ اللهِ ﷺ އަށް ޓަކައި، الله تعالى ގެ މަގުގައި حمزة ގެފާނު، އެކަލޭގެފާނުގެ އަމިއްލަ ނަފްސު ޤުރްބާންކުރައްވައިފި އެވެ.

އެވަގުތު ޢަދުއްވުންގެ ސަފުތަކުގައި ހިމެނޭ މީހަކު މުޝްރިކުންނަށް ހިތްވަރުދެމުން ބުނަމުންދިޔައެވެ. "އޭ ޤުރައިޝުންގެ މީހުންނޭވެ! محمّدގެފާނާ ހަނގުރާމަކުރުމަށް ޖެހިލުންނުވާށެވެ! އެކަލޭގެފާނަކީ ތިމާގެ ގުޅުން ދަމަހައްޓަވާ ބޭފުޅެއް ނޫނެވެ. އަދި އެކަލޭގެފާނު ވަނީ ތިޔަބައި މީހުންގެ ޤައުމު ބައިބައިކުރައްވާފައެވެ. محمّدގެފާނު ސަލާމަތްވެއްޖެ ނަމަ އަހަރެން ސަލާމަތް ނުވުމަކީ އެކަށީގެންވާ ކަމެކެވެ". އެ އަޑުގެ ވެރިޔަކީ، عاصم بن أبي عوف އެވެ. أبو دُجانة (‏رضي الله عنه)‏ އަށް އެ އަޑު އިވިވަޑައިގަތެވެ. ހަނގުރާމަކުރައްވަމުން، ހޯއްދަވަމުން ގެންދަވަނިކޮށް، عاصم بن أبي عوف ފެނި، ވަގުތުން އޭނާ ޤަތުލުކުރައްވައިފި އެވެ. އެހެން ނަމަވެސް، އޭނާގެ ފަހަތުގައި ހުރި މުޝްރިކު މަޢްބަދު އޭނާގެ ކަނޑި أبو دُجانة އާ ދިމާލަށް އޭނާގެ ހުރި ހުރިހާ ބާރެއް ލާފައި ހޫރާލައިފި އެވެ. الله تعالى ގެ ނިޢުމަތެއްގެ ގޮތުން، أبو دُجانة ކުއްލި ޙަރަކާތަކުން ގުދުވެލެއްވުމުން މަރުގެ އެތިފަހަރަކުން ސަލާމަތްވެއްޖެ އެވެ. އެއާއެކު، އޭނާ ތެދުވެލައްވައި، މަޢުބަދު ގައިގައި ކަނޑިން ޖައްސަވައި އޭނާ ޤަތުލުކޮށްލައްވައިފި އެވެ.

ޤުރައިޝުންގެ މުޝްރިކުންގެ އަމާޒަކަށް ވެފައި އޮތީ، رَسُوْلُ اللهِ ﷺ އެވެ. އެކަލޭގެފާނާ ހަމައަށް ދިއުމަށް އެ މީހުންނަށް ލިބިފައި އޮތް ހުރިހާ ބާރެއް ބޭނުންކުރި އެވެ. އެހެން ނަމަވެސް، އެ މީހުންނަށް، ގެ ވަށައިގެން ތިއްބެވި އަދި އެކަލޭގެފާނަށް ގެއްލުމެއް ވިޔަނުދިނުމަށް އަމިއްލަ ފުރާނަ ޤުރްބާންކުރުމަށް ޖެހިލުންވުމެއް ނެތް މަތިވެރިވެގެންވާ އަޞްޙާބު ބޭކަލުން ފަހަނައަޅައި ދެވޭގޮތެއް އެ މީހުންނަކަށް ނުވި އެވެ. މި ހިތްވަރުގަދަ ތިރީސް ބޭކަލުން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ މޫނުތަކަކީ، ކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅުގެ ކުރިމަތީ ގައި އައްޑަނަތަކެކެވެ؛ އަޅުގަނޑުމެންގެ ހަށިތައް ކަލޭގެފާނުގެ ހަށިކޮޅަށް ޓަކައި ޤުރްބާންކުރަމު އެވެ. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ކަލޭގެފާނުގެ ރައްކާތެރިކަމެވެ". މުޝްރިކުން ޙަމަލާދެމުން ދިޔައީ ގްރޫޕް ގްރޫޕަށެވެ. ޢަދުއްވުންގެ ސިފައިންގެ ގްރޫޕަކާ ދިމާލަށް އިޝާރާތްކުރައްވައި، އެކަލޭގެފާނުގެ ޞަޙާބީންގެ އަރިހުން އެއްސެވީ، އެކަލޭގެފާނުގެ ވަށައިގެން ތިއްބެވީ ކޮން ބޭކަލުންނެއް ތޯ އާއި، އެކަލޭގެފާނު ޙިމާޔަތްކުރައްވަމުން ގެންދަވަނީ ކޮން ބޭކަލުންނެއް ތޯ އެވެ. "އޭނާގެ ހަށިގަނޑު ﷲ ގެ މަގުގައި އަހަރެމެންނަށް ޓަކައި ޤުރްބާންކުރާނީ ކާކު ހެއްޔެވެ"؟ މިހެން އެއްސެވުމުން، މަދީނާގެ ފަސް ޞަޙާބީން ކުރިޔަށް ޖެހިލައްވައިފި އެވެ. މި ބަޠަލުން تكبير ކިޔުއްވަމުން رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރެއްވި އެވެ. އެންމެ ފަހުން، އެތަނުން ހަތަރު ބޭކަލުން އެ ތަނުގައި ޝަހީދުވެއްޖެ އެވެ. ފަސް ވަނަ ޞަޙާބީގެ ހަށިގަނޑު ފަނަރަ ތަނުން ޒަޚަމްވެ ބިން މައްޗަށް ވެއްޓުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ ތިމަންކަލޭގެފާނުގެ ކައިރި އަށް ގެންނާށެވެ". އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނަކުން ދިޔައީ ލޭ ފައިބަމުންނެވެ. رَسُوْلُ اللهِ ﷺ އިށީންނަވައި، އެކަލޭގެފާނުގެ ފައިތިލަ އޭނާގެ ބޮލަށް ބާލީހަކަށް ހެއްދެވި އެވެ. އެ ގޮތަށް އޮންނަވައި ޝަހީދުވި އެ އުފާވެރި ޞަޙާބީ އަކީ عُمارة بن يزيد (‏رضي الله عنه)‏ އެވެ.

طلحة بن عبيدالله (‏رضي الله عنه)‏ ގެ ހިތްވަރުގަދަކަން

"ޠަލްޙާ އަދި ޒުބައިރު އަކީ ސުވަރުގޭގައި ތިމަންކަލޭގެފާނުގެ އަވަށްޓެރިންނެވެ".
حديث الشّريف

މުޝްރިކުން އެކަލޭގެފާނާ ކައިރިވަމުންދިޔަ ދަނޑިވަޅެއް ގައި، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ މީހުންނާ ކުރިމަތިލާނީ ކާކު ހެއްޔެވެ؟ އެ މީހުން ހުއްޓުވާނީ ކާކު ހެއްޔެވެ"؟ طلحة بن عُبيدُالله ޖަވާބު ދެއްވި އެވެ. "އަޅުގަނޑެވެ! މާތް ﷲ ގެ ރަސޫލާ އެވެ"! އޭނާ ބޭނުންވީ އަވަހަށް ކުރިޔަށް ޖެހިލާށެވެ. حديث ކުރެއްވި އެވެ. "ދެން ހުރީ ކާކު ހެއްޔެވެ"؟ މަދީނާގެ ޞަޙާބީ އަކު ހުއްދައަށް އެދި ދެންވި އެވެ. :މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑެވެ"! "ދެން އެ މީހުންނާ ކުރިމަތިލާށެވެ"! މިހެން رَسُوْلُ اللهِ ﷺ حديثކުރެއްވުމުން، އެ ބޭކަލަކު ކުރިޔަށް ޖެހިލައި މުޝްރިކުންނަށް ހަމަލާދެއްވައިފި އެވެ. ކުރިން ފެބިފައިނުވާ ފަދަ ހިތްވަރެއް އޭނާ ދެއްކެވި އެވެ. މަދު ކާފަރުންތަކެއް ޤަތުލުކޮށްލެއްވުމަށް ފަހު، އޭނާ ޝަހީދުވެއްޖެ އެވެ.21

رَسُوْلُ اللهِ ﷺ އަނެއްކާ ވެސް އެއްސެވި އެވެ. "އެ މީހުންނާ ކުރިމަތިލާނީ ކާކު ހެއްޔެވެ"؟ އެހެންއެންމެންނަށް ވުރެ ކުރިން އަނެއްކާ ވެސް طلحةގެފާނު ކުރިޔަށް ޖެހިލައްވައިފި އެވެ. رَسُوْلُ اللهِ ﷺ "އެ މީހުންނާ ކުރިމަތިލާނީ ދެން ކާކު ހެއްޔެވެ"؟ މިހެން އެއްސެވުމުން، އަންޞާރުންގެ ތެރެއިން ބޭކަލަކު ވިދާޅުވެއްޖެ އެވެ. "އަޅުގަނޑު އެ މީހުންނާ ކުރިމަތިލާނަމެވެ. މާތް ﷲ ގެ ރަސޫލާ އެވެ"! رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ދެން ތިބާ އެ މީހުންނާ ކުރިމަތިލާށެވެ". އެ ބޭކަލަކު ވެސް މުޝްރިކުންނާ ހަނގުރާމަކުރެއްވުމަށް ފަހު ޝަހީދު ވެއްޖެ އެވެ. މި ގޮތަށް ގޮސް، رَسُوْلُ اللهِ ﷺ ގެ އަރިހުގައި ތިއްބެވި ހުރިހާ ޞަޙާބީން، މުޝްރިކުންނާ ހަނގުރާމަކުރަމުން ގޮސް ޝަހީދުވެއްޖެ އެވެ.

އެ ވަގުތު، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ގެ އަރިހުގައި، ބާކީ ހުންނެވީ طلحة بن عُبيدُالله އެކަންޏެވެ. طلحةގެފާނު ބިރުފުޅުގެން ހުންނެވީ رَسُوْلُ اللهِ ﷺ ގެ ހަށިކޮޅަށް އަނިޔާއެއް ވެދާނެތީ އެވެ؛ އެކަލޭގެފާނު ގެންދެވީ ހުރިހާ ދިމާލަކުން ދުވަމުން، ކާފަރުންނާ ވަރަށް ވަރުގަދަޔަށް ހަނގުރާމަކުރައްވަމުންނެވެ. އޭނާގެ ކަނޑީގެ ހޫރާލުން އަވަސްވުމާއި، رَسُوْلُ اللهِ ﷺ ގެ ވަށައިގެން ޢަދުއްވުން ދޭ ޙަމަލާތައް އޭނާ މަތަކޮށްލައްވާލެއް އަވަސްކަމާއި، ދުނިތަކާއި، ލޮންސިތަކާއި، ކަނޑިތަކާ ދެކޮޅަށް އޭނާގެ ހަށިގަނޑު އައްޑަނައަކަށް ބޭނުންކުރެއްވި ގޮތަކީ ކުރިން ހިނގާފައިވާ ފަދަ ކަންތައްތަކެއް ނޫނެވެ. ޠަލްހަތުގެފާނު ގެންދެވީ ވަށައިގެން ބުރުޖައްސަވަމުން، އޭނާގެ ހަށިގަނޑުގައި ޖެހެމުންދިޔަ ކަނޑިތައް ވަރިހަމަކުރައްވަމުންނެވެ. އޭނާގެ އުއްމީދަކަށް ވެފައި އޮތީ، ދިފާޢުކޮށް، އޭނާގެ އެހެން އަޚުން ފަދައިން މި މަގުގައި ޝަހީދުވެގެން ދިއުމެވެ. އޭނާގެ ހަށިގަނޑު ގައި ޒަޚަމްނުވާ ތަނެއް ނެތެވެ؛ އޭނާގެ ހެދުމުގައި ލޭ ފިޔަވައި އެހެން އެއްޗެއް ފެންނާކަށް ނެތެވެ. އޭނާ އެ ޙާލަތުގައި ހުންނެވި އިރު ވެސް، ހުރިހާ ދިމާލަކުން އޭނާ ގެންދެވީ ކަވަރުކުރައްވަމުންނެވެ. އެ ވަގުތު، أبوبكر އަދި سعد بن أبي وقّاص (‏رضي الله عنهم)‏ رَسُوْلُ اللهِ ﷺ އާ ހަމަޔަށް ވަޑައިގެނފި އެވެ.

ބަޠަލުންގެ ސައްޔިދު طلحةގެފާނު ލޭ ފައިބަމުން ގޮސް ހޭނެތިގެން ބިން މައްޗަށް ވެއްޓިއްޖެ އެވެ. އޭނާގެ ހަށިގަނޑު، ކަނޑިތަކާއި، ލޮންސިތަކާއި، ދުނިތަކުން ވެފައިވާ ޒަޚަމްތަކުން ވަނީ ފުރާލާފައެވެ. އޭނާގެ ހަށިގަނޑުގައި ފަސްދޮޅަސް ބޮޑު ޒަޚަމާއި، ގުނާ ޢަދަދުނުކުރެވޭ ވަރަށް ކުދި ޒަޚަމްތައް އޭނާގެ ހަށިގަނޑު ގައި ހުއްޓެވެ. رَسُوْلُ اللهِ ﷺ أبوبكر ގެފާނަށް އެންގެވީ ވަގުތުން طلحةގެފާނަށް ވަގުތުން އެހީތެރިވުމަށެވެ. أبوبكر ގެފާނު طلحةގެފާނު ހޭއެރުވުމަށް ޓަކައި އޭނާގެ މޫނަށް ފެން ޖައްސަވާލެއްވި އެވެ. ހޭލެވުމުން، "އޭ أبو بكر އެވެ! رَسُوْلُ اللهِ ﷺ ކިހިނެއް ތޯ އެވެ"؟ މި ގޮތަށް އެއްސެވުމުން، طلحةގެފާނުގެ ލޯތްބާއި ތެދުވެރިކަން އެނގިގެންދިޔަ އެވެ. މިއީ، رَسُوْلُ اللهِ ﷺ ދެކެ ލޯބިވުމާއި، އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ހަށިކޮޅަށްޓަކައި މީހެއްގެ ފުރާނަ ޤުރްބާންކުރުމުގެ ފަހު ދަރަޖައެވެ. أبوبكر ގެފާނު "رَسُوْلُ اللهِ ﷺ ހުންނެވީ ހެޔޮ ޙާލުކޮޅުގައެވެ. އަޅުގަނޑު މިތަނަށް ފޮނުއްވީ އެކަލޭގެފާނެވެ". މިހެން ޖަވާބު ދެއްވުމުން، ޠަހްޙަތުގެފާނުގެ ހަމަޖެހުމުގެ ނޭވާއެއް ލައްވާފައި ވިދާޅުވީ، "ގުނާ ޢަދަދު ނުކުރެވޭ ވަރަށް الله تعالى އަށް ޝުކުރު ހުއްޓެވެ. އެކަލޭގެފާނު ދިރިހުންނެވިހާ ހިނދަކު، ހުރިހާ ދައްޗަކީ އެއްޗެއް ނޫނެވެ". އެ ވަގުތު، އިތުރު އެހެން ބައެއް ޞަޙާބީން ވެސް އެ ބޭކަލުންނާ ހަމައަށް ދުރުވެއްޖެ އެވެ.

ޢާލަމްތަކުގެ ސައްޔިދު محمّد مُصطَفى ﷺ، طلحةގެފާނުގެ ގާތަށް ވަޑައިގަތެވެ. ޒަޚަމްވެފައިވާ މުޖާހިދަށް رَسُوْلُ اللهِ ﷺ ފެނުމުން އުފަލުން ކީރިތިކުރެއްވި އެވެ. طلحةގެފާނުގެ ހަށިގަނޑު ގައި ފިރުމާލައްވައި، އެކަލޭގެފާނުގެ އަތްޕުޅު ހުޅުވާލައްވައި، ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އޭނާގެ ފާރުތައް ރަނގަޅުކުރައްވާދޭ! އޭނާ އަށް ބާރު ދެއްވާދޭވެ"! رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތެއްގެ ގޮތުން طلحةގެފާނު ކޮޅަށް ތެދުވެވަޑައިގެން ޢަދުއްވުންނާ ހަނގުރާމަކުރައްވަން އަނެއްކާ ވެސް ފަށްޓަވައިފި އެވެ. އޭނާ އާ ބެހޭގޮތުން حديث ކުރައްވާފައި ވެއެވެ. "أُحد ހަނގުރާމައިގެ ދުވަހު، ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ، ތިމަންކަލޭގެފާނުގެ ކަނާތްފަރާތުގައި جبريل ގެފާނު އަދި ވާތް ފަރާތު ގައި ޠަލްޙަތި ބިން ޢުބައިދުﷲ ފިޔަވައި، ތިމަންކަލޭގެފާނާ ގާތުގައި ބިމުގައި މީހަކު ނެތް ތަނެވެ".22 "ބިންމަތީގައިވާ ސުވަރުގޭގެ މީހަކު ދެކިލަން ބޭނުންވާ މީހަކު ދެކިލަންވީ طلحة بن عُبيدُالله އަށެވެ".

ހުރިހާ ދިމާލަކުން ހަނގުރާމަ ދިޔައީ ގަދަވަމުންނެވެ. رَسُوْلُ اللهِ ﷺ ވަށައިގެން ތިއްބެވީ، أبو دُجانة، ދިދައުފުއްލަވާ مُصعب بن عُمير، طلحة بن عبيد الله (‏رضي الله عنهم)‏، އަދި رَسُوْلُ اللهِ ﷺ ދިފާޢުކުރުމަށް ޓަކައި، ފަހަތު ސަފުތަކުން ނިކުތް سيّدة نسيبة (‏رضي الله عنها)‏ އާއި، މަދު ޢަދަދެއްގެ އެހެން ޞަޙާބީންނެވެ. رَسُوْلُ اللهِ ﷺ އާ އެކު އެ ބޭފުޅުން ހަނގުރާމަކުރައްވަމުން ގެންދެވީ މުޝްރިކުންނާ ދެކޮޅަށެވެ. ފުރިހަމަ އަށް ހަތިޔާރު އަޅައިގެން، ހެލްމެޓް އަޅައިގެން ހުރި ގަދަފަދަ މުޝްރިކު ޢަބްދުއްﷲ ބިން ޙުނައިދު އަށް ފެނިގެން، އޭނާގެ އަސް ތައްޔާރުކުރިއެވެ. އޭނާ ހަޅޭލަވަމުން ބުނަމުންދިޔަ އެވެ، "އަހަންނަކީ ޒުހައިރުގެ ދަރިފުޚެވެ، އަހަންނަށް محمّد ދައްކާށެވެ. އެހެންޏާ އަހަރެން އެކަލޭގެފާނު އަވަހާރަކޮށްލާނަމެވެ. ނުވަތަ އަހަރެން އެކަލޭގެފާނުގެ އަރިހުގައި މަރުވާނަމެވެ". އޭނާ، އޭނާގެ އަސް ކީރިތި ދުއްވަމުންދިޔަ އިރު، ދުޖާނާ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުއްޓި ހުރެ ވިދާޅުވި އެވެ. "އެހެންވީމާ، އަންނާށެވެ! އަހަންނަކީ ބަރަކާތްތެރި محمّد (‏عليه السّلام)‏ ގެ ހަށިގަނޑު ތިމާގެ އަމިއްލަ ހަށިގަނޑުން ޤުރްބާންކުރާ މީހަކީމެވެ. ކަލޭ އަހަރެން ޗިސްކޮށްލާފައި ނޫނީ އެކަލޭގެފާނާ ހަމަޔަކަށް ނުދެވޭނެ އެވެ". އޭނާ އަރައި އިން އަހުގެ ފައިގައި އޭނާގެ ކަނޑިން ޖެއްސެވުމަށް ފަހު ޢަބްދުﷲ ބިން ޙުނައިދު ބިން މައްޗަށް ވައްޓަވާލައްވައިފި އެވެ. އޭނާގެ ކަނޑި ހިއްލާލެއްވުމަށް ފަހު، އަނެއްކާ ވެސް ޖައްސަވަމުން ވިދާޅުވި އެވެ. "މިހިރީއެވެ. މިއީ ޙަރާޝާގެ ފިރިހެން ދަރިޔާގެ ފަރާތުންނެވެ.! މި ޙާދިސާ ބައްލަވާލެއްވުމަށް ފަހު، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! ޙަރާޝާ (‏رضي الله عنه)‏ ގެ ދަރިއާ މެދު އުފާކުރައްވާށެވެ. އެހެނީ އަހަރެން ވަނީ އެ ކޮޔާ މެދު ހިތްހަމަޖެހިފައެވެ".

"ބިންމަތީގައިވާ ސުވަރުގޭގެ މީހަކު ދެކިލަން ބޭނުންވާ މީހަކު ދެކިލަންވީ ޠަލްޙަތު ބިން ޢުބައިދުﷲ އަށެވެ".
حديث الشّريف

މުޝްރިކުންގެ ތެރެއިން، އަމާޒަށް ބަޑިހާ ސީދަލަށް ދުނި ޖަހާ مالك بن زُهير ދިޔައީ ހުރިހާ ދިމާލަކުން رَسُوْلُ اللهِ ﷺ ފެނޭތޯ ހޯދަމުންނެވެ؛ އޭނާ ބޭނުންވީ، رَسُوْلُ اللهِ ﷺ ގެ ހަށިކޮޅަށް ތީރެއް ފޮނުވާލުމުގެ ފުރުޞަތު ހޯދުމަށެވެ. އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް، އޭނާގެ ދުނިދަނޑި ނަންގައި، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ބޯކޮޅަށް އަމާޒުކޮށް ދުންޏެއް ޖަހައިފި އެވެ. ލޯމަރާލާނެ ހާ ވަގުތެއް ވެސް އެ ދޭތެރެއަކު ނުލިބެއެވެ. طلحة (‏رضي الله عنه)‏ ވަގުތުން އޭނާގެ އަތް ދަމާލައްވާފައި، އަމާޒަކަށް ވެއްޖެ އެވެ. އެ ދުނި طلحةގެ އަތްތިލަ އަށް ވަދެ އަތްތިލަ ކުދިކުދި ވެއްޖެ އެވެ. އޭނާގެ އިނގިލިތަކުގެ ހުރިހާ ނާރުތަކެއް ކެނޑިއްޖެ އެވެ. އަދި އޭނާގެ އަތުގެ ކަށިތައް ވަނީ ބިންދައިގެން ގޮސްފައެވެ. ވެގެންދިޔަ ގޮތް رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު ވަރަށް ބޮޑަށް ދެރަފުޅުވިއެވެ. އަދި حديث ކުރެއްވި އެވެ. "ތިބާ (‏ތިމަންކަލޭގެފާނު ޙިމާޔަތްކުރުމަށް ޓަކައި ތީރާ ދިމާލަށް އަތް ދިއްކޮށްގެން ހުރި އިރު)‏ بسم الله الرّحمن الرّحيم ކީ ނަމަ، މަލާއިކަތުން މީސްތަކުން ކަލޭގެފާނަށް ބަލަމުން ދިޔަ އިރު މަލާއިކަތުން އުޑަށް އަރުއްވައިގަތީހެވެ".23

މައްކާގެ ހަތަރު މުޝްރިކުން ކަމުގައިވާ عبدالله بن قمئة، أبي بن خلف، عُتبة بن أبي وقّاص، އަދި عبدالله بن شهاب الزهري، رَسُوْلُ اللهِ ﷺ އަވަހާރަކޮށްލުމަށް އެއްބަސްވެ، މުޢާހަދާއެއް ހަދައިފި އެވެ. މި އުނދަގޫ ވަގުތު، މަދު ޞަޙާބީންތަކަކާ އެކު رَسُوْلُ اللهِ ﷺ ގެންދެވީ ޢަދުއްވުންނާ ދެކޮޅަށް ވަރުގަދަ އަށް ހަނގުރާމަކުރައްވަމުންނެވެ. رَسُوْلُ اللهِ ﷺ ގެ ކުރީގައި ހުރީ ދިދައުފުލާ މީހާ، مُصعب بن عُمير އެވެ. مُصعبގެފާނު ތުރުކުރައްވައިގެން ހުންނެވި ދަހަނާގެ ސަބަބުން، مُصعبގެފާނު ފެންނަނީ رَسُوْلُ اللهِ ﷺ އާ ވަރަށް ވައްތަރުކޮށެވެ. އިސްލާމީ ލަޝްކަރުގެ ދިދަ ކަނާތުން ހިއްޕަވައިގެން، އޭނާ ވެސް ގެންދެވީ މުޝްރިކުންނާ ދެކޮޅަށް ވަރުގަދަ އަށް ހަނގުރާމަކުރައްވަމުންނެވެ. އެ ވަގުތު، ފުރިހަމަ ދަހަނާ އަޅައިގެން ހުރި އިބްނު ޤަމްޔާ އަސްމަތީގައި އެ ދިމާލަށް އަތުވެއްޖެ އެވެ. އޭނާ ހަޅޭލަވައިގެންފައި ބުންޏެވެ. "އަހަންނަށް محمّدގެފާނު ދައްކާށެވެ! އެކަލޭގެފާނު މަރުނުވެ ސަލާމަތްވެއްޖިއްޔާ އަހަރެން ސަލާމަތް ނުވެދާނެ އެވެ"! މިހެން ބުނެފައި، އޭނާގެ އަސް رَسُوْلُ اللهِ ﷺ އާ ދިމާލަށް ދުއްވާލައިފި އެވެ. މުޞްޢަބުގެފާނާއި، سيّدة نسيبة، އެކަލޭގެއާ ކުރިމަތިލައި، އެ މީހުންގެ ހަށިތައް رَسُوْلُ اللهِ ﷺ ގެ އައްޑަނައަކަށް ހައްދަވައިގެން އޭނާ އާ ހަނގުރާމަކުރައްވަން ފައްޓަވައިފި އެވެ. އޭނާ އަޅައިގެން ހުރި ދަނގަނޑު ދަހަނާގެ ސަބަބުން، އެ ދެ ބޭފުޅުން ކިތަންމެ ވަރަކަށް އޭނާގެ ގައިގައި ޖެހިޔަސް އޭނާއަކަށް އޭގެ އަސަރެއް ނުކުރި އެވެ. އިބްނު ޤަމްޔާ، އޭނާގެ ކަނޑިން سيّدة نسيبة ގެ ގައިގައި ޖަހައި އެ ކަމަނާގެ ކޮނޑު ޒަޚަމްކޮށްލައިފި އެވެ. ދެން، އޭނާގެ ކަނޑި، ދިދަ ހިތްޕަވައިގެން ހުންނެވި މުޞްޢަބުގެފާނުގެ ކަނާތްތިލައަށް އަމާޒުކޮށް ޖަހައިފި އެވެ. ކަނާތްތިލަ ބުރިވެފައިވާ مُصعب بن عُمرُ ދެން އިސްލާމީ ދިދަ ބިން މައްޗަށް ނުވެއްޓޭނޭ ހެން އުފުއްލެވީ އޭނާގެ ވާތުންނެވެ. އެ ވަގުތު، އޭނާ ކިޔުއްވަމުން ގެންދެވީ، ކީރިތި قرآن ގެ سورة آل عمران ގެ 144 ވަނަ އާޔަތެވެ. (‏وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ ‎﴿١٤٤﴾‏‏‏)‏24 * آل عمران : 144)‏ މާނައީ: "رسول އަކު ކަމުގައި މެނުވީ محمّد ގެ ފާނުން ވެވަޑައިގެން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ކުރިން ވެސް رسولން އިސްވެ ގޮސްފައި ވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެ ނަމަ، ނުވަތަ قتل ވެއްޖެ ނަމަ، ތިޔަބައި މީހުން (‏كافرވުމަށް)‏ ފަހަތަށް އެނބުރިގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (‏ދަންނާށެވެ!)‏ ފަހެ، އެ މީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެތެވެ. شكر ކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެތެވެ". މި ވަގުތު، إبن قمئة އޭނާގެ ކަނޑި މުޞްޢަބުގެފާބުގެ ވާތްތިލައާ ދިމާލަށް ހޫރާލި އެވެ. ބަރަކާތްތެރި ދިދައުފުލާ ބޭފުޅާގެ ވާތް ވެސް ބުރިވިޔަސް، އިސްލާމީ ދިދަ ބިންމައްވަށް ވެއްޓުނަކަ ނުދެއްވި އެވެ. ހިތްވަރުގަދަ ޞަޙާބީ ދެން ދިދަ އުފުއްލެވީ، އެ ދިދަ އެކަލޭގެފާނުގެ އަތާއި ހަށިގަނޑާ ދޭތެރެއަށް ލައްވައިގެން ފިއްތަވައިގެންނެވެ. މި ވަގުތު، އިބްނު ޤަމްޔާ އޭނާގެ ލޮންސި، މަތިވެރިވެގެންވާ ޞަޙާބީގެ ގަޔަށް ހަރާލި އެވެ. އޭނާގެ އެކުވެރިން ފަދައިން މުޞްޢަބުގެފާނުގެ ވެސް އާޚިރަތަށް ދަތުރުކުރެއްވީ ޝަހީދެއްގެ ގޮތުގައެވެ.

مُصعبގެފާނު ބިން މައްޗަށް ވެއްޓެމުންދިޔަ ވަގުތު، އިސްލާމް ދީނުގެ މަތިވެރި ދިދަ ބިން މައްޗަށް ވެއްޓުނަދީފައެއް ނުވެއެވެ؛ ވަގުތުން، މުޞްޢަބުގެފާނުގެ ސިފައިގައި ހުންނެވި މަލާއިކަތަކު އެ ދިދައިގައި ހިއްޕެވީ އެވެ. رَسُوْلُ اللهِ ﷺ، "ކުރިޔަށް، مصعب، ކުރިޔަށް"! މިހެން حديث ކުރެއްވުމުން، ދިދަ އުފުއްލަވައިގެން ހުންނެވި މަލާއިކަތާ ވިދާޅުވި އެވެ. "އަޅުގަނޑަކީ މުޞްޢަބެއް ނޫނެވެ". ދެން رَسُوْلُ اللهِ ﷺ އަށް އެއީ މަލާއިކަތެއް ކަން ވިސްނިވަޑައިގެން، ދިދަ عليގެފާނާ ޙަވާލުކުރައްވައިފި އެވެ.25

އަނެއްކޮޅުން، إبن قمئة، ހީކުރީ مُصعبގެފާނަކީ، رَسُوْلُ اللهِ ﷺ ކަމަށެވެ. އެހެންކަމުން، އޭނާ އަވަސްއަރުވާލާފައި މުޝްރިކުން ގާތަށް ގޮސް ހަޅޭލަވާފައި ބުނަން ފަށައިފި އެވެ. "އަހަރެން محمّدގެފާނު ޤަތުލުކޮށްފީމެވެ". މި އަޑު އަހާފައި، މުޝްރިކުން އެ މީހުންގެ އަމާޒު ޙާޞިލުކުރުމުގެ އެދުން އަދި އިހުނަށް ވުރެ ބޮޑުވެއްޖެ އެވެ. އެ ޙާދިސާ ހިންގައިދިޔަ ގޮތެއް ނޭނގުމުން އަޞްޙާބު ބޭކަލުންނަށް މޮޅިވެރިކަން ވެރިވެއްޖެ އެވެ. އެ މާޙައުލަށް އެކަލޭގެފާނު އަވަހާރަވީ ކަމުގެ ހިތާމަ ފެތުރިއްޖެ އެވެ. عُمرُގެފާނުގެ ދެ އަތް ދެ ފަރާތަށް ދެރަވެގެން އިށީންނަވައިފި އެވެ. އެ ބޭކަލުން އެ ޙާލުގައި ތިއްބެވި ތަން أنس ބިން ނަޟްރު އަށް ފެނިވަޑައިގެން އެއްސެވި އެވެ. "ތިޔަ ބޭކަލުން އިށީނދެގެން ތި ތިއްބެވީ ކީއްވެގެން ތޯ އެވެ"؟

އެ ބޭކަލުން ޖަވާބު ދެއްވި އެވެ. "رَسُوْلُ اللهِ ﷺ ޝަހީދުކޮށްލައިފި އެވެ". أنس (‏رضي الله عنه)‏ ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ ޝަހީދުކޮށްލެވުނު ނަމަ، އެކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ (‏الله تعالى)‏ އަކީ ދާއިމަށް ދެމިވޮޑިގެންވާ ރަސްކަލާނގެ އެވެ. رَسُوْلُ اللهِ ﷺ ޝަހީދުވުމަށް ފަހު، އަހަރެމެން ދިރިތިބެ ކުރާނީ ކޮން ކަމެއް ތޯ އެވެ؟ މިހާރު، ކޮޅަށް ތެދުވާށެވެ! އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ފުރާނަފުޅު ޤުރުބާން ކުރެއްވި ކަމަކަށް އަހަރެމެންގެ ފުރާނަތައް ވެސް ޤުރްބާންކުރަމާ ހިނގާށެވެ". ދެން އެކަލޭގެފާނުގެ ކަނޑީގެ އުރަ ބިންދާލައްވައި،26 ބާރަށް "الله أكبر!" ކިޔުއްވައި، ކަނޑި ދަންމަވައިގެން ޢަދުއްވުންގެ މެދަށް ވަދެވަޑައިގެންފި އެވެ. އޭނާ ގިނަ ޢަދަދެއްގެ ކާފަރުން މަރާލުމަށް ފަހު ޝަހީދުވެއްޖެ އެވެ. އޭނާގެ މޫނު ގައި އެކަނި ވެސް ހަތްދިހަ ޒަޚަމް ހުއްޓެވެ. އޭނާގެ ހަށިގަނޑު ގައި ގުނާ ޢަދަދު ނުކުރެވޭ ވަރަށް ޒަޚަމް ހުރުމުގެ ސަބަބުން، އޭނާގެ އުޚްތަށް ނޫނީ އެކަލޭގެފާނު އެނގޭގޮތެއް ނުވި އެވެ.

ވަރަށް ގިނަ ޞަޙާބީން ޒަޚަމްވި އެވެ. އަދި ބައެއް ބޭކަލުންނަށް ޝަހީދުންގެ ދަރަޖަ ލިބިގެން ދިޔަ އެވެ. މުސްލިމުންގެ މެދުގައި އިންތިޒާމް ގެއްލިގެން ދިޔަ ވަގުތު މުޝްރިކުން އޭގެ ނާޖާއިޒު ފައިދާ ނަގައި، ގެ ވަށައިގެން އެއްވެއްޖެ އެވެ. އެ މީހުން މަސައްކަތް ކުރަމުން ދިޔައީ، ދެ ދުނިޔޭގެ ސުލްޠާން رَسُوْلُ اللهِ ﷺ ހިލައިންނާއި، ކަނޑިން ޝަހީދުކޮށްލެވޭ ތޯ އެވެ. އެކަލޭގެފާނު ހުންނެވީ ދެ ދަނގަޑު ދަހަނާ އަޅުއްވައިގެންނެވެ. އެހެންކަމުން، އޭގެ އަސަރެއް އެކަލޭގެފާނަކަށް ނުކުރި އެވެ. عُتبة بن أبي وقّاص އުކަމުންދިޔަ ހިލަތަކުން رَسُوْلُ اللهِ ﷺ ގެ މޫނުކޮޅުގައި ޖެހި، އެކަލޭގެފާނުގެ ތިރީ ތުންފަތް ޒަޚަމްވި އެވެ. އެކަލޭގެފާނުގެ ކަނާތްފަރާތު ދަތްދޮޅީގެ ތިރީ ކަށިގަނޑު ބިންދައިގެންދިޔަ އެވެ. އެ ވަގުތު، މުޝްރިކު އިބްނު ޤަމްޔާ އައިގޮތަށް އައިސް، رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ބޯކޮޅު ގައި އޭނާގެ ކަނޑިން ޖަހައިފި އެވެ. ގެ ހެލްމެޓް ފެޅިގެން ގޮސް؛ އޭގެ ދެ ރިންގު އެކަލޭގެފާނުގެ ކަތުރު ކަށިގަނޑަށް ވަދެއްޖެ އެވެ. އިބްނު ޤަމްޔާ ޖެހި އެހެން ކަނޑި އެތިފަހަރަކުން އެކަލޭގެފާނުގެ ބަރަކާތްތެރި ކޮނޑުފުޅު ޒަޚަމްވެ، މުސްލިމުން ވައްޓާލުމަށް أبو عامر ކޮނެފައި ހުރި ފުން ވަޅުގަނޑަކަށް އަރިއަކަށް އެކަލޭގެފާނު ވެއްޓިވަޑައިގަތެވެ. ޢަދުއްވު إبن قمئة އާ ބެހޭގޮތުން رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. "الله تعالى ކަލެއަކީ ލަޢުނަތްލެއްވިގެންވާ ނިކަމެއްޗެއް ކަމުގައި ލައްވާދޭވެ"! އިބްނު ޤަމްޔާ އުފާފާޅުކޮށް ހަޅޭލަވަމުން "އަހަރެން محمّدގެފާނު ޤަތުލުކޮށްފީމެވެ. އަހަރެން محمّدގެފާނު ޤަތުލުކޮށްފީމޭ"، މިހެން ކިޔަމުން أبو سُفيان ގާތަށް ގޮސްފި އެވެ. މުޝްރިކުން އެ މީހުން ކުރަން ބޭނުންވީ ކަންތައް ޙާޞިލުކޮށްފި އެވެ! އެ މީހުން ދެން رَسُوْلُ اللهِ ﷺ އަކަށް ޝައުޤުވެރިކަމެއް ނެތެވެ. رَسُوْلُ اللهِ ﷺ ވެއްޓިފައި އޮތް ވަޅުގަނޑާ އެ މީހުން ދުރަށް ގޮސް، ޞަޙާބީންނާ ހަނގުރާމަކުރަން ފަށައިފި އެވެ.27

ވަޅުގަނޑަށް ވެއްޓިވަޑައިގެން އޮންނެވި އިރު، އެކަލޭގެފާނުގެ ކޯފުޅުން ދިޔައީ ލޭފައިބަމުންނެވެ. އެކަލޭގެފާނުގެ އަތްޕުޅުން މޫނު ފޮހެލެއްވުމުން ފެނިވަޑައިގަތީ އަތްޕުޅާއި ތުނބުޅި ލެއިން ތަތްތެޅިފައިވާ ތަނެވެ. ލޭ ތިއްކެއް ބިން މައްޗަށް ފޭބުމުގެ ކުރިން جبريل (‏عليه السّلام)‏ ވަޑައިގެން ބަރަކާތްތެރި ލޭފޮދު ނަންގަވާފައި ވިދާޅުވި އެވެ. "އޭ ﷲ ގެ ޙަބީބެވެ! الله تعالى އަށް ޓަކައި، މި ލެއިން އެންމެ ތިއްކެއް ނަމަވެސް ބިން މައްޗަށް ވެއްޓުނު ނަމަ ޤިޔާމަތަށް ދާންދެން ބިންމަތީ ގައި އެއްވެސް ގަހެއް ނުހެދޭނެ އެވެ". އެކަލޭގެފާނު ޝަހީދުކޮށްލަން މަސައްކަތްކޮށް، އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅު ގައި ކަނޑިން ޖަހައި، އެކަލޭގެފާނުގެ ތަތްޕުޅު ބިންދައި، އެކަލޭގެފާނުގެ މޫނުކޮޅުން ލޭއޮހޮރުވި މީހުންނަށް ހިދާޔަތު ދެއްވުމަށް رَسُوْلُ اللهِ ﷺ ދުޢާކުރައްވަމުން ގެންދެވި އެވެ. "ތިމަންކަލޭގެފާނުގެ ހަށިކޮޅުން އެންމެ ލޭ ތިއްކެއް ބިން މައްޗަށް ފޭބި ނަމަ، އުޑުން ޢަޒާބު ފާކުރައްވާނެތެވެ. އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އަޅާގެ ޤައުމުގެ މީހުންނަށް ޢަފޫކޮށްދެއްވާދޭވެ! އެހެނީ އެ މީހުންނަށް ނޭނގެނީ އެވެ".

އެ ވަގުތު، كعب بن مالك ހަޅޭލަވައިގެންފައި ވިދާޅުވި އެވެ. "އޭ މުސްލިމުންނޭވެ! އުފާވެރި ޚަބަރު ހުއްޓެވެ! رَسُوْلُ اللهِ ﷺ މި އޮންނެވީ އެވެ"! މި އަޑު އަހާފައި ޞަޙާބީން އެ ދިމާލަށް ވަޑައިގެންނެވި އިރު ހީވީ އާ ދިރިއުޅުމެއް ދެވުނުހެންނެވެ. علي އަދި طلحة بن عُبيدُالله (‏رضي الله عنهما)‏ ވަގުތުން އެތަނަށް ވަޑައިގެން އެކަލޭގެފާނު އެ ވަޅުގަނޑުން ނެންގެވި އެވެ. رَسُوْلُ اللهِ ﷺ ގެ ކޮލުކަށިގަނޑަށް ދަތްޕުޅާ އެކު ވަދެފައި ހުރި ހެލްމެޓުގެ ރިންގުތައް ނެންގެވީ أبو عُبيدة بن جرّاح (‏رضي الله عنه)‏ އެވެ. މި ދަނގަނޑު އެތިކޮޅުތައް ނަގަމުން ދިޔަ ވަގުތު އެކަލޭގެފާނުގެ އަނގަކޮޅުގެ ކުރިމަތީ ދެދަތްޕުޅެއް އުފުރިއްޖެ އެވެ. ޞަޙާބީއެއް ކަމުގައިވާ މާލިކު ބިން ސިނާން رَسُوْلُ اللهِ ﷺ ގެ މޫނުކޮޅު ގައި ހުރި ލޭފޮދު ލޮއެލައްވައިފި އެވެ. މިކަމާ ވިދިގެން حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ލެއާ އެއްވެފައިވާ ލޭ ހުރި މީހެއް ގައިގައި ނަރަކައިގެ އަލިފާން ނުހިފާނެ އެވެ".

މުޝްރިކުން އަނެއްކާ ވެސް ޙަމަލާއެއް ދީފި އެވެ. رَسُوْلُ اللهِ ﷺ އާ އަލުން ގުޅުމުގެ އުފަލުގައި އަޞްޙާބު ބޭކަލުން ގެ ވަށައިގެން ވަށްބުރެއް ގައި އެތުރިލައި، އެއްވެސް މުޝްރިކަކު އެކަލޭގެފާނުގެ އަރިހުގައި އެއްވެސް މުޝްރިކަކު ނުބަހައްޓަވައެވެ. رَسُوْلُ اللهِ ﷺ އަށް އެއްވެސް ކަމެއް ދެން އެ މީހުންނަށް ނުކުރެވޭނެކަން ރޭކާލައިގެން، މުޝްރިކުން ފަރުބަދައާ ދިމާލަށް ދާން ފަށައިފި އެވެ. سعد بن أبي وقّاص (‏رضي الله عنه)‏ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ މީހުން މިކޮޅަށް އަނބުރާލައްވާށެވެ". ސަޢުދުގެފާނު އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ އަތުގައި އޮތީ އެންމެ ދުންޏެކެވެ. އަޅުގަނޑު އެ މީހުން އަނބުރާލާނީ ކިހިނެއް ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ހަމަ އެ އެންގެވުން ތަކުރާރުކުރެއްވި އެވެ. އެހިސާބުން، ދުނިޖެހުންތެރިންގެ ވެރިޔާ سعد بن أبي وقّاص (‏رضي الله عنه)‏ އޭނާގެ ދުނިއުރައިން ދުންޏެއް ނަންގަވައި، ފޮނުއްވާލައިފި އެވެ. އެ ދުނީގެ އަމާޒަށް އަރައި، މުޝްރިކަކު ވެއްޓިއްޖެ އެވެ. އޭނާ އޭނާގެ ދުނިއުރަޔަށް އަނެއްކާ އަތްފޯރުވާލި އިރު، އޭނާ އަށް ފެނުނީ އެހެން ދުންޏެއް އޮތް ތަނެވެ. އޭނާ އެއަށް ފަރުވާތެރިކަމާ އެކު ބައްލަވާލެއްވި އެވެ؛ އެއީ، ކުރިން ފޮނުވި ދުންޏެވެ. އެހެން މުޝްރިކަކު މަރުވެއްޖެ އެވެ. މިގޮތަށް އެތައް ފަހަރަކު ކަންވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތެއްގެ ގޮތުން، ސަޢުދުގެފާނަށް ފެނުނީ އެއް ދުންޏެއް ކޮންމެ ފަހަރަކު އޭނާގެ ދުނިއުރައިގައި އޮންނަ ތަނެވެ. ޤުރައިޝުންނަށް، އެމީހުންގެ މީހުން މީހަކަށް ފަހު މީހަކު މަރުވަމުންދާ ތަން ފެނުމުން، ފަރުބަދަ އަށް އެރުން މަޑުޖައްސާލައިފި އެވެ. އެ މީހުން ތިރިއަށް ފައިބައި ފަހަތަށް ޖެހިލައިފި އެވެ.

"ﷲ ގެ ރަސޫލާ އަށް ޠަލްޙަތު އެހީވުމުން، ސުވަރުގެ އޭނާ އަށް ޟަރޫރީވެއްޖެ އެވެ".
حديث الشّريف

އެމީހުންގެ ތެރޭގައި، އުބައްޔު ބިން ޚަލަފު އޭނާގެ އަސް އާ ދިމާލަށް ދުއްވާލާފައި ގޮސް އަޅޭލަވައިގެންފައި ބުންޏެވެ. "ރަސޫލެއް ކަމަށް ދަޢުވާކުރާ ކަލޭގެފާނު ކޮބައި ހެއްޔެވެ؟ އެ ބޭކަލަކު އަހަންނާ ކުރިމަތިލައި ހަނގުރާމަކޮށްބަލާށެވެ". އަޞްޙާބު ބޭކަލުން އޭނާ އާ ކުރިމަތިލާން ބޭނުންވި ކަމުގައި ވިޔަސް، رَسُوْلُ اللهِ ﷺ އެ ހުއްދަ ނުދެއްވި އެވެ. އެކަލޭގެފާނު، حارث بن الصمّة ގެ ލޮންސި ނަންގަވައިގެން ކުރިޔަށް ޖެހިލައްވައިފި އެވެ. ގޮތްކުޑަ އުބައްޔު އޭނާގެ އަސް ދުއްވާލާފައި އަންނަމުން ބުނެފި އެވެ. "އޭ محمّدގެފާނެވެ! ކަލޭގެފާނު އަވަހާރަނުވެއްޖެއްޔާ އަހަރެން މަރުނުވެ ސަލާމަތެއް ނުވާނެ އެވެ"! އޭނާ ހުރީ ބޮލުން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް ދަނގަނޑު ދަހަނާ އަޅާފައެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ލޮންސި އުބައްޔުގެ ކަރާ ދިމާލަށް ފޮނުވާލައްވައިފި އެވެ. އެ ލޮންސި އެ ދިޔަގޮތަށް ގޮސް އޭނާގެ ހެލްމެޓާއި، ދަހަނާގެ ގިރުވާނާ ދޭތެރެއަށް ކަރަށް ހެރިއްޖެ އެވެ. އުބައްޔު ގެރިއެއް ހެން ހޭރެމުން އޭނާގެ އަސް މަތިން ބިންމައްޗަށް ވެއްޓިއްޖެ އެވެ. އޭނާގެ އަރިކަށިތައް ބިންދައިގެން ގޮސްފި އެވެ. މުޝްރިކުން އޭނާ އުފުއްލާލައިގެން ގެންގޮސްފި އެވެ. އެ ގެންދިޔަ މަގުމަތީ ގައި އޭނާ މަރުވެއްޖެ އެވެ. އޭރު "އަހަރެން މަރާލީ محمّدގެފާނެވެ"! މިހެން ގޮވަމުންދިޔައެވެ.

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީން އަރިހުގައި ތިއްބަވައިގެން، أُحد ފަރުބަދައިގެ ހިލަތަކާ ދިމާލަށް އަރާވަޑައިގަންނަވަން ފަށްޓަވައިފި އެވެ. އެ ހިލަތަކާ ހަމައަށް އެކަލޭގެފާނަށް ވަޑައިގެންނެވުމުން، ބޭނުންފުޅުވީ މައްޗަށް އަރާވަޑައިގަންނަވާށެވެ. رَسُوْلُ اللهِ ﷺ އަށް ކެތްކުރެވޭ ވަރެއް ނުވިއެވެ. އެހެނީ، އެކަލޭގެފާނު އޭރު ވަނީ ވަރަށް ބޮޑަށް ވަރުބަލިވެ ވަޑައިގެންފައެވެ. ދެ ދަނގަނޑު ދަހަނާ މަތިމައްޗަށް ތުރުކުރައްވައިގެން ހުންނެވި އިރު، އޭރު އެކަލޭގެފާނުގެ ހަށިކޮޅުގައި ހަތްދިހަ އަށް ވުރެ ގިނަ ކަނޑީގެ ޙަމަލާ އަރާފައި ވެއެވެ. އެއާ އެކު، طلحةގެފާނު، އެކަލޭގެފާނުގެ ބުރަކަށި މަތީގައި ހިލަތަކުގެ މައްޗަށް رَسُوْلُ اللهِ ﷺ އުފުއްލެވި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ﷲ ގެ ރަސޫލާ އަށް طلحة އެހީވުމުން، ސުވަރުގެ އޭނާ އަށް ޟަރޫރީވެއްޖެ އެވެ". އެކަލޭގެފާނުގެ ހަށިކޮޅު ގައި ވަރެއް ނެތުމުން، އެކަލޭގެފާނު ޢަޞްރު ނަމާދު ކުރެއްވީ އިށިނދެ އިންނަވައިގެންނެވެ.

ފަރުބަދައިގެ ބުޑުގައި، ޞަޙާބީން ގެންދެވީ ސިންގާތަކެއް ފަދައިން މުޝްރިކުންނަށް ޙަމަލާދެއްވަމުންނެވެ. رَسُوْلُ اللهِ ﷺ ގެ ހަށިކޮޅު ގައި ޖެހި މީހުންގެ ޙަޔާތް ނުކުޅަދާނަވާ ވަރު އެ ބޭކަލުން ކޮށްލެއްވި އެވެ. އެ ވަގުތު، ޙާޠިބު ބިން އަބީ ބަލްތަޢާ (‏رضي الله عنه)‏، رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން އެއްސެވި އެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާފާދޭވެ! މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނަށް މިހެން ހެދީ ކާކު ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "عُتبة بن أبي وقّاص ހިލަގަނޑެއް ތިމަންކަލޭގެފާނާ ދިމާލަށް އެއްލީމާ، އެ ހިލަގަނޑުން ތިމަންކަލޭގެފާނުގެ މޫނުކޮޅުގައި ޖެހިފައި ތިމަންކަލޭގެފާނުގެ ކުރިމަތީ ދަތެއް ބިންދާލީ އެވެ". ޙާޠިބުގެފާނު އަނެއްކާ ވެސް އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އޭނާ ދިޔައީ ކޮން ދިމާލަކަށް ތޯ އެވެ"؟ އޭނާ ދިޔަ ދިމާ رَسُوْلُ اللهِ ﷺ ކިޔައިދެއްވި އެވެ. ޙާޠިބުގެފާނު އެ ދިމާލަށް ދުއްވައިގެންފި އެވެ. ހޯދުމަށް ފަހު އޭނާ އަށް عُتبة ފެނިއްޖެ އެވެ. عُتبة އަހުން ބާލުއްވައި ޖެހި އެއް އެތިފަހަރުން އޭނާގެ ބޯ ބުރިކޮށްލައްވައިފި އެވެ. عُتبةގެ ބޯ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންނަވައި، އުފާވެރި ޚަބަރު ދެއްވި އެވެ. رَسُوْلُ اللهِ ﷺ ޙާޠިބަށް ދުޢާކޮށްދެއްވި އެވެ. "الله تعالى ތިބާ އަށް ރުހިވޮޑިގަންނަވާދޭވެ! الله تعالى ތިބާ އަށް ރުހިވޮޑިގަންނަވާދޭވެ"!

އަލުން އިންތިޒާމްވެ ޙަމަލާދެއްވި ޞަޙާބީންނާ އިދިކޮޅަށް މުޝްރިކުންނަށް ހިފަހައްޓާނުލެވުނެވެ. އެ މީހުންގެ ތެރެއިން ތިރީސް މީހުން މަރުވެފައި ވާ އިރު، އެ މީހުން ހަނގުރާމައިގެ މައިދާން ދޫކޮށް، މައްކާ އަށް ދިއުމަށް ދަތުރ ފަށައިފި އެވެ. رَسُوْلُ اللهِ ﷺ ޝަހީދުވީ ޚަބަރު މަދީނާ އާ ހަމައަށް ފޯރައިފި އެވެ. فاطمة، عائشة، އުއްމު ސުލައިމް، أُمُّ أَيمن، حمنة بنت جحش އަދި قُعيبة (‏رضي الله عنهن)‏ އުޙުދާ ދިމާލަށް ދުވެފައި ދުރުވެއްޖެ އެވެ. ބައްޕާފުޅު رَسُوْلُ اللهِ ﷺ ޒަޚަމްވެފައި ހުންނެވި ތަން ފެނުމުން فاطمةގެފާނަށް ކީރިތި ކުރެވިއްޖެ އެވެ. رَسُوْلُ اللهِ ﷺ އެކަމަނާ ހަމަޔަކަށް އެޅުއްވި އެވެ. عليގެފާނު އެކަލޭގެފާނުގެ އައްޑަނައަށް އަޅުއްވައިގެން ފެން ފޮދެއް ގެންނެވި އެވެ. އެ ފެނުން فاطمةގެފާނު رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ވެގެންވާ މޫނާއި، އެކަލޭގެފާނުގެ ހަށިކޮޅު ގައި ހުރި ލޭ ދޮވެލެއްވި އެވެ. އެހެން ނަމަވެސް، އެކަލޭގެފާނުގެ މޫނުފުޅުން އޮހޮރެމުންދިޔަ ލޭ މަނަލެއް ނުވި އެވެ. فاطمةގެފާނު ހުއިކޮޅެއް އަންދާލައްވާފައި، އޭގެ އަޅި ކެނޑިފައިވާ ތަނުގައި އެޅުއްވުމުން ލޭ މަނާވެއްޖެ އެވެ.28

ދެން އެކަލޭގެފާނު ވަޑައިގަތީ ހަނގުރާމައިގެ މައިދާނަށެވެ. އެންމެ ފުރަތަމަ، ޒަޚަމްވެފައިވާ މީހުން ފާހަގަކޮށް، އެ އެންމެންގެ ފާރުތަކުގައި ބޭސް އެޅުނެވެ. މުޝްރިކުން، ބައެއް ޝަހީދުން ވަކިނުކުރެވޭ ވަރު ވަނީ ކޮށްފައެވެ. އެގޮތުން ބައެއް ބޭކަލުންގެ ކަންފަތާއި، ނޭފަތާއި، އެހެނިހެން ގުނަވަންތައް ކަނޑާ ވަކިކޮށް، ބަނޑު ފަޅާލައިފައި ވެއެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ، عبدالله بن جحش (‏رضي الله عنه)‏ އެވެ. މި ޙާލަތު ފެނިވަޑައިގެން، رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ ޞަޙާބީން ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. އެކަލޭގެފާނުގެ އެންމެ ފާހަގަކުރެވޭ ޞަޙާބީން ވަނީ ޝަހީދުވެގެން ދިޔައީ، أُحدގެ ބިންގަނޑަށް އެ ބޭކަލުންގެ ލޭ އޮހޮރުވައިގެން، ސުވަރުގެ އަރުއްވައިފައެވެ. އެހެން ނަމަވެސް، ޝަހީދުންނާ ދޭތެރޭ ޢަމަލުކޮށްފައިމިވާ ގޮތަކީ، ބަލަން ކުޅަދާނަ މަންޒަރެއް ނޫނެވެ. رَسُوْلُ اللهِ ﷺ އާއި ހުރިހާ ޞަޙާބީން ތިއްބެވީ ހިތާމައިން ފުރިފައެވެ. މި މަންޒަރު ފެނިވަޑައިގެން رَسُوْلُ اللهِ ﷺ ކީރިތި ކުރެއްވި އެވެ. "މި ޝަހީދުން އެ ބޭކަލުންގެ ފުރާނަތައް ޤުރުބާންކުރެއްވީ الله تعالى ގެ މަގުގައި ކަމަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނު ހެކިވެލައްވާނަމެވެ. އެ ބޭކަލުން އެ ބޭކަލުންގެ ލެޔާ އެކު ވަޅުލާށެވެ. ﷲ ގަންދީ ހުވާކުރައްވަމެވެ. އެ ބޭކަލުން ޤިޔާމަތް ދުވަހު މަޙްޝަރަށް29 އަންނާނީ އެ ބޭކަލުންގެ ޒަޚަމްތަކުން ލޭފައިބަފައިބާ ތިބޭ ޙާލުގައެވެ. އެ ބޭކަލުންގެ ލޭގެ ކުލައަކަށް ވާނީ ލޭގެ ކުލައެވެ. އަދި އެ ބޭކަލުންގެ ލޭގެ ވަހަކަށް ވާނީ ކޮމަކަސްތޫރީގެ ވަހެވެ".

"އޭ ޙަމްޒާ އެވެ! ކަލޭގެފާނު ފަދައިން ވޭން ތަޙައްމަލުކުރި އެހެން މީހަކު ނެތެވެ. އޭ މާތް ﷲ ގެ ރަސޫލާގެ ބޮޑުބޭބެ އެވެ! އޭ الله تعالى އާއި އެކަލާނގެ ރަސޫލާގެ ސިންގާ ކަމުގައިވާ ޙަމްޒާ އެވެ! ހެޔޮކަންތައްތައް ކުރެއްވި ޙަމްޒާ އެވެ! މާތް ﷲ ގެ ރަސޫލާ ޙިމާޔަތްކުރެއްވި ޙަމްޒާ އެވެ! ތިބާގެ މައްޗަށް ރަޙުމްކުރައްވާދޭވެ".
حديث الشّريف

رَسُوْلُ اللهِ ﷺ حديثކުރެއްވާފައި ވެއެވެ. "ތިމަންކަލޭގެފާނަކަށް حمزة ނުފެނެއެވެ. އެކަލޭގެފާނަށް ވީ ކިހިނެއް ހެއްޔެވެ"؟ عليގެ ފާނު ހޯއްދެވުމަށް ފަހު حمزة ގެފާނު ފެނިއްޖެ އެވެ. رَسُوْلُ اللهِ ﷺ ވަޑައިގެން ހިތަށް ނުގެނެވޭ ވަރުގެ މަންޒަރު ފެނިވަޑައިގެން ތަޙައްމަލުކުރައްވަން ވަރަށް އުނދަގޫފުޅު ވިއެވެ. حمزة ގެފާނުގެ ދެ ކަންފަތާއި، ނޭފަތާއި، އެހެން ގުނަވަންތައް ވަނީ ކަނޑާފައެވެ؛ އެކަލޭގެފާނުގެ މޫނު އެނގޭވަރެއް ނޫނެވެ؛ އެކަލޭގެފާނުގެ ބަނޑު ވަނީ ފަޅާލާއި، ފުއްޕާމޭ ނަގާފައެވެ. ލޯފުޅުން ކަރުނަފޮދު އޮހޮރޭ ޙާލުގައި رَسُوْلُ اللهِ ﷺ حمزة ގެފާނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އޭ حمزة އެވެ! ކަލޭގެފާނު ފަދައިން ވޭން ތަޙައްމަލުކުރި އެހެން މީހަކު ނެތެވެ. އޭ މާތް ﷲ ގެ ރަސޫލާގެ ބޮޑުބޭބެ އެވެ! އޭ الله تعالى އާއި އެކަލާނގެ ރަސޫލާގެ ސިންގާ ކަމުގައިވާ حمزة އެވެ! ހެޔޮކަންތައްތައް ކުރެއްވި حمزة އެވެ! މާތް ﷲ ގެ ރަސޫލާ ޙިމާޔަތްކުރެއްވި حمزة އެވެ! ތިބާގެ މައްޗަށް ރަޙުމްކުރައްވާދޭވެ"!

އެ ވަގުތު، އަންހެނަކު ވަރަށް ބާރަށް އަންނަ ތަން ފެނެއެވެ. އެއީ، رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑުދައިތަ صفيّة (‏رضي الله عنها)‏ އެވެ. އެހެން އަންހެންވެރިން ފަދައިން، (‏ޝަހީދުވެއްޖެ ކަމުގެ އަޑު އެކަމަނާ އަށް އިވުމުން، އެކަމަނާ އެހެން ހުރިހާ ކަމެއް ހަނދާންނެތި އުޙުދަށް އަވަސް އަވަހަށް ދުރުވީ އެވެ. رَسُوْلُ اللهِ ﷺ އަށް އެކަލޭގެފާނުގެ ބޮޑުދައިތަ ފެނިވަޑައިގަތުމުން، އެކަމަނާ އަށް ޝަހީދުން ތިއްބެވި ގޮތް ތަޙައްމަލުނުކުރެވޭނެ ކަމަށް ހީފުޅުކުރައްވައި، އެކަމަނާގެ ދަރިފުޅު زُبير ބިން ޢައްވާމަށް حديث ކުރެއްވި އެވެ. "ތިބާގެ މަންމަ އަނބުރާ ފޮނުވާލާށެވެ. އޭރުން، އެކަމަނާގެ އަޚާގެ މުޅަ މަސްގަނޑު ނުފެންނާނެ އެވެ". ޙަފްޞަތުގެފާނު އެ ކަމަނާގެ ދަރިފުޅުގެ ކައިރީގައި އެހިއެވެ. "ދަރިފުޅާ އެވެ! މާތް ﷲ ގެ ރަސޫލާގެ ޚަބަރު ދޭށެވެ". عليގެފާނު ވެސް އެ ބޭފުޅުން ކައިރި އަށް ދުރުވި އެވެ. އޭނާ، "الحمد لله30، ﷲ ގެ ރަސޫލާގެ ޙާލުކޮޅު ރަނގަޅެވެ"، މިހެން ވިދާޅުވުމުން، އެ ކަމަނާ ހިތްހަމަޖެހުނެވެ. އެކަމަކު "އެކަލޭގެފާނު އަހަންނަށް ދައްކާށެވެ"، މިހެން ވިދާޅުނުވެ ނުހުންނެވުނެވެ. ދެން، عليގެފާނު، رَسُوْلُ اللهِ ﷺ އާ ދިމާލަށް އިޝާރާތްކުރެއްވި އެވެ. ޞަފިއްޔަތުގެފާނަށް، ދެ ދުނިޔޭގެ އިރު ދިރިހުންނެވި ތަން ފެނުމުން، އެކަމާ އުފާކޮށް އަށް ޙަމްދުކުރެއްވިއެވެ. އެ ވަގުތު އެ ކަމަނާ ބޭނުންފުޅުވީ އެކަމަނާގެ އަޚާ حمزة ގެފާނުގެ ޙާލު ބެއްލެވުމަށެވެ. ދެން އެކަމަނާގެ ދަރިފުޅު زُبيرގެފާނު ވިދާޅުވި އެވެ. "މަންމާއެވެ! ﷲ ގެ ރަސޫލާ އަންގަވަނީ މަންމަ އެނބުރި ދިއުމަށެވެ". އެ ކަމަނާ ވިދާޅުވި އެވެ. "އަހަރެން އޭނާ އަށް ވީގޮތެއް ނުބަލައި، އެނބުރި ދާ ނަމަ، އަހަރެންގެ މަންމަގެ ހަށިގަނޑާ ކުޅެފައިވާ ކަން އަހަންނަށް މިހާރު ވެސް އެނގެއެވެ. އޭނާ އަށް الله تعالى ގެ މަގުގައި މި ހާލަތު ކުރިމަތިވެއްޖެ އެވެ. މި މަގުގައި އެންމެ ނުބައި ގޮތް ވެދާނެ ކަމަށް އަހަރެމެން ތައްޔާރެވެ. ގެ ކިބަފުޅުން އެކަމުގެ ޘަވާބު ލިބުމުގެ އުއްމީދު ކުރަމެވެ. އަހަރެމެން ކެތްތެރިވެ ތަޙައްމަލުކުރާނަމެވެ". زُبيرُ بن عوّام رضي الله عنه)‏ رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން މި ކަން ރިޕޯޓްކުރެއްވުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވީ "އެހެންވެއްޖަކަމަށް ވާ ނަމަ، އެކަމަނާ އަށް ދައްކާށެވެ"، މިހެންނެވެ.

صفيّة ގެފާނު حمزة ގެފާނުގެ ހަށިގަނޑުގެ ކައިރީ އިށިނދެ އިންނަވައި، މަޑުމައިތިރި ކަމާއެކު ކަރުނަ އޮއްސެވި އެވެ.

صفيّة ގެފާނު ވަޑައިގެންނެވި އިރު، ދެ ސުވިޓަރ އެ ކަމަނާ އާ އެކު ގެންނެވި އެވެ. އެތަކެތި ނަންގަވަމުން އެ ކަމަނާ ވިދާޅުވި އެވެ. "އަހަރެން މި ތަކެތި މި ގެނައީ އަހަރެންގެ އަޚާ އަށެވެ. މި ތަކެތި އެ ކަލޭގެފާނުގެ ގައިގައި އޮޅާލައްވާށެވެ". އެ މީހުން ސައްޔިދުއް ޝުހަދާއު، ނުވަތަ ޝަހީދުންގެ ސައްޔިދު، އެތަނުން ސުވިޓަރަކުން އޮޅާލެއްވި އެވެ.31

ދިދައުފުލާ مُصعب بن عُمير ގެ އަރިހަށް ﷲ ގެ ރަސޫލާ ވަޑައިގަތެވެ. مُصعب ގެފާނުގެ ދެ އަތްތިލަ ވަނީ ކަނޑާލާފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ތަންނަތަނުން ޒަޚަމްވެފައެވެ. އެކަލޭގެފާނުގެ ވަށައިގެންވަނީ ލޭގެ ކޯރެކެވެ. އަނެއްކާ ވެސް رَسُوْلُ اللهِ ﷺ އެކަމާ ވަރަށް ބޮޑަށް ހިތާމަ ފާޅުކުރައްވައިފި އެވެ. އަދި އެ ޝަހީދުންނާ މުޚާޠަބުކުރައްވަމުން ކީރިތި قرآن ގެ سورة الأحزاب ގެ 23 ވަނަ އާޔަތް ތިލާވާކުރެއްވި އެވެ. (‏‏‏‏مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا ‎﴿٢٣﴾)‏ * الأحزاب: 23)‏ މާނައީ: "ﷲ އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިން ވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (‏شهيد ވެ)‏ މަރުވެގެންދިޔަ ބަޔަކު ވެއެވެ. އަދި (‏شهيد ވުމަށް)‏ إنتظار ކުރާ ބަޔަކު ވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (‏އެ عهد އަކަށް)‏ އެއްވެސް ކަހަލަ ބަދަލެއް ނުގެނެއެވެ".

ދެން، އެކަލޭގެފާނާ ޖެހިގެން ތިބި މީހުންނާ ދިމާލަށް އެނބުރިލައްވާފައި حديث ކުރެއްވި އެވެ. "މި މީހުންނަށް ޒިޔާރަތްކުރާށެވެ. އެ މީހުންނަށް މަރުޙަބާ ކިޔާށެވެ. އެ ބޭކަލުންނަށް މި ދުނިޔޭގައި މަރުޙަބާކިޔާ މީހުން، މި މަތިވެރިވެގެންވާ ޝަހީދުން އޭގެ ބަދަލުގައި ޤިޔާމަތް ދުވަހުން މަރުޙަބާ ކިޔާނެ ކަމަށް ތިމަންކަލޭގެފާނު الله تعالى ގަންދެއްވަމެވެ".

مُصعب بن عُمرُ ގައިގައި އަޅާނެ ފޮތިގަނޑަކަށް އެއްވެސް އެއްޗެއް އެ ބޭކަލުންނަށް ފެންނަ ގޮތެއް ނުވިއެވެ. އޭނާގެ އަމިއްލަ ޖުއްބާ އިން އޭނާގެ ހަށިގަނޑު ފުރިހަމައަށް ނުފޮރުވެއެވެ. އޭނާގެ ބޯ ފޮރުވައިފިއްޔާ އޭނާގެ ފައި އޮންނަނީ ކަޝްފުވެފައެވެ. އަދި އެކަލޭގެފާނުގެ ފަޔާ އެކު ފޮރުވައިފިއްޔާ އޭނާގެ ބޯ ކަޝްފުވެއެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ ޖުއްބާ އިން އޭނާގެ ބޯ ފޮރުވާށެވެ. އަދި އޭނާގެ ފައި އިޒްހީރު ގަހުން ފޮރުވާށެވެ". އޭނާގެ ޙަޔާތް އިސްލާމް ދީނަށް ޚިދުމަތްކުރުމުގައި ހޭދަކުރި، އަދި އެ ސަބަބަށް ޓަކައި ޝަހީދެއްގެ ދަރަޖަ ލިބުނު މި އުފާވެރި ޞަޙާބީ މި ދުނިޔެ ދޫކުރެއްވީ ހެދުމެއްގެ އެއްބައިގައެވެ.32

އެހެން ޝަހީދުން، އެ ބޭކަލުންގެ ޖަނާޒާ ނަމާދު ކުރުމަށް ފަހު، ކަށްވަޅުތަކަށް ލެވުނީ އެ ބޭކަލުންގެ ލެއިން ތަތްތެޅިފައިވާ ހެދުމުގައި، ދޭއް ނުވަތަ ތިން ބޭކަލުންގެ (‏رضي الله عنهم)‏ ގުރޫޕް ގުރޫޕަށެވެ. أُحد ހަނގުރާމައިގައި ހަތްދިހަ ބޭކަލުން ޝަހީދުވި އެވެ. އޭގެ ތެރެއިން ފަސްދޮޅަސް ހަތަރު ބޭކަލުންނަކީ އަންޞާރުންނެވެ. އަދި އޭގެ ތެރެއިން ހަ ބޭކަލުންނަކީ މުހާޖިރުންނެވެ.

ގިނަ އަޞްޙާބު ބޭކަލުންގެ ތިމާގެ މީހުން ޝަހީދުވި އެވެ. މި ސަބަބަށް ޓަކައި، އެ ޞަޙާބީންގެ ހިތްތައް ވަނީ ޒަޚަމްވެފައެވެ. ސަލާމަތްވީ ޞަޙާބީންނަށް ތަސައްލީއެއް ގެނެސްދެއްވުމަށް ޓަކައި، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މާތް ﷲ ގަންދެއްވާ حديث ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ޞަޙާބީންނާ އެކު ޝަހީދެއްގެ ދަރަޖަ ޙާޞިލުކުރައްވައި، أُحد ފަރުބަދައިގެ މެދުގައި ރޭގަނޑު ހޭދަކުރެވުނު ނަމައޭ ތިމަންކަލޭގެފާނުގެ ހިތަށް އަރައެވެ. ތިޔަބައި މީހުންގެ އަޚުން ޝަހީދުވުމުން، الله تعالى އެ މީހުންގެ ފުރާނަތައް ލެއްވީ ފެހި ދޫނީގެ ކުރަނޑީގައެވެ. އެ ދޫނިތައް ސުވަރުގޭގެ ކޯރުތަތަކަށް ގޮސް އެ ކޯރުތަކުގެ ފެން ބޮއެވެ. އެ ދޫނިތައް މޭވާ ކައެވެ. އެ ދޫނިތަކަށް ސުވަރުގޭގެ ކޮންމެ ކަނެއް ފެނެއެވެ. އެ ދޫނިތައް އުދުހެނީ، އެތާނގައިވާ ފިނިފެންމަލުގެ ބާގީޗާތަކުގައެވެ. ދެން އެ ދޫނިތައް، عرش الأعلى (‏މާއްދާގެ ނިމުން، ހަތް އުޑާއި كرس އާ ގުޅޭ ހިސާބު. އެއީ، ހަތް ވަނަ އުޑުގެ ބޭރު އަދި عرشގެ އެތެރެ)‏ ގެ ދަށުގައި އެލުވިފައިވާ ރަން ބައްތިތަކަށް ވަދެ، ހަވީރުގެ ވަގުތުތައް ހޭދަކުރަނީ އެތާގައެވެ. އެބައި މީހުންނަށް އެ ތާނގައިވާ ކެއުންތަކާއި، ބުއިންތައް ފެނި އޭގެ ރަހަލިބުމުން އެ މީހުން ބުނަނީ، 'الله تعالى އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތައް އަހަރެމެންގެ އަޚުންނަށް އެނގޭ ނަމަ، އެ މީހުން ޖިހާދުކުރުމަށް ޖެހިލުންވެ، ހަނގުރާމަކުރުމަށް ބިރުން ޢަދުއްވުންނާ ދުރަކަށް ނުދާނެތެވެ.' الله تعالى ވަޙީކުރައްވާފައިވަނީ، 'ތިމަންރަސްކަލާނގެ އެބައި މީހުންނަށް ތިޔަބައި މީހުންގެ ޙާލަތު އަންގަވައިދެއްވާނަމެވެ'. ކީރިތި قرآن ގެ سورة آل عمران ގެ 169-171 ވަނަ އާޔަތްތައް ބާވައިލެއްވި އެވެ. (‏وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ‎﴿١٦٩﴾‏ فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿١٧٠﴾‏ ۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ ‎﴿١٧١﴾‏‏‏)‏33 * آل عمران : 169-171)‏ މާނައީ: 'ﷲ ގެ މަގުގައި ހަނގުރާމަކޮށް شهيد ވި މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ. (‏169)‏ (‏އެއުރެން ތިބޭހުށީ)‏ ﷲ، އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާ މެދު، އުފާކުރާ حال ގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށް ތިބި މީހުންނާ މެދު އެއުރެންގެ މައްޗަށް ބިރެއް ނެތް ކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާ ކަމާ މެދު، އެއުރެން އުފާކުރާ حال ގައެވެ. (‏170)‏ އެއުރެން (‏ވަނީ)‏ ﷲ ގެ حضرة ން ދެއްވާ نعمة އާއި، فضل ވަންތަކަމަށާއި، އަދި، ހަމަކަށަވަރުން ﷲ، مؤمن ންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭ ކަމަށް އުފާކުރާ ގޮތުގައެވެ'. (‏171)‏ '. الله تعالى އެބައި މީހުންނަށް ފާޅުވެވޮޑިގެން ވަޙީކުރެއްވި އެވެ. 'އެ ތިމަންރަސްކަލާނގެ ޚާދިމުންނޭވެ! ކަލޭމެން ބޭނުން ކޮންމެ އެއްޗެއް ބުނާށެވެ. ތިމަންރަސްކަލާނގެ އެ އެއްޗެއް ގިނަގުނައިން ދެއްވާހުށީމެވެ'. އެބައި މީހުން ޖަވާބު ދިނެވެ. 'އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އެ ނިޢުމަތްތަކަކަށް އެދޭ، ތިބަރަސްކަލާނގެ އަޅަމެންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ވުރެ ރަނގަޅު ނިޢުމަތެއް ނެތެވެ. އަޅަމެން ސުވަރުގޭގައި އަބަދު ވެސް ކަނީ، އަޅަމެން ބޭނުން ކޮންމެ އެއްޗެކެވެ. އެހެން ނަމަވެސް، އަޅަމެން އެއްވެސް ކަމަކަށް އެދިއެދި ތިބި ނަމަ، އަޅަމެން އެދެނީ އަޅަމެންގެ ފުރާނަތައް އަޅަމެންގެ ހަށިތަކަށް އެނބުރި ރުޖޫޢަވެ، ދުނިޔެ އަށް އެނބުރި ގޮސް އިބަރަސްކަލާނގެ މަގުގައި ހަނގުރާމަކޮށް އަނެއްކާ ވެސް މަރުވުމެވެ'".

އެ ތާނގައި ދެން އިތުރަށް ކުރާނެ ކަމެއް ނެތެވެ. އެ މީހުން އެއްވެ އެތިގަނޑަކަށް ވެއްޖެ އެވެ. ﷲ ގެ މަގުގައި ޖިހާދަށް މާނައަކީ، الله تعالى ގެ ދީން ފެތުރުމަށް އައި أُحد ގައި ތާރީޚު ގައި ކުރިން ނުހިނގާ ކަމެއް ހިނގައިފި އެވެ. ޞަޙާބީންގެ ހިތްވަރުގަދަކަމުގެ ގިނަ ކަންތައްތަކާއި، ހިތަށް ނުގެނެވޭ ފަދަ އަދި ހުވަފެނުން ވެސް ނުދެކޭ ފަދަ ކަންތައްތައް ހިނގައިފި އެވެ. އަދި ކާފަރުންނަށް އެހެން ފިލާވަޅެއް ވެސް ވަނީ އުނގަންނައިދެވިފައެވެ.

"ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ! މިހާރު އަހަރެމެން މިވަނީ ކުޑަ ޖިހާދުން އެނބުރި އައިސްފައެވެ؛ އަހަރެމެން ފަށްޓާނީ ބޮޑުޖިހާދެވެ".
حديث الشّريف

رَسُوْلُ اللهِ ﷺ އަލިވެގެންވާ މަދީނާއާ ދިމާލަށް އެކަލޭގެފާނުގެ ޞަޙާބީންނާ އެކު ދަތުރު ފަށްޓަވައިފި އެވެ. ހައްރާ ކިޔާ ހިސާބަކަށް ވަޑައިގެންނެވުމުން، އެކަލޭގެފާނުގެ ޞަޙާބީން ސަފަކަށް އަތުރުއްވާލައްވާފައި، އެކަލޭގެފާނުގެ ދެ އަތްޕުޅު މައްޗަށް ނަންގަވައި، ތިރީގައިވާ ދުޢާ الله تعالى އަށް ކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! ޙަމްދާއި ޘަނާ ބޮޑަށް ޙައްޤުވެގެންވަނީ އިބަރަސްކަލާނގެ އަށެވެ. އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ މަގުފުރައްދަވާފައިވާ މީހުންނަށް މަގުދެއްކޭނޭ މީހަކު ނުވެއެވެ. އަދި އިބަރަސްކަލާނގެ ހިދާޔަތް ދެއްވާފައިވާ މީހުން މަގުފުރެއްދޭނޭ މީހަކު ވެސް ނުވެއެވެ... އަޅާގެ ﷲ އެވެ! އަޅަމެން އީމާންވުމަށް ލޯބި ޖައްސަވާފާދޭވެ! އަޅަމެންގެ ހިތްތައް އީމާންތެރިކަމުން ޒީނަތްތެރިކުރައްވާފާދޭވެ! އަޅަމެން، ކުފުރުވުމާއި، ޙައްދުފަހަނައަޅާ ދިއުމާއި، މާ ކަންތައް ބޮޑުވުމަށް ނަފްރަތުކުރާ ބަޔަކު ކަމުގައި ލައްވާފާދޭވެ! އަޅަމެންނަކީ، އަޅަމެންގެ ދީނާއި، އަޅަމެންގެ ދުނިޔެ އާއި، ތެދު މަގުގައި ތިބި މީހުންނަށް ގެއްލުންދެނި ކަންތައްތަކަކީ ކޮބައިކަން ދެނެގަންނަ މީހުންގެ ތެރެއިން ބަޔަކު ކަމުގައި ލައްވާފާދޭވެ! އަޅާގެ ﷲ އެވެ! އަޅަމެން މުސްލިމުންގެ ގޮތުގައި ދިރިލަހައްޓަވާ، މަރުގަންނަވާފާދޭވެ! އަޅަމެންނަކީ، ހެޔޮލަފާ އަދި ޞާލިޙު މީސްތަކުންގެ ތެރޭގައި ލައްވާފާދޭވެ! އެހެނީ، އެ މީހުންނަކީ، އެ މީހުންގެ ޝަރަފާއި، އަބުރު ގެއްލިފައިވާ މީހުނެއް ނޫނެވެ. އަދި ހަމައެއާއެކު، އެ މީހުންގެ ދީން ދޫކޮށްލި މީހުނެއް ވެސް ނުމެނޫންމެއެވެ. އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ ރަސޫލާ ޤަބޫލުނުކޮށް، އިބަރަސްކަލާނގެ މަގުން ކައްސާލައި، އިބަރަސްކަލާނގެ ރަސޫލާއާ ދެކޮޅަށް ހަނގުރާމަކުރި ކާފަރުންނަށް ޢަޒާބުދެއްވާދޭވެ! އެބައި މީހުންގެ މައްޗަށް އިބަރަސްކަލާނގެ ތެދު އަދި ޙަޤީޤީ ޢަޒާބު ފޮނުއްވާފާދޭވެ! އާމީން"!. ޞަޙާބީން "آمين! آمين!" ކިޔުއްވައި މި ދުޢާ ގައި ބައިވެރިވެލެއްވި އެވެ.

އެކަލޭގެފާނުގެ ޞަޙާބީންނާ އެކު މަދީނާ އާ އަރާ ހަމަވެއްޖެ އެވެ. މަދީނާ ގައި މަޑުކުރި އަންހެނުންނާއި، ކުޑަކުދިން މަގުތަކަށް ނުކުމެ ފުރާލައިފި އެވެ؛ ވީގޮތެއް ބެލުމުގެ ޝައުޤުވެރިކަމާއި، ލިބިފައިވާ ހިތާމައިން، އެ މީހުން މަސައްކަތްކުރަމުންދިޔައީ، އެނބުރި އައި ލަޝްކަރުގެ ތެރެއިން رَسُوْلُ اللهِ ﷺ ފެނޭތޯ އެވެ. ދުނިޔެ އުޖާލާވެފައިވާ އެކަލޭގެފާނުގެ އުޖާލާ މޫނުކޮޅު ފެނުމުން، އެ މީހުން الله تعالى އަށް ޝުކުރު ދެންނެވި އެވެ. ދެން، އެ މީހުން ލޯތަކުން ލަޝްކަރަށް ބަލަމުން ދިޔައީ، ބަފައިންނާއި، ފިރިންނާއި، ފިރިހެންދަރިންނާއި، ބޮޑުބޭބެއިން ފެނޭތޯ އެވެ. އެ މީހުންނަށް، ހޯދަމުންދިޔަ ޢާއިލާގެ މެމްބަރުން ނުފެންނަ ކަމުގައި ވާ ނަމަ، އެބައި މީހުންގެ ލޮލުގެ ކަރުނަ ހިފަހައްޓައެއް ވެސް ނުލެވުނެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންގެ މި ޙާލު ފެނިވަޑައިގެން، ވަރަށް ހިތާމަކުރައްވައި، އެކަލޭގެފާނުގެ ލޯފުޅުން ކަރުނަ އޮހިއޮހި އެވެ.

އެއް ވަގުތެއް ގައި، سعد بن مُعاذ ގެ މަންމާފުޅު سيّدة كبشة، رَسُوْلُ اللهِ ﷺ އާގެ އަރިހަށް ގޮސްފި އެވެ. އެ ކަމަނާގެ ދަރިކަލުން ޢަމްރު ވަނީ أُحد ހަނގުރާމައިގައި ޝަހީދުވެފައެވެ. އެ ކަމަނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ދެންނެވި އެވެ. "އަޅުގަނޑުގެ މައިންބަފައިންނާއި އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާންކުރައްވާށި އެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް ކަލޭގެފާނު ފެންނަނީ ގަދަވެ ސަލާމަތުން ހުންނަވަނިކޮށެވެ. ކަލޭގެފާނު ސަލާމަތުން ހުންނެވިހާ ހިނދަކު، އެހެން ކަމަކުން އަޅުގަނޑަށް ކުރާނެ އަސަރެއް ނޯންނާނެ އެވެ". އެކަމަނާ، އެކަމަނާގެ ފިރިހެން ދަރިފުޅާ ބެހޭގޮތުން ނޭއްސެވިއެވެ. އެކަމަނާގެ ދަރިކަލުން ޢަމްރު ނިޔާވުމުން އެކަމަށް ތަޢުޒިޔާ ވިދާޅުވުމަށް ފަހު حديث ކުރެއްވި އެވެ. "ސަޢުދުގެ މަންމާ އެވެ! ތިބާ އަށާއި، އޭނާގެ ޢާއިލާ އަށް ހުރި އުފާވެރި ޚަބަރަކީ، ޝަހިދުވި ހުރިހާ އެންމެން ސުވަރުގޭގައި ޖަމާވެއްޖެ ކަމާއި، އެކަކު އަނެކަކުގެ އެކުވެރިޔަކަށް ވެއްޖެ ކަމެވެ. އެ ބޭކަލުން ގެ ޢާއިލާތަކަށް ވެސް ޝަފާޢަތްތެރިވާނެތެވެ". سيّدة كبشة ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! الله تعالى ގެ ޙަޟްރަތުން އަންނަ ކޮންމެ ކަމަކަށް ވެސް އަޅުގަނޑުމެން ރުހި ޤަބޫލެވެ. މި އުފާވެރި ޚަބަރަށް ފަހު އެ ބޭކަލުންނަށް ޓަކައި ކަރުނަ އޮހޮރާނީ ކާކު ތޯއެވެ؟ ސަލާމަތްވީ މީހުންނަށް ދުޢާކޮށްދެއްވާށެވެ"! އެއާއެކު ތިރީގައިވާ ދުޢާ ޢާލަމްތަކުގެ ސައްޔިދު ކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އެ މީހުންގެ ހިތްތަކުން ހިތާމަ ފިލުއްވައިދޭވެ! ސަލާމަތް ވީ މީހުންނަކީ އެންމެ ގިނަ ނިޢުމަތްތައް ލިބިގެންވާ ސަލާމަތްވީ މީހުން ކަމުގައި ލައްވާދޭވެ!".

ހަވާ ނަފްސާ ދެކޮޅަށް ކުރެވޭ ޖިހާދާ ޙަވާލާދެއްވައި، އެކަލޭގެފާނާ މުޚާޠަބުކުރައްވައި އަޞްހާބުންނަށް حديث ކުރެއްވި އެވެ. "(‏ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ! މިހާރު)‏ އަހަރެމެން މިވަނީ ކުޑަ ޖިހާދުން އެނބުރި އައިސްފައެވެ؛ އަހަރެމެން ފަށްޓާނީ ބޮޑުޖިހާދެވެ".34ދެން އެކަލޭގެފާނު ކޮންމެ މީހަކަށް މަޝްވަރާދެއްވީ، ގޭގައި އަރާމުކޮށްލުމަށެވެ. އަދި ޒަޚމްވެފައިވާ މީހުން ފަތުވާ ލިބިގަތުމަށެވެ. އެކަލޭގެފާނު ވެސް ހުންނެވީ ޒަޚަމްވެފައެވެ. އެކަލޭގެފާނު ސީދާ ވަޑައިގަތީ، އެކަލޭގެފާނުގެ ގެކޮޅަށެވެ.

ޣަޒްވަތު ޙަމްރާއުލް އަސަދު

رَسُوْلُ اللهِ ﷺ މަދީނާ އަށް އެނބުރިވަޑައިގެން، ސަލާމަތީ ފިޔަވަޅު އެޅުއްވި އެވެ. އެހެނީ، މުޝްރިކުން އެނބުރި އައިސް މަދީނާ އަށް ޙަމަލާދިނުމުގެ އިޙްތިމާލު އޭރު އޮތެވެ. أُحد ހަނގުރާމަ އަށް ފަހު، ހޯމަ ދުވަހު، އޭގެ ކުރީ ދުވަހުގެ ހަނގުރާމައިގައި އެ މީހުންގެ ގިނަ މީހުން ޒަޚަމްވިޔަސް، އެ މީހުން އެނބުރި މަދީނާ އަށް ނާންނާނެފަދައިން ޢަދުއްވުންނަށް ދަތިކުރުމަށް ޓަކައި، މުސްލިމުން ބައލިކަށިވެފައިނުވާކަން ދެއްކުމަށް ޓަކައި، رَسُوْلُ اللهِ ﷺ بلال الحبشي އަށް حديث ކުރެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އަންގަވާ ކަމަށް މީހުން ކައިރީގައި ބުނާށެވެ! އިއްޔެ އަހަރެމެންނާ އެކު ނަމާދު ނުކުރި މީހުން އަންނާނެ ކަމެއް ނެތެވެ؛ ހަނގުރާމައިގައި ބައިވެރިވި މީހުން އަންނާށެވެ"! މި އަމުރުގެ ވާހަކަ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އެންގެވުމުން، އޭގެ ތެރެއިން ގިނަ ބޭކަލުން ޒަޚަމްވެފައި ތިއްބެވި ނަމަވެސް، އެ ބޭކަލުން ވަގުތުން ތައްޔާރުވެއްޖެ އެވެ. ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ދެ ބޭން ކަމުގައިވާ ޢަބްދުﷲ އާއި ރާފިޢު އަށް رَسُوْلُ اللهِ ﷺ ގެ މި ދަޢުވަތު އަޑުއިވުމާ އެކު، ވަމުން ދިޔަ ތަދާ އެކު ވެސް، މުޖާހިދުންގެ ސަފުތެރެއަށް ވަންނަވައިފައި ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އާ އެކު ހަނގުރާމައަކަށް ދިއުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ގެއްލޭނެ ތޯ އެވެ"؟

رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ އެކު، މުޝްރިކުންނަށް ފާރަލައްވަން ފަށްޓަވައިފި އެވެ. ރަވްޙާ ނަމަކަށް ކިޔޭ ހިސާބެއް ގައި މުސްލިމު ލަޝްކަރަށް އެނގިވަޑައިގަތީ، މުޝްރިކުން އެއްވެގެން މަދީނާ އަށް ޙަމަލާދީ މުސްލިމުން ނައްތާލަން ނިންމި ކަމެވެ. މިކަން އެނގިގެންދިޔުމަކީ، رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތެއް ކަން އެނިގެންދިޔަ އެވެ.

އެ މީހުންނާ ދިމާލަށް رَسُوْلُ اللهِ ﷺ ވަޑައިގަންނަވާ ކަމުގެ ޚަބަރު މުޝްރިކުންނަށް ލިބުމުން، އެ މީހުން ތބި ތަން ދޫކޮށް މައްކާ އަށް އެނބުރި ގޮސްފި އެވެ.35

ޙަމްރާއުލް އަސަދު ކިޔާ ތަނަކާ ޖެހެންދެން رَسُوْلُ اللهِ ﷺ އެ މީހުންގެ ފަހަތުން ވަޑައިގަތެވެ. މުޝްރިކުންގެ ތެރެއިން ދެ މީހަކު ހިފާ ހައްޔަރުކުރެވުނެވެ. އެ ބޭކަލުން އެ ތާނގައި ތިން ދުވަސް ވަންދެން ތިއްބަވާފައި އެނބުރި މަދީނާ އަށް ވަޑައިގެންފި އެވެ.

ޙަމްރާއުލް އަސަދަށް ވަޑައިގެންނެވި ޞަޙާބީންނަށް الله تعالى ތަޢުރީފުކުރައްވާފައި ވެއެވެ. ކީރިތި قرآن ގެ سورة آل عمران ގެ 172 ވަނަ އާޔަތް ބާވައިލެއްވި އެވެ. (‏الَّذِينَ اسْتَجَابُوا لِلَّهِ وَالرَّسُولِ مِن بَعْدِ مَا أَصَابَهُمُ الْقَرْحُ ۚ لِلَّذِينَ أَحْسَنُوا مِنْهُمْ وَاتَّقَوْا أَجْرٌ عَظِيمٌ ‎﴿١٧٢﴾‏‏‏)‏36 * آل عمران : 172)‏ މާނައީ: "އެއީ، އެއުރެންނަށް ވޭނާއި، ހާނީއްކަ ލިބުމަށް ފަހު ވެސް، ﷲ އާއި، رسول އާ އަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން إحسان ތެރިވެ تقوى ވެރިވީ މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ".

رَسُوْلُ اللهِ ﷺ ޝަހީދުކޮށްލާނެ ކަމަށް ހުވާކޮށްގެން ހުރި އެކަކު ކަމުގައިވާ އިބްނު ޤަމްޔާ އެނބުރި މައްކާ އަށް ގޮސްފި އެވެ. އެއް ދުވަހަކު، އޭނާގެ ބަކަރިތައް ޗެކްކުރަން ފަރުބަދަ މައްޗަށް އަރައިފި އެވެ. އޭނާ އަށް ފެނުނީ އެ ބަކަރިތައް މަތީ ގައި ވަނިކޮށެވެ. އެއް ބަކަރި ދުވެފައި ގޮސް އިބްނު ޤަމްޔާގެ ގަޔަށް ޙަމަލާދޭން އުޅެގެންފި އެވެ. އެގޮތުން ފުލުފުލުން ތަޅަމުން ގޮސް އެ ބަކަރި އިބްނު ޤަމްޔާ މަރާލައިފި އެވެ.

އޭނާ މައްކާ އަށް ދިޔަ މަގުމަތީ ގައި، ޢަބްދުﷲ ޝިހާބު އަލް ޒުހުރީ މަރުވީ، ހުދުލަތްޖެހި ހަރުފައެއް ވިލަހައިގެންނެވެ.
رَسُوْلُ اللهِ ﷺ ޝަހީދުކޮށްލަން އުޅުނު އެންމެންނަށް ވެސް އަދަބު ލިބި އެއް އަހަރުގެ ތެރޭގައި މަރުވެގެންދިޔައީ އެވެ.
އެކަލޭގެފާނުގެ އެކުވެރިން ހަރުފަ ވިހަ ބޮއެފި ނަމަ އެވަނީ ދިރިހުރމުގެ ބޭހަކަށޭ،
އެކަލޭގެފާނުގެ ޢަދުއްވު ފެން ބޮއެފިނަމަ، އެ ވެގެންދަނީ ހަރުފަވިހައަށޭ، ފެން.
އޭގެ ކޮންމެ ތިއްކަކުން ވެސް، ރަޙްމަތުގެ ކަނޑެއް އުތުރުއަރައިގެންދިޔައޭ،
އެކަލޭގެފާނުގެ އަތްޕުޅު ފޯރުއްވާފައި އެކަލޭގެފާނުގެ ފިނިފެން ކޯފުޅު ފެނުން ދޮވެލެއްވުމުން.
އޭގެ މުޅި ޢުމުރު، އޭތި އާވާރާވެގެން ހިނގިއޭ، އޭތީގެ ބޯ ހިލައިގައި ތެޅިއޭ،
ހުއްޓުމެއް ނެތި، ކަލޭގެފާނުގެ ފައިކޮޅުގެ ހިރަފުހަށް ވާޞިލުވުމަށޭ، ފެން.
އޭތި ބޭނުންވަނީ އޭނާގެ ގޭޓުގެ ފަސްގަނޑު ދިއްލާލާށޭ، މަޑުމަޑުންނޭ،
އޭތި ކުދިކުދިވެފައި ވިޔަސް، އޭތި ގޭޓް ދޫކޮށްނުދާނެ އޭ، ފެން.
ފާފަވެރިން ޤަބޫލުކުރާ ގޮތުގައި، ކަލޭގެފާނުގެ އިލްތިމާސް ތަކުރާރުކުރުމަކީ ފަރުވާއޭ،
މަސްތުވެފައިވާ މީހެއް ފަދައިން، މަސްތުންފިލުމަށް ޓަކައި ބޮނީ ފެނޭ.
އޭ މާތް ﷲ ގެ ޙަބީބެވެ! މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހުނޭ! އަހަރެން ކަލާއަށް އެދެމޭ،
ހިކިފައިވާ އެއްޗެއް، އަނދަމުންދަނީ، އަބަދު ވެސް އެދެނީ ފެނަށޭ.
ކަލޭގެފާނަކީ، މުޢުޖިޒާތުގެ ކަނޑޭ، މިޢުރާޖު ރޭ ގައި،
އެ ބޭކަލެއްގެ ނިޢުމަތުގެ ޝަބްނަމް ތިކި ދެވިއްޖެއޭ، ތަރިތަކަށާއި، ޕްލެނެޓްތަކަށާއި، ފެނަށޭ.