ބަދުރު ހަނގުރާމަ
"ތިބާގެ ގޭގައި މަޑުކޮށް، ކީރިތި ޤުރްއާން ކިޔަވާށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި الله تعالى ތިބާ އަށް ޝަހާދަތު ދެއްވާނެއެވެ".
حديث الشريف
މި ޣަޒްވާ އަށް ދެވަނަ ބަދުރު ހަނގުރާމަ، ބަދުރުލް ޤިތާލް، އަދި ބަދްރުލް ކުބްރާގެ ނަމުން ވެސް ނަންދެވިފައި ވެއެވެ. ޢަސްކަރީ ސަރިއްޔާތަކުގައި ޞަޙާބީން ހޯއްދެވި ކާމިޔާބުތަކުގެ ސަބަބުން، ކާފަރުން ބިރުގަންނަން ފަށައިފި އެވެ. މިހާ ހިސާބުން އެ މީހުންގެ ވިޔަފާރި ޤާފިލާތައް ދަތުރުކުރަނީ ބޮޑު ގްރޫޕް ގްރޫޕަށް ހަތިޔާރުއެޅި ސިފައިންނާ އެކުގައެވެ. ހިޖްރައިން ދެވަނަ އަހަރު، މައްކާގެ މުޝްރިކުން ކޮންމެ ޢާއިލާއަކުން ފީއެއް ނެގުމަށް ފަހު ދިމިޝްޤަށް އެއްހާސް ޖަމަލުގެ ޤާފިލާއެއް ފޮނުވި އެވެ. އެ މީހުންގެ ވެރިޔަކަށް ހުރީ މައްކާގެ އަޝްރާފުންގެ ތެރޭގައި ހިމެނޭ އޭރު އަދި އިސްލާމް ނުވާ އަބޫ ސުފްޔާނެވެ.1 އެ ޤާފިލާ ޙިމާޔަތްކުރުމަށް ޓަކައި، ގާތްގަޑަކަށް ސާޅީސް ފާރަވެރިން ލާފައި ތިއްބެވެ. މުދާތައް ވިކުނު ފަހުން، އެ ހުރިހާ ފައިސާއަކަށް ގަތީ މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމަތަކުގައި ބޭނުންކުރުމަށް ހަތިޔާރެވެ.
މުޝްރިކުން ބޮޑު ވިޔަފާރި ޤާފިލާއެއް ވިޔަފާރިކުރުމަށް ޓަކައި ދިމިޝްޤަށް ފޮނުވި ކަން رَسُوْلُ اللهِ ﷺ އަށް އެނގިވަޑައިގަތުމުން، އެ މީހުންގެ ބޯކޮޅު ބެލުމަށް އެކަލޭގެފާނު މުހާޖިރުންގެ ބޭފުޅުންކޮޅެއް ޢައްޔަންކުރެއްވި އެވެ. ޛުލްޢޫޝައިރާ އޭ ކިޔޭ ސަރަޙައްދަކަށް އެ ބޭފުޅުން ވަޑައިގަތުމުން އެ ބޭފުޅުންނަށް އެނގިވަޑައިގަތީ، އެ ޤާފިލާ އެނބުރި މައްކާ އަށް ގޮސްފައިވާ ކަމެވެ. ކާފަރުންގެ ހަތިޔާރާއި މުދާ އަތުލައިގަނެވުނު ނަމަ، އެ ތަކެތި މުސްލިމުންނަށް އަނިޔާކުރުމުގައި ބޭނުންނުކުރެވި، އެ މީހުން ބަލިކަށި ކުރެވުނީހެވެ. މި ސަބަބަށް ޓަކައި، رَسُوْلُ اللهِ ﷺ ޙާލަތު ވަޒަންކުރެއްވުމަށް ފަހު، ހަނގުރާމަ އަށް ތައްޔާރުވާން ވަގުތުން ފަށްޓަވައިފި އެވެ.2
އިމާމުވެ ނަމާދުކުރެއްވުމަށް އެކަލޭގެފާނުގެ މަޤާމުގައި عبدالله بن أُمُّ مكتُوم (رضي الله عنه) ލެއްވުމަށް ފަހު رَسُوْلُ اللهِ ﷺ ނުކުންނަވައިފި އެވެ.3 އެ ޤާފިލާގެ އެނބުރި އައުމާ ބެހޭގޮތުން އެ މީހުންގެ ބޯކޮޅުބެލުމަށް ފޮނުއްވީ طلحة بن عُبيدالله (رضي الله عنه) އާއި ساعد بن زيد (رضي الله عنه) އެވެ. رَسُوْلُ اللهِ ﷺ، عُثمان (رضي الله عنه) އަށް އެންގެވީ، އެކަލޭގެފާނުގެ އަނބިކަނބަލުން ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ މަދީނާ ގައި މަޑުކުރެއްވުމަށެވެ. ދެން އެކަލޭގެފާނު ވާޖިބުތައް ހަތަރު ބޭފުޅަކަށް ހަމަޖެއްސެވި އެވެ. އެހެންކަމުން ޑިއުޓީ ގައި ތިބި މީހުންގެ ޢަދަދު އަށަކަށް އަރައިފި އެވެ.
ލިބުނު ފުރުޞަތު ނަގާލެވޭކަށް ނެތެވެ. رَسُوْلُ اللهِ ﷺ ވަގުތުން ތައްޔާރީތައް ކުރައްވަން ފެށްޓެވިއެވެ. މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން 305 ޞަޙާބީ އަކު އިޚްތިޔާރުކުރެއްވުމަށް ފަހު ބަދުރޭ ނަމަކަށް ކިޔާ ހިސާބަކަށް ރަމަޟާން މަހުގެ 12 ވަނަ އަށް ވީ ދުވަހު މަދީނާ އިން ނުކުންނެވި އެވެ. ފޯރިއަށް ތިބި މީހުންނާ އެކު އެ ލަޝްކަރުގެ ޢަދަދަކީ 313 އެވެ.4 އޭގެ ތެރެއިން މުހާޖިރުންގެ ޢަދަދަކީ 64 އެވެ.
ބަދުރު އަކީ، މައްކާ އާއި، މަދީނާ އާއި، ސީރިޔާ އަށް ދާ މަގުތައް ގުޅޭ ހިސާބެވެ.
މި ހަނގުރާމައިގައި ބައިވެރިވުމަށް އެދި ނޫކަށިފުރައިގެ ޒުވާނުންނާއި އަންހެނުން ވެސް ދިޔައީ رَسُوْلُ اللهِ ﷺ އަށް އާދޭސްކުރަމުންނެވެ. أُمُّ ورقة، رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! ކަލޭގެފާނު އިޒުނަދެއްވައިފި ނަމަ، ކަލޭގެފާނާ އެކު ދާން އަޅުގަނޑު ބޭނުމެވެ. ޒަޚަމްވާ މީހުންގެ ޒަޚަމްތަކުގައި އަޅުގަނޑު ބޭސްއަޅައި، ބަލި މީހުންގެ ޙާލު ބަލާނަމެވެ. ފަހަރެއްގައި، الله تعالى އަޅުގަނޑަށް ޝަހާދާ ވެސް ދެއްވަފާނެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާގެ ގޭގައި މަޑުކޮށް، ކީރިތި ޤުރްއާން ކިޔަވާށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި الله تعالى ތިބާ އަށް ޝަހާދަތު ދެއްވާނެއެވެ".
سعد بن أبي وقّأص ރިވާކުރެއްވި އެވެ. "އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ، އަހަރެމެންނާ އެކު ހަނގުރާމަ އަށް ދާން ބޭނުންވި ކުޑަކުދިން އަނބުރާ ފޮނުއްވާލެއްވި އިރު، އަހަރެންގެ ކޮއްކޮ ޢުމައިރު ނުފެންނާނެ ހެން ފިލަން އުޅުނު ތަން އަހަންނަށް ފެނުނެވެ. އޭރު އޭނާގެ ޢުމުރުން ވީ 16 އަހަރެވެ. އަހަރެން އޭނާ ކައިރީގައި އެހީމެވެ. 'ކޮއްކޯ ތިހެން ތި ފިލަނީ ކީއްވެގެން ހެއްޔެވެ'؟ އޭނާ ބުންޏެވެ. 'އަހަރެން ބިރުގަންނަނީ، އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އަހަރެން މާ ކުޑަކަމަށް ނިންމަވައި އަނބުރާ ފޮނުއްވާލައްވަފާނެތީ އެވެ. އެހެންނަމަވެސް، އަހަރެން އުއްމީދުކުރަނީ ހަނގުރާމަ ކޮށް، އަހަރެން ޝަހީދެއްގެ ގޮތުގައި ލެއްވުމެވެ'. ހަމައެއާއެކު، އެ މީހުން رَسُوْلُ اللهِ ﷺ ގެ އަރިހުގައި ކޮއްކޮގެ ވާހަކަ ދެންނެވުމުން، رَسُوْلُ اللهِ ﷺ އަހަރެންގެ ކޮއްކޮ އަށް "އެނބުރި ދޭ" މިހެން حديث ކުރެއްވުމުން ރޯން ފަށައިފި އެވެ. رَسُوْلُ اللهِ ﷺ އަށް އޭނާގެ ކަރުނަޔަށް ނުހިފެހެއްޓެވިގެން އޭނާ އަށް އެންމެ ފަހުން ހުއްދަ ދެއްވައިފި އެވެ. އެހެން ނަމަވެސް، ކޮއްކޮ އަށް އެކަން ނުކުރެވުމުގެ ސަބަބުން، އޭނާގެ ކަނޑި އޭނާގެ އުނަގަނޑުގެ ވަށައިގެން އަޅުވައިދިނީ އަހަންނެވެ.5
ބަދުރު ހަނގުރާމައިގެ މަގު
"މާތް ﷲ އެވެ! އެ މީހުން އެ ތިބީ ފައިމަގުގައެވެ. އެ މީހުންނަށް އަރާނެ އެއްޗެއް ދެއްވާދޭވެ! މާތް ﷲ އެވެ! އެ މީހުން އެ ތިބީ ނިވައިނުކޮށް ކަޝްފުވެފައެވެ. އެ މީހުންގެ ހެދުންލައްވާދޭވެ! މާތް ﷲ އެވެ! އެ މީހުން އެ ތިބީ ހައިހޫނު ކަމުގައެވެ. އެ މީހުންގެ ބަނޑުފުރާނަ މުއްތިކުރައްވާދޭވެ! އެ މީހުން ފަޤީރެވެ. އިބަސުވާމީންގެ ފަޟްލުވަންތަވެރިކަމުން (އޯގާވެރިކަމާއި ދީލަތިކަން) އެ މީހުން މުއްސަނދިކުރައްވާނދޭވެ".
حديث الشريف
ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ގެ ނަންފޮތިގަނޑު އުފުއްލެވީ مُصعب بن عُمير (رضي الله عنه) އާއި، سعد بن مُعاذ (رضي الله عنه)، އަދި علي بن أبي طالب (رضي الله عنه) އެވެ.6 ޞަޙާބީންގެ އަތުގައި ހުރީ ހަމައެކަނި ތިން އަހާއި، ހަތްދިހަ ޖަމަލެވެ. ތިން އަހުގެ ވެރިންނަކީ، مقداد، زُبير އަދި مرثد أبن أبي مُرثد (رضي الله عنهم) އެވެ. އަހެއް ގައި ދުއްވަމުން ދިޔައީ، ދޭއް ނުވަތަ ތިން މީހުން އެކަކު އަނެކަކަށް ބަދަލުކޮށްގެން ނެވެ. رَسُوْلُ اللهِ ﷺ އާއި، علي (رضي الله عنه)، أبو لُبابة (رضي الله عنه)، އަދި مرثد أبن أبي مُرثد ( رضي الله عنه) ދުއްވަވަމުން ގެންދެވީ އެއް ޖަމަލެކެވެ. އެހެންނަމަވެސް، رَسُوْلُ اللهِ ﷺ ތިރިއަށް ފައިބާވަޑައިގެން ހިންގަވަފާނެތީ، އެ އެންމެން އެކަލޭގެފާނަށް އާދޭސްކުރި އެވެ. "އަހަރެމެންގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރުބާން ކުރައްވާށި އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ޖަމަލުން ފައިބާވަޑައިނުގަންނަވާށެވެ. މަތިވެރިވެގެންވާ ކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑުމެން ހިނގާނަމެވެ". އެކަމަކު، ޢާލަމްތަކުގެ ސުލްޠާން އަމިއްލަ ނަފްސާ މެދު ދެކެވަޑައިގަތީ ދެންތިއްބެވި ބޭކަލުންނާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. އަދި حديث ކުރެއްވި އެވެ. "ތިޔަ ބޭކަލުން ތިމަންކަލޭގެފާނަށް ވުރެ ހިނގުމަށް ވަރުގަދަ ނުވާހިނދު، ޘަވާބާއި ދަރުމަ ހޯދުމުގައި ތިމަންކަލޭގެފާނަކީ ތިޔަ ބޭކަލުންނަށް ވުރެ ކުޑަކޮށް އެކަމަށް އެދޭ މީހެއް ނޫނީމެވެ". އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އަދި އެކަލޭގެފާނުގެ މަތިވެރިވެގެންވާ ޞަޙާބީން ހިންގަވަމުން ގެންދެވީ ސަޙަރާ ގައި، ދިލަ ހޫނު ގައެވެ. އޭގެ އިތުރަށް، އެ ބޭކަލުން ތިއްބެވީ ރޯދަ ހިއްޕަވައިގެންނެވެ. އަޞްޙާބު ބޭކަލުން ގިނަގުނަ ދަތިތައް ތަޙައްމަލުކުރައްވަމުން، އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އަށް ތަބަޢަވީ އިސްލާމް ދީން ފެތުރުމަށް ލޯތްބާއި ޝައުޤުވެރިކަމާ އެކުގައެވެ. އެހެނީ، އާޚިރުގައި، ލިބެން އޮތީ الله تعالى އާއި އެކަލާނގެ رَسُوْلُ اللهِ ﷺ ގެ ރުއްސެވުމެވެ؛ އެ ބޭފުޅުން އެކަމަކަށް ޝައުޤުވެރިވި ޝަހީދުވުމާއި، ސުވަރުގެ ވެއެވެ. އަހަރެމެންގެ ލޮބުވެތި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް ބައްލަވާލައްވާފައި حديث ކުރެއްވި އެވެ. "މާތް ﷲ އެވެ! އެ މީހުން އެ ތިބީ ފައިމަގުގައެވެ. އެ މީހުންނަށް އަރާނެ އެއްޗެއް ދެއްވާދޭވެ! މާތް ﷲ އެވެ! އެ މީހުން އެ ތިބީ ނިވައިނުކޮށް ކަޝްފުވެފައެވެ. އެ މީހުންގެ ހެދުންލައްވާދޭވެ! މާތް ﷲ އެވެ! އެ މީހުން އެ ތިބީ ހައިހޫނު ކަމުގައެވެ. އެ މީހުންގެ ބަނޑުފުރާނަ މުއްތިކުރައްވާދޭވެ! އެ މީހުން ފަޤީރެވެ. އިބަސުވާމީންގެ ފަޟްލުވަންތަވެރިކަމުން (އޯގާވެރިކަމާއި ދީލަތިކަން) އެ މީހުން މުއްސަނދިކުރައްވާދޭވެ"!
رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ލަޝްކަރު ބަދުރާ ދިމާލަށް ގަދަ ހޫނު ގައި ކުރިއަރަމުން ދިޔަ އިރު، ދިމިޝްޤުން އަންނަ މުޝްރިކުންގެ ވިޔަފާރި ޤާފިލާ ވެސް ދިމިޝްޤާ ކައިރިވަމުން އާދެއެވެ. އެ ޤާފިލާގެ ބޯކޮޅުބަލަން رَسُوْلُ اللهِ ﷺ ފޮނުއްވި ދެ ޞަޙާބީންނަށް، އެ ޤާފިލާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަދުރަށް ފޯރާނެ ކަން އެނގި އަވަސް އަވަހަށް އެނބުރި އަތުވެއްޖެ އެވެ. ދެ ޞަޙާބީންނަށް އެ ޚަބަރު ލިބުނު އަވަށާ ހަމައަށް އެ ޤާފިލާ އަށް އާދެވުމުން، އެ މީހުން އެ އަވަށު މީހުންނާ ސުވާލުކުރި އެވެ. "މުސްލިމުންގެ ޖާސޫސުންނާ ބެހޭގޮތުން އެއްޗެއް އެނގޭ ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "އަހަރެމެންނަކަށް ނޭނގެއެވެ. އެކަމަކު ދެ ފިރިހެނަކު އައިސް، އެ ތާނގައި އިށީނދެގެން ތިބެފައި ތެދުވެގެން ހިނގައްޖެ އެވެ".
އެ ސިފަކޮށްދިން ތަނަށް أبو سُفيان ގޮސް ބެލި އިރު، ބިން މަތީ ގައި ހުރި ޖަމަލުގެ ގުއި ޗިސްކޮށްލާފައި އޭގައި ހުރި އެ އެއްޗެހި ކޭ ކާނާ އަށް ބަލައިލި އެވެ. އަދި ބުންޏެވެ. "މިއީ މަދީނާގެ ކެއުމެވެ. އަހަންނަށް ހީވާ ގޮތުގައި އެ ދެ ފިރިހެނުންނަކީ، رَسُوْلُ اللهِ ﷺ ގެ ޖާސޫސުންނެވެ". މުސްލިމުން ވަރަށް ކައިރީ ގައި ވާ ކަމަށް އަންދާޒާކޮށްފައި، އޭނާ ވަރަށް ބިރުގެންފި އެވެ. ޤާފިލާ އަށް ވާނެ ގޮތަކާ މެދު ކަންބޮޑުވެ، އޭނާ ނިންމީ ވަގުތު ބޭކާރުނުކޮށް ރެއާއި ދުވާލު ހިނގާފައި ރަތް ކަނޑުގެ އައްސޭރިން މައްކާ އަށް ދިއުމަށެވެ. އޭގެ އިތުރަށް، އޭނާ، ضمضم بن عمرو الغفاري ނަމަކަށް ކިޔޭ މީހަކު، ވެގެން އުޅޭގޮތް ކިޔައިދޭން ޚަބަރުދޭ މީހެއްގެ ގޮތުގައި މައްކާ އަށް ފޮނުވި އެވެ.7
އެ މީހަކު މައްކާ އަށް ދިޔަ އިރު، އޭނާ އޭނާގެ ގަމީހުގެ ކުރިމައްޗާއި ފުރަގަސް ވިދާލި އެވެ. އޭނާގެ ޖަމަލުގެ އަސްދާނުގޮނޑި ތިރިއަށް ވައްޓާލި އެވެ. ވަރަށް އާދަޔާޚިލާފު ވައްތަރަކަށް އޭނާ ހަޅޭލަވަން ފަށައިފި އެވެ. "އެހީވޭ! އެހީވޭ! އޭ ޤުރައިޝުންނޭ! އާދޭ! محمّدގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން، أبو سُفيان ގެ ޙަވާލުގައިވާ ތިޔަބައި މީހުންގެ ވިޔަފާރި ޤާފިލާ އާއި މުދާތަކަށް ޙަމަލަދީފި އެވެ. ވަގުތު އޮތްވާ ތިޔަބައި މީހުން އެ މީހުން އަތުލައިގެންފި ނަމަ ކަލޭމެންގެ ވިޔަފަރި ޤާފިލާ ސަލާމަތްކުރެވިދާނެ އެވެ"!
މި ވާހަކަތައް އަޑުއެހުމަށް ފަހު، މައްކާގެ މީހުން ވަގުތުން އެއްވެ ތައްޔާރުވާން ފަށައިފި އެވެ. އެ މީހުން 700 ޖަމަލު އަސްވަރުންނާއި، 100 އަހުގެ އަސްވާރުންނާއި، ފައިމަގުގައި ދާ 150 ސިފައިން އެއްކުރި އެވެ. أبو لهب ކައިރީ ގައި "އާދޭ1 އަހަރެމެންނާ ގުޅޭށޭ"! މިހެން ބުނުމުން، ބިރުން ގޮސް އޭނާގެ ބަލިމަޑުކަން ޢުޒުރަކަށް ހަދައިފި އެވެ. އޭނާގެ ބަދަލުގައި ޢާސް ބިން هشام ފޮނުވި އެވެ. އުމައްޔާ ބިން ޚަލަފު ނަމަކަށް ކިޔޭ މުޝްރިކަކު ހަނގުރާމަ އަށް ތައްޔާރުވުމުގައި އުޅުނީ ވަރަށް ލަސްލަހުންނެވެ. ސަބަބަކީ، އޭނާ އަށް އަޑުއިވިފައިވަނީ، رَسُوْلُ اللهِ ﷺ حديث ކުރައްވާފައިވަނީ، "ތިމަންކަލޭގެފާނުގެ ޞަޙާބީން އުމައްޔާ ޤަތުލުކުރާނެ އެވެ". އޭނާ ބިރުގަތީ، އެހެނީ، رَسُوْلُ اللهِ ﷺ حديث ކުރައްވަނީ އަބަދު ވެސް ތެދުކަން އޭނާ އަށް އެނގޭތީ އެވެ. އެހެންކަމުން، أبو جهل ދޫނުކުރުމުން، އޭނާ ބުނީ އޭނާ މާ މުސްކުޅިވެފައި މާ ފަލަ ކަމަށެވެ. އެހެން ނަމަވެސް، أبو جهل އޭނާ އަކީ ފިނޑިއެއް ކަމަށް ތުހުމަތުކުރުމުން އޭނާ އަށް ޖެހުނީ ދާށެވެ.
މުޝްރިކުންގެ ލަޝްކަރުގައި ގާތްގަޑަކަށް އެއްހާސް ސިފައިން ތިއްބެވެ. އެ އެންމެން ވެސް ތިބީ ދަނގަނޑު ދަހަނާ ލައިގެންނެވެ. އެ މީހުންނާ އެކު ރިވެތި އަޑުގެ ވެރި އަންހެނުންތައް ތިއްބެވެ. އެ މީހުންނާ އެކު މިޔުޒިކް ކުޅޭ އާލަތްތަކާއި، ރާ ގެންދިއުމަށް ފަރުވާކުޑަނުކުރި އެވެ. އެ މީހުން ހީކުރި ގޮތުގައި، އެފަދަ ވަރުގަދަ ލަޝްކަރަކާ އެކު، އެ މީހުން ފަސޭހަކަމާ އެކު، ތިން ސަތޭކަ ކީއްކުރަން، އެއްހާސް މީހުންގެ ލަޝްކަރެއް ވެސް ބަލިކުރާނެ އެވެ. އެ މީހުން ބަދުރަށް ނައްޓާލުމުގެ ކުރިން، އެ މީހުން ޤަތުލުކުރާނެ މީހުންގެ ޢަދަދާއި، ޣަނީމާ މުދަލުގެ ގޮތުގައި ނަގާނެ މިންވަރު ވެސް އެ މީހުން އަންދާޒާކުރި އެވެ. އެހެން ނަމަވެސް، އެ މީހުންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ، އިސްލާމް ދީން ނައްތާލުމެވެ. މުޝްރިކުންގެ މި ނުރައްކާތެރި ބައިގަނޑު ދާން ނައްޓާލީ، އަންހެނުންތައް ތާރަޖަހައި ލަވަކިޔަމުންނެވެ.
އެ ވަގުތު، أبو سُفيان އޭރު ވަނީ ބަދްރަށް ވުރެ މާ ދުރަށް މައްކާ އާ ދިމާލަށް ދަތުރުކޮށްފަ އެވެ. ނުރައްކަލެއް މިހާރު ނެތް ކަމަށް އޭނައަށް ޔަޤީންވީމާ، އޭނާގެ މީހުން ކުރެ ޤައިސް ބިން ޢިމްރީ އަލް ޤައިސް ނަމަކަށް ކިޔާ މީހަކު ޤުރައިޝުންނާ ހަމަޔަށް ފޮނުވައި، އޭނާ ލައްވައި އެ މީހުން އެންގި އެވެ. "އޭ ޤުރައިޝުންގެ މީހުންނޭވެ! ކަލޭމެން މައްކާ ދޫކޮށް ތި ނުކުތީ ކަލޭމެންގެ ވިޔަފާރި ޤާފިލާ އާއި، ކަލޭމެންގެ މީހުންނާއި، ކަލޭމެންގެ މުދާތައް ރައްކާތެރިކުރުމަށެވެ. އަހަރެމެން މިހާރު މި ތިބީ ނުރައްކާ ވާ ހިސާބަކު ނޫނެވެ. އެނބުރި ދާށެވެ"! އޭނާ އަދި ވެސް އިރުޝާދު ދިނެވެ. "މާތުރަ މާތުރަ މުސްލިމުންނާ ހަނގުރާމަ ކުރުމަށް މަދީނާ އަށް ނުދާށެވެ"!
ޤައިސް މި ޚަބަރު މުޝްރިކުންގެ ލަޝްކަރަށް ދިނުމުން، أبو جهل ބުންޏެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. އަހަރެމެން ބަދުރަށް ދާނަމެވެ. އަދި އެތަނުގައި ތިން ދުވަހާއި ތިން ރޭ ވަންދެން ޖާފަތެއް ބާއްވައި، ޖަމަލުތައް ކަތިލައި، ރާ ބޯނަމު އެވެ. ވަށައިގެން ތިބޭ ޤަބީލާތަކުން އަހަރެމެން ދެކެ، އަހަރެމެންނަށް ޙަސަދަވެރިވެ، އަހަރެމެން އެހެން ބަޔަކު ދެކެ ބިރުނުގަންނާނެ ކަން ދެކޭނެތެވެ. އޭގެ ފަހުން، އަހަރެމެންގެ ހައިބަތު ބޮޑުކަމުން، އެއްވެސް ބަޔަކަށް އަހަރެމެންނަށް ޙަމަލަދޭކަށް ނުކެރޭނެ އެވެ. އޭ ބާރުގަދަ ޤުރައިޝް ލަޝްކަރާ އެވެ! މާޗްކޮށްފައި ކުރިޔަށް ދާށެވެ"!
"އަހަރެމެންގެ ދީނުގައި ނެތް މީހަކަށް އަހަރެމެންނާ އެކުގައި ނުހުރެވޭނެ އެވެ".
حديث الشريف
ޤައިސަށް ފެނުނީ ދިން އިރުޝާދު ޤަބޫލުނުކުރާ ކަހަލަ މޫޑެއް ގައި أبو جهل ހުރި ތަނެވެ. އޭނާ އެނބުރި އައިސް އަބު ސުފްޔާނަށް ޙާލަތު އޮތް ގޮތް ކިޔައިދީފި އެވެ. ދުރުވިސްނޭ އަދި ފަރުވާތެރި މީހެއް ކަމުގައިވާ أبو سُفيان އަށް ނުހުރެވިގެން ބުންޏެވެ. "ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ! ޤުރައިޝުންނަށް ދެރަކަން ހުއްޓެވެ! މިވާނީ، ޢަމްރު ބިން هشام (أبو جهل) ގެ ރޭވުމަށެވެ. އޭނާ މިކަން ކޮށްގެން މި އުޅެނީ ވެރިކަން ކުރުމަށް ހުރި ދަހިވެތިކަމެއްގެ ސަބަބުންނެވެ. އެހެންނަމަވެސް، މި ކަހަލަ ޙައްދުފަހަނައަޅާއި ދިއުމަކީ އަބަދު ވެސް ވަރަށް ބޮޑު ބަލިފަޔަކަށް ވެފައި، ނުބައިކަމުގެ ޢަލާމާތެކެވެ. މުސްލިމުންނާ ދިމާވެއްޖެ ނަމަ ޤުރައިޝުންނަށް ލިބޭނެ ގެއްލުމެއްގެ ބޮޑުކަމާ އެވެ"!
އެ ވަގުތު، رَسُوْلُ اللهِ ﷺ ވަނީ އަޞްޙާބު ބޭކަލުންނާ އެކު ބަދުރާ ވަރަށް ކައިރިވެފައެވެ. ވަކި ހިސާބަކުން، އެކަލޭގެފާނަށް ފެނިވަޑައިގަތީ، މަދީނާގެ މުޝްރިކުންގެ ތެރޭގައި ހިމެނޭ خُبيب بن يسف އާއި، قيس بن مُحرِّس އިސްލާމީ ލަޝްކަރުގެ ތެރޭގައި ތިއްބައެވެ. ދަގަނޑު ހެލްމެޓެއް އޭނާގެ ބޮޅުގައި އަޅައިގެން ހުއްޓަސް އެކަލޭގެފާނަށް خُبيب އެނގިވަޑައިގެން، سعد بن مُعاذ (رضي الله عنهم) އަށް حديث ކުރެއްވި އެވެ. "އެއީ خُبيب ނޫން ހެއްޔެވެ"؟ އޭނާ ދެންނެވި އެވެ. "އާދޭހެވެ، މާތް ﷲ ގެ ރަސޫލާ އެވެ"! خُبيب އަކީ ހަނގުރާމައިގެ ފަންނު ދަންނަ ހިތްވަރުގަދަ ފަހުލަވާނެކެވެ. ޤައިސް އާ އެކު އެ ދެ މީހުން އައިސް އެ ތިބީ މަތިވެރިގެންވާ މާތް ﷲ ގެ رَسُوْلُ اللهِ ﷺ ގެ އަރިހުގައެވެ. رَسُوْلُ اللهِ ﷺ އެ މީހުންނާ ސުވާލުކުރެއްވި އެވެ. "ތިޔަ ދެ މީހުން ތިމަންކަލޭގެފާނު މެންނާ އެކު ތި އަންނަނީ ކީއްވެގެން ހެއްޔެވެ"؟ އެ ދެ މީހުން ބުންޏެވެ. "ކަލޭގެފާނަކީ އަހަރެމެންގެ ދައްތަގެ ދަރިކަލުންނެވެ. އަދި ކަލޭގެފާނަކީ އަހަރެމެންގެ އަވަށްޓެރިޔާ އެވެ. އަހަރެމެން އަހަރެމެންގެ މީހުންނާ އެކު މި އަންނަނީ ޣަނީމާ މުދާ އެއްކުރުމަށެވެ"! ދެން رَسُوْلُ اللهِ ﷺ ޚުބައިބާ ސުވާލުކުރެއްވި އެވެ. "ކަލޭ الله تعالى އާއި އެކަލާނގެ ރަސޫލާ އަށް އީމާންވެއްޖައިން ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. "ނޫން". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެހެންވެއްޖިއްޔާ، އެނބުރި ދާށެވެ! އަހަރެމެންގެ ދީނުގައި ނެތް މީހަކަށް އަހަރެމެންނާ އެކުގައި ނުހުރެވޭނެ އެވެ"!
خُبيب ބުންޏެވެ. "ކޮންމެ މީހަކަށް ވެސް ހިތްވަރުގަދަކަމާއި، ކުޅަދާނަކަން އަދި އަހަންނަކީ ބަޠަލެއްކަމާއި، ޢަދުއްވުންގެ މޭތައް ޒަޚަމްކުރާ މީހެއްކަން އެނގެއެވެ. ކަލޭގެފާނުގެ ކޮޅުގައި ޣަނީމާ މުދަލަށްޓަކައި އަހަރެން ހަނގުރާމަކުރާނަމެވެ". رَسُوْلُ اللهِ ﷺ އޭނާގެ އެހީތެރިކަން ޤަބޫލެއްނުކުރެއްވި އެވެ.
އިރުގަނޑެއް ފަހުން خُبيب އޭނާގެ އެދުން އަނެއްކާ ވެސް ތަކުރާރުކުރި އެވެ. އެކަމަކު رَسُوْلُ اللهِ ﷺ حديث ކުރެއްވީ އޭނާ މުސްލިމަކަށް ވުމުގެ ކުރިން އޭނާގެ އެދުން ޤަބޫލުނުކުރެވޭނެ ކަމަށެވެ. ރަވްޙާ އޭ ކިޔޭ ސަރަޙާއްދަކަށް ދެވުމުން خُبيب رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ބުންޏެވެ. "މާތް ﷲ ގެރަސޫލާ އެވެ! އަކީ ޢާލްމްތައް ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކަމަށާއިމ ކަލޭގެފާނަކީ އެކަލާގެ ރަސޫލާ ކަމަށް އަޅުގަނޑު އީމާންވަމެވެ". رَسُوْلُ اللهِ ﷺ އެކަމާ ވަރަށް ބޮޑަށް އުފާކުރެއްވި އެވެ. ޤައިސް (رضي الله عنهم) ވެސް މަދީނާ އިން އެނބުރި އައި ފަހުން އީމާންވުމުގެ ޝަރަފު ހޯއްދަވައިފި އެވެ.
އިސްލާމީ ލަޝްކަރު ވާދީ ޞަފްވާ އާ ހަމަޔަށް ދެވުނުތަނާ، އެ މީހުންގެ ވިޔަފާރި ޤާފިލާ ސަލާމަތްކުރުމަށް ޓަކައި، މައްކާ މީހުން ލަޝްކަރެއް އެކުލަވާލައި، ބަދުރާ ދިމާ އަށް އަންނަ ކަމުގެ ޚަބަރު މުސްލިމުންނަށް ލިބިއްޖެ އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީން އެއްކުރައްވައި އެ ޙާލަތާ ބެހޭގޮތުން އެ ބޭކަލުންނާ މަޝްވަރާކުރެއްވި އެވެ. އެހެނީ، މަދީނާގެ މުސްލިމުން ޢަޤަބާ ގައި رَسُوْلُ اللهِ ﷺ އަށް ވަފާތެރިވާން ޢަހްދުވީ އިރު، އެ މީހުން ވަޢުދުވީ، "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ރަށަށް ވަޑައިގަންނަވާށެވެ. އެތާނގައި، އަޅުގަނޑުމެންގެ ފުރާނައިން އަގުދީފައި ނަމަވެސް ކަލޭގެފާނުގެ ޢަދާވާތްތެރިންގެ ކިބައިން އަޅުގަނޑުމެން ކަލޭގެފާނު ޙިމާޔަތްކޮށް، ކަލޭގެފާނަށް ކިޔަމަންތެރިވާނަމު އެވެ". އެހެންނަމަވެސް، މިހާރު މުސްލިމުން އެވަނީ މަދީނާއިން ބޭރުގައެވެ. މުސްލިމުންނާ ދެކޮޅަށް، ސިފައިންގެ ޢަދަދުގެ ގޮތުންނާއި، ހަތިޔާރާއި، މުއްސަނދިކަމުގެ ގޮތުން އެތައް ގުނަ ބޮޑު ޢަދުއްވުންގެ ލަޝްކަރެއް އެވަނީ ނުކުމެފައެވެ.
ބަދުރު ހަނގުރާމަ
"މާތް ﷲ ގެ ރަސޫލާ އެވެ! الله تعالى ގެ ކޮންމެ އަމުރުފުޅެއް ނަމަވިޔަސް އެކަން ތަންފީޒުކުރައްވާށެވެ. އެކަލާނގެ އަމުރުފުޅާ އެކު ކުރިޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެން މިތިބީ ކޮންމެ ވަގުތެއް ގައި ވެސް ކަލޭގެފާނާ އެކުގައެވެ. އަޅުގަނޑުމެން ކަލޭގެފާނު ދޫކޮށެއް ނުލާނަމު އެވެ".
مقداد بن أسود (رضي الله عنه)
ޞަޙާބީން ދެކޭގޮތާ ބެހޭގޮތުން رَسُوْلُ اللهِ ﷺ އެއްސެވުމުން، މުހާޖިރުންގެ ފަރާތުން أبوبكر الصدّيق (رضي الله عنهم) އަދި عُمرُ الفارُوق (رضي الله عنهم) ވަކިވަކިން ތެދުވެ ވަޑައިގެން ވިދާޅުވީ ޢަދުއްވުންގެ ލަޝްކަރާ ހަނގުރާމަކުރުމަކީ ކޮންމެހެން ޟަރޫރީ ކަމެއް ކަމަށެވެ. އަނެއްކާ ވެސް މުހާޖިރުންގެ ފަރާތުން مقداد بن أسود (رضي الله عنهم) ތެދުވެ ވަޑައިގެން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! الله تعالى ގެ ކޮންމެ އަމުރުފުޅެއް ނަމަވިޔަސް އެކަން ތަންފީޒުކުރައްވާށެވެ. އެކަލާނގެ އަމުރުފުޅާ އެކު ކުރިޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެން މިތިބީ ކޮންމެ ވަގުތެއް ގައި ވެސް ކަލޭގެފާނާ އެކުގައެވެ. އަޅުގަނޑުމެން ކަލޭގެފާނު ދޫކޮށެއް ނުލާނަމު އެވެ. އިސްރާއީލުގެ ދަރިން މޫސާ (عليه السّلام) އަށް ދެންނެވި ގޮތަކަށް ނުދަންނަވާނަމު އެވެ. سورة المائدة ގެ 24 ވަނަ އާޔަތު ގައި ވަޙީކުރައްވާފައި ވެއެވެ. (قَالُوا يَا مُوسَىٰ إِنَّا لَن نَّدْخُلَهَا أَبَدًا مَّا دَامُوا فِيهَا ۖ فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ ﴿٢٤﴾)8 * المائدة: 24) މާނައީ: 'އެއުރެން ދެންނެވޫއެވެ. އޭ ގެފާނެވެ! އެއުރެން އެ ރަށުގައި ދެމިތިބިހާ ހިނދަކު އެއްގޮތަކަށަ ވެސް ތިމަންމެން އެ ރަށަކަށް ނުވަންނާނޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނހެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ'. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފުރާނަ الله تعالى އާއި އެކަލާނގެ رَسُوْلُ اللهِ ﷺ ގެ މަގުގައި ޤުރްބާންކުރާނަމު އެވެ. ކަލޭގެފާނު ތެދުވެގެންވާ ރަސޫލެއްގެ ގޮތުގައި ފޮނުއްވި الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމު އެވެ. ކަލޭގެފާނު އަޅުގަނޑުމެން ކަނޑު ހުރަސްކޮށް ޙަބަޝްކަރަޔަށް ފޮނުއްވިޔަސް، އަޅުގަނޑުމެން އަދިވެސް ދާނަމު އެވެ. އަޅުގަނޑުމެން ކަލޭގެފާނާ ކުޑަކޮށް ވެސް ދެކޮޅެއް ނަހަދާނަމު އެވެ. ކަލޭގެފާނުގެ ކޮންމެ އެދުންފުޅެއް ތަންފީޒުކުރުމަށް ވެސް އަޅުގަނޑުމެން ތައްޔާރެވެ. ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިންނާއި، އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާން ކުރައްވާށި އެވެ". مقداد (رضي الله عنهم) ގެ މި ތަޤްރީރުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަތެވެ. رَسُوْلُ اللهِ ﷺ އޭނާ އަށް ހެޔޮ ދުޢާތައް ކޮށްދެއްވި އެވެ.9
މިތާނގައި، މަދީނާގެ މުސްލިމުންގެ ރައުޔުތައް ވަރަށް މުހިއްމު ވެއްޖެ އެވެ. އެހެނީ، އެ މީހުން ޢަދަދުގެ ގޮތުން ގިނައެވެ. އަދި އެ މީހުން ވަނީ رَسُوْلُ اللهِ ﷺ ޙިމާޔަތްކުރުމަށް ބައިޢަތު ހިފާފައެވެ. އެ ބޭކަލުން ވަޢުދުވެފައިވަނީ މަދީނާ އިން ބޭރުގައި ހަނގުރާމަކުރާކަށެއް ނޫނެވެ. މި ވިސްނުން އައުމުން، އަންޞާރުންގެ ތެރެއިން سعد بن مُعاذ (رضي الله عنه) ތެދުވެވަޑައިގެން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ހުއްދަ ދެއްވައިފި ނަމަ، އަޅުގަނޑު އަންޞާރުންގެ ފަރާތުން ވާހަކަދައްކާނަމެވެ". ހުއްދަ ދެއްވުމުން، އޭނާ ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން ކަލޭގެފާނަށް އީމާންވެ، ކަލޭގެފާނުގެ ރަސޫލުކަން ޔަޤީންކޮށްފީމު އެވެ. ކަލޭގެފާނު ގެނެސްދެއްވި ކޮންމެ ކަމަކީ ރަނގަޅު އަދި ތެދެވެ. އަޅުގަނޑުމެން ވަނީ ޔަޤީން ވަޢުދެއް ވެ، ކަލޭގެފާނަށް އަޑުއަހައި ކިޔަމަންވުމަށް ހުވާކޮށްފައެވެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ވަޢުދު އުވައެއް ނުލާނަމު އެވެ. އަޅުގަނޑުމެން މި ތިބީ ކަލޭގެފާނު حديث ކުރެއްވި ކޮންމެ އިރެއްގައި ކަލޭގެފާނުގެ ޚިދުމަތުގައެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ އަމުރުފުޅުތަކަށް އެންމެ އިސްކަން ދެމެވެ. ކަލޭގެފާނުގެ މަގުގައި އަޅުގަނޑުމެންގެ ފުރާނަ ޤުރުބާންކުރާނަމެވެ. އަޅުގަނޑުމެން، ކަލޭގެފާނު ޙަޤީޤީ ރަސޫލެއްގެ ގޮތުގައި ފޮނުއްވެވި الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަނީ، ކަލޭގެފާނު ކަނޑަށް ފުންމާލައްވާ ނަމަ، އަޅުގަނޑުމެން ކަލޭގެފާނުގެ ފަހަތުން ފުންމާލާނަމު އެވެ. އަޅުގަނޑުމެންގެ އެކަކު ވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތުގައި ނުވާނަމު އެވެ. ކަލޭގެފާނުގެ ހިތްޕުޅުގައި ވާ ކޮންމެ ކަމަކަށް އަމުރުކުރައްވާށެވެ. އަޅުގަނޑުމެން ކިޔަމަންވާނަމެވެ. އަޅުގަނޑުމެންގެ މުދާތައް އަޅުގަނޑުމެންގެ ފުރާނަޔާ އެކު ޤުރުބާންކުރައްވާށި އެވެ. އަޅުގަނޑުމެން ޢަދުއްވުންނަކަށް ނުފިލާނަމެވެ. ހަނގުރާމަކުރުމުގައި އަޅުގަނޑުމެން މިތިބީ ސާބިތުކަން މަތީގައެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ކަލޭގެފާނަށް އުފާވެރިކަން ގެނެސްދީ ކަލޭގެފާނުގެ ރުއްސެވުން ޙާޞިލުކުރުމެވެ. الله تعالى ގެ ރަޙްމަތް ކަލޭގެފާނަށް ދެއްވާދޭވެ..."! މި ބަސްތައް އަޑުއެއްސެވި އަޞްޙާބު ބޭކަލުން ވަރަށް ބޮޑަށް ޝައުޤުވެރި ވެއްޖެ އެވެ. އެ ހުރިހާ ބޭކަލުން ވެސް ކަނޑައެޅުއްވީ މި ބަސްތަކަށް ހިތުގެ އަޑިން އެއްބަސްވެއްޖެ ކަމަށެވެ. رَسُوْلُ اللهِ ﷺ ވަރަށް ހިތްޕުޅާ ހަމަކުރައްވައިފި އެވެ. سعد بن مُعاذ އާއި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް (رضي الله عنهم) رَسُوْلُ اللهِ ﷺ ހެޔޮ ދުޢާ ކުރެއްވި އެވެ.
މިހާރު ހުރިހާ ފަސްޖެހުމެއް ގޮސްފި އެވެ. ޢަދުއްވުންގެ ޢަދަދު ކިތަންމެ ގިނަވެފައި، ކިތަންމެ ވަރުގަދަ ވިޔަސް، އަޞްޙާބު ބޭކަލުން އެއްވެސް ކަނބޮޑުވުމެއް ނެތި، އެ ބޭކަލުން ޝަހީދުވެ، الله تعالى އާއި އެކަލާނގެ ރަސޫލާގެ ރުއްސެވުން ލިބެންދެން رَسُوْلُ اللهِ ﷺ އަންގަވާ ގޮތަކަށް ޢަމަލުކުރައްވާނެ އެވެ. ޢާލަމްތަކުގެ ސައްޔިދު މަގުދައްކަވާ ނަމަ، އެ ބޭކަލުން ނުދާނެ ތަނެއް ނުހުންނާނެ އެވެ. އެކަލޭގެފާނުގެ ޞަޙާބީންގެ ވަފާތެރިކަމާއި، ޝައުޤުވެރިކަން رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތުމުން، އެ ބޭކަލުންނަށް އުފާވެރި ޚަބަރު ދެއްވަމުން حديث ކުރެއްވި އެވެ. "މިހާރު ކުރިޔަށް ދާށެވެ! الله تعالى ގެ ނިޢުމަތުން އުފާވެރިކަން ހޯދާށެވެ. ﷲ ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. މިވަގުތު ޤުރައިޝުންގެ މީހުން ހަނގުރާމައިގެ މައިދާނުގައި ޒަޚަމްވެގެން ވެއްޓޭތަން ތިމަންކަލޭގެފާނަށް ފެންނަ ފަދައެވެ". މިއާއެކު، އަޞްޙާބު ބޭކަލުން رَسُوْلُ اللهِ ﷺ ގެ ފަހަތްޕުޅުން ވަރަށް ލޯތްބާ އެކު ހިންގަވާފައި ވަޑައިގެންފި އެވެ.
އެހީތެރިވުމަށް މަލާއިކަތުން ވަޑައިގަތުން
މުސްލިމުންނަށް ބަދުރާ ހަމައަށް ދެވުނީ ހުކުރު ދުވަހުގެ ރޭގައެވެ. ލޮބުވެތި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާގޮތުގައި، ކުޑަ ފަރުބަފަދައިގެ ކައިރީގައިވާ ވަޅު ކައިރިން ބައެއް މަޢުލޫމާތު ހޯދިދާނެ އެވެ". އެތަނަށް އެކަލޭގެފާނު ފޮނުއްވީ، الله تعالىގެ ސިންގާ علي، سعد بن أبي وقّاص، زُبيرُ بن عوّام (رضي الله عنهم) އަދި ބައެއް އެހެން ޞަޙާބީންނެވެ.
علي (رضي الله عنه) އާއި އެކަލޭގެފާނުގެ އެކުވެރިން ވަގުތުން އެ ވަޅުގެ ކައިރި އަށް ވަޑައިގެންފި އެވެ. އެތާނގައި އެ ބޭކަލުންނަށް ފެނިވަޑައިގަތީ، ޤުރައިޝުންގެ ފެންއުފުލާ މީހުންނާއި، ޖަމަލު ދުއްވާ މީހުންނެވެ. އެ މީހުންނަށް މުސްލިމުން އަންނަ ތަން ފެނުމުން އަވަހަށް ދުވެ ރައްކާވެއްޖެ އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ދެ މީހަކު އަތުލައިގަނެވުނެވެ. އޭގެ ތެރެއިން އެކަކީ، ޙައްޖާޖުގެ ފިރިހެން ދަރިންގެ އަޅު އަޝްލަމް އެވެ. އަނެކަކީ، عاص بن ساعد ގެ ފިރިހެން ދަރިންގެ އަޅު ޢަޒީޒު އަބޫ ޔާސިރެވެ. އެ މީހުން رَسُوْلُ اللهِ ﷺ ގެ ކުރިފުޅު މައްޗަށް ގެނެވުމުން رَسُوْلُ اللهِ ﷺ އެ މީހުންނާ ސުވާލުކުރެއްވި އެވެ. "ޤުރައިޝުން ކޮބައި ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "އެތާނ އެހެރަ ވެލިފުނީގެ ފަހަތުގައި ކޭމްޕް ޖަހައިގެން އެ މީހުން އެބަ ތިއްބެވެ". رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "އެތާނގައި ތިބީ ކިތައް މީހުން ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "އަޅުގަނޑުމެންނަކަށް އެޢަދަދު ނޭނގެއެވެ". އެކަލޭގެފާނު އެއްސެވި އެވެ. "އެ މީހުން ކޮންމެ ދުވަހަކު ކަތިލަނީ ކިތައް ޖަމަލު ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "އެއް ދުވަހަކު ނުވައެއް، އަނެއް ދުވަހަކު ދިހައެކެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ މީހުންގެ ޢަދަދު އެއް ހާހަށް ވުރެ މަދެވެ. އަދި ނުވަ ސަތޭކަ އަށް ވުރެ ގިނަ އެވެ". ދެން އެކަލޭގެފާނު އެއްސެވި އެވެ. "ޤުރައިޝުންގެ ކަވުވޮށިގެންވާ މީހުންގެ ތެރެއިން އެތާނގައި ތިބީ ކޮން ބައެއް ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "عُتبة، شَيبَة، حارث ބިން ޢަމްރު، އަބުލް ބުހްތަރީ، ޙާކިމް ބިން ޙުޒާމް، أبو جهل، އުމައްޔާ ބިން ޚަލަފު... މިއެވެ". އެ މީހުން މިހެން ބުނުމުން، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ ދިމާލަށް އެނބުރިވަޑައިގެން حديث ކުރެއްވި އެވެ. "މައްކާގެ މީހުން އެމީހުންގެ ޢިއްޒަތްތެރިން ތިޔަބައި މީހުންނަށް ޓަކައި ޤުރްބާންކޮށްފި އެވެ". ދެން އެ ދެމީހުން ކައިރިން އެކަލޭގެފާނު އެއްސެވި އެވެ. "މި ތަނަށް އައި މަގު މަތީގައި ޤުރައިޝުންގެ ތެރެއިން އެކަކު ވެސް އެނބުރި ދިޔަ ހެއްޔެވެ"؟ އެ ދެ މީހުން ޖަވާބުދިނެވެ. "އާދޭހެވެ. ބަނީ ޒުހުރާ ޤަބީލާގެ އަޙްނަސް ބިން އަބީ ޝާރިކު އެނބުރި ހިނގައްޖެ އެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ ތެދު މަގުގައި ނެތް އިރު، އަދި الله تعالى އާއި އެކަލާނގެ ފޮތުގެ މަޢުލޫމާތު އޭނާ އަށް ނޭނގޭ އިރު، ބަނީ ޒުހުރާގެ މެމްބަރުންނަށް އޭނާ އެ ދެއްކީ ޞައްޙަ މަގެވެ... އެ މީހުން ފިޔަވައި އިތުރު ބަޔަކު އެނބުރި ދިޔަ ހެއްޔެވެ"؟ އެ ދެމީހުން ޖަވާބު ދިނެވެ. "ޢަދްޔު ބިން ކަޢްބުގެ ފިރިހެންދަރިން އެނބުރި ގޮސްފި އެވެ".10
رَسُوْلُ اللهِ ﷺ، ޤުރައިޝުންނާ ހަމަޔަށް އެންމެ އިންޒާރެއްގެ ގޮތުންނާއި، މުޢާހަދާއެއް ކުރުމުގެ ގޮތުން عُمرُ (رضي الله عنه) ފޮނުއްވި އެވެ. عُمرُ بن الخطّاب އެ މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ. "އޭ ގޮތްދޫނުކޮށް ތިބި މީހުންނޭވެ! رَسُوْلُ اللهِ ﷺ حديث ކުރައްވަނީ މިހެންނެވެ. 'އެންމެން ތި ކުރަންއުޅޭ ކަންތައް ހުއްޓާލާފައި ސަލާމަތަށް އެނބުރި ދާށެވެ. އެހެނީ، ތިޔަބައި މީހުންނާ ހަނގުރާމަކުރުމަށް ވުރެ، ތިޔަބައި މީހުން ފިޔަވައި އެހެން ބަޔަކާ ހަނގުރާމަކުރުން ތިމަންކަލޭގެފާނަށް މާ އެދެވިގެންވެއެވެ'".
މި ހުށަހެޅުމުގެ ކުރިމަތީގައި، ޤުރައިޝުންގެ މުޝްރިކުންގެ ތެރެއިން އެކަކު ކަމުގައިވާ ޙާކިމް ބިން ޙުޒާމް ކުރިޔަށް ޖެހިލާފައި ބުންޏެވެ. "އޭ ޤުރަޝުންގެ މީހުންނޭވެ! محمّدގެފާނު ކަލޭމެންނާ ދޭތެރޭ އެ ކަންތައް ކުރައްވަނީ ވަރަށް އިންޞާފުވެރިކޮށެވެ. އެކަލޭގެފާނުގެ ހުށަހެޅުއްވުން ވަގުތުން ޤަބޫލުކުރާށެވެ. އެކަލޭގެފާނު ޙަދީޝްކުރައްވާ ގޮތަށް ކަލޭމެން ނުކޮށްފި ކަމުގައި ވާ ނަމަ، އަހަރެން ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނު ދެން ކަލޭމެންގެ މައްޗަށް ހަމްދަރުދީއެއް ވެ ވަޑައެއް ނުގަންނަވާނެ އެވެ"! ޙާކިމް މި ދެއްކި ވާހަކަ އާ ދޭތެރޭ ގައި أبو جهل ވަރަށް ރުޅިއައިސްގެން ބުނެފި އެވެ. "އަހަރެމެން އެ ހުށަހެޅުއްވުން އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރާނަމު އެވެ. އަދި އަހަރެމެން މުސްލިމުންގެ ކިބައިން ބަދަލުހިފުމުގެ ކުރިން އަހަރެމެން އެނބުރި ނުވެސް ދާނަމެވެ. އޭރުން، އެއްވެސް މީހަކަށް އަހަރެމެންގެ ވިޔަފާރި ޤާފިލާތަކަށް ޙަމަލައެއް ނުދެވޭނެ އެވެ". އެހެންކަމުން ޞުލްހަ އަށް އޮތް މަގު أبو جهل ބަންދުކުރީ އެވެ. ދެން، عُمرُ (رضي الله عنه) އެނބުރި ވަޑައިގެންފި އެވެ.
އެ ރޭ، رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީން، މުޝްރިކުންގެ ކުރިން ބަދުރަށް ވަޑައިގެން، ވަޅުގެ ކައިރީ ތަނެއް ގައި މަޑުކުރައްވައިފި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފަނުގެ ޞަޙާބީންނާ މަޝްވަރާކުރައްވައި، ލަޝްކަރު މަރުކަޒުވެގެން ތިބެންވީ ތަނަކާ މެދު އެ ބޭކަލުންގެ ޚިޔާލު ހޯއްދެވި އެވެ. ޞަޙާބީންގެ ތެރެއިން އޭރު ޢުމުރުން އެންމެ ތިރީސް އަހަރު ވީ خبّاب بن منذر (رضي الله عنه) ތެދުވެ ވާހަކަދެއްކުމުގެ އިޒުނައަކަށް އެދިލައްވައިފި އެވެ. ހުއްދަ ދެއްވުމުން، އޭނާ އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. މި ތަނަކީ އެ ތަނެއްގައި މަރުކަޒުވެގެން ތިބުމަށް އެންގެވި ތަން ތޯ އެވެ؟ ނުވަތަ މި ތަން އިޚްތިޔާރުކުރެއްވީ އަމިއްލަ ފުޅު ހަނގުރާމައިގެ ވިސްނުންފުޅެއް ގޮތުން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ނޫނެކެވެ! މި ތަން އިޚްތިޔާރުކުރެވުނީ ހަނގުރާމައިގެ ފިޔަވަޅެއްގެ ގޮތުންނެވެ".
މިއާއެކު، خبّاب (رضي الله عنه) ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިންނާއި، އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރުބާންކުރައްވާފާދޭވެ! އަޅުގަނޑުގެ މީހުންނަކީ ހަނގުރާމަވެރިންނެވެ. އަޅުގަނޑުމެން މި ސަރަޙައްދު ވަރަށް ރަނގަޅަށް އެނގެއެވެ. ޤުރައިޝުން ތިބޭ ތަނުގައި ހުންނަ ވަޅުގައި ތާޒާ އަދި ގިނައިން ފެން އެބަ ހުއްޓެވެ. ކަލޭގެފާނު ހުއްދަ ދެއްވައިފި ނަމަ އަޅުގަނޑުމެން އެ ތަނުގައި ތިބެމާ ހިނގާށެވެ. މި ތާނގައި ހުރި ހުރިހާ ވަޅެއް ބަންދުކޮށް ފެންގަޑެއް ހެދުމަށް ފަހު އެތަނަށް ފެންއަޅާ ފުރަމާ ހިންގާށެވެ. ޢަދުއްވުންނާ ހަނގުރާމަކުރަމުން ދާ އިރު، އަޅުގަނޑުމެން ކަރުހިއްކާ ކޮންމެ ފަހަރަކު އައިސް ފެން ބޮވޭނެ އެވެ. އެކަމަކު، ޢަދުއްވުންނަށް ފެން ނުލިބި އެ މީހުންގެ ދުވަސް ދާނެ އެވެ".11
އެ ވަގުތު، جبريل (عليه السّلام) ވަޑައިގެން ވަޙީ ގެނެސްދެއްވީ އެ ދެއްވި ޚިޔާލު ރަނގަޅު ކަމަށެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "خبّاب އެވެ! ރަނގަޅު ޚިޔާލަކީ، ތިބާ ތި ދިން ޚިޔާލެވެ". އެހެން حديث ކުރައްވާފައި ތެދުވެވަޑައިގެންފި އެވެ. ހުރިހާ އެންމެން އެކުގައި އެ ބަޔާންކުރެވުނު ވަޅުގެ ކައިރިއަށް ވަޑައިގެންފި އެވެ. ތާޒާ ފެން ހުރި ވަޅު ފިޔަވައި އެހެން ހުރިހާ ވަޅެއް ބަންދުކުރައްވައި، ފެންގަޑެއް ހެއްދެވި އެވެ. ދެން އެ ތަނަށް ފެން އަޅުއްވައި، އެތާނގައި ފެން ބޯން ތަށިތައް ބެހެއްޓެވިއެވެ.
އެވަގުތު، سعد بن مُعاذ (رضي الله عنه)، رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ޚިޔާލެއް ހުށަހެޅުއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު އިށީނދެވަޑައިގެން އިންނެވުމަށް ޓަކައި، ކަދުރު ރުކު ފަނުން ހިޔަލެއް ހަދަން ތޯ އެވެ"؟ ސަޢުދުގެފާނުގެ މި ޚިޔާލު އަށް ވަރަށް ކަމުގޮސްފި އެވެ. އަދި އޭނާ އަށް ދުޢާކޮށްދެއްވި އެވެ. ވަރަށް އަވަހަށް އެތާނގައި ހިޔަލެއް ބިނާކުރެވުނެވެ.
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ އެކު ހަނގުރާމައިގެ މައިދާން ސާވޭކޮށްލެއްވި އެވެ. އެކި ވަގުތުތަކުގައި އެކަލޭގެފާނު މަޑުކުރައްވައި ޤުރައިޝުންގެ މުޝްރިކުން ޤަތުލުކޮށްލެވޭނެ ތަންތަން އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން ދައްކަވަމުން حديث ކުރައްވާފައިވަނީ "މާތް ﷲ ގެ އިރާދަފުޅާ އެކު، އެތަނަކީ، އެވެނި މީހަކު މިވެނި މީހަކު ގަޔަށް މާދަމާ ހެނދުނު ޙަމަލަ އަރައި ވެއްޓޭ ތަނެވެ. މާތް ﷲ ގެ އިރާދަފުޅާއެކު، އެތަނަކީ، އެވެނި މީހަކު މިވެނި މީހަކު ގަޔަށް މާދަމާ ހެނދުނު ޙަމަލަ އަރައި ވެއްޓޭ ތަނެވެ. އެތަނުގައެވެ. އެތަނެވެ".
އޭގެ ފަހުން ހިނގި ކަމަށް، عُمرُ (رضي الله عنه) ގެ އަރިހުން ރިވާވެގެން ވެއެވެ. "އެއިން ކޮންމެ މީހަކު ވެސް رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ބޭއްވެވި ތަނުގައި ޙަމަލާ އަރައި ޤަތުލުވެގެންދިޔަ ތަން އަހަރެން ދުށީމެވެ. ކުޑަކޮށް ކުރިޔަށް ނުވަތަ ކުޑަކޮށް ފަހަތަށް ވެސް ނޫނެވެ".
ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުން ތިން ގްރޫޕަބަށް ބައްސަވާލެއްވި އެވެ: މުހާޖިރުންގެ ރާޔާ ދެއްވީ مُصعب بن عُمير އަށެވެ. އަވްސު ވަންހައިގެ ރާޔާ ދެއްވީ ސަޢުދި ބިން މުޢާޒަށެވެ. އަދި ޚަޒްރަޖު ވަންހައިގެ ރާޔާ ދެއްވީ خبّاب ބިން މުންޒިރަށެވެ. ކޮންމެ ގްރޫޕެއް ވެސް ޖަމާވީ އެ ގްރޫޕެއްގެ ރާޔާ ގެ ދަށުންނެވެ.12 رَسُوْلُ اللهِ ﷺ އިސްލާމީ ލަޝްކަރު ސަފުސަފަށް އަތުރައްވާލައްވައި، އިންތިޒާމަކަށް އެޅުއްވި އެވެ.
رَسُوْلُ اللهِ ﷺ އިސްލާމީ ލަޝްކަރު އިންތިޒާމަކަށް އަޅުއްވަމުން ގެންދެވި އިރު، ސަފުން ކުރިޔަށް ޖެހުނު سوادބިން ޣަޒިއްޔާގެ މޭ ގައި އެކަލޭގެފާނުގެ އަތްޕުޅު ގައި އޮތް ދަނޑިގަނޑަކުން ޖައްސަވާލައްވަމުން ވިދާޅުވި އެވެ. "ސަވާދެވެ! ސަފުގައި ހުންނާށެވެ"! سوادބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އަތްޕުޅުގައި އޮތް ދަނޑިގަނޑުން އަޅުގަނޑަށް ތަދުވެއްޖެ އެވެ. ތެދުވެރި ދީނާއި، އިންޞާފުގެ ފޮތާ އެކު ކަލޭގެފާނު ފޮނުއްވި الله تعالى އަށް ޓަކައި، ކަލޭގެފާނު ޖައްސަވާލެއްވި ގޮތަށް އެ ދަނޑިގަނޑުން ކަލޭގެފާނުގެ ގައިގާ ވެސް ޖައްސާލަން އަޅުގަނޑު ބޭނުމެވެ". އޭނާގެ އެ ބަސްތަކުން ހުރިހާ އަޞްހާބު ބޭކަލުން ޙައިރާންވި އެވެ. ޢާލަމްތަކުގެ ސައްޔިދާ ދެކޮޅަށް ބަދަލުހިފުމަކީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟ އެއީ ކުރަން ރަނގަޅު ކަމެއް ހެއްޔެވެ؟ ކޮންމެ ގޮތަކަށް ވިޔަސް، އެކަލޭގެފާނުގެ ގަމީހުގެ ކުރިމަތިން ހުޅުވާލެއްވުމަށް ފަހު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އަންނާށެވެ. ބަދަލުހިފައި ތިބާގެ ޙައްޤު ހޯދާށެވެ"!
سواد (رضي الله عنه)، رَسُوْلُ اللهِ ﷺ ގެ މޭފުޅުގައި ބޮސްދެއްވީ ހިތްހަމަޖެހުމާއި ލޯތްބާ އެކުގައެވެ. އެންމެން ވެސް ބަދަލުހިފުމަށް އިންތިޒާރުކޮށްގެން ތިއްބާ، މި މަންޒަރު ފެނުމުން، އެމީހުންގެ އަޚް ސަވާދާ ދޭތެރޭގައި ވަރަށް ހިތްހަމަޖެހި، ޣީރަތްތެރި ވެސް ވެވިއްޖެ އެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ތިބާ އެހެން ހެދީ ކީއްވެގެން ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިންނާއި އަޅުގަނޑު ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! މިއަދު، الله تعالى ގެ އަމުރުފުޅާ އެކު އަޅުގަނޑުގެ ވަގުތު އައިސް ޖެހިއްޖެކަން އަޅުގަނޑަށް ފެނި، މަތިވެރިވެގެންވާ ކަލޭގެފާނު ދޫކޮށްލަން ޖެހިދާނެތީ އަޅުގަނޑު ބިރުގަނެއެވެ. މި ސަބަބށް ޓަކައި، އަޅުގަނޑުމެން ދެ މީހުންގެ މެދުގައި މި ހިނގާ ފަހު މިނެޓްކޮޅުގައި އަޅުގަނޑު ބޭނުންވީ ކަލޭގެފާނުގެ ބަރަކާތްތެރި ހަށިގަނޑު ގައި ބީހިލުމަށެވެ. އަޅުގަނޑު މި ކަން ބޭނުންކުރަން ބޭނުންވަނީ ޤިޔާމަތް ދުވަހު ކަލޭގެފާނުގެ ޝަފާޢަތް އަޅުގަނޑަށް ދެއްވުމުގެ އަދި އެއާއެކު، ނަރަކައިގެ ޢަޒާބުން ދިންނެވުމުން ޙާޞިލުކުރުމުގެ ވަސީލަތަކަށް ހެދުމަށެވެ". އޭނާގެ ލޯބި ފެނިވަޑައިގެން رَسُوْلُ اللهِ ﷺ އަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. އަދި سواد (رضي الله عنه) އަށް ދުޢާކޮށްދެއްވި އެވެ.
ބަރަކާތްތެރިވެގެންވާ އިސްލާމީ ލަޝްކަރުގެ ކަނާތު ފިޔަ ކޮމާންޑް ކުރައްވާނީ زُبيرُ بن عوّام (رضي الله عنه) އެވެ. އަދި ވާތު ފިޔަ ކޮމާންޑް ކުރައްވާނީ مقداد بن أسود (رضي الله عنه) އެވެ.13
ހަނގުރާމަ ފަށާނެ ގޮތަކާ މެދު رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ މަޝްވަރާކުރައްވަން ބޭނުންފުޅުވެ ވަޑައިގެންފި އެވެ. އެގޮތުން، އެކަލޭގެފާނު އެއްސެވި އެވެ. "ތިޔަބައި މީހުން ހަނގުރާމަކުރާނީ ކިހިނަކުން ހެއްޔެވެ"؟ عاصم بن ثابت (رضي الله عنه) ކޮޅަށް ތެދުފައި، އޭނާގެ ދުނިދަނީ އާއި ދުނި އޭނާގެ އަތުން ހިއްޕަވައިގެން ހުންނަވައި، އެކަލޭގެފާނުގެ ޚިޔާލު ހުށަހެޅުއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ޤުރައިޝުން އަޅުގަނޑުމެންނާ ސަތޭކަ މީޓަރާ ހަމައަށް އައިމަ، އަޅުގަނޑުމެން ދުނިޖަހަން ފަށަމާ ހިނަގާށެވެ. ދެން އޭގެ ފަހުން ކައިރިވުމުން ހިލައުކަމާ ހިންގާށެވެ. އަދި އަހަރެމެންގެ ލޮންސިތައް ބޭނުންކުރެވޭހާ އެ މީހުން ކައިރިވުމުން އެ މިހުން ބަލިވަންދެން އަހަރެމެންގެ ލޮންސިތަކުން ހަނގުރާމަކުރަމާ ހިނގާށެވެ. އަހަރެމެންގެ ކަނޑިތައް ނަގައިގެން ހަނގުރާމަކުރަމާ ހިނގާށެވެ". رَسُوْلُ اللهِ ﷺ އަށް މި އުކުޅު ކަމުގޮސްފި އެވެ. އަދި ތިރީގައިވާ އިރުޝާދު އެކަލޭގެފާނުގެ ޞަޙާބީންނަށް ދެއްވި އެވެ.:
"ތިޔަބައި މީހުންގެ ސަފުތައް ދޫކޮށްނުލާށެވެ. ތިޔަބައި މީހުން އެ ތިބި ތަނެއް ގައި އެހެން ތަނަކަށް ނުގޮސް ތިބޭށެވެ. ތިމަނަކަލޭގެފާނު އަމުރުކުރައްވަން ދެން ހަނގުރާމަ ނުފަށާށެވެ. ޢަދުއްވުން ގަޔާ ދިމާލަށް އައުމުގެ ކުރިން ތިޔަބައި މީހުންގެ ދުނިތައް ބޭކާރުކޮށްނުލާށެވެ. ތިޔަބައި މީހުންގެ ދުނިތައް ފޮނުވާލާނީ ޢަދުއްވުގެ އައްޑަނަ އެއް ފަރާތަކަށް ޖެހިލުމުންނެވެ. އެބައި މީހުން އަދި އިތުރަށް ކައިރިވުމުން، ތިޔަބައި މީހުންގެ އަތުގައި ހުރި ހިލަތައް އުކާށެވެ. އެ މީހުން ކައިރި އަށް އައުމުން ތިޔަބައި މީހުންގެ ލޮންސިތައް ބޭނުންކުރާށެވެ. އަދި އެބައި މީހުން އެންމެ ކައިރި އަށް އައުމުން ތިޔަބައި މީހުންގެ ކަނޑިތަކުން ހަނގުރާމަކުރާށެވެ".
ދެން ފާރަވެރިން އެކި ތަންތަނުގައި ބޭތިއްބުމަށް ފަހު، އަޞްޙާބު ބޭކަލުން އަރާމުކުރުމަށް ހުއްދަ ދެވުނެވެ. الله تعالى ގެ ޙިކްމަތްފުޅުން، ލޮލުގެ އެސްފިޔަތައް ހިއްލާނުލެވޭ ވަރަށް ގަދަ ނިންޖަކުން އެބޭކަލުންނަށް ނިދިއްޖެ އެވެ. ކަދުރު ރުކުގެ ފަނުން ހަދާފައިވާ ހިޔަކަށް رَسُوْلُ اللهِ ﷺ ވެންނެވުމުން، އާ ދެ ބޭކަލުން އެ ބޭކަލުންގެ ކަނޑި އުރައިން ނަންގަވައި، أبوبكر الصدّيق އަދި سعد بن مُعاذ (رضي الله عنهما) އެ ހިޔަލުގެ ދޮރުމަތީގައި ފާރަޔަށް ތިއްބެވި އެވެ. ދެ އަތް މައްޗަށް ނަންގަވައި، ވަރަށް ބޮޑު ހިޔާމަޔާ އެކު الله تعالى އަށް އާދޭސް ދަންނަވަން ފަށްޓަވައިފި އެވެ. "އޭ ހައްދަވައި ބޮޑު ރަސްކަލާނކޮ! އިބަސުވާމީންގެ މި ކުޑަ މުޖްތަމަޢު ނައްތަވާލައްވައިފި ނަމަ، ތިބަ ސުވާމީންގެ އަށް ދެން މި ބިންމަތީ ގައި އަޅުކަމެއް ނުކުރެވޭނެ އެވެ..." މި ހިތާމަވެރި ދުޢާ ހެނދުނު ވަންދެން ކުރިޔަށް ގެންދެވި އެވެ.
އިސްލާމީ ލަޝްކަރުން ފޭލިގެ ޖެހި ތަނަކީ، ވެލި ފަސް ހުރި ތަނެކެވެ. އެހެންކަމުން، އެ ތާނގައި ހިނގަން އުނދަގުލެވެ. އަދި ފައި ބިމަށް ގަނބާ ގޮތެއް ވެއެވެ. الله تعالى ގެ ރަޙްމަތާއި، رَسُوْلُ اللهِ ﷺ އެ ރޭ ކުރެއްވި ދުޢާގެ ބަރަކާތުން ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައި؛ ކޯރުހެދި ދެމެން ފަށައިފި އެވެ. ފެން ތަށިތައް ހުރީ ފުރިފައެވެ. އަދި ބިންމަތި، ފައިތިލަ ނުގަނބާ ވަރަށް ހަރުވެއްޖެ އެވެ.
އަނެއް ކޮޅުން، މުޝްރިކުން ތިބީ ޗަކަހާއި ފެނުގެ ތެރޭގައެވެ. ފަތިސް ވަގުތި ޖެހުމުން، އެކަލޭގެފާނުގެ ޞަޙާބީން ނަމާދަށް ހޭލައްވައިފި އެވެ. ފަތިސް ނަމާދު އިމާމުވެ ނަމާދު ކުރެއްވުމަށް ފަހު، ޢަދުއްވުންނާ ދެކޮޅަށް ޖިހާދުކުރުމާއި، ޝަހީދުވުމުގެ މަތިވެރިކަމާ ބެހޭގޮތުން حديث ކުރައްވައި، އެ މީހުންނަށް ހަނގުރާމަކުރުމަށް ހިތްވަރު ދެއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ޙަޤީޤަތުގައި، الله تعالى އަމުރުފުޅު ކުރައްވަނީ، ތެދު އަދި ޙަޤީޤަތެވެ. الله تعالى އަށް ޓަކައި މެނުވީ އެއްވެސް މީހަކު ކުރާ ޢަމަލުތައް އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވަ އެވެ. އެކަލާނގެ ވަޢުދުކުރެއްވި ރަޙްމަތާއި، ޢަފޫކުރެއްވުމުގެ ބަދަލުގައި، އެކަލާނގެ މި ތާނގައި الله تعالى ގެ އަމުރުފުޅުތަކަށް ބޯލަނބައި، އިމްތިޙާނުން ފާސްވާށެވެ! އެހެނީ، އެކަލާނގެ ވަޢުފުޅަކީ، ތެދުފުޅެވެ. އެކަލާނގެ ވަޙީ ބަސްފުޅަކީ ޞައްހަ ގޮތެވެ. އަދި އެކަލާނގެ ޢަޒާބަކީ ވަރުގަދަ އެއްޗެކެވެ. ތިޔަބައި މީހުންނާއި، ތިމަންކަލޭގެފާނު އިޢުތިމާދު ވަނީ الله تعالى ގެ ޙަޟްރަތަށެވެ. އެކަލާނގެއީ ދރިވޮޑިގެންވާ (حيٌّ) އަދި ދާއިމަށް ދެމިވޮޑިގެންވާ (قيُّوم) ރަސްކަލާނގެ އެވެ. އަޅަމެން ވާގި އެދެނީ އެކަލާނގެ ކިބަފުޅުންނެވެ؛ އަހަރެމެން ހިފަހައްޓާފައިވަނީ އެކަލާނގެ ޙަޟްރަތުގައެވެ؛ އަހަރެމެން ބަރޯސާވެފައިވަނީ އެކަލާނގެ ޙަޟްރަތުގެ މައްޗަށެވެ. އަހަރެމެން އެންމެ ފަހުން އެނބުރި ދަނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ. الله تعالى އަޅުގަނޑަށާއި، ހުރިހާ މުސްލިމުންނަށް ޢަފޫކުރައްވާށި އެވެ"!
"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޤުރައިޝުންގެ މުޝްރިކުން އެހެރަ ތިބެގެން އަންނަނީ އެ މީހުންގެ ހުރިއްޔާ ހުރި ބޮޑާކަމަކާއި، ހަރުކަށިކަމަކާ އެކުގައެވެ! އެ މީހުން އެދަނީ އިބަރަސްކަލާނގެ އަށް ގޮންޖަހަމުންނެވެ؛ އެ މީހުން އެ ދަނީ އިބަރަސްކަލާނގެ ރަސޫލާ އާ ދެކޮޅުހަދަމުންނެވެ. އޭ އަޅާގެ ﷲ އެވެ! އަޅާ އަށް އެހީތެރިކަމާއި، ކާމިޔާބީ ދެއްވުމަށް އިބަސުވާމީންގެ ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކޮށްދެއްވުން އެދި ދަންނަވަމެވެ".
حديث الشّريف
ރަމަޟާން މަހުގެ ސަތާރަ ވަނަ ދުވަހު ހުކުރު ދުވަހުގެ އިރު އަރައިފި އެވެ. ދާދި އަވަހަށް، އެންމެ ރަޙުމެއް ނެތް، އެންމެ ހަމަހަމަ ކަމެއް ނެތް، އެންމެ މުހިއްމު އަދި ތާރީޚުގައި އެންމެ މުހިއްމު ހަނގުރާމަ ފެށޭނެ އެވެ. އެއްކޮޅު ގައި ތިއްބެވީ، فخر السّلام ﷺ އާއި، އެ ބޭކަލުންގެ ފުރާނަތައް ޤުރުބާންކުރެއްވުމަށް ޖެހިލުމެއް ނުވާ މަދު ޢަދަދެއްގެ އެކަލޭގެފާނުގެ ޞަޙާބީން ކޮޅެކެވެ. އަނެއް ކޮޅުގައި ތިބީ، އިސްލާމް ދީން އެއްކޮށް ނައްތާލައި، ގެ ޙަބީބުގެ ޝަރަފު ލިބިވަޑައިގެންފައިވާ ރަސޫލަކު އަވަހާރަކޮށްލުމަށް އެއްވެފައިވާ ނުބައި ނުލަފާ އަދި ރުޅިގަދަވެފައިވާ ކާފަރުންގެ ބައިގަނޑެކެވެ. ހިތާމައަކި، އެ މީހުންގެ ތެރޭގައި، رَسُوْلُ اللهِ ﷺ ގެ ތިމާގެ މީހުން ތިބި ކަމެވެ. އެ މީހުން ބަދުރަށް އައީ އެ މީހުންގެ އެއްބަޑު އަޚާގެ ދަރިކަލުންނާ ހަނގުރާމަކުރުމަށެވެ.
އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ކަޝްކަރުގެ އިންތިޒާމް ހުރި ގޮތް ބައްލަވައި، ކުރިން ދެއްވި އިރުޝާދު ތަކުރާރުކުރެއްވި އެވެ. އެވަގުތު، ޤުރައިޝުންގެ މުޝްރިކުން އެ މީހުންގެ މަރުކަޒުން ނުކުމެ، ބަދުރުގެ ވާދީ އާ ދިމާލަށް ދާން ފަށައިފި އެވެ... އޭގެ ގިނަ މީހުން ތިބީ ދަހަނާ އަޅައިގެންނެވެ. ބޮޑާކަމާއި، ހަރުކަށިކަމާ އެކު، އިސްލާމީ ލަޝްކަރަށް ޙަމަލާދިނުމަށް ރުކުރުވާލައިފި އެވެ. މުޝްރިކުން ތިބި ގޮތް ފެނިވަޑައިގެން، أبوبكر (رضي الله عنه) އާ އެކު، (ކަދުރު ރުކުގެ ފަނުން ހަދާފައިވާ) އެކަލޭގެފާނުގެ ފޭލިގެ ތެރެއަށް ވެދެވަޑައިގެން، ދެ އަތް މައްޗަށް ނަންގަވައި الله تعالى އަށް ދުޢާ ދަންނަވަން ފަށްޓަވައިފި އެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޤުރައިޝުންގެ މުޝްރިކުން އެހެރަ ތިބެގެން އަންނަނީ އެ މީހުންގެ ހުރިއްޔާ ހުރި ބޮޑާކަމަކާއި، ހަރުކަށިކަމަކާ އެކުގައެވެ! އެ މީހުން އެދަނީ އިބަރަސްކަލާނގެ އަށް ގޮންޖަހަމުންނެވެ؛ އެ މީހުން އެ ދަނީ އިބަރަސްކަލާނގެ ރަސޫލާ އާ ދެކޮޅުހަދަމުންނެވެ. އޭ އަޅާގެ ﷲ އެވެ! އަޅާ އަށް އެހީތެރިކަމާއި، ކާމިޔާބީ ދެއްވުމަށް އިބަސުވާމީންގެ ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކޮށްދެއްވުން އެދި ދަންނަވަމެވެ. އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ މި މަދު ޢަދަދެއްގެ މުސްލިމުންގެ ހަލާކަށް އިރާދަކުރައްވާ ނަމަ، ދެން އިބަސުވާމީންގެ އަށް އަޅުކަންކުރާނެ މީހަކު ނުހުންނާނެ އެވެ".
މިގޮތަށް ގެ އެހީތެރިކަމަށް އެދިލައްވާ އެކަލޭގެފާނު الله تعالى އަށް ތަކުރާރުކޮށް އާދޭސް ދެންނެވި އެވެ. رَسُوْلُ اللهِ ﷺ ގެ މި އާދަޔާ ޚިލާފު ހިތާމަވެރި ދުޢާ، އެކަލޭގެފާނުގެ ކޮނޑުފުޅު ގައި އޮތް ކަވަރު ވެއްޓެން ދެން ވެސް ކުރިޔަށް ގެންދެވި އެވެ. ހިތްޕުޅުގެ އަޑިން ދެންނެވި މި އާދޭސް އަށް ހިފަހައްޓާ ނުލެއްވިގެން، أبوبكر (رضي الله عنه)، ވަރަށް އިޙްތިރާމާ އެކު رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ކަވަރު ބިންމަތިން ނަންގަވައި، رَسُوْلُ اللهِ ﷺ ގެ ކޮންޑުފުޅު މަތީގައި ބޭއްވެވި އެވެ. އެކަލޭގެފާނަށް ތަސައްލީއެއް ދެއްވުމުގެ ގޮތުން أبوبكر ގެފާނު ވިދާޅުވި އެވެ. "އަޅާގެ ފުރާނަ ކަލޭގެފާނަށްޓައަށް ޓަކައި، ޤުރުބާންކުރައްވާށި އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ކުރައްވާ ތިހާކަށް ވަރުގެ ދުޢާއިން ފުދޭނެ އެވެ! ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް ދުޢާކުރެއްވުމުގައި ކަލޭގެފާނު ވަނީ ސާބިތުކަން މަތީގައެވެ"! އެ ވަގުތު ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ، سورة القمر ގެ 45-46 ވަނަ އާޔަތް ތިލާވާކުރައްވަމުން ފޭލިގެއިން ނިކުމެވަޑައިގަތެވެ. (سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ ﴿٤٥﴾ بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَىٰ وَأَمَرُّ ﴿٤٦﴾)14 * القمر: 45-46) މާނައީ: "އެ (كافرންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ. (45) އަދި ކިއެއްތަ! އެއުރެންނަށް (عذاب ދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، قيامة ވުމުގެ ވަގުތެވެ. އަދި قيامة ވުމުގެ ވަގުތު (އެއުރެންގެ މައްޗަށް) ދަތިކަން މާ ބޮޑެވެ. އަދި ހިތިކަން ވެސް މާ ބޮޑުމެއެވެ. (46)".
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ލަޝްކަރުގެ ކުރީކޮޅަށް ވަޑައިގެން سورة الأنفال ގެ 45-46 މި ދެ އާޔަތް އަޞްޙާބު ބޭކަލުންނަށް ތަރުތީލުކޮށްދެއްވި އެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴿٤٥﴾ وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ﴿٤٦﴾)15 * الأنفال: 45-46) މާނައީ: "އޭ ވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން (ންގެ ހަނގުރާމަވެރި) ބަޔަކ ބައްދަލުވެއްޖެ ނަމަ، ސާބިތުވެ ތިބޭހުށި ކަމެވެ! އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! (އެއީ) ތިޔަބައި މީހުން ދިންނަވައި ނަސީބު ލިބިގަތުމަށް ޓަކައެވެ. (45) އަދި ﷲ އަށާއި، އެކަލާނގެ އާ އަށް ތިޔަބައި މީހުން ކިޔަމަންވާށެވެ! އަދި ތިޔަބައި މީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުން ވާ ނަމަ) ތިޔަބައި މީހުން ފިނޑިވެ، ތިޔަބައި މީހުންގެ ބާރުނެތި ހިނގައިދާނެ އެވެ. އަދި ތިޔަބައި މީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ".
މި ހަނގުރާމަ އަކީ ގިނަ ޢަދަދެއްގެ ޢަދުއްވުންނާ ދެކޮޅަށް ކުރެވޭ ފުރަތަމަ ހަނގުރާމަ އެވެ. ހަނގުރާމަ ފެށެން ކައިރި ވެއްޖެ އެވެ. ފޯރި ވަރަށް ގަދަވެފައި ވެއެވެ. ހުރިހާ އަޞްހާބު ބޭކަލުން، ކީރިތި قرآن ގެ سورة الأنفال ގެ 45 ވަނަ އާޔަތުގެ (وَاذْكُرُوا اللَّهَ كَثِيرًا ﴿٤٥﴾ މާނައީ: "އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ"!، މިބައި ތިލާވާކުރެއްވުމުން، އެކީ އެކައްޗަކަށް އެންމެން އެއްފަހަރާ "الله أكبر! الله أكبر!" ކިޔުއްވައި، ކާމިޔާބު ދެއްވުމަށް الله تعالى އަށް ދުޢާ ދެންނެވި އެވެ. އެ ވަގުތު، އެ ބޭކަލުން އިންތިޒާރުކުރައްވަމުން ގެންދެވީ رَسُوْلُ اللهِ ﷺ ގެ ފަރާތުން ލިބޭނެ އިޝާރާތަކަށެވެ.
އެ ދުވަސްވަރުގެ އާދަކާދަ އޮންނަ ގޮތުން، ދެ ލަޝްކަރެއް ހަނގުރާމ ފެށުމުގެ ކުރިން، ދެ ފަރާތުގެ އެންމެ ހިތްވަރުގަދަ މީހުން ކުރިޔަށް ޖެހިލައި، ކުރިމަތިލައިގެން ހަނގުރާމަކުރަން ފަށާނެ އެވެ. އެ ގޮތަށް ފަށާ ހަނގުރާމައިގައި ދެ ފަރާތުގެ ރުޅިއާއި ފޯރި އިތުރުވެ، ހަނގުރާމަޔަށް ތައްޔާރުވާނެ އެވެ. މުޝްރިކުންގެ މީހެއް ކަމުގައިވާ ޢާމިރު ބިން ޙަޟްރަމީ މި ޤަވާޢިދު މުގުރާލައި، އިސްލާމީ ލަޝްކަރާ ދިމާލަށް ދުންޏެއް ޖަހައިފި އެވެ. އެ ދުނިން ގޮސް މުހާޖިރުންގެ ތެރެއިން މިހްޖާ ގެ ގަޔަށް އަރައި އޭނާ ޝަހީދު ވެ، އޭނާގެ ބަރަކާތްތެރި ފުރާނަ ސުވަރުގެ އަށް އަރައިފި އެވެ. ފުރަތަމަ އަށް ޝަހީދުވުމަށް رَسُوْلُ اللهِ ﷺ އުފާވެރި ޚަބަރު ދެއްވައި حديث ކުރެއްވި އެވެ. "މިހްޖާ އަކީ ޝަހީދުންގެ ވެރިޔާ އެވެ". ޞަޙާބީންނަށް އެ ބޭކަލުން ކޮންޓްރޯލެއް ނުކުރެވުނެވެ. އެހެން ނަމަވެސް ކުޑަކުޑަ ޙަރަކާތެއް ވެސް رَسُوْلُ اللهِ ﷺ ގެ އަމުރުފުޅާ އެކުގައި ނޫނީ ނުކުރައްވައެވެ. އެ ބޭކަލުންގެ ހިތްތައް ކެކެމުން ދިޔައީ، އަލިފާންފަރުބަދައެއް ހެންނެވެ.
އެ ވަގުތު، މުޝްރިކުންގެ ލަޝްކަރުން ތިން މީހަކު ކުރިޔަށް ނުކުމެއްޖެ އެވެ. އެއީ، އިސްލާމް ދީނުގެ ބޮޑެތި ޢަދާވާތްތެރިން ކަމުގައިވާ عُتبة بن رابعة އާއި، އޭނާގެ ބޭބެ شَيبَة ބިން ރާބިޢާ އާއި، އޭނާގެ ދަރި ވަލީދެވެ. އެ މީހުން މުޖާހިދުންނާ ދިމާލަށް ހަޅޭލަވައިގެންފައި ބުންޏެވެ. "ތިޔަބައި މީހުންގެ ތެރޭގައި އަހަރެމެންނާ ހަނގުރާމަކުރެވޭ ފަދަ ބަޔަކު އެބަ ތިބި ހެއްޔެވެ"؟ حذيفة (رضي الله عنه) އޭނާގެ ބައްޕަ عُتبة އާ ހަނގުރާމަ ކުރުމަށް ނުކުންނެވުމުން، رَسُوْلُ اللهِ ﷺ އޭނާ އަށް حديث ކުރެއްވީ "ހުއްޓާށޭ" އެވެ. މަދީނާގެ މުޖާހިދުންގެ ފަރާތުން، مُعاذ އަދި مُعوّذ،ސައްޔިދާޢަފްރާގެ ދަރިން، އަދި عبدالله بن رواحة ކުރިޔަށް ޖެހިލައިފި އެވެ. އެ ބޭކަލުން عُتبة އާއި، شَيبَة އާއި، وليدގެ ކުރިމަތީ ގައި ހުއްޓިއްޖެ އެވެ. އަތަށް ކަނޑި ނަގައިގެން އެ މީހުން ހަނގުރާމަކުރުމަށް ތައްޔާރުވެ ތިއްބެވެ.
"މާތް ﷲ އެވެ! އިބަރަސްކަލާނގެ އަޅުގަނޑަށް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދަވާ ދެއްވާދޭވެ! މާތް ﷲ އެވެ! އިބަ ރަސްކަލާނގެ މި ކުޑަކުޑަ އިސްލާމީ މުޖްތަމަޢު ނެތިކޮށްލައްވައިފި ނަމަ، އިބަ ރަސްކަލާނގެ އަށް އަޅުކަންކުރަނެ އިތުރު މީހަކު ނުހުންނާނެ އެވެ".
حديث الشّريف
މުސްލިމުންގެ ފަރަތުން ހަނގުރާމަ އަށް ނުކުތް ބޭކަލުން ތަޢާފުވުމަށް މުޝްރިކުން އެދިއްޖެ އެވެ. "ކަލޭމެންނަކީ ކޮން ބައެއް ހެއްޔެވެ"؟ އެ ބޭކަލުން "އަހަރެމެންނަކީ މަދީނާގެ މުސްލިމުން"ނޭ ޖަވާބު ދެއްވުމުން މުޝްރިކުން ބުންޏެވެ. "އަހަރެމެން ކަލޭމެންނާ ދެކޮޅަށް އޮތް ކަމެއް ނެތެވެ. އަހަރެމެން ބޭނުންވަނީ عبدالمطّلب ގެ ފިރިހެން ދަރިންނެވެ. އަހަރެމެން ހަނގުރާމަކުރަން ބޭނުންވަނީ އެ މީހުންނާ އެވެ". މިހެން ބުނެފައި، އިސްލާމީ ލަޝްކަރާ ދިމާލަށް އެނބުރިފައި ހަޅޭލަވައިގެންފައި ބުނޫ އެވެ. "އޭ محمّدގެފާނެވެ! އަހަރެމެންނާ ހަމަ ހަމަ ބައެއް އަހަރެމެންގެ މީހުންގެ ތެރެއިން އަހަރެމެންނާ ދެކޮޅަށް ފޮނުވާށެވެ".
ހަނގުރާމައިގެ މައިދާނު ގައި ތިއްބެވި އެކަލޭގެފާނުގެ 3 ޞަޙާބީންނަށް ހެޔޮ ދުޢާތައް ކުރެއްވުމަށް ފަހު رَسُوْلُ اللهِ ﷺ އެ ބޭކަލުންނަށް އަމުރުކުރެއްވީ އެ ބޭކަލުން ކުރިން ތިއްބެވި ތަނަށް އެނބުރި އައުމަށެވެ. އެކަލޭގެފާނު ދެން ޞަޙާބީންނާ ދިމާލަށް ބައްލަވާލައްވާފައި حديث ކުރެއްވި އެވެ. "އޭ ހާޝިމްގެ ފިރިހެން ދަރިންނޭވެ! ކޮޅަށް ތެދުވާށެވެ! އެ މީހުންގެ ބާޠިލު ދީންތަކުން الله تعالى ގެ ނޫރު ނިއްވާލުމަށް އައި މީހުންނާ ދެކޮޅަށް ތެދު މަގުގައި ހަނގުރާމަކުރާށެވެ؛ އެންމެ އިސްކަން ދޭންވީ ކަމަކީ، الله تعالى ތިޔަބައި މީހުންގެ ރަސޫލާ ފޮނުއްވި ސަބަބަކީ މިއީ އެވެ. عُبيدةއޭ، ތެދުވާށެވެ! حمزةއޭ، ތެދުވާށެވެ! علي އޭ، ތެދުވާށެވެ"!
الله تعالى ގެ ސިންގާއިން ކަމަށް ވާ حمزة، علي، عُبيدة (رضي الله عنهم) އެ ބޭކަލުންގެ ހެލްމެޓް އެޅުއްވުމަށް ފަހު، މައިދާނަށް ނުކުންނަވައިފި އެވެ. އެ މީހުންގެ ކުރިމަތީ ގައި އެ ބޭކަލުން ހުއްޓުމުން، މުޝްރިކުން އަހައިފި އެވެ. "ކަލޭމެންނަކީ ކޮން ބައެއް ހެއްޔެވެ؟ ކަލޭމެން އަހަރެމެންނާ ހަމަހަމަ ނަމަ އަހަރެމެން ހަނގުރާމަކުރާނަމެވެ". "އަހަންނަކީ حمزة! އަހަންނަކީ علي! އަހަންނަކީ عُبيدة"! މި ގޮތަށް އެ ބޭކަލުން ޖަވާބު ދެއްވުމުން، މުޝްރިކުން ބުނޫ އެވެ. "ތިޔައީ އަހަރެމެން ފަދައިން އަޝްރާފުންނެވެ. ކަލޭމެންނާ ހަނގުރާމަކުރަން އަހަރެމެން އެއްބަސް ވަމުއެވެ". ހިތްވަރުގަދަ އިސްލާމީ މުޖާހިދުން މުޝްރިކުންނަށް އީމާންވުމަށް ދަޢުވަތު ދިން ކަމުގައި ވިޔަސް، އެ މީހުން ޤަބޫލެއް ނުކުރި އެވެ. އެއާއެކު، އެ ތިން ބޭކަލުން ވެސް ކަނޑި އުރައިން ނަންގަވާ މުޝްރިކުންނަށް ޙަމަލާދެއްވައިފި އެވެ. عُبيدة (رضي الله عنه) شَيبَة ޒަޚަމްކޮށްލައްވައިފި އެވެ. އަދި شَيبَة ވެސް عُبيدة (رضي الله عنه) ޒަޚަމްކޮށްލައިފި އެވެ. حمزة ގެފާނާއި، علي ގެފާނު (رضي الله عنهم) عُبيدة (رضي الله عنه) ގެ މަދަދަށް ދުރުވެ شَيبَة ޤަތުލުކޮށްލައްވައިފި އެވެ. އެ ބޭކަލުން عُبيدة (رضي الله عنه) ބިންމަތިން ނަންގަވައި، رَسُوْلُ اللهِ ﷺ ގެ އަރިއަހަށް ގެންނަވައިފި އެވެ.16
عُبيدة بن حارث ގެ ތަނބިކަށިން ކެއާއި ކަށީގެ މަދު ދިޔައީ އޮހޮރެމުންނެވެ. އެކަލޭގެފާނުގެ މި ޙާލަތަށް ސަމާލުކަމެއް ނުދެއްވައި އެއްސެވި އެވެ. "މާޓް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރުބާން ކުރައްވާދޭވެ! މިޙާލަތުގައި އަޅުގަނޑު މަރުވެއްޖެ ނަމަ އަޅުގަނޑު ޝަހީދަކަށް ނުވާނެ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އާނއެކެވެ! އޭރުން ތިބާ ވާނީ ޝަހީދަކަށެވެ". އަދި عُبيدة ސުވަރުގެ ވަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ. (عُبيدة (رضي الله عنه) ނިޔާވީ ހަނގުރާމަ އަށް ފަހު އެނބުރި ވަޑައިގެންނެވި މަގުމަތީ ގައި ޞަފްރާ އޭ ކިޔުނު ސަރަޙައްދެއް ގައެވެ.)
އެ މީހުންގެ ތެރޭ ގައި ތިބި މުހިއްމު ތިން މީހަކު ޤަތުލުވުމުން، ޤުރައިޝުން ތިބީ ކުއްލި ޙައިރާން ކަމެއް ލިބިފައެވެ. އެއާއެކު ވެސް، އެ މީހުންނަށް ހިތްވަރު ގެނައުމަށް ޓަކައި أبو جهل ބުންޏެވެ. "عُتبة އާއި، شَيبَة އާއި، وليد ޤަތުލުވުމާ ވިދިގެން ކަންބޮޑުނުވާށެވެ؛ އެ މީހުން ހަނގުރާމަ އަށް މާ ބޮޑަށް އަވަސް އަރައިގަނެގެން ގޮސް އެ މަރުވީ ބޭކާރު ގޮތުގައެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އަހަރެމެން މުސްލިމުން އަސީރުކޮށް، ވަލުން ބަނުމުގެ ކުރިން އަހަރެމެން އެނބުރި ނުދާނަމެވެ".
މުޝްރިކުންގެ މި ބައިގަނޑަށް ވީހާ ވެސް އަވަހަކަށް އެ ބޭކަލުންގެ ކަނޑިތަކުން އަދަބު ދެއްވުމަށް ހިތްވަރުގަދަ އަޞްހާބު ބޭކަލުން ތިއްބެވީ ކެތްމަދުވެފައެވެ. ގެންދެވީ މި ދުޢާ ތަކުރާރުކޮށް ކުރައްވަމުންނެވެ. "މާތް ﷲ އެވެ! އިބަރަސްކަލާނގެ އަޅުގަނޑަށް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދަވާ ދެއްވާދޭވެ! މާތް ﷲ އެވެ! އިބަ ރަސްކަލާނގެ މި ކުޑަކުޑަ އިސްލާމީ މުޖްތަމަޢު ނެތިކޮށްލައްވައިފި ނަމަ، އިބަ ރަސްކަލާނގެ އަށް އަޅުކަންކުރަނެ އިތުރު މީހަކު ނުހުންނާނެ އެވެ".
އެ ވަގުތު، މުޝްރިކުންގެ ތެރެއިން، އޭރު އަދި އިސްލާމް ނުވާ، އަދި ޤުރައިޝުންގެ ތެރޭގައިވާ ހުރި ދުނިޖެހުމަށް އެންމެ ކުޅަދާނަ އެކަކު ކަމުގައިވާ أبوبكر (رضي الله عنه) ގެ ދަރިކަލުން ޢަބްދުރަޙްމާން ހަނގުރާމައިގެ މައިދާނަށް ނުކުމެ އޭނާއާ ހަނގުރާމަކުރާނެ މީހަކަށް އަހައިފި އެވެ. މެންދުރުގެ ދިލަގަދަ ހޫނުގައި މުޖާހިދުންގެ ތެރެއިން ބޭކަލަކު ވަގުތުން ކަނޑި އުރައިން ދަމައިގަނެގެން ކުރިޔަށް ދާ ތަން ފެނިއްޖެ އެވެ. އެ ބޭކަލަކީ، ރަސޫލުންނަށް ފަހު އެންމެ މަތިވެރި އިންސާނާ ކަމުގައިވާ އަދި އެންމެ ފުރަތަމަ އަށް އިސްލާމްވި ބޭފުޅާގެ ޝަރަފު ލިބިވަޑާއިގެން، صدّيق ގެ ލަޤަބު ލިބިގެންނެވި أبوبكر (رضي الله عنه) އެވެ. އޭނާގެ ދަރިކަލުންނާ ހަނގުރާމަ ކުރުމަށް ކުރިޔަށް ނުކުންނެވީ ވަރަށް ބާރަށެވެ. އެހެން ނަމަވެސް، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ އަބޫބަކްރެވެ! ކަލޭގެފާނު ތިމަންކަލޭގެފާނުގެ ފެންނަ ލޮލާއި، އަޑު އިވޭ ކަންފަތް ފަދަ އެވެ! ތިމަން ކަލޭގެފަނުގެ އަރިހުން ދުރަށް ވަޑައިނުގަންނަވާށެވެ!ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ހިތަށް ލިބޭ ކޮންމެ ހިތްދަތިކަމަކަށް ތިބާގެ މޫނު ފެނުމުން ތަސައްލީއެއް ލިބެއެވެ. ކަލޭގެފާނާ އެކު ވުމުން، ތިމަންކަލޭފާނުގެ ހިތް ވަރުގަދަވެގެން ދެއެވެ"، މިހެން حديث ކުރައްވައި، أبوبكر ގެފާނު ހަނގުރާމަ ކުރެއްވުން ހުއްޓަވާލެއްވި އެވެ. أبوبكر الصدّيق (رضي الله عنه) އަށް ނުހުންނެވިގެން ވިދާޅުވިއެވެ. "އޭ ނުލަފާ މީހާއެވެ! އަހަންނާ އެކު އޮތް ގުޅުމަށް ވީ ކީއްހެއްޔެވެ"؟
ދެން، ފެނުނީ ބިމުން ވެލި މުށެއް ނެންގެވި ތަނެވެ. ދެން އެ ވެލިމުށް ޢަދުވުންނާ ދިމާލަށް އުއްކަވާލައްވާފައި حديث ކުރެއްވި އެވެ. "އެ މީހުންގެ މޫނުތައް ކަޅުކުރައްވާދޭވެ! މާތް ﷲ އެވެ! އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން ލައްވައި، އެ މީހުންގެ ފައިތައް ތުރުތުރުލައްވާދޭވޭ"! ދެން އެކަލޭގެފާނު އަޞްޙާބު ބޭކަލުންނާ ދިމާލަށް އެނބުރި ވަޑައިގެން އަމުރުކުރެއްވި އެވެ. "ޙަމަލާދޭށެވެ"! އިޝާރާތަކަށް ބައްލަބައްލަވާ ތިއްބެވި މަތިވެރި ޞަޙާބީން، އެ ބޭކަލުންނަށް އިރުޝާދު ދެވުނު ގޮތަށް ޢަމަލުކުރައްވަން ފަށްޓަވައިފި އެވެ. ގުގުމާފައިވާ "الله أكبر! الله أكبر!" ގެ އަޑުގެ ތެރެއިން، ދުނިތައް ބާރަށް ދާން ފަށައފި އެވެ؛ ހިލަތައް އަމާޒުވާން ފަށައިފި އެވެ. ލޮންސިން ދަނގަނޑު ދަހަނާތަކަށް އަރަން ފަށައިފި އެވެ. الله تعالى ގެ ސިންގާތައް ކަމުގައިވާ حمزة، (رضي الله عنه) ހަނގުރާމަކުރައްވަމުން ގެންދެވީ ދެ ކަނޑިންނެވެ. علي ގެފާނު، عُمرُގެފާނު، زُبيرُ بن عوّام، سعد بن أبي وقّاص، أبو دُجانة17 އަދި عبدالله بن جحش (رضي الله عنهم) ގެންދެވީ މުޝްރިކުންގެ ލަޝްކަރުގެ އެއްކޮޅުން ވަންނަވައިގެން އަނެއް ކޮޅުން ނިކުންނަވަމުން މުޝްރިކުން ޙައިރާން ކުރައްވަމުންނެވެ. އެއިން ކޮންމެ ބޭކަލެއް ވެސް ވެގެންދިޔައީ ފޫއަޅުވާނުލެވޭ ފަދަ ކިއްލާއަކަށެވެ. "الله أكبر! الله أكبر!" ގެ އަޑުން ޖައްވު މަވީ ގުގުމާފައެވެ؛ الله تعالى ގެ މަތިވެރިކަމުގެ އަސަރު ކާފަރުންނަށް ކުރީ މަރުތޭލެއް ފަދައިންނެވެ. رَسُوْلُ اللهِ ﷺ، الله تعالى އަށް ދުޢާ ދެންނެވި އެވެ. "يا حيّ! يا قيّومّ يا حيّ! يا قيّومّ"! علي (رضي الله عنه) ވިދާޅުވި އެވެ. "ބަދުރު ގައި އަހަރެމެންގެ ތެރެއިން އެންމެ ހިތްވަރުގަދަ ހިތްވަރުގަދަ އަދި ބުޠޫލީ ބޭފުޅަކީ رَسُوْلُ اللهِ ﷺ އެވެ. މުޝްރިކުންގެ ސަފުތަކާ އެންމެ ކައިރީ ގައި ހުންނެވީ އެކަލޭގެފާނެވެ. އަހަރެމެންނަށް ދައްޗެއް ކުރިމަތިވާ ކޮންމެ ފަހަރަކު އަހަރެމެން ރައްކާތެރިކަން ހޯދަނީ އެކަލޭގެފާނުގެ ކިބަފުޅުންނެވެ".
މުޝްރިކުން، އެ މީހުންގެ ވެރިޔާ أبو جهل އެ މީހުންގެ މެދަށް ގެނައެވެ. އެ މީހުންގެ ތެރެއިން މީހަކު أبو جهل ހެދުން އަޅާ ގޮތަށް ހެދުން އަޅުވައި، އޭނާ أبو جهل އާ ވައްތަރުކޮށްފި އެވެ. މި ބަދުނަސީބު މީހާގެ ނަމަކީ، عبدالله بن مُنذر އެވެ. علي (رضي الله عنه) މި عبدالله އަށް ޙަމަލަދެއްވައި، أبو جهل ގެ ކުރިމަތީ ގައި އޭނާގެ ބޯ ބުރިކޮށްލައްވައިފި އެވެ. ދެން މުޝްރިކުން އެ ގޮތަށް ހެދުން ލެއްވީ أبو قيص އެވެ. އޭނާ ޤަތުލުކޮށްލެއްވީ حمزة (رضي الله عنه) އެވެ.
علي (رضي الله عنه) ގެންދެވީ މުޝްރިކަކާ ހަނގުރާމަ ކުރައްވަމުންނެވެ. އެ މުޝްރިކު އޭނާގެ ކަނޑި علي (رضي الله عنه) އާ ދިމާލަށް ހޫރާލި އެވެ. އަދި އޭނާގެ ކަނޑި علي (رضي الله عنه) ގެ އައްޑަނައިގައި ތާށިވެއްޖެ އެވެ. ذو الفقارގެ ނަން ދެވިފައިވާ علي (رضي الله عنه) ގެ ކަނޑި އެ މުޝްރިކާގެ ހަށިގަނޑާ ދިމާލަށް ހޫރާލެއްވި އެވެ. އެ މުޝްރިކުގެ ކޮނޑާ ހަމައިން މެއާ ދިމާލަށް އޭނާގެ އައްޑަނައާ އެކު ކަފާލެއްވި އިރު ފެނިވަޑައިގަތީ، ކަނޑިއެއް އެކަލޭގެފާނުގެ ބޯ މަތީ ގައި ދިއްލެމުން ދިޔަ ތަނެވެ. ދެން އެކަލޭގެފާނުގެ ބޯ ތިރިކޮށްލެއްވި އެވެ. ކަނޑި ހޫރާލި މީހަކު. "މި ކަނޑި ނަގާށެވެ. މިއީ حمزة ބިން عبدالمطّلب ގެ ފަރާތުން" ނޭ ބުނި އިރު އެ މުޝްރިކުގެ ބޯ ހެލްމެޓާ އެކު ބިންމައްޗަށް ވެއްޓިއްޖެ އެވެ. علي (رضي الله عنه) އެނބުރި ވަޑައިގެން ބެއލެވި އިރު، ފެނިވަޑައިގަތީ، އެކަލޭގެފާނުގެ ބޮޑުބޭބެ حمزة (رضي الله عنه) ދެ ކަނޑިން ހަނގުރާމަކުރައްވަމުން ގެންދެވި ތަނެވެ. رَسُوْلُ اللهِ ﷺ އަށް އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ވަރަށް ހިތްވަރުގަދަކަމާ އެކު ހަނގުރާމަކުރައްވަމުން ގެންދެވި ތަން ފެނިވަޑައިގަތުމުން، އެ ބޭކަލުންނަށް ތަޢުރީފުކުރައްވަމުން حديث ކުރެއްވި އެވެ. "އެ ބޭކަލުންނަކީ މި ބިން މަތީ ގައިވާ الله تعالى ގެ ސިންގާތަކެވެ".
"އޭ އަބޫބަކްރެވެ! ކަލޭގެފާނު ތިމަންކަލޭގެފާނުގެ ފެންނަ ލޮލާއި، އަޑު އިވޭ ކަންފަތް ފަދަ އެވެ! ތިމަން ކަލޭގެފަނުގެ އަރިހުން ދުރަށް ވަޑައިނުގަންނަވާށެވެ! ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ހިތަށް ލިބޭ ކޮންމެ ހިތްދަތިކަމަކަށް ތިބާގެ މޫނު ފެނުމުން ތަސައްލީއެއް ލިބެއެވެ. ކަލޭގެފާނާ އެކު ވުމުން، ތިމަންކަލޭފާނުގެ ހިތް ވަރުގަދަވެގެން ދެއެވެ".
حديث الشّريف
އެހެން އުޅެނިކޮށް، رَسُوْلُ اللهِ ﷺ އާ ޖެހިގެން ހަނގުރާމަކުރަމުން ދިޔަ عُكاشة (رضي الله عنه) ގެ ކަނޑި ބިނދައިގެން ގޮސްފި އެވެ. އެ ތަން ފެނިވަޑައިގެން، ބިންމަތީ ގައި އޮތް ދަނޑިބުރިއެއް ނަންގަވައި، عُكاشة (رضي الله عنه) ގެ އަތްޕުޅަށް ދެއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "عُكاشة އެވެ! މީތިން ހަނގުރާމަކުރާށެވެ"! މުޢުޖިޒާތެއްގެ ގޮތުން، عُكاشة ގެ އަތްޕުޅަށް އެ ދަނޑިބުރި ލިބުމާ އެކު، އެ ދަނޑިބުރި ބަދަލުވެގެންދިޔައީ، ވަރުގަދަ ތޫނު ތިލައެއް ލާފައި ހުރި ދިގު ކަނޑިއަކަށެވެ. ހަނގުރާމަ ނިމުމާ ހަމައަށް އެ ކަނޑިން އޭނާ ވަރަށް ގިނަ މުޝްރިކުން ޤަތުލުކޮށްލެއްވި އެވެ.
ހަނގުރާމަ ކުރައްވަމުން ގެންދެވި އިރު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން، حديث ކުރެއްވި އެވެ. "الله تعالى ގެ ރުއްސެވުމަށް އުއްމީދުކޮށްގެން ކެތްތެރިކަމާއި ސާބިތުކަމާ އެކު ހަނގުރާމަކުރާ މީހުންނާއި، ފަހަތަށް އެނބުރުމެއް ނެތި ހަނގުރާމަކުރަމުން ދަނިކޮށް ޤަތުލުވާ މީހުން الله تعالى ސުވަރުގެ އަށް ވައްދަވާނެ ކަމަށް، އަޅާގެ ވުޖޫދުވުން އެކަލާނގެ ބާރުފުޅުގައިވާ الله تعالى ގަންދެއްވާ ހުވާކުރައްވަމެވެ". މި ބަރަކާތްތެރި ބަސްކޮޅު އަޑުއެއްސެވުމަށް ފަހު ޢުމައިރު ބިން ހުމާމް ވިދާޅުވި އެވެ. "ކިހާ ރިވެތި ތޯ އެވެ! ކިހާ ރިވެތި ތޯ އެވެ! ވީމާ، ސުވަރުގެ ވަނުމަށް ޓަކައި، ޝަހީދަކަށް ވުން ފިޔަވައި ޟަރޫރީ އެހެން ކަމެއް އަހަންނަކަށް ނެތެވެ". އޭނާ ޢަދުވުންނާ ހަނގުރާމަކުރައްވަމުން ގެންދެވި އިރު، ވިދާޅުވަމުން ގެންދެވި އެވެ. "މީހަކަށް الله تعالى ގެ ޙަޟްރަތަށް މާއްދީ ތަކެއްޗަކުން ނުދެވޭނެ އެވެ. އެކަމަކު އެކަލާނގެ ޙަޟްރަތަށް ދެވޭނީ الله تعالى އަށް ބިރުވެތިވެގެންނާއި، އާޚިރަތަށް އެދި ކުރާ ޢަމަލުތަކުންނާއި، ޖިހާދުކުރުމުގައި ކެތްތެރިވެ ސާބިތުވެގެންނެވެ. މި ކަންތައްތައް ފިޔަވައި، އެހެން ކަންތައްތަކަކީ ނިމި ހުސްވާނެ އެއްޗިއްސެވެ". އެހެންކަމުން، އޭނާ ޝަހީދު ވަންދެން ހަނގުރާމަކުރެއްވި އެވެ.
ހަނގުރާމަ ވަރުގަދަވެއްޖެ އެވެ. ކޮންމެ ޞަޙާބީ އަކާ މަދުވެގެން ތިމަ މުޝްރިކުން ދިޔައީ ހަނގުރާމަ ކުރަމުންނެވެ. އެ މީހުން ކުރާ އެއްވެސް ކަމަކުން، އެ ބޭކަލުންގެ ކަނޑިތަކުން ހަނގުރާމަކުރައްވަމުން ގެންދެވި މަތިވެރިވެގެންވާ ޞަޙާބީން ފަހަތަށް ޖައްސާލެވޭނެ ގޮތެއް ނުވި އެވެ. އެ ބޭކަލުން ބާރުވެރިކަން ހޯއްދެވީ "الله أكبر! الله أكبر!" ކިޔުއްވައިގެންނެވެ. އަދި ތަކުރާރުކޮށް ޙަމަލާދެއްވައިގެން ވަރުބައްޔެއް ނުވި އެވެ. އެއް ވަގުތެއް ގައި، މުޝްރިކުންގެ ޙަމަލާ ވަރުގަދަވެއްޖެ އެވެ. އެއާ އެކު ޞަޙާބީން ތިއްބެވީ އުނދަގޫ ޙާލަތެއް ގައެވެ.
އެ ވަގުތު، رَسُوْلُ اللهِ ﷺ، أبوبكر (رضي الله عنه) އާ އެކު އެކަލޭގެފާނުގެ ފޭލިގެ އަށް ވަދެވަޑައިގެންފައެވެ. رَسُوْلُ اللهِ ﷺ އަނެއްކާ ވެސް الله تعالى އަށް ދުޢާ ދަންންވަން ފެށްޓެވި އެވެ. "އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އިބަ ސުވާމީންގެ އަޅާ އަށް ވަޢުދުވެވޮޑިގެންނެވި އެހީ ދެއްވާދޭވެ"! އެ ވަގުތު ތެދުވެ ވަޑައިގެން حديث ކުރެއްވި އެވެ. އެ ވަގުތު سورة الأنفال ގެ 9 ވަނަ އާޔަތް ބާވައިލެއްވި އެވެ. (إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿٩﴾)18 * الأنفال: 9) މާނައީ: "ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެ އަށް އެހީއަށް އެދި ތިޔަބައި މީހުން ދެންނެވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު، އެކަލާނގެ ތިޔަބައި މީހުންނަށް އިޖާބަދެއްވައި އެންގެވި އެވެ. ންގެ ތެރެއިން ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވާހުށީމެވެ. އެއް ބޭކަލަކަށް ފަހު، އަނެއް ބޭކަލަކު ވަޑައިގަންނަވާ ގޮތަށެވެ". رَسُوْلُ اللهِ ﷺ ތެދުވެ ވަޑައިގެން حديث ކުރެއްވި އެވެ. "އޭ أبوبكر ގެފާނެވެ. އުފާވެރިކަމުގެ ޚަބަރު ހުށްޓެވެ! ތިބާ އަށް ގެ އެހީ ފޯރައިފި އެވެ. އެއީ ޖިބްރީލެވެ! ވެލިފިނި މަތީ ގައި އަހުގެ ލަގަނު ގައި ހިފަހައްޓަވައިގެން ހަތިޔާރު އަޅުއްވައިގެން އެ އިންތިޒާރުކުރައްވަނީ އަންނާނެ އަމުރުތަކަށެވެ".
سورة الأنفال ގެ 12-13 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ފަދައިން الله تعالى މަލާއިކަތުންނަށް އެންގެވި އެވެ. (إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا ۚ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ ﴿١٢﴾ ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۚ وَمَن يُشَاقِقِ اللَّهَ وَرَسُولَهُ فَإِنَّ اللَّهَ شَدِيدُ الْعِقَابِ ﴿١٣﴾)19 * الأنفال: 12-13) މާނައީ: "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ملائكة ންނަށް وحي ކުރެއްވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަ ބޭކަލުންނާ އެކުގައެވެ. ފަހެ، إيمان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! كافر ވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާ ހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަ ބޭކަލުން (ކަނޑީން) ޖައްސަވާށެވެ"! (12) އެއީ، އެއުރެން، ﷲ އާއި، އެކަލާނގެ رسول އާއާ ދެކޮޅުވެރިވީ ކަމަށް ޓަކައެވެ. ﷲ އާއި، އެކަލާނގެ އާއާ ދެކޮޅުވެރިވި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެ އެވެ. (13)
މި އަމުރުފުޅާ އެކު. جبريل، ميكائيل، إسرافيل (عليهم السّلام) ކޮންމެ ބޭކަލަކު އެތަކެއް ހާސް މަލާއިކަތުންނާ އެކު رَسُوْلُ اللهِ ﷺ ގެ ކަނާތް ފަރާތާއި ވާތް ފަރާތުގައި މަޑުކުރައްވައިފި އެވެ.20
جبريل (عليه السّلام) ހުންނެވީ އެކަލޭގެފާނުގެ ބޮލުގައި ރީނދޫ ކުލައިގެ ފޮށައެއް އަޅުއްވައިގެންނެވެ. އަދި ދެން ތިއްބެވި މަލާއިތަކުން ތިއްބެވީ ހުދު ކުލައިގެ ފޮށައެއް އަޅުއްވައިގެންނެވެ. އެ ބޭކަލުންގެ ފޮށައިގެ ކޮޅުތައް ހުރީ ބުރަކަށިނމަތިން ވައްޓަވާލައްވާފައެވެ. އަދި ތިއްބެވީ ހުދު އަސްތަކަކަށް ސަވާރުވެގެންނެވެ. رَسُوْلُ اللهِ ﷺ ޞަޙާބީންނަށް حديث ކުރެއްވި އެވެ. "މަލާއިކަތުގެ ހަށިކޮޅުތަކުގައި ޢަލާމާތްތަކެއް އަދި ރަމްޒުތަކެއް ވެއެވެ. ތިޔަބައި މީހުން ވެސް ތިޔަބައި މީހުންގެ ޢަލާމާތްތަކަކާއި، ރަމްޒުތަކެއް ހަދާށެވެ". ދެން زُبيرُ بن عوّام (رضي الله عنه) ރީނދޫ ކުލައިގެ ފޮތިކޮޅެއް، އަދި أبو دُجانة (رضي الله عنه) ރަތް ކުލައިގެ ފޮތިކޮޅެއް އެ ދެބޭފުޅުން ބޮލުގައި ފޮށައެއްގެ ގޮތުގައި އޮޅާލެއްވި އެވެ. علي (رضي الله عنه) ނެންގެވީ ހުދު ކުލައިގެ ފޮތިގަނޑެކެވެ. އަދި حمزة(رضي الله عنه)، ގިނިކާ މާދޫނީގެ ފަތެއް މޭ ގައި ތަތްކޮށްލެއްވި އެވެ.
މަލާއިކަތުން ހަނގުރާމަޔަށް ވެންނެވުމާ އެކު، ވަގުތުން ޙާލަތު ބަދަލުވެއްޖެ އެވެ. އަޞްޙާބު ބޭކަލުން ޢަދުއްވުންނާ ދިމާލަށް ކަނޑި ހޫރާލެއްވުމުގެ ކުރިން ވެސް އެ ޢަދުއްވުންގެ ބޯތައް ދިޔައީ ބުރިވެ ބިން މައްޗަށް ވެއްޓެމުންނެވެ. ފެންނަމުން ދިޔަ މަންޒަރަކީ، ނުފެންނަ ބަޔަކު، رَسُوْلُ اللهِ ﷺ ގެ ކަނާތް ފަރާތުންނާއި، ވާތް ފަރާތުންނާއި، ކުރިމަތިންނާއި، ފަހަތުން މުޝްރިކުންނާ ހަނގުރާމަކުރަމުން ދިޔަ ތަނެވެ.
سهل (رضي الله عنه) ރިވާކުރައްވާފައި ވެއެވެ.: "ބަނދުރު ހަނގުރާމައިގެ ތެރޭގައި، އަހަރެމެން އަހަރެމެންގެ ކަނޑިތައް މުޝްރިކެއްގެ ބޮލާ ދިމާލަށް ހޫރާލައި ކަނޑިން އޭނާގެ ގައިގައި ނުޖެހެނީސް، އަހަރެމެންނަށް ފެނުނީ އެ މީހާގެ ބޯ އޭނާގެ ހަށިގަނޑާ ވަކިވެ ބިން މައްޗަށް ވެއްޓިގެންދާ ތަނެވެ".
أبو جهل ޤަތުލުކުރުން
ޤުރައިޝުންގެ ދިދަ އުފުއްލި މީހާ ކަމުގައިވާ أبو عزيز بن عُمير ހައްޔަރުކުރެވިއްޖެ އެވެ. އެ މީހުންގެ ކޮމާންޑަރު ކަމުގައިވާ أبو جهل މެދުކެނޑުމެއް ނެތި ދިޔައީ، އޭނާގެ ސިފައިންގެ ރޫޙު ދިރުވައި، ހިތްވަރުދިނުމަށް ޓަކައި، ޅެން ކިޔަމުންނެވެ. އޭނާ ޙަމަލާދެމުން ދިޔައީ، ޒުވާނަމު ފަދައިން "އަހަރެންގެ މަންމަ އަހަރެން ވިހެއީ މިފަދަ ދުވަސްތަކަށޭ" ކިޔައި ފޮނިކަނޑަމުން އަދި އެހެން މީހުންނަށް ހުތުރު އެއްޗެހި ގޮވަމުންނެވެ.
މުޝްރިކުންގެ ތެރެއިން މީހެއް ކަމުގައިވާ عُبيدة بن ساعد ހުރީ ފުރިހަމަ ދަނގަނޑު ދަހަނާ އަޅައިގެންނެވެ. އޭނާގެ ފެންނަން ހުރީ ހަމައެކަނި ދެ ލޮލެވެ. އޭނާގެ އަހުގައި އޭނާ އެނބުރެމުން ދިޔަ އިރު ބުނަމުން ދިޔައީ، "އަހަންނަކީ އަބޫ ޒާތުކަރިޝް! އަހަންނަކީ އަބޫ ޒާތުކަރިޝް"! މާނަ އަކީ، "އަހަންނަކީ ބަނޑުގެ ބައްޕަ އޭ (އަހަންނަކީ ބޮޑު ބަނޑެއްގެ ވެރިއެއް)". އޭނާގެ ގޮތުގައި އޭނާ ދިޔައީ މުސްލިމުންނަށް ގޮންޖަހަމުންނެވެ. ހިތްވަރުގަދަ މުޖާހިދު زُبيرُ بن عوّام (رضي الله عنه) އޭނާ އަށް ދިމާލަށް ދުރުވެ، "الله أكبر"! ކިޔުއްވަމުން ސީދާ އޭނާގެ ލޮލާ ދިމާލަށް އަމާޒުކުރައްވަމުން އެކަލޭގެފާނުގެ ލޮންސި ޖެއްސެވި އެވެ. އަމާޒަށް ވާޞިލުވެ ލޮންސިން އޭނާގެ އަސް މަތިން އޭނާ ބިންމައްޗަށް ވެއްޓިއްޖެ އެވެ. زُبيرގެފާނު އޭނާ އާ ހަމައަށް ވަޑައިގަތް އިރު، عُبيدة އޮތީ މަރުވެފައެވެ. އޭނާގެ ކަރަށް އެކަލޭގެފާނުގެ ފައިން އަރުއްވައި ބާރުލެއްވިޔަސް، ލޮންސި ދަމައިގެން އައީ ވަރަށް އުނދަގުލުންނެވެ؛ އެ ލޮންސި އޮތީ ގުދުވެފައެވެ.
ބަދުރު ހަނގުރާމައިގައި زُبيرގެފާނު ދެއްކެވި ވަރަށް ވަރުގަދަ ހިތްވަރެކެވެ. އޭނާގެ ހަށިކޮޅު ގައި ޒަޚަމްނުވާ ތަންކޮޅެއް ނެތެވެ. އޭނާގެ ދަރިފުޅު ޢުރުވާ މި ޙާލަތު ސިފަކުރައްވަމުން ވިދާޅުވެފައި ވެއެވެ. "އަހަރެންގެ ބައްޕަ އަށް ކަނޑިން ނުރައްކާތެރި ތިން ޙަމަލާއެއް އަރާފައި ވެއެވެ. އޭގެ ތެރެއިން އެއް ޒަޚަމް ހުރީ އޭނާގެ ކަރުގައެވެ. އެ ޒަޚަމް ފުންކަމުން އަހަރެންގެ އިނގިލި އެތެރެއަށް ވައްދާލެވެއެވެ.
عبدالرّحمن بن عوف ވެސް ޤުރައިޝުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވި އެވެ. އެކަލޭގެފާނުގެ ޒަޚަމުން ފައިބާ ލެޔަކަށް ނުބައްލަވައި، އެކަލޭގެފާނު ގެންދެވީ ދިމާވި ކޮންމެ މުޝްރިކެއް ބަލިކުރައްޗާ ޣަތުލުކުތަމުންނެވެ. عبدالرّحمن އަށް ފެނިވަޑައިގަތް ޙާދިސާއެއް ތިރީގައި ވާ ގޮތަށް ސިފަކޮށްދެއްވާފައި ވެއެވެ.
"އިރުކޮޅަކަށް، އަހަރެންގެ ކުރިމަތީ ގައި އެކަކު ވެސް ނެތެވެ. އަހަރެން ވަށައިގެން ބަލައިލި އިރު، އަހަރެންގެ ލޮލުގައި އަޅައިގަތީ އަންޞަރުންގެ ޒުވާން ދެ ފިރިހެނުންނެވެ. އަހަރެން ބޭނުންވީ އެ ތަނުން އެންމެ ބާރު ގަދަ މީހާގެ ކައިރީ ގައި ހުރުމަށެވެ. އެ ދެ ޒުވާނުންގެ ތެރެއިން އެކަކު އަހަންނާ ދިމާލަށް ބަލައިލާފައި އަހަންނާ ދިމާލަށް އެނބުރިލާފައި ސުވާލުކޮށްފި އެވެ. 'ބޮޑު ބޭބެ އެވެ! أبو جهل އެނގޭ ތޯ އެވެ"؟ އަހަރެން ޖަވާބު ދިނީމެވެ. 'އާނއެކެވެ. އަހަންނަށް އެނގެއެވެ'. އޭނާ ސުވާލުކުރި އެވެ. 'އޭ އަޚާގެ ދަރިކަލުންނޭވެ! أبو جهل އާ އެކު ތިބާ ކުރާނީ ކޮން ކަމެއް ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. 'އެ މީހުން އަހަރެން ކައިރީ ގައި ބުނީ، އެ މީހުން ﷲ ގެ ރަސޫލާ އަށް ނަފްރަތުކުރާ ކަމަށެވެ. އަހަރެން الله تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަންނަށް އޭނާ ފެނުމުން، އޭނާ މަރާލުމަށް ފަހު ނުވަތަ އަހަރެން މަރުވަންދެން މެނުވީ އޭނާ ދޫކޮށެއް ނުލާނަމެވެ'. އުފާވެރިކަމުގެ ޙާލަތެއް ގައި ހުރި ޒުވާނެއްގެ މި ސާބިތު ވާހަކަ އާ މެދު އަހަރެން ހުރީ ވަރަށް ޙައިރާން ވެފައެވެ.
"މަލާއިކަތުގެ ހަށިކޮޅުތަކުގައި ޢަލާމާތްތަކެއް އަދި ރަމްޒުތަކެއް ވެއެވެ. ތިޔަބައި މީހުން ވެސް ތިޔަބައި މީހުންގެ ޢަލާމާތްތަކަކާއި، ރަމްޒުތަކެއް ހަދާށެވެ".
حديث الشّريف
އަނެއް ޒުވާނާ އަހަންނަށް ކަޅިއަޅާލާފައި ބުނީ އޭނާއާ އެކު ހުރި އަނެއް ޒުވާނާ ވެސް ބުނި ގޮތަށެވެ. އެ ވަގުތު، އަހަންނަށް ފެނުނީ އަބޫ ޖަހްލެވެ. ޢަދުއްވުންގެ ސިފައިންގެ ތެރޭގައި އޭނާ ދިޔައީ އަބަދު ވެސް އެއް ކޮޅުން އަނެއް ކޮޅަށް ޙަރަކާތްކުރަމުންނެވެ. އަހަރެން އެ ދެ ޒުވާނުންނަށް ބުނީމެވެ. 'އޭ މިތިބަ ދެ ޒުވާނުންނޭވެ! އެއްކޮޅުން އަނެއް ކޮޅަށް ބާރުބާރަށް އެހެރަ ދަނީ އެއީ އަބޫ ޖަހްލެވެ'. މިހެން ބުނުމުން އެ ދެ ޒުވާނުން އެ ދެ މީހުންގެ ކަނޑި އަތަށް ނަގައިގެން أبو جهل އާ ދިމާލަށް ގޮސްފި އެވެ. އެ ހިސާބުން އެ މީހުން ހަނގުރާމަކުރަން ފަށައިފި އެވެ. މި ދެ ޒުވާނުންނަކީ، ސައްޔިދާ އަފްރާގެ ދެ ދަރިން ކަމުގައިވާ ކަމުގައިވާ مُعاذ އާއި، مُعوّذ (رضي الله عنه) އާ ދެބެއިން އެވެ.
އެ ވަގުތު، أبو جهل އާ ކައިރި އަށް ޖެހިލުމުގެ ފުރުޞަތު ޞަޙާބީންގެ ތެރޭގައި ހިމެނޭ ބަޠަލެއް ކަމުގައިވާ مُعاذ بن عمرُو (رضي الله عنه) އަށް ލިބިއްޖެ އެވެ. ދިގު ނިގުލެއް ލާފައި ހުރި އަހަކަށް އަރައިގެން އިން أبو جهل އަށް އޭނާ ޙަމަލާދެއްވައި أبو جهل ގެ ފައިގައި ވަރަށް ބާރަށް ޖައްސަވައިފި އެވެ. އެއާއެކު أبو جهل ގެ ފައި ބިން މައްޗަށް ވެއްޓިއްޖެ އެވެ. ދެން، އޭރު އަދި މުސްލިމަކަށް ނުވާ عكرمة އޭނާގެ ބައްޕަގެ އެހީތެރިކަމަށް އައިސް مُعاذ بن عمرو އާ ހަނގުރާމަކުރަން ފަށައިފި އެވެ.
އެ ވަގުތު، مُعاذ އާއި، مُعوّذ ގެ ދެބެން ބާރެއް ހެން ކުރިޔަށް ޖެހިލައްވައިފި އެވެ. އެ ދެ މީހުންގެ ކުރިމައްޗަށް އައި ކޮންމެ މީހަކު ތަޅާ ތިރިކޮށް، أبو جهل އާ ހަމައަށް ގޮސްފި އެވެ. أبو جهل މަރުވެއްޖެ ކަމަށް ޔަޤީންވަންދެން އެ ދެ ބެއިންގެ ކަނޑިން أبو جهل ގަޔަށް ކަނޑިން ޙަމަލަ ދިނެވެ.
މި ޙަމަލާ ގައި عكرمة އާ ދެމެދު ޙަމަލާތައް ބަދަލުކުރި އިރު، مُعاذ بن عمرُوގެ އަތް ޒަޚަމްވި އެވެ. އޭނާގެ އަތްތިލައިގެ އުޅަބޮށްޓާ ހަމައިން ކެނޑި އެލިފައި ވަކިނުވެ އޮތީ ހަންކޮޅަކުންނެވެ. ހަނގުރާމައިގެ ތެރެއަށް ވަދެވަޑައިގެން ހުންނެވިލެއް ބޮޑުކަމުން مُعاذ ބިން ޢަމްރަށް އޭނާގެ އަތްތިލައިގައި ބެންޑޭޖެއް އަޅަން ވެސް ވަގުތެއް ނުލިބުނެވެ. އޭނާގެ ކެނޑިފައިވާ އަތްތިލަ އެލިފައި އޮތަސް، އޭނާ ގެންދެވީ ހިތްވަރާ އެކު ހަނގުރާމަ ކުރައްވަމުންނެވެ.
الله أكبر! ހާދަ ވަރުގަދަ އީމާނެކެވެ! ބަލައިލަން ކޮން ފަދަ މަންޒަރެއް ހެއްޔެވެ! މި ގޮތަށް އެތައް އިރަކު ހަނގުރާމަކުރެއްވުމަށް ފަހު، مُعاذގެފާނަށް ރޭކާލީ އޭނާ އަށް ޙަރަކާތްކުރަން އުނދަގޫވެއްޖެ ކަމެވެ. ސަބަބަކީ، އޭނާގެ ޒަޚަމްވެފައިވާ އަތްތިލަ އެވެ. އޭނާ ވަގުތުން އެ އަތަށް އަރައި އެއްކޮށް ވަކިކޮށްލައްވައި، އެއްލާލައްވައިފި އެވެ....21
އިސްލާމް ދީނާ ދެކޮޅު ޢަދުއްވެއް ކަމުގައިވާ نوفل بن خويلد އަކީ ޤުރައިޝުންގެ އެންމެ މަޤްބޫލު އެކެކެވެ. އޭނާ ދިޔައީ، މުޝްރިކުންގެ ބައިގަނޑު ރުޅިއަރުވައި ފޯރިއެރުވުމަށް ޓަކައި މެދުކެނޑުމެއް ނެތި ހަޅޭލަވަމުންނެވެ. މީނާ އުޅުނު ގޮތް رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތުމުން، ދުޢާކުރެއްވީ "އަޅާގެ މާތް ﷲ އެވެ! نوفل بن خويلد ގެ މައްޗަށް އަޅާ އަށް އެހީތެރިކަން ދެއްވައި، އޭނާ ބަލިކުރައްވާދޭވެ"! علي (رضي الله عنه) އަށް މުޝްރިކު ނައުފަލު ފެނިވަޑައިގަތުމުން އޭނާގެ މައްޗަށް އެ ދިޔަ ގޮތަށް ގޮސް އަރާވަޑައިގެން އެކަލޭގެފާނުގެ ކަނޑި ހޫރާލެއްވިލެއް ބާރުކަމުން، ދަހަނާ އަޅާފައި ހުއްޓާ ވެސް އޭނާގެ ދެ ފައި އެއްކޮށް ބުރިކޮށްލައްވައިފި އެވެ. ދެން އޭނާގެ ކަރުގައި ކަނޑިން ޖައްސަވައި އޭނާގެ ބޯ ބުރިކޮށްލައްވައިފި އެވެ.22
بلال الحبشي (رضي الله عنه)، ހޫނު ވެލި މަތީގައި ބާއްވައި އޭނާގެ މޭމައްޗަށް ހިލައަރުވައި އަނިޔާކުރި أُميّة بن خلف އަކީ މުޝްރިކުންގެ ތެރޭގައި ހުރި އެންމެ ނުބައި ނުލަފާ އެކެކެވެ. ލިބުނު ކޮންމެ ފުރުޞަތެއް ގައި رَسُوْلُ اللهِ ﷺ އަށް އަނިޔާކޮށް އުޅުނު އިސްލާމް ދީނުގެ މި ޢަދުއްވުން މަސައްކަތްކުރަމުން ދިޔައީ، ބަދުރު ވާދީ އަށް މުޝްރިކުން އެއްކޮށްގެން އިސްލާމް ދީނުގެ ނޫރު ނިއްވާލުމަށެވެ. އުމައްޔާގެ މި ޙާލު بلال (رضي الله عنه) އަށް ފެނިވަޑައިގެން އޭނާގެ ކައިރި އަށް ދުރުވެ އޭނާގެ ކުރިމަތީގައި ކަނޑި ހިއްޕަވައިގެން ހުންނަވައި ވިދާޅުވި އެވެ. "އޭ ކާފަރުންގެ ވެރިޔާ أُميّة بن خلف އެވެ! ކަލޭ މަރުނުވެ ސަލާމަތް ވެއްޖެ ނަމަ، އަހަރެންގެ އުއްމީދަކީ އަހަރެން ސަލާމަތް ނުވާނެ ކަމަށެވެ"! މިހެން ވިދާޅުވެފައި އޭނާ އަށް ޙަމަލާދެއްވައިފި އެވެ. بلال ގެފާނު "އޭ އަންޞާރުންނޭވެ! އެހީތެރިވެދޭށޭ، ކާފަރުންގެ ވެރިޔާ މިތާ މިހިރީ އޭ!"، މިހެން ވިދާޅުވުމުން، އަޞްޙާބު ބޭކަލުން أُميّة بن خلف ވަށައިލައި، އެ ދިޔަ ގޮތަށް ގޮސް އޭނާ ޤަތުލުކޮށްލައިފި އެވެ.23
އެ ހިސާބުން މުޝްރިކުންގެ ލަޝްކަރުގައި ދެން ވެރިޔަކު ނެތެވެ. ބާކީ ތިބި މީހުންގެ ތެރެއިން މީހަކަށް ދެން ހަދާނެ ގޮތެއް ނޭނގުނެވެ؛ ކާފަރުކަމުގެ ކިއްލާ ވެއްޓިއްޖެ އެވެ. މަތިވެރިވެގެންވާ އަޞްޙާބު ބޭކަލުން އެ ކާފަރުން ގެ ފަހަތުން އެ މީހުން އަތުލުމަށް ދުވަނީ އެވެ. ބައެއް މުޝްރިކުން އަސީރުންގެ ގޮތުގައި އަތުލައިގަނެވުނެވެ. رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑުބޭބޭ عبّاسގެ ފާނަކީ އަތުލައިގަނެވުނު މީހުންގެ ތެރެއިން އެކެކެވެ.24
މުއުމިނުންނަށް ނަޞްރުލިބުން
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ ސުވާލުކުރެއްވި އެވެ. "އެއްވެސް މީހަކަށް نوفل بن خويلدގެ ޚަބަރެއް އެނގޭ ހެއްޔެވެ"؟ علي (رضي الله عنه) ކުރިޔަށް ޖެހިލައްވާފައި ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ އެވެ. އަޅުގަނޑު އޭނާ މަރާލައިފީމެވެ". މި ޚަބަރު ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާކުރައްވައި رَسُوْلُ اللهِ ﷺ ތަކުބީރު "الله أكبر!" ކިޔުއްވާފައި حديث ކުރެއްވި އެވެ. "އޭނާ އާ ބެހޭގޮތުން ތިމަންކަލޭގެފާނު ކުރެއްވި ދުޢާ الله تعالى އިޖާބަކުރައްވައިފި އެވެ".
أُميّة بن خلف ޤަތުލުވެއްޖެ ކަމަށް ޞަޙާބީން ދެންނެވުމުން، رَسُوْلُ اللهِ ﷺ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވައި حديث ކުރެއްވި އެވެ. "الحمد لله! ޝަކުރު ހުރީ الله تعالى އަށެވެ. އަޅާގެ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އެކަލާނގެ އަޅާ އަށް ގަދަކަން ދެއްވައި، އެކަލާނގެ ދީން މަތިވެރި ކުރައްވައިފި އެވެ".
أبو جهل އާ ބެހޭގޮތުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ހިތްޕުޅަށް އަރައިވަޑައިގަންނަވަނީ، أبو جهل ހެދި ގޮތަކާ މެދުގައެވެ. އޭނާ އަށް ވީ ކިހިނެއް ހެއްޔެވެ؟ ގޮސް އޭނާ އަށް ވީގޮތެއް ބަލާނީ ކާކު ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ އެންގެވީ މަރުވެފައި ތިބި މީހުންގެ ތެރެއިން أبو جهل ފެބޭތޯ ބެލުމަށެވެ. އެ ބޭކަލުން ހޯއްދެވިޔަސް، އޭނާއެއް ނުފެނުނެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ ފެނޭތޯ ހޯދާށެވެ. އޭނާ އާ ބެހޭގޮތުން ތިމަންކަލޭގެފާނު ވަޢުދެއް ވީމެވެ. ތިޔަބައި މީހުންނަށް އޭނާ ވަކިނުކުރެވުނު ކަމުގައި ވާ ނަމަ، އޭނާގެ ކަކުލުގައި ވާ ލަކުނަށް ބަލާށެވެ. އެއް ދުވަހަކު އޭނާ އާއި ތިމަންކަލޭގެފާނު ތިބީ ޢަބްދުﷲ ބިން ޖަދްޢާން ގެ ޖާފަތެއް ގައެވެ. އަހަރެމެން ދެ މީހުން ވެސް އޭރު ޒުވާނެވެ. އޭނާ އަށް ވުރެ ތިމަންކަލޭގެފާނު ތަންކޮޅެއް ބޮޑެވެ. ތިމަންކަލޭގެފާނު އަކުނިވަޔަށް ދެމިވަގުތު ތިމަންކަލޭގެފާނު އޭނާ ކޮއްޕާލީމެވެ. އޭނާ ވެއްޓުނީ އޭނާގެ ކަކޫ މައްޗަށެވެ. އޭނާގެ އެއް ކަކޫ ޒަޚަމްވި އެވެ. އަދި އެ ޒަޚަމުގެ ލަކުނު އޭނާގެ ކަކުލުން ފިލާފައެއް ނުވެއެވެ"؟
އެއާ އެކު، عبدالله بن مسعود، أبو جهل ހޯދުމަށް ނުކުމެއްޖެ އެވެ. އޭނާ އަށް أبو جهل ފެނުނީ ޒަޚަމްވެފައި އޮތްވައެވެ. އޭނާ އެއްސެވި އެވެ. "ތިޔައީ أبو جهل ހެއްޔެވެ"؟ އޭނާގެ ފައިތިލައިން أبو جهل ގެ ކަރަށް ފިއްތަވާލައްވައި، އޭނާގެ ތުނބުޅީ ގައި ހިފައި ދަމައިގެންފި އެވެ. އޭނާ ވިދާޅުވި އެވެ. "އޭ الله تعالى ގެ ޢަދުއްވާ އެވެ! އެންމެ ފަހުން ކަލޭ ދެރަނިކަމެތި ކުރެއްވީ ހެއްޔެވެ"؟ أبو جهل ޖަވާބު ދިނެވެ. "އެކަލާނގެ އަހަރެން ދެރަނިކަމެތި ކުރައްވާނީ ކީއްވެގެން ހެއްޔެވެ؟ އޭ ބަކަރި ހުއިހައްޕާ މީހާއެވެ! ﷲ ކަލޭ ދެރަނިކަމެތި ކުރައްވާށި އެވެ! ކަލޭ އަރާ ތި ހިރީ ވަރަށް ކަތި ތަނަކަށް އަރާފައެވެ! ކާމިޔާބު ލިބުނީ ކޮން ކޮޅެއް ކަން އަހަރެން ކައިރީގައި ބުނެދީބަލާށެވެ"! إبن مسعود (رضي الله عنه) ވިދާޅުވި އެވެ. "ކާމިޔާބު ލިބިގެންވަނީ ﷲ އަށާއި އެކަލާނގެ ރަސޫލާ އަށެވެ". أبو جهل ގެ ހެލްމެޓް ނައްޓާލައްވަމުން އޭނާ ވިދާޅުވި އެވެ. "އޭ أبو جهل އެވެ! އަހަރެން ކަލޭ މަރާނަމެވެ". أبو جهل އޭނާގެ އުރެދުމާއި، ކިބުރުވެރިކަމާއި، ހަރުކަށިކަން ދައްކައިދޭހެން ބުންޏެވެ. "އެ މީހުންގެ ޤައުމުގެ އިސް މީހުން މަރާލާ ފުރަތަމަ މީހަކަށް ކަލޭ ނުވާނެ އެވެ. އެކަމަކު ތެދަކީ، އަހަރެން މަރާލާނީ ކަލޭ ކަމަށް ޤަބޫލުކުރަން އަހަންނަށް ވަރަށް އުނދަގުލެވެ. އެންމެ ކުޑަމިނުން އަހަރެންގެ މޭ ކައިރިން އަހަރެންގެ ކަރު ބުރިކޮށްލާށެވެ. އޭރުން، އަހަރެންގެ ބޯ ވަރަށް ހައިބަތްތެރިކޮށް ދައްކާނެ އެވެ"!
އިބްނު މަސްޢޫދަށް އަބޫޖަހްލުގެ ބޯ އެކަލޭގެފާނުގެ އަމިއްލަ ކަނޑިން ކަނޑާލެވޭގޮތް ނުވުމުން، އޭނާގެ ބޯ ސީދާ أبو جهل ގެ ކަނޑިން ކަނޑާލެއްވުމަށް ފަހު، އޭނާގެ ހަތިޔާރާއި، ދަހަނާ އާއި، ހެލްމެޓާއި، ބޯ، رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންނެވި އެވެ. އަދި ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! މިއީ الله تعالى ގެ ޢަދުއްވު أبو جهل ގެ ބޮލެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ". ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން أبو جهل ގެ ހަށިގަނޑުގެ ކައިރި އަށް ވަޑައިގަތެވެ. އަދި حديث ކުރެއްވި އެވެ. "ކަލޭ އަގެއް ނެތް އަދި ދެރަނިކަމެތި މީހެއް ކަމުގައި ލެއްވި الله تعالى އަށް ޙަމްދު ހުއްޓެވެ. އޭ ﷲ ގެ ޢަދުއްވާ އެވެ! ކަލެއަކީ މި އުއްމަތުގެ ފިރުޢައުނެވެ". ދެން އެކަލޭގެފާނު الله تعالى އަށް ޝުކުރު ދެންނެވުމުގެ ގޮތުން حديث ކުރެއްވި އެވެ. "އޭ އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާންކޮ! އިބަ ސުވާމީންގެ އަޅާ އަށް ވެވޮޑިގެންނެވި ވަޢުދު ފުއްދަވައިފީމު އެވެ".
"އެ މީހުންނަށް ވުރެ ބޮޑަކަށް ތިބާ އަށް ތިމަންކަލޭގެފާނު ދައްކަވާ ވާހަކަތައް އަޑު ނީވޭނެ ކަމަށް، ތެދު ރަސޫލެއްގެ ގޮތުގައި އަޅާ ފޮނުއްވި އަޅާ ހައްދަވއި ބޮޑުކުރެއްވި ރަސްކަލާނގެ ނަމުގައި ތިމަންކަލޭގެފާނު ޙަދީޘްކުރައްވަމެވެ. އެކަމަކު އެ މީހުންނަކަށް ޖަވާބެއް ނުދެވޭނެ އެވެ".
حديث الشّريف
ހަނގުރާމައިގައި ޒަޚަމްވީ ޞަޙާބީންނަށް ފަރުވާކުރެވޭނެ ގޮތް رَسُوْلُ اللهِ ﷺ ހަމަޖެއްސެވި އެވެ. ޝަހީދުވީ ބޭކަލުން ފާހަގަކުރުމުގެ އިންތިޒާމް ހަމަޖެއްސެވި އެވެ. މުހާޖިރުންގެ ތެރެއިން 6 ބޭކަލުންނާއި، އަންޞާރުންގެ ތެރެއިން އަށް ބޭކަލުން ހިމެނޭ ގޮތަށް ޖުމްލަ ސާދަ ބޭކަލުން ޝަހީދުވި އެވެ. އެ ހުރިހާ ބޭކަލުންގެ ބަރަކާތްތެރި ފުރާނަތައް ސުވަރުގެ އަށް އުދުހިގެންދިޔަ އިރު، އިސްލާމް ދީނުގެ ނޫރު ނިއްވާލަން މަސައްކަތްކުރި މުޝްރިކުންގެ ތެރެއިން ހަތްދިހަ މީހުން ޤަތުލުވެ، ހަތްދިހަ މީހުން އަސީރުންގެ ގޮތުގައި އަތުލައިގަނެވުނެވެ.
رَسُوْلُ اللهِ ﷺ، عبدالله بن رواحة އަދި زيد بن حارثة، ނަޞްރު ލިބުނު ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް މަދީނާ އަށް ފޮނުއްވި އެވެ.
ބަދުރު ހަނގުރާމައިގެ ޝަހީދުންގެ މައްޗަށް رَسُوْلُ اللهِ ﷺ ކަށުނަމާދު25 ކުރައްވައި، އެ ބޭކަލުންގެ މަޤްބަރާތަކުގައި ފަސްދާނުލުމުގެ ކަންތައް ހަމަޖެއްސެވި އެވެ.
ދެން އެ ބޭކަލުން މުޝްރިކުންގެ މަރުވެފައިވާ ސައުވީސް މީހެއްގެ ހަށިތައް ވަޅެއްގެ ތެރޭގަޔާއި، ދެން ތިބި މީހުން ކަށްވަޅު ކޮނެ ވަޅުލެއްވި އެވެ.
ޝަރަފުވެރި ޞަޙާބީންނާ އެކު އެ ވަޅުގެ ކައިރި އަށް رَسُوْلُ اللهِ ﷺ ވަޑައިގެން حديث ކުރެއްވި އެވެ. "ވަޅުތެރެއަށް އެއްލާލެވުނު މީހުންނޭވެ"! މިހެން حديث ކުރައްވާފައި، މުޝްރިކުންގެ ތެރެއިން މަރުވި މީހުންގެ ނަންތައް އެ މީހުންގެ ބަފައިންގެ ނަންތަކާ އެކު ވިދާޅުވަމުން ގެންދެވި އެވެ. "އޭ عُتبة بن رابعة އެވެ! އޭ أُميّة بن خلف އެވެ! އޭ أبو جهل بن هشام އެވެ! ... ކަލޭމެންގެ ރަސޫލާ އަށް ކަލޭމެން ވީ ހާދަ ނުބައި ބަޔަކަށެވެ. ކަލޭމެން ތިމަންކަލޭގެފާނު ދޮގުކުރީމުއެވެ. އެކަމަކު ދެން ތިބި މީހުން ތިމަންކަލޭގެފާނު ޤަބޫލުކޮށް އީމާންވި އެވެ. ކަލޭމެން ތިމަންކަލޭފާނުގެ ވަޠަން ކަމުގައިވާ ރަށުން ބޭރުކޮށްލީމު އެވެ. އެހެން މީހުން އެ މީހުންގެ ދޮރުތައް ތިމަންކަލޭގެފާނަށް ހުޅުވައި، ތިމަންކަލޭފާނަށް އިމާންވި އެވެ. ކަލޭމެން ތިމަންކަލޭގެފާނާ އިދިކޮޅަށް ހަނގުރާމަ ކުރި އިރު، އެހެން މީހުން ތިމަންކަލޭގެފާނަށް އެހީތެރިވި އެވެ. ތިމަންކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކަލެއަށް ވަޢުދުވީ ކަންތައް ޙާޞިލުކުރެވިއްޖެ ހެއްޔެވެ؟ އަޅާގެ ރައްބު އަޅާ އަށް ވަޢުދުވެ ވަޑައިގެންނެވި ނަޞްރު ޙާޞިލުކުރެވިއްޖެ އެވެ".
عُمرُ (رضي الله عنه) އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ތި ވާހަކަ ތި حديث ކުރައްވަނީ މުޅަ ހަށިތަކަކަށް ތޯ އެވެ"؟ އެއާ އެކު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ މީހުންނަށް ވުރެ ބޮޑަކަށް ތިބާ އަށް ތިމަންކަލޭގެފާނު ދައްކަވާ ވާހަކަތައް އަޑު ނީވޭނެ ކަމަށް، ތެދު ރަސޫލެއްގެ ގޮތުގައި އަޅާ ފޮނުއްވި އަޅާ ހައްދަވއި ބޮޑުކުރެއްވި ރަސްކަލާނގެ ނަމުގައި ތިމަންކަލޭގެފާނު حديث ކުރައްވަމެވެ. އެކަމަކު އެ މީހުންނަކަށް ޖަވާބެއް ނުދެވޭނެ އެވެ".
އެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މުޝްރިކުން ހަނގުރާމައިގެ މައިދާނާ ދުރަށް ފިލައިގެން ދިޔަ އިރު، އެ މީހުންނާ އެކު އެތަނަށް ގެނައި އެއްވެސް އެއްޗެއް ނުގެންދެވުނެވެ. އެ ހުރިހާ އެއްޗެއް އެރީ މުސްލިމުންގެ އަތް މައްޗަށެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވެރިވެ ވަޑައިގެންނެވި ޞާހާބީންނާއި، ޑިއުޓީ ގައި ތިއްބެވި ޞަޙާބީންނަށް، رَسُوْلُ اللهِ ﷺ ހަނގުރާމައިގެ ޣަނީމާ މުދާ، ބެއްސެވި އެވެ. އެ ބޭކަލުން އިތުރު ތިން ދުވަސް ވަންދެން ބަދުރު ގައި ތިއްބަވާފައި، މަދީނާ އަށް އެނބުރި ވަޑައިގަތީ ނަވާރަ ދުވަސް ފަހުންނެވެ.
އެއާއެކު، ހަނގުރާމައިން ނަޞްރު ލިބުނު ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް ފޮނުއްވުނު عبدالله بن رواحة އާއި، زيد بن حارثة (رضي الله عنهما) އަށް މަދީނާ އާ ހަމައަށް ދެވިއްޖެ އެވެ. އާދީއްތަ ދުވަހުގެ ހެނދުނު ވަގުތު އެ ދެ ބޭކަލުން ޢަޤީޤު ނަމަކަށް ކިޔޭ ހިސާބަކަށް ދެވުމުން އެ ދެ ބޭކަލުކް ވަކިވެއްޖެ އެވެ. عبدالله بن رواحة (رضي الله عنه) މަދީނާ އަށް ވަކި ދިމާލަކުން ވެދެވަޑައިގެންނެވި އިރު، زيد بن حارثة (رضي الله عنه) ވަދެވަޑައިގެންނެވީ އެހެން ދިމާލަކުންނެވެ.
رَسُوْلُ اللهِ ﷺ ގެ ޅެންވެރިޔާ ކަމުގައިވާ عبدالله بن رواحة، ނަޞްރު ލިބުނު ކަމުގެ އުފާވެރި ޚަބަރު ދެއްވީ ތިރީގައި ވާ ޅެން ކިޔުއްވައިގެންނެވެ.:
އޭ އަންޞާރުންނޭ! އަހަރެން ތިޔަބައ މީހުންނަށް މި އުފާވެރި ޚަބަރު ދެމޭ،
ﷲ ގެ ރަސޫލާ ގަދަވެ ސަލާމަތުން އެބަ ދިރިހުންނެވި އޭ.
މުޝްރިކުން ޤަތުލުކުރެވި އަސީރުންގެ ގޮތުގައި އަތުލައިގެންފިއޭ،
އަސީރުންގެ ތެރޭގައި މަޝްހޫރު އަދި ކަމުވޮށިގެންވާ މީހުން ވެޔޭ.
ރާބިޢާ އާއި، ޙައްޖާޖުގެ ހުރިހާ ދަރިން ވެސް މެއޭ،
أبو جهل ޢަމްރު ބިން هشام ބަދުރުގައި ގަތުލުކުރެވިއްޖެއޭ.
عاصم بن عدي އެއްސެވި އެވެ. "އޭ إبن رواحة އެވެ! ތިބާ ތި ބުނީ ރަނގަޅު ވާހަކައެއް ހެއްޔެވެ"؟ عبدالله بن رواحة (رضي الله عنه) ވިދާޅުވި އެވެ. "އާއެނކެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމޭ، މިއީ ތެދެކެވެ! މާތް ﷲ އިރާދަފުޅު ކުރައްވައިފި ނަމަ، އަތްބަދެވިގެންވާ އަސީރުންނާ އެކު رَسُوْلُ اللهِ ﷺ މާދަމާ ވަޑައިގަންނަވާނެ އެވެ.
رُقيّة (رضي الله عنها) އަވަހާރަވުން
އެ ދުވަހު، رَسُوْلُ اللهِ ﷺ ގެ ލޮބުވެތި ދަރިކަނބަލުން رُقيّة (رضي الله عنها) އަވަހާރަވެއްޖެ އެވެ. އެކަމަނާގެ ކަށުނަމާދު އިމާމުވެ ނަމާދުކުރެއްވީ އެ ކަމަނާގެ ފިރިކަލުން عُثمان (رضي الله عنه) އެވެ. މި ހިތާމަވެރިކަމަށް، ނަޞްރު ލިބުނު ކަމުގެ ޚަބަރުން ކޮންމެ ވެސް ވަރެއްގެ ހިތްހަޖެހުމެއް ލިބިގެންދިޔަ އެވެ.
رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ ޞަޙާބީން، ބަދުރު ހަނގުރާމައިގައި ނަޞްރު ދެއްވި الله تعالى އަށް ޝުކުރު ދަންނަވައި، ޝުކުރުގެ ސަޖިދަ ކުރައްވައި، އަސީރުންނާ އެކު މަދީނާ އާ ދިމާލަށް ދަތުރުކުރެއްވި އެވެ.
މަދީނާ އަށް ކުރިން، ހަނގުރާމައިގެ އުފާވެރި ޚަބަރު ގެނެސްދެއްވި ދެ ބޭކަލުން ކަމަށް ވާ عبدالله بن رواحة އާއި، زيد بن حارثة (رضي الله عنهما)، ބަދުރު ހަނގުރާމައިގައި ކަން ހިނގާދިޔަ ގޮތާއި، ޝަހީދުވި ބޭކަލުންނަކީ ކޮން ބައެއްކަން ކިޔައިދެއްވި އެވެ. ކުޑަކުދިންނާއި، އަންހެނުންނާއި، މަދީނާ ގައި ޑިއުޓީ ގައި މަޑުކުރި ބޭފުޅުން ނަޞްރު ލިބުމުން އެކަމާ ވަރަށް އުފާކުރެއްވި އެވެ. އެ ބޭފުޅުން މަދީނާ އިން ބޭރަށް ގޮސް، رَسُوْلُ اللهِ ﷺ އަށް ތަހުނިޔާ ދެންނެވި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި حارثة بن سُراقةُ ހިމެނެއެވެ. އޭނާގެ މަންމަ ربيع (رضي الله عنها) އަށް އެނގުނީ އޭނާގެ ދަރި ޝަހީދުވީ ފެންގަނޑުން ފެން ބޯން ހުއްޓައި ޢަދުއްވަކު ފޮނުތި ދުންޏެއް އަރައިގެން ކަމެވެ. ربيع (رضي الله عنها) އަށް މި ޚަބަރު ލިބުމުން ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ އެނބުރި ވަޑައިގަތުމުގެ ކުރިން އަހަރެން އަހަރެންގެ ދަރިފުޅުގެ މައްޗަށް ނުރޯނަމެވެ. އެކަލޭގެފާނު މަދީނާ އަށް ވަޑައިގަތުމުން، އަހަރެން އެކަލޭގެފާނާ ސުވާލުކުރާނަމެވެ. އަހަރެންގެ ދަރިފުޅު ސުވަރުގޭގައި ވާ ނަމަ އަހަރެން ނުރޯނަމެވެ. އޭނާ ވަނީ ޖަހަންނަމައިގައި ކަމުގައި ވާ ނަމަ، އަހަރެން ލޮލުން ކަރުނައިގެ ބަދަލުގައި ލޭ އޮއްސާނަމެވެ".
އެކަލޭގެފާނުގެ ޞަޙާބީންނާ އެކު މަދީނާ އަށް ވަޑައިގަތުމުން ربيع (رضي الله عنها) رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ދެންންވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! އަޅުގަނޑު އަޅުގަނޑުގެ ދަރިފުޅު حارثة އަށް ވާ ލޯބި ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ އެވެ. އޭނާ ޝަހީދުވެ ސުވަރުގެ ވަންނާނެ ތޯ އެވެ؟ އެހެން ކަމަށް ވާ ނަމަ، އަޅުގަނޑު ކެތްތެރިވާންޖެހޭނެ އެވެ. އެހެން ނޫން ނަމަ، އަޅުގަނޑުގެ ލޮލުން ލޭ އޮއްސާނަމެވެ". رَسُوْلُ اللهِ ﷺ އެ ކަމަނާ އަށް އުފާވެރި ޚަބަރު ދެއްވި އެވެ. "އޭ أُمُّ حارثة އެވެ! ތިބާގެ ދަރިކަލުން ވަނީ ހަމައެކަނި އެންމެ ސުވަރުގެއަކު ނޫނެވެ. އެތައް ސުވަރުގެއެއް ގައެވެ. އޭނާގެ ތަނަކީ ފިރުދައުސް އެވެ". އެއަށް ފަހު، ރަބީޢު (رضي الله عنها) ވިދާޅުވި އެވެ. "އަޅުގަނޑުގެ ދަރިފުޅަށްޓަކައި އަޅުގަނޑު ނުރޯނަމެވެ". رَسُوْلُ اللهِ ﷺ ފެން ތަށްޓަކަށް އެދިވަޑައިގަތެވެ. އެކަލޭގެފާނުގެ އޯގާތެރިކަމުން، އެކަލޭގެފާނުގެ އިނގިލިކޮޅު ފެންތަށްޓަށް ލައްވާފައި ނެންގެވި އެވެ. ދެން އެ ފެން ބޯން ދެއްވީ حارثة (رضي الله عنه) ގެ މަންމަ އަށާއި، އޭނާގެ އުޚްތަށެވެ. ހަމަ އެފަދައިން، رَسُوْلُ اللهِ ﷺ އެ ދެމައިންގެ މޫނާއި، ބޯ އެ ފެނުން ތެންމަވާލެއްވި އެވެ. އެދުވަހަށް ފަހު، ربيع (رضي الله عنها) އާއި، އެކަމަނާގެ ދަރިކަނބަލުންގެ މޫނުތައް ހުރީ އުޖާލާކޮށެވެ. ހަމަ އެހެންމެ އެ ދެ މައިންގެ ޢުމުރު ވެސް ވަރަށް ދިގެވެ.
ޢާލަމްތަކުގެ މުރުޝިދު رَسُوْلُ اللهِ ﷺ، މަދީނާ އަށް ގެނެވުނު ހަތްދިހަ އަސީރުން އެކަލޭގެފާނުގެ ޞަޙާބީންގެ މެދުގައި ބައްސަވާލައްވާފައި އެންގެވީ، އެ މީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމަށެވެ. އޭރު އަދި އަސިރުންނާ ދޭތެރޭ ކަންތައް ކުރަންވީ ގޮތާ މެދު ވަޙީ ބާވައިނުލައްވައެވެ. އަޞްހާބުންނާ އެކު رَسُوْلُ اللهِ ﷺ ކުރެއްވި މަޝްވަރާގެ އަލީގައި ނިންމެވީ، ފިދުޔަ ދެއްކުމުން އަސީރުން ދޫކޮށްލުމަށެވެ. ފިދުޔައިގެ ޢަދަދު ކަނޑައެޅުނީ އެ އަސީރެއްގެ މުދަލަށް ބަލާފައެވެ. އެއްވެސް މުދަލެއް ނެތް ލިޔަންކިޔަން ދަންނަ މީހުން މަދީނާގެ ލިޔަންކިޔަން ނުދަންނަ ދިހަ މީހަކަށް ލިޔަން ކިޔަން ދަސްކޮށްދިނުމުން އެ މީހުންނަށް އަނބުރާ މައްކާ އަށް ދެވޭ ގޮތަށެވެ. އަސީރުންގެ ތެރޭގައި ހުރި رَسُوْلُ اللهِ ﷺ ގެ ބޮޑުބޭބެ عبّاس އަށް ވިދާޅުވި އެވެ. "އޭ عبّاس އެވެ! ތިބާ އާއި، ތިބާގެ ބޭބެގެ ދަރިކަލުން عُقيل بن أبي طالب އާއި، نوفل بن حارث ގެ ފިދުޔަ ދައްކާށެވެ. އެހެނީ ތިބާ އަކީ މުއްސަންޖެކެވެ". عبّاسވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަކީ މުސްލިމެކެވެ. ޤުރައިޝުން އަޅުގަނޑު ބަދުރަށް ގެނައީ އަޅުގަނޑުގެ ނުރުހުމުގައެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިބާ އަކީ މުސްލިމެއްކަން ދެނެވޮޑިގެންވާނީ الله تعالى އެވެ. ތިބާ ތި ބުނަނީ ތެދުކަމުގައި ވާ ކަމުގައި ވާ ނަމަ، އެކަމަށް الله تعالى ޖަޒާ ދެއްވާނެ އެވެ. އެކަމަކު، ފެންނަ ގޮތުގައި ތިބާ އަހަރެމެންނާ ދެކޮޅެވެ. ތިބާ ދޫކޮށްލުމަށް ތިބާ ފިދުޔަ ދޭންޖެހެނީ އެހެން ވެގެންނެވެ". عبّاس ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ޣަނީމާ މުދަލުގެ ގޮތުގައި ނެންގެވި 800 ދިރުހަމް ފިޔަވައި އިތުރު މުއްސަނދިކަމެއް ނެތެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ عبّاسއެވެ! އެ ރަނާ ބެހޭގޮތުން ބުނެނުދެނީ ކީއްވެގެން ހެއްޔެވެ"؟ އޭނާ ދެންނެވި އެވެ. "ކޮން ރަނެއް ތޯ އެވެ؟" رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އެއީ، ތިބާ މައްކާ އިން ދަތުރު ފެށި ދުވަހު، ތިބާގެ އަނބިމީހާ حارثގެ ދަރިކަނބަލުން أُمُّ الفضل އަށް ދިން ރަނެވެ! އެ ރަން ދިން އިރު، އެތާނގައި އިތުރު މީހެއް ނެތެވެ. އެ ރަނާ ބެހޭގޮތުން އުއްމު ފަޟްލު ކައިރީގައި 'މި ދަތުރު ގައި އަހަންނަށް ވާނެ ގޮތެއް ނޭނގެ އެވެ. އަހަންނަށް ކަމެއް ވެއްޖެ ނަމަ، ތިބާ އަށް މިވަރޭ، ފަޟްލު އަށް މިވެނި ވަރެކޭ، ޢަބްދުﷲ އަށް މިވެނި ވަރެކޭ، عُبيدة އަށް މިވެނި ވަރެކޭ، އަދި ޤުސަމް އަށް މިވެނި ވަރެކޭ'، މިހެން ބުނި ރަނެވެ'". عبّاس ޙައިރާންވެ ހުރެ ވިދާޅުވި އެވެ. "އަޅުގަނޑުގެ އަންހެނުންނަށް އެ ރަން ދިން އިރު އެތާ އެއްވެސް އެހެން މީހަކު ނެތް ކަމަށް އަޅުގަނޑު ހުވާކޮށްފައި ދަންނަވަމެވެ. ކަލޭގެފާނަށް އެކަން އެނގިވަޑައިގަތީ ކިހިނަކުން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނަށް ޚަބަރު ދެއްވީ الله تعالى އެވެ". ދެން عبّاس ގެފާނު ވިދާޅުވި އެވެ. "ކަލޭގެފާނަކީ الله تعالى ގެ ރަސޫލާ ކަމަށާއި، ކަލޭގެފާނު حديث ކުރައްވަނީ ތެދު ކަމަށް އަޅުގަނޑު ހެކިވަމެވެ". މިހެން ވިދާޅުވެފައި ޝަހާދަތުގެ ދެ ކަލިމަ26 ވިދާޅުވެއްޖެ އެވެ. عبّاس އިސްލާމްވުމުން رَسُوْلُ اللهِ ﷺ މައްކާ އަށް ޢައްޔަންކުރެއްވީ عبّاس ގެފާނެވެ. رَسُوْلُ اللهِ ﷺ عبّاس ގެފާނަށް އެންގެވީ އެ ރަށުގައި ތިބި މުސްލިމުން ޙިމާޔަތްކުރައްވައި، އިސްލާމް ދީނުގެ ޢަދުއްވުންގެ ޚަބަރުތައް ފޯރުކޮށްދެއްވުމަށެވެ.
ބަދުރު ހަނގުރާމައިގައި ބަލިވެފައިވާ ޤުރައިޝުންނަށް، އެ މީހުންގެ އަސީރުން، ފިދުޔަ ދިނުމަށް ފަހު ގެންދެވިދާނެ ކަމަށް އެންގުނެވެ. އެހެން ނަމަވެސް، ހިޖްރައިގެ ކުރިން رَسُوْلُ اللهِ ﷺ އަށް ދުއްތުރާކޮށްފައިވާ ނަޟްރު ބިން حارث ވަނީ ބޯބުރިކުރެވިފައެވެ. އަދި ހަމަ އެއާއެކު، رَسُوْلُ اللهِ ﷺ كعب އާ ގައި ނަމާދު ކުރައްވަނިކޮށް އެކަލޭގެފާނުގެ ބަރަކާތްތެރި ބުރަކަށިކޮޅު މައްޗަށް ޖަމަލުގެ ކަރުގޮހޮރު އެޅި ޢުޤްބާ ބިން އަބީ މުޢީޠު ވަނީ ޤަތުލުކުރެވިފައެވެ. އިސްލާމް ދީނުގެ މި ބޮޑު ޢަދުއްވުގެ ބޯ އޭނާގެ ހަށިގަނޑާ ވަކިކޮށްލެވުނު ހިނދު الله تعالى އަށް ޙަމްދުކުރެއްވި އެވެ. އޭނާގެ ހަށިގަނޑުގެ ކައިރި އަށް ވަޑައިގެން حديث ކުރެއްވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ކަލެއަށް ވުރެ ނުބައި މީހަކު ތިމަންކަލޭގެފާނަކަށް ނޭނގެއެވެ. ކަލޭ ވަނީ الله تعالى އަށް އުރެދި، އެކަލާނގެ ރަސޫލާ އާއި، ކިރިތި ޤުރްއާން ޤަބޫލުނުކޮށް، އެކަލާނގެ ރަސޫލާ އަށް އަނިޔާއަކަށް ފަހު އަނިޔާއެއް ދީފައެވެ".
ފިދުޔަ ދީފައި އެ މީހުންގެ ބެލެނިވެރިން އަނބުރާ ގެންދަންދެން އަސިރުން ތިބީ އަޞްޙާބު ބޭކަލުންނާ އެކުގައެވެ. ހުރިހާ އަޞްހާބު ބޭކަލުން ވެސް އަސީރުންނާ ދޭތެރޭގައި ވަރަށް ހެޔޮކޮށް ކަންތައް ކުރައްވައި، އެއް ސުފުރާ އިން ކޭންބެއްލެވި އެވެ. އަސިރުންގެ ތެރޭގައި مُصعب بن عُمير ގެ އަޚް أبو عزيز ހިމެނެއެވެ. އޭނާ ރިވާކުރައްވާފައި ވެއެވެ. "އަހަންނަކީ ވެސް މަދީނާގެ މުސްލިމެއްގެ ގޭގައި ހުރި އަސީރެކެވެ. އެ މީހުން އަހަންނާ ދޭތެރޭގައި މުޢާމަލާތްކުރަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. ހެނދުނާއި ހަވީރު އެ މީހުން ކާން ބަހައްޓާފައި ހުންނަ ރޮށި އަހަންނަށް ދީފައި އެ މީހުން ކާން ބާކީ ހުންނަނީ ހަމައެކަނި ކަދުރެވެ. އެ މީހުންގެ މީހަކަށް ރޮށިކޮޅެއް ލިބޭ އިރަށް އޭތިކޮޅު ގެނެސް ދެނީ ވަގުތުން އަހަންނަށެވެ. އަހަރެން އެކަމާ ލަދުން، އެ ރޮށި ގެނެސްދިން މީހަކަށް އަނބުރާ ދެމެވެ. އެކަމަކު، އެ މީހަކު އޭތިކޮޅު އަނެއްކާ އަނބުރާ އަހަރެންގެ އަތަށް ދެއެވެ".
އަދިވެސް، ޔަޒީދު ކިޔާ ޤުރައިޝުންގެ އަސީރެއް ތިރީގައިވާ ގޮތަށް ބުނެފައިވެއެވެ.: "މުސްލިމުން ބަދުރުން މަދީނާ އަށް ދަތުރުކުރަމުން ދިޔަ އިރު، އެ މީހުން އަހަރެމެން ޖަނަވާރުތަކަށް އަރުވައިގެން ދިޔަ އިރު، އެ މީހުން ދިޔައީ ފައިމަގުގައެވެ".
خديجة ގެފާނުގެ އަންހެން ކޮއްކޮ ގެ ދަރިކަލުން އަދި رَسُوْلُ اللهِ ﷺ ގެ ދަނބި ދަރިފުޅު أبو العاص بن ربيع ވެސް ހިމެނުނީ އަސީރުންގެ ތެރޭގައެވެ. أبو العاص އަކީ މައްކާގެ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މުދާ ގިނަ މީހެކެވެ. އޭނާ މަޝްހޫރުވެފައިވީ އިތުބާރުކުރެވޭ ވަރަޢަވެރިއެއްގެ ގޮތުގައެވެ. އަސީރުންގެ ފިދުޔަ މައްކާ އިން ފޮނުވުނު އިރު، رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން زينب (رضي الله عنها) އަށް އެ ކަމަނާގެ މަންމާފުޅު ކައިވެނީގެ މުނާސަބަތުގައި ހަދިޔާ އަކަށް ދެއްވި ކަރުގައި އަޅާ ފަށެއް ފިދުޔައިގެ ގޮތުގައި ފޮނުއްވި އެވެ. އެ ފިދުޔަ މަދީނާ އަށް ލިބުމުން، رَسُوْلُ اللهِ ﷺ އަށް އެ ފަށް ފާހަގަކުރެއްވިގެން حديث ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ! ތިޔަ ބައި މީހުންނަށް ފެންނަ ކަމަށް ވާ ނަމަ، ތިމަންކަލޭގެފާނުގެ ދަރިކަނބަލުން زينب ގެ އަސީރު ފިދުޔަ އާ އެކު ފޮނުވާށެވެ". ޞަޙާބީން އެ ހުށަހެޅުއްވުން ޤަބޫލުކުރައްވައި، أبو العاص، زينب (رضي الله عنها) މަދީނާ އަށް ފޮނުވުމަށް ޝަރުޠުކޮށްފައި، އޭނާގެ މުދަލާ އެކު މައްކާ އަށް ދިއުމަށް ހުއްދަ ދިނެވެ. أبو العاص، زينب ގެފާނާއި، އެކަމަނާއާ އެކީގައި އުޅޭ މީހުން، އޭނާގެ އަޚް كنانة އާ އެކު ފޮނުވި އެވެ. މި ވާހަކަ އަޑު އިވި ރުޅިއައިސްގެން މައްކާގެ މުޝްރިކުން އެކަމަނާގެ ފަހަތުން މީހުން ފޮނުވި އެވެ. އެ މީހުންނާ އެ ބޭފުޅުންނާ ދިމާވީ ޒިތުވާ ގައެވެ. هبّار بن أسود އޭނާގެ ލޮންސި ފޮނުވާލުމުން، زينب ގެފާނު އަރާ އިންނެވި ޖަމަލު ތެޅިގެންފައި އެކަމަނާ ޖަމަލުގެ މަތިން ބިންމައްޗަށް ވެއްޓިއްޖެ އެވެ. كنامة އޭނާގެ ދުނިތައް އޭނާގެ ކުރިމައްޗަށް ވައްޓާލާފައި ބުންޏެވެ. "زينب އަވަހާރަކޮށްލަން އުޅޭ ކޮންމެ މީހަކު އަހަރެން ނެތިކޮށްލާނަމެވެ". އޭނާ زينب (رضي الله عنها) މައްކާއިން ބޭރަށް ނެރެ، އެކަމަނާ މަދީނާ އަށް ގެންދިޔަ އެވެ. ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން زينب (رضي الله عنها) އާލާސްކަންފުޅާ ޖެހިއްޖެ އެވެ. އޭރު އެކަމަނާ އިނީ ބަލިވެއެވެ. އެކަމަނާ މަދީނާ އަށް ވާޞިލުވުމުން، ދަރިފުޅު ބައިގެން ހިނގައްޖެ އެވެ. މި ޚަބަރު އަޑުއައްސަވާފައި، رَسُوْلُ اللهِ ﷺ ވަރަށް ހިތާމަކުރެއްވި އެވެ.
ބަދުރު ހަނގުރާމައިގައި މުޝްރިކުން ބަލިވެ، ހަނގުރާމައިގެ މައިދާން ނިކަމެތި ކަމާ އެކު ދޫކޮށް ދިޔަ ދިއުމަކީ މައްކާގެ މީހުންނަށް ލިބުނު ވަރަށް ބޮޑު ޙައިރާން ކަމެކެވެ. ނަތީޖާއެއްގެ ގޮތުން، އެ މީހުން އެ މީހުން އުއްމީދު ވެސް ނުކުރާ ނުވަތަ ހިތަށް ވެސް ނާރާ ފަދަ ގޮތަކަށް ކަންތައް ވެގެންދިޔަ އެވެ. އެ ޚަބަރު އެންމެ ފުރަތަމަ ގެނައި މީހުން ދެއްކި ވާހަކަ އަބޫ ލަހަބާއި، އެހެން މުޝްރިކުން ޤަބޫލެއް ނުކުރި އެވެ. ހަނގުރާމައިގެ މައިދާނުން ފިލި أبو سُفيان މައްކާ އަށް އައުމުން، އެ މީހުން އޭނާއަށް ވަގުތުން ގޮވައި ގެނައެވެ. أبو لهب އޭނާގެ ކައިރިން އެހި އެވެ. "އޭ އަހަރެންގެ ބޭބެގެ ދަރިކަލުންނޭވެ! ވީގޮތް އަހަރެމެންނަށް ބުނެދީބަލާށެވެ". أبو سُفيان އިށީނދެއްޖެ އެވެ. ގިނަ ބަޔަކު އަޑުއަހަން ތިބީ ކޮޅަށެވެ. أبو سُفيان އެ މީހުން ކައިރީ ގައި ބުންޏެވެ.:
"ސުވާލު ވެސް ނުކުރާށެވެ. އަހަރެމެން މުސްލިމުންނާ ދެކޮޅަށް ތިބި އިރު ހީވަނީ އަހަރެމެންގެ އަތްތައް ބަދެވިފައި ތިބި ހެންނެވެ. އެ މީހުން ކަންތައް ކުރީ އެ މީހުން ބޭނުންވި ގޮތަށެވެ. އެ މީހުން އަހަރެމެންގެ ބައެއް މީހުން ޤަތުލުކޮށް އަދި އަނެއް ބައި މީހުން އަސީރުންގެ ގޮތުން އަތުލައިގަތެވެ. އަހަރެން ހުވާކޮށްފައި ބުނަނީ، އަހަރެމެންގެ އެއްވެސް މީހަކު ކުށްވެރިކޮށް ފާޑުނުކިޔާ ކަމަށެވެ. އެހެނީ އެ ވަގުތު، އަހަރެމެންނާ ދިމާވީ ހުދު ކުލައިގެ ހެދުން ލައިގެން ތިބި ބަޔަކު އަޅިކުލައިގެ އަސްތަކެއް ގައި ތިބި ބަޔަކު އުޑާއި ބިމާ ދޭތެރޭގައި ތިއްބައެވެ. އެ މީހުންނާ ދެކޮޅަށް އެއްވެސް އެއްޗަކަށް ހިފަހައްޓައެއް ނުލެވޭނެ އެވެ. އަދި އެއްވެސް މީހަކަށް އެމީހުންނާ ދެކޮޅެއް ނެހެދޭނެ އެވެ"!
އިސްލާމް ދީނުގެ ކުރީކޮޅު އިސްލާމްވެ، މުޝްރިކުންގެ އަނިޔާ އަށް ބިރުން އެކަން ސިއްރުކޮށްގެން ހުރި عبّاس ގެފާނުގެ އަޅު أبو رافع އެތާނގައި ހުއްޓެވެ. އެ މީހުންނަށް މަޑުމައިތިރި ކަމާއެކު އަޑުއަހަމުން ދިޔައިރު، ވީ އުފަލުން އަބޫ ރާފިޢު ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތި ކުއްލިއަކަށް ބުނެވުނީ، "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެ މީހުންނަކީ މަލާއިކަތުންނެވެ". أبو لهب އޭނާގެ ކަންކަށިމަތީ ގައި ބާރަކަށް ޖެހުމަށް ފަހު، އޭނާގެ ގައިގައި ހިފަހައްޓައި މިންމައްޗަށް ވައްޓާލައިފި އެވެ. އޭނާގެ ގައިގައި ވަރަށް ބޮޑަށް ތަޅައިފި އެވެ. عبّاسގެފާނުގެ އަނބިކަނބަލުން أُمُّ الفضل އަށް އެތަން ބަލަހައްޓައިގެން ނުހުރެވުނެވެ. އެހެނީ، އެ ކަމަނާ ވެސް އޭރު އިސްލާމްވެއްޖެ އެވެ. أُمُّ الفضل، އެ ކޮޓަރީގައި ހުރި ދަނގަޑެއް ނަންގަވާފައި "އޭނާގެ އެއްވެސް މީހަކު ނެތީމާ އޭނާއަކީ އެއްވެސް ބާރެއް ނެތް މީހެއް ކަމަށް ކަލޭ ހީކުރީ ހެއްޔޭ؟" ވިދާޅުވެފައި، أبو لهب ގައިގައި ޖައްސަވައިފި އެވެ. أبو لهب ގެ ބޯ މެދުން ފަޅައިގެން ގޮސްފި އެވެ. އޭނާ އެނބުރިލާފައި، ނިކަމެތި އަދި ނަފްރަތުކުރެވިގެންވާ ޙާލުގައި އެ ތަނުން ގޮސްފި އެވެ. ހަތް ދުވަސް ފަހުން، الله تعالى އޭނާ އަށްblack scarlet ނަމަކަށް ކިޔާ ބޮޑު ބައްޔެއް ޖައްސަވައިފި އެވެ. އޭނާ މަރުވީ އެ ބަލީގައެވެ. އޭނާގެ ފިރިހެން ދަރިން، ދޭއް ނުވަތަ ތިން ރޭ ވަންދެން އޭނާގެ ހަށިގަނޑު ވަޅުނުލާ ބޭއްވި އެވެ. އެންމެ ފަހުން، އޭނާގެ މުޅަ ހަށިގަނޑުން ކުނިވަސް ދުވާން ފެށިއެވެ. އެންމެން ވެސް ތިބީ أبو لهب އަށް ޖެހިފައިވާ ބަލި ދެކެ ފަކުރުގެންފައެވެ. އެ ހިސާބުން، ޤުރައިޝުންގެ މީހަކު أبو لهب ގެ ދަރިންނަށް ބުންޏެވެ. "ކަލޭމެންނަށް ލަދުވެތިކަން ހުއްޓެވެ! ކަލޭމެން ލަދުނުގަނޭ ހެއްޔެވެ؟ ކަލޭމެން ކަލޭމެންގެ ބައްޕަ ގޭގައި ތި ބޭއްވީ ގައިން ކުނިވަސް ދުވަންދެނެވެ. އެންމެ ކުޑަމިނުން އޭނާ ކޮންމެވެސް ތަނަކަށް ގެންގޮސް ވަޅުލާށެވެ"! އޭނާގެ ދަރިން އެ މީހާ އާ ދިމާލަށް ބުންޏެވެ. "ބައްޕަ އަށް ޖެހިފައިވާ ބަލި ދެކެ އަހަރެމެން ބިރުގަންނަނީއެވެ". އެހެން ބުނުމުން، އެ މީހާ ބުންޏެވެ. "ކަލޭމެން ދާށެވެ. އަހަރެން އެހީތެރިވާނަމެވެ". ދެން، އެ ތިން މީހުން ވެގެން أبو لهب ގެ ހަށިގަނޑު ނަގައިގެން ގެންގޮސް ދުރު ތަނަކަށް ދޫކޮށްލައިފި އެވެ. އެ މީހުން ކުރި ކަމަކީ އޭނާގެ ހަށިގަނޑު ނުފެންނަ ވަރަށް ހިލައުކީ އެވެ. އެހެންކަމުން، أبو لهب އޭނާގެ ބިމަށް، އެތަނެއް ގައި އަބަދަށް ޢަޒާބާއި އަލިފާނުގެ ތެރޭގައި އޮންނާނެ ނަރަކައިގެ ކަޅު ވަޅުގަނޑަށް ވަދެއްޖެ އެވެ.
وليد بن وليد ހިމެނެނީ ބަދުރު ގައި އަސީރުކުރެވުނު ޤުރައިޝުންގެ ތެރޭގައެވެ. އޭނާ ހައްޔަރުކޮށްގެން ގެންގުޅުއްވީ عبدالله بن جحش އެވެ. وليدގެ އަޚުން ކަމުގައިވާ އޭރު އަދި އިސްލާމް ނުވާ هشام އާއި، خالد بن وليد މަދީނާ އަށް އަތުވެއްޖެ އެވެ. ފިދުޔަ ނުދެނީސް عبدالله بن جحش އޭނާ މިނިވަނެއް ނުކުރި އެވެ. ފިދުޔަ ދޭން خالد އެއްބަސްވިޔަސް، އޭނާގެ ބަފައިފުށުގެ އަޚާ هشام އެކަމަކަށް އެއްބަހެއް ނުވި އެވެ. رَسُوْلُ اللهِ ﷺ ލަފާދެއްވީ އެ މީހުންގެ ބައްޕަގެ ހަތިޔާރާއި، ތަކެތިން އަގު އަދާކުރުމަށެވެ. އެ ކަމަށް ޚާލދު އެއްބަސްވިޔަސް، هشام އެ ކަމަކަށް އެއްބަހެއް ނުވި އެވެ. އެންމެފަހުން އެ މީހުން އެއްބަސްވީ، ސަތޭކަ ދީނާރުގެ އަގު އަރާ އެ މީހުންގެ ބައްޕަގެ ކަނޑިއާއި، ދަހަނާ އާއި، ހެލްމެޓުން އަގު އަދާކުރުމަށެވެ. އެ މީހުން وليد ހައްޔަރުން މިނިވަންކޮށްގެން މައްކާ އަށް ދަތުރު ފަށައިފި އެވެ. އެހެން ނަމަވެސް، މަދީނާ އާ ހަތަރު މޭލު ދުރުގައިވާ ޒުލް ޙުލައިފާ ކިޔާ ހިސާބަކުން وليد އެ މީހުން ދޫކޮށް ގޮސް، رَسُوْلُ اللهِ ﷺ އާ ބައްދަލުކޮށް، އިސްލާމްވުމަށް ފަހު ޞަޙާބީއަކަށް ވެއްޖެ އެވެ. ދުވަސް ކޮޅަކަށް ފަހު، އޭނާ މައްކާ އަށް އޭނާގެ އަޚުންގެ ގާތަށް ގޮސްފި އެވެ. އޭނާ އާ خالد بن وليد ސުވާލުކުރި އެވެ. "ތިބާ މުސްލިމަކަށް ވާން ބޭނުންވި އިރު، އަހަރެމެން ތިބާގެ ފިދުޔަ ދެއްކުމުގެ ކުރިން އިސްލާމް ނުވީ ކީއްވެގެން ހެއްޔެވެ؟ ތިބާ ތި ހެދިގޮތުން އަހަރެމެންގެ ބައްޕަގެ ހަނދާންތަކެއް މިޖެހުނީ ދޫކޮށްލާށެވެ. ތިބާ އެހެން ހެދީ ކީއްވެގެން ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. "އަހަރެން ބިރުގަތީ، 'އޭނާ އަށް ހައްޔަރުގައި ހުރުމަށް ކެތްނުކުރެވިގެން އަށް ތަބަޢަވީ' އޭ މިހެން ޤުރައިޝުން ބުނެފާނެތީ އެވެ.
އެ ދިން ޖަވާބާ ދޭތެރޭ ހިތްހަމަނުޖެހި ރުޅިއައިސްގެން، މަންޒޫމް ވަންހައިގެ ބައެއް މުސްލިމުންނާއި، إياش بن أبي ربيعة އާއި، سلامة بن هشام (رضي الله عنهم) އާ އެކު އޭނާގެ އަޚުން އޭނާ ހައްޔަރުކޮށްފި އެވެ. މުސްލިމަކަށް ވީތީ وليد بن وليد އެތައް އަހަރެއް ވަންދެން ހުރީ ހައްޔަރުކޮށްފައެވެ. އިސްލާމް ދީނާ އިދިކޮޅު ބޮޑު ޢަދުއްވެއް ކަމުގައިވާ އޭނާގެ ބޮޑުބޭބެ هشام އާއި، އޭނާގެ މުޝްރިކު ތިމާގެ މީހުން އޭނާ އަށް ދުއްތުރާކޮށް އެތައް އަނިޔާއެއް ކުރި އެވެ. އަންނަނިވި ފަދައިން، رَسُوْلُ اللهِ ﷺ، إياش بن أبي ربيعة އާއި، سلامة بن هشام އާއި، وليد ގެ މައްޗަށް ދުޢާ ދެންނެވި އެވެ. "މާތް ﷲ އެވެ! وليد بن وليد އާއި، سلامة بن هشام އާއި، ޢިޔާޝް ބިން ރަބީޢާ އާއި، (ކާފަރުންގެ އަތްދަށުގައި ނޭވާ ހާސްވަމުންދާ) ބަލިކަށިކޮށް ފެންނަ (އަދި އެހީއަށް ބޭނުންވާ) އެހެން މުސްލިމުން ސަލާމަތްކޮށްދެއްވާދޭވެ! މާތް ﷲ އެވެ! ޤުރައިޝުން ނުބައި ގޮތަކަށް ޗިސްޗިސްކުރައްވާދޭވެ! އެ މީހުންނަށް މި އަހަރުތައް ޔޫސުފުގެފާނުގެ އަހަރުތައް ފަދައިން ލައްވާދޭވެ"! رَسُوْلُ اللهِ ﷺ ގެ ހެޔޮދުޢާތަކާ އެކު وليد އަށް ރައްކާވާނެ ފުރުޞަތު ލިބި އޭނާ ބަދެފައި ހުރި ތަނުން ފިއްލަވައިފި އެވެ. އޭނާ مدينة المُنوّرة އަށް ވަޑައިގެން، رَسُوْلُ اللهِ ﷺ އާ ހަމައަށް ވަޑައިގަތެވެ. إياش بن أبي ربيعة އާއި، سلامة بن هشام ގެ ޙާލަތާ ބެހޭގޮތުން رَسُوْلُ اللهِ ﷺ އެއްސެވުމުން، އޭނާ ވިދާޅުވީ އެ ދެބޭފުޅުން ތިއްބެވީ އެކަކު އަނެކަކުގެ ފަޔަށް ބަދެފައި، ވަރަށް ގަދަ އަނިޔާ ތަޙައްމަލުކުރައްވަމުން ދާ ޙާލަތުގައި ކަމަށެވެ.
އެ ދެ ބޭކަލުންގެ ޙާލަތާ މެދު ވަރަށް ހިތާމަކުރައްވައި، އެ ބޭކަލުން ސަލާމަތްކުރެއްވޭނެ ގޮތެއް ހޯއްދެވި އެވެ. އެ ދެބޭކަލުން ސަލާމަތްކޮށްދެވޭނީ ކާކަށް ތޯ رَسُوْلُ اللهِ ﷺ ސުވާލުކުރެއްވުމުން، އެތަކެއް އަހަރެއް ވަންދެން އަނިޔާކުރެވިފައި ވިޔަސް، ވަލިދު ވަރަށް ގަދަ ހިތްވަރާ އެކު ޖަވާބު ދެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު އެ ދެ ބޭކަލުން ސަލާމަތްކޮށްދޭނަމެވެ. އަޅުގަނޑު އެ ދެބޭކަލުން ކަލޭގެފާނާ ހަމައަށް ގެނެސްދޭނަމެވެ". އެހެންކަމުން، وليد އަނެއްކާ ވެސް މައްކާ އަށް ދުރުވެ، އަނިޔާކުރެވެމުންދާ މުސްލިމުން ބައިތިއްބާފައި ތިބި ތަންތަނާ ބެހޭ މަޢުލޫމާތު، އެ މީހުންނަށް ކާތަކެތި ގެންގޮސްދޭ އަންހެނެއްގެ ބޯކޮޅު ބައްލަވަމުން ގޮސް ހޯއްދަވައިފި އެވެ. އެ ދެ ބޭކަލުން ވެސް ހައްޔަރުކޮށްފައި ތިއްބެވީ ފުރާޅެއް ނެތް ޢިމާރާތާތެއް ގައެވެ. ރޭގަނޑު، އޭނާގެ ފުރާނަ އަށް ނުރައްކާ ވާ ފަދަ ގޮތަކަށް، އެ ފާރު ހުރި ގޮތަށް ހިތްވަރާ އެކު އޭނާގެ އެކުވެރިން ތިބި ތަނަށް ދެވިއްޖެ އެވެ. ހަމައެކަނި އިސްލާމްވީ ކަމަށް ޓަކައި، އަނިޔާކުރެވެމުންދާ ދެ ބޭކަލުން، މުޝްރިކުން ހިލަޔަކަށް ބަދެފައި، ޢަރަބި ކަރައިގެ ގަދަ ހޫނު ގައި ހުރިހާ ވައްތަރެއްގެ އަނިޔާއެއް ލިބިފައެވެ. وليد އެ އަޚުން ސަލާމަތްކުރައްވައި، އޭނާގެ ޖަމަލަށް އެރުވި އެވެ. އޭނާ ނުހަނު ލޯބިވާ رَسُوْلُ اللهِ ﷺ އާ ހަމައަށް ވީހާ ވެސް އަވަހަކަށް ދިއުމަށް مدينة المُنوّرة އަށް ފައިމަގުގައި ދަތުރު ފެށްޓެވި އެވެ. އޭނާ އަނދަމުންދިޔައީ ސަޙަރާގެ ދިލަ ހޫނަކުނެއް ނޫނެވެ. އެކަމަކު، ޢާލްމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އާ ބައްދަލުކުރުމަށް އޮތް ލޯބިންނެވެ.
އޭނާ މަދީނާ އަށް ފޯރީ ތިން ދުވަހުން، ހުސްފަޔާ އަދި ކާނާއާއި، ބޯފެނާ ނުލައެވެ. އޭނާގެ ފައިގެ އިނގިލިތައް ހުރީ ހިލަތަކުގެ ހަރުކަމުން ކެނޑިފައެވެ. ލެއިން ތަތްތެޅިފައި ހުންނަވައި، وليد بن وليد، އޭނާ ނުހަނު ލޯބިވާ رَسُوْلُ اللهِ ﷺ އާ ބައްދަލު ވެއްޖެ އެވެ.
ބަދުރު ހަނގުރާމައިގެ ކާމިޔާބުގެ ސަބަބުން މުސްލިމުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ އެވެ. އަނެއް ކޮޅުން، މުޝްރިކުންނަށް ހިތާމަޔާއި، ނާއުއްމީދު ލިބިގެން ހިނގައްޖެ އެވެ. رَسُوْلُ اللهِ ﷺ ނަޞްރު ހޯއްދަފައިކަމުގެ ޚަބަރު ޙަބަޝް ކަރައިގެ ވެރިޔާ ނަޖާޝީ އަށް އިވުމުން އޭނާ ވަގުތުން އޭނާގެ ޤައުމުގައި ތިއްބެވި ޞަޙާބީން ގެ އަރިހަށް ގޮސްފައި، މި އުފާވެރި ޚަބަރު ދެއްވި އެވެ. "އެކަލާނގެ ރަސޫލާ އަށް ބަދުރު ގައި ނަޞްރު ދެއްވި މާތް ﷲ އަށް ޙަމްދު ހުށްޓެވެ".
ބަދުރު ހަނގުރާމައިގެ ފަހުން ހިނގާދިޔަ ޙާދިސާތައް
رَسُوْلُ اللهِ ﷺ ގެންދެވީ ޔަހޫދީންނާއި، މުސްލިމުން ކަމަށް ހެދިގެން އުޅުނު عبدالله بن سلُول ފަދަ މުނާފިޤުނާއި، މުޝްރިކުންނާ ވެސް ހަނގުރާމަކުރައްވަމުންނެވެ. މީގެ އިތުރަށް، އެކަލޭގެފާނު ގެންދެވީ، މަދީނާގެ ބޢޭރުގައި ތިބޭ ޢާއިލާތަކަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވައި، މުސްލިމުންނަށް ވުމުގެ ޝަރަފު އެ މީހުންނަށް ހޯއްދަވައި ދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. ކަރްކަރާ، ބަނީ ޤައިނުޤާޢް، ސަވާއިޤް، ޣަތްފާން، ބަޙްރާން ފަދަ ހުރިހާ ހަނގުރާމަތައް ކުރެވުނީ ބަނދުރު ހަނގުރާމައަށް ފަހުގައެވެ.
ހިޖްރައިން ދެވަނަ އަހަރު ހިނގި ބައެއް ޙާދިސާތައް
މި އަހަރު، ފުރަތަމަ ފަހަރަށް ޢާޝޫރާ ދުވަހު رَسُوْلُ اللهِ ﷺ ރޯދަ ހިއްޕެވި އެވެ. އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތީ علي (رضي الله عنهم) ނިދި އަވަހާރަފުޅު ލައްޕަވާފައި އޮތް އިރު ބުރަކަށިކޮޅު ގައި ވެލި އުނގުޅިފައި ހުއްޓައެވެ. رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އަތްޕުޅުން އެ ވެލި ފޮޅާލައްވައި، حديث ކުރެއްވި އެވެ. "އަބާ ތުރާބު ތެދުވާށެވެ! އަބާ ތުރާބު ތެދުވާށެވެ"! ތަރާވީޙު ނަމާދު ކުރެވެން ފަށައިފި އެވެ. ރޯދަހިފުމާއި، ޒަކާތްދިނުން ފަރުޟުކުރެއްވި އެވެ. ފިޠްރު ގެ ޞަދަޤާ ދިނުން ފެށި، ޢީދު ނަމާދު ކުރެވެން ފަށައިފި އެވެ. ޤުރްބާން ކުރުމުގެ އަމުރު އަތުވެއްޖެ އެވެ.
عائشة ގެފާނާ އެކަލޭގެފާނު ކައިވެނިބައްލަވައިގަތުން
"އެކަލާނގެ ރަސޫލާ އަށް ބަދުރު ގައި ނަޞްރު ދެއްވި މާތް ﷲ އަށް ޙަމްދު ހުށްޓެވެ".
حديث الشّريف
رَسُوْلُ اللهِ ﷺ އާއި عائشةގެފާނު މައްކާ ގައި އުޅުއްވި އިރު ވަނީ އެންގޭޖްކުރެވިފައެވެ. އެކަމަކު އަދި ކައިވެނި ނުކުރެވެއެވެ. އެއް ދުވަހަކު، أبوبكر (رضي الله عنه)، رَسُوْلُ اللهِ ﷺ ގެ އަރިހުން އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އަނބިކަނބަލުންނާ ކައިވެނިކުރުން ހުއްޓުވާ ކަމަކީ ކޮބައި ތޯއެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އެއީ ކައިވެނީގެ ރަނެވެ (ކައިވެނީގެ ރަނުގެ ތެރޭގައި ހިމެނެނީ ރަން، ރިހި، ނުވަތަ އެއްވެސް ވައްތަރެއްގެ މުދާ ނުވަތަ ފިރިހެނާ ކައިވެނިކުރާ އަންހެނާ އަށް ދެވޭ އެއްވެސް ބާވަތެއްގެ ފައިދާއެކެވެ)". أبوبكر (رضي الله عنه) ރަނަށް ވާ ފައިސާ رَسُوْلُ اللهِ ﷺ އަށް ފޮނުއްވި އެވެ.27
އޭގެ ފަހުން، عائشة (رضي الله عنها) ގެ ކައިވެނީގެ ޙަފްލާ ބޭއްވުނެވެ. އެ އިރު، رَسُوْلُ اللهِ ﷺ ގެ ޢުމުރުފުޅަކީ ފަންސާސް ފަސް އަހަރެވެ.28 عائشة (رضي الله عنها) އަކީ ވަރަށް ވިސްނުން ތޫނު އަދި ހުނަރުވެރި ކަނބަލެކެވެ؛ ހިނގާ ކަންތައްތައް ވަގުތުން ޅެން ބަހުރުވައިން ތަޢުބީރުކުރުމުގެ ޤާބިލިއްޔަތުކަން އެ ކަމަނާ އަށް ލިބިގެން ވެއެވެ. އެ ކަމަނާ ދަސްކުރެއްވި ނުވަތަ ހިތުދަސްކުރެއްވި އެއްޗެއް އެއްގޮތަކަށް ވެސް ހަނދާނެއް ނުނެތޭނެ އެވެ. އެކަމަނާ އަކީ ވަރަށް ބުއްދިވެރި، ވިސްނުންތޫނު، މަޢުލޫމާތު މުއްސަނދި، އަދަބީ މަޢުލޫމާތު މުއްސަނދި، ބިކުރުވެރި، އަދި ތަޤްވާވެރި އެކެވެ. އެކަމަނާގެ ހަނދާން ގަދައެވެ. އެއާއެކު ޞަޙާބީން އެކަމަނާ އަރިހުން ވަރަށް ގިނަ ސުވާލުކޮށް ހެދިއެވެ. ކީރިތި قرآن ގެ އާޔަތެއް ގައި އެ ކަމަނާ އަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައި ވެއެވެ.
ޤަރްޤަރަތުލް ކަދްރި ހަނގުރާމަ
ބަނީ ސާލިމް އަދި ޣަޠްފާން ވަންހައިގެ މީހުން ޤަރްޤަރާ ކިޔާ ހިސާބަކަށް ޖަމާވިކަމުގެ ޚަބަރު رَسُوْلُ اللهِ ﷺ ލިބިވަޑައިގެންފި އެވެ. އެއާ އެކު، رَسُوْلُ اللهِ ﷺ، މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން ދުއިސައްތަ މީހުންނާ އެކު މަދީނާ އިން ނުކުމެ ވަޑައިގެންފި އެވެ. މަދީނާގެ ކަންތައްތައް ބެލެހެއްޓެވުމަށް ޙަވާލުކުރައްވައި، މަދީނާ ގައި ބެހެއްޓެވީ إبن أُمُّ مختوم އެވެ. ހުދު ދިދަ އުފުއްލެވީ علي (رضي الله عنه) އެވެ. އެ ބޭކަލުންނަށް އެ ތަނަށް ދެވުނު އިރު، އެ ތަނުން އެއްވެސް މީހަކު ނުފެނުނެވެ. މުޖާހިދުން އެ ތަނަށް ވަޑައިގަންނަވާ ޚަބަރު މުޝްރިކުންނަށް ލިބިގެން އެ މީހުން ފިލައިގެން ދިޔައީ އެވެ. އިސްލާމީ ލަޝްކަރު ވާދީގެ ތެރެއިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ޖަމަލު ބަލަހައްޓާ މީހަކާ ދިމާވެގެން ބަނީ ސާލިމާއި ޣަޠްފާން ވަންހައިގެ މީހުންނާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ. ޖަމަލު ބަލަހައްޓާ މީހާ ބުންޏެވެ. "އެ މީހުން އަޅުގަނޑަށް ފައިސާ ދީފައި ބެހެއްޓީ ފަސް ދުވަސް ވަންދެން އެ މީހުންގެ ޖަނަވާރުތައް ބެލެހެއްޓުމަށެވެ. އެކަމަކު، މިހާރު އެ މީހުން ވީ ތަނެއް އަހަންނަކަށް ނޭނގެ އެވެ" އެތަނުން ފަސް ސަތޭކަ ޖަމަލު ޣަނީމާ މުދަލުގެ ގޮތުގައި ނެގުނެވެ. ޖަމަލު ބަލަހައްޓާ މީހާ ޔާސިރު އަސީރެއްގެ ގޮތުގައި ހައްޔަރު ވެސް ކުރެވުނެވެ. ޤަރްޤަރްތިލް ކަދްރި ވާދީ ގައި ތިން ރޭ ވަންދެން ތިއްބެވުމަށް ފަހު، ޖަމަލުތަކާ އެކު އެ ބޭކަލުން މަދީނާ އަށް ދަތުރު ފަށްޓަވައިފި އެވެ. ދަރާރު ނަމަކަށް ކިޔޭ ހިސާބަކަށް ފޯރުމުން، رَسُوْلُ اللهِ ﷺ ފަސް ބައިކުޅަ އެއްބައި ޖަމަލުތައް ވަކިކުރައްވާފައި، ދެން ހުރި ޖަމަލުތައް ބައިއެޅުއްވި އެވެ. ކޮންމެ މީހަކަށް ވެސް ދެ ޖަމަލު ލިބުނެވެ. ދެން ޖެހިގެން އައި ދުވަހު، އެ ބޭކަލުން ފަތިސް ނަމާދު ކުރައްވަމުން ގެންދަވަނިކޮށް، އެ ބޭކަލުންނަށް ފެނިވަޑައިގަތީ ޖަމަލު ބަލަހައްޓަން ލާފައިހުރި މީހާ އެ ބޭކަލުންނާ އެކު ނަމާދު ކުރަމުން ދިޔަ ތަނެވެ. އެއާއެކު، رَسُوْلُ اللهِ ﷺ އޭނާ މިނިވަންކުރެއްވި އެވެ.
ކަލޭގެފާނު ދެކޭހިތްވާ އަލިފާނުން އަނދާ ކޮންމެ މީހަކު ވެސް ވާނީ ނޫރަށޭ،
އަދި، ލޯބީގެ ތުރާލުން ޚަރާބުވެފައިވާ ހިތް ތަނަވަސް ވެއޭ.
بنو قينقاع ހަނގުރާމަ
އެއް ދުވަހަކު، بنو قينقاع ޤަބީލާގެ ޔަހޫދީން ބޭނުންވީ މުސްލިމު އަންހެން ކަނބަލަކަށް ޖެއްސުންކުރުމަށެވެ. މިތަން ޞަޙާބީ ބޭކަލަކަށް ފެނި، ވަގުތުން ކަނޑި ނަންގަވައި އެ ޔަހޫދީ ކަލޭގެ ޤަތުލުކޮށްލައްވައިފި އެވެ. ޔަހޫދީން އެއްވެ އެ ޞާހާބީ ޝަހީދުކޮށްލައިފި އެވެ. މި ޙާދިސާ رَسُوْلُ اللهِ ﷺ އަށް ރިޕޯޓްކުރެވުނެވެ. رَسُوْلُ اللهِ ﷺ، ޤައިނުޤާޢު ގެ ބާޒާރު ސަރަޙައްދަށް ޔަހޫދީން އެއްކުރައްވާފައި حديث ކުރެއްވި އެވެ. "އޭ ޔަހޫދީންނޭވެ! الله تعالى ޤުރައިޝުންނަށް ޖެއްސެވި ފަދަ ޙާލެއް ކަލޭމެންނަށް ވެސް ޖައްސަވާނެ ކަމަށް ބިރުގަންނާށެވެ. އިސްލާމް ވާށެވެ. ތިމަންކަލޭގެފާނަކީ الله تعالى ފޮނުއްވި ރަސޫލެއް ކަން ކަލޭމެންނަށް ރަނގަޅަށް އެނގެއެވެ. ކަލޭމެންގެ ފޮތުން މި ވާހަކައާއި، الله تعالى ގެ ވަޢުދުފުޅު ކަލޭމެން މިހާރު ވެސް ވަނީ ކިޔާފައެވެ".
މި އޯގާތެރިކަމާ އެކު ވެސް، ކުރިން ވީ މުޢާހަދާ އާ ޚިލާފުވި ޔަހޫދީން، رَسُوْلُ اللهِ ﷺ ގެ ބަސްފުޅަށް ގޮންޖަހަމުން ބުނީ، "އޭ محمّدގެފާނެވެ! ހަނގުރާމައެއް ކުރަން ނޭނގޭ ބަޔަކު ބަލިކުރެވުމުން ފެންވަރު އޮޅިގެން ނޫޅުއްވާށެވެ! އަހަރެމެންނަކީ ހަނގުރާމަވެރިން ކަމަށް އަހަރެމެން ހުވާކޮށްފައި ބުނަމެވެ! އަހަރެމެންނަކީ ކިހާ ކުޅަދާނަ ހަނގުރާމަވެރިންކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނީ ހަމައެކަނި އަހަރެމެންނާ ހަނގުރާމަކުރައްވަން ފެށްޓެވުމުންނެވެ"!
بنو قينقاع ހަނގުރާމަ
"ތިޔަބައި މީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާ ހުށްޓެވެ. އަދި (آخرة ގައި) ތިޔަބައި މީހުން ނަރަކަ އަށް އެއްކުރައްވާ ހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!"
آل عمران: 12
އެހެންކަމުން، ކުރިން ވެފައިވާ މުޢާހަދާ ޚިލާފުވެ އެބައިމީހުންގެ ގޮތްދޫނުކުރާކުރުން ހާމަކޮށްފި އެވެ. އެއާއެކު، جبريل (عليه السّلام)، سورة الأنفال ގެ 58 ވަނަ އާޔަތް ގެނެސްދެއްވި އެވެ. (وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ ﴿٥٨﴾)29 * الأنفال: 58) މާނައީ: "ބަޔަކު މީހުންގެ ކިބައިން خيانة ތެރިކަމެއް އަތުވެދާނެ ކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަ ނަމަ، (އެ ބަޔަކާ އެކު ކުރައްވާފައިވާ معاهدة އެއް) އެ ބަޔަކުގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާ ގޮތުގެ މަތިންނެވެ. ހަމަކަށަވަރުން. خيانة ތެރިން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ".
އެހެން އާޔަތެއް ކަމުގައިވާ سورة أل عمران ގެ 12 ވަނަ އާޔަތް ބާވައިލެއްވި އެވެ. (قُل لِّلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ الْمِهَادُ ﴿١٢﴾)30 * أل عمران: 12) މާނައީ: "كافرވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި މީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާ ހުށްޓެވެ. އަދި (آخرة ގައި) ތިޔަބައި މީހުން ނަރަކަ އަށް އެއްކުރައްވާ ހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!"
ޝައްވާލު މަހުގެ މެދުތެރޭގައި އައި ހޮނިހިރު ދުވަހެއް ގައި رَسُوْلُ اللهِ ﷺ ސިފައިންގެ ލަޝްކަރެއް ވަގުތުން އެއްކުރައްވައި، ޤައިނުޤާޢު ޔަހޫދީން ތިބި ކިއްލާ އާ ދިމާލަށް ވަޑައިގަންނަވަން ފަށްޓަވައިފި އެވެ. ހުދު ދިދަ އުފުއްލެވީ حمزة (رضي الله عنه) އެވެ. މަދީނާ ގައި رَسُوْلُ اللهِ ﷺ ގެ ނާއިބެއްގެ ގޮތުގައި ބެހެއްޓެވީ أبو لُبابة (رضي الله عنه) އެވެ.31
ބަރަކާތްތެރިވެގެންވާ މުސްލިމް ލަޝްކަރު ޤައިނުޤާޢު ކިއްލާ ޙިޞާރުކުރި އެވެ. "އަހަރެމެންނަކީ ހަނުރާމަވެރިން އެ ބުނާ ބަޠަލުންނޭ" މިހެން ބުނި ޔަހޫދީންނަށް، ހަނގުރާމައިގައި ހިފަހައްޓާލުން ބާއްވާފައި، އެ މީހުންގެ ކިއްލާ އިން ދުނިދަނޑި ޖަހާކަށް ވެސް ނުކެރުނެވެ. އެ ކިއްލާ އަށް ވަދެނިކުމެވާ ދޮރުތަކުގެ ކޮންޓްރޯލް رَسُوْلُ اللهِ ﷺ ނެންގެވި އެވެ. އެއްވެސް މީހަކަށް ނުނިކުމެވެއެވެ. މި ގޮތަށް އެ ކިއްލާ ޙިޞާރުކޮށްފައި ފަނަރަ ދުވަސް ވިއެވެ.32
ޔަހޫދީން ބިރުންގެންފިއެވެ. އަދި އަމާންދީފި އެވެ. އެއިން ކޮންމެ މީހަކު ޤަތުލުކޮށްލަންޖެހިފައި ވިޔަސް، ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވި رَسُوْلُ اللهِ ﷺ އެ މީހުންނާ ދޭތެރޭ ހަމްދަރުދީ ވެވަޑައިގެން ޤައިނުޤާޢު ޔަހޫދިން ދިމިޝްޤަށް ދިއުމަށް ހުއްދަ ދެއްވި އެވެ. އެއިން އެކަކު ވެސް މަޑުކުރާކަށް ހުއްދަ ނުދެއްވި އެވެ. އެހެންކަމުން، އެ މީހުން މަދީނާގެ ފަސްގަނޑުން ފައްސާލެވުނެވެ.33 އެ މީހުން بنو قينقاع ގެ ބިންތައް ދޫކޮށް ހިޖުރަކުރީ އެވެ. އެ މީހުންގެ މުދާތަކާއި، ހަތިޔާރުތައް ވެގެންދިޔައީ މުސްލިމުންގެ ހަނގުރާމައިގެ ޣަނީމާ މުދަލަށެވެ.
ސަވީޤު ހަނގުރާމަ
ބަދުރު ހަނގުރާމައިގެ މައިދާން ދޫކޮށް ފިލައިގެން أبو سُفيان މައްކާ އަށް ދިޔަ އިރު، އޭނާ ވަޢުދުވީ، رَسُوْلُ اللهِ ﷺ ގެ ކިބައިން ބަދަލުހިފުމުގެ ކުރިން އޭނާގެ ބޮލުގައި ތެޔޮ ނުލުމަށާއި، އޭނާގެ އަނބިންގެ ގާތަށް ނުދާނެ ކަމަށެވެ. އޭނާގެ ވަޢުދު ފުއްދުމަށް ޓަކައި، ހިޖްރައިން ދެވަނަ އަހަރުގެ ޛުލް ޙިއްޖާ މަހުގެ ފަސްވަނަ އަށް ވީ އާދީއްތަ ދުވަހު، އޭނާ ދުއިސައްތަ އަސްވާރުންނާ އެކު މަދީނާ އަށް ދިއުމަށް ނުކުމެއްޖެ އެވެ. އެއް ރޭ، މަދީނާގެ ގެއަކަށް ގޮސް رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން ސުވާލުކޮށްފި އެވެ. އެގޭ މީހާ އޭނާ ދެއްކި ވާހަކައަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. އޭނާ ގޭގެ ދޮރެއް ވެސް ނުހުޅުވި އެވެ. أبو سُفيان އެ ތަން ދޫކޮށް ގޮސް ސަލާމް ބިން މުސްކާމް ގެ ގޭގައި މަޑުކޮށްފި އެވެ. ޖެހިގެން އައި ދުވަހު، އޭނާ ޢަރީޒް ސަރަޙައްދަށް ގޮސްފި އެވެ. އެ ސަރަޙައްދު ގައި، އޭނާ އާ އަންޞާރުންގެ ތެރެއިން މަޢްބަދު ބިން عمرُوޝް އާއި އޭނާގެ އަޅާ އާ ދިމާވެ، އެ ދެ ހިނގާފައި ދަނިކޮށް އެ ދެ މީހުން ޝަހީދުކޮށްލައިފި އެވެ. ކަދުރު ރުކުގެ ދަނޑެއް ގައި އަލިފާން ރޯކޮށްލައިފި އެވެ. ދެން "އަހަރެންގެ ވަޢުދު ފުއްދިއްޖެ"އޭ ކިޔާ ގޮވަމުން ހިނގައްޖެ އެވެ.
މި ޙާދިސާ رَسُوْلُ اللهِ ﷺ އަށް ރިޕޯޓްކުރުމުން، أبو لُبابة އެކަލޭގެފާނުގެ ނައިބަކަށް މަދީނާ ގައި ބަހައްޓަވާފައި، ދުއިސައްތަ މީހުންގެ ލަޝްކަރަކާ އެކު أبو سُفيان ފަހަތުން ވަޑައިގެންފި އެވެ. މުޝްރިކުން މި ޚަބަރު އަހައި، ފިލަން ދުއްވައިގެންފި އެވެ. ފިލުމަށް ޓަކައި، އެ މީހުންގެ މުދަލާއި، އެ މީހުން އެ މުގަކަށް ސަވީޤު ނަމަކަށް ކިޔާ މުގާއި، އެ މީހުން ކެއްކުމަށް ގެނައި ތެލިތަކާ އެކު ދޫކޮށްލާފައި ފިލައިފި އެވެ. މުސްލިމުންނަށް މި ތަކެތި ފެނި ޣަނީމާ މުދަލުގެ ގޮތުގައި އެ ތަކެތި ނަގައިފި އެވެ. މި ސަބަބަށް ޓަކައި، މި ދަތުރަށް ކިޔުނީ ސަވީޤު ހަނގުރާމަ އެވެ.
علي (رضي الله عنه) އާއި فاطمة (رضي الله عنها) އާ ކައިވެނިކުރެއްވުން
އެއީ، ހިޖްރައިން ދެ ވަނަ އަހަރެވެ. رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން فاطمة (رضي الله عنها) ގެ ޢުމުރުފުޅުން ފަނަރަ އަހަރެވެ.
އެއް ދުވަހަކު، فاطمةގެފާނު، ބައްޕާފުޅު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެންފި އެވެ. رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތީ، އެކަލޭގެފާނުގެ ދަރިކަނބަލުން ކައިވެނިކުރާ ޢުމުރަށް ގޮސްފި ކަމެވެ. އެ ދުވަހަށް ފަހު، ވަރަށް ދިނަ ބަޔަކު فاطمة الزّهراء އާ ކައިވެނިކުރުމަށް އެދުނެވެ. رَسُوْلُ اللهِ ﷺ އެ ކަމަށް ސަމާލުކަން ނުދެއްވައި، حديث ކުރެއްވި އެވެ. "އެ ކަމަނާގެ ކައިވެނި ކުރެވޭނީ الله تعالى ގެ އަމުރުފުޅާ އެއް ގޮތަށެވެ".
އެއް ދުވަހަކު، أبوبكر الصدّيق، عمر بن خطّاب، އަދި سعد بن مُعاذ (رضي الله عنهم) މިސްކިތުގައި ތިއްބަވައި ވިދާޅުވަމުން ގެންދެވި އެވެ. "علي (رضي الله عنه) ފިޔަވައި އެހެން އެންމެން فاطمةފާނުގެ ކައިވެންޏަށް އެދިއްޖެ އެވެ. އެއްވެސް މީހަކު ޤަބޫލެއް ނުކުރެވުނެވެ". أبوبكر (رضي الله عنه) ވިދާޅުވި އެވެ. "އަހަންނަށް ހީވާ ގޮތުގައި، މި ކައިވެނިކުރުމުގެ ހުއްދަ ދެވޭނީ علي (رضي الله عنه) އަށެވެ. އެކަލޭގެފާނާ ހަމައަށް ގޮސް މި ވާހަކަ ދައްކަމާހިނގާށެވެ. އެކަލޭގެފާނުގެ ޢުޒުރަކީ ފަޤީރުކަން ކަމުގައި ވާ ނަމަ، އެކަލޭގެފާނަށް އެހީވަމާ ހިނގާށެވެ". سعد بن مُعاذ ވިދާޅުވި އެވެ. "އޭ أبا بكر އެވެ! ކަލޭގެފާނު އަބަދު ވެސް ކުރައްވާނީ ރަނގަޅު ކަންތަކެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެން ކަލޭގެފާނާ އެކު ދާނަމެވެ". އެ ތިން ބޭފުޅުން ވެސް މިސްކިތުން ފައިބައިގެން علي ގެފާނާ (رضي الله عنه) ހަމައަށް ވަޑައިގެންފި އެވެ. علي (رضي الله عنه) އެކަލޭގެފާނުގެ ޖަމަލަށް ސަވާރުވެގެން އަންޞާރު ބޭކަލެއްގެ ކަދުރު ރުއް ދަނޑަކަށް ފެން ދެއްވަމުން ގެންދެވި އެވެ. އެކަލޭގެފާނަށް އެ ތިން ބޭފުޅުން ފެނިވަޑައިގެންނެވުމުން، އެ ބޭކަލުންނާ ސަލާމްކުރައްވައި މަރުޙަބާ ކިޔުއްވައިފި އެވެ. أبوبكر (رضي الله عنه) އެއްސެވި އެވެ. "އޭ علي ގެފާނެވެ! ކޮންމެ ރަނގަޅު ކަމެއް ގައި ކަލޭގެފާނަކީ އިސްނެގުންތެރިއެކެވެ. އަދި رَسُوْلُ اللهِ ﷺ ގެ އަރިހުގައި، އެހެން އެއްވެސް މީހަކަށް ލިބިފައި ނުވާ ފަދަ މަތިވެރި ދަރަޖައެއް ކަލޭގެފާނަށް ލިބިފައި ވެއެވެ. އެންމެން ވެސް فاطمةގެފާނުގެ ކައިވެންޏަށް އެދިއްޖެ އެވެ. އެއްވެސް މީހަކު ޤަބޫލެއް ނުކުރެވެއެވެ. އަޅުގަނޑުމެންނަށް ހީވާގޮތުގައި ކަލޭގެފާނު ޤަބޫލުކުރެވޭނެ އެވެ. ކަލޭގެފާނު އެކަމާ ނޫޅުއްވާނަން ތޯ އެވެ"؟
علي (رضي الله عنه) އަށް މި ވާހަކަ އަޑުއިވުމުން، އެކަލޭގެފާނުގެ ލޯފުޅު ކަރުނައިން ތެމިއްޖެ އެވެ. އަދި ވިދާޅުވި އެވެ. "އޭ އަބާ ބަކްރެވެ! ކަލޭގެފާނު އަޅުގަނޑު ވަރަށް ފުންކޮށް އަންދަވައިފީމު އެވެ. އަޅުގަނޑު ބޭނުންވާ ވަރަށް އެ ކަމަނާ އަށް އެދޭ އެހެން މީހަކު ނެތެވެ. އެހެން ނަމަވެސް، އެ ކަމަށް އޮތް ހުރަހަކީ އަޅުގަނޑުގެ ފަޤީރުކަމެވެ". أبوبكر (رضي الله عنه) ވިދާޅުވި އެވެ. "ތި ގޮތަށް ވާހަކަ ނުދައްކަވާށެވެ. މުއްސަނދި ކަމަކީ، الله تعالى އާއި، އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީ ގައި އެއްވެސް އެއްޗެއް ނޫނެވެ. ފަޤީރު ކަމަކީ، މި ކަމަށް އޮތް ހުރަހަކަށް ނުވާނެ އެވެ. ވަޑައިގެން އެ ކަމަނާގެ ކައިވެންޏަށް އެދިލައްވާށެވެ".
"عثمان ގެފާނަކީ ސުވަރުގޭގައި ތިމަންކަލޭގެފާނުގެ އެކުވެރިޔާ އެވެ".
حديث الشّريف
علي (رضي الله عنه) ވިދާޅުވި އެވެ. "ލަދުން ހުރެ އަހަރެން ހައިބަތްތެރި އަދި މަތިވެރިވެގެންވާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ދިޔައިމެވެ. އަހަރެން އެކަލޭގެފާނުގެ ކުރިފުޅުމަތީ ގައި އިށީނީމެވެ. އެކަމަކު އަހަންނަކަށް ވާހަކައެއް ނުދެއްކުނެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. 'ކަލޭގެފާނު ތި ވަޑައިގަތީ ކޮން ކަމަކާ ތޯ އެވެ؟ ކަލޭގެފާނު ކަމެއް ބޭނުންފުޅުވަނީ ތޯ އެވެ'؟ އަހަންނަށް އަދި ވެސް ހުރެވުނީ މަޑުންނެވެ. ދެން رَسُوْلُ اللهِ ﷺ حديث ކުރެއްވިއެވެ. 'ފަހަރެއް ގައި، ތި ވަޑައިގަތީ فاطمةގެފާނުގެ ކައިވެންޏަށް އެދެން ކަމަށް ވެދާނެ އެވެ'. އަހަންނަށް ހަމައެކަނި ބުނެވުނީ 'އާދޭހެވެ'. މިހެންނެވެ. (علي ގެފާނު އެ ކަމަނާގެ ކައިވެންޏަށް އެވަޑައިގެންފި ކަމަށް فاطمةގެފާނަށް رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. އެކަމަނާ ވެސް ހުންނެވީ އެއްޗެކޭ ވިދާޅުނުވެ ހަމަހިމޭނުންނެވެ.) رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. 'فاطمة އަށް ކައިވެނީ ރަނުގެ ގޮތުގައި ދޭން ކަލޭގެފާނުގެ އަތްޕުޅު ގައި ހުރީ ކޯއްޗެއް ތޯ އެވެ؟' އަހަރެން ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު އަތުގައި އެ ކަމަނާ އަށް ދޭނެ އެއްޗެއް ނެތެވެ'. އެކަލޭގެފާނު އެއްސެވިއެވެ. 'ތިމަންކަލޭގެފާނު ކަލޭގެފާނަށް އެރުވި ގަމީސް ކޮބައި ތޯ އެވެ'؟ އެ ގަމީސް އަޅުގަނޑުގެ އަތުގައި އެބަ އޮތޭ ދެންނެވުމުން، އެކަލާގެފާނު حديث ކުރެއްވި އެވެ. 'އެ ގަމީސް ވިއްކަވާލައްވާފައި، އެ ފައިސާ ތިމަންކަލޭގެފާނާ ހަމައަށް ގެނެސްދެއްވާށެވެ. އެ ފައިސާ ރަނަށް ފުދޭނެ އެވެ'''.34އެހެން ރިވާޔަތެއް ގައި ވާ ގޮތުގައި، رَسُوْلُ اللهِ ﷺ علي ގެފާނުގެ ކައިރީގައި "ކަލޭގެފާނުގެ އަތުގައި ހުރީ ކޮން އެއްޗެއް ހޭ" މިހެން އެއްސެވުމުން އޭނާ ޖަވާބު ދެއްވި އެވެ. "އަޅުގަނޑުގެ އަތުގައި އޮތީ އަޅުގަނޑުގެ އަހާއި، ދަހަނާ އެޅި ގަމީހެވެ".) رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކަލޭގެފާނަށް އެ އަސް ބޭނުންވާނެ އެވެ. އެކަމަކު ދަހަނާ ވިއްކަވާށެވެ". އެހެން ރިވާޔަތެއް ގައި، އޭނާ ވިދާޅުވި އެވެ. "އެ علي އެވެ. ކަލޭގެފާނު ވަޑައިގެން ގެއެއް ކުއްޔަށް ހިއްޕަވާށެވެ".
އެކަލޭގެފާނު ކައިވެނި ބައްލައިގަންނަވަން ދެން علي ގެފާނު ދިރިއުޅުއްވީ رَسُوْلُ اللهِ ﷺ އާ އެއްގެއެއް ގައެވެ. رَسُوْلُ اللهِ ﷺ އެންގެވުމުން، مسجد النّبوي ކައިރިގައި عائشةގެފާނުގެ ކޮޓަރިކޮޅު ކުރިމަތީގައި ހުންނަ علي ގެފާނު حارثة ބިން ނުޢުމާނުގެ ގެ ކުއްޔަށް ބައްލަވައިގަތެވެ. އަދި އެކަލޭގެފާނުގެ ދަހަނާ ވެސް ވިއްކާލުމަށް ބާޒާރަށް ފޮނުއްވި އެވެ. އެ ބާޒާރުގައި عُثمان (رضي الله عنه) ހިންގަވާފައި ވަޑައިގަންނަވަނިކޮށް، علي ގެފާނުގެ ދަހަނާ ޢުޘްމާމުގެފާނަށް ފާހަގަކުރެވިއްޖެ އެވެ. ވިއްކަން ހުރި މީހާ ކައިރީގައި "ތި ދަހަނާގެ ވެރިޔާ ތީތި ވިއްކާލަން ބޭނުންވަނީ ކިހާ ވަރަކަށް ހެއްޔެވެ"؟ ވިޔަފާރިވެރިޔާ ބުންޏެވެ. "400 ދިރުހަމެވެ". عُثمان (رضي الله عنه) ވިދާޅުވި އެވެ. "އައިސް ފައިސާ ގެންދާށެވެ". ދެން عثمان ގެފާނު އެކަލޭގެފާނުގެ ގެއަށް ވަޑައިގެންފި އެވެ. ދަހަނާ އެ ވިއްކަން ހުރި މީހާ އަތުން ނަންގަވާފައި އޭގެ ފައިސާ ދެއްކެވި އެވެ. ދެން ވިދާޅުވި އެވެ. "މި ދަހަނާ އެކަލޭގެފާނު ނޫން މީހަކަށް ޙައްޤެއް ނޫނެވެ. އެކަލޭގެފާނު މި ފައިސާ ބޭނުންކުރަންވާނީ ކައިވެނީގެ ޙަފްލާއަށެވެ. އަދި އަޅުގަނޑުމެންގެ މާފަށް އެދުން ޤަބޫލުކުރެއްވުމެވެ". އެކަލޭގެފާނު 400 ދިރުހަމް ދެއްވައި، ދަހަނާ އޭގެ މައްޗަށް ލައި، ހަދިޔާއެއްގެ ގޮތުން علي ގެފާނަށް ފޮނުއްވި އެވެ.
علي (رضي الله عنه) އެކަލޭގެފާނުގެ ދަހަނާ އާ އެކު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގަތުމުން عثمان ގެފާނަށް ގިނަގުނަ ދަރުމައަށް އެދިވަޑައިގެން ދުޢާކުރައްވައި حديث ކުރެއްވި އެވެ. "عثمان ގެފާނަކީ ސުވަރުގޭގައި ތިމަންކަލޭގެފާނުގެ އެކުވެރިޔާ އެވެ". ދެން بلال الحبشي (رضي الله عنه) އަށް ގޮވާލައވައި އެފައިސާގެ ބައެއް ދެއްވާފައި އެންގެވި އެވެ. މި ފައިސާ ނަންގަވައި ބާޒާރަށް ދާށެވެ! ފިނިފެން ގަނެފައި، ދެން ހުރި ފައިސާ އަށް މާމުއި ގަންނާށެވެ! ދެން މިސްކިތުގެ ކަނެއްގައި ހުރެގެން ސާފު ބޮންތަށްޓެއް ގައި އެއާ ފެން އެއްކުރާށެވެ. ކިރު ސަރުބަތު ތައްޔާރުކުރާށެވެ، އެއީ، ނިކާޙަށް ފަހު އަހަރެމެން އެންމެން ބޯށެވެ. فاطمةގެފާނާއި علي ގެފާނުގެ ކައިވެނި ކުރެވެނީ ކަމަށް އިޢުލާންކޮށް، ތިމަންކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން، އާދެވެން ތިބި އަންޞާރުންނާއި، މުހާޖިރުންނަށް މިސްކިތަށް ދަޢުވަތު ދޭށެވެ".
بلال الحبشي ބޭރަށް ވަޑައިގެން علي (رضي الله عنه) އާއި فاطمة (رضي الله عنها) ކައިވެނި ކުރައްވާ ކަމުގެ އިޢުލާންކޮށްފި އެވެ. ޞަޙާބީން مسجد النّبويގެ އެތެރެއާއި ބޭރު ފުރާލައިފި އެވެ.رَسُوْلُ اللهِ ﷺ ތެދުވެ ވަޑައިގެން ތިރީގައިވާ ޚުޠުބާ حديث ކުރެއްވި އެވެ. "ހުރިހާ ޙަމްދަކާއި ޝުކުރެއް ޙައްޤުވެގެންވަނީ ޢާލަމްތައް ހައްދެވި ރަސްކަލާނގެ އަށެވެ. އެކަލާނގެއީ އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޘަނާ ދެންނެވޭ ރަސްކަލާނގެ އެވެ. އެކަލާނގެ ނިމުމެއް ނެތް ބާރާއި ކުޅަދުންވަންތަކަމަށް ޓަކައި އަޅުކަންވެވޭ ރަސްކަލާނގެ އެވެ. އެކަލާނގެ ޢަޒާބާއި ޙިސާބުބެއްލެވުމަށް ބިރުވެތިވެވޭ ރަސްކަލާނގެ އެވެ. އެކަލާނގެ އަމުރުމަޢުރޫފު ބިމާއި އުޑުތަކުގައި ހިނގާ ރަސްކަލާނގެ އެވެ. އެކަލާނގެއީ އެކަލާނގެ ކުޅަދުންވަންތަކަމުން މަޚްލޫޤުން ޚަލްޤުކުރައްވާ، އެކަލާނގެ އިންޞާފުވެރި ޤަވާޢިދުތަކުން އެބައިމީހުންގެ މެދުގައި ތަފާތުކުރައްވައި، އެކަލާނގެ (އިސްލާމް) ދީނާއި، އެކަލާނގެ ރަސޫލާ محمّد (عليه السّلام) މީސްތަކުންނަށް ޝަރަފުވެރިކަން ދެއްވާ ރަސްކަލާނގެ އެވެ.....
الله تعالى ތިމަންކަލޭގެފާނަށް އަމުރުފުޅުކުރެއްވީ ތިމަންކަލޭގެފާނުގެ ދަރިކަނބަލުން فاطمة އާ علي بن أبي طالب ކައިވެނިކުރުވުމަށެވެ. މިހާރު، ތިމަންކަލޭގެފާނު، (الله تعالى ގެ އަމުރުފުޅަށް) ތިބާ ހެކިކޮށް فاطمة އާ علي بن أبي طالب ، 400 މިޘްޤާލުގެ ރިހީގެ ރަނަށް ކައިވެނި ކުރުވަމެވެ. ތިމަންކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އެ ދެމަފިރިން އެކަތިގަނޑަކަށް ހައްދަވައި، ބަރަކާތް ލައްވައިދޭވެ! އެ ދެމަފިރިންގެ ދަރިފަސްކޮޅު ތާހިރުވެފައި، އޯގާވެރިކަމުގެ ތަޅުދަނޑިއެއް ކަމުގައި، ޙިކްމަތުގެ މަޞްދަރެއް ކަމުގައި އަދި محمّدގެފާނުގެ އުއްމަތުގެ އިތުބާރު ކަމުގައި ލައްވާދޭވެ! ތިމަންކަލޭގެފާނު حديث ކުރައްވަން ބޭނުންފުޅުވީ ހުރިހާ ވާހަކަތަކަކީ މިއީ އެވެ. އަޅާ އަށާއި، ތިބާ އަށް ރަޙުމްވަންތަ ކަމަށް އެދި ދަންނަވަމެވެ"!
ދެން علي ގެފާނު ތެދުވެވަޑައިގެން ކުރި ޚުޠުބާއެއް ދެއްވިއެވެ. "...އެކަލޭގެފާނުގެ ޙާޒިރުގައި އަޅުގަނޑުމެން ތިބި محمّد (صلّى الله عليه وسلّم) އަށް އަޅުގަނޑު ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަމެވެ. އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ދަރިކަނބަލުން 400 މިޘްޤާލުގެ ރިހީގެ ރަނަށް އަޅުގަނޑާ ކައިވެނިކުރައްވައިފި އެވެ. އޭ ދީނުގައި އަހަރެންގެ އަޚުންނޭވެ! ޝައްކެތް ނެތް ގޮތުގައި، حديث ކުރެއްވި ވާހަކަތައް ތިޔަބައި މީހުން އަޑުއަހައި ހެކިވެއްޖައީމުއެވެ. އަޅުގަނޑު ވެސް މި ކަމަކަށް ހެކިވެ އެއްބަސްވަމެވެ. އަޅުގަނޑު ފުރިހަމަ އަށް ޤަބޫލުކުރަމެވެ. އަހަރެމެން އެންމެން ދައްކާ ވާހަކަ އަށް ހެކިވެވޮޑިގެން އަހަރެމެން އެންމެންނަށް ބެލެނިވެރިވެވޮޑިގެން ވެއެވެ".35
ކައިވެނީގެ ރަސްމިއްޔާތު ނިމުމަށް ފަހު، رَسُوْلُ اللهِ ﷺ ތާޒާ ކަދުރު ގެންނަވާފައި حديث ކުރެއްވި އެވެ. "މި ކަދުރުން ކާށެވެ". އެތާ ތިބި އެންމެން އެ ކަދުރު ކައިފި އެވެ. ދެން بلال ގެފާނު ބެއްސެވީ މާމުއިގެ ޝަރުބަތެވެ. އެ ބޭކަލުން އެ ވެސް ބުޔެވެ. އަދި ހުރިހާ ޞަޙާބީން ކުރެއްވި ދުޢާ އަކީ "بارك الله فيكما و عليكما و جمع شملكما". ކައިވެނީގެ ވަގުތު ގައި فاطمة (رضي الله عنها) ގެ ޢުމުރުން ފަނަރަ އަހަރެވެ. އަދި علي (رضي الله عنه) ގެ ޢުމުރުން ފަންސަވީސް އަހަރެވެ.
فاطمةގެފާނު ކައިވެންޏަށް ފަހު ކީރިތިކުރެއްވި އެވެ. އެ ކަމަނާ ގާތަށް ވަޑައިގެން حديث ކުރެއްވި އެވެ. "އޭ فاطمة އެވެ! ކަމަނާ އަށް ވީ ކިހިނެއް ހެއްޔެވެ؟ ތި ރޮނީ ކީއްވެގެން ހެއްޔެވެ؟ ތިމަންކަލޭގެފާނު ﷲ ގަންދެއްވައި حديث ކުރައްވަމެވެ. ތިމަންކަލޭގެފާނު ކަމަނާ ކައިވެނިކޮށްދެއްވީ ކަމަނާގެ ކައިވެންޏަށް އެދު މީހުންގެ ތެރެއިން ޢިލްމާއި، މަޑުމައިތިރިކަމާއި، ޙިކްމަތުގައި އެންމެ ރަނގަޅު ބޭފުޅާ އާ އެވެ". فاطمةގެފާނު ޖަވާބު ދެއްވި އެވެ. "އޭ އަހަރެންގެ ލޯބިވާ ބައްޕާއެވެ! ކައިވެނިކުރާ ކޮންމެ ކޮންމެ އަންހެން ކުއްޖެއްގެ ރަން އަގުކޮށް ކަނޑައެޅެނީ ރަނާއި ރިހިންނެވެ. އަޅުގަނޑުގެ ރަން ވެސް އެއްގޮތަކަށް އަގުކުރެވޭ ނަމަ، ކަލޭގެފާނާ އެހެން މީހުންނާ ހުރި ތަފާތަކީ ކޮބައި ތޯ އެވެ؟ ޤިޔާމަތް ދުވަހުން، އީމާންވީ މީހުންގެ ފާފަތަކަށް ކަލޭގެފާނު ޝަފާޢަތް ދެއްވާ އަދަދަށް އަޅުގަނޑު ބޭނުންވަނީ އެ މީހުންގެ އަނބިންނަށް ޝަފާޢަތް ދެއްވުމެވެ. މިއީ އަޅުގަނޑުހެ އެދުމެވެ".
"އޭ ފާޠިމާ އެވެ! ކަމަނާ އަށް ވީ ކިހިނެއް ހެއްޔެވެ؟ ތި ރޮނީ ކީއްވެގެން ހެއްޔެވެ؟ ތިމަންކަލޭގެފާނު ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ތިމަންކަލޭގެފާނު ކަމަނާ ކައިވެނިކޮށްދެއްވީ ކަމަނާގެ ކައިވެންޏަށް އެދު މީހުންގެ ތެރެއިން ޢިލްމާއި، މަޑުމައިތިރިކަމާއި، ޙިކްމަތުގައި އެންމެ ރަނގަޅު ބޭފުޅާ އާ އެވެ"
حديث الشّريف
فاطمةގެފާނުގެ އެދުން ޤަބޫލުފުޅު ކުރައްވައިފި ކަން އެންގެވި ހިނދު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ فاطمة އެވެ! ކަމަނާ އަކީ ރަސޫލެއްގެ ދަރިކަނބަލެއްކަން ކަމަނާ ވަނީ ސާފުކޮށްދީފައެވެ".
علي (رضي الله عنه) ވިދާޅުވި އެވެ. "މި ޙާދީސާ އަށް ފަހު މަދު މަސްކޮޅެއް ފާއިތުވެގެން ހިނގައްޖެ އެވެ. މި މައުޟޫޢުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަހަންނަށް އިތުބާރުނުކުރެވޭތީ، އަހަރެން ލަދުން ހުރި ވަރުން އަހަރެންގެ އަނގަ ވެސް ހުޅުވައެއް ނުލެވެއެވެ. އެކަމަކު، އެކި ދުވަސްތަކުގައި، رَسُوْلُ اللهِ ﷺ އަށް އަޅުގަނޑު އެކަނި ހުއްޓާ ފެނިވަޑައިގަތުމުން، އެކަލޭގެފާނު حديث ކުރައްވަނީ، "ކަލޭގެފާނުގެ އަނބިކަނބަލުންނަކީ ކިހާ ރަނގަޅު ބޭފުޅެއް ތޯ އެވެ! ކަލޭގެފާނަށް ހުރިހާ ޚަބަރެއްގެ އުފާވެރިކަމާ އެވެ. އެކަމަނާ އަކީ ދުނިޔޭގެ ހުރިހާ އަންހެނުންނަށް ވުރެ މަތިވެރި ކަމަނާއެކެވެ.
އެ ދުވަސްތަކުގައި، علي (رضي الله عنه) ގެ ކޮއްކޮ ޢުޤައިލު (رضي الله عنه) ވިދާޅުވި އެވެ. "އޭ علي ގެފާނެވެ! މި ކައިވެންޏާ އެކު އަޅުގަނޑުމެން އުފާކޮށްފީމު އެވެ. އެހެން ނަމަވެސް، އަޅުގަނޑުގެ އެދުމަކީ، މި އުފާވެރި ދެ ބޭފުޅުން އެކަކު އަނެކަކާ ކައިރިވުމެވެ". علي (رضي الله عنه) ވިދާޅުވި އެވެ. "އެއީ އަހަރެންގެ ވެސް އުއްމީދެވެ. އެކަމަކު އަހަރެން މިހިރީ ލަދުގެންފައެވެ". ޢުޤައިލު (رضي الله عنه)، علي (رضي الله عنه) ގެ އަތުގައި ހިއްޕަވައިގެން رَسُوْلُ اللهِ ﷺ ގެ ގެކޮޅާ ހަމައަށް ދެވުމުން، އެ ދެ ބޭފުޅުންނާ ދިމާވީ رَسُوْلُ اللهِ ﷺ ގެ ޖާރިޔާ أُمُّ أَيمن އާ އެވެ. ވެގެން އުޅޭ ގޮތް، އެ ދެބޭފުޅުން أُمُّ أَيمن އަށް ކިޔައިދެއްވި އެވެ. ދެން أُمُّ أَيمن ވިދާޅުވިއެވެ. "ތިކަމަށް ތި ބޭފުޅުން ވަޑައިގަންނަވާކަށް ނުޖެހެއެވެ. އަހަރެމެން رَسُوْلُ اللهِ ﷺ ގެ އަނބިންނާ އެއްބައިވުމަށް ފަހު ދަންނަވާނަމެވެ. އެހެނީ، މި ކަމުގައި، އަންހެންވެރިންގެ މަޝްވަރާ އަށް އަޑުއެހޭނެ އެވެ". މި ކަމާ ބެހޭގޮތުން أُمُّ أَيمن رَسُوْلُ اللهِ ﷺ ގެ އަބިންނާ ވާހަކަދެއްކެވި އެވެ. ދެން އެ ކަނބަލުން ވަޑައިގަތީ، عائشة (رضي الله عنها) ގެ ގެއަށެވެ. خديجة ގެފާނުގެ ނަންގަތުމަށް ފަހު، އެ މީހުން ބުންޏެވެ. "އެކަމަނާ ދިރި ދުނިޔޭގައި ހުންނެވި ނަމަ، އަހަރެމެން ކަންބޮޑުވާކަށް ނުޖެހޭނެ އެވެ". رَسُوْلُ اللهِ ﷺ ކީރިތި ކުރައްވާފައި حديث ކުރެއްވި އެވެ. "ޚަދީޖާ ފަދަ އަތްބެއް އެބަ ހުރި ހެއްޔެވެ؟ މީސްތަކުން ތިމަންކަލޭގެފާނު ދޮގުކުރި އިރު، އެ ކަމަނާ ތިމަންކަލޭގެފާނު ޔަޤީންކޮށްދެއްވައި، އެ ކަމަނާގެ ހުރިހާ މުއްސަނދިކަމެއް ތިމަންކަލޭގެފާނަށް ޓަޖައި ބޭނުންކުރި އެވެ. އެކަމަނާ ވަނީ އިސްލާމް ދީނަށް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވާފައެވެ. އެކަމަނާ ދިރި ދުނިޔޭގައި ހުންނެވި އިރު، الله تعالى ތިމަން ކަލޭގެފާނަށް އަމުރުކުރެއްވީ އުފާވެރި ޚަބަރު خديجة ގެފާނަށް ދެއްވުމަށެވެ: ޒަމަރަދުން ވާ ގަނޑުވަރެއް އެކަމަނާ އަށް ޓަކައި ސުވަރުގޭގައި ދަނީ ޢިމާރާތްކުރެވެމުންނެވެ".
علي (رضي الله عنه) އެދިލައްވާ ގޮތުގެ ވާހަކަ رَسُوْلُ اللهِ ﷺ ގެ އަނބިން އެ ކަލޭގެފާނަށް ދަންނަވައިފި އެވެ. އެއާއެކު، رَسُوْلُ اللهِ ﷺ އުއްމު އައިމަނަށް އެންގެވީ علي (رضي الله عنه) އަށް ދަޢުވަތު ދެއްވުމަށެވެ. علي (رضي الله عنه) ވަޑައިގަތުމުން، އަންހެން ކަނބަލުން އެތަނުން ތެދުވެގެން ގޮސްފި އެވެ. عليގެފާނުގެ ބޯ ތިރިކޮށްލައްވާފައި އިށީނދެވަޑައިގެންފި އެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "علي އެވެ. ތިބާގެ އަނބިކަނބަލުން ބޭނުން ހެއްޔެވެ"؟
علي (رضي الله عنه) ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. އާދޭހެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ"! فاطمةގެފާނު އަލަތު އަންބެއްގެ ގޮތުގައި ވަންނަވާނެ ގެއަށް أسمىގެފާނު ވަޑައިގަތެވެ. އާ ލެދަރ ބާލީހަކާއި، ޕެޗްއަޅާފައިވާ ލެދަރ ބާލީހަކާއި، އެތެރެއަށް ކަދުރު ރުކު ފަން އަޅާފައިވާ ގަސް ތޮށީގެ ބާލީހެއް އެ ކަމަނާ ތައްޔާރުކުރެއްވި އެވެ. ޢިޝާ ނަމާދަށް ފަހު، فاطمةގެފާނުގެ ގެއަށް رَسُوْلُ اللهِ ﷺ ވަޑައިގެން ތައްޔާރީތައް ބައްލަވާލެއްވިއެވެ.
رَسُوْلُ اللهِ ﷺ އެންގެވީ عليގެފާނު ގެންނެވި ފައިސާގެ ތިންބައިކުޅަ ދެ ބައި، ކާނާ އާއި، ރީތިވާ ސާމާނާއި، އަތަރު ގަތުމަށް ބޭނުންކުރުމަށާއި، ތިން ބައިކުޅަ އެއް ބައި ހެދުން ގަތުމަށް ބޭނުންކުރުމަށެވެ. ގޭތެރޭގެ ހިފާ ގެންގުޅޭ ތަކެތި އޭރު އެކަލޭގެފާނު ވަނީ ހަމަކުރައްވާފަ އެވެ. فاطمةގެފާނުގެ ކައިވެނީގެ ޙަފްލާ ގެ ތަކެއްޗާއި، ގޭތެރޭގެ ސާމާނު ތަކަކީ: أسمى بنت عُميس ތައްޔާރުކުރެއްވި ތިން ބާލީސް، ކައިރި ޖަހާފައިވާ ކާޕެޓެއް، ކަދުރު ރުކު ފަން އަޅާފައިވާ ގަސް ތޮށީގެ ބާލީހެއް، ދެ ހޭންޑް މިލް، ފެން ހަންގަޑެއް، މަށީގެ ފެން ޖަގެއް، ލެދަރ ފެން އަޅާ ތަށްޓެއް، ތުވާއްޔެއް، ސްކާޓެއް، ކަންބަޅި ހަމާއި، ޔަމަނުގެ ކުލަ ކާޕެޓަކާއި، ކަދުރު ރުކުގެ ފަނުން ވިޔެފައިވާ ސޯފާ އަކާއި، ޔަމަނުގެ ދެ ކުލަ ހެދުމާއި، މަޚްމަލުގެ ރަޖާ އެކެވެ. رَسُوْلُ اللهِ ﷺ، عليގެފާނަށް ކޮންމެ ވެސް ވަރަކަށް ފައިސާ ދެއްވައި، حديث ކުރެއްވީ ކަދުރާއި، ތެޔޮ ގަތުމަށެވެ. ދެން ހިނގައިދިޔަ ކަންތައް علي (رضي الله عنه) ކިޔައިދެއްވާފައި ވަނީ ތިރީގައިވާ ގޮތަށެވެ.:
"އަހަރެން ފަސް ދިރުހަމްގެ ކަދުރާއި، ހަތަރު ދިރުހަމްގެ ތެޔޮ ގަތީމެވެ. ދެން އަހަރެން އެ ތަކެތި رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންދިޔައިމެވެ. އެކަލޭގެފާނު އެދިލެއްވީ ކާނާ ދިނުމަށް ޓަކައި، ލެދަރ ފިލައެއް ގެނައުމަށެވެ. އެކަލޭގެފާނު ކަދުރާއި، ފުށާއި، ޔޮގަޓް އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެއްކުރައްވައި، ކޮންމެވެސް ކެއުމެއް ތައްޔާރުކުރައްވާފައި حديث ކުރެއްވި އެވެ. "އޭ علي އެވެ! ގޮސް ފެނުނުހާ މީހަކަށް ގެންނާށެވެ'. އަހަރެން ބޭރަށް ދިޔަ އިރު ބަޔަކު ފެނުނެވެ. އަހަރެން އެ އެންމެންނަށް ދަޢުވަތު ދީފައި، އެނބުރި އެތެރެ އަށް ވަދެ ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! ވަރަށް ގިނަ ބަޔަކު އެބަ ތިއްބެވެ'.
ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'ދިހަޔަކުން ދިހަޔަކުން އެ މީހުން ކެއުމަށް ގެންނާށެވެ'. އަހަރެން ހެދީ ވެސް އެހެންނެވެ. ގުނި އިރު، އަންހެނުންނާއި ފިރިހެނުންގެ ހަތް ސަތޭކަ މީހުން އެތަނުން ބަނޑުފުރާނަ މުއްތިކޮށް ކެއެވެ.
عليގެފާނާއި، فاطمةގެފާނުގެ ކައިވެނީގެ ޖާފަތަށް ފަހު، أُمُّ أَيمن ވިދާޅުވާ ގޮތުން، رَسُوْلُ اللهِ ﷺ عليގެފާނާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "އޭ علي އެވެ! ތިމަންކަލޭގެފާނުގެ އަންހެންދަރިފުޅު فاطمة ތިބާގެ ގެއަށް އަލަތު އަންބެއްގެ ގޮތުގައި ގޮސްފި އެވެ. ޢަޞްރު ނަމާދަށް ފަހު ތިމަންކަލޭގެފާނު އެބަ ވަޑައިގަންނަވަމެވެ. ތިމަންކަލޭގެފާނަށް އިންތިޒާރުކުރައްވާށެވެ". عليގެފާނު ގެއަށް ވަޑައިގެން ކަނެއް ގައި އިށިންނަވައިފި އެވެ. فاطمةގެފާނު ވެސް ގޭގެ އެހެން ކަނެއް ގައި އިށީންނަވައިފި އެވެ. ދެން، رَسُوْلُ اللهِ ﷺ ވަޑައިގެން ދޮރު ގައި ޓަކިޖައްސަވައިފި އެވެ. ދޮރު ހުޅުއްވީ އުއްމު އައިމަނެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ތިމަންކަލޭގެފާނުގެ އަޚާ އެބަ ހުރި ހެއްޔެވެ"؟ أُمُّ أَيمن އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެމައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! ކަލޭގެފާނުގެ އަޚާ އަކީ ކާކު ތޯ އެވެ"؟ "އެއީ علي بن أبي طالب" މިހެން رَسُوْلُ اللهِ ﷺ حديث ކުރެއްވުމުން، أُمُّ أَيمن އެއްސެވި އެވެ. "ކަލޭގެފާނުގެ އަންހެންދަރިފުޅު ކައިވެނިކޮށްދެއްވީ ކަލޭގެފާނުގެ އަޚާ އާ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވިއެވެ. "އާނއެކެވެ". رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޚާ ހުރި ތޯ ސުވާލުކުރެއްވުމުން أُمُّ أَيمن ހީކުރެއްވީ އެ ކައިވެނީގެ ހުއްދަ ނުދެވޭނެ ކަމަށެވެ. "އާނއެކޭ" حديث ކުރެއްވުމުން، އެ އިޝާރާތްކުރެއްވީ ކައިވެނި ނުކުރެވޭނީ އެއް މަންމަ ނުވަތަ އެއް ބައްޕަ އެއް ކަމަށް ވާނަމަ ކަމެވެ. (عليގެފާނަކީ رَسُوْلُ اللهِ ﷺ ގެ ބޮޑުބޭބެގެ ދަރިކަލުންނެވެ.)
ދެން رَسُوْلُ اللهِ ﷺ أُمُّ أيمن އާ ސުވާލުކުރެއްވި އެވެ. "أسمى بنت عُميس ވެސް މިތާ އެބަ އުޅޭ ހެއްޔެވެ"؟ "އާދެ" އޭ ކަމަށް އެ ކަމަނާ ޖަވާބު ދެއްވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެހެންވީމާ، އެ ކަމަނާ އެ އައީ މާތް ﷲ ގެ ރަސޫލާގެ ދަރިކަނބަލުންނަށް ޚިދުމަތްކުރުމަށެވެ". أُمُّ أَيمن ވިދާޅުވި އެވެ. "އާދޭހެވެ". އެކަލޭގެފާނު ދުޢާކުރެއްވި އެވެ. "އެކަމަނާ ނިޢުމަތްތައް ޙާޞިލުކުރައްވާށިއެވެ"!
އޭގެ ފަހުން، އެކަލޭގެފާނަށް ފެން ތަށްޓެއް ގެނެވުނެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު ދޮންނެވި އެވެ. އެ ފެނުގެ ތެރެއަށް އެކަލޭގެފާނު ކަސްތޫރިކޮޅެއް ވެސް އެޅުއްވި އެވެ. ދެން އެކަލޭގެފާނު فاطمةގެފާނަށް ގޮވާލެއްވި އެވެ. ލަދުން، فاطمةގެފާނު ބައްލަވަމުން ގެންދެވީ އެ ކަމަނާގެ ހެދުމަށެވެ. ދެން އެކަމަނާގެ މޭމައްޗާއި، ބޮލާއި، ބުރަކަށްޓަށް ފެންފޮދެއް މަތެރައްވާލައްވައި ދުޢާކުރެއްވި އެވެ. "اللّهم إنّي أعزّها بك و ذرّيتها من الشّيطان الرّجيم". (ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! އެ ކަނބުލޭގެ އާއި އެކަނބުލޭގެ ދަރިފަސްކޮޅު ރަޖަމްކުރެވިގެންވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އަޅާ ބަރޯސާވަނީ އިބަސުވާމީންގެ ކިބަފުޅުންނެވެ.)ދެން، އެކަލޭގެފާނު އެފަދައިން عليގެފާނާ މެދު ވެސް ކަންތައް ކުރައްވާފައި ދުޢާކުރެއްވި އެވެ. "اللّهم بارك فيهما و بارك عليهما و بارك لهما في نسلهما". އެކަލޭގެފާނު سورة الإخلاص އާއި، معوّزتين ނުވަތަ سورة الفلق އާއި سورة النّاس ތިލާވާކުރެއްވުމަށް ފަހު عليގެފާނަށް حديث ކުރެއްވި އެވެ. "الله تعالى ގެ ނަންފުޅާއި ބަރކާތާ އެކު ތިބާގެ އަނބިކަނބަލުންގެ ގާތަށް ދާށެވެ". ދެން، އެކަލޭގެފާނު ދޮރު ގެ ދެ ފަރާތުގައި އަތުން ހިފަހައްޓަވާފައި ދުޢާކުރެއްވުމަށް ފަހު ވަޑައިގެންފި އެވެ.36
علي (رضي الله عنه) ވިދާޅުވެފައިވެއެވެ. "ކައިވެންޏަށް ހަތަރު ދުވަސް ފަހުން، رَسُوْلُ اللهِ ﷺ އަޅުގަނޑުމެންގެ ގެއަށް ވަޑައިގަތެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ ޙިކްމަތުން ފުރިގެންވާ ހިތްތައް އުފާކުރުވާ ބަސްފުޅުތަކުން އިރުޝާދު ދެއްވައި حديث ކުރެއްވި އެވެ. 'އޭ علي އެވެ!. ފެން ގެންނަވާށެވެ'! އަހަރެން ތެދުވެގެން ގޮސް ފެން ގެނެސްފީމެވެ. އެކަލޭގެފާނު އާޔަތެއް ތިލާވާކުރެއްވުމަށް ފަހު، حديث ކުރެއްވި އެވެ. 'މިއިން ފެންފޮދެއް ބޮއެލެއްވުމަށް ފަހު އެއްބައި ބަހައްޓަވާށެވެ'. އަހަރެން އެ ގޮތަށް ހަދައިފީމެވެ. އެކަލޭގެފާނު ދެން ހުރި ފެން އަހަރެންގެ ބޮލާއި މެޔަށް މަތެރާލެއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ފެން ގެންނާށެވެ'. އަހަރެން އަނެއްކާ ވެސް ފެން ގެނައީމެވެ. އަހަންނަށް ހެއްދެވި ގޮތަށް فاطمة އަށް ވެސް ކަންތައް ކުރެއްވި އެވެ. ދެން އެކަލޭގެފާނު އަހަރެން ބޭރަށް ނެރުއްވި އެވެ".
"އޭ علي އެވެ! ފާޠިމާގެ އިޙްސާސްތަކަށް އަޅާލައްވާށެވެ. އެކަމަނާ އަކީ ތިމަންކަލޭގެފާނުގެ ބައެކެވެ. އެކަމަނާއާ ރިވެތިކޮށް މުޢާމަލާތްކުރައްވާށެވެ. އެކަމަނާ ހިތާމަވެރިކުރައްވައިފި ނަމަ، އެ ހިތާމަވެރިކުރެވެނީ ތިމަންކަލޭގެފާނެވެ"
حديث الشّريف
عليގެފާނު ބޭރަށް ނުކުންނެވި ފަހުން، رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ދަރިކަނބަލުންނާ، عليގެފާނާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ. فاطمةގެފާނު ވިދާޅުވި އެވެ. "އަހަރެންގެ ލޮބުވެތި ބައްޕާފުޅާ އެވެ! އެކަލޭގެފާނުގެ ކިބައިގައި ފުރިހަމަ ކަމުގެ ހުރިހާ ސިފަތަކެއް އެބަހުއްޓެވެ. އެކަމަކު ޤުރައިޝުންގެ ބައެއް އަންހެނުން އަޅުގަނޑު ކައިރީގައި ބުނަނީ، 'ކަމަނާގެ ފިރިމީހާ ފަޤީރެވެ"، މިހެންނެވެ'". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނުގެ ދަރިކަނބަލުންނޭވެ! ތިބާގެ ފިރިކަލުންނާއި، ބައްޕާފުޅު ފަޤީރެއް ނޫނެވެ. ތިމަންކަލޭގެފާނަށް ދުނިޔެއާއި އުޑުތަކުގެ ހުރިހާ މުއްސަނދިކަމެއް ހުށަހެޅުނެވެ. އެކަމަކު، ތިމަންކަލޭގެފާނު އެ އެއްޗެހި ޤަބޫލުނުކުރެއްވީ އެވެ. ތިމަންކަލޭގެފާނު ޤަބޫލުކުރެއްވީ الله تعالى ގެ ޙަޟްރަތުގައި އަގުހުރި އެއްޗިއްސެވެ. އޭ ތިމަންކަލޭގެފާނުގެ ދަރިކަނބަލުންނޭވެ! ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންތައްތައް ތިބާ އަށް އެނގޭ ނަމަ، ތިބާގެ ނަޒަރުގައި ދުނިޔެއަކީ ނިކަމެތިވެގެންވާ ތަނެއް ކަމުގައި ވާނެ އެވެ. الله تعالى ގެ އިސްމުފުޅުގެ ބަރަކާތުން، ތިބާގެ ފިރިކަލުން ހިމެނެނީ އެންމެ ފުރަތަމަ ޞަޙާބީންގެ ތެރޭގައެވެ. އެކަލޭގެފާނަށް އިސްލާމް ދީނުގައި މަތިވެރި ދަރަޖައަކާއި، އެންމެ ފުން ޢިލްމު ލިބިގެންވެއެވެ. އޭ ތިމަންކަލޭގެފާނުގެ ދަރިކަނބަލުންނޭވެ! އިޚްތިޔާރުކުރެއްވީ އަހްލު ބައިތުންގެ ތެރެއިން ދޭ ފަރުދެކެވެ. އެކަކީ ތިބާގެ ބައްޕާފުޅެވެ؛ އަދި އަނެއް ފަރުދަކީ ތިބާގެ ފިރކަލުންނެވެ. އެކަލޭގެފާނަށް އަބަދު ވެސް ކިޔަމަންވެރިވެ، އެކަލޭގެފާނުގެ އަންގަވާ ގޮތަށް ދެކޮޅުނަހަދާށެވެ".
އެކަލޭގެފާނުގެ ދަރިކަނބަލުންނަށް އިރުޝާދު ދެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ، عليގެފާނު އެތެރެ އަށް ވެންނެވުމަށް ދަޢުވަތު ދެއްވައިފި އެވެ. އެކަލޭގެފާނު، عائشةގެފާނު عليގެފާނާ ޙަވާލުކުރެއްވުމަށް حديث ކުރެއްވި އެވެ. "އޭ علي އެވެ! فاطمةގެ އިޙްސާސްތަކަށް އަޅާލައްވާށެވެ. އެކަމަނާ އަކީ ތިމަންކަލޭގެފާނުގެ ބައެކެވެ. އެކަމަނާއާ ރިވެތިކޮށް މުޢާމަލާތްކުރައްވާށެވެ. އެކަމަނާ ހިތާމަވެރިކުރައްވައިފި ނަމަ، އެ ހިތާމަވެރިކުރެވެނީ ތިމަންކަލޭގެފާނެވެ". އެކަލޭގެފާނު އެ ދެމަފިރިން ވެސް ޙަވާލުކުރެއްވީ الله تعالى އާ އެވެ. ދެން އެކަލޭގެފާނު ތެދުވެވަޑައިގެން ނުކުމެވަޑައިގަންނަވަން އުޅުއްވަނިކޮށް فاطمةގެފާނު ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ގޭތެރޭގެ މަސައްކަތްތައް ބަލަހައްޓާނަމެވެ. އަދި عليގެފާނު ގެއިން ބޭރުގެ މަސައްކަތްތައް ބަލަހައްޓަވާނެ އެވެ. ބައްޕާފުޅު އަޅުގަނޑަށް ޖާރިޔާއެއް (އަންހެން އަޅާ) ދެއްވައިފި ނަމަ، އެ ކަނބުލެ އަށް ގޭތެރޭގެ މަސައްކަތަތްކުގައި އެހީތެރިވެދެވޭނެ އެވެ. އޭރުން އަޅުގަނޑު އުފާވާނެ އެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "فاطمةއެވެ! ތިމަންކަލޭގެފާނު ދަރިފުޅަށް ދޭންވީ ޖާރިޔާއަކަށް ވުރެ ރަނގަޅު އެއްޗެއް ހެއްޔެވެ؟ ނުވަތަ ޖާރިޔާއެއް ހެއްޔެވެ"؟
فاطمةގެފާނު ޖަވާބު ދެއްވި އެވެ. "ޖާރިޔާ އަކަށް ވުރެ ރަނގަޅު އެއްޗެއް ދެއްވާށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކޮންމެ ދުވަހަކު، ތިބާ ނިދަން އޮށޯންނަން ދާ އިރު، ތިރީސް ތިން ފަހަރު سبحان الله، ތިރީސް ތިން ފަހަރު الحمد لله، އަދި لاإله إلّا الله وحده لا شريك له. له الملك وله الحمد وهو على كلّ شيئ قدير އެއް ފަހަރު ކިޔާށެވެ. އެ ހުރިހާ ބަސްތަކުގެ ޖުމްލައަކީ 100 ޖުމްލަ އެވެ. ތިބާ އަށް ޤިޔާމަތް ދުވަހުން އެއްހާސް ރަނގަޅު ކަންތައް ފެންނާނެއެވެ. ތިބާގެ ރަނގަޅު ޢަމަލުތައް މީޒާނު (ތިލަފަތް) ގައި ބޮޑަށް ބަރުވާނެ އެވެ. ދެން، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ދަރިކަނބަލުންގެ ގެއިން ނުކުންނަވައިގެން އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެންފި އެވެ.
كعب بن أشرف ޤަތުލުކުރުން
މުސްލިމުން ބަދުރު ހަނގުރާމަ ކާމިޔާބު ކުރުމުން، ޔަހޫދީންނާއި، ބުދަށް އަޅުކަންކުރާ މުޝްރިކުން ހިތްތައް ބިރުން ފުރިއްޖެއެވެ. ބައެއް ޔަހޫދީންނަށް ޙަޤީޤަތް ޤަބޫލުކޮށް އިސްލާމް ވެއްޖެ އެވެ. އެމީހުން ބުނަމުންދިޔަ އެވެ. "ހަމަ ކަށަވަރުން މި ބޭކަލަކީ އަހަރެމެންގެ ފޮތްތަކުން ކިޔެވި ސިފަތައް މި ބޭކަލެއްގެ ކިބައިގައި އެބަ ހުއްޓެވެ. އެކަލޭގެފާނާ ދެކޮޅަށް ތެދުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަލޭގެފާނަށް އަބަދުވެސް ކާމިޔާބު ލިބޭނެ އެވެ". ދެން ތިބި މީހުން ބުނޫއެވެ. "محمّدގެފާނު ޤުރައިޝުންނާ ހަނގުރާމަ ކުރައްވައިފި އެވެ. އަހަރެމެންނަކަށް ހަނގުރާމަ ކުރާކަށް ނޭނގެއެވެ. އެކަލޭގެފާނަށް ކާމިޔާބު ލިބުނީ އެހެންވެގެންނެވެ. އެކަލޭގެފާނު އަހަރެމެންނާ ހަނގުރާމަކުރެއްވި ނަމަ، ހަނގުރާމަ ކުރާނެ ގޮތާއި، ކާމިޔާބު ކުރާނެ ގޮތް ދައްކަދިނީމުސް ހެވެ".
އިސްލާމީ ލަޝްކަރަށް ބަދުރު ގައި ހޯދި ކާމިޔާބުގެ ވާހަކަ ޔަހޫދީއެއް ކަމުގައިވާ كعب بن أشرف އަށް އިވުމުން، އޭނާ މުސްލިމުން ދެކެ ކުރާ ނަފްރަތެއްގެ ސަބަބުން އޭނާ މައްކާ އަށް ގޮސްފި އެވެ. އަހަރެމެން އެތަނަށް މުޝްރިކުން އެއްކޮށް، އެ މީހުން ލައްވާ މަދީނާ އަށް ޙަމަލާ ދިނުވުމަށް ޓަކައި، ޅެންތަކެއް ކިޔަމުންދިޔަ އެވެ؛ އޭނާ އެ މީހުންނަށް ހިތްވަރުދީ ރުޅިއެރުވި އެވެ. އޭނާ އެ މީހުންނާ އެކު ޑީލެއް ހެދީ رَسُوْلُ اللهِ ﷺ އާ ހަނގުރާމަކުރުމަށެވެ. އަދި ކީއްހެއްޔެވެ! ލޮބުވެތި رَسُوْلُ اللهِ ﷺ އަވަހާރަކޮށްލަން ވެސް އޭނާ ރޭވިއެވެ. މި ޙާލަތު ބަޔާންކޮށްދެއްވައި سورة النّساء ގެ 52 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ ۖ وَمَن يَلْعَنِ اللَّهُ فَلَن تَجِدَ لَهُ نَصِيرًا ﴿٥٢﴾)37 * النّساء: 52) މާނައީ: "އެއުރެންނީ، ހަމަ ﷲ، لعنة ލައްވާފައިވާ މީހުންނެވެ، ﷲ، لعنة ލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެ މީހަކަށް نصر ވެރިވާނޭ މީހަކު ތިބާޔަކަށް ނުފެންނާނެތެވެ".
އެއާއެކު، އެކަލޭގެފާނުގެ ޝަރަފުވެރި ޞަޙާބީން އަރިހުން އެއްސެވި އެވެ. "كعب بن أشرف ޤަތުކުކޮށްލާނީ ކާކު ހެއްޔެވެ؟ އެހެނީ އޭނާ ވަނީ އާއި އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށްފައެވެ". محمّد بن مسلمة މި ކަމާ މެދު ވިސްނައި، އެތަކެއް ދުވަހެއް ވަންދެން ޕްލޭނެއް ހެދިއެވެ. އޭނާގެ އެކުވެރިން ކަމުގައިވާ أبو نائلة އާއި، عبّاد بن بشار، حارث بن أوس އާއި أبو عبس بن جبر ގާތަށް ގޮސް ހެދި ޕްލޭންގެ ވާހަކަ އެ މީހުންނަށް ކިޔައިދީފި އެވެ. ހެދި ޕްލޭން މުސާނަބު ކަމަށް އެ އެންމެން ވެސް ނިންމީ އެއީ ރަނގަޅު ރޭވުމެއް ކަމަށެވެ. އަދި އެ މީހުން ބުންޏެވެ. "އަޅުގަނޑުމެން އޭނާ މަރާލާނީ އެކީގައެވެ". އެ ތިން މީހުން އެކީ رَسُوْلُ اللهِ ﷺ ގެ އަރިހަށް ދިޔައެވެ. އެ މީހުން ބުނޫއެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. "ކަލޭގެފާނު ހުއްދަ ދެއްވައިފި ނަމަ، އަޅުގަނޑުމެން كعب އާ ވާހަކަދައްކާ އިރު، ކަލޭގެފާނާ ބެހޭގޮތުން ބައެއް ވާހަކަތައް ބުނަން ތޯ އެވެ؟ އެ މީހުން ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދައްކަން رَسُوْلُ اللهِ ﷺ ހުއްދަދެއްވި އެވެ.
އެއަށް ފަހު محمّد بن مسلمة އޭނާގެ އެކުވެރިންނާ އެކު كعب بن أشرف ހަމަ އަށް ދިޔައެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އެ محمّدގެފާނު އަހަރެމެންގެ ކިބައިން ޞަދަޤާތް ޑިމާންޑްކުރައްވައިފި އެވެ. އެކަލޭގެފާނު އަހަރެމެންގެ މައްޗަށް ބޮޑު ޓެކްސްއެއް ކަނޑައެޅުއްވި އެވެ. އަހަރެން ކަލޭ އަތުން ދަރަނި ނަގަން މިއައީ އެހެންވެގެންނެވެ". އުފާކުރަމުން، محمّد بن مسلمة އޭނާ އާ އެއްބަސްވީ ކަމަށް ހީކޮށް كعب ބުންޏެވެ. "އެކަލޭގެފާނު ކަލޭގެ މައްޗަށް އިތުރަށް ޕްރެޝަރުކުރައްވާނެތެވެ". محمّد بن مسلمة ބުންޏެވެ. "އަހަރެމެން އެކަލޭގެފާނަށް އެއް ފަހަރު ތަބާވީމެވެ. އަހަރެމެން ތަބާވުނުގައި ކުރިޔަށް ދާނަމު އެވެ. މިކަން ނިމިގެންދާނެ ގޮތެއް ބަލާނަމުއެވެ. މިހާރު، އަހަރެމެންނަށް ކަދުރުކޮޅެއް ފަހުން ފައިސާ ދައްކާ ގޮތަށް ދޭށެވެ". كعب ބުންޏެވެ. "އާނއެކެވެ. އަހަރެން ލޯނު ދޭނަމެވެ. އެހެންނަމަވެސް، ސެކިއުރިޓީއެއްގެ ގޮތުގައި ކޮންމެވެސް އެއްޗެއް ދޭންވާނެ އެވެ". محمّد بن مسلمة އާއި އޭނާގެ އެކުވެރިން އެހި އެވެ. "ކަލޭ ބޭނުންވަނީ ކޯއްޗެއް ހެއްޔެވެ"؟ كعب "އަހަރެން ބޭނުމީ ރަހުނެއްގެ ގޮތުގައި އަންހެނުން" ނޭ ބުނުމުން އެ ބޭކަލުން އެ ހުށަހެޅުން ޤަބޫލުނުކުރެއްވުމުން كعب ބުންޏެވެ. "ދެން، ކަލޭމެންގެ ފިރިހެން ދަރިން ރަހުނަކަށް ދޭށެވެ". އެ ބޭކަލުން ވިދާޅުވި އެވެ. "އަހަރެމެންނަށް ފިރހެން ދަރިން ވެސް ރަހުނެއްގެ ގޮތުގައި ނުބެހެއްޓޭނެ އެވެ. އަހަރެމެން އެހެން ހަދައިފި ނަމަ، އެ ފިރިހެން ދަރިންނަށް ނިސްބަތްކޮށް ބުނެވޭނީ ޖަމަލެއް ނުވަތަ ދެ ޖަމަލުގެ ލޯޑުގެ ކަދުރުގެ ބަދަލުގައި ދެވުނު ރަހުނެއްގެ ގޮތުގައެވެ. އެއީ އަހަރެމެންނަށް ލިބިގެންދާނެ ހަނދާން ނައްތާނުލެވޭ ވަރުގެ ލަދަދަކަށެވެ. އެކަމަކު، ރަހުނެއްގެ ގޮތުގައި ކަލޭމެންނަށް އަހަރެމެންގެ ހަތިޔާރާއި، ދަހަނާ ދެވިދާނެ އެވެ". މި ހުށަހެޅުން كعب ޤަބޫލުކޮށްފި އެވެ. އެ މީހުން ދެން އަންނަންވީ ވަގުތު އޭނާ އެ މީހުންނަށް ބުނެދިނެވެ.38
"އޭނާ އަބަދު ވެސް އަހަރެމެންނަށް އުނދަގޫކޮށް، އަހަރެމެންނާ އިދިކޮޅު ޅެން ކިޔާހެދި އެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު އެފަދަ ކަމެއް ކުރާ ނަމަ، އެ މީހެއްގެ އަދަބަކީ ކަނޑި ކަން އެނގެންވާނެ އެވެ"
حديث الشّريف
އެއް ރޭ، محمّد بن مسلمة كعب އާ ހަމަޔަށް ދުރުވި އެވެ. أبو نائلة ވެސް އޭނާޔާ އެކު ހުންނެވި އެވެ. އެ މީހުން ކިއްލާ އަށް ދިއުމަށް كعب އެންގި އެވެ. އެ މީހުންނާ ބައްދަލުކުރެއްވުމަށް كعب ތިރިއަށް ފޭބި އެވެ. كعبގެ އަނބިމީހާ އޭނާ ކައިރީ ގައި އެހިއެވެ. "މި ގަޑީގައި ތި ދަނީ ކޮން ތާކަށް ހެއްޔެވެ"؟ كعب ބުންޏެވެ. "އެއައި މީހުންނަކީ، محمّد بن مسلمة އާއި އަހަރެންގެ އަޚް އަބޫ ނާއިލާ އެވެ". އޭނާގެ އަންހެނުން ބުންޏެވެ. އަހަންނަށް އެ އިވުނު އަޑު އަހަންނަކަށް އެހާ ރަނގަޅެއް ނޫނެވެ. އެއިން ލޭ ފައިބައިގެން އަންނަ ފަދައެވެ". كعب ޖަވާބު ދިނެވެ. "ނޫނެކެވެ. އެއީ محمّد بن مسلمة އާއި، އަހަރެންގެ އެއްކިރުގެ އަޚާ أبو نائلة އެވެ. އޭނާ އަކީ ރަނގަޅު ޒުވާން ފިރިހެނެކެވެ. އޭނާ ރޭގަނޑު ކަނޑީގެ ހަނގުރާމަ އަކަށް ދަޢުވަތު ދެވުނަސް، އޭނާ ޖެހިލުމެއް ނެތި އަންނާނެ އެވެ. އޭނާ އަކީ އެފަދަ މީހެކެވެ". محمّد بن مسلمة އޭނާ އާ އެކު ދެ މީހަކު– އެހެން ރިވާޔަތެއް ގައި ތިން މީހަކު – ކިއްލާ އަށް ގެންނެވި އެވެ. އެއީ، أبو عبس بن جبر، ހާރިޘް ބިން އަވްސް އަދި ޢައްބާދު ބިން ބިޝްރު އެވެ.39 محمّد بن مسلمة (رضي الله عنه) އޭނާގެ އެކުވެރިން ކައިރީގައި ވިދާޅުވީ، "كعب އައުމުން އަހަރެން އޭނާގެ އިސްތަށީގެ ވަސް ބަލާނަމޭ، އަހަރެން އޭނާ ކައިރީ ގައި ބުނާނަމެވެ؛ އަހަރެން އޭނާގެ ބޯ ހިފަހައްޓައި ވަސްބަލާނަމެވެ. އަހަރެން އޭނާގެ ބޯ ބާރަށް ހިފެއްޓުމުން، ކަލޭމެން ކަނޑިތަކުން އޭނާ ގައިގައި ޖަހާށެވެ". كعب بن أشرف އެ ބޭކަލުން ގާތަށް އަތުވެއްޖެ އެވެ. އައީ، ރަނގަޅަށް ހެދުން ލައިގެން އަތަރުލައިގެންނެވެ. އިބްނު މަސްލަމާ كعب އާ ކައިރި އަށް ގޮސް ވިދާޅުވީ، "އަހަންނަށް ތިކަހަލަ މީރުވަސް ދުވާ ސެންޓެއްގެ ވަސް ކުރިޔަކުން ނުދުވައެވެ". كعب އާ އެކަމާ ފޮނިކަނޑާލާފައި ބުންޏެވެ. "ޢަރަބިންގެ ތެރޭގައި ތިބި އެންމެ މީރުވަސް ދުވާ އަންހެނުން ތިބީ އަހަންނާ އެކުގައެވެ". محمّد بن مسلمة ވިދާޅުވި އެވެ. "ކަލޭގެ ބޮލުގެ ވަސް ބަލަން ދީފާނަން ހެއްޔެވެ"؟ كعب އާ ބުނީ އެ ފުރުޞަތު ދީފާނެ ކަމަށެވެ. މަސްލަމާ ވަސްބެއްލެވި އެވެ. އަދި އޭނާގެ އެކުވެރިން ލައްވާ ވެސް ވަސްބަލަން ބަލުވައިފި އެވެ. ދެން އޭނާ ބުނީ އޭނާ އަދި ވެސް ވަސްބަލަން ބޭނުންވާ ކަމަށެވެ. އެ ވަގުތު، محمّد بن مسلمة كعب އާގެ ބޮލުގައި ހިފައި، އޭނާގެ އެކުވެރިންނަށް އެ މީހުންގެ ކަނޑިތައް ނެގުމަށް ސިގްނަކް ދެއްވައިފި އެވެ. ފުރަތަމަ ކަނޑި ޖެހުމާ އެކު كعب ވަރަށް ބާރަށް ހަޅޭލަވައިފި އެވެ. އެކަމަކު އޭނާ މަރެއް ނުވި އެވެ. އެއަށް ފަހު محمّد ބިން މަސްލަމާ އޭނާގެ އަތުގައި އޮތް ޚަންޖަރުން އޭނާ ޤަތުލުކޮށްފި އެވެ. كعب ޤަތުލުކޮށްލެއްވި މުޖާހިދުން ވަގުތުން އެތަން ދޫކުރައްވައި މަދީނާ އަށް ވަޑައިގެންފި އެވެ. އަށް މި އުފާވެރި ޚަބަރު رَسُوْلُ اللهِ ﷺ އަށް ދިނުމުން، އެކަލޭގެފާނު މުޖާހިދުންނަށް ދުޢާކުރެއްވި އެވެ.
ކާފަރު كعب بن أشرف ޤަތުލު ޤަތުލުކުރުމުގެ ޚަބަރުން ޔަހޫދީން ވަރަށް ބިރުގެންފި އެވެ. އެހެނީ، كعب ފަދަ މަޝްހޫރު ވެރިޔަކު ޤަތުލުކުރެވިއްޖެ ނަމަ، ކޮންމެ ވަގުތެއް ގައި ވެސް އެ މީހުން ޤަތުލުކޮށްލެވިދާނެ އެވެ. ހެނދުނު، އެ މީހުން އެއްވެ، رَسُوْلُ اللهِ ﷺ ގެ އަރިހަށް އަތުވެއްޖެ އެވެ. އެ ރޭ ހިނގި ޙާދިސާ އާ މެދު އެ މީހުން ޝަކުވާކޮށްފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ އަބަދު ވެސް އަހަރެމެންނަށް އުނދަގޫކޮށް، އަހަރެމެންނާ އިދިކޮޅު ޅެން ކިޔާހެދި އެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު އެފަދަ ކަމެއް ކުރާ ނަމަ، އެ މީހެއްގެ އަދަބަކީ ކަނޑި ކަން އެނގެންވާނެ އެވެ". މި އިންޒާރާ އެކު، ބިރުން ގޮސް، ޔަހޫދީން އަނެއްކާ ވެސް މުޢާހަދާއެއް ކޮށްފި އެވެ.40
ޣަޠްފާން ހަނގުރާމަ
މި ދަތުރަށް ކިޔޭ އަނެއް ނަމަކީ، "ޣަޒްވަތު އަންމާރު" އަދި "ޣަޒްވަތު ޛީ ޢަމްރު" އެވެ. ބަނީ ސަލާބާ އާއި، ބަނީ މުޙައްރަބު ގެ ގްރޫޕެއް ޛީ ޢަމްރު ނަމަކަށް ކިޔޭ ހިސާބެއް ގައި މަޑުކޮށްގެން ތިބެ ނިންމީ، މަދީނާގެ ކައިރިން ފެންނަ ކޮންމެ އެއްޗެއް ލޫޓުވުމަށެވެ. އެ މީހުންގެ ވެރިޔަކަށް ހުރީ، دعثور بن حارث بن محرِّب އެވެ. އޭނާގެ ވަނަމަކީ، އަރްވަސް އެވެ. رَسُوْلُ اللهِ ﷺ ނައިބެއްގެ ގޮތުގައި މަދީނާ ގައި عُثمان بن عفّان (رضي الله عنه) ބަހައްޓަވާފައި 450 މީހުންގެ ލަޝްކަރަކާ އެކު މަދީނާ އިން ނުކުންނަވައިފި އެވެ. އެ ވަޑައިގެންނެވި މަގުމަތީގައި، ޖައްބާރު ނަމަކަށް ކިޔާ މީހަކާ ދިމާވެލެއްވި އެވެ އެ ބޭކަލުން އޭނާ ކައިރިން އެއްސެވީ ޢަދުއްވާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ. އޭނާ ބުންޏެވެ. "އެ މީހުން ތިޔަބައި މީހުންނާ ހަނގުރާމަކުރާކަށް އެ މީހުން ބޭނުމެއް ނުވެއެވެ. އެ މީހުންނަށް ތިޔަބައި މީހުން ފެނުމާއެކު އެ މީހުން ފަރުބަދަ މައްޗަށް އަރއި ފިލައިފި އެވެ. އޭނާ އަށް رَسُوْلُ اللهِ ﷺ އިސްލާމް ދީނަށް ވަނުމަށް ދަޢުވަތު ދެއްވުމުން އޭނާ އިސްލާމް ވެ މުސްލިމަކަށް ވެއްޖެ އެވެ.
ވާދީ އާ ހަމައަށް ދާން އިސްލާމީ ލަޝްކަރު ދާން ފެށުމުން ވާރޭ ވެހިއްޖެ އެވެ. ވަރަށް ގަދައަށް ވާރޭ ވެހިވެހި އޮވެފައި މަޑުޖެހިލާފައި ހުއްޓާލައިފި އެވެ. رَسُوْلُ اللهِ ﷺ ހިމެނޭ ގޮތުން ހުރިހާ މުޖާހިދުން ތެމިފޯވެއްޖެ އެވެ. ކޮންމެ ބޭކަލަކު ވެސް ގެންދެވީ ހެދުން ހިއްކަމުންނެވެ. އެކަހެރި ތަނެއް ގައި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ހެދުންކޮޅު ބާލުއްވައި ގަހެއް ގައި އެލުއްވައިފި އެވެ. އެ ގަހުގެ ދަށުގައި އެކަލޭގެފާނު އަރާމުކުރައްވަމުން ގެންދަވަނިކޮށް، އިސްލާމީ ލަޝްކަރުގެ ބޯކޮޅު ބަލަމުންދިޔަ ކާފަރުންނަށް رَسُوْلُ اللهِ ﷺ ގިނިކަންޏާ ހުންނެވި ތަން ފެނި، ދަސޫރު بن حارثة އަށް އަންގައިފި އެވެ. އެއާއެކު، رَسُوْلُ اللهِ ﷺ އަވަހާރަކޮށްލުމަށް ޓަކައި، އޭނާ މަޑުމަޑުން އެކަލޭގެފާނު ހުންނެވި ތަނަށް ދާން ގޮސްފި އެވެ. އޭނާގެ ކަނޑި އުރައިން ދަމައިގެންފައި ބުންޏެވެ. "އަހަރެންގެ އަތްދަށުން ކަލޭގެފާނު ސަލާމަތްކޮށްދޭނީ ކާކު ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "الله تعالى އެވެ". އެ ވަގުތު جبريل (عليه السّلام) ވަޑައިގެން ދަސޫރުގެ މޭގައި ޖައްސަވައި އޭނާ ވައްޓާލައްވައިފި އެވެ. އޭނާގެ ކަނޑި އޭނާގެ އަތުން ވެއްޓިއްޖެ އެވެ. رَسُوْلُ اللهِ ﷺ ދަސޫރުގެ ކަނޑި ނެންގެވުމަށް ފަހު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ އަތްދަށުން ކަލޭ ސަލާމަތްކޮށްދޭނީ ކާކު ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. "އެކަކަށް ވެސް ސަލާމަތެއް ނުކޮށްދެވޭނެ އެވެ". އޭގެ ފަހުން ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށް ފަހު އޭނާ އިސްލާމް ވެއްޖެ އެވެ. އެތައް ބަޔަކު އީމާން ވުމަށް އޭނާ ސަބަބަކަށް ވިއެވެ.41 ހަނގުރާމަ އަށް އިތުރު ބަޔަކު ތައްޔާރުނުކުރާނެ ކަމަށް އޭނާ ވަޢުދު ވިއެވެ. އިސްލާމީ ލަޝްކަރު އެބުރި މަދީނާ އަށް ދިޔައީ ހަނގުރާމަ ކުރުމެއް ނެތި އެވެ. މި ދަތުރު ގައި ވީ އެގާރަ ދުވަހެވެ.
ބަޙްރާން ހަނގުރާމަ
މި ހަނގުރާމަ އަށް "ބަނީ ސުލޭމް" ނުވަތަ "ޣަޒްވަތު ނަޖްރާން" އޭ ވެސް ކިޔެއެވެ. ޚަބަރު ލިބުނު ގޮތުގައި ބަނީ ސުލޭމް ކިޔާ ސަރަޙައްދަކަށް އެއްވި ގިނަ ޢަދަދެއްގެ މުޝްރިކުން ދިޔައީ މަދީނާ އަށް ޙަމަލާދިނުމަށް ރާވަމުންނެވެ. 300 މީހުންގެ ލަޝްކަރަކާ އެކު رَسُوْلُ اللهِ ﷺ ޢަދުއްވުންނާ ދެކޮޅަށް ނުކުންނަވައިފި އެވެ. އިސްލާމީ ލަޝްކަރު އެ މީހުންނާ ދިމާލަށް އަންނަ ޚަބަރު ޢަދާވާތްތެރިންނަށް ލިބުމުން، އެ މީހުން ފަރުބަދަތަކާ ދިމާލަށް ދުވެ ގޮސްފި އެވެ. އެހެންކަމުން، ހަނގުރާމައެއް ނުހިނގައެވެ. އެ ދަތުރު ގައި ހޭދަވީ ބާރަ ދުވަހެވެ.
ހިޖްރައިން ތިން ވަނަ އަހަރު ހިނގި ބައެއް ޙާދިސާތައް
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ދަރިކަނބަލުން أُمُّ كُلثوم ކައިވެނި ކުރެއްވީ عُثمان (رضي الله عنه) އާ އެވެ. ހަމަ އެ އަހަރު، رَسُوْلُ اللهِ ﷺ، عُمرُ (رضي الله عنه) ގެ ދަރިކަނބަލުން ޙަފްޞާ (رضي الله عنها) އާ ކައިވެނި ބައްލަވައިގަތެވެ. عليގެފާނުގެ ދަރިކަލުން حسنގެފާނު އުފަންވެވަޑައިގަތީ މި އަހަރު އެވެ.
"އުޙުދު އަހަރެމެން ދެކެ ލޯބި ވެއެވެ. އަދި އަހަރެމެން އުޙުދު ދެކެ ލޯބިވަމެވެ".
حديث الشّريف
ލޯބި އަހަރެން އާޝޯޚުކޮށްލައިފި އޭ،
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
ލޯބި ހާދަ ފޮންޏޭ، އަޞްލު ވެސް؛
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
މުއްސަނދި ކަމަކުން އަހަންނަކަށް އުފަލެއް ނުލިބުނޭ،
މުދަލަކަށް އަހަރެން ޝައުޤުވެރިއެއް ނުވެއޭ.
އަހަރެން އުފާކޮށްދެނީ ހަމައެކަނި ލޯބިންނޭ؛
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
އިބަސުވާމީންގެ އަޅަމެންނަށް އެންގެވިއޭ ނަމާދުކުރުމަށް،
ތެދުމަގުގައި ސާބިތުވެ ހުރުމުން ތަޢުފީރުކުރެއްވިއޭ.
އިބަރަސްކަލާނގެ ނިޢުމަތްތައް ނިމުމެއްނެތް ގޮތުގައި ދެއްވިއޭ،
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
އަހަރެންގެ ނަފްސު ހާދަ ޣަދަރުވެރިއޭ؛
އަބަދުވެސް އޭގެ އުފަލަށް އަހަރެން ޤުރުބާންކުރަނީއޭ!
އެކަމަކު އަހަންނަށް ޙަޤީޤީ ނިޢުމަތް ލިބިއްޖެއޭ،
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
ފުރިހަމައަށް އަޅުކަންތައް ކުރުމަކީ،
އަދި ހަމައެއާއެކު ދުނިޔަވީ ކަންތައް ޙާޞިލުކުރުމަކީ،
އަހަރެން ރެއާއި ދުވާލު ކުރާ ކަންތަކޭ.
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
ލޯތްބަކީ ހަމައެކަނި ބަސްތަކެއް ނޫނޭ، އަހަރެންގެ ހުވަފެނާއޭ!
ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ އެންގެވީ އިޖްތިހާދުކުރުމަށޭ؛
ތިބާގެ ޢަމަލުތަކުން ދައްކާށޭ؛
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
އިސްލާމް ދީނުގެ ޢަދުއްވުން އެހާ ގިނައޭ،
ޢަދަރުވެރިކަމާ އެކު ދީނަށް ޙަމަލާދެނީއޭ؛
މީހަކަށް އެއްގޮތަކަށް ވެސް މަޑުން އިނދެވޭހޭ!
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
ލޯބިވެރިޔަކު ކަމެއް ނުކޮށް އެހެން ނީނާނާނެއޭ،
އޭނާގެ ލޯބިވެރިޔާ އަށް ހާނީއްކައެއް ވެދާނެ ކަމުގެ ބިރަށޭ.
ޢަދާވާތްތެރިޔާ މައިތިރިކޮށްފައި، ދެން ސީދަލަށް ބުނާށޭ:
އަޅާގެ ﷲ، އަޅާ އިބަސުވާމީންގެ ދެކެ ލޯބިވެއޭ!
