ރަޖީޢުގެ ޙާދިސާ
أُحد ހަނގުރާމައިގެ ދުނިދަނޑިޖެހުންތެރިއެއް ކަމަށް ވާ عاصم بن ثابت ވަނީ އެ ހަނގުރާމައިގައި، مُصافي بن طلحة އާއި އޭނާގެ އަޚް حارث މަރާލާފައެވެ. އެ މީހުންގެ މަންމަ، ހިތުގައި އަޅައިގެންފި ކަމެއް ވިއްޔާ އެކަމެއް ކުރުމަށް މަޝްހޫރު سُلافة بنت سعد ވައުދުވީ، އޭނާގެ ފިރިހެން ދެ ދަރިން މަރާލެއްވި عاصم بن ثابت ގެ ބޯ ގެނެސްދިން މީހަކަށް، ސަތޭކަ ޖަމަލު ދިނުމަށެއެވެ. عاصم ގެފާނުގެ ބޮލުގެ ނާށިގަނޑަށް ރާ އަޅައިގެން ބުއިމަށް އޭނާ ހުވާކޮށްފި އެވެ. އޭގެ އިތުރަށް، ލިޙްޔާންގެ ވަންހައިގެ ދަރިން ޢަދަލް އަދި ކަރާ މި ދެ ޤަބީލާ އާ އެކު ޢަހުދުނާމާއެއް ހަދައިފި އެވެ. ސަބަބަކީ، رَسُوْلُ اللهِ ﷺ ފޮނުއްވި ދަތުރެއް ގައعبدالله بن أُنيس، ލިޙްޔާން ވަންހައިގެ خالد بن سُفيان ޤަތުލުކުރުމެވެ.
މައްކާގެ ރަށް ބޭރު ސަރަޙައްދު ގައި ދިރިއުޅޭ މި ދެ ޤަބީލާ އިން ޕްލޭނެއް ހަދައި، މަންދޫބުން ފޮނުވުމަށް ތައްޔާރުވެއްޖެ އެވެ. މަންދޫބުން ކައިރީގައި ބުނީ، "ކަލޭމެން އިސްލާމް ވެއްޖެ ކަމަށާއި، ކަލޭމެން ޒަކާތް ދޭނެ ކަމަށް އެ މީހުން ކައިރީގައި ބުނާށެވެ. ޒަކާތް ނެގުމަށްޓަކައި، ޓީޗަރުން ފޯރުކޮށްދިނުމަށާއި، އިސްލާމް ދީން އުނގަންނައިދިނުމަށް އެދޭށެވެ. އެގޮތުން އަންނަ ބައެއް މީހުން އަހަރެމެން ބަދަލުހިފުމުގެ ގޮތުން ޤަތުލުކުރާނީއެވެ. ދެން ތިބި މީހުން މައްކާ އަށް ގެނެސް ޤުރައިޝުންނަށް ވިއްކާލާނީ އެވެ".
ހިޖުރައިން ހަތަރު ވަނަ އަހަރުގެ ޞަފަރު މަހު، އެ ޤަބީލާތަކުން ހައެއް ނުވަތަ ހަތް މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ބުންޏެވެ. "އަޅުގަނޑުމެން އިސްލާމް ވެއްޖައީމެވެ. އަޅުގަނޑުމެންނަށް ކީރިތި قرآن އާއި، އިސްލާމް ދީން ކިޔަވައިދިނުމަށްޓަކައި، އަޅުގަނޑުމެންނަށް ޓީޗަރުން ފޮނުއްވާދެއްވާށެވެ".
އެވަގުތު، މައްކާގެ މުޝްރިކުން ހަނގުރާމައަކަށް ތައްޔާރުވޭތޯ ބައްލަވަން ޢަސްކަރީ ދަތުރަކަށް رَسُوْلُ اللهِ ﷺ ވަނީ ދިހަ މީހުން ތައްޔަރުކުރައްވާފަ އެވެ. ޢަދަލް އަދި ކަރާ މި ދެ ޤަބީލާ އިން ޓީޗަރަކަށް އެދި ކޮމިޓީ އައުމުން، މި ދިހަ މީހުންގެ ޕެޓްރޯލް، މި އައި ކޮމިޓީ އާ އެކު ޙާލަތު ތަޙްޤީޤުކޮށް ރިޕޯޓްކުރުމަށް ޓަކައި އެކަލޭގެފާނު ފޮނުއްވި އެވެ.
މި ސަރިއްޔާ ގައި ހިމެނޭ ޞަޙާބީންނަކީ: مرصد بن أبي مرصد، خالد بن أبي بُكير، عاصم بن ثابت، خُبيب بن عدي، زيد بن الدثنّة، عبدالله بن طارق، مُعطّب (مُغير) بن عُبيد އާއި، ނަން އެނގިގެންނުވާ އިތުރު ތިން ޞަޙާބީ (رضي الله عنهم) އެކެވެ.
ދުވާލުގެ ވަގުތު ފިލައި ތިބެފައި، ރޭގަނޑު ހިނގަމުން ގޮސް، ފަޖުރު ވީ އިރު، މި ސަރިއްޔާ ޓީމު ރަޖްޢު ފެންގަނޑާ ހަމައަށް ދެވިއްޖެ އެވެ. އެ ބޭކަލުން އެ ތާނގައި އިރުގަނޑަކަށް އަރާމުކުރައްވާފައި ޢަޖްވާ އޭ ކިޔުނު މަދީނާގެ ފެންވަރު ރަނގަޅު ކަދުރު ފަރިއްކުޅުއްވައިފި އެވެ. ދެން އެ ބޭކަލުން އެތަނުން ގޮސް ކައރީގައިވާ ފަރުބަދައެއްގެ ކައިރީ ގައި ފިއްލަވައިފި އެވެ.
ބަކަރިހުއިހައްޕަން އުޅުނު ޙުޒައިލު ވަންހައިގެ އަންހެނަކު ވެސް ރާޖިޢް ފެންގަނޑާ ހަމައަށް އަތުވެއްޖެ އެވެ. އޭނާ އަށް ކަދުރު އޮށްތައް ފެނިފައި، މަދީނާގެ ކަދުރު އެ ތާނގައި ކާފައިވާ ކަން އޭނާ އަށް އެނގިއްޖެ އެވެ. "މަދީނާ އިން ބައެއް މީހުން މި ތަނަށް އަތުވެއްޖެއޭ" ކިޔާ ހަޅޭލަވަމުން އެ އަންހެން މީހާ އޭނާގެ ޤަބީލާ އަށް އަންގައިފި އެވެ. އެ ވަގުތު، ޢަދަލް އަދި ކަރާ ޤަބީލާތަކުގެ ފަރާތުން ޞަޙާބީންގެ އެ 10 މީހުންނާ އެކު ތިބި މަންދޫބުންގެ ތެރެއިން އެކަކު ކޮންމެވެސް ޢުޒުރެއް ދައްކާފައި ހިނގައްޖެ އެވެ. އޭނާ ވަގުތުން ލިޙްޔާން ވަންހަ އަށް ގޮސް އެ މީހުންނަށް ޚަބަރު ދީފި އެވެ.
"އެއީ، އެއުރެންނަށް ވޭނާއި، ހާނީއްކަ ލިބުމަށް ފަހު ވެސް، ﷲ އާއި، رسول އާ އަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން إحسان ތެރިވެ تقوى ވެރިވީ މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ".
حديث الشريف
ލިބުނު ޚަބަރާ އެކު ލިޙްޔާން ވަންހައިން ވަގުތުން ފިޔަވަޅުއަޅަން ފަށައިފި އެވެ. އެ މީހުން ދުއިސައްތަ މީހުންގެ ފައުޖެއް، އޭގެ ތެރޭގައި ސަތޭކަ ދުނިޖެހުންތެރިން ހިމެނޭ ގޮތަށް، މި ކުޑަ ސަރިއްޔާ އާ ދެކޮޅަށް ފޮނުވައިފި އެވެ. މުޝްރިކުންގެ މި ގްރޫޕަށް عاصم بن ثابت (رضي الله عنه) އާއި އޭނާގެ އެކުވެރިން ފަރުބަދަ މަތީގައި ތިބިތަން ފެނި އެ ބޭކަލުން ޙިޞާރުކޮށްފި އެވެ. އެ ވަގުތު، އެ ދިހަ ޞަޙާބީންގެ ޚަބަރު މުޝްރިކުންނަށް ދިން މީހާ އެ މީހުންނާ ގުޅިއްޖެ އެވެ. އެ ވަގުތު އެ ބޭކަލުންނަށް އޮޅުވާލާފައިވާ ކަން އަޞްޙާބު ބޭކަލުންނަށް ރޭކާލައިފި އެވެ. އެ ބޭކަލުން ހަނގުރާމަކުރެއްވުމަށް ނިންމަވައި، އެ ބޭކަލުންގެ ކަނޑިތައް އުރައިން ނަންގަވައިފި އެވެ. ވެގެންއުޅޭ ގޮތް އެނގި، މުޝްރިކުން އެ ބޭކަލުންނަށް އޮޅުވާލުމަށް ޓަކައި، ބުނޫއެވެ. "ކަލޭމެން ތިރި އަށް ފައިބައިފި ނަމަ، އަހަރެމެން ތިއިން އެކަކު ވެސް މަރައެއް ނުލާނަމެވެ. އަހަރެމެން މި ވަނީ ޔަޤީން ވަޢުދެކެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމުއެވެ. އަހަރެމެން ކަލޭމެން މަރާލާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، ތިޔަބައި މީހުންގެ ބަދަލުގައި މައްކާ މީހުން އަތުން ފިދުތައެއް ހޯދުމަށް އަހަރެމެން ބޭނުމެވެ".
ރަޖީޢު ޙާދިސާ
"އަޅާގެ ﷲ އެވެ! މިއަދާ ހަމައަށް އަޅާ އިބަރަސްކަލާނގެ ދީން ޙިމާޔަތްކުރީމެވެ. މިއަދުގެ ނިމުމާ ހަމަޔަށް އަޅާގެ ހަށިގަނޑު ރައްކާތެރިކޮށްދެއްވުމަށް އެދި އާދޭސް ދަންނަވަމެވެ".
عاصم بن ثابت (رضي الله عنه)
عاصم بن ثابت އާއި، مرصد بن أبي مرصد، އަދި خالد بن أبي بُخير(رضي الله عنهم) އެ މީހުން ހުށަހެޅި ހުރިހާ ހުށަހެޅުމެއް ޤަބޫލުނުކުރައްވާ ވިދާޅުވިއެވެ. "މުޝްރިކުންގެ ބަސްތަކާއި، ވަޢުދުތައް އަހަރެމެން ޤަބޫލެއް ނުކުރާނަމެވެ". عاصم بن ثابت (رضي الله عنه) ވިދާޅުވި އެވެ. "އަހަރެން ހުވާކޮށްގެން ހުންނަނީ މުޝްރިކުންގެ ޙިމާޔަތް އެއްގޮތަކަށް ވެސް ނުހޯދުމަށެވެ. އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެ މީހުންގެ ޙިމާޔަތާއި ބަސްތައް ޤަބޫލުކޮށްގެން އަހަރެން ތިރިޔަށް ފައިބާ އަމާނެއް ނުދޭނަމެވެ". އަދި ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ ރަސޫލާ އަށް އަޅަމެންގެ ޙާލަތު އަންގަވާދެއްވާދޭވެ"! عاصم ގެފާނުގެ ދުޢާ އިޖާބަކުރައްވައި މި ކަމުގެ ޚަބަރު އެކަލާނގެ رَسُوْلُ اللهِ ﷺ އަށް އަންގަވައިފި އެވެ.
عاصم ގެފާނު މުޝްރިކުންނަށް ވިދާޅުވި އެވެ. "އަހަރެމެން މަރު ދެކެ ބިރެއް ނުގަންނަމެވެ. އެހެނީ އަހަރެމެން އަހަރެމެންގެ ދީނުގައި މި ތިބީ ސާބިތުކަން މަތީގައެވެ (އަހަރެމެން މަރުވާ އިރު އަހަރެމެން ޝަހީދުންނަށް ވެ، ވަންނާނީ ސުވަރުގެއަށެވެ). މުޝްރިކުންގެ ވެރިޔާ "އޭ عاصم އެވެ! ކަލެއާއި، ކަލޭގެ އެކުވެރިން ބޭކާރުނުކުރާށެވެ. އަމާންދޭށެވެ"! عاصم بن ثابت އޭނާ އަށް ޖަވާބު ދެއްވީ ދުންޏަކުންނެވެ. އޭނާ އެ ދުނި ފޮނުއްވަމުން ގެންދެވި އިރު، ކިޔުއްވަމުން ގެންދެވީ ތިރީގައިވާ ބައިތުތަކެވެ.:
އަހަރެން ބާރުގަދައޭ، އަހަރެންގެ އުނިކަމެއް ނެތޭ.
އަހަރެންގެ ދުނިދަނޑީގެ ފަލަ ފަށް ދަމައިގަންނަމޭ.
މަރަކީ ޙަޤީޤަތޭ، ދިރިހުރުމަކީ ދޮގެކޭ އަދި ވަގުތީ އެއްޗެކޭ.
އެކަންތައްތައް ޙަޤީޤަތަކަށް ވާނޭ، ޤަޟާޤަދަރުގައި ވާ ހުރިހާކަމެކޭ.
މީސްތަކުން އެންމެ ފަހުން الله تعالى އަށް ރުޖޫޢަވާނޭ.
އަހަރެން ކަލެއާ ހަނގުރާމަ ނުކުރާ ނަމަ، އަހަރެންގެ މަންމަ،
(ރުޅިގަދަވެގެން) ހަމައިން ނެއްޓޭނޭ.
عاصم ގެފާނުގެ ދުނިއުރައިގައި އޮތީ ހަތް ދުންޏެވެ. އޭނާ ޖެއްސެވި ކޮންމެ ދުންޏަކުން މުޝްރިކެއް ޤަތުލުކޮށްލެއްވި އެވެ. އޭނާ އަތުން ދުނިތައް ހުސްވުމުން، އޭނާގެ ލޮންސިން މުޝްރިކުންގެ އެތައް ބަޔަކު ޤަތުލުކޮށްލެއްވި އެވެ. އެހެން ނަމަވެސް، އޭނާގެ ލޮންސި ބިނދިއްޖެ އެވެ. ދެން އޭނާގެ ކަނޑި ވަގުތުން ނަންގަވައި އޭގެ އުރަ ބިންދާލައްވައިފި އެވެ. ދެން އޭނާ ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! މިއަދާ ހަމައަށް އަޅާ އިބަރަސްކަލާނގެ ދީން ޙިމާޔަތްކުރީމެވެ. މިއަދުގެ ނިމުމާ ހަމަޔަށް އަޅާގެ ހަށިގަނޑު ރައްކާތެރިކޮށްދެއްވުމަށް އެދި އާދޭސް ދަންނަވަމެވެ". عاصم بن ثابت އާއި، އެހެން ޞަޙާބީން ކިޔުއްވި "الله أكبر"! ގެ އަޑާ އެކު، ފަރުބަދަތައް ދިޔައީ ތެޅެމުންނެވެ. ދިހަ މުޖާހިދުން މަރުވަންދެން ހަނގުރާމަކުރައްވަމުން ގެންދެވީ ދުއިސައްތަ މީހުންނާ ދެކޮޅަށެވެ. އެ ބޭކަލުންނާ ކުރިމަތިލި ކޮންމެ މީހަކު ވެސް ދިޔައީ، އެ މީހެއްގެ ޢަމަލުގެ އަގު ދައްކަމުންނެވެ. عاصم އެންމެ ފަހުން އޭނާގެ ދެފައި ޒަޚަމްވެގެން ބިން މައްޗަށް ވެއްޓިއްޖެ އެވެ. ކާފަރުން އޭނާ ދެކެ ނުހަނު ބިރުގަތުމާ އެކު، އޭނާ ވެއްޓުމަށް ފަހު ވެސް އެ މީހުންނަށް އެކަލޭގެފާނާ ކައިރިވާކަށް ނުކެރުނެވެ. އަދި އެ މީހުން ޢާޞިމްގެފާނު ޝަހީދުކޮށްލީ ދުރުން ދުންޏެއް ފޮނުވާލައިގެންނެވެ. އެ ދުވަހު، އެތާނގައި ތިއްބެވި ދިހަ ޞަޙާބީންގެ ތެރެއިން ހަތް ޞަޙާބީއަކު ޝަހީދުވެ، ތިން ޞަޙާބީން އަސީރުންގެ ގޮތުގައި ގެންދެވުނެވެ.
ލިޙްޔާން ވަންހައިގެ މީހުން ބޭނުންވީ عاصم بن ثابت ގެ ބޯ ކުރިކޮށްލައިގެން ގޮސް سُلافة بن سعد އަށް ވިއްކާށެވެ. އެހެން ނަމަވެސް، عاصم بن ثابت ގެ ދުޢާ އިޖާބަކުރައްވައި؛ މާމުއި ކުޅަދުރު ބައިގަނޑެއް ފޮނުއްވި އެވެ. ވިލާގަނޑެއް ފަދައިން، އެ ކުޅަދުރުތައް عاصم بن ثابت ގެ ހަށިގަނޑުގެ މަތީގައި އެނބުރިއެނބުރި ތިއްބެވެ. މުޝްރިކުންނަށް އެކަލޭގެފާނުގެ ހަށިގަނޑާ ގާތްވެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން، އެ މީހުން ބުނޫއެވެ. "އެކަލޭގެފާނު ދޫކޮށްލަމާ ހިނގާށެވެ. ކުޅަދުރުތައް ހަވީރު ބައިބައިވެގެން ދާނެ އެވެ. އަދި އަހަރެމެން އޭނާގެ ބޯ ބުރިކޮށްލައިގެން ގެންދާނީ އެވެ".
ހަވީރު، الله تعالى ގެ އިރާދަފުޅުން ވަރަށް ގަދައަށް ވާރޭ ވެހޭ ގޮތް ވެއްޖެ އެވެ. އެތާ އޮތް ކްރީކް ގައި ފެންބޮޑުވެ، عاصم بن ثابت ގެ ބަރަކާތްތެރި ހަށިގަނޑު ނޭނގޭ ތަނަކަށް ގޮސްފި އެވެ. އެ މީހުން ކިތަންމެ ވަރަކަށ ހޯދި ކަމުގައި ވިޔަސް، އެ މީހުންނަކަށް ޢާޞިމްގެފާނު ފެންނަ ގޮތެއް ނުވި އެވެ. އެހެންކަމުން، މުޝްރިކުންނަށް عاصم بن ثابت ގެ ހަށިގަނޑުގެ އެއްވެސް ތަނެއް ކެނޑޭނެ ގޮތެއް ނުވި އެވެ. އެކަލޭގެފާނުގެ ހަށިގަނޑު ކުޅަދުރުތަކެއް ޙިމާޔަތް ކުރި ވާހަކަ ބުނުމުން، عُمرُގެފާނު ވިދާޅުވި އެވެ. "ހަމަކަށަވަރުން ވެސް އެކަލާނގެ މުއުމިން ޚާދިމް ރައްކާތެރުކޮށްދެއްވައެވެ. عاصم بن ثابت ، ދިރުހުންނެވި އިރު، މުޝްރިކުންގެ ކިބައިން ޙިމާޔަތްކުރެވުނު ގޮތަށް އޭނާ ޝަހީދުވުމަށް ފަހު الله تعالى އޭނާގެ ހަށިގަނޑު ޙިމާޔަތްކުރެއްވިއެވެ. އަދި މުޝްރިކުންނަށް އޭނާގެ ހަށިގަނޑު ގައި އަތް ޖެއްސުނަ ނުދިނެވެ". މި ސަބަބަށް ޓަކައި، عاصم بن ثابت ހަނދުމަކުރެވޭ ކޮންމެ ފަހަރަކު އޭނާ އަށް ޙަވާލާދެވެނީ "މާމުއި ކުޅަދުރު ޙިމާޔަތްކުރި ބޭފުޅާ އެވެ"،1މިހެންނެވެ.
އަސިރުންގެ ގޮތުގައި ހައްޔަރުކުރެވުނު ތިން ޞަޙާބީންނަކީ، خُبيب بن عدي، زيد بن الدثنّة އަދި عبدالله بن طارق (رضي الله عنهم) އެވެ. ލިޙްޔާން ވަންހައިގެ މީހުން އެ ތިން ބޭކަލުން، ދުނިދަނޑީގެ ނަރުން ބަނދެލައިފި އެވެ. އޭގެ ތެރެއިން عبدالله بن طارق، އޭނާ މައްކާގެ މުޝްރިކުންނާ ހަމަޔަށް ގެންދަން އިދިކޮޅު ހެއްދެވި އެވެ. އޭނާ އެކަމާ ދެކޮޅު ހެއްދެވިއެވެ. އޭނާ ހަޅޭލަވައިގަނެފައި ވިދާޅުވި އެވެ. "އަހަރެންގެ ޝަހީދުވީ އެކުވެރިންނަށް ސުވަރުގޭގައި ޝަރަފު އެރުވިއްޖެ އެވެ". އޭނާ، އޭނާގެ އަތުގެ ގޮށުން މުހެލައްވައިފި އެވެ. އެހެން ނަމަވެސް، ލިޙްޔާން ޤަބީލާގެ މީހުން އޭނާ އާ ދިމާލަށް ގާ އުކައިގެން ޝަހީދުކޮށްލައިފި އެވެ. خُبيب بن عدي އާއި، زياد بن الدثنّة ކެތްތެރިވެ ވަޑައިގެން ވިސްނަވަމުން ގެންދެވީ، "އަހަރެމެންނަށް ފަހަރެއް ގައި، رَسُوْلُ اللهِ ﷺ ދެއްވާފައިވާ ޖާސޫސްކުރުމުގެ ވާޖިބު އަދާކުރުމުގެ ފުރުޞަތު ލިބިދާނެ އެވެ".
ލިޙްޔާން ވަންހައިގެ މީހުން އެ ދެބޭކަލުން ގޮވައިގެން މައްކާ އަށް ދިޔަ އެވެ. ބަދުރު ހަނގުރާމަ އާއި، أُحد ހަނގުރާމައިގައި އެ މީހުންގެ ތިމާގެ މީހުންތައް މަރުވެފައިވާ މީހުންތައް ދިޔައީ ބަދަލުހިފުމަށް ޓަކައި، ނުރުހުންތެރިކަމާއި، ބޮޑާކަމުގައި އަނދަމުންނެވެ. އަދި އެމީހުން ތިބީ ފުރުޞަތަކަށް ބަލަބަލައެވެ. خُبيب (رضي الله عنه) ގަތީ މުޝްރިކެއް ކަމުގައިވާ خُجير بن أبي إيهاب التّميمي އެވެ. އެއީ، ބަދުރު ހަނގުރާމައިގައި މަރުވި އޭނާގެ އަޚާ އަށް ބަދަލުހިފުމަށެވެ. އަދި زيد بن الدثنّة (رضي الله عنه) ގަތީ صفوان بن أُميّة އެވެ. އެއީ، ބަދުރު ހަނގުރާމައިގައި މަރުވި އޭނާގެ ބައްޕަ އަށް ބަދަލުހިފުމަށެވެ. މުޝްރިކުން ނިންމައިގެންތިބީ، އެ ދެ ބޭކަލުން ޝަހީދުކޮށްލުމަށެވެ. އެހެން ނަމަވެސް، އެއީ، ހަނގުރާމަ ކުރުން މަނާކުރެވިފައިވާ މަސްތަކެއް ކަމުން، އެ ދެ ބޭކަލުން ޖަލަށް ލުމަށް ފަހު ވަގުތު އަންނަން ދެން މަޑުކުރި އެވެ. އެ މީހުން އެ ދެ ބޭކަލުން ބަންދުކޮށްފައި ބޭތިއްބީ ވަކިންނެވެ. ދެ ޞަޙާބީން ވެސް ހައްޔަރުކޮށްފައި ތިއްބެވި އިރު، ވަރަށް ވަރުގަދަ ކެތްތެރިކަމަކާއި، ބާރާއި، އަބުރުވެރިކަން ދެއްކެވި އެވެ.
خُبيب بن عدي (ފަހުން އިސްލާމްވި) މިނިވަންކުރެވިފައިވާ އަޅު އަންހެނެއް ކަމުގައިވާ މާވިޔާ ތިރީގައިވާ ގޮތަށް ކިޔައދީފައި ވެއެވެ.:
"خُبيب ހައްޔަރުކޮށްފައި ހުންނެވީ، އަހަރެން ހުރި ގޭގެ ކޮޓަރިއެއް ގައެވެ. އެއަށް ވުރެ ރަނގަޅު އަސީރެއް އަހަރެން ނުދެކެމެވެ. އެއް ދުވަހަކު، އޭނާ ބޮޑު މޭބިސް ކަދުރު ޖަގެއް ހިފަހައްޓަވައިގެން ހުންނަވަނިކޮށް ފެނުނެވެ. ކޮންމެ ދުވަހަކު ވެސް އޭނާ މޭބިސް ކަދުރު ގެންގުޅުއްވަނިކޮށް ފެނެއެވެ. އެ މޫސުމުގައި، ޚާއްޞަކޮށް މައްކާ ގައި، މޭބިސް ކަދުރު ހޯދުމަކީ މުސްތަޙީލު ކަމެކެވެ. އޭނާ އަށް ރިޒްޤު ދެއްވަނީ الله تعالى އެވެ. އޭނާ ބަންދުކޮށްފައި ހުންނެވި ކޮޓަރީ ގައި ނަމާދު ކުރައްވައި، ޤުރްއާން ކިޔަވާ ހެއްދެވި އެވެ. އޭނާ ޤުރްއާން ކިޔަވާވިދާޅުވި އަޑު އިވުނު އަންހެންވެރިން އޭނާ އަށް ހަމްދަރުދީ ވެ ރޮއެ ހެދި އެވެ. ބައެއް ފަހަރު، އަހަރެން އޭނާ ކައިރިން "ތިބާ އެއްވެސް އެއްޗެއް ބޭނުން ތޯ" މިހެން އެހުމުން، އޭނާ ވިދާޅުވަނީ، 'އަހަންނަށް ތާޒާ ފެން ދޭށެވެ. ބުދަށް ޤުރްބާންކޮށް ކަތިލާފައިވާ ޖަނަވާރުގެ މަސް އަހަންނަށް ގެނެސްނުދޭށެވެ. އަދި އެ މީހުން އަހަރެން މެރުމުގެ ކުރިން އަހަރެން ކައރިގައި ބުނާށެވެ". އަހަރެން އިތުރު ކަމެއް ބޭނުމެއް ނޫނެވެ'. އޭނާ ޤަތުލުކުރާނެ ދުވަހެއް ކަނޑައެޅި އިރު، އަހަރެން ގޮސް ދެންނެވީމެވެ. އޭނާ އަށް އެކަން އެނގުމުން، އެއްވެސް ބަދަލެއް ނުވަތަ ހިތާމަވެރިކަމެއް ނުދައްކަވައެވެ. އެ ދުވަސް ކައިރިވުމުން، އޭނާ ވިދާޅުވީ، އޭނާ މަރާލުމުގެ ކުރިން އޭނާގެ ހަށިގަނޑު ސާފުކުރަން ބޭނުން ކަމަށާއި، ރޭޒަރަކަށް އެދުނެވެ. އަހަރެންގެ ކުޑަދަރިފުޅުގެ އަތަށް ރޭޒަރެއް ދިނުމަށް ފަހު އޭނާ ގާތަށް ފޮނުވީމެވެ. އަހަރެންގެ ދަރިފުޅު އޭނާ ގާތަށް ދިއުމުން، އަހަރެން ކުއްލިއަކަށް ބިރުގެންފި އެވެ. އަހަރެން ބުނީމެވެ. 'އޯ ނޫނެކެވެ'. މި މީހާ އެ ރޭޒަރުން އެ ކުއްޖާގެ ތަނެއް ކަނޑާލަފާނެ އެވެ. އެހެނީ ކޮންމެ ގޮތަކަށް ވިޔަސް އޭނާ މަރާލާނެ އެވެ'. އަހަރެން ދަރިފުޅަށް ވީގޮތެއް ބެލުމަށް ދުވެފައި ދިޔައިމެވެ. خُبيب ރޭޒަރު އެ ކުއްޖާ އަތުން ރޭޒަރު އަތުލުމަށް ފަހު، އިނީ އޭނާގެ ކަކޫ މަތީ ގައި ލޯބިން ބައިނދައިގެންނެވެ. އަހަންނަށް މި މަންޒަރު ފެނުމުން، އަހަރެން ބިރުން ހަޅޭލަވައިގަތީމެވެ. ވެގެން އުޅޭ ގޮތް ރޭކާލައިގެން އޭނާ ވިދާޅުވި އެވެ. "ކަލޭ ހީކުރަނީ އަހަރެން މި ކުއްޖާ މަރާލާނެ ކަމަށް ހެއްޔެވެ؟ އެކަހަލަ ކަމެއް އަހަރެމެންގް ދީނުގައި ނެތެވެ. އެއްވެސް ސަބަބަކާ ނުލައި މީހަކު މެރުމަކީ އަހަރެމެންގެ ސުލޫކުގެ އަދި ޝަރަފުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
خُبيب بن عدي އާއި، زيد بن الدثنّة ޝަހީދުކޮށްލަން ޤުރައިޝުން ނިންނަމައިގެން ތިބި ދުވަސް ޖެހިއްޖެ އެވެ. އެ ދުވަހުގެ ހެނދުނު ހެނދުނާ މުޝްރިކުން އެ ދެ ބޭކަލުން މޮހާލައި، މައްކާގެ ރަށް ބޭރުގައި އޮންނަ ތަންޢީމް ކިޔާ ތަނަކަށް ގެންގޮސްފި އެވެ. (ތަންޢީމް އޮންނަނީ މައްކާ އާ 5-8 ކިލޯ މީޓަރު ދުރުގައެވެ.) މަރުގެ އަދަބު ދޭ ތަން ބަލަން މައްކާގެ މީހުންނާއި، ޤުރައިޝުންގެ ކަމުވޮށިގެންވާ މީހުން އެއްވެއްޖެ އެވެ. އެތާނގައި ގިނަ ޢަދަދެއްގެ މީހުން އެއްވެފައި ތިއްބެވެ.
މަރުގެ އަދަބު ދޭން ކަނޑައަޅާފައިވާ ތަނުގައި މުޝްރިކުން ދެ ކަރުމަޅި ތައްޔާރުކޮށްފައި ވެއެވެ. އެ މީހުން خُبيبގެ ކަރަށް މަޅު ހަރަން އެ މީހުން ބޭނުންވުމުން، އޭނާ ވިދާޅުވި އެވެ. "އަހަރެން ދޫކޮށްލާށެވެ. އަހަރެން ދެ ރަކްޢަތް ނަމާދެއް ކުރުމުގެ ފުރުޞަތު ދޭށެވެ". އެ މީހުންއޭނާ ދޫކޮށްލާފައި ބުންޏެވެ. "ނަމާދު އެތާނގައި ކުރާށެވެ". خُبيب ވަގުތުން ނަމާދުކުރައްވަން ފަށްޓަވައިފި އެވެ. ނަމާދުކުރެއްވީ الله تعالى އަށް ޚުޝޫޢަތްތެރިކަމާ އެކުގައެވެ. އެތަނަށް އެއްވެފައި ތިބި މުޝްރިކުންނާއި، އަންހެނުންނާއި، ކުޑަކުދިން އެނާ އަށް ބަލަހައްޓައިގެން ތިބީ ޝައުޤުވެރިކަމާ އެކުގައެވެ. އޭނަގެ ނަމާދު ފުރިހަމަކުރެއްވުމަށް ފަހު، އޭނާ ވިދާޅުވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ކަލޭމެން އަހަރެން ނަމާދު ދިގުކުރަނީ ކަމަށް ހީނުކުރާ ނަމަ އަހަރެން ނަމާދު ދިގުކޮށް އިތުރަށް ކުރީމުހެވެ:. خُبيب (رضي الله عنه) އަކީ، މަރުގެ އަދަބު ދިނުމުގެ ކުރިން ދެ ރަކްޢަތް ނަމާދެއް ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ. އޭނާ ދެ ރަކްޢަތް ނަމާދެއް އޭނާ އަށް މަރުގެ އަދަބު ދިނުމުގެ ކުރިން ކުރެއްވި ޚަބަރު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތުމުން، އެއީ އެކަށީގެންވާ ކަމެއް ކަމަށް ދެކެވަޑައިގަތެވެ.2 އެހެންކަމުން، އެ ގޮތަށް ޢަމަލުކުރުމަކީ، އޭގެ ފަހުން އާދަޔަކަށް އަދި ސުންނަތަކަށް ވެފައި ވެއެވެ.
އޭނާ ނަމާދުކުރެއްވުމަށް ފަހު، މުޝްރިކުން خُبيبގެފާނު ދަންޖައްސާ ތަނަށް އަރުވައި އޭނާ ބަނދެލި އެވެ. އޭނާގެ މޫނު ޤިބްލާ އިން މަދީނާ އާ ދިމާލަށް އަނބުރާލި އެވެ. ދެން އެ މީހުން ބުންޏެވެ. "ކަލޭގެ ދީން ދޫކޮށްލާށެވެ! ކަލޭ އެހެން ހަދައިފި ނަމަ، އަހަރެމެން ކަލޭ މިނިވަންކޮށް ދޫކޮށްލާނަމެވެ"! އޭނާ ޖަވާބު ދެއްވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މުޅި ދުނިޔެ އަހަންނަށް ދެވުނު ކަމުގައި ވިޔަސް، އަހަރެން އިސްލާމް ދީން ދުލެއް ނުކުރާނަމެވެ". މި ޖަވާބު ލިބުނު މުޝްރިކުން ބުނުއެވެ. "ކަލޭ ތިހިރަ ތަނުގައި محمّدގެފާނު ހުންނަވަފާއި، ކަލޭގެ ބަދަލުގައި މަރުވުމަށް އެދެން ހެއްޔެވެ؟ ކަލޭ އާނއެކޭ ބުނެފި ނަމަ ކަލޭ މިނިވަންވާނެ އެވެ. އަދި ކަލޭގެ ގޭގައި އަރާމުކޮށް ހުރެވޭނެ އެވެ". خُبيب ވިދާޅުވި އެވެ. "محمّد (عليه السّلام) ގެ އެންމެ އިސްތަށްޓަކަށް ގެއްލުމެއް ދޭކަށް ވެސް އަހަރެން އެއްބަހެއް ނުވާނަމެވެ". ހެމުން ޚުބައިބަށް ޖޯކުޖަހަމުން، މުޝްރިކުން ބުނޫއެވެ. "އޭ ޚުބައިބެވެ! އިސްލާމް ދީން ދޫކޮށްލާށެވެ! އެހެން ނޫން ނަމަ، ހަމަ ޔަޤީނުން ވެސް އަހަރެމެން ކަލޭ މަރާލާނަމެވެ".خُبيبގެފާނު އެ މީހުންނަށް ޖަވާބު ދެއްވި އެވެ. "އަހަރެން الله تعالى ގެ މަގުގައި ވާހާ ހިނދަކު، މަރުވެގެން ދިއުމަކީ އަހަންނަށް އެއްގޮތަކަށް ވެސް މުހިއްމު ކަމެއް ނޫނެވެ".
އެއަށް ފަހު، خُبيبގެފާނު ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އަޅާ އަށް މިތަނުން ޢަދުއްވުންގެ މޫނުތައް ފިޔަވައި އެހެން މޫނުތަކެއް ނުފެނެއެވެ. އަޅާގެ ﷲ އެވެ! އަޅާގެ ތަހުނިޔާތައް އިބަރަސްކަލާނގެ ރަސޫލާ އަށް ދެއްވާދޭވެ! އަޅަމެންނަށް ހެދެމުންދާ ގޮތްތައް އިބަރަސްކަލާނގެ ރަސޫލާ އަށް އަންގަވައިދެއްވާދޭވެ"! އަދި ވިދާޅުވި އެވެ. "السّلام عليك يا رَسُوْلُ اللهِ". خُبيب މި ދުޢާކުރެއްވި އިރު، رَسُوْلُ اللهِ ﷺ އިންނެވީ އަޞްޙާބު ބޭކަލުންނާ އެކު އިށީނދެވަޑައިގެންނެވެ. زيد ބިން ހާރިޘާ (رضي الله عنه) ރިވާކުރައްވާފައި ވެއެވެ. "އެއް ދުވަހަކު، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ އެކު އިށިނދެވަޑައިގެން އިންނަވަނިކޮށް، އެކަލޭގެފާނު حديث ކުރެއްވި އެވެ. "و عليه السّلام". އަޞްޙާބު ބޭކަލުން އެއްސެވި އެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! ތި ސަލާމް ކުރެއްވީ ކާކު ކުރެއްވި ސަލާމަކަށް ތޯ އެވެ'؟ އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. 'އެއީ ތިޔަބައި މީހުންގެ އަޚް خُبيب ކުރެއްވި ސަމާމުގެ ޖަވާބެވެ. خُبيبގެ ސަލާމް ތިމަންކަލޭގެފާނަށް ގެނެސްދެއްވީ جبريل (عليه السّلام) އެވެ'".3
خُبيبގެފާނު ވަށައިގެން އެއްވެ ތިބި ޤުރައިޝުންގެ މުޝްރިކުންގެ ޒުވާނުން އޭނާ އަށް ލޮންސިން ޙަމަލާދެމުން ބުނަމުންދިޔަ އެވެ. "މިއީ ކަލޭގެ ބައްޕަ މަރާލި މީހާ އެވެ". އެހެން ބުނުމަށް ފަހު އޭނާ އަށް ޙަމަލާދީ ޒަޚަމްކުރަން ފަށައިފި އެވެ. އެ ވަގުތު، خُبيب ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ ޙަޟްރަތު ގައި އަޅާ އަކީ ރަނގަޅު ޚާދިމަކު ކަމުގައި ވާ ނަމަ، އަޅާގެ މޫނު ޤިބްލާ އާ ދިމާލަށް އަނބުރާލަދެއްވާދޭވެ"! އޭނާގެ މޫނު ޤިބްލައާ ދިމާލަށް އަނެއްކާ ވެސް އެނބުރިއްޖެ އެވެ. މުޝްރިކުންގެ އެކަކަށް ވެސް، ޤިބްލަ ފިޔަވައި އެހެން ދިމާލަކަށް އޭނާގެ މޫނު އަނބުރައެއް ނުލެވުނެވެ. އެ ވަގުތު، ދަންމަޅި އަށް މަހާ ތަނުގައި އިންނަވައިގެން ޅެމެއް ކިޔުއްވި އެވެ. އެ ޅެމުގައި، ވިދާޅުވެފައިވަނީ، އޭނާ ޝަހީދުކުރެވޭ ކަމާއި، ވަށައިގެން ޢަދާވާތްތެރިން ތިބި ވާހަކަ އެވެ. ލޮންސި އޭނާގެ ހަށިގަނޑަށް ޖަހަމުން މުޝްރިކުން އޭނާ އަށް އަނިޔާކުރަން ފެށި އިރު، އޭނާ ވިދާޅުވި އެވެ. "އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން މުސްލިމެއްގެ ގޮތުގައި މަރާލާހާ ހިނދަކު، އަހަރެން ވެއްޓޭނީ އަހަރެން ކޮން ފަރާތަކަށް ތޯ އަހަންނަކަށް މުހިއްމެއް ނޫނެވެ. މި ހުރިހާ ކަމަކީ الله تعالى ގެ މަގުގައި ވާ ކަންކަމެވެ".
އެއަށް ފަހު، خُبيب މުޝްރިކުންނަށް ބަދު ދުޢާކުރެއްވި އެވެ. "އަޅާގެ މާތް ﷲ އެވެ! ޤުރައިޝުންގެ ހުރިހާ މުޝްރިކުން ނެތިކުރައްވާދޭވެ! އެ މީހުންގެ މުޖްތަމަޢު ބައިބައިކުރައްވާށި އެވެ! އެ މީހުންގެ ފުރާނަ މީހަކަށް މީހަކަށް ފަހު މީހެއް ގެންދަވައި، އެ މީހުންނަށް ހަމަޖެހިގެން ދިރިއުޅުނަ ނުދެއްވާދޭވެ"! މުޝްރިކުންނަށް މި ބަދު ދުޢާ އަޑުއިވުމުން، އެ މީހުން ވަރަށް ބިރުގެންފި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެތަން ދޫކޮށް ފިލައިފި އެވެ. އެތާނގައި ނުގޮސް މަޑުކޮށްގެން ތިބި މީހުން އެ މީހުންގެ ލޮންސިތައް އެއްޗަކަށް ފަހު އެއްޗެއް ހަރަން ފަށައިފި އެވެ. އެކަކު އޭނާގެ ލޮންސި އޭނާގެ މެޔަށް ހެރުމުން ލޮންސި ނިކުމެގެން އައީ ބުރަކަށިންނެވެ. އޭނާގެ ހަށިގަނޑުން ހޯސްލާފައި ލޭ ފައިބަމުން ދިޔަ އިރު، ދަންމަޅީ ގައި އަދިވެސް އެލިފައި އޮތް އިރު، އޭނާގެ އެންމެ ފަހު ނޭވާ ގައި ވިދާޅުވީ "أشهد أن لا إله إلّا الله و أشهد أنّ محمّدا عبده ورسوله" މިހެންނެވެ. އާދެ، خُبيب ޝަހީދަކަށް ވިއެވެ.4
خُبيب بن عدي (رضي الله عنه) ގެ މުޅަ މަސްގަނޑު ދަންމަޅީ ގައި ސާޅީސް ދުވަސް ވަންދެން އެލުވިފައި އޮތެވެ. އޭނާގެ ގައިން މެދުކެނޑުމެއް ނެތި ލޭ ދިޔައީ އޮހޮރެމުންނެވެ. رَسُوْلُ اللهِ ﷺ، ޞަޙާބީންގެ ތެރެއިން زُبير بن عوّام އާއި، مقداد بن أسود (رضي الله عنها)، އޭނާގެ ހަށިގަނޑު ގެނައުމަށް ޓަކައި ފޮނުއްވި އެވެ. އެ ދެ ބޭކަލުން މައްކާ އަށް ވެންނެވީ ސިއްރިޔާތު ގައި ރޭގަނޑު އެވެ. ދެން އެ ދެ ބޭކަލުން خُبيب ދަންމަޅިން ނަންގަވައި، އޭނާ ޖަމަލަށް އަރުވައިގެން މަދީނާ އަށް ދަތުރު ފެށްޓެވި އެވެ. މިކަން އެނގިގެން، މުޝްރިކުން ބޮޑު ގްރޫޕް ހަދާފައި އެ ބޭކަލުންނާ ދިމާލަށް ގޮސްފި އެވެ. ދިފާޢުވުމަށް ޓަކައި، ދެ ޞަޙާބީން ވެގެން ޤަބުރު ނަގައި ބިން މަތީ ގައި ބާއްވާފި އެވެ. އިރުގަނޑަކުން، އެ މީހުންނަށް ފެނުނީ، އެ ޤަބުރު ބޭއްވި ބިންގަނޑު ދެފަޅިވެގެން ގޮސް، ޤަބުރު އެތާ ތެރެއަށް ލުމަށް ފަހު ބަންދުވީ ތަނެވެ. އެ ދެ ބޭކަލުން ދެން މަދީނާ އަށް ދަތުރު ކުރިޔަށް ގެންދަވައިފި އެވެ.
އެ މީހުން زيد بن الدثنّة އެ މީހުން ތައްޔާރުކުރި ދަންމަޅިއަށް މަހައިފި އެވެ. އެ މީހުން އޭނާގެ މައްޗަށް އޭނާގެ ދީން ދޫކޮށްލުމަށް މަޖްބޫރުކުރި އެވެ. އެކަމަކު، އެ މީހުންނަށް ކުރެވުނުހާ ވެސް ކަމަކީ، އޭނާގެ އީމާންކަން އިތުރަށް ވަރުގަދަކުރުމެވެ. އެއާއެކު، އެ މީހުން އޭނާ އާ ދިމާލަށް ދުނި އުކި އެވެ. އެންމެ ފަހުން، زيد ޝަހީދުކޮށްލީ صفوان بن أُميّةގެ މިނިވަންކޮށްފައިވާ އަޅު ނިސްތާސް އެވެ.
