ލޮބުވެތި ރަސޫލާ

خُطبة الوَدَاع

"اللهم زد هذا البيت شرفا وتعظيما ومهابة وتكريما، وزد من شرفه وعظمة ممن حجه أو اعتمر تشريفا وتعظيما وتكريما ومهابة". މާނައީ: މާތް ﷲ އެވެ! މި ގެފުޅުގެ ޝަރަފުވެރިކަމާއި، މަތިވެރިކަމާއި، ހައިބަތްތެރިކަމާއި، މަޝްހޫރުކަން އިތުރުކުރައްވާދޭވެ! އަދި މު ގެފުޅަށް ޙައްޖާއި ޢުމްރާކުރާ މީހުންގެ ޝަރަފުވެރިކަމާއި، މަތިވެރިކަން އިތުރުކުރައްވާދޭވެ!".
حديث الشّريف

ހުރިހާ ޝުކުރެއް ހުރީ ހަމައެކަނި الله تعالى އަށެވެ. އަޅަމެން އެކަލާނގެ އަށް ޙަމްދު ދަންނަވައި، އެކަލާނގެ ކިބަފުޅުން ވާގި އެދި، ޢަފޫކޮށްދެއްވުމަށް އެދި ދަންނަވައި، އެކަލާނގެ އަށް ތައުބާވަމެވެ. އަޅަމެން الله تعالى ގެ ކިބަފުޅުން ސަލާމަތަށް އެދެނީ އަޅަމެންގެ ނަފްސުތަކާއި، އަޅަމެން ކުރި ކުށްތަކުގެ ފާފަތަކުން މިންޖުކުރެއްވުމަށެވެ. الله تعالى ތެދުމަގު ދެއްކެވި މީހަކު ތެދުމަގުން ކައްސުވާލާނެ މީހަކު ނެތެވެ. އަދި ހަމަ އެއާއެކު އެކަލާނގެ މަގުފުރައްދަވާފައިވާ މީހަކަށް މަގުދެއްކޭނެ މީހެއް ހުންނާނެ އެވެ.

الله تعالى ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް އަޅު ހެކިވަމެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނެގ އެވެ. އެކަލާނގެއާ އެއްފަދަ އެހެން ފަރާތެއް ނުވަތަ ޝަރީކަކު ނުވެއެވެ. އަދި محمّد (‏عليه السّلام)‏ އަކީ އެކަލާނގެ އަޅާ ކަމަށާއި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.

އޭ މާތް ﷲ ގެ އަޅުތަކުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ކުރާ ވަޞިއްޔަތަކީ، މާތް ﷲ އަށް ތަޤްވާވެރިވެ، އެކަލާނގެ އަށް ކިޔަމަންވެ، ރަނގަޅު ކަންތައްތައް ކުރުމަށެވެ.

އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި حديث ކުރައްވާ ބަސްތަކަށް ކަނުލާ އަޑުއަހާށެވެ! މި އަހަރަށް ފަހު ތިމަންކަލޭގެފާނު ކަލޭމެންނާ އެއްގޮތަކަށް ވެސް ބައްދަލުނުވެ ހިނގައިދާނެ އެވެ.

މީސްތަކުންނޭވެ! ތިޔަބައި މީހުންގެ މި ދުވަސްތައް މުޤައްދަސް ފަދައިން، ތިޔަބައި މީހުންގެ މި މަސްތައް މުޤައްދަސް ފަދައިން، ތިޔަބައި މީހުންގެ މި ރަށް (‏މައްކާ)‏ އަކީ ބަރަކާތްތެރި ސިޓީއަކަށް ވާ ފަދައިން، ތިޔަބައި މީހުންގެ ފުރާނަ އާއި، މުދާތަކާއި، ކަރާމާތްތެރިކަން ވެސް ބަރަކާތްތެރިވެގެން ވެއެވެ. ހުރިހާ ބާވަތެއްގެ ޙަމަލާތަކުން އެ ކަންތައްތައް ވަނީ ޙިމާޔަތް ކުރެވިގެންނެވެ.

ތިމަންކަލޭގެފާނުގެ އަޞްޙާބުންނޭވެ! މާދަން ތިޔަބައި މީހުން، ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް ޙާޒިރުކުރެވި، މި އަދުން ފެށިގެން ތިޔަބައި މީހުންގެ ހުރިހާ ޙާލަތަކާއި، ޢަމަލަކާ މެދު ސުވާލުކުރެވޭނެ އެވެ. ތިމަންކަލޭގެފާނަށް ފަހު، ތިޔަބައި މީހުންގެ ކުރީގެ ބިދުޢަތަކަށް ރުޖޫޢަވެ އެކަކު އަނެކަކުގެ ބޯނުކަނޑާށެވެ!

މިއަދު މި ތަނަށް ޙާޒިރުވެ ތިބި މީހުން، މި ތަނަށް ނާންނަ މީހުން ގާތު، ތިމަންކަލޭގެފާނުގެ މު ވަޞިއްޔަތުގެ ވާހަކަ ބުނެދޭށެވެ. މި ވަޞިއްޔަތުގެ މަޢޫލޫމާތު ބުނެދެވޭ މީހަކަށް، މި ތާނގައި ހުރެ މި މި ވަޞިއްޔަތް އަޑުއެހި މީހާ އަށް ވުރެ ބޮޑަށް ވިސްނި މި ވަޞިއްޔަތް ރައްކާތެރިކޮށްފާނެ އެވެ.

ތިމަންކަލޭގެފާނުގެ އަޞްޙާބުންނޭވެ! އަމާނާތެއް ޙަވާލުވެފައިވާ މީހާ އެ އަމާނާތް އޭގެ ވެރިޔާ އަށް ރައްދުކޮށްދޭންވާނެ އެވެ!

ހުރިހާ ވައްތަރެއްގެ ރިބާ މިއަދުން ފެށިގެން ވަނީ ޙަރާމްކުރައްވާފައިވާފައެވެ. ޖާހިލީ ޒަމާނުން ފެށިގެން އައިސްފައިވާ މި ނުބައި އާދައިގެ ހުރިހާ ވައްތަރެއް ވަނީ ތިމަންކަލޭގެފާނުގެ ފައިންޕުޅު ދަށުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ފައްޓަވާ ރިބާ އަކީ ތިމަންކަލޭގެފާނުގެ ބޮޑު ބޭބެ عبّاس بن عبدالمُطّلب އެވެ.

ޖާހިލީ ޒަމާނުގައި އޮތް ބަދަލުހިފުމުގެ ގޮތުން ލޭއޮހޮރުވުމުގެ އާދަކާދަ ވެސް ވަނީ އުވާލެވިފައެވެ. އެގޮތުން، އެންމެ ފުރަތަމަ ތިމަން ކަލޭގެފާނު ކެންސަލްކުރައްވާ ލޭގެ ބަދަލުހިފުމަކީ، (‏ތިމަންކަލޭގެފާނުގެ ބޮޑުބޭބެގެ ދަރިކަލުން عامر بن ربيعة بن الحارث بن عبد المطلب ގެ ލެ އެވެ.)‏

އޭ މީސްތަކުންނޭވެ! ހަނގުރާމަކުރުން ޙަރާމްކުރައްވާފައިވާ މަސްތަކުގައި، ހަނގުރާމަ ކުރުމަށްޓަކައި، ޙަރާމް ޙަލާލް މަސްތައް ބަދަލުކުރުމަކީ، ކުފުރުގައި ޙައްދުފަހަނައަޅާދިއުމެވެ. މިއީ، ކާފަރުން މަގުއޮޅިފައިވާ ކަމެކެވެ. އެއް އަހަރު، (‏މަހެއް)‏ ޙަލާލު ކަމުގައި ޤަބޫލުކޮށް، ޖެހިގެން އަންނަ އަހަރު، ހަމަ އެ މަސް ޙަރާމް ކަމަށް ހަދައެވެ. އެ މީހުން މިގޮތަށް ކަންތައް ކުރަނީ، ޙަލާލް އަދި ޙަރާމް ކަމަށް ކަނޑައަޅުއްވާފައިވާ މަސްތަކުގެ ޢަދަދުތަކާ ދިމާކުރުމަށެވެ. އެބައި މީހުން ޙަލާލް ކަމަށް ކަނޑައަޅަނީ، الله تعالى ޙަރާމް ކަމަށް ކަނޑައަޅުއްވާފައިވާ މަސްތަކެވެ.

އޭ ތިމަން ކަލޭގެފާނުގެ އަޞްޙާބުންނޭވެ! އަހަރެމެން ޙައްޖުގެ އަޅުކަން މި އަދާކުރަނީ ސީދާ އެކަން ކުރަންޖެހޭ ވަގުތުގައެވެ. މަހުގެ ތަރުތީބު ކުރެވިފައިވަނީ، އުފެއްދެވި ގޮތަށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، ވަގުތު އިޢާދަވެފައިވަނީ، الله تعالى އުފެއްދެވި ގޮތުގަޔާއި، ތަރުތީބު ގައެވެ.

އޭ މީސްތަކުންނޭވެ! މިއަދު ޝައިޠާނާ އަށް ތިޔަބައި މީހުންގެ ބިންތަކުގައި ނުފޫޒާއި ބާރު ހިންގުމުގެ ބާރު ވަނީ އަބަދަށް ގެއްލިގެންގޮސްފައެވެ. އެހެން ނަމަވެސް، ތިމަން ރަސްކަލާނގެ ނަހީ ކުރެއްވި ކަންތައް ފިޔަވާ، ތިޔަބައި މީހުން ކުދި ކަންތައްތައް ކަމުގައި ދެކޭ ކަންތަކުގައި އެ ޝައިޠާނާ އަށް ތިޔަބައި މީހުން ހެއްލޭ ކަމުގައި ވާ ނަމަ، އޭނާ ހިތްހަމަޖެހޭނެ އެވެ. ތިޔަބައި މީހުންގެ ދީން ޙިމާޔަތްކުރުމަށް ޓަކައި، އެ ކަންތައްތަކުން ވެސް ދުރުވާށެވެ!

އޭ މީސްތަކުންނޭވެ! ތިޔަބައި މީހުންގެ އަންހެނުން ތިޔަބައި މީހުންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ. އަދި އެ އަންހެނުންނަށް ޓަކައި ވެސް ތިޔަބައި މީހުން ދޭންޖެހޭ ޙައްޤުތަކެއް ވެއެވެ. ތިޔަބައި މީހުންނަށް ޓަކައި އެ ކަނބަލުން ދޭން ޖެހޭ ޙައްޤަކީ، ތިޔަބައި މީހުން ނޭދޭ އެއްވެސް މީހެއްގެ ކައިރީގައި، ތިޔަބައި މީހުންގެ ޢާއިލާގެ ޕްރައިވެސީ އަށް އެ ކަނބަލުން އަރައިނުގަތުމެވެ. ތިޔަބައި މީހުން ހުއްދަނުދޭ އެއްވެސް މީހަކު ތިޔަބައި މީހުންގެ ގެއަށް، އެ ކަނބަލުން ވައްދައިފި ނަމަ، އެކަމުން އެބައި މީހުން އެކަމުން ދުރުކުރުމަށް ޓަކައި، ކަލޭމެންނަށް އެ ކަނބަލުންގެ ގައިގައި މަޑުން ޖެހިދާނެ އެވެ. ތިޔަބައި މީހުންގެ މައްޗަށް އަންހެނުންނަށް ލިބިގެންވާ ޙައްޤަކީ، އެކަނބަލުންނަށް ތިޔަބައި މީހުން ހުރިހާ ވައްތަރެއްގެ ކާނާ އާއި، ހެދުން ހުއްދަ ގޮތުގައި ފޯރުކޮށްދިނުމެވެ.

އޭ މުއުމިނުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް އެއްޗެއް ދޫކޮށްލައްވަމެވެ. ތިޔަބައި މީހުން އޭގައި ބާރަށް ހިފައިފި ކަމުގައި ވާ ނަމަ، ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެ އެވެ. އެއީ، ގެ ފޮތް ކަމުގައިވާ ކީރިތި ޤުރްއާނެވެ. (‏އެހެން ރިވާޔަތެއް ގައި، "ތިމަންކަލޭގެފާނުންގެ ސުންނަތް" އަދި "ތިމަންކަލޭގެފާނުންގެ އަހްލު ބައިތު" މި ގޮތަށް ވެސް އައިސްފައި ވެއެވެ.)‏

އޭ މުއުމިނުންނޭވެ! ތިމަންކަލޭގެފުގެ ބަސްފުޅުތަކަށް ފަރުވާތެރިކަމާ އެކު އަޑުއަހައި، އެ ބަސްފުޅުތައް ރަނގަޅަށް ރައްކާތެރިކުރާށެވެ. މުސްލިމަކީ، އަނެއް މުސްލިމުގެ އަޚާ އެވެ؛ އެހެންކަމުން، ހުރހާ މުސްލިމުންނަކީ، އަޚުންނެވެ. ދީނުގައި ތިބާގެ އަޚާގެ ޙައްޤުތަކަށް އަރައިގަތުމަކީ، ޙަލާލު ކަމެއް ނޫނެވެ. އޭނާ ހިތުން ރުހުމުން ހުއްދަ ދިނުމުން މެނުވީ އެވެ.

އޭ އަޞްޙާބުންނެވެ! ތިޔަބައި މީހުންގެ ނަފްސުތަކަށް ޢަޒާބު ނުދޭށެވެ. ހަމަ އެހެންމެ، ތިޔަބައި މީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ވެސް ޙައްޤުތަކެއް ވެއެވެ.

އޭ މީސްތަކުންނޭވެ! الله تعالى ވަނީ ކޮންމެ ޙައްޤު މިލްކުވެރިޔަކަށް ވެސް އޭނާ އަށް ޙައްޤު މިންވަރު (‏ކީރިތި قرآن ގައި)‏ ދެއްވާފައި ވެއެވެ. ވާރިޘަކު އިޚްތިޔާރުކުރުމުގެ ބޭނުމެއް ނެތެވެ. ދަރި ލައްވާނީ އެ މީހަކާ އެކު އެއްދާންކުރެވުނު މީހަކަށެވެ. ޒިނޭކުރާ މީހަކަށް މަޙްރޫމްވެގެންވާ ކަންތައްތަކެއް ވެއެވެ. އެ މީހެއްގެ ބައްޕަ ފިޔަވާ އެހެން މީހެއްގެ ދަރިކޮޅުގެ މީހެއް ކަމަށް ދަޢުވާކުރާ މީހާ އަށް އާއި، މަލާއިކަތުންނާއި، މީސްތަކުންނާ އެންމެންގެ ލަޢުނަތް ހުއްޓެވެ. އެފަދަ މީހުންގެ ތައުބާ އަދި ހެކިވެރިކަން الله تعالى ޤަބޫލުނުކުރައްވާނެތެވެ.

"މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ)‏ * المائدة: 3)‏ މާނައީ: "މިއަދު، ތިޔަބައި މީހުންގެ دين، ތިޔަބައި މީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ نعمة، ތިޔަބައި މީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައި މީހުންނަށް دين އެއް ކަމުގައި، ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ".
حديث الشّريف

އޭ މީސްތަކުންނޭވެ! ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވީ އެއް ފަރާތެކެވެ. އަދި ތިޔަބައި މީހުންގެ ބައްޕާފުޅަކީ އެކެކެވެ. ތިޔަބައި މީހުން އެންމެންނަކީ آدمގެ ދަރީންނެވެ. آدم ޚަލްޤުކުރެއްވީ މަށިންނެވެ. ތިޔަބައި މީހުންގެ ތެރެއިން އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރި މީހާ އެވެ. ޢަޖަމީއެއްގެ މައްޗަށް ޢަރަތްބަކަށް، ތަޤްވާވެރިކަމުން މެނުވީ މަތިވެރިކަމެއް ނެތެވެ. އަތްފައި ވާވެފައި ހުރި ކަޅު އަޅަކު ތިޔަބައި މީހުންގެ ޙާކިމަކަށް ޢައްޔަންކުރެވި، އޭނާ ތިޔަބައި މީހުންގެ މައްޗަށް މާތް ﷲ ގެ ފޮތުން ވެރިކަން ކުރާ ނަމަ، އޭނާ އަށް އަޑުއަހައި ކިޔަމަންވާށެވެ.

ކުށްވެރިޔާގެ މައްޗަށް އޭނާ ކުރި ކުށަކަށް މެނުވީ ދަޢުވާކުރެވިގެން ނުވާނެ އެވެ. ދަރިޔަކު ހިންގި ޖަރީމާއެއްގެ އިލްޒާމު އޭނާގެ ބައްޕަގެ ބޮލުގައި ނޭޅުވޭނެ އެވެ. ހަމައެހެންމެ، އޭނާގެ ބައްޕަ ހިންގި ޖަރީމާއެއްގެ އިލްޒާމު އޭނާގެ ދަރިޔެއްގެ ބޮލުގައި ނޭޅުވޭނެ އެވެ.

އޭ މީސްތަކުންނޭވެ! ޔަޤީނުން ވެސް މި ހަތަރު ކަންތައް ކަލޭމެން ކޮށްގެންނުވާނެ އެވެ.:
ﷲ އަށް އެއްވެސް ބައިވެރިޔަކު ޢައްޔަން ނުކުރާށެވެ.
މާތް ﷲ ޙަރާމްކުރެއްވި އެއްވެސް ފުރާނައެއް އިންޞާފުރި ނޫން ގޮތަކަށް މަރާނުލާށެވެ.
ޒިނޭ ނުކުރާށެވެ.
ވައްކަން ނުކުރާށެވެ.

މިހެން ކިޔަންދެން، މީސްތަކުންނާ ދެކޮޅަށް ޖިހާދުކުރުމަށް ތިމަންކަލޭގެފާނުގެ މައްޗަށް ވަނީ އަމުރުކުރެވިގެންނެވެ. އެބައި މީހުން މިހެން ކިޔުމުން، އެ މީހުންގެ ލެއާއި، މުދާ އެ މީހުން ރައްކާތެރިކުރެތެވެ. އެކަމަކު، އެ މީހުން ޙިސާބުކުރެއްވުން އޮތީ الله تعالى ގެ ޙަޞްރަތުގައެވެ.

އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނާ ބެހޭގޮތުން، މާދަމާ ތިޔަބައި މީހުންނާ ސުވާލުކުރެވޭނެތެވެ. ތިޔަބައި މީހުން ބުނާނީ ކީކޭ ހެއްޔެވެ"؟

އަޞްޙާބު ބޭކަލުން ޖަވާބު ދެއްވި އެވެ. "ކަލޭގެފާނު ގެ ދީން ތަބްލީޣުކުރައްވައި، ކަލޭގެފާނުގެ ވާޖިބު އަދާކުރައްވައި، އަޅުގަނޑުމެންނަށް އިރުޝާދު ދެއްވައި ނަޞީޙަތް ދެއްވި ކަމަށް ކަމަށް އަޅުގަނޑުމެން ހެކިވާނަމު އެވެ".

އެހެންކަމުން، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި އިނގިލިފުޅު މައްޗަށް ނަންގަވައި، އެއްވެ ތިބި މީހުންނާ ދިމާލަށް ތިރިކުރެއްވުމަށް حديث ކުރެއްވި އެވެ. "ހެކިވެ ވޮޑިގަންނަވާށެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހެކިވެ ވޮޑިގަންނަވާށެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހެކިވެ ވޮޑިގަންނަވާށެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ!".

رَسُوْلُ اللهِ ﷺ ޙައްޖަތުލް ވަދާޢު ދެއްވި ދުވަހު، سورة المائدة ގެ ތިން ވަނަ އާޔަތް ބާވައިލެއްވި އެވެ. ކީރިތި قرآن ގެ سورة المائدة ގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (‏الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ)‏ * المائدة: 3)‏ މާނައީ: "މިއަދު، ތިޔަބައި މީހުންގެ دين، ތިޔަބައި މީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ نعمة، ތިޔަބައި މީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައި މީހުންނަށް دين އެއް ކަމުގައި، ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ". މި އާޔަތް، އެކަލޭގެފާނުގެ އަޞްޙާބުންނަށް ތިލާވާކުރެއްވުމުން، أبوبكر (‏رضي الله عنه)‏ ކީރިތިކުރައްވަން ފެއްޓެވި އެވެ. އެކަލޭގެފާނު ކީރިތި ކުރައްވާ ސަބަބަކީ ކޮބައިތޯ އަޞްޙާބު ބޭކަލުން އެއްސެވުމުން، އޭނާ ވިދާޅުވި އެވެ. "މި އާޔަތުން ދޭހަކޮށްދެނީ ގެ މަރު ކައިރިވެފައިވާ ކަމެވެ. އަހަރެން މި ރޮނީ އެހެން ވެގެންނެވެ".1

ޚުޠުބާ އަށް ފަހު، رَسُوْلُ اللهِ ﷺ ވަޤްފާއެއް (‏ޙައްޖުގެ ފަރްޟެއް ކަމުގައިވާ، ވަކި ތަންތަނެއް ގައި ވަކި މުއްދަތެއް ގައި މަޑުކުރުން)‏ އަދާކުރެއްވި އެވެ. ޖަބަލުއް ރަޙްމާ ގައި ކުރެއްވި އެވެ. އެކަލޭގެފާނު މަޣްރިބު ނަމާދު އިމާމުވެ ކުރެއްވީ ޢަރަފާތަކު ނޫނެވެ. އެކަމަކު، މުޒުދަލިފާ ގައި ޢިޝާ ނަމާދާ އެކު ޖަމްޢުކޮށެވެ. އެ ރޭ އެކަލޭގެފާނު މަޑުކުރެއްވީ މުޒުދަލިފާ ގައެވެ. ޖެހިގެން އައި ހެނދުނު، އެކަލޭގެފާނު ވަޤްފާ އަދާކުރެއްވީ މަޝްޢަރުލް ޙަރާމް ގައެވެ. ޢީދުގެ ފުރަތަމަ ދުވަހު، މުޒްދަލިފާ އިން މިނާ އަށް ވަޑައިގަތެވެ. ފީލު ބާގައިގެ މީހުން2 ކުރިން މަޑުކޮށްގެން ތިބި މުޙައްސަރު ނަމަކަށް ކިޔުނު ވާދީ ގައި އެކަލޭގެފާނު މަޑުނުކުރައްވައެވެ. އެކަލޭގެފާނު މިނާ އަށް ވަޑައިގެން، 63 ޖަމަލު އަމިއްލަފުޅަށް ޤުރްބާން ކުރެއްވުމަށް ފަހު، ވަޅި ދެއްވީ علي (‏رضي الله عنه)‏ ގެ އަތްޕުޅަށެވެ. ދެން ބާކީ ހުރި ޖަމަލުތައް ކަތިލެއްވީ عليގެފާނެވެ. ޢީދުގެ ދެވަނަ، ތިން ވަނަ އަދި ހަތަރު ވަނަ ދުވަސްތަކުގައި، އެ ބޭކަލުން ޖަމްރާ އަށް ހިލަ އުއްކެވި އެވެ. ޛުލްޙިއްޖާ މަހުގެ ސާދަ ވަނަ އަށް ވީ ދުވަހުގެ ފަތިސް ނަމާދުގެ ކުރިން، އެކަލޭގެފާނު ގެފުޅަށް ވަޑައިގެން ވަދާޢީ طواف ކުރެއްވި އެވެ.

رَسُوْلُ اللهِ ﷺ މައްކާ ގައ 10 ދުވަހު ހުންނެވުމަށް ފަހު، ވަދާޢީ ޙައްޖު އަދި ވަދާޢީ طواف ކުރެއްވުމަށް ފަހު، އެނބުރި މަދީނާ އަށް ވަޑައގެންފި އެވެ. މަދީނާ އަށް ވަޑައިގެންނެވުމަށް ފަހު، مسجد النّبوي ގައި ދެ ރަކްޢަތް ނަމާދެއް ކުރެއްވުމަށް ފަހު، އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގަތެވެ. ވަދާޢީ ޙައްޖަށް ފަހު، އަޞްޙާބުން، އެ ބޭކަލު އެ ތަނަކުން ވަޑައިގެންނެވި ތަނަކަށް ވަޑައިގެން، رَسُوْلُ اللهِ ﷺ އަންގަވައި އަމުރުކުރެއްވި އެ ތަންތަނުގައި އުޅުނު މީހުންނަށް އެންގެވި އެވެ.

ހިޖުރައިން ދިހަ ވަނަ އަހަރު ހިނގި އެހެން ޙާދިސާތައް

ހިޖުރައިން ދިހަ ވަނަ އަހަރު ހިނގި އެހެން ޙާދިސާ އަކީ، ނަބީން ކަމަށް ދަޢުވާކުރި ކައްޒާބުންނެވެ. އޭގެ ތެރެއިން އެކަކީ، ޔަމަނުން ފާޅުވި أسودُ الأنسي އެވެ. رَسُوْلُ اللهِ ﷺ ގެ އެންގެވުމާ އެއްގޮތްވާ ގޮތުގެ މަތިން، أسودُ الأنسي ޤަތުލުކުރެވުނީ، އޭނާގެ ގޭގައި ޔަމަނުގެ މުސްލިމުންނެވެ.

(‏އަނެކަކީ، مُسيلمة الكذّاب އެވެ. رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، أبوبكر (‏رضي الله عنه)‏، خالد بن وليد ގެ ކޮމާންޑް ކަމުގެ ދަށުން އޭނާ އާ ހަނގުރާމަކުރުމަށް ލަޝްކަރެއް ފޮނުއްވި އެވެ. مُسيلمة ޤަތުލުކުރެއްވީ وحشي (‏رضي الله عنه)‏ އެވެ.)‏3

ދުނިޔޭގެ ޕާދިޝާހު އޭ، ކަނޑާއި ބިމުގެ ސުލްޠާނޭ!
މަލާއިކަތުންނަށް ވުރެ މަތިވެރި ފަރާތޭ، އެންމެ ފަހުގެ އަދި ޚާއްޞަ ރަސޫލާ އޭ!
"لي مع الله وقتٌ" ސާފުކޮށް ތިބާގެ ޙާލަތު ކިޔައިދެއޭ،
ހަށިގަނޑުގައި ދިރުމަކީ ތިބާ އޭ، ދުލުގައި ރަހައަކީ ތިބާ އޭ، ހިޔުގައި ސުލްޠާނަކީ ތިބާ އޭ.
އަޙްމަދު، محمّد، މަޙްމޫދު، އަބަދު ވެސް ﷲ މަތިވެރިކުރައްވައޭ؛
لا إله إلّا الله ނިމެނީ ތިބާގެ ނަންފުޅުންނޭ.
މި ކަމުގައި ހިމެނޭ ސިއްރު ފާފަވެރިޔާ އަށް ނޭނގޭނެއޭ!
އެކަލާނގެ އާ އެކު ރަޙްމާން ތިބާގެ ނަން ލިޔުއްވިއޭ.
ތިބާ ދެކެ ލޯބިވާ އަޅުން ސުލްޠާނުންނަށް ވެއްޖެއޭ، އަޅުގަނޑުގެ ޝާހުއޭ!
އަޅުގަނޑުގެ ހިތުގެ ތާޖުގައި އިށިންނަވާށޭ، އަޅުގަނޑުގެ ޚާއްޞަ ޕާދިޝާހު އޭ!
އަޅުގަނޑުގެ ގިނަގުނަ ފާފަތައް ވިޔަސް، އަޅުގަނޑު ތިބާ ދެކެ ނުހަނު ލޯބިވެއޭ!
އަޅުގަނޑު ޤަބޫލުކުރަނީ، ލޯބިވާ މީހުންނަށް ތިބާގެ ޝަފާޢަތްތެރިކަން ލިބޭނެ އޭ.
އަޅުގަނޑަށް ލޯބިނުވެވޭނީ ކިހިނެއް ތޯއޭ، އަޅުގަނޑުގެ ހަށިގަނޑުގެ ދިރުމަކީ ތިބާ އޭ،
އަޅުގަނޑު ޚަލްޤުކުރެއްވީ ތިބާ އަށް ޓަކައޭ؛ އަޅުގަނޑު ވުޖޫދުވުމުގެ ސަބަބަކީ ތިބާ އޭ.
އަޅުގަނޑަށް ވުރެ އަޅުގަނޑާ ގާތީ ތިބާއޭ، އަޅުގަނޑުގެ ނާރުތަކުގެ ލެޔަކީ ތިބާ އޭ،
ލޯބިވެރިންގެ ލޯބި ލިބިގެންވަނީ ތިބާއަށޭ، ދިރިތިބީންގެ ފުރާނަ އަކީ ތިބާ އޭ.
ކޮންމެ ހިތާމައެއްގެ ފަރުވާއަކީ ތިބާއޭ، ކޮންމެ ފުރާނައެއްގެ ފަރުވާއަކީ ތިބާ އޭ،
ލޯތަކަށް އަނދުން، ބޯތަކުގެ ތާޖު، ހިތްތަކުގެ އޮފުއެރުމަކީ ތިބާ އޭ.
ޙަބީބުﷲ އަކީ ތިބާއޭ، އެންމެ މަތިވެރި ޢާލަމްގެ އެންމެ މަތިވެރި ފަރާތަކީ ތިބާ އޭ،
ތިބާ ކުޑަކޮށް އެނގޭ މީހުންނަށް އެހެން ދޮރެއް ގައި ޓަކިނުހޭ
އައުލިޔާއުންގެ މުރުޝިދަކީ ތިބާ އޭ، ޙިކްމަތްތެރިންގެ ވެރިޔަކީ ތިބާއޭ،
އެ ބޭފުޅެއްގެ ވަޑައިގަތުމުން ހަތް އުޑާއި ބިންތައް އުފަލުން ފޮޅުވާލަނީ ތިބާ އޭ.
އިންސީންނާއި، ޖިންނީންނަށް އެކަލާނގެ ފޮނުއްވި އެންމެ ފަހުގެ ރަސޫލާ އޭ!
އެ މީހުން ތިބެންވާނީ ބިމު އަޑީގައޭ، ތިބާގެ ދޮރުގެ ޚާދިމުން ނޫން މީހުންނަށް.