ޙަބްޝް ކަރަޔަށް ހިޖުރަކުރުން
"އޭ ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ! ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިގަންނާށެވެ. ވަރަށް އަވަހަށް الله تعالى ތިޔަ ބޭކަލުން އެއްތަންކުރައްވާނެތެވެ".
حديث الشريف
ޙަބަޝް ކަރަޔަށް ކުރެވުނު ފުރަތަމަ ހިޖުރަ
رَسُوْلُ اللهِ ﷺ ރަސޫލު ކަމައިގެން ފޮނުއްވުނުތާ ފަސް ވަނަ އަށް ވީ އަހަރު، މުޝްރިކުން އަނިޔާ ދެމުންދިޔަ ނަމަވެސް މުސްލިމުންގެ ޢަދަދު ދިޔައީ އިތުރުވަމުންނެވެ. އެހެންނަމަވެސް، މުޝްރިކުން، އެ މީހުންގެ ދެމުންދިޔަ އަނިޔާ ވެސް އިހުނަށް ވުރެ އިތުރުކޮށްފި އެވެ. އެމީހުން ދިޔައީ، މުސްލިމުންނަށް ދުއްތުރާކުރުމަށް އެމީހުންނަށް ކުރެވޭނެ ކޮންމެ ކަމެއް ކުރަމުންނެވެ. ދެފައިތިލައިގައި ދެކޮޅަށް ދެ ޖަމަލު ބަނދެ ދެކޮޅަށް ދަމައި، މީހާ ވީދާ ބުރިކުރުން ފަދަ ތަޙައްމަލުނުކުރެވޭ ފަދަ އަނިޔާތައް އަޞްޙާބު ބޭކަލުންނަށް ލިބެމުން ދާތީ رَسُوْلُ اللهِ ﷺ ހުންނެވީ އެކަމާ ނުހަނު ކަންބޮޑުވެވަޑައިގެންފައެވެ. ހިނގަމުންދާ ކޮންމެ ދުވަހަކާ އެކު އެ އަނިޔާތައް ދިޔައީ އިތުރުވަމުންނެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅަކަށް އެކަން ބަރުދާސްތުކުރެވޭ ވަރެއް ނޫނެވެ.
އެއް ދުވަހަކު އަޞްޙާބު ބޭކަލުން އެއްކުރައްވައި حديث ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނުގެ ޞަޙާބީންނޭވެ! ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިގަންނާށެވެ. ވަރަށް އަވަހަށް الله تعالى ތިޔަ ބޭކަލުން އެއްތަންކުރައްވާނެތެވެ"!
އެ ބޭކަލުން އެއްސެވި އެވެ. "ލޮބުވެތި ރަސޫލާއެވެ! އަޅުގަނޑުމެން ދާނީ ކޮން ތާކަށް ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ގެ އަތްޕުޅުން އިޝާރާތްކުރައްވައި، ޙަބަޝް ކަރައާ ދިމާލަށް އިޝާރާތްކުރައްވައި حديث ކުރެއްވި އެވެ. "އެ އޮތީއެވެ! ޙަބަޝް ކަރައިގެ1 ބިމަށް ދާށެވެ! އެހެނީ، އެ ތާނގެ ވެރިޔަކަށް ހުރީ އޭނާގެ ރައްޔިތުންގެ އެއްވެސް މީހަކަށް އަނިޔާވެރިނުވާ ވެރިޔެކެވެ. އެއީ ޢަދުލުވެރިކަމުގެ ޤައުމެވެ. الله تعالى ތިބާމެންގެ ދަތިއުދަނގޫތަކުން މިންޖުކުރައްވާނޭ މަގެއް ހުޅުވެންދެން އެތާނގައި ތިބޭށެވެ".
އެހެންކަމުން، رَسُوْلُ اللهِ ﷺ ނިންމެވީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އަނިޔާވެރިކަމުން ސަލާމަތްކުރައްވައި، މައްކާގެ މުޝްރިކުންނާ ދެކޮޅަށް އުފުއްލަވަމުން ގެންދެވި ދަތިއުނދަގޫތައް ގިނިކަންޏާ ކުރިޔަށް ގެންދެވުމަށެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ވަގުތު "ތިމަންކަލޭގެފާނުގެ އުއްމަތާ އެވެ! ތިމަންކަލޭގެފާނުގެ އުއްމަތާއެވެ"! މިހެން حديث ކުރެއްވި رَسُوْلُ اللهِ ﷺ، މިހާރު އެ ޤުރުބާންވެ ވަޑައިގަންނަވަނީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ރައްކަލަށެވެ. އެކަލޭގެފާނު ދެއްވި ހުއްދައާ އެކު، ބައެއް އަޞްޙާބު ބޭކަލުން އެ ބޭކަލުންގެ ވަޠަން ދޫކުރައްވައި ހިޖުރަކުރައްވަން ފެއްޓެވި އެވެ. އެހެން ނަމަވެސް، ލޮބުވެތި رَسُوْلُ اللهِ ﷺ އާ ވަކިވެގެން ދާންޖެހުމުން އެ ބޭކަލުން އެ ކަމާ ހިތާމަކުރެއްވި އެވެ.
ކުރެވުނު މި ފުރަތަމަ ހިޖުރައިގައި ބައިވެރިވެ ވަޑައިގެންނެވި ޞަޙާބީންނަކީ، عثمان بن عفّان، އެކަލޭގެފާނުގެ އަނބިކަނބަލުން رقيّة بيت رسول الله، أبو حذيفة އަދި އެކަލޭގެފާނުގެ އަނބިކަނބަލުން سهلة بنت سُهيل، زبير بن عوّام، مُصعب بن عُميرُ، عبدالرّحمن بن عوف، أبو سلامة بن عبدالأسد އަދި އޭނާގެ އަނބިކަނބަލުން أمُّ سلمَى، خطيب بن عمرو، عامر بن ربيعة އަދި އޭނާގެ އަނބިކަނބަލުން ليلى بنت أبي حثمة، عثمان بن مأذون، أبو سبرة بن أبي رُهم އަދި އޭނާގެ އަނބިކަނބަލުން أمُّ كلثُوم بنت سُهيل، سُهيل بن بيضاء އަދި عبدالله بن مسعود އެވެ.2 رَسُوْلُ اللهِ ﷺ عثمان ގެފާނާ ބެހޭގޮތުން حديث ކުރެއްވި އެވެ. "އެއްވެސް ޝައްކެއް ނެތް ގޮތުގައި ރަސޫލާ لوط ގެފާނުގެ ފަހުން އަނބިކަނބަލުންނާ އެކު ހިޖްރަކުރައްވާ ފުރަތަނަ އިންސާނަކީ عثمان ގެފާނެވެ".
ބައެއް ބޭކަލުން ސަވާރީގައި އަދި އަނެއް ބައި ބޭކަލުން ފައިމަގުގައި މައްކާ ދޫކުރައްވައި ޞާހާބީ ބޭކަލުން މައްކާ އިން ފުރާވަޑައިގެންފި އެވެ. އެ ޤާފިލާ ޝުޢައިބާ ކިޔޭ ހިސާބަކަށް ދެވުނުތަނާ، ގެ އިރާދަފުޅާ އެކު، ދެ ވިޔަފާރި އާގުބޯޓު އަތުވެއްޖެ އެވެ. ކޮންމެ މީހަކަށް ބައި ރަން ފައުނުގެ އަގު އެ ވިޔަފާރިވެރިންނަށް ދައްކަވައިގެން އަޞްޙާބު ބޭކަލުން އެ ބޯޓަށް އަރާވަޑައިގެންފި އެވެ. ހަމަ އެވަގުތު، މި ޚަބަރު އަޑުއެހި މުޝްރިކުންގެ މީހުން، އަޞްޙާބު ބޭކަލުންގެ ފަސްފަހަތުން ގޮސްފި އެވެ. އެބައި މީހުންނަށް އައްސޭރި ފަށަށް ދެވުނު އިރު، އެއްވެސް މުހާޖިރީ އެއް (ހިޖުރަކުރެއްވި އަޞްޙާބު ބޭކަލުން) އަތުޖެހޭ ގޮތެއް ނުވި އެވެ. އެހެނީ، އޭރު އެ މީހުން ވަނީ ބޯޓުތަކަށް އަރައިގެން ދަތުރު ފަށައިފައެވެ. މުޝްރިކުންގެ މަސައްކަތް ބޭކާރުވެ، އެމީހުން އައިކޮޅަށް މާޔޫސްކަން މަތީ އެނބުރި ގޮސްފި އެވެ. އަޞްޙާބު ބޭކަލުން ސަލާމަތުން ޙަބަޝް ކަރަޔަށް ފޯރީ ރަތް ކަނޑު ތެރެއިން ލާފައެވެ.3 ޙަބަޝް ކަރައިގެ ވެރިޔާ ނަޖާޝީ އޭނާގެ ޤައުމުގައި މުސްލިމުންނަށް ވަޒަންވެރިވެގެން އުޅެވޭނެ ގޮތް ހަދައިދީފި އެވެ.
އަޞްޙާބު ބޭކަލުން ޙަބަޝް ކަރަޔަށް ހިޖުރަ އަށް ވަޑައިގަތުމުގެ ފަހުން، سورة النجم ބާވައްލައްވައިފި އެވެ. رَسُوْلُ اللهِ ﷺ މި ސޫރަތް ޤުރައިޝް ވަންހައިގެ މީހުންނަށް ކިޔުއްވައި ދެއްވަމުން ގޮސް، 19 ވަނަ އަދި 20 ވަނަ އާޔަތާ ހަމަވެ، ބުދުތަކާއި، މުޝްރިކުންގެ ވާހަކަ ބަޔާންކުރެވޭ އިރު، އިބްލީސް އެތަނަށް ވަދެ "ބުދުތަކަކީ މަތިވެރި އަދި ޝަފާޢަތް ދޭ އެއްޗިއްސޭ" މިފަދަ ވާހަކަތައް އޭގެ ތެރެއަށް ވެއްދި އެވެ. މުޝްރިކުން ހީކުރީ އެވާހަކަތަކަކީ رَسُوْلُ اللهِ ﷺ ގެ ފަރާތުން އައި ބަސްތަކެއް ކަމަށެވެ. އެމީހުން ބުންޏެވެ. "އެކަލޭގެފާނު އަހަރެމެންގެ ދީނަށް އެއްބަސްވެ ވަޑައިގަތުމުން، އަހަރެމެން މިހާރު އެކަލޭގެފާނާ ޞުލްޙަވީއެވެ". وليد ބިން މުޣީރާ رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް "މީގެ ފަހުން އަހަރެމެން ކަލޭގެފާނުގެ ގައިކޮޅު ގައި ނުޖެހޭނަމު"، މިހެން ބުނުމުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ޙައިރާންވެ ވަޑައިގަތެވެ. ރޯދަ މަހުގެ ފަހުކޮޅު، މުޝްރިކުން ޞުލްޙަވީ ޚަބަރު ޙަބަޝް ކަރައިގައި ތިބި މުސްލިމުންނާ ހަމަޔަށް ފޯރައިފި އެވެ.
ޙަބަޝް ކަރައިގައި ތިބި މުސްލިމުންނަށް ލިބުނު ޚަބަރަކީ، "މުސްލިމުންނާ މުޝްރިކުންނާ ދެމެދު މައްކާ ގައި އެއްބަސްވުމެއް ވެއްޖެ" މިހެންނެވެ. މ ޚަބަރު ލިބުމާ އެކު، އެ ބޭފުޅުން ހީފުޅުކުރެއްވި ގޮތަކީ، މިއެވެ. "އަހަރެމެންގެ ވަޠަން ދޫކޮށް ހިޖުރަކުރީ މުޝްރިކުންގެ ޢަދާވާތްތެރިކަމުގެ ސަބަބުންނެވެ. މިހާރު އެ މީހުންގެ ޢަދާވާތްތެރިކަން ރަޙްމަތްތެރިކަމަށް ބަދަލު އެވީއެވެ. އެހެންވީމާ، އަހަރެމެން އެނބުރި ގޮސް رَسُوْلُ اللهِ ﷺ އަށް ޚިދުމަތްކުރުމުގެ ޝަރަފު ލިބިގަންނަމާ ހިނގާށެވެ"!
އެ ވަގުތު، ޝައިޠާނާ ބޭނުންކުރި އުކުޅުގެ ވާހަކަ جبريل (عليه السّلام) رَسُوْلُ اللهِ ﷺ އަށް ޚަބަރުކުރައްވައިފި އެވެ. رَسُوْلُ اللهِ ﷺ އެކަމާ ވަރަށް ބޮޑަށް ކޯފާފުޅުވެވަޑައިގަތެވެ. އެއާއެކު، ކީރިތި قرآن ގެ ގެ سورة الحج 52 ވަނަ އާޔަތް ބާވައިލެއްވި އެވެ. (وَ مَاۤ اَرْسَلْنَا مِنْ قَبْلِكَ مِنْ رَّسُوْلٍ وَّ لَا نَبِیٍّ اِلَّاۤ اِذَا تَمَنّٰۤى اَلْقَى الشَّیْطٰنُ فِیْۤ اُمْنِیَّتِهٖۚ-فَیَنْسَخُ اللّٰهُ مَا یُلْقِی الشَّیْطٰنُ ثُمَّ یُحْكِمُ اللّٰهُ اٰیٰتِهٖؕ-وَ اللّٰهُ عَلِیْمٌ حَكِیْمٌ(52) * الحج: 52) މާނައީ: "އެ ބޭކަލަކު ކިޔަވާވިދާޅުވެއްޖެ ހިނދު، އެ ބޭކަލެއްގެ ކިޔަވާ ވިދާޅުވުމުގެ ތެރެޔަށް، شيطان އާ، އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެ ކުރިން އެއްވެސް رسول އަކު، އަދި ނަބިއްޔަކު ވެސް، ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ﷲ، شيطان އާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވަތެވެ. ދެން ﷲ، އެކަލާނގެ آية ތައް ثابت ކޮށްދެއްވަތެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ އެވެ". މުޝްރިކުންނަށް މި އާޔަތް އަޑުއިވުމުން، އެމީހުން އަނެއްކާ ވެސް ދުއްތުރާކޮށް އަނިޔާކުރަން ފަށައިފި އެވެ.
ޙަބަޝް ކަރައިގެ ވެރިޔާ ގެ ހުއްދަ ނަގައިގެން މުހާޖިރުން ޝައްވާލު މަހު މައްކާ އަށް އެނބުރި ވަޑައިގެންފި އެވެ. އެހެން ނަމަވެސް، ދެން އެ ބޭފުޅުންނަށް އެނގުނީ، އެ ބޭފުޅުންނަށް ކުރިން ލިބުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމެވެ.4 ވެގެން އުޅޭ ގޮތް އެ ބޭފުޅުންނަށް އެނގުމުން، ލިބިގެންދިޔައީ ޝޮކެކެވެ. ދެން އެ ބޭފުޅުން رَسُوْلُ اللهِ ﷺ އާ ބައްދަލުކޮށް ޙަބަޝް ކަރައިގެ މަޢުލޫމާތު އަރުވައިފި އެވެ. "އަޅުގަނޑުމެންނަށް އެ ތަނުން ފެނިގެންދިޔައީ، އަވަށްޓެރިކަމާއި، ޙިމާޔަތެވެ. އަޅުގަނޑުމެންގެ ދީނަކާ އެ މީހުން ނުބެހެތެވެ؛ އަޅުގަނޑުމެންނަށް އެ މީހުން އަނިޔާއެއް ނުކުރެއެވެ. އަދި އެއްވެސް ވަރަކަށް ހިތްނޭދޭ ފަދަ ބަސްތަކެއް ވެސް އަޑެއް ނީވެއެވެ. އަޅުގަނޑުމެން އަށް އަޅުކަން ކުރީ ޞުލްޙަވެރިކަމާ އެކުގައެވެ".5 އެ ބޭފުޅުންނަށް ލިބުނު ހިތްހަމަޖެހުމާއި، އެ ހިސާބުގެ ފެނާއި، ވަޔާއި، މޭވާތަކުން ގަދަފަދަކަން ލިބުނުކަމާއި، އަޅުކަންކުރަން ތަންތަން ހުރި ކަމަށާއި، ހުރިކާ ޖަމަލުތަކާއި، ކަންބަޅި ބަކަރިތައް ކަތިލެވުނު ކަމާއި، ފަގީރުންނާއި، ބީރައްޓެހިންނަށް ދަޢުވަތު ދެވުނު ކަމަށާއި، އެ ޤައުމުގެ ވެރިޔާ ޒިޔާރަތްކުރައްވައި، ސިޔާސީ ޙިމާޔަތް ދެއްވި ކަމަށާއި، އެ މީހުންގެ ދަތިތައް ފިލައިގެންދިޔަ ކަން ތަފްޞީލާ އެކު ދެންނެވި އެވެ".6 އެ ބޭފުޅުން ޙަބަޝް ކަރައިގައި ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ތިއްބެވި އެވެ.
حمزة ގެފާނު އިސްލާމްވުން
بِعثَة އަށް 6 ވަނަ އަހަރުގައި، އިސްލާމް ދީނުގެ އަޑު ދިޔައީ އެއް ކަންފަތުން އަނެއް ކަންފަތަށް އިވެމުން، މީސްތަކުންގެ ހިތްތަކަށް ފޯރަމުން، ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކާ އެކު އިތުރަށް ފެތުރެމުންނެވެ. މި ޙާލަތުގެ ސަބަބުން މައްކާގެ މުޝްރިކުން މޮޔަވިއެވެ. އަދި އެބައި މީހުން އެތައް މަސްކަތެއް ކޮށްގެން ވެސް އިސްލާމް ދީން ފެތުރުން އެބައި މީހުންނަކަށް ނުހުއްޓުވެނެވެ.
ތިރީގައި އެވަނީ، "دلائل النّبوّة" އަދި "معارج النبوّة" މި ދެ ފޮތުގައި އައިސްފައިވާ ގޮތެވެ:
"އޭ ޤުރައިޝުންގެ މީހުންނޭވެ! ތިޔަބައި މީހުން ތި ތަޅަނީ ތިމަންކަލޭގެފާނުގެ ހަށިކޮޅުގައެވެ. އެކަމަކު ތިމަންކަލޭގެފާނަކީ ތިޔަބައި މީހުންގެ ރަސޫލާ އެވެ".
حديث الشريف
މުޝްރިކުންގެ މީހެއް ކަމުގައިވާ وليد ގެ އަތުގައި ބުދެއް އޮތެވެ. އެބައި މީހުން صفاء ފަރުބަދައިގެ ކައިރިއަށް އެއްވެ މި ބުދަށް އަޅުކަން ކުރެއެވެ. އެއް ދުވަހަކު، އެ ތަނަށް އެ މީހުން رَسُوْلُ اللهِ ﷺ ވަޑައިގެން މުޝްރިކުންނަށް އީމާންކަމަށް ދަޢުވަތު ދެއްވައިފި އެވެ. ކާފަރު ޖިންނިއެއް އެ ބުދު ތެރެއަށް ވަދެ، رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން އަދަބުކުޑަ ވާހަކަތަކެއް ދައްކައިފި އެވެ. އެކަމާ رَسُوْلُ اللهِ ﷺ ހުންނެވީ ހިތްޕުޅު ހަމަނުޖެހިފައެވެ. އެހެން ދުވަހެއް ގައި، ނުފެންނަ މީހަކު رَسُوْلُ اللهِ ﷺ އަށް ސަލާން ގޮވާލައި ބުންޏެވެ. "ﷲ ގެ ރަސޫލާ އެވެ! ކާފަރު ޖިންނިއެއް، ކަލޭގެފާނާ ބެހޭގޮތުން އަދަބު ކުޑަ ވާހަކަތަކެއް ދެއްކި ވާހަކަ އަޅުގަނޑު އަޑުއަހައިފީމެވެ. އަޅުގަނޑު އޭނާ ހޯދުމަށް ފަހު އޭނާ ޤަތުލުކޮށްލައިފީމެވެ. ކަލޭގެފާނު ބޭނުންފުޅުވާ ނަމަ، މާދަމާ صفاء ފަރުބަދައަށް ވަޑައިގެންފާނަން ތޯ އެވެ؟ ކަލޭގެފާނު އެ މީހުންނަށް އަލުން އިސްލާމް ދީނަށް ގޮވާލެއްވުމުން އަޅުގަނޑު އެ ބުދު ތެރެއަށް ވަދެ ކަލޭގެފާނަށް ތަޢުރީފުކޮށް ވާހަކަދައްކާނަމެވެ". ޢަބްދުﷲ ނަމަކަށް ކިޔުނު އެ ޖިންނީގެ ހުށަހެޅުން رَسُوْلُ اللهِ ﷺ ޤަބޫލުކުރައްވައިފި އެވެ.
ޖެހިގެން އައި ދުވަހު، رَسُوْلُ اللهِ ﷺ އެ ތަނަށް ވަޑައިގެން މުޝްރިކުންނަށް އަލުން އީމާންވުމަށް ދަޢުވަތު ދެއްވައިފި އެވެ. أبو جهل ވެސް އެ ތާނގައި ހުއްޓެވެ. މުޝްރިކުންގެ އަތުގައި އޮތް ބުދު ތެރެއަށް މުސްލިމު ޖިންނި ވަދެ، ލޮބުވެތި ރަސޫލާ ތަޢުރީފާއި ސަނާގެ ބަސްތަކާއި ޅެންތަކެއް ކިޔައިފި އެވެ. މުޝްރިކުންނަށް މި ވާހަކަތައް އަޑުއިވުމުން، އެ މީހުން އެ ބުދު ތަޅާލުމަށް ފަހު، رَسُوْلُ اللهِ ﷺ އަށް ޙަމަލާދީފިއެވެ. އެ ޙަމަލާ ގައި އެކަލޭގެފާނުގެ ބޯފުޅު ފަޅައިގެން ގޮސްފި އެވެ. އަދި އެކަލޭގެފާނުގެ މޫނުން ލޭއޮހުރުވައިފި އެވެ. އެ މީހުންގެ އަނިޔާތައް ތަޙައްމަލުކުރެއްވުމަށް ފަހު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ޤުރައިޝުންގެ މީހުންނޭވެ! ތިޔަބައި މީހުން ތި ތަޅަނީ ތިމަންކަލޭގެފާނުގެ ހަށިކޮޅުގައެވެ. އެކަމަކު ތިމަންކަލޭގެފާނަކީ ތިޔަބައި މީހުންގެ ރަސޫލާ އެވެ". ދެން، އެތަން ދޫކުރައްވައި ގެކޮޅަށް އެނބުރި ވަޑައިގެންފި އެވެ. ޚާދިމާއެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެން ކުއްޖަކަށް މި މަންޒަރު ފެށިގެން ގޮސް ނިމުމާ ހަމަޔަށް ފެނުނެވެ.
އެ ވަގުތު، حمزة ގެފާނު ގެންދެވީ ފަރުބަދަ މަތީގައި ޝިކާރަކުރައްވަމުންނެވެ. ފުއްލާ އަކަށް އަމާޒުކުރައްވައި ދުނިދަނޑިއެއް ފޮނުއްވަން ހަމަ އަމާޒުކޮށްލެއްވި ތަނާ، އެ ފުއްލާ ވާހަކަދައްކަން ފަށްޓައިފި އެވެ. އެގޮތުން ބުންޏެވެ. "އޭ حمزة ގެފާނެވެ! އަޅުގަނޑާ ދިމާލަށް ދުނިދަނޑި ފޮނުއްވާލެއްވުމުގެ ބަދަލުގައި، ކަލޭގެފާނުގެ އަޚުގެ ދަރިކަލުން ޤަތުލުކޮށްލަން އެއުޅޭ މީހުންނަށް ތި ޙަމަލާ ދެއްވުން މާ އައުލާކަން ބޮޑުވެގެން ވެއެވެ. ފުއްލާގެ މި ވާހަކަތައް އަޑުއިވުމުން حمزة ގެފާނު ވަރަށް ބޮޑަށް ޙައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ ގެއާ ދިމާލަށް ހިންގަވަން ފަށްޓަވައފި އެވެ. އެކަލޭގެފާނުގެ އާދަ ހުންނަ ގޮތުން ޝިކާރަކުރެއްވުމަށް ފަހު އެނބުރި ގެއަށް ވަޑައިގަންނަވާ އިރު، ގެފުޅަށް ޒިޔާރަތްކުރައްވައި طوافކުރައްވައެވެ. އެ ދުވަހު، طوافކުރެއްވުމުގެ ތެރޭގައި، އެއްކަލަ ޚާދިމާ އަންހެންކުއްޖާ އެތަނަށް އައިސް، أبو جهل، رَسُوْلُ اللهِ ﷺ އާ މެދު ކަންތައް ކުރި ގޮތުގެ ވާހަކަ އެކަލޭގެފާނަށް ދަންނަވައިފި އެވެ.
رَسُوْلُ اللهِ ﷺ އަށް އަނިޔާކުރެވުނު ވާހަކަ حمزة ގެފާނަށް އިވިވަޑައިގަތުމުން، އެކަލޭގެފަނުގެ ހިތްޕުޅުގައި ތިމާގެ ކަމުގެ ޖޯޝު އުފެދުނެވެ. އެއާ އެކު، އެކަލޭގެފާނުގެ ހަތިޔާރު ނަންގަވައިގެން މުޝްރިކުން ތިބޭ ހިސާބަށް ވަޑައިގެންފި އެވެ. އަދި ވިދާޅުވި އެވެ. "އަހަރެންގެ އަޚާގެ ދަރިކަލުންނާ ދިމާލަށް އިހާނެތި ބަސްބުނެ، އެކަލޭގެފާނަށް ހިތްދަތިކުރީ ކަލޭމެން ހެއްޔެވެ؟ އެކަލޭގެފާނުގެ ދީނަކީ އަހަރެންގެ ވެސް ދީނެވެ. ކަލޭމެންނަށް ކުޅަދާނަ ނަމަ، އެކަލޭގެފާނަށް ހެދިގޮތް ނިކަން އަހަންނަށް ހަދާލަބަލާށެވެ"! އެހެން ވިދާޅުވެ، އެކަލޭގެފާނުގެ ދުނިދަނޑިން أبو جهل ގެ ބޮލުގައި ޖައްސަވައިފި އެވެ. އެތާނގައި ތިބި މުޝްރިކުން ބޭނުންވީ حمزة ގެފާނަށް ޙަމަލާދޭށެވެ. އެކަމަކު أبو جهل ބުންޏެވެ. "حمزة ގެ ހަށިކޮޅުގައި އަތްނުލާށެވެ. حمزة އެ ވިދާޅުވީ ރަނގަޅަށެވެ. އެކަލޭގެފާނުގެ އަޚާގެ ދަރިކަލުންނާ ދިމާލަށް އަހަރެން ކިޔާފައިވަނީ ހުތުރު ބަސްތެކެކެވެ". حمزة ގެފާނު އެތަނުން ވަޑައިގަތުމުން أبو جهل އޭނާގެ ވަށައިގެން ތިބި މީހުން ކައިރީގައި ބުންޏެވެ. " حمزة އެ ގޮތުގައި ދޫކޮށްލާށެވެ. އަހަރެމެން އެކަލޭގެފާނު ރުޅިއަރުވައިފި ނަމަ، އިސްލާމް ވެދާނެ އެވެ. އެހެން ވެއްޖެ ނަމަ، محمّد ގެފާނަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ". حمزة ގެފާނަކީ، އިޙްތިރާމް ލިބިގެންވާ، އަގުހުރި އަދި ވަރުގަދަ ބޭފުޅަކަށް ވާތީ އެމީހުންނަށް އެކަލޭގެފާނަށް ޙަމަލާދޭން ނުކެރުނީއެވެ. حمزة ގެފާނު މުސްލިމަކަށް ވެދާނެތީ ބިރުން، أبو جهل ގެ ބޮލުން ލޭ އަންނަން ދޫކޮށްލީ އެވެ.
حمزة ގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން ވިދާޅުވި އެވެ. " محمّد ގެފާނެވެ! أبو جهل ގެ ކިބައިން އަޅުގަނޑު ބަދަލުހިފައިފީމެވެ. އަޅުގަނޑު އޭނާގެ ލޭއޮހޮރުވައިފީމެވެ. ހިތާމަ ނުކުރައްވާށެވެ. އުފާކުރައްވާށެވެ". رَسُوْلُ اللهِ ﷺ ޖަވާބުގައި حديث ކުރެއްވި އެވެ. "ތިޔަ ކަހަލަ ކަންތައްތަކުން ތިމަންކަލޭގެފާނު އުފަލެއް ނުހޯދަމެވެ". "ކަލޭގެފާނު އުފަލަށް ޓަކައި، އަދި ހިތާމަވެރިކަން ފިލުވުމަށް ޓަކައި، ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަމެވެ"! رَسُوْلُ اللهِ ﷺ حديثކުރެއްވި އެވެ. "ތިމަންކަލޭގެފާނު އުފާކުރައްވާނީ، ކަލޭގެފާނު އީމާންވެ ނަރަކައިގެ އަލިފާނުން ކަލޭގެފާނުގެ ޖާނު ސަލާމަތްކުރެއްވުމުން އެކަންޏެވެ". عبدالله بن عبّاسގެ އަރިހުން ރިވާވެގެންވާ ގޮތުގައި، "ކީރިތި قرآن ގެ سورة الأنعام ގެ 122 ވަނަ އާޔަތުގައި (أَوَمَن كَانَ مَيْتًۭا فَأَحْيَيْنَـٰهُ وَجَعَلْنَا لَهُۥ نُورًۭا يَمْشِى بِهِۦ فِى ٱلنَّاسِ) * الأنعام: 122) މާނައީ: "(ކަމުން) މަރުވެފައި ވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެ މީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެ ނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއް ލެއްވި މީހަކާ" މިހެން ވަޙީކުރައްވާފައިވަނީ حمزة ގެފާނާ ބެހޭގޮތުންނެވެ. އަދި އެ އާޔަތުގައި (كَمَن مَّثَلُهُۥ فِى ٱلظُّلُمَـٰتِ لَيْسَ بِخَارِجٍۢ مِّنْهَا ۚ) * الأنعام: 122) މާނައީ: "އަނދިރީގެ ތެރޭގައި ނުނިކުމެ ހުންނަ މީހަކާ" މިހެން ވަޙީކުރައްވާފައިވަނީ އަބޫޖަހުލާ ބެހޭގޮތުންނެވެ.
حمزة ގެފާނު މުޝްރިކުންގެ ގާތަށް ގޮސް އެކަލޭގެފާނަކީ މުސްލިމެއް ކަމަށާއި، އެކަލޭގެފާނުގެ ފުރާނަދީގެން ނަމަވެސް رَسُوْلُ اللهِ ﷺ ޙިމާޔަތްކުރައްވާނެ ކަމަށް އިޢުލާންކުރައްވައިފި އެވެ. އަދި ތިރީގައިވާ ޘަނާ ކިޔުއްވި އެވެ:
"އަޅާގެ ހިތް އިސްލާމް ދީނާއި ތެދަށް ލަންބުލައިލެއްވި ކަމަށް ޓަކައި الله تعالى އަށް އަށް ޝުކުރު ހުއްޓެވެ. މި ދީން ފޮނުއްވީ الله تعالى އެވެ. އެކަލާނގެއަކީ، ޢާލަމްތައް ހެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އަޅުތަކުން ކުރާ އެންމެހާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެންމެހާ އަޅުތަކުންނަށް އެކަލާނގެ މޫރިތިކަމުން އޯގާވަންތައެވެ. އަދި އެކަލާނގެ ބާރުވެރިކަން އެހެން ހުރިހާ އެއްޗެއްގެ މައްޗަށް ގަދަފަދަ ވެގެންވެއެވެ. ކީރިތި ޤުރްއާން ކިޔަވާ ކިޔެވުމުން، ހިތާއި ސިކުނޑި ހަމަ މީހެއް ނަމަ، ލޮލުން ކަރުނަ އޮހެއެވެ. ކީރިތި ޤުރްއާން محمّد (صلّى الله عليه وسلّم) ގެ މައްޗަށް ބާވައިލެއްވުނީ ޝަރަޙަކުރެވިފައިވާ އާޔަތްތަކެއްގެ ގޮތުގައި، ވަރަށް ސާފު ބަހުންނެވެ. محمّدގެފާނަކީ، އަހަރެމެންގެ ތެރޭގައި ހުންނެވި ބަރަކާތްތެރި ވެގެންވާ ބޭފުޅެކެވެ. އެކަލޭގެފާނުގެ حديث އަޑުއަހާ އެއަށް ޢަމަލުކުރެވެއެވެ. އޭ މުޝްރިކުންނޭވެ! ތިޔަބައި މީހުންގެ ހަމަވިސްނުން ދޫކޮށްލައި، ހަރުކަށި، ބޭއަދަބީ ބަސްތައް ބުނެ އެކަލޭގެފާނާ ޖެއްސުން ނުކުރާށެވެ. ކަލޭމެންގެ ކިބައި އަދިވެސް އެކަހަލަ ވިސްނުމެއް ހުރި ނަމަ، އަހަރެމެން މުސްލިމުންގެ މުޅަ ހަށިތަކަށް އަރާގެން ނޫން ގޮތަކަށް އެއްވެސް މީހަކަށް އެލޭގެފާނުގެ ހަށިކޮޅު ގައި ނުބީހެވޭނެ އެވެ".
حمزة ގެފާނު އިސްމްވުމުން ލޮބުވެތި ރަސޫލާ محمّد (صلّى الله عليه وسلّم) އެކަމާ ވަރަށް އުފާކުރެއްވި އެވެ. އެކަލޭގެފާނު އިސްލާމްވުމުން މުސްލިމުން އިހުނަށް ވުރެ ބޮޑަށް ވަރުގަދަ ވެގެން ދިޔައެވެ.
އެ ޙާލަތު ބަދަލުވީ زيد ގެފާނު އިސްލާމްވުމުންނެވެ. އެހެނީ، މައްކާގެ މީހުންނަށް زيد ގެފާނަކީ، ހިތްވަރުގަދަ، ހިތްވަރުދެއްވާ، ބާރުގަދަ، އަދި މަތިވެރި ބަޠަލެކެވެ. އެހެންކަމުން، ޤުރައިޝް ވަންހައިގެ މުޝްރިކުންނަށް ކަމަކާ ނުލައި މުސްލިމުންނަށް ހުތުރުކޮށް މުޢާމަލާތެއް ނުކުރެވޭނެ އެވެ؛ އަދި ވަކިން ޚާއްޞަކޮށް حمزة ގެފާނުގެ ކަނޑިއަށް ބިރުންނެވެ.7
ކަލޭގެފާނަށް ވާ ލޯބީގައި ކުރިޔަށް ދަމޭ،
ޝަފާޢަތްތެރިކަން ދެއްވާދޭވެ، ﷲ ގެ ރަސޫލާ އޭ.
އަޅާއަކީ ފާފަވެރިއެކޭ، އަޅާގެ މޫނު ކަޅޭ،
ޝަފާޢަތްތެރިކަން ދެއްވާދޭވެ، ﷲ ގެ ރަސޫލާ އޭ.
عُمرُގެފާނު އިސްލާމްވުން
އިސްލާމް ދީން ދިޔައީ ދުވަހެއް ދުވަހަކަށް ފެތުރެމުންނެވެ. އަދި ކީރިތި قرآن ގެ ނޫރު ދިޔައީ ރޫޙުތައް އުޖާލާކުރުވަމުންނެވެ. ނަސީބު ގަދަ މީހުން ދިޔައީ، އިސްލާމް ދީނަށް ވަންނަމުން، الله تعالى ގެ ހިދާޔަތުގެ ނިޢުމަތް ލިބިގަންނަމުންނެވެ. އަޞްޙާބު ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މި ނަސީބު ގަދަ ބޭފުޅުން رَسُوْلُ اللهِ ﷺ އަށް ޚިދުމަތްކުރުމުގައި އަތުންނާއި ހިތުން ނުހަނު ޖޯޝާ އެކު ބައިވެރިވެ ވަޑައިގެންނެވި އެވެ. رَسُوْلُ اللهِ ﷺ ގެ ފަރާތްޕުޅުން އެބޭކަލުންނަށް ފެނުނު ކުޑަކުޑަ އެދިވަޑައިގަތުމެއް ނުވަތަ އިޝާރާތެއް ބޮޑުވެގެންވާ އަމުރެއް ކަމަށް އެ ބޭފުޅުން ބައްލަވައި، އެކަން ފުރިހަމަކުރުމަށް އަވަސްވެވަޑައިގަތެވެ؛ އެ ކަން ޙާޞިލުކުރެއްވުމަށް ޓަކައި، އެ ބޭފުޅުންގެ ފުރާނަ ޤުރުބާންކުރެއްވުމަށް ވެސް ޖެހިލުންވެ ވަޑައެއް ނުގެންނެވި އެވެ.
"(އޭ ބޮޑުބޭބެ އެވެ!) ތިމަންކަލޭގެފާނު އުފާކުރައްވާނީ، ކަލޭގެފާނު އީމާންވެ ނަރަކައިގެ އަލިފާނުން ކަލޭގެފާނުގެ ޖާނު ސަލާމަތްކުރެއްވުމުން އެކަންޏެވެ".
حديث الشريف
މުޝްރިކުންގެ ކަންބޮޑުވުން އޭގެ އެންމެ މައްޗަށް އަރައިފި އެވެ. އެހެނީ، އެ މީހުންގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ބަޠަލުންގެ ތެރޭގައި ހިމެނޭ حمزة ގެފާނު ވެސް މުސްލިމަކަށް ވެވަޑައިގެން رَسُوْلُ اللهِ ﷺ ގެ ކޮޅަށް ޖެހިވަޑައިގެންފި އެވެ. حمزة ގެފާނު އިސްލާމްވުން ފަދަ ވެދާނެ ކަމަށް އެމީހުން ހިތަށް ވެސް ނާރާ ފަދަ ކަމެއް ހިނގުމުން މުޝްރިކުން ވަރަށް ބޮޑަށް ރުޅިގަދަވެގެންދިޔަ އެވެ.
މި ސަބަބަށް ޓަކައި، އޭރު އަދި އިސްލާމްނުވާ، خطّاب ގެ ދަރިކަލުން عمر އެއް ދުވަހަކު رَسُوْلُ اللهِ ﷺ އަވާހަކޮށްލުމުގެ ނިޔަތުގައި ގެއިން ނިކުމެއްޖެ އެވެ. އޭނާ އަށް رَسُوْلُ اللهِ ﷺ ފެނުނީ مسجد الحرام ގައި ނަމާދުކުރައްވަން ހުންނަވަނިކޮށެވެ. رَسُوْلُ اللهِ ﷺ ނަމާދުކުރައްވައި ނިމެންދެން މަޑުކޮށްގެން ހުރި އިރު، رَسُوْلُ اللهِ ﷺ ކިޔަވާވިދާޅުވި އެއްޗަކަށް ސަމާލުކަން ދީ، ކަނުލައި އަޑުއަހަން ފަށައިފި އެވެ.
رَسُوْلُ اللهِ ﷺ ކިޔަވާވިދާޅުވަމުން ގެންދެވީ سورة الحاقّة އެވެ. ) الْحَاقَّةُ ﴿١﴾ مَا الْحَاقَّةُ ﴿٢﴾ وَمَا أَدْرَاكَ مَا الْحَاقَّةُ ﴿٣﴾ كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ ﴿٤﴾ فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ ﴿٥﴾ وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ ﴿٦﴾ سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ﴿٧﴾ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ ﴿٨﴾ وَجَاءَ فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ ﴿٩﴾ فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً ﴿١٠﴾ إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ ﴿١١﴾ لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ ﴿١٢﴾ فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ ﴿١٣﴾ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً ﴿١٤﴾ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ ﴿١٥﴾ وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ﴿١٦﴾ وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ ﴿١٧﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴿١٨﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ ﴿١٩﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ ﴿٢٠﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٢١﴾ فِي جَنَّةٍ عَالِيَةٍ ﴿٢٢﴾ قُطُوفُهَا دَانِيَةٌ ﴿٢٣﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ﴿٢٤﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ ﴿٢٥﴾ وَلَمْ أَدْرِ مَا حِسَابِيَهْ ﴿٢٦﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ ﴿٢٧﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ ﴿٢٨﴾ هَلَكَ عَنِّي سُلْطَانِيَهْ ﴿٢٩﴾ خُذُوهُ فَغُلُّوهُ ﴿٣٠﴾ ثُمَّ الْجَحِيمَ صَلُّوهُ ﴿٣١﴾ ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ ﴿٣٢﴾ إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ ﴿٣٣﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣٤﴾ فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ ﴿٣٥﴾ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ ﴿٣٦﴾ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ ﴿٣٧﴾ * الحاقّة: 1-37) 8 މާނައީ: "ކަށަވަރުވެގެންވާ قيامة ދުވަހެވެ. (1) ކަށަވަރުވެގެންވާ قيامة ދުވަހަކީ ކޮން ދުވަހެއް ހެއްޔެވެ؟ (2) ކަށަވަރުވެގެންވަ قيامة ދުވަހަކީ، ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއް ތޯ އެވެ؟ (3) ثمود ބާގައި މީހުންނާއި، عاد ބާގައި މީހުން ދުވަސް ދޮގުކުރޫއެވެ. (4) ފަހެ، ثمود ބާގައި މީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވި އެވެ. (5) އަދި عاد ބާގައި މީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނި ވަޔަކުން އެއުރެން ހަލާކުކުރެއްވި އެވެ. (6) އެކަލާނގެ އެއުރެންގެ މައްޗަށް ހަތް ރެޔާއި، އަށް ދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވި އެވެ. ފަހެ، އެ قوم ގެ މީހުން ހޭނެތިގެން ވެއްޓިފައި ވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއި ހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދަ އެވެ. (7) ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކު ވެސް ތިބާ އަށް ފެނޭ ހެއްޔެވެ؟ (8) އަދި فرعون އާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ. (9) ފަހެ، އެއުރެންގެ ވެރިރަސްކަލާންގެ ފޮނުއްވި އާ رسول އަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ، ގަދަފަދަވެގެންވާ عذاب ގެ ހުއްޕެވުމަކުން އެއުރެން ހިއްޕެވި އެވެ. (10) ފެންގަނޑު ހައްދުފަހަނަޅައި އެރި ހިނދު. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ. (11) އެއީ ތިމަންރަސްކަލާނގެ އެ ކަންތައްތައް ތިޔަބައި މީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެ ވާހަކަ ކަނުލައި އެހުމަށްޓަކައެވެ. (12) ފަހެ، ތާޅފިލި އެއް ފަހަރު ފުމެލެއްވޭ ހިނދެވެ. (13) އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރި ތަނުން) އުފުލި އެއް ފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ. (14) ފަހެ، އެދ ދުވަހުން قيامة ވާ ހުށްޓެވެ. (15) އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެ ދުވަހުން އެ އުޑު ވާހުށީ، ބަލިކަށިވެގެންނެވެ. (16) އަދި ملائكة ން، އ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެ ދުވަހުން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ. (17) އެ ދުވަހުން (ހިސާބު ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސް ކަމެއް ވަންހަނާއެއް ނުވާނެތެވެ. (18) ފަހެ، އެ މީހެއްގެ ފަތް، އެ މީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، އެ މީހާ ބުނާނެތެވެ. މިއޮތީ އެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! (19) ހަމަކަށަވަރުން، ތިމަންގެ ހިސާބާ ކުރިމަތިލާންޖެހޭނެކަން ތިމަންނާ އަށް يقين ވިއެވެ. (20) ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (21) މަތިވެރިވެގެންވާ ސުވަރުގެއެއްގައެވެ. (22) އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (23) (އަންގަވާނެތެވެ.) އަރާމު ލިބެނިވި ގޮތުގައި، ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައި މީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައި މީހުން ކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. (24) އަދި އެ މީހެއްގެ ފަތް، އެ މީހެއްގެ ވާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، އެ މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވި ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ (25) އަދި ތިމަންގެ ހިސާބު ތިމަންނާ އަށް ނޭނގުނު ނަމަ ކޮން ފަދަ ހެއްޔެވެ! (26) އޭ ސަހަރޯ އެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުން ކަމުގައި ވީ ނަމަ، ކޮން ފަދަ ހެއްޔެވެ! (27) ތިމަންގެ މުދާ، ތިމަންނާ އަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. (28) ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިގެން ހިނގައްޖެ އެވެ. (29) (زباني ملائكة ންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! (30) ދެން އޭނާ ނަރަކަ އަށް ވައްދާށެވެ! (31) ދެން ހަތްދިހަ މުށުގެ ދިގުމިން ހުރި ހިލިހިލާއެއް ގައި އޭނާ ހިލިހިލާ ޖަހާށެވެ! (32) ހަމަކަށަވަރުން، އޭނާ މާތް ﷲ އަށް إيمان ވާ ކަމުގައެއް ނުވެއެވެ. (33) އަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާ ކަމުގައެއް ނުވެއެވެ. (34) ފަހެ، މިއަދު މިތާކު އޭނާ އަކަށް رحمة ތެރިޔަކު ނުވެއެވެ. (35) އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާ އަކަށް ކާއެއްޗެއް ނުވެއެވެ. (26) ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ. (37)".
عُمرُގެފާނު ގެންދެވީ رَسُوْلُ اللهِ ﷺ ކީރިތި ޤުރްއާން ކިޔަވާވިދާޅުވި އަޑު އަހަން ވަރަށް ޝައުޤުވެރިކަމާ އެކުގައެވެ. އޭނާގެ މުޅި ޢުމުރުގައި ވެސް އެހާ ރިވެތި ބަސްތަކެއް އަޑު އިވިފައެއް ނެތެވެ. މިކަން ކިޔައިދެއްވައި ފަހުން އެވާހަކަ ކިޔައިދެއްވާފައިވަނީ ތިރީގައި ވާ ގޮތަށެވެ. "އަހުރެން ހުރީ އަހަންނަށް އަޑިއިވުނު އެ ބަސްތަކުގެ ބަލާޣާތްތެރިކަމާއި، އޮމާންކަމާއި، ސާފުކަމާ މެދު އަންތަރީސްވެފައެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. 'އަހަރެން ހުވާކޮށްފައި ބުނަމެވެ. ޤުރައިޝުންގެ މީހުން އެ ބުނަމުންދާ ފަދައިން މި ބޭފުޅަކު ވާނީ ޅެންވެރިޔަކަށެވެ'". އެ ވަގުތު رَسُوْلُ اللهِ ﷺ ގެންދެވީ سورة الحاقّة ކިޔެވުން ކުރިޔަށް ގެންދަވަމުންނެވެ.
فَلَا أُقْسِمُ بِمَا تُبْصِرُونَ ﴿٣٨﴾ وَمَا لَا تُبْصِرُونَ ﴿٣٩﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ﴿٤٠﴾ وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ ﴿٤١﴾ * الحاقّة: 38-41)9 މާނައީ: "ފަހެ، ތިޔަބައި މީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައި މީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحي ކުރައްވަމެވެ. (38، 39) ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު ﷲ ގެ حضرة ން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ. (40) އެއީ ޅެންވެރިއެއްގެ ބަހެއް ނޫނެވެ. ތިޔަބައި މީހުން إيمان ވަނީ ވަރަށް ވެސް ކުޑަކޮށެވެ. (41)".
عُمرُ ގެފާނު ވިދާޅުވެފައި ވެއެވެ. "އަނެއްކާ ވެސް އަހަރެންގެ އަމިއްލަ ނަފްސާ މުޚާޠަބުކޮށް ބުނީމެވެ. 'އެކަލޭގެފާނު ވާނީ ފަލަކީ ޢިލްމުވެރިޔަކަށެވެ. އެހެނީ، އަހަރެން ހީކުރި ގޮތަށް އެކަލޭގެފާނަށް ވަނީ ވިސްނިފައެވެ"! رَسُوْلُ اللهِ ﷺ سورة الحاقّة ކިޔެވުން ކުރިޔަށް ގެންދެވި އެވެ.
وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ ﴿٤٢﴾ تَنزِيلٌ مِّن رَّبِّ الْعَالَمِينَ ﴿٤٣﴾ وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ ﴿٤٤﴾ لَأَخَذْنَا مِنْهُ بِالْيَمِينِ ﴿٤٥﴾ ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ ﴿٤٦﴾ فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ ﴿٤٧﴾ وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ ﴿٤٨﴾ وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ ﴿٤٩﴾ وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ ﴿٥٠﴾ وَإِنَّهُ لَحَقُّ الْيَقِينِ ﴿٥١﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ ﴿٥٢﴾ * الحاقّة: 42-52)10 މާނައީ: "އަދި އެއީ كاهن އެއްގެ ބަހެއް ވެސް ނޫނެވެ. ތިޔަބައި މީހުން ހަނދުމަކުރަނީ ވަރަށް ވެސް މަދުންނެވެ. (42) (އެއީ) عالم ތަކުގެ ވެރި ރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ. (43) އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެ އަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފި ނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން ބަދަލު) ހިއްޕެވީމުހެވެ. (44، 45) ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ. (46) ފަހެ، ތިޔަބައި މީހުން ކުރެ އެކަކަށް ވެސް އެކަލޭގެފާނު ތިމަން ރަސްކަލާނގެ عذاب ން ދުރެއް ނުކުރެވޭނެތެވެ. (47) ހަމަކަށަވަރުން، އެ قرآن އަކީ، تقوى ވެރިންނަށް އޮތް ހަނދާންކޮށްދިނުމެއް ކަން ކަށަވަރެވެ. (48) އަދި ހަމަކަށަވަރުން، ތިޔަބައި މީހުންގެ ތެރެއިން ދޮގުކުރާ ބަޔަކު ވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (49) އަދި ހަމަކަށަވަރުން، އެ قرآن އަކީ، ކާފިރުންގެ މައްޗަށް ހުރި ހިތާމައެއް ކަން ކަށަވަރެވެ. (50) އަދި ހަމަކަށަވަރުން، އެ قرآن އަކީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ. (51) ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ إسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ (52)".
عُمرُ ގެފާނު ވިދާޅުވި އެވެ. "رَسُوْلُ اللهِ ﷺ މުޅި ސޫރަތް ކިޔަވާވިދާޅުވި ފަހުން އަހަރެންގެ ހިތުގައި އިސްލާމް ދީނަށް ޝައުޤުވެރިކަމެއް އުފެދުނެވެ".
"އަދި އެއީ كاهن އެއްގެ ބަހެއް ވެސް ނޫނެވެ. ތިޔަބައި މީހުން ހަނދުމަކުރަނީ ވަރަށް ވެސް މަދުންނެވެ. (އެއީ) عالم ތަކުގެ ވެރި ރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ".
الحاقة: 42-43
عُمرُ ގެފާނު އިސްލާމް ވީތާ 3 ދުވަސް ފަހުން، أبو جهل މުޝްރިކުން އެއްކޮށްފައި ބުންޏެވެ. "އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! محمّد ގެފާނު ވަނީ އަހަރެމެންގެ ބުދުތަކުގެ އަބުރު ކަތިލައްވާފައެވެ. އެކަލޭފާނު حديث ކުރައްވާފައިވަނީ، އަހަރެމެންނަށް ވުރެ ކުރިން އައި އަހަރެމެންގެ ކާބަފައިން ވަނީ ނަރަކައިގައި ޢަޒާބު ލިބޭ ޙާލަތުގައި ކަމަށާއި، އަހަރެމެން ވެސް ދާނީ އެތަނަށް ކަމަށެވެ! އެކަލޭގެފާނު ޤަތުލުކުރުން ފިޔަވައި އެހެން އެއްވެސް ގޮތެއް ނެތެވެ! އެކަލޭގެފާނު ޤަތުލުކުރާ މީހަކަށް އަހަރެން 100 ރަތް ޖަމަލާއި، ގުނާ ޢަދަދުނުކުރެވޭހާ ރަން ދޭނަމެވެ". ހަމަ ވަގުތުން، ޚައްޠާބުގެ ދަރިކަމުން عُمرُ ގެ ހިތްޕުޅުގައި އިސްލާމް ދީނަށް އުފެދިފައި އޮތް ޝައުޤުވެރިކަން ނެތިހިގަންޖެ އެވެ. އޭނާ ވަގުތުން ތެދު ބުންޏެވެ. "ޚައްޠާބުގެ ދަރިކަލުން ފިޔަވައި ތިކަން ކުރާނެ އެހެން މީހަކު ނެތެވެ". އެމީހުން އޭނާ އަށް ހިތްވަރުދީ ބުނޫއެވެ. "ޚައްޠާބުގެ ދަރިކަލުންނޭވެ! ތިކަމާއިގެން ކުރިޔަށް ދާށެވެ. މިތިބީ ތިކަން ދެކޭށެވެ".
ދެން عُمرُ ގެ ކަނޑި އުރަޔަށް ލައި، ނުކުމެއްޖެ އެވެ. އެ ދިޔަ މަގުމަތިން نُعيم بن عبدالله އާ ދިމާވެގެން އޭނާ އައްސަވައިފި އެވެ. "އޭ عمر އެވެ! ތި އަރާފަ ހުރި ބާރާއި ރުޅިވެރިކަމާ އެކު ތި ދަނީ ކޮން ތާކަށް ހެއްޔެވެ"؟ އޭނާ ޖަވާބު ދިނެވެ. މިދަނީ، މީސްތަކުންގެ މެދުގައި ބައިބައިވުން އަދި އަޚުންގެ މެދުގައި ޢަދާވާތްތެރިކަން މެދުވެރިކުރެއްވި محمّد ގެފާނު ޤަތުލުކުރާށެވެ". نُعيم ބުންޏެވެ. "އޭ عمر އެވެ! ތިއީ އުނދަގޫ މަސައްކަތެކެވެ. އެކަލޭގެފާނުގެ ޞަޙާބީން ވަރަށް ބޮޑު ސަލާމުކަމަކާއި ޚާއްޞަކަމެއް އެކަލޭގެފާނަށް ދެއެވެ. އެބޭކަލުން ތިއްބަވަނީ އެކަލޭގެފާނަށް އެއްވެސް އަނިޔާއެއް ނުކުރެވޭނޭ ހެން ވަރަށް ބޮޑަށް ފަރުވާތެރިވެގެންނެވެ. އެކަލޭގެފާނުގެ އަރިހަށް ދިއުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. ތިބާ محمّد ގެފާނު އަވަހާރަކޮށްލިއަސް، عبدالمطّلب ގެ ދަރިންގެ ކިބައިން ސަލާމަތެއް ނުވާނެ އެވެ".
މި ބަސްތައް އަޑު އިވިފައި عُمرُ ވަރަށް ބޮޑަށް ކޯފާއިސްކުރައްވައިފި އެވެ. އެއާއެކު، އޭނާގެ ކަނޑީގައި ހިފާފައި ބުންޏެވެ. "ކަލެއަކީ އެމީހުންގެ ތެރެއިން ވާ މީހެއް ހެއްޔެވެ؟ އަހަރެން ފުރަތަމަ ކަލޭގެ ދުވަސް ދުއްވާލަބް ވީ ހެއްޔެވެ"؟ نُعيم ބުންޏެވެ. "އޭ عمر އެވެ! އަހަރެން ދޫކޮށްލާށެވެ! ތިބާގެ އުޚުތާ فاطمة އާއި އޭނާގެ ފިރިމީހާ ساعد بن زيد އާ ހަމައަށް ދާށެވެ. އެ ދެމަފިރިން ވެސް އިސްލާމް ވެއްޖެ އެވެ". عُمرُ މިވާހަކަތައް ޤަބޫލެއް ނުކުރި އެވެ. نعيم ބުންޏެވެ. "ތިބާ އަހަރެން މިބުނި އެއްޗެއް ޤަބޫލުނުކުރާ ނަމަ، ގޮސް އެ ދެ މީހުން ކައިރީ ގައި ނިކަން މިވާހަކަ އަހާބަލާށެވެ".
عُمرُ ގެފާނަށް ކާމިޔާބު ވީ ނަމަ، ދީނީގޮތުން ވަކިވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ އެވެ. އެކަމަކު، ޢަރަބިންގެ ތެރޭގައި އާދަކާދައަކަށް ވެފައި އޮތް ލޭގެ ބަދަލުހިފުން އިތުރުވެގެންދާނެ އެވެ؛ ޤުރައިޝުން އޭރުން ދެބަޔަކަށް ބެހި، ނިމުމެއް ނެތް ހަނގުރާމަތައް ފެށިގެންދާނެ އެވެ. އެހެންވެއްޖެ ނަމަ ހަމަ އެކަނި عُمرُ ގެފާނެއް ނޫނެވެ. خطّاب ގެ ހުރިހާ ދަރިން ވެސް މަރާލެވޭނެ އެވެ. އެކަމަކު ވެސް عُمرُގެފާނު އެއިން ކަމަކާ ނުވިސްނަވައެވެ. އެހެނީ އެކަލޭގެފާނަކީ ވަރަށް ވަރުގަދަ ބޭފުޅެކެވެ. އުޚުތާމެދު ވިސްނޭ ވަރުން، ވަގުތުން ވަގުތަށް އެ ދެބޭފުޅުންގެ ގެއަށް ޒިޔާރަތްކުރި އެވެ.
އެ ވަގުތު، طه سورة ވަނީ ވަރަށް ފަހުން ބާވައިލައްވާފަވެ. އަދި ساعدގެފާނާއި فاطمة ގެފާނު ވަނީ އެ ސޫރަތް ލިޔުއްވާފައެވެ. ޞަޙާބީ ބޭކަލެއް ކަމުގައިވާ خبّاب بن الأرت އެ ދެ ބޭފުޅުންގެ ގެއަށް ދަޢުވަތުދެއްވައި ގެންނަވައި، އެ ސޫރަތް ކިޔުއްވައިދެއްވި އެވެ. އެގޭ ދޮރުން ބޭރުގައި ހުންނެވި އިރު عُمرُގެފާނަށް އެ އަޑު އިވިވަޑައިގަތެވެ. އަދި ވަރަށް ބާރަށް ދޮރުގައި ޓަކި ޖެއްސެވި އެވެ. އުނަގަނޑުގައި އެލުވާފައި އޮތް ކަނޑިއާ އެކު އޭނާ ރުޅީގަދަވެފައި ހުރި ތަން އެ ދެ ބޭފުޅުންނަށް ފެނުމާ އެކު، ޠާހާ ސޫރަތް ލިޔެފައި އޮތް ކަރުދާސް ގަނޑާއި خّبّاب ގެފާނު ފޮރުވައިފި އެވެ. އޭގެ ފަހުން އެ ބޭފުޅުން ދޮރު ހުޅުވައިފި އެވެ. އޭނާ އެ ގެއަށް ވަދެ، "ދެންމެ ތި ކިޔެވީ ކޯއްޗެއް ހޭ" މިހެން އަހައިފި އެވެ. އެ ދެ ބޭފުޅުން ޖަވާބު ދެއްވި އެވެ. "އެއްވެސް އެއްޗެއް ނުކިޔަމެވެ". ދެން عُمرُގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ގޮސް ހަޅޭލަވައިގެންފައި ބުންޏެވެ. "އަހަންނަށް އިވުނު އަޑަކީ ތެދު ވާހަކައެއް ތާއެވެ! ކަލޭމެން ދެ މީހުން ވެސް ތި ތިބީ އެކަލޭގެފާނުގެ ސިޙުރުން އޮޅުވާލެވިފައެވެ". އަދި ސާޢިދުގެފާނުގެ ގަމީހުގެ ގިރުވާނުގައި ހިފުމަށް ފަހު ބިންމައްޗަށް ވައްޓާލި އެވެ. އަދި އޭނާގެ އަންހެން ކޮއްކޮ އޭނާގެ ފިރިކަލުން ސަލާމަތްކުރަން އުޅުމުން އެ ކަމަނާގެ ކަންކަށިމަތީ ގައި ޖަހައިފި އެވެ. އެ ކަމަނާގެ މޫނުން ލޭ އަންނަ ތަން ފެނުމުން، އެކަމާ ދެރަވެއްޖެ އެވެ. فاطمة ގެފާނަށް އަނިޔާވެ ލޭ އަންނަން ފަށައިފި އެވެ. އެކަމަކު އެކަމަނާގެ އީމާންކަމުގެ ބާރުން އެކަމަނާ ޙަރަކާތްކުރުވައިފި އެވެ؛ الله تعالى ގެ ޙަޟްރަތުން ބާރު އެދިގެން އެ ކަމަނާ ވިދާޅުވި އެވެ. "އޭ عمر އެވެ! ﷲ ގެ ޙަޟްރަތަށް ލަދުވެތިވެ، އެކަލާނގެ އާޔަތްތަކާއި، މުޢުޖިޒާތްތައް ފޮނުއްވި އެކަލާނގެ ރަސޫލާ ޤަބޫލުނުކުރަން ހެއްޔެވެ؟ އަހުރެންގެ ފިރިކަލުންނާއި، އަހުރެން މިވަނީ އިސްލާމް ދީން ޤަބޫލުކުރުމުގެ ޝަރަފު ލިބިފައެވެ. ތިބާ އަހަރެމެންގެ އަތް ކަނޑަލިޔަސް، އަހަރެމެން މި ދީނުން ބޭރެއް ނުވާނަމު އެވެ. މިހެން ވިދާޅުވެ އޭގެ ފަހުން ޝަހާދަތުގެ ދެ ކަލިމަ ކިޔުއްވައިފިއެވެ.
އެކަލޭގެފާނުގެ އުޚުތާގެ އީމާންކަމުގެ ކުރިމަތީގައި عُمرُގެފާނު ކުއްލިއަކަށް މަޑުމައިތިރިވެ އިށީންނަވައިފި އެވެ. އަދި މަޑުމަޑުން ވިދާޅުވި އެވެ. "ތި ދެބޭފުޅުން ކިޔުއްވަމުން ގެންދެވި އެ ފޮތް ގެނެސްދީބަލާށެވެ". فاطمةގެފާނު ވިދާޅުވި އެވެ. "ތިބާގެ ނަފްސު ސާފުނުކުރަނީސް ނުދޭނަމެވެ". ދެން عُمرُގެފާނު ހިނައިގަތެވެ. ދެން فاطمةގެފާނު، قرآن ގެ އެ ޞަފްޙާ ގެނެސްދެއްވި އެވެ. عُمرُގެފާނަކީ ވަރަށް ރަނގަޅަށް ކިޔުއްވާ ބޭފުޅެކެވެ. ދެން ޠާހާ ސޫރަތް ކިޔުއްވަން ފަށްޓަވައިފި އެވެ. ކީރިތި قرآن ގެ ބަލާޣާތްތެރިކަމާއި، ބަހުގެ މޮޅުކަމާއި، މާނަ އަދި މަތިވެރިކަން ފެނިފައި عُمرُގެފާނުގެ ހިތް މަޑުމައިތިރި ވެއްޖެ އެވެ.
عُمرُގެފާނު طه سورة ގެ 6 ވަނަ އާޔަތް ކިޔުއްވި އެވެ. (لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَىٰ ﴿٦﴾) * طه: 6)11 މާނައީ: "އުޑުތަކުގައި ވާހާ ތަކެއްޗާއި، ބިމުގައި ވާހާ ތަކެއްޗާއި، އެ ދެމެދުގައި ވާހާ ތަކެއްޗާއި، ފަސްގަނޑު ދަށުގައި ވާހާ ތަކެއްޗެއް، މިލްކުވެވޮޑިގެންވަނީ، އެކަލާނގެ އަށެވެ (6)". މި އާޔަތް ކިޔުއްވުމަށް ފަހު، عُمرُގެފާނު ވަރަށް ފުންކޮށް ވިސްނަވަން ފަށްޓަވައިފި އެވެ. އަދި ވިދާޅުވި އެވެ. "އޭ ފާޠިމަތެވެ! ވުޖޫދުގައި މިވާހާ އުފެއްދެވުންތައް މިލްކުވެގެންވަނީ ތިބާ ތި އަޅުކަންކުރާ ﷲ އަށް ހެއްޔެވެ"؟ އޭނާގެ އުޚުތު ޖަވާބު ދެއްވި އެވެ. "އާނއެކެވެ. އެއްވެސް ޝައްކެތް ވަނީ ހެއްޔެވެ"؟ عُمرُގެފާނުގެ ޝައުޤުވެރިކަން އަދި އިހުނަށް ވުރެ އިތުރުވެއްޖެ އެވެ. އަދި ވިދާޅުވި އެވެ. "އޭ ފާޠިމަތެވެ! އަހަރެމެން އަތުގައި ރަނާއި، ރިއްސާއި، ރަތުލޯ އިން ހަދާ ޖަރީކޮށްފައިވާ ބުދުތައް އެބަހުއްޓެވެ. އެއިން އެކައްޗަކީ ވެސް މި ބިން މަތީގެ އެއްވެސް އެއްޗެއް މިލްކުވެގެންވާ ބުދުތަކެއް ނޫނެވެ.
އަދި طه سورة ގެ 8 ވަނަ އާޔަތް ކިޔުއްވައިފި އެވެ. (اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ﴿٨﴾) * طه: 8)12 މާނައީ: "ﷲ އީ، އެކަލާނގެ މެނުވީ إله އަކު ނުވާ ރަސްކަލާނގެ އެވެ. އެންމެ ރިވެތި إسم ފުޅުތައް މިލްކުވެވޮޑިގެންވަނީ، އެކަލާނގެ އަށެވެ. (8)". މި އާޔަތާ މެދު ވިސްނަވައި ވިދާޅުވި އެވެ. "ޙަޤީޤަތުގައި ވެސް ކިހާ ބޮޑު ތެދެއް ހެއްޔެވެ؟". މި ވާހަކަތައް خبّابގެފާނަށް އިވިވަޑައިގަތުމާ އެކު އޭނާ ފިއްލަވާ ހުރި ތަކުން ނިކުމެ ވަޑައިގެން ތަކުބީރު ކިޔުއްވައިފި އެވެ. ދެން ވިދާޅުވި އެވެ. "ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރެވެ. އޭ عُمرُ އެވެ! ﷲ ގެ ރަސޫލާ الله تعالى އަށް މި ދުޢާ ވަނީ ދަންނަވާފައެވެ. 'އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! أبو جهل ނުވަތަ ޢުމަރާ އެކު މި ދީން ބަރުގަދަކުރައްވާދޭވެ'! މިހާރު މި ނިޢުމަތް ވަނީ ކަލޭގެފާނަށް ދެއްވާފައެވެ".
މި ބަރަކާތްތެރި އާޔަތާއި، رَسُوْلُ اللهِ ﷺ ކުރެއްވި އެ ދުޢާގެ ސަބަބުން عُمرُގެފާނުގެ ހިތްޕުޅުގައި އިސްލާމް ދީނާ މެދު އޮތް ޢަދާވާތްތެރިކަން ފިލައިފި އެވެ. عُمرُގެފާނު އެއްސެވި އެވެ. "ﷲ ގެ ރަސޫލާ ކޮބައި ހެއްޔެވެ"؟ عُمرُގެފާނުގެ ހިތް رَسُوْلُ اللهِ ﷺ އަށް އޮތް ލޯބިން ފުރިއްޖެ އެވެ. އެ ދުވަހު، رَسُوْلُ اللهِ ﷺ (صلّى الله عليه وسلّم) ހުންނެވީ އަރްޤަމްގެފާނުގެ ގޭގައި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އިރުޝާދު ދެއްވުމުގައެވެ. އަޞްޙާބު ބޭކަލުން ޙާޒިރުވެ، رَسُوْلُ اللهِ ﷺ ގެ އުޖާލާ މޫނުކޮޅު ފެނި، އެކަލޭގެފާނުގެ ފޮނި އަދި ބާރުގަދަ ބަސްތައް އަޑު އައްސަވައި، އެ ބޭކަލުންގެ ހިތްތައް ސާފުކުރެއްވުމުގައި، އަދި ނިމުމެއް ނެތް ހިތްހަމަޖެހުމާއި، އަރާމައި އުފަލުގެ ތަފާތު ޙާލަތްތަކަށް ގޮސް އެ ބޭކަލުންގެ ރޫޙުތައް ތާޒާކުރެއްވުމުގައި ތިއްބެވި އެވެ.
عُمرُގެފާނު ވަޑައިގަންނަވާ ތަން دار الأرقم އިން ފެނެއެވެ. އެކަލޭގެފާނުގެ ކަނޑި އަތުގައި އޮތްތަން ފެނެއެވެ. عُمرُގެފާނަކީ، ހައިބަތު ރަނގަޅު ބާރުގަދަ ބޭފުޅަކަށް ވުމާއެކު، އަޞްޙާބު ބޭކަލުން رَسُوْلُ اللهِ ﷺ ވަށައިލެއްވި އެވެ. އެވަގުތު حمزة ގެފާނު ވިދާޅުވަމުން ގެންދެވި އެވެ. "عُمرُގެފާނު ދެކެ ބިރުގަންނަންވީ ކޮން ކަމަކާ ހެއްޔެވެ؟ އޭނާ އައީ ރަނގަޅު ނިޔަތާ އެކު ކަމުގައި ވާ ނަމަ، އޭނާ އަށް މަރުޙަބާ އެވެ. އެހެން ނޫން ނަމަ، އޭނާގެ ކަނޑި އުރައިން ނެގުމުގެ ކުރިން އަހަރެން އޭނާގެ ކަރު ބުރިކޮށްލާނަމެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭނާ އެތެރެ އަށް އަޔަދޭށެވެ"!
މީގެ ކުރިން جبريل (عليه السّلام) ވަނީ عُمرُގެފާނު އެބަ ވަޑައިގަންނަވާ ކަމާއި، އެ ވަޑައިގަންނަވަނީ އިސްލާމް ވުމަށް ކަމުގެ ޚަބަރު ދެއްވާފައެވެ. رَسُوْلُ اللهِ ﷺ ހިނިތުންފުޅަކާ އެކު عُمرُގެފާނަށް މަރުޙަބާ ކިޔުއްވައި حديث ކުރެއްވި އެވެ. "އޭނާ އަޔަދޭށެވެ. އަޔަދޭށެވެ". عُمرُގެފާނު رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގައި ކުޑަކަކޫ ޖެއްސެވި އެވެ. رَسُوْلُ اللهِ ﷺ عُمرُގެފަނުގެ އަތްޕުޅުގައި ހިއްޕަވައި حديث ކުރެއްވި އެވެ. "عمر އެވެ. އީމާންވާށެވެ"! ދެން عُمرُގެފާނު ސާފު ހިތަކާއިގެން ޝަހާދަތުގެ ދެ ކަލިމަ ކިޔުއްވި އެވެ. ލިބުނު އުފަލުން އަޞްޙާބު ބޭކަލުން ހަރު އަޑުން تكبير ކިޔުއްވަން ފަށްޓަވައިފި އެވެ.
"'އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! أبو جهل ނުވަތަ ޢުމަރާ އެކު މި ދީން ބަރުގަދަކުރައްވާދޭވެ".
حديث الشّريف
އިސްލާމް ވުމަށް ފަހު ކަންތައް ދިމާވި ގޮތް عُمرُގެފާނު ތިރީގައި ވާ ގޮތަށް ސިފަކުރައްވާފައި ވެއެވެ. "އަހަރެން އިސްލާމްވީ އިރު، އަޞްޙާބު ބޭކަލުން ތިއްބަވަނީ މުޝްރިކުންނަށް ފިއްލަވައިގެންނެވެ. އަދި އަޅުކަން ކުރައްވަނީ ސިއްރިއްޔާތުގައެވެ. އެކަމާ އަހަރެން ހުންނަނީ ވަރަށް ދެރަވެފައެވެ. އަދި ރަސޫލާގެ އަރިހުގައި ދެންނެވީމެވެ. 'ލޮބުވެތި ރަސޫލާ އެވެ! އަޅުގަނޑުމެން މި ތިބީ ރަނގަޅު މަގުގައި ނޫން ތޯ އެވެ؟' رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އާނއެކެވެ. ތިމަންކަލޭގެފާނުގެ ވުޖޫދުވުން އެކަލާނގެ ކަށުކުޅަދުންވަންތަކަމުގައިވާ، އަދި ތިޔަބައި މީހުން ތިބީ ދިރިދުނިޔޭގައި ތޯ ނުވަތަ މަރުވެފައި ތޯ ނިންމަވާ الله تعالى ގަންދީ ހުވާކުރައްވައި حديث ކުރައްވަމެވެ. ތިޔަބައި މީހުން ވަނީ ތެދު މަގުގައެވެ". އެހެން حديث ކުރެއްވުމާ އެކު އަހަރެން ދެންނެވީމެވެ. 'ރަސޫލާއެވެ! އަޅުގަނޑުމެން ތެދު މަގުގައި ތިބި އިރު، އަދި މުޝްރިކުން ތިބީ ބާޠިލު މަގުގައި ކަމަށް ވާ ނަމަ، އަޅުގަނޑުމެންގެ ދީން ފޮރުވަނީ ކީއްވެގެން ތޯ އެވެ؟ ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ކާފަރުކަމާ ދެކޮޅަށް އިސްލާމް ދީން އިޢުލާން ކުރުމަށް މާ އައުލާކަން ބޮޑުވެގެން ވެއެވެ. އެއްވެސްޝައްކެއް ނެތް ގޮތުގައި، الله تعالىގެ ދީން މައްކާ ގައި ކުރިއަރާނެ އެވެ. އަޅުގަނޑުމެންގެ ޤައުމުގެ މީހުން އަޅުގަނޑުމެންނާ ދޭތެރޭ އިންޞާފުވެރި ނަމަ، އެގޮތް ވަރަށް ރަނގަޅެވެ. އެކަމަކު، އެ މީހުން ދެކޮޅަށް ދެތުވާ ނަމަ، އަޅުގަނޑުމެން އެ މީހުންނާ ހަނގުރާމަކުރާނަމު އެވެ'. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. 'އަހަރެމެން ގެ ޢަދަދު ވަރަށް މަދެވެ'.
އަޅުގަނޑު ދެންނެވީމެވެ. 'ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ތެދުވެރި ރަސޫލެއްގެ ގޮތުގައި ފޮނުއްވި الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ޖެހިލުންވުމެއް ނުވަތަ ބިރުވެރިކަމަކާ ނުލައި އަޅުގަނޑު އެބަޔަކާ އެކު އިށީނދެ އިސްލާމް ދީނާ ބެހޭގޮތުން ވާހަކަނުދައްކާނޭ މުޝްރިކުންގެ ގުރޫޕެއް ނުތިބޭނެ އެވެ. އަޅުގަނޑުމެން ފާޅުވަމާ ހިނގާށެވެ!'. މި އެދުނު ކަންތަކަށް ހުއްދަ ލިބުމުން، އަޅުގަނޑުމެން ދެ ސަފެއް ގޮސް ޙަރަމުއްޝަރީފަށް ވަދެއްޖައީމުއެވެ. حمزة ގެފާނު ހުންނެވީ އެއް ސަފުގެ ވެރިޔަކަށެވެ. އަދި އަނެއް ސަފުގެ އިސް މީހަކަށް ހުރީ އަޅުގަނޑެވެ. އަޅުގަނޑުމެން ޙަރަމަށް ވަނީ ހައިބަތްތެރި ގޮތަކަށް ބިންގަނޑު ތަޅާލާ ފަދަ ސާބިތު ފިޔަވަޅުތަކެއް އަޅަމުންނެވެ. ޤުރައިޝުންގެ މުޝްރިކުން ދިޔައީ، حمزة ގެފާނާއި އަޅުގަނޑާ ދިމާލަށް ބަލަމުންނެވެ. މީގެ ކުރިން އެ މީހުންގެ މުޅި ޙަޔާތުގައި ވެސް ނުކުރެވޭ ފަދަ ހިތާމަޔާއި ހިތްދަތިކަން އެ މީހުންނަށް ލިބިގެންދިޔައެވެ".
عُمرُގެފާނުގެ ގެފުޅަށް މި ގޮތަށް ވެންނެވުމުން، أبو جهل ކުރިޔަށް ޖެހިލާފައި ބުންޏެވެ. "އޭ ޢުމަރާއެވެ! މީގެ މާނަ އަކީ ކޮބައި ހެއްޔެވެ"؟ أبو جهل އަށް އެއްވެސް ސަމާލުކަމެއް ދެއްވުމެއް ނެތު عُمرُގެފާނު ވިދާޅުވި އެވެ. "أشهد أن لا إله وأشهد أنّ محمدا عبده ورسوله". أبو جهل އަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
أبو جهل އަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އޭނާ ހުރީ ޙައިރާންވެ އަންތަރީސް ވެފައެވެ. އެރާ ތިބި މުޝްރިކުންނާ ދިމާލަށް އެނބުރި ވަޑައިގެންފައި عُمرُގެފާނު ވިދާޅުވި އެވެ. "އޭ ޤުރައިޝް ވަންހައިގެ މީހުންނޭވެ! އަހަރެން ދަންނަ އެންމެންނަށް ވެސް އެނގޭނެ އެވެ! އެކަން ނުދަންނަ މީހުން ދަންނާށެވެ. އަހަންނަކީ ޚައްޠާބުގެ ފިރިހެންދަރި عُمرُ އެވެ. އެމީހެއް އަންހެން ހުވަފަތްކޮށް، ދަރިން ޔަތީމުކުރަން ބޭނުން މީހަކު ހުރެއްޖެ ނަމަ ނިކަން ޙަރަކާތްކޮށްބަލާށެވެ. ޙަރަކާތެއް ކޮށްލާ ކޮންމެ މީހަކު އަހަރެންގެ ކަނޑިން ފޮތިފޮތިކޮށްލާނަމެވެ"! عُمرُގެފަނު މިހެން ވިދާޅުވުމާ އެކު، މުޝްރިކުން ވަގުތުން ވަފުތަށް އެތަނުން ރައްކާވެޖެ އެވެ. رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ސަފެއް ހައްދަވާލައްވާފައި، ބާރު އަޑުން ތަކުބީރު ކިޔުއްވަން ފަށްޓަވައިފި އެވެ. "الله أكبر" މި އަޑުން މައްކާގެ ޖައްވު ގުގުމާލައިފި އެވެ. އެއީ، الحرم الشَّريف ގައި ފުރަތަމަ ފަހަރަށް މުސްލިމުން ފާޅުގައި ޢާއްމުކޮށް ނަމާދުކުރި ފަހަރެވެ.13
عُمرُގެފާނު އިސްލާމްވެ ވަޑައިގަތުމުން ކީރިތި قرآن ގެ سورة الأنفال ގެ 64 ވަނަ އާޔަތް ބާވައިލެއްވުނެވެ. (يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ﴿٦٤﴾) * الأنفال: 64) މާނައީ: "އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް ﷲ ފުދެއެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހަކަށް ވެސް މެއެވެ". عُمرُގެފާނު އިސްލާމްވީ ތަން ފެނި، އިސްލާމް ދީނަށް ވަނުމަށް ޖެހިލުންވެފައި ތިބި ބައެއް މީހުން އިސްލާމްވެއްޖެ އެވެ. އަޞްޙާބު ބޭކަލުންގެ ތެރޭގައި ހިމެނުމުން، އެ ބޭކަލުން ވަރަށް އުފާވިއެވެ.
ގެފުޅު ކުރިން ހުރި ގޮތް – މައްކަތުލް މުކައްރަމާ
"ޙަބަޝް ކަރަޔަށް އެނބުރި ވަޑައިގަންނަވާށެވެ. އޭރުން، الله تعالى ގެ އިސްމުފުޅުގެ ބަރަކާތުން ތިބާމެން ރައްކާތެރިކުރައްވާނެތެވެ".
حديث الشريف
ދުވަހެއް ދުވަހަކަށް މުސްލިމުންގެ ޢަދަދު އތުރުވާން ފަށައިފި އެވެ.
ކުރާ ކޮންމެ ކަމެއް ގައި ރަޙްމާނުގެ ނަން އެކަލޭގެފާނު ނަންގަންނާނެތޭ،
މަދަޙަކިޔޭ އަދި ދީލަތިކަމުގެ ފައްވާރާ ކަމުގައިވާ ރަސޫލާ އޭ.
އެކަލޭގެފާނަކީ މަތިވެރިކަމާއި، ޢިލްމާއި، ދީލަތިކަމުގެ މަޞްދަރޭ،
ރިވެތި އަޚްލާޤުން ފުރިގެންވާ ދީލަތިކަމުގެ ފައްވާރާ ކަމުގައިވާ އެކަލޭގެފާނުގެ ރޫޙޭ.
އެކަލޭގެފާނަކީ، އެކަލާނގެ ހުރިހާ މަޚްލޫޤުންނަށް މަޑުމައިތިރި އަދި ތަވާޟުޢުވެރިއެކޭ،
އިޙްސާންތެރިކަމާ އޯގާތެރިކަން އެކަލާނގެ ދެއްވާނެ އޭ، އެކަލާނގެ ދީލަތިކަމުގެ ފައްވާރާއޭ.
ޙަބަޝް ކަރަޔަށް ދެވަނަ ހިޖުރަކުރުން
އަޞްޙާބު ބޭކަލުން މައްކާ އަށް އެނބުރި ވަޑައިގަތުމުން، މުޝްރކުން އެ މީހުންގެ މައްޗަށް ގޯނާކޮށް ދުއްތުރާކުރަން ފަށައިފި އެވެ. އެމީހުންގެ އަނިޔާވެރިކަން މަޑުމަޑުން ދިޔައީ އިތުރުވަމުންނެވެ. އެއްވެސް ޖެހިލުންވުމެއް ނެތި އެ މީހުން ދިޔައީ ހުރިހާ ވައްތަރެއްގެ އަނިޔާ ދެމުންނެވެ. އެއް ދުވަހަކު، عثمان ގެފާނު ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި ޙަބަޝް ކަރަޔަކީ ވިޔަފާރިކުރުމަށް ރަނގަޅު ތަނެކެވެ. އެއް މަސް ދުވަހުގެ ވިޔަފާރިން ވަރަށް ގިނަ ފައިދާ ލިބެއެވެ. ހިޖުރަކުރުމަށް الله تعالى މަންޒިލެއް ދައްކަވަންދެން މުސްލިމުންނަށް އެއަށް ވުރެ ރަނގަޅު ތަނެއް ނެތެވެ. އެންމެ ކުޑަމިނުން ޤުރައިޝް ވަންހައިގެ އަނިޔާވެރިކަމުން މުއުމިނުން މިންޖުވާނެތެވެ. ނަޖާޝީގެ ފަރާތުން އަޅުގަނޑުމެންނަށް ގިނަގުނަ އެހީތައް ލިބެއެވެ". އެހިސާބުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ޙަބަޝް ކަރަޔަށް އެނބުރި ވަޑައިގަންނަވާށެވެ. އޭރުން، الله تعالى ގެ އިސްމުފުޅުގެ ބަރަކާތުން ތިބާމެން ރައްކާތެރިކުރައްވާނެތެވެ".
عُمرُގެފާނު ދެންނެވިއެވެ. "ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު އެތަނަށް ވަޑައިގެންފި ނަމަ، އެބައި މީހުން އިސްލާމްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ، އެމީހުންނަކީ ފޮތުގެ އަހުލުވެރީންނެވެ. އެބައި މީހުން ފަސޭހަކަމާ އެކު އިސްލާމް ދީން ޤަބޫލުކުރާނެތެވެ. އަދި އެބައި މީހުންގެ އެހީތެރިކަން ނުދީ ނުތިބޭނެ އެވެ". رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނަށް އަމުރުކުރެވިގެންވަނީ ޞުލްޙަ ޤާއިމްކޮށް ހިތްގައިމުކަން ގެނެސްދޭކަށެއް ނޫނެވެ. ހިޖުރަކުރުމާ މެދު الله تعالى ގެ އަމުރުފުޅަށް ތިމަންކަލޭގެފާނު މި ދަނީ އިންތިޒާރުކުރަމުންނެވެ. ތިމަންކަލޭގެފާނު ޢަމަލުކުރައްވާނީ الله تعالى އަންގަވާ ގޮތަކަށެވެ".
بعثة އަށް ހަވަނަ އަށް ވީ އަހަރު، 83 ފިރިހެނުންނާއި، 18 އަންހެނުން ހިމެނޭ ހެން ސަތޭކަ އެއް ޞަޙާބީންގެ މައްޗަށް އެކުލެވޭ ޤާފިލާއެއް ދެވަނަ ފަހަރަށް ޙަބަޝް ކަރަޔަށް ދިއުމަށް ޓަކައި ދަތުރު ހަދައިފި އެވެ. މި ޤާފިލާގެ ވެރިޔަކަށް ހެއްދެވީ جعفر بن أبي طالب އެވެ. ޙަބަޝް ކަރައިން އެ ބޭފުޅުންނާ ދިމާވި ކަންތައްތައް أُمُّ سلمى (رضي الله عنها) ސިފަކުރައްވަނީ ތިރީގައި ވާ ގޮތަށެވެ:
"އަހަރެމެން ޙަބަޝް ކަރަޔަށް ދެވުމުން، އަހަރެމެންނާ ދިމާވީ ވަރަށް ރަނގަޅު އަވަށްޓެރިޔަކާ އެވެ. އެއ، ޙަބަޝް ކަރައިގެ ވެރިޔާ ނަޖާޝީ އެވެ. އަހަރެމެން އެދުނު ހުރިހާ ކަމެއް އެ ވެރިޔާ ހަމަޖައްސައިދިނެވެ. އަހަރެމެން ބޭނުންވީ ގޮތަށް އަހަރެމެންގެ ދީނުގައި އަމުރުކުރައްވާފައިވާ ކަންތައްތައް އަހަރެމެން ބޭނުންވީ ގޮތަށް ކުރެވުނެވެ. އަހަރެމެންނަށް އެއްވެސް ގޯނާކުރުމަކާ ދިމާނުވެ، މިނިވަންކަމާ އެކު الله تعالى އަށް އަޅުކަން ކުރެވުނެވެ. އަހަރެމެންނަށް އެއްވެސް ގޯސް ބަސްތަކެއް އަޑެއް ނާހަމު އެވެ".
ޙަބަޝް ކަރައިގައި ކަންތައްތައް ވަމުން ދާ ގޮތް މައްކާގެ މުޝްރިކުންނަށް އެނގުމުން، އެ މީހުން ގަސްތުކުރީ ޙަބަޝް ކަރައިގެ ވެރިޔާގެ އަރިހަށް 2 މަންދޫބުން ފޮނުވުމަށެވެ. ވަރަށް އަގުބޮޑު ތަކެތީގެ އިތުރުން، ނަޖާޝީ ވަރަށް ބޮޑަށް ގަޔާވާ މައްކާގެ ލެދަރ އިން ހަދާފައިވާ ހަދިޔާތަކެއް ވެސް ނަޖާޝީ އަށް އެރުވުމަށް ތައްޔާރުކުރެވުނެވެ. ދީނީ ފާދިރީންނާއި، ސަރުކާރުގެ އިސް ވެރިންނަށް އެރުވުމަށް ވެސް ހަދިޔާ ތައްޔާރުކުރެވުނެވެ. މި ކަމަށް އެ މީހުން ހަމަޖެއްސީ عبدالله بن أبي رابعة އާއި، عمرو بن العاص އެވެ. ނަޖާޝީގެ އަރިހުގައި ދައްކާނެ ވާހަކަ މި ދެ މީހުންނަށް ވަނީ ކިޔައިދީފައެވެ. އެ ދެމީހުން ކައިރީ ގައި ބުނެވުނީ" "ކަލޭމެން ވެރިޔާއާ ވާހަކަދެއްކުމުގެ ކުރިން އޭނާގެ ފާދިރީންގެ ކޮންމެ ވެރިޔަކަށާއި، ޢަސްކަރީ ކޮމާންޑަރުންނަށް ހަދިޔާ ދޭށެވެ. އޭގެ ފަހުން ނަޖާޝީ އަށް ހަދިޔާ އަރުވާށެވެ. އޭގެ ފަހުން، އެތާ ތިބި މުސްލިމުން ކަލޭގެފާނާ ޙަވާލުކޮށްދިނުމަށް ދަންނަވާށެވެ. މުސްލިމުންނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ނަޖާޝީ އަށް ނުދޭށެވެ".14
މަންދޫބުން ޙަބަޝް ކަރަޔަށް އަތުވެއްޖެ އެވެ. ސަރުކާރުގެ ވެރިންނާ ބައްދަލުކޮށް ހަދިޔާ ދިނުމުގެ ފަހުން، އެއިން ކޮންމެ މީހެއް ކައިރީގައި ބުންޏެވެ. "ބައެއް މީހުން އަހަރެމެން ތެރޭގައި އަތުވެއްޖެ އެވެ. އެ މީހުން އަލަށް ހަދައިގެން އުޅޭ ދީނަކީ، ކަލޭމެންނަށް އަދި އަހަރެމެންނަކަށް ވެސް އެނގޭ ދީނެއް ނޫނެވެ. އަހަރެމެން ބޭނުންވަނީ މި ދެންނެވި މީހުން އަނބުރާ އެމީހުންގެ ވަޠަނަށް ގެންދާށެވެ. ކަލޭމެން ގެ ވެރިޔާ އާ، އެ މީހުންނާ ބެހޭގޮތުން ވާހަކަދައްކާ އިރު، އެ މީހުން ކަލޭމެންގެ ވެރިޔާއާ ވާހަކަދެއްކުމުގެ ކުރިން މި ބުނި މީސްތަކުން އަހަރެމެންނާ ޙަވާލުކުރާކަން ޔަޤީންކޮށްދޭށެވެ. އެ މީހުންނާ އެންމެ ރަނގަޅަށް މުޢާމަލާތްދެނީ އެ މީހުންގެ މައިންބަފައިންނާއި، އަވަށްޓެރިންނެވެ. އެ މީހުންނަށް މި މީހުން ވަރަށް ރަނގަޅަށް އެނގެއެވެ".15 ދީނީ ފާދިރީން މި ޚިޔާލުތައް ޤަބޫލޮށްފި އެވެ. އޭގެ ފަހުން މައްކާގެ މަންދޫބުން ނަޖާޝީ އަށް ހަދިޔާ އަރުވައިފި އެވެ. ނަޖާޝީ އެ ހަދިޔާތައް ޤަބޫލުކޮށް، އެ މީހުންނަށް ދަޢުވަތު ދީ، އިރުގަނޑެއް ވަންދެން އެ މީހުންނާ ވާހަކަދައްކަން ހުއްޓެވެ.
މަންދޫބުން ނަޖާޝީ އަށް ދެންނެވޫއެވެ. "އޭ ވެރިޔާއެވެ! އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މަނިކުފާނުގެ ޤައުމުގައި ޙިމާޔަތްހޯދައިގެން އެބަ ތިއްބެވެ. އެގޮތުން އައި މީހުން ވަނީ އެ މީހުންގެ ޤައުމުގެ ދީން ދޫކޮށްފައެވެ. އަދި މަނިކުފާނުގެ ދީނެއް ވެސް ޤަބޫލެއް ނުކުރިއެވެ. އެ މީހުންގެ ސިކުނޑިތަކާ ގުޅޭހެން، އެ މީހުން އުޅެނީ ދީނެއް ހަދައިގެންނެވެ. މަނިކުފާނަކަށް ވެސް އަދި އަޅުގަނޑުމެންނަކަށް ވެސް އެ ދީނެއް ނޭނގެއެވެ. މަނިކުފާނާ ހަމައަށް އަޅުގަނޑުމެން ފޮނުވީ، އެ މީހުން ނިސްބަތްވާ ޤައުމުގެ ކަމުވޮށިގެންވާ މީހުންނެވެ. މި ދެންނެވި ކަމުވޮށިގެންވާ މީހުންނަކީ، މަނިކުފާނުގެ ޤައުމުގައި ޙިމާޔަތް ހޯދައިގެން ތިބި މީހުންގެ ބައްޕައިންނާއި، ތިމާގެ މީހުންނެވެ. އެ ކަމުވޮށިގެންވާ މީހުންގެ އެދުމަކީ، މަނިކުފާނު އެބައި މީހުން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލެއްވުމެވެ. އެހެނީ، އެބައި މީހުންގެ ޙާލަތު ބޮޑަށް އެނގޭނީ، އެ ކަމުވޮށިގެންވާ މީހުންނަށް ކަމަށް ވާތީ އެވެ. އެބައި މީހުންގެ ދީނުގައި ޤަބޫލުނުކުރެވޭނެ ކަންތައްތައް ބޮޑަށް އެނގޭނީ އެބައި މީހުންނަށެވެ..."
عمرو بن العاص އާއި، عبدالله بن أبي رابعة އެންމެ ބޮޑަށް ބޭނުންވީ، ނަޖާޝީ އެ މީހުން ދެއްކި ވާހަކަ އަޑުއައްސަވައި، އެ މީހުން އެދުނު ކަންތައް ކޮށްދިނުމަށެވެ. މަންދޫބުން ވާހަކަދެއްކުމަށް ފަހު، ނަޖާޝީގެ ފާދިރީން ވާހަކަދެއްކުމުގެ ހުއްދަ ހޯދުމަށް ފަހު ބުނޫއެވެ. "އެ މަންދޫބުން ބުނީ ވަރަށް ތެދު ވާހަކައެކެވެ. އެ މީހުންނާ މުޢާމަލާތްކޮށް، އެމީހުން ގަޔާވާ ކަންތައްތަކާއި، ގަޔާނުވާ ކަންތައް ދެނެގަނެވޭނީ އެބައި މީހުންގެ މީހުންނަށެވެ. އެހެންކަމުން، މިތާ ތިބި މީހުން މި މީހުންނާ ޙަވާލުކޮށްދެއްވާށެވެ. އޭރުން، އެބައިމީހުންގެ އަމިއްލަ މީހުންނާއި ޤައުމަށް ގެންދެވޭނެ އެވެ".
މި ވާހަކަތައް އަޑުއެހުމަށް ފަހު ނަޖާޝީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވިދާޅުވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ނޫނެކެވެ. ތިބުނާ މީހުނެއް އަހަރެން ކަލޭމެންނާ ޙަވާލެއް ނުކުރާނަމެވެ. އަހަރެންގެ ޤައުމަށް އައިސް އަހަރެންގެ ފަރާތުން ޙިމާޔަތް ހޯދައިގެން ތިބި މީހުންނަށް ދޯކާއެއް ނުދޭނަމެވެ. އެހެން ފަރާތަކުން ޙިމާޔަތް ހޯދުމުގެ ބަދަލުގައި އެ މީހުން އިސްކަންދިނީ އަހަންނަށެވެ. އެހެންކަމުން، އަހަރެންގެ ގަނޑުވަރަށް ޒިޔާރަތްކުރުމަށް ހިޖުރަކުރި މީހުންނަށް ދަޢުވަތުދީގެން ގެނެސް، މި ދެ މީހުން މި ކިޔާ އެއްޗަކާ މެދު އެ މީހުން ބުނަނީ ކީކޭ ތޯ އަހައި، އެ މީހުން ދޭ ޖަވާބަކަށް އަޑުއަހާނަމެވެ. ހިޖުރަކުރި މީހުންނަކީ، މި ދެ މީހުން ބުނާ ކަހަލަ ބައެއް ނަމަ، އެ މީހުންގެ ޤައުމާ ޙަވާލުކުރުމަށް ޓަކައި، މި ދެ މީހުންނާ ޙަވާލުކުރާނަމެވެ. އެހެން ނޫން ނަމަ، އެ މީހުން އަހަރެންގެ ޤައުމު ގައި ތިބޭހާ ހިނދަކު އެ މީހުންނަށް ޙިމާޔަތްދީ ރަނގަޅަށް ކަންތައް ކުރާނަމެވެ".
ކުރިން، ނަޖާޝީ ވަނީ، މުޤައްދަސް ފޮތްތައް ކިޔައިފައެވެ. އެހެންކަމުން، محمّد (عليه السّلام) ވަޑައިގަތުން ކައިރިވެއްޖެ ކަމާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް އިމާންނުވާނެ ކަމާއި، އެ މީހުން އެކަލޭގެފާނަކީ ދޮގުވެރިއެކޭ ބުނެ މައްކާ އިން ބޭރުކުރާނެ ކަން ނަޖާޝީ އަށް ވަނީ އެނގިފައެވެ.
ނަޖާޝީ މައްކާ އިން އައިސް ތިބި ދެ މަންދޫބުންނާ ސުވާލުކުރި އެވެ. "އެބައި މީހުން އީމާން ވަނީ ކޮން ފަރާތަކަށް ހެއްޔެވެ"؟ އެބޭކަލުން ޖަވާބު ދެއްވި އެވެ. "محمّدގެފާނެވެ". ނަޖާޝީ އަށް މި ނަމުގެ އަޑު އިވުމުން، އެއީ ރަސޫލެއް ކަން އެނގުނެވެ. އެހެން ނަމަވެސް އެކަން ފާޅުނުކޮށް ހުރީ އެވެ. އޭނާ އަނެއްކާ ވެސް އަހައިފި އެވެ. "އެކަލޭގެފާނުގެ ދީނާއި މަޒްހަބަކީ ކޮބައި ހެއްޔެވެ؟ އަދި އެކަލޭގެފާނު މީސްތަކުންނަށް ގޮވާލައްވަނީ ކޮން ކަމަކަށް ހެއްޔެވެ"؟ عمرُو ޖަވާބު ގައި ވިދާޅުވި އެވެ. "އެކަލޭގެފާނުގެ މަޒްހަބެއް ނެތެވެ". ނަޖާޝީ ބުނެފި އެވެ. "އެ ބައެއްގެ ދީން ނުވަތަ މަޒްހަބު އަހަންނަށް ނޭނގޭ އަދި އަހަރެންގެ ފަރާތުން ޙިމާޔަތް ހޯދާފައިވާ މުޖްތަމަޢެއް، ބަޔަކާ ޙަވާލުކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެންގެ ކައުންސިލް އެއްކުރަމާ ހިނގާށެވެ. އެ މީހުން ވެސް ގެނެސް ކަލޭމެންނާ ކުރިމަތިލަމާ ހިނގާށެވެ. އޭރުން ކޮންމެ ބަޔެއްގެ ޙާލަތު ވެސް ސާފުކޮށް އެނގޭނެ އެވެ. އަދި އަހަންނަށް އެ މީހުންގެ ދީނާ ބެހޭގޮތުން އެނގޭނެ އެވެ". އެމީހުން މުސްލިމުން ގަނޑުވަރަށް ޙިމާޔަތްދީފި އެވެ.
"ސަޖިދަޖެހުން އޮތީ ހަމައެކަނި الله تعالى އަށް އެކަންޏެވެ".
حديث الشريف
މުސްލިމުން ފުރަތަމަ އެ މީހުންގެ މެދުގައި މަޝްވަރާކޮށްފައި ބުނޫއެވެ. "ޙަބަޝް ކަރައިގެ ވެރިޔާ ރުއްސައި، އޭނާގެ މިޒާޖާ ގުޅޭ ގޮތަށް އަހަރެމެން ބުނާނީ ކީކޭ ހެއްޔެވެ"؟ ޖަޢުފަރުގެފާނު ވިދާޅުވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެމެންނަށް މި މައްސަލަ އާ ބެހޭގޮތުން އެނގެނީ އަހަރެމެންގެ ރަސޫލާ حديث ކުރައްވާފައިވާ އެއްޗެކެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އަހަރެމެން އެ ގޮތެއް ޤަބޫލުކުރާނަމު އެވެ". އެމީހުންގެ އެންމެން އިއްތިފާޤުން އެއްބަސްވީ، ވާހަކަދައްކަވާނީ ހަމައެކަނި ޖަޢުފަރުގެފާނު ކަމަށެވެ. އެމީހުން ނަޖާޝީގެ އަރިހަށް އަތުވެއްޖެ އެވެ. ނަޖާޝީ އެމީހުން ކައިރިން އެހި އެވެ. "ކަލޭމެން ސަޖިދަ ނުޖެހީ ކީއްވެގެން ހެއްޔެވެ"؟ އެމީހުން ބުނެފޫއެވެ. "الله تعالى ފިޔަވައި އެހެން އެއްވެސް މީހަކަށް އަހަރެމެން ސަޖިދައެއް ނުޖަހަމު އެވެ. ﷲ ފިޔަވާ އެހެން ފަރާތަކަށް ސަޖިދަޖެހުން رَسُوْلُ اللهِ ﷺ ވަނީ އަހަރެމެންގެ މައްޗަށް މަނާކުރައްވާފައެވެ. އެ ގޮތުން حديث ކުރައްވާފައިވަނީ، "ސަޖިދަޖެހުން އޮތީ ހަމައެކަނި الله تعالى އަށް އެކަންޏެވެ".
ހިޖުރަކޮށްފައި ތިބި މުސްލިމުންގެ ގާތުން ނަޖާޝީ އެހިއެވެ. "އަހަރެންގެ ޙާޒިރުގައި ތިބި މުޖްތަމަޢުގެ މީހުންނޭވެ! އަހަރެންގެ ކައިރި އަށް ތިޔަބައި މީހުން އައި ސަބަބު ބުނެދީބަލާށެވެ. ތިޔަބައި މީހުންގެ ޙާލަތަކީ ކޮބައި ހެއްޔެވެ؟ ތިޔައީ ވިޔަވާރިވެރިންނެއް ނޫނެވެ؛ ތިޔަބައި މީހުން އެދޭ ކަމެއް ވެސް ނެތެވެ. ތިޔަބައި މީހުންގެ ގާތަށް ވަޑައިގެންނެވި ރަސޫލާގެ ޙާލަތަކީ ކޮބައި ހެއްޔެވެ؟ ތިޔަބައި މީހުންގެ ޤައުމުން އަހަންނާ ހަމަޔަށް އައި ދެ މީހުން އަހަންނަށް މަރުޙަބާކީ ގޮތަށް ތިޔަބައި މީހުން އަހަންނަށް މަރުޙަބާނުކީ ކީއްވެގެން ހެއްޔެވެ"؟ ޖަޢުފަރު (رضي الله عنه) ވިދާޅުވިއެވެ.:
"އޭ ވެރިޔާ އެވެ! އެންމެ ފުރަތަމަ އަހަރެން ތިން ކަމެއްގެ ވާހަކަ ކިޔައިދޭނަމެވެ. އަހަރެން ތެދުބުނާ ނަމަ، އެކަމަށް ހުއްދަދޭށެވެ؛ އަހަރެން ދޮގުހަދާ ނަމަ، އެކަމެއް ޤަބޫލުނުކުރާށެވެ. މިތިބަ މީހުންގެ ތެރެއިން އެކަކު ވާހަކަދައްކަން އަމުރުކޮށްފައި ދެން ހުރި މީހާ އަނގަމަޑުންލައިގެން ތިބެން އަމުރުކުރާށެވެ". عمرو بن عاص ބުންޏެވެ. "ވާހަކަދައްކާނީ އަހަންނެވެ". ނަޖާޝީ ބުންޏެވެ. "އޭ جعفر އެވެ! ކަލޭގެފާނު ފުރަތަމަ ވާހަކަދައްކާށެވެ". جعفر ވިދާޅުވި އެވެ. "އަހަރެން ބުނަން އޮތީ ތިން ވާހަކައެކެވެ. އެ މީހާ ކައިރީ އަހާށެވެ. "ހިފަހައްޓާފައި އަނބުރާ ފޮނުވާލަން އަހަރެމެންނަކީ އަޅުން ހެއްޔެވެ"؟ ނަޖާޝީ ބުންޏެވެ. "އޭ عمرُو އެވެ! މި މީހުންނަކީ އަޅުން ހެއްޔެވެ"؟ عمرُو ޖަވާބު ގައި ބުންޏެވެ. "ނޫނެކެވެ! އެ މީހުންނަކީ އަޅުންނެއް ނޫނެވެ. އެއީ މިނިވަނުންނެވެ". جعفرގެފާނު ވިދާޅުވި އެވެ. "ލޭ އޮހޮރުވާލެވުނު މީހުންގެ ގާތަށް އަނބުރާ ފޮނުވާލުމަށް ޓަކައި، އަހަރެމެން އެއްވެސް މީހެއްގެ ލޭ އިންޞާފުން ބޭރުން އޮހުވާލީ ހެއްޔެވެ؟ عمرُو ކައިރިން ނަޖާޝީ އެހި އެވެ. "މިތިބަ މީހުން އިންޞާފުން ބޭރުން އެއްވެސް މީހަކު މެރި ހެއްޔެވެ"؟ عمرُو ޖަވާބު ގައި ބުންޏެވެ. "ނޫނެކެވެ. އެ މީހުން އެންމެ ލޭތިއްކެއް ވެސް އޮހޮރުވާފައެއް ނެތެވެ". جعفرގެފާނު ނަޖާޝީ ކުރެން އެއްސެވި އެވެ. "އެ މުދަލެއް އަނބުރާ ދޭންޖެހޭ، އިންޞާފުން ބޭރުން އަހަރެމެން ނެގި އެހެން މީހެއްގެ އެއްވެސް މުދަލެއް ވޭހެއްޔެވެ"؟ ނަޖާޝީ ބުންޏެވެ. "އޭ عمرُو އެވެ! މިތިބަ މީހުން ދައްކަންޖެހޭ އެއްވެސް ދަރަންޏެއް، އެއީ ކިތަންމެ ގިނަ ރަނަށް ވިޔަސް، އަހަރެން ދައްކާނަމެވެ. އަހަރެން ކައިރީގައި ބުނާށެވެ". عمرُو ޖަވާނުގައި ބުންޏެވެ. "ނޫނެކެވެ! އެންމެ ފައިސާފޮއްޗެއް ވެސް ދޭކަށް ނެތެވެ". ނަޖާޝީ އެހިއެވެ. "ދެން ކަލޭމެން މި މީހުން ކައިރިން ބޭނުންވަނީ ކޯއްޗެއް ހެއްޔެވެ"؟ عمرُو ޖަވާބު ގައި ބުންޏެވެ. "އަހަރެމެން ތިބީ އެއް ދީނެއްގައެވެ. އަދި އެމީހުންނާ އެއް މަގެއްގައެވެ. އެ މީހުން އެ ދީން ދޫކޮށްލީ އެވެ. އެ މީހުން ޤަބޫލުކުރަނީ މުޙައްމަދާއި އެކަލޭގެފާނުގެ ދީނެވެ". ނަޖާޝީޖަޢޫފަރުގެފާނުގެ އަރިހުން އެހިއެވެ. "ތިބާގެ ދީންކޮށް އެހެން ދީނަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ކަލޭމެންގެ ޤައުމުގެ މީހުންގެ ދީން ދޫކޮށްލައި، އަހަރެންގެ ދީނުގައި ނެތުމުން، ކަލޭމެން އަޞްލު ޤަބޫލުކުރަނީ ކޮން ދީނެއް ހެއްޔެވެ؟ އެ ދީނާ ބެހޭގޮތުން މަޢޫލޫމާތު ދެވިދާނެ ހެއްޔެވެ"؟
جعفرގެފާނު ވިދާޅުވި އެވެ."އޭ ވެރިޔާ އެވެ. އަހަރެމެން ތިބީ ޖާހިލު ޤައުމެއްގެ ގޮތުގައެވެ. އަހަރެމެން އަޅުކަންކުރީ ބުދުތަކަށެވެ. މަރުވެފައިވާ ޖަނަވާރުތަކުގެ މުޅަ މަސް ކައި، ހުރިހާ ބާވަތެއްގެ ނުބައި ކަންތައްތަކަށް އަހަރެމެން ދިޔައީ އަރައިގަންނަމުންނެވެ. އަހަރެމެންގެ ތިމާގެ މީހުންނާ އޮންނަ ގުޅުން ކަނޑައިލާ އަހަރެމެންގެ އަވަށްޓެރިންނަށް ނުބައިކޮށް މުޢާމަލާތްކުރީމު އެވެ. އަހަރެމެންގެ ތެރޭގައި ތިބި ބާރުގަދަ މީހުން ބަލިކަށި މީހުންނާ ދޭތެރޭ އެއްވެސް ރަޙުމެއް ނެތް ގޮތުގައި އަނިޔާވެރިކޮށް ކަންތައް ކުރިއެވެ. އަހަރެމެންގެ ޤައުމުގެ ތެރެއިން، އެބޭކަލެއްގެ އިތުބާރުހިފުމާއި، ޢިއްފަތްތެރިކަމާއި، ޠާހިރުކަމާއި، މާތްކަން އަހަރެމެން ދަންނަ ބޭކަލަކު الله تعالى ރަސޫލަކު ކަމުގައި ފޮނުއްވުމަށް ދާންދެން އަހަރެމެން ތިބީ އެ ގޮތުގައެވެ. އެ ރަސޫލާ އަހަރެމެންނަށް ދަޢުވަތު ދެއްވީ، الله تعالى ގެ ވޮޑިގެންވުމާއި، އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، އެކަލާނގެ އަށް އަޅުކަންކުރުމަށާއި، އަހަރެމެންނާއި އަހަރެމެންގެ ކާބަފައިން އަޅުކަންކުރި ހިލަތަކާއި ބުދުތައް ދޫކޮށްލުމަށެވެ. އެކަލޭގެފާނު އަމުރުކުރެއްވީ، ތެދުބަހުން ވާހަކަދެއްކުމަށާއި، އިތުބާރު ގެއްލުވާނުލުމަށާއި، ގާތްތިމާގެ މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އަވަށްޓެރިންނާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމަށާއި، ފާފަތަކުންނާއި، ލޭއޮހޮރުވުމުން ދުރުވުމަށެވެ. އެކަލޭގެފާނު ވަނީ ހުރިހާ ވައްތަރެއްގެ ބަދުއަޚްލާޤީ ކަންތައްތަކާއި، ދޮގުހެދުމާއި، ޔަތީމުންގެ މުދާތައް ޖަހައިގަތުމާއި، ޢިއްފަތްތެރި އަންހެނުންގެ އަގުވައްޓާލުން އަހަރެމެންގެ މައްޗަށް މަނާކުރައްވާފައެވެ. އެކަލޭގެފާނު އަހަރެމެންގެ މައްޗަށް އަމުރުކުރައްވާފައިވަނީ، ޝަރީކަކު މެދުވެރިނުކޮށް الله تعالى އަށް އަޅުކަން ކުރުމަށެވެ. އަހަރެމެން ވަނީ މި ކަންތައްތައް ޤަބޫލުކޮށް، الله تعالى ގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި ހުރިހާ ކަމަކަށް އީމާންވެ، އެކަލޭގެފާނު އެންގެވި ހުރިހާ ކަމެއް ފުރިހަމައަށް ކޮށްގެންނެވެ. އަހަރެމެން الله تعالى އަށް އަޅުކަންކުރަމުއެވެ. އަހަރެމެން ޙަރާމް ކަންތައް ކަމަށް ބަލަނީ އެކަލޭގެފާނު ޙަރާމް ކަންތައް ކަމަށް އެންގެވި ކަންތަކެވެ. އަދި ޙަލާލް ކަންތައް ކަމަށް އަހަރެމެން ޤަބޫލުކޮށް ޢަމަލުކުރަނީ، އެކަލޭގެފާނު ޙަރާމް ކަންތައް ކަމަށް އެންގެވި ކަންތައްތަކެވެ. އަހަރެމެންގެ ޤައުމުގެ މީހުން އަހަރެމެންނާ ޢަދާވާތްތެރި ވެ އަނިޔާކުރީ އެހެންވެގެންނެވެ. އެބައި މީހުން ވަނީ، އަހަރެމެންގެ ދީނުން ބޭރުކުރުވައި، الله تعالى އަށް އަޅުކަންކުރުމުން ހުއްޓުވުމަށާއި، އަނެއްކާ ވެސް ބުދުތަކަށް އަޅުކަން ކުރުވުމަށް ޓަކައި، އަހަރެމެންނަށް އެކި އަނިޔާއާއި ދުއްތުރާތައް ދީފައެވެ. އެ މީހުން ވަނީ އަހަރެމެންނަށް އަނިޔާދީފައެވެ. އެމީހުން ވަނީ އަހަރެމެންނަށް ދުއްތުރާތަކާއި، ދަތިތައް ކުރިމަތިކުރުވާފައެވެ. އެބައި މީހުން ވަނީ، އަހަރެމެންނާ އަހަރެމެންގެ ދީނާ ދެމެދަށް ވަދެ، އަހަރެމެން އަހަރެމެންގެ ދީނާ ދުރުކުރުވުމަށް މަސައްކަތް ކޮށްފައެވެ. އެހެންކަމުން، އަހަރެމެން، އަހަރެމެންގެ ޤައުމާއި، ގެދޮރު ދޫކޮށް މަނިކުފާނުގެ ޤައުމުން ޙިމާޔަތް ހޯދީ އެވެ. އެހެން ޤައުމުތަކަށް ވުރެ މި ޤައުމަށް އަޅުގަނޑުމެން އިސްކަންދިނީ އެވެ. މަނިކުފާނުގެ ޙިމާޔަތާއި، އަވަށްޓެރިކަމަށް އަހަރެމެން ތިބީ ޝައުޤުވެރިވެފައެވެ. އަހަރެމެން އުއްމީދުކުރަނީ، މަނިކުފާނުގެ ޙިމާޔަތުގައި އަހަރެމެންނަށް އަނިޔާވެރިކަމާއި، ބޭއިންޞާފު ކުރިމަތިނުވާނެ ކަމަށެވެ".
جعفرގެފާނުގެ ވާހަކަ އަދި އިތުރަށް ކުރިޔަށް ގެންދެވި އެވެ:
"މަރުޙަބާ ދެންނެވުމަށް ބަލާއިރު، އަހަރެމެން މަނިކުފާނަށް މަރުޙަބާ ދެންނެވީ ﷲ ގެ ރަސޫލާގެ މަރުޙަބާ ދެންނެވުމުންނެވެ. އަހަރެމެން އެކަކު އަނެކަކަށް މަރުޙަބާ ކިޔަނީ ހަމަ އެ ގޮތަކަށެވެ. އަހަރެމެންގެ ވެރިޔާ رَسُوْلُ اللهِ ﷺ އަހަރެމެންނަށް އަންގަވާފައިވަނީ ސުވަރުގޭގައި ތިބޭ މީހުން ވެސް އެކަކު އަނެކަކަށް މަރުޙަބާ ކިޔަނީ މިހެން ކަމަށެވެ. އަހަރެމެން މަނިކުފާނަށް އެ ގޮތަށް މަރުޙަބާ ކީ އެހެން ވެގެންނެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައިވަނީ، އެއްވެސް މީހަކު އެހެން އިންސާނަކަށް ސަޖިދަނުޖެހުމަށާއި، الله تعالى ގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ސަޖިދަޖެހުމުން ދުރުވުމަށް ޓަކައި އެކަލާނގެ މަދަދުވެރިކަން އަހަރެމެން ހޯދުމަށެވެ.
ނަޖާޝީ ބުންޏެވެ. "ﷲ ބާވައިލެއްވި އާޔަތްތަކުން ކުޑަ މިންވަރެއް ތިޔަބައި މީހުންނަށް އެނގޭ ހެއްޔެވެ"؟ جعفرގެފާނު "އާނއެކޭ" ވިދާޅުވުމުން، ނަޖާޝީ ބުންޏެވެ. "އެ އާޔަތްތައް އަހަންނަށް ކިޔައިދީބަލާށެވެ"! جعفرގެފާނު سورة مريم ގެ (އެހެން ރިވާޔަތެއް ގައި ބުނެވޭ ގޮތުގައި، جعفرގެފާނު ކިޔުއްވީ سورة العنكبوت ނުވަތަ سورة الرّوم) ފެށޭކޮޅުގެ އާޔަތްތައް ކިޔުއްވައިފި އެވެ. ނަޖާޝީ އަށް ކީރިތި قرآن ގެ އާޔަތްތައް އަޑުއެހުމަށް ފަހު، ނަޖާޝީ އަށް ރޮވިއްޖެ އެވެ. އޭނާގެ ކަރުނަތަކުން އޭނާގެ ތުނބުޅި ތެމިއްޖެ އެވެ. އޭނާގެ ކައިރީ ގައި ތިބި ފާދިރީންނަށް ވެސް ރޮވިއްޖެ އެވެ. ނަޖާޝީ އާއި ފާދިރީން ބުނޫއެވެ. "جعفرގެފާނެވެ! ތިޔަ ފޮނި އަދި ރީތި ބަސްފުޅުތައް އަދި އިތުރަށް ކިޔުއްވައިދެއްވާށެވެ". ދެން جعفرގެފާނު ގެ ފެށޭ ހިސާބުން ކިޔުއްވައިފި އެވެ:
(الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١﴾ قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾ مَّاكِثِينَ فِيهِ أَبَدًا ﴿٣﴾ وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّهُ وَلَدًا ﴿٤﴾ مَّا لَهُم بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥﴾ فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَٰذَا الْحَدِيثِ أَسَفًا ﴿٦﴾ إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾) * الكهف: 1-7)16 މާނައީ: "حمد ހުރީ ﷲ އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާ އަށް ފޮތް ބާވައިލެއްވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ. (1) (އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއް ކަމުގައެވެ. އެކަލާނގެ حضرة ން (كافرންނަށް) ހރި ގަދަފަދަ عذاب އެއްގެ ވާހަކައިން إنذار ކުރެއްވުމަށެވެ. އަދި صالح عمل ތައް ކުރާ مؤمن ންނަށް، ހެޔޮވެގެންވާ ދަރުމަހުރި ކަމުގެ އުފާވެރި خبر ދެއްވުމަށެވެ. (2) އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. (3) އަދި ﷲ، ދަރިކަލަކު ހިއްޕެވިކަމަށް ބުނި މީހުންނަށް إنذار ކުރެއްވުމަށް ޓަކައެވެ. (4) އެއުރެންނަކަށް ވެސް، އަދި އެއުރެންގެ ކާބަފައިންނަކަށް ވެސް (އެއުރެން އެ ބުނާ ބަހާ މެދު) އެއްވެސް އެއް ލިބިފައެއް ނުވެއެވެ. އެއުރެންގެ އަނގަޔަކުން އެ ނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! އެއުރެން އެ ބުނަނީ، ދޮގެއް ކަމުގައި ނޫނީ ނުވެއެވެ. (5) އެއުރެން މި قرآن އަށް إيمان ނުވު ނަމަ، އެއުރެން ކަލޭގެފާނަށް މޫނު އނބުރާލައި ދިޔަކމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީ ތޯ އެވެ؟ (އެބަހީ: އެހެން ނުހައްދަވާށެވެ!) (6) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީ ގައި ވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއް ކަމުގައި ލެއްވީމެވެ، (އެއީ) އެއުރެން ކުރެ އެންމެ ރަނގަޅީ ކާކުތީ ކުރެއްވުމަށް ޓަކައެވެ (7)".
ނަޖާޝީ އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މިއީ، އެއް އުށްބައްތިއަކުން ދިއްލޭ އެއް އައްޔެކެވެ. موسى އަދި عيسى (عليهما السّلام) ވެސް ވަޑައިގަތީ މި ރިސާލަތާ އެކުގައެވެ". ޤުރައިޝު ވަންހައިގެ މަންދޫބުންނާ ދިމާލަށް އެނބުރިލާފައި ނަޖާޝީ ބުންޏެވެ. "ކަލޭމެން ދާށެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން އެ ބޭފުޅުން ކަލޭމެންނާ ޙަވާލެއް ނުކުރާނަމެވެ. އަދި އެއްވެސް އެ ބޭފުޅުންނަށް އެއްވެސް ހާނީއްކައެއް ވާކަށް ވެސް ބޭނުމެއް ނޫނެވެ".
އެ ހިސާބުން عبدالله بن رابعة އާއި عمرو بن العاص އެތަނުން ނިކުމެގެން ހިނގައްޖެ އެވެ.17 عمرُو، ޢަބްދުﷲ އަށް ބުންޏެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. އެބައި މީހުންގެ ގޯސް އެއް ކަންތައް އަހަރެން ނަޖާޝީގެ ޙާޒިރުގައި ދައްކާނަމެވެ. އަހަރެން އެ މީހުން އެތަނުން ބޭރުކުރާ ތަން ކަލެއަށް ފެންނާނެއެވެ". އޭނާގެ އެކުވެރިޔާ عمرُو އަށް ބުންޏެވެ. "އެ މީހުން އަހަރެމެންނާ އިދިކޮޅުހެދި ނަމަވެސް، އެ މީހުންނަކީ އަހަރެމެންގެ ތިމާގެ މީހުންނެވެ. ތިހެން ނަހަދާށެވެ". عمرُو ޖަވާބުގައި ބުންޏެވެ. "އަހަރެން ނަޖާޝީ އަށް ދަންނަވާނީ، އެ މީހުން ޤަބޫލުކުރަނީ ޢީސާގެފާނަކީ ﷲ ގެ އަޅެއް ކަމަށެވެ".
ޖެހިގެން އައި ދުވަހު، އޭނާ ނަޖާޝީގެ އަރިހަށް ގޮސް ބުންޏެވެ. "އޭ ވެރިޔާ އެވެ! އެބައި މީހުން މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާ ބެހޭގޮތުން ވާހަކަދައްކަނީ ނިކަމެތިކޮށެވެ. މީހަކު ފޮނުވައިގެން އެ މީހުން މިތަނަށް ގެނެސް ޢީސާގެފާނާ ބެހޭގޮތުން އެ މީހުން ބުނަނީ ކީކޭތޯ އައްސަވަބައްލަވާށެވެ". މުސްލިމުން ޢީސާގެފާނާ ބެހޭގޮތުން ދެކޭގޕތް ބެއްލެވުމަށް ނަޖާޝީ މުސްލިމުން ގާތަށް މީހަކު ފޮނުއްވައިފި އެވެ.
މުސްލިމުން އަނެއްކާ ވެސް އަތުވެއްޖެ އެވެ. އަދި އެކަކު އަނެކަކާ ސުވާލުކުރެތެވެ. ނަޖާޝީ އަހަރެމެން ކައިރީގައި ޢީސާގެފާނާ ބެހޭގޮތުން ސުވާލުކޮށްފި ނަމަ އަހަރެމެން ބުނާނީ ކީކޭ ހެއްޔެވެ"؟ جعفرގެފާނު ވިދާޅުވި އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެމެން ބުނާނީ ޢީސާގެފާނާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވާ އަދި رَسُوْلُ اللهِ ﷺ ގެނެސްދެއްވިގޮތަށެވެ".
ނަޖާޝީގެ މަޖިލިސަށް މުސްލިމުން ދިއުމުން ނަޖާޝީ އެހިއެވެ. "މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާ މެދު ކަލޭމެން ބުނަނީ ކީކޭ ހެއްޔެވެ؟ جعفرގެފާނު ވިދާޅުވި އެވެ. "އަހަރެމެން ޢީސާގެފާނާ މެދު ބުނަނީ رَسُوْلُ اللهِ ﷺ الله تعالى ގެ ޙަޟްރަތުން ގެނެސްދެއްވި ގޮތަށެވެ. އަހަރެމެން އީމާންވަނީ، ޢީސާގެފާނަކީ الله تعالى ގެ އަޅާ ކަމަށާއި، ރަސޫލާ ކަމަށާއި، އެކަލާނގެ މަރިޔަމްގެފާނުގެ ހަށިކޮޅުގައި ލެއްވި އެކަލާނގެ ބަސްފުޅު ކަމަށެވެ. އެ ކަމަނާ އަކީ، ޢިއްފަތްތެރި ވެފައި، މި ދުނިޔެ އާއި ފިރިހެނުން ދޫކުރައްވައި، އެކަމަނާގެ ދިރިއުޅުން އެކަލާނގެ އަށް ޚާލިޞްކުރައްވައިގެން ހުންނެވި ކަމަނާ އެވެ. މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ޙާލަތާއި، މަތިވެރިކަމަކީ އެއީ އެވެ. އަހަރެމެން ކިޔާގޮތުގައި، الله تعالى އާދަމުގެފާނު މަށިން ހެއްދެވި ވަގުތު، އެކަލާނގެ ވަނީ ބައްޕައަކާ ނުލައި عيسى (عليه السّلام) ޚަލްޤުކުރައްވާފަ އެވެ". ނަޖާޝީ އޭނާގެ އަތް ބިމާ ދިމާލަށް ދިއްކޮށް، ގަހެއްގެ ތޮށިގަނޑު ނަގާފައި ބުނެފި އެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަކީ އަކީ ދެންމެ ތިބާ ތި ބުނި ގޮތަށް ފޮނުއްވުނު ބޭކަލެކެވެ. މި ތޮށިގަނޑު ފެންނަ ފަދައިން، ޢީސާގެފާނާ ދެންމެ ތި ކިޔައިދިން ގޮތާ އެއްވެސް ތަފާތެއް ނެތެވެ".
ނަޖާޝީ މިހެން ބުނުމުން، އޭނާ ސަރުކާރުގެ އިސް ވެރިންނާއި، ކޮމާންޑަރުން އެބައި މީހުންގެ މެދުގައި ވައިއަޑުން ވާހަކަދައްކައި، ގިސްލާން ފަށައިފި އެވެ.
ނަޖާޝީ އަށް މި މަންޒަރު ފެނުމުން އެ މީހުންނާ މުޚާޠަތުކޮށްފައި ބުންޏެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. ކަލޭމެން ކޮންމެ އެއްޗެއް ކީ ކަމުގައި ވިޔަސް، އަހަރެން އެ މީހުންނާ މެދު ވިސްނަނީ ރަނގަޅަށެވެ". ދެން، ނަޖާޝީ މުސްލިމުންނާ ދިމާލަށް އެނބުރިފައި ބުންޏެވެ. "ތިބާ އަށާއި، އެ ބޭކަލެއްގެ ފަރާތުން މިތަނަށް ހިޖުރަކުރެއްވި ބޭކަލަކަށް އަހަރެން ތަހުނިޔާ ދަންނަވަމެވެ. އަހަރެން ޤަބޫލުކުރަނީ؛ އެކަލޭގެފާނަކީ، ﷲ ގެ ރަސޫލާ ކަމަށެވެ. މިހާރު ވެސް އަހަރެމެންނަށް އިންޖީލުން (ބައިބަލް އިން) އެކަލޭގެފާނު ވަނީ ފެނިފައެވެ. މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ވެސް ވަނީ އެ ރަސޫލާގެ ޚަބަރު ދެއްވާފައެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނު މިތާނގައި ހުންނެވި ނަމަ، އަހަރެން އެކަލޭގެފާނުގެ ފައިވާކޮޅު އުފުލައި، އެކަލޭގެފާނިގެ ފައިކޮޅު ދޮވެދޭނަމެވެ! އަހަރެންގެ ޤައުމުގައި ބައެއްގެ އުނދަގޫ ނުވާ، އެއްވެސް ކަހަލަ ޙަމަލާއެއް ނާންނާނެ ހާ ދުރުގައި ހިސާބުގައި އަމާންކަމާއި ޞުލްޙަވެރިކަމުގައި އުޅުއްވާށެވެ. ތިޔަބޭފުޅުންނަށް ގެއްލުމެއް ދޭ ކޮންމެ މީހަކު އަހަރެން ނައްތާލާނަމެވެ. އެބައި މީހުން އަހަންނަށް ރަނުގެ ފަރުބަދައެއް ދިން ކަމުގައި ވިޔަސް، ތިޔައިގެ ތެރެއިން އެންމެ ބޭކަލަކަށް ވެސް ހިތާމަވެރިކަމެއް ނުދޭނަމެވެ".
އޭގެ ފަހުން، ޤުރައިޝް ވަންހައިގެ ދެ މަނދޫބުން ގެނައި ހަދިޔާތަކާ ބެހޭގޮތުން ނަޖާޝީ ބުންޏެވެ. "އަހަރެން މި ތަކެއްޗެއް ބޭނުމެއް ނޫނެވެ. އެހެން މީހުން ޖަހައިގަތް އަހަރެންގެ މުދާތައް الله تعالى އަނބުރާ އަހަންނަށް ދެއްވި އިރު، އަހަރެންގެ ފަރާތުން އެއްވެސް ރިޝްވަތެއް ނުނަންގަވައެވެ. އަހަރެންގެ ޤައުމުގެ މީހުންނަކީ އަހަންނަށް ކިޔަމަންވާ ބައެއް ކަމުގައި އެކަލާނގެ ލެއްވި އެވެ". އެހެން ބުނެފައި އެ ހަދިޔާތައް އަނބުރާ ދީފި އެވެ. ޤުރައިޝް ވަންހައިގެ މަންދޫބުން އެނބުރި ދިޔައީ ހުސްއަތާ އެވެ. އަދި ނަސީބުވެރި ނަޖާޝީ އިސްލާމް ދީން ޤަބޫލުކޮށް އަޞްޙާބު ބޭކަލުން އުފާވެރިކަން ގެނެސްދެއްވި އެވެ.18
ކައުނު ހެއްދެވީ މާތް ﷲ އެވެ.
އެކަލާނގެ ކައުނު ހެއްދެވީ މުޙައްމަދަށް އޮތް ލޯބިންނޭ.
އެކަލާނގެ ހަނދާއި އިރު ހެއްދެވީ محمّدގެފާނުގެ އުފަލަށްޓަކައޭ.
އެކަލާނގެ ވާށޭ ވަޙީކުރެއްވުމުން ކައުނު އުފެދުނޭ، ލައުޙު ލިޔުއްވިއޭ އަދި ޤަލަމޭ.
އެންމެ ފަހުގެ ފޮތް ކިޔެވުނީ محمّدގެ މަތިވެރިކަމަށްޓަކައޭ.
ވަށަވަށައިގެން އައުލިޔާއުން ވަޑައިގެން، ދޮރުމަތީގައި ތިބެ ބޯ ތިރިކޮށްލިއޭ،
محمّدގެ ނޫރަށް ތައުޙީދު ޒިކްރު ކިޔުއްވިއޭ.
ވައިސަލް ޤަރާނީ ޙާޞިލުވިއޭ، އެކަމަކު ވަނީ އެދެވިގެންނޭ.
އަށް ސުވަރުގެ ވަނީ ޒީނަތްތެރިކުރެވިފައޭ محمّدގެ ލޯތްބަށްޓަކައި.
އުޑުގައި ވާ ދޫނިތައް، ވަށައިގެން ފެހިވަނީއޭ،
ގަސްތަކުގައި މޭވާ އަޅަނީއޭ محمّدގެ ލޯތްބަށްޓަކައި.
ކާފަރުން އަތުވެއްޖެއޭ އަދި އެކަލޭގެފާނުގެ ކިބައިން އީމާންތެރިކަން ހޯދައިފިއޭ.
އެމީހުން ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދުކުރިއޭ محمّدގެ ލޯތްބަށްޓަކައި.
މަލާއިކަތުން އަތުވެއްޖެއޭ އަދި ސަފުތަކަށް އެތުރިއްޖެއޭ،
ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދުކުރިއޭ محمّدގެ ލޯތްބަށްޓަކައި.
ޔޫނުސް އެކަލޭގެފާނަށް ސަނާކިޔުއްވައޭ، قرآن ގެ އާޔަތްތައް އެކަލޭގެފާނަށް ތަޢުރީފުކުރެއޭ،
ހަނދާންކޮށް ކިޔާށޭ ޞަލަވާތް ކިޔާށޭ محمّدގެ ލޯތްބަށްޓަކައި.
