ލޮބުވެތި ރަސޫލާ

رَسُوْلُ اللهِ ﷺ ގެ إستغفار

1

ހުރިހާ މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރީ رَسُوْلُ اللهِ ﷺ ކަމަށް ވުމާއެކު، އެކަލޭގެފާނަކީ، ޙަޤީޤަތުގައި ވެސް އެނގިވަޑައިގެން، އެކަލާނގެ އަށް އެންމެ ބޮޑަށް ބިރުވެތިވީ އިންސާނާ އެވެ. الله تعالى އެކަލޭގެފާނު ފާފަކުރެއްވުމުން ސަލާމަތްކޮށްދެއްވާފައި ވިޔަސް، އެކަލޭގެފާނު ހުއްޓުމެއް ނެތި އަޅުކަންކުރައްވައި، الله تعالى ގެ ކިބަފުޅުން ޢަފޫކޮށްދެއްވުން އެދިވަޑައިގެން ދުޢާ ދެންނެވި އެވެ. އެކަލޭގެފާނު ރޭގަނޑުގެ ފުރަތަމަ ބައިގައި (‏ޢީޝާ ނަމާދުކުރެއްވުމަށް ފަހު)‏ ނިދއަވަހާރަފުޅު ލައްޕަވާފައި، ރޭގަނޑުގެ ފަހު ބައިގައި އަޅުކަން ކުރެއްވި އެވެ.

إبن عبّاس އަންނަނިވި ފަދައިން ރިވާކުރައްވާފައި ވެއެވެ.: "އެއް ރޭ، އަހަރެން ހުރީ أُمُّ المُؤمنين ميمونة (‏رضي الله عنها)‏ ގެ ގެކޮޅުގައި މެހްމާނެއްގެ ގޮތުގައެވެ. رَسُوْلُ اللهِ ﷺ ދަންވަންދެން ނުވަތަ ދަންވުމުގެ އިރުކޮޅެއް ކުރިން ނުވަތަ އޭގެ ފަހުން އަވަހާރަފުޅު ލެއްޕެވި އެވެ. ދެން އެކަލޭގެފާނު ނިދިން ލޭފުޅުލައްވައި، އިށީނދެވަޑައިގަތެވެ. އެކަލޭގެފާނުގެ އަތްޕުޅުން ނިދީގެ އަސަރުތައް އެކަލޭގެފާނުގެ މޫނުފުޅުން ފިލުވައިލެއްވި އެވެ. ދެން، އެކަލޭގެފާނު ތެދުވެވަޑައިގެން، އެތާނގައި އެލުވާފައި އޮތް ފެން ހަމަކުން ވުޟޫކުރައްވައި، سورة آل عمران ގެ ނިމޭކޮޅުން ދިހަ އާޔަތް ކިޔުއްވައި ނަމާދުކުރައްވަން ފައްޓަވައިފި އެވެ. އަހަރެން ވެސް ތެދުވެ ހެއްދެވި ގޮތަށް ވުޟޫކޮށްގެން رَسُوْلُ اللهِ ﷺ އާ ޖެހިގެން ނަމާދުކުރަން ފައްޓައިފީމެވެ. އެކަލޭގެފާނު ކުރެއްވީ ދެ ރަކްޢަތް ނަމާދެކެވެ. ދެން، އަނެއް ދެ ރަކްޢަތް ކުރެއްވުމަށް ފަހު، އަނެއްކާ ވެސް ދެ ރަކްޢަތް ކުރެއްވި އެވެ. އެއަށް ފަހު އެކަލޭގެފާނު ވިތުރި ނަމާދު ކުރައްވަން ފައްޓަވައިފި އެވެ. ދެން، ފަތިސް ނަމާދަށް ބަންގި ގޮވަންދެން އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވި އެވެ. ދެން އެކަލޭގެފާނު ކޮޅަށް ތެދުވެވަޑައިގެން އިތުރު ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. ދެން އެކަލޭގެފާނު މިސްކިތަށް ވަޑައިގަތުމަށް ބޭރަށް ނުކުމެވަޑައިގެން އެ ތާނގައި ފަރްޟް ފަތިސް ނަމާދު ކުރެއްވި އެވެ.2

"ފަރުދާއެއް (‏އިލާހީ ނޫރު އައުމުން ދުރުކޮށްދޭ)‏ ތިމަންކަލޭގެފާނުގެ ހިތްޕުޅުގައި ފާޅުވެއެވެ. މި ސަބަބަށް ޓަކައި، ތިމަންކަލޭގެފާނު الله تعالى އަށް ކޮންމެ ދުވަހަކު ހަތްދިހަ ފަހަރު إستغفار ކުރައްވަމެވެ".
حديث الشّريف

أُمُّ المُؤمنين عائشة (‏رضي الله عنها)‏ ރިވާކުރައްވާފައި ވެއެވެ.: އެއް ރޭ رَسُوْلُ اللهِ ﷺ އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. އެކަލޭގެފާނު ނިދިން ހޭފުޅުލެއްވުމަށް ފަހު حديث ކުރެއްވި އެވެ. "އޭ عائشة އެވެ! ކަމަނާ ހުއްދަ ދީފި ނަމަ، ތިމަންކަލޭގެފާނު މިރޭ އަވަދިނެތި އުޅުއްވާނީ ތިމަންކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ އަށް އަޅުކަން ކުރުމުގައެވެ". ދެން އެކަލޭގެފާނު ކޮޅަށް ތެދުވެވަޑައިގަތެވެ. އެކަލޭގެފާނު قرآن ގެ އާޔަތްތަކެއް ކިޔުއްމުވަށް ފަހު ކީރިތި ކުރެއްވި އެވެ. ކީރިތި ކުރެއްވިލެއް ބޮޑު ކަމީ، ކަރުނައިން އެކަލޭގެފާނުގެ ދެ ކަކޫ ކަރުނައިން ތެމިއްޖެ އެވެ. އެކަލޭގެފާނު ކީރިތި ޤުރްއާން ތިލާވާކުރެއްވުން ކުރިޔަށް ގެންދެވި އެވެ. ތިލާވާ ކުރައްވަމުން ގެންދެވި އިރު، އެކަލޭގެފާނުގެ ހަށިކޮޅަށް ބަރަކާތްތެރި ކަރުނަފޮދުތައް ފޭބި ކޮންމެ ތަނެއް ވަނީ ތެމިފައެވެ. މި ޙާލަތު ފަތިސް ވަންދެން ކުރިޔަށްދިޔަ އެވެ.

ހެނދުނު، بِلالُ الحَبَشِي ވަޑައިގެން މި މަންޒަރު ފެނުމުން ދެންނެވި އެވެ. "އަޅުގަނޑޫގެ މައިންބަފައިން ކަލޭގެފާނަށް ޤުރްބާން ކުރައްވާށި އެވެ. މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ ވެދިޔަ އަދި ވާންހުރި ކުށްތަކަށް ޢަފޫނުކުރައްވާ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "އޭ بلال އެވެ! މި ރޭ سورة آل عمران ގެ 190 ވަނަ އާޔަތް الله تعالى ބާވާލެއްވުމުން ތިމަންކަލޭގެފާނަކީ، ޝުކުރުވެރިވާ އަޅަކަށް ވާންނުޖެހޭ ހެއްޔެވެ؟ 'ކީރިތި قرآن ގެ سورة آل عمران ގެ 190 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ ‎﴿١٩٠﴾‏)‏ * آل عمران: 190)‏3 މާނައީ: 'ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެން ހުރި ހެކިތަކެއް ވެއެވެ.'".

"مُسلِم" މި ފޮތުގައި ލިޔެވިފައިވާ مُحمَّد رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވެއެވެ. "ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަންތައްތަކުގެ ސަބަބުން، ތިމަންކަލޭގެފާނު الله تعالى އަށް ކޮންމެ ދުވަހަކު ހަތްދިހަ ފަހަރު إستغفار ކުރައްވަމެވެ". އަދި "ފަރުދާއެއް (‏އިލާހީ ނޫރު އައުމުން ދުރުކޮށްދޭ)‏ ތިމަންކަލޭގެފާނުގެ ހިތްޕުޅުގައި ފާޅުވެއެވެ. މި ސަބަބަށް ޓަކައި، ތިމަންކަލޭގެފާނު الله تعالى އަށް ކޮންމެ ދުވަހަކު ހަތްދިހަ ފަހަރު إستغفار ކުރައްވަމެވެ". އަދި އަނެއްކާ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު الله تعالى އަށް ކޮންމެ ދުވަހަކު ސަތޭކަ إستغفار ކުރައްވަމެވެ".4

رَسُوْلُ اللهِ ﷺ، الله تعالى ދެކެ ވެވަޑައިގަންނަވާ ބިރުފުޅުގަންނަވާ ވަރުގެ ބޮޑު މިންވަރަކީ، އެކަލޭގެފާނު ބާރަށް ހިނިވަރުނަ ކުރައްވާ ތަނެއް ފެނިފައެއް ނުވެއެވެ.

الإمام التّرمذي، أبُو ذَرُّ ގެ ކިބައިން ރިވާކުރައްވާފައިވާ مرفُوع ޙަދީޘެއް5 ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައި މީހުން ނުދެކޭ ކަންތައްތައް ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވައެވެ. ތިޔަބައި މީހުންނަށް އަޑުނީވޭ ކަންތައްތައް ތިމަންކަލޭގެފާނަށް އިވިވަޑައިގަނެއެވެ. އުޑުގައި ހަތަރު އިނގިލި ޖައްސާލާ ވަރުގެ ތަނެއް ވެސް މަލާއިކަތުން ސަޖިދަނުކުރައްވާ ތަނެއް ނެތެވެ. ތިމަންކަލޭގެފާނު މާތް ﷲ ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންތައްތައް ތިޔަބައި މީހުންނަށް އެނގޭ ނަމަ، ތިޔަބައި މީހުން ކުޑަކޮށް ހީލާފައި، ބޮޑަށް ރޯނެ އެވެ. ތިޔަބައި މީހުން ބޭރަށް ގޮސް، އަޑަށް ބާރުލާފައި الله تعالى އަށް އާދޭސް ދަންނަވާނެ އެވެ".6

أبُو هُرَيرَة ރިވާކުރައްވާފައިވާ ޙަދީޘެއް ގައި އައިސްފައި ވެއެވެ. "އެއްވެސް މީހެއްގެ ޢަމަލުތަކެއް އެމީހުން ސުވަރުގެ އަށް ނުވައްދާނެތެވެ". "ކަލޭގެފާނު ވެސް ތޯ އެވެ"؟ މިހެން ސުވާލުދެންނެވުމުން އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "އާނއެކެވެ. ތިމަންކަލޭގެފާނުގެ ޢަމަލުތައް ވެސް ތިމަންކަލޭގެފާނު ސުވަރުގެއަށް ނުވައްދާނެއެވެ. އެހެން ނަމަވެސް، الله تعالى ގެ ދީލަތިވަންތަކަމާއި، ރަޙްމަތުން ތިމަންކަލޭގެފާނަށް ޙިމާޔަތް ލިބޭނެ އެވެ".

إبن عُمَرُ ރިވާކުރައްވާފައި ވެއެވެ. "އަހަރެމެން رَسُوْلُ اللهِ ﷺ ގެ އަރިހުގައި ތިބޭ އިރު، އެކަލޭގެފާނު އަންނަނިވި ފަދައިން ސަތޭކަ ފަހަރު حديث ކުރައްވާ އިރު އަހަރެމެން ގުނަމެވެ. 'އަޅާ ހައްދަވައި ބޮޑުކުރެއްވި رَبُّ އެވެ! އަޅާ އަށް ޢަފޫކޮށްދެއްވައި، އަޅާގެ ތައުބާ ޤަބޫލުކުރައްވާފާދޭވެ. އިބަސުވާމީންގެއީ ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެ އެވެ'".7

أنس بن مالك ރިވާކުރައްވާފައި ވެއެވެ. "رَسُوْلُ اللهِ ﷺ އަބަދު ވެސް ކުރައްވާ ދުޢާ އަކީ، 'اللّهُّمَّ يّا مُقّلِّبَ القُلُوبِ، ثَبِّت قَلبِي علَى دِيْنِكَ8' (‏މާތް ﷲ އެވެ. އިބަސުވާމީންގެއީ، އަޅަމެންގެ ހިތްތައް ރަނގަޅުން ނުބަޔަށް، ނުބައިން ރަނގަޅަށް ބަދަލުކޮށްލެއްވުމުގެ ބާރު އޮތް ހަމައެކަނި ފަރާތެވެ. އަޅާގެ ހިތް އިބަ ރސްކަލާނގެ ދީނުގައި ސާބިތުކޮށްދެއްވައި، އެ ދީނުން ބޭރުކޮށް ނުދެއްވާދޭވެ.)‏"

أبُو سَعِيدُ الخُضَرِي ގެ ކިބައިން التِّرْمِذِي ރިވާކުރައްވާފައިވާ ޙަދީޘެއް ގައި رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "'أستغفِرُاللهَ العََظِيم الّذِي لاَ إلهَ إلّا هُوَالحَيُّ القيُّوم وَأَتُوب إلِيه'، ނިދަން އޮށޯންނަން ދާ އިރު، މިހެން ކިޔާ މީހެއްގެ ފާފަތައް، އެއީ ކަނޑުގައިވާ ފޮނު ނުވަތަ ތަމީމުގެ ބިމުގެ ފަސްގަނޑު ނުވަތަ ގަސްގަހާގެހީގެ ފަތްތަކުގެ ޢަދަދު ނުވަތަ ދުނިޔޭގެ ދުވަސްތަކުގެ ޢަދަދާ އެއްވަރު ވިޔަސް، الله تعالى ފުއްސަވާދެއްވާނެއެވެ".

البُخَارِي އާއި، المُسلِم ގައި ވާރިދުވެގެން އައިސްފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ އަންނަނިނި ދުޢާ ކިޔުއްވާ އުޅުއްވި އެވެ. 'اللََهُمَّ إغفِرْ لِي خَطِيئَتِي و جَهلِيْ و إسرَافِي في أمرِي و ما أَنتَ أَعلَمُ بِهِ مِنِّي'. (‏އަޅާގެ މާތް ﷲ އެވެ! އަޅުގަނޑަށް އެނގިގެން ނުވަތަ ނޭނގި އަޅުގަނޑުގެ ޙައްދުން ފަހަނައަޅައި، ކުރި ފާފަތައްކަން އިބަ ރަސްކަލާނގެ އަށް އެނގިވޮޑިގެންވާ ކުށްތަކަށް )‏"

أبُو مُوسَى الأَشعَرِي (‏رضي الله عنه)‏ ރިވާކުރައްވާފައިވާ ގޮތުގައި، رَسُوْلُ اللهِ ﷺ އަންނަނިވި إستِغفَار ވެސް ވަނީ ކުރައްވާފައެވެ.: "اللَّهُمَّ إغفِرْ لِيْ هزلِي و جِدِّي و خَطَئِي و عَمدِي و كُلُّ ذَلكَ عِندِي. اللَّهُمَّ إغفِرْلِي مَا قَدَّمْتُ ومَا أَخَّرْتُ و مَا أَسْرَرْتُ و مَا أَعلَنتُ و مَا أَنتَ أَعلَمُ بِهِ أَنتَ الَمُقَدَّمُ وأَنتَ المُؤَخَّرُ و أنتَ عَلَى كُلِّ شيئٍ قَديرٌ".9 (‏އަޅާގެ މާތް ﷲ އެވެ! އަޅާ މަޖަލަކަށް ނުވަތަ ސީރިއަސްކޮށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް، ކުރި ހުރިހާ ފާފަތައް ޢަފޫކޮށްދެއްވާދޭވެ. އަޅާގެ މާތް ﷲ އެވެ! އަޅާ މިހާރު ކޮށްފައިވާ ނުވަތަ ކުރާނެ ހުރިހާ ފާފަތަކާއި، ސިއްރުން ނުވަތަ ފާޅުގައި ކުރި އިބަރަސްކަލާނގެ އަށް އެނގިވޮޑިގެންވާ ފާފަތައް ޢަފޫކޮށްދެއްވާދޭވެ.)‏"

މާތް ﷲ ގެ ރަސޫލާ ދުވާލު ރޯދަ ހިއްޕަވައޭ،
ރޭގަނޑު އަޅުކަން ކުރެއްވުމަށް ޓަކައި، އެކަލޭފާނު ހޭލާ ހުންނަވައޭ،
ތިބާއަކީ އެ އަގުހުރި އުއްމަތުގެ މީހެއް ނަމަ،
އަބަދު ވެސް مكروه އާއި سُنّة އަށް ސަމާލުކަން ދޭށޭ.