ޣަޒްވަތު ޢުމްރަތުލް ޤަޟާ
"لبّيك اللّهم لبّيك! لبّيك! لا شريك لك لبّيك! إنّ الحمد والنّمعمة لك و الملك, لا شريك لك".
ތަލްބިޔާ
ޞުލްޙަލް ޙުދައިބިއްޔާ އަށް ފަހުން މިހާރު މިހިނގީ އެއް އަހަރެވެ. އަޟްޙާ ޢީދުގެ އެއް މަސް ކުރިން، ޒުލްޙިއްޖާ މަހުގެ ފެށުނު ކޮޅުގައި، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނަށް އެންގެވީ ޢުމްރާ އަށް ތައްޔާރުވުމަށެވެ. ހަމަޖެހުނީ، ޙުދައިބިއްޔާ އަށް ގޮސް ބައިޢަތުއް ރިޟްވާން ގައި ބައިވެރިވެ، ނިޔާވެފައި ތިބި މީހުން ފިޔަވައި އެހެން މީހުން ޢުމްރާ ގައި ބައިވެރިވުމަށެވެ. މި އެންގެވުމާ އެކު، ދެ ހާސް ޞަޙާބީން ޢުމްރާ އަށް ތައްޔާރުވެއްޖެ އެވެ. ޤުރްބާންކުރުމަށް ޓަކައި، ހަތްދިހަ ޖަމަލު ނެގުނެވެ. ނާޖިޔާ ބިން ޖުންދުބު އާއި، އޭނާގެ ހަތަރު އެކުވެރިންނަށް އިރުޝާދުދެވުނީ، ޖަމަލުތަކަށް ކާންދެމުން މައްކާ އާ ހަމައަށް ގެންދިއުމަށެވެ. އޭގެ އިތުރަށް، ސަތޭކަ އަސްވާރުން محمّد بن مسلمة (رضي الله عنه) ގެ ކޮމާންޑް ކަމުގެ ދަށަށް ގެނެވި، ހަނގުރާމައިގައި ބޭނުންކުރާނެ ދަނގަނޑު ދަހަނާ އާއި، ލޮންސި އާއި، ކަނޑި ފަދަ ހަތިޔާރު ހޯދުމަށް ކުރިން ފޮނުވުނެވެ. މުޝްރިކުންނަކަށް އެއްވެސް އިތުބާރެއް ނެތެވެ. ޙަމަލާދެވޭ ވަގުތު މި ހަތިޔާރުތަކުގެ ބޭނުންކުރެވޭނެ އެވެ. ބައެއް އަޞްޙާބު ބޭކަލުން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ ގައި ވާ ގޮތުން، އަޅުގަނޑުމެން ޢުމްރާ އަށް އަންނަ އިރު، އުރައިގައިވާ ކަނޑި ފިޔަވައި އެހެން ހަތިޔާރެއް ނުގެނެވޭނެ އެވެ". حديث ކުރެއްވި އެވެ. "އަހަރެމެން މި ހަތިޔާރުތައް ޙަރަމަށް، ޤުރައިޝުންނާ ކައިރިއަކަށް ނުގެންނާނަމު އެވެ. އެހެން ނަމަވެސް، އެ ހަތިޔާރުތައް ބެހެއްޓޭނީ، ކައިރީގައި، ޤުރައިޝުން ޙަމަލާއެއް ދީފި ނަމަ އަތުޖެހޭ ހިސާބުގައެވެ".
مدينة المُنوّرة ގައި ހުންނަވާ رَسُوْلُ اللهِ ﷺ ގެ ނައިބަކަށް ހަމަޖެއްސެވީ أبو ذر الغفاري އެވެ.1 މަދީނާ ގައި ނައިބަކަށް ބެހެއްޓުނީ أبو رُحم الغفاري ކަމަށް ވެސް ރިވާވެފައި ވެއެވެ. رَسُوْلُ اللهِ ﷺ އާ އެކު ދެ ހާސް ޞަޙާބީން މައްކާ އަށް ދިއުމަށް ނުކުންނަވައިފި އެވެ. އަޞްޙާބު ބޭކަލުން ތިއްބެވީ ވަރަށް ބޮޑު ޝައުޤުވެ ކަމަކާ އެކުގައެވެ. الله تعالى ގެ މަގުގައި، رَسُوْلُ اللهِ ﷺ އަށް ޓަކައި އެތަކެއް އަހަރެއް ވަންދެން ދޫކޮށްލެއްވި އެ ބޭކަލުންގެ ލޮބުވެތި ޢާއިލީ މެމްބަރުންނާއި، ގެތަކާއި، ވަޠަން އެ ބޭކަލުންނަށް ފެންނާނެ އެވެ. ފަސް ނަމާދު ކުރާ އިރު، އެ ދިމާލަކަށް އެނބުރިގެން ތިބި كعبة އަށް ޒިޔާރަތްކުރެވޭނެ އެވެ. އިސްލާމްވެ އެކަމަކު މުޢާހަދާގެ ދަށުން މަދީނާ އަށް ނާދެވިފައި ތިބި އެ ބޭކަލުންގެ ޢާއިލާގެ މެމްބަރުންނާ އަލުން ގުޅޭނެ އެވެ. އެ ބޭކަލުން، އިސްލާމް ދީނުގެ މަތިވެރިކަމާއި، ޝަރަފުވެރިކަން، އަހަރުތަކެއް ވަންދެން ކަރުނައިގެ ބަދަލުގައި ލޭ އޮހޮރުވުމަށް ޖައްސައި، އަނިޔާވެރިކަމުގައި ކުކުރަން ޖައްސައި، ބުދުތަކަށް އަޚުކަން ކުރުވުމަށް ޓަކައި، އެ ބޭކަލުންގެ ގިނަ އަޚުންތަކެއް ޝަހީދުކޮށްލި ޤުރައިޝުންގެ މުޝްރިކުންނަށް ދައްކަވާނެ އެވެ. ފަހަރެއް ގައި މުޝްރިކުންނަށް މި ތަން ފެނުމުން، އެ މީހުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބިޖެހި މުސްލިމުންނަށް ވާނެ އެވެ!
މަދީނާ ގައި ތިއްބެވި ބޭކަލުން، رَسُوْلُ اللهِ ﷺ حديث ކުރައްވާފައިވާ ގޮތަށް، ވަދާޢީ ފަރުބަދަ އަށް ގޮސް تكبير ކިޔައި އޭގެ ފަހުން ވަދާޢު ކިޔުމަށް ފަހު އެނބުރި ވަޑައިގެންފި އެވެ.
رَسُوْلُ اللهِ، މަދީނާ އާ ދިހަ ކިލޯ މީޓަރު ދުރުގަ އޮންނަ ޒުލް ޙުލައިފާ އަށް ވަޑައިގެންނެވުމުން، އިޙްރާމް ތުރުކުރެއްވި އެވެ. މަތިވެރިވެގެންވާ ޞަޙާބީން ވެސް އެ ގޮތަށް ހައްދަވައިފި އެވެ. އެންމެން ވެސް ތިބީ ހުދުކުލައިގެ ހެދުން އަޅުއްވައިގެންނެވެ. މިހާރު، ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ކުރާ ދަތުރު ވެއްޓުނީ އެވެ. އުޑާއި ބިން ގުގުމާފައިވަނީ تكبيرގެ އަޑުންނެވެ.
"لبّيك اللّهم لبّيك! لبّيك! لا شريك لك لبّيك! إنّ الحمد والنّمعمة لك و الملك, لا شريك لك". އަށް ޙަމްދުކޮށް އެކަލާނގެ އަށް ދުޢާ ދެންނެވުމާ އެކު، ދަތުރު ވަރަށް ހިތްގައިމެވެ.
محمّد بن مسلمة ގެ ކޮމާންޑް ކަމުގައިވާ އެންމެ ކުރީގައި އޮތް ފައުޖު މައްކާ އާ ކައިރިވެ، ޤުރައިޝުންގެ މުޝްރިކުންނަށް އެ ބޭކަލުން ފެނިއްޖެ އެވެ. ގަންނާކުރެއްވި ބިރުން، މުޝްރިކުން ކައިރި އަށް އައިސް، "މީ ކޮން ކަމެއް ހޭ؟" ބުނެ ސުވާލުކޮށްފި އެވެ. އެއާއެކު، އެ މީހުން ބުނާ ފަދަ އެވެ. "މީގެ އެއް އަހަރު ކުރިން އަހަރެމެން އެއް ބަސްވީ މި ގޮތަށް ހެއްޔެވެ"؟ އެ މީހުންގެ ކަށިތަކާ ހަމަޔަށް ފިނިކޮށްލާ ފަދަ، އަންނަނިވި ޖަވާބު محمّد بن مسلمة އެ މީހުންނަށް ދެއްވި އެވެ.: "މިއީ رَسُوْلُ اللهِ ﷺ ގެ އަސްވާރުންނެވެ. الله تعالى ގެ އިޒުނަފުޅާ އެކު އެކަލޭގެފާނު ވެސް މާދަމާ މި ތަނަށް ވަޑައިގަންނަނެ އެވެ.." މުޝްރިކުން ބިރުވެރިކަމުގައި އެނބުރި މައްކާ އަށް ގޮސްފި އެވެ. މައްކާގެ މުޝްރިކުން ބުނޫއެވެ. "މުޢާހަދާ އާ އެއްގޮތަށް ޢަމަލުކުރި ކަމަށް އަހަރެމެން ހުވާކޮށްފައި ބުނަމު އެވެ. محمّدގެފާނު އަހަރެމެންނާ ދެކޮޅަށް ހަނގުރާމަކުރައްވަނީ ކީއްވެގެން ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ އާ މަޝްވަރާކުރުމަށް ޓަކައި، އެ މީހުން ވަފުދެއް ފޮނުވި އެވެ.
އެ ވަގުތު، ބަޠްނުލް ޔަޢްޖަޖް ނަމަކަށް ކިޔާ ތަނަކަށް މައްކާ ފެންނަ ހިސާބަށް رَسُوْلُ اللهِ ﷺ ވަޑައިގެންފި އެވެ. އަތުގައި ހުރި ކަނޑި ފިޔަވައި އެހެން ހުރިހާ ހަތިޔާރުތަކެއް އެބޭކަލުން މި ތަނަށް ދޫކޮށްލެއްވި އެވެ. އަދި އެ ހަތިޔާރުތައް ޙިމާޔަތްކުރުމަށް ދުއިސައްތަ ޞަޙާބީން ބޭތިއްބެވި އެވެ.
އެ ތައްޔާރީތައް ނިމުމުން، رَسُوْلُ اللهِ ﷺ އާ ބައްދަލުކުރުމުގެ ހުއްދައަކަށް ޤުރައިޝުންގެ ވަފުދުން އެދިއްޖެ އެވެ. އެ ހުއްދަ ލިބުމުން އެ މީހުން ބުނޫ އެވެ. "އޭ محمّدގެފާނެވެ! ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ އަށް ފަހުން، އަޅުގަނޑުމެން ތިޔަ ބޭފުޅުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަމު އެވެ. އެހެންވިޔަސް، ކަލޭގެފާނު ގެ އަހްލުންގެ ގާތަށް މައްކާ އަށް މި ހަތިޔާރުތަކާ އެކު ވަޑައިގަންނަވާނަން ތޯ އެވެ؟ އެހެން ނަމަވެސް، އަހަރެމެންގެ ދެމެދުގައި ކުރެވިފައިވާ ޞުލްޙައިގެ މުޢާހަދާގެ ދަށުން، އުރައިގައިވާ ކަނޑި ފިޔަވައި އެހެން އެއްޗެއް ނުގެންގުޅެވޭނެ އެވެ". ކައުނުގެ ސައްޔިދު ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނު ތުއްޕުޅު އިރުއްސުރެ، ތިމަންކަލޭގެފާނު އެނގިގެންވަނީ ވަޢުދު ފުއްދާ އަމާނާތްތެރިއެއްގެ ގޮތުގައެވެ. ޙަރަމްގެ ތެރެއަށް އަހަރެމެންގެ އުރައިގައިވާ ކަނޑި ފިޔަވައި އިތުތު އެހެން އެއްޗެއް ނުވައްދާނަމު އެވެ. އެހެން ނަމަވެސް، ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ ހަތިޔާރުތައް ތިމަންކަލޭގެފާނާ ކައިރީ ކޮންމެވެސް ތާކު ބަހައްޓާށެވެ". އެ މީހުންނަށް ދެވުނު ޚަބަރު ތަފާތުކަން ރޭކާލުމުން އެ ވަފުދުގެ ކަންބޮޑުވުން ފިލައިގޮސްފި އެވެ.. ދެން އެ މީހުން ބުނޫ އެވެ. "އޭ محمّدގެފާނެވެ! ތެދުފުޅެކެވެ. އަޅުގަނޑުމެން އަބަދު ވެސް ކަލޭގެފާނުގެ ކިބަފުޅުން އަމާނާތްތެރިކަމާއި، ދީލަތިކަން ދެކެމު އެވެ. މި ކަމަކީ ކަލޭގެފާނާ މުނާސަބު ކަމެކެވެ". އެ މީހުން އެނބުރި މައްކާ އަށް އައިސް، އެ ޙާދިސާ ޤުރައިޝުންނަށް ކިޔައިދީފި އެވެ. އެ މީހުންގެ ކަންބޮޑުވުން ވެސް ފިލައިފި އެވެ.
އެ މީހުންގެ ހުރި ނަފްރަތާއި، ޙަސަދަވެރިކަމުން، رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ އުފާވެރިކަމުގެ ވަގުތުތައް ނުދެކެން ވެގެން މައްކާގެ ކަމުވޮށިގެންވާ މީހުން، އެރީ ފަރުބަދަ މައްޗަށެވެ.
ފާހަގަޖަހާފައިވާ ޖަމަލުތައް ޒީޠުވާ ނަމަކަށް ކިޔާ ތަނަށް رَسُوْلُ اللهِ ﷺ ފޮނުއްވި އެވެ. ދެން، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން ތައްޔާރީތައް ނިންމަވައި، މުޤައްދަސް މައްކާ އަށް ވަންނަވައިފި އެވެ. އަޞްޙާބު ބޭކަލުން رَسُوْلُ اللهِ ﷺ ވަށާލައިފި އެވެ. ކައުނުގެ ސުލްޠާނު ހުންނެވީ އެކަލޭގެފާނުގެ ޖަމަލުގައެވެ؛ އެކަލޭގެފާނުގެ ހަށިގަނޑުން އަލިކަން ފެތުރިފައި ހުރީ، އިރުން އެތަކެއް ހާސް ތަރިތަކަށް އަލިކަން ފޯރުކޮށްދޭ ފަދައިންނެވެ. އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެއީ ހާދަ ރީތި، ހާދަ ފައްކާ މަންޒަރެކެވެ.
"ތިމަންކަލޭގެފާނު ގަންދީ ހުވާކޮށްކުރަމެވެ. އޭނާ (އިބްނު ރަވާޙާ) ގެ ބަސްތައް، ޤުރައިޝުންގެ މުޝްރިކުންގެ މައްޗަށް، އެ މީހުންނާ ދިމާލަށް ދުނި އުކުމަށް ވުރެ އަވަސްވެފައި ބާރު ގަދަވެގެންވެއެވެ".
حديث الشريف
ތުންފަތުގައި ވަނީ "لبّيك! اللّهم لبّيك! لبّيك! لا شريك لك لبّيك!" އަދި ހިތްތަކުގައި ވަނީ الله تعالى އާއި رَسُوْلُ اللهِ ﷺ އަށް އޮތް ލޯތްބެވެ.
ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެ ބޭކަލުން كعبة المُعظَّمة އާ ދިމާލަށް ކުރިޔަށް ވަޑައިގަތެވެ. މައްކާ އާ ކައިރިވީ ވަރަކަށް އެ ބޭކަލުންގެ ޝައުޤުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެއް އަޑަކުން ކިޔަމުންދިޔަ تلبيةގެ އަޑުން މައްކާ ވަނީ ގުގުމާފައެވެ. މި މަތިވެރި މަންޒަރު ފެނުމުން، މުޝްރިކުންގެ ހިތްތައް ވިރިގެން ގޮސް، ލޯބީގެ ހޫނު ޝަރުބަތު އެ މީހުންގެ ހިތްތަކުގައި އުތުރި އަރައިގެންދިޔަ އެވެ. ގިނަ ބައެއްގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެހިއްޖެ އެވެ.... އެންމެ ފަހުން، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ކާމިޔާބު ހޯއްދެވި އެވެ.
رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުން، އެ ބޭކަލުންގެ ކަނޑިތައް ހިމުގައި ހަރުކޮށްގެން كعبة އަށް ވަންނަވަމުން ގެންދެވި އެވެ. رَسُوْلُ اللهِ ﷺ ގެ ޖަމަލު ކަމުގައިވާ قُصْوَى ލަގަނުގައި ހިއްޕަވައިގެން ހުންނެވީ، عبدالله بن رواحة (رضي الله عنه) އެވެ. މައްކާގެ ބައެއް މުޝްރިކުން، އަންހެނުން، އަދި ކުޑަކުދިން ދާރުއް ނަދުވާ ކުރިމަތީ ގައި އެތުރި، رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށް ބަލަމުންދިޔައެވެ. عبدالله بن رواحة (رضي الله عنه) ކުރިޔަށް ވަޑައިގެންނެވި ވަރަކަށް، އަންނަނިވި ބައިތުތައް، މުޝްރިކުންގެ ބޮލުގައި ތަޅަމުންދިޔަ ކަހަލަ ގޮތަކަށް ކިޔުއްވަމުން ގެންދި އެވެ.
އޭ ކާފަރުންނޭ، ރަސޫލާގެ މަގުން އެއް ފަރާތަކަށް ޖެހޭށޭ،
އެކަލޭގެފާނަކަށް މާތް ﷲ ޤުރްއާން ބާވައިލެއްވި ރަސކަލާނގެ އެވެ.
ކޮންމެ ރަނގަޅުކަމަކާއި ދީލަތިކަލެއް ވަނީ އެކަލޭގެފާނުގެ ދީނުގައޭ،
އެންމެ ރަނގަޅު މަރަކީ، އެކަލޭގެފާނުގެ ދީނަށްޓަކައި މަރުވުމޭ.
އެކަލޭގެފާނަކީ ޙަޤީޤަތުގައި ވެސް ރަސޫލާއޭ، އެކަން އަހުރެން ހިތުގެ އަޑިން ޤަބޫލުކުރަމޭ،
އެކަލޭގެފާނުގެ ކޮންމެ ބަހެއް އަހުރެން ޤަބޫލުކުރަމޭ؛ އެ ހުރިހާ އެއްޗެއް އަހުރެން ޤަބޫލުކުރަމޭ.
އޭ ކާފަރުންނޭ! ކަލޭމެން ޤުރްއާން ޤަބޫލުނުކުރި އިރު،
ބާވައިލެއްވީ الله تعالى އޭ.
އަހަރެމެން ކުއްލިއަކަށް އެތިފަހަރު އަޅާލިގޮތަށޭ،
އަހަރެމެން ކަލޭމެންގެ ބޯތައް ހަށިތަކާ ވަކިކުރީ އެހެންނޭ.
އަހަރެން ފަށްޓަނީ ﷲ ގެ ބަރަކާތްތެރި ނަންފުޅުންނޭ،
އެކަލާނގެ ދީން ފިޔަވައި ތެދު އެހެން ދީނެއް ނެތޭ.
އަދި އަނެއްކާ ވެސް އަހަރެން ފަށްޓަނީ ﷲ ގެ ނަންފުޅުންނޭ،
އެކަލާނގެއަށް محمّد އަޅަކަށް އަދި ރަސޫލަކަށް ވެސް ވާ ފަރާތޭ.
عُمرُގެފާނަށް އޭނާ އަށް އިންޒާރުދިނުން ނޫން ގޮތެއް ނުފެނި ވިދާޅުވި އެވެ. "އޭ إبن رواحة އެވެ! رَسُوْلُ اللهِ ﷺ ގެ ކުރިފުޅުމަތީގަޔާއި، ޙަރަމުއްޝަރީފު ގައި ތިބާ ޅެން ކިޔަނީ ކީއްވެގެން ހެއްޔެވެ؟". އެކަމަކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ عُمرُ އެވެ! އޭނާ ނުހުއްޓުވާށެވެ! ތިމަންކަލޭގެފާނު މާތް ﷲ ގަންދީ ހުވާކޮށްފައި حديث ކުރައްވަމެވެ. އޭނާގެ ބަސްތައް، އެ މީހުންނަށް އަމާޒުކޮށް ފޮނުވާ ދުނިތަކަށް ވުރެ އޭނާގެ ބަސްތައް އަވަސްވެފައި ބާރުގަދަ އެވެ. އޭ إبن رواحةއޭ، ކުރިޔަށް ގެންދަވާށެވެ".
ކުޑަ ވަގުތުކޮޅެއް ފަހުން رَسُوْلُ اللهِ ﷺ ޢަބްދުﷲ ގެފާނާއި، عبدالله بن رواحة އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ.:
"ކިޔާށެވެ: ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އަކީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އޭނާގެ ވަޢުދު ފުއްދަވަނީ އެކަލާނގެ އެވެ! އެކަލާނގެ މި އަޅާ އަށް އެހީތެރިވެވަޑައިގަތީ އެކަލާނގެ އެވެ. އެކަލާނގެ ސިފައިން ބާރުވެރިކުރައްވަނީ އެކަލާނގެ އެވެ! އަދި ޤަބީލާތައް ބަލިކުރައްވައި އެއްކުރެއްވީ ހަމައެކަނި އެކަލާނގެ އެވެ"!
އެއާއެކު عبدالله بن رواحة އަންނަނިވި ބައިތު ކިޔުއްވަން ފެއްޓެވި އެވެ؛
الله تعالىފިޔަވައި އެހެން އިލާހަކު ނުވެއޭ!
އެކަލާނގެ އަށް ބައިވެރިޔަކު ނުވެއެވެ، لاإله إلّا الله
މުސްލިމު ސިފައިންނަށް ބާރުދެއްވީ އެކަލާނގެއޭ!
އަދި އީމާންނުވާ މީހުން ބަލިކުރައްވައި ވިއްސިވިލާލިކުރެއްވީ އެކަލާނގެއޭ!
މުސްލިމުން ވެސް ދިޔައީ މި ބަސްފުޅުތައް ތަކުރާރުކުރައްވަމުންނެވެ.
رَسُوْلُ اللهِ ﷺ ގެފުޅަށް ވެދެވަޑައިގެންނެވި ވަގުތު، އެކަލޭގެފާނުގެ ބަރަކާތްތެރި ކަނާތު ކޮނޑުފުޅު ކަޝްފުކުރެއްވި އެވެ. އެކަލޭގެފާނުގެ ހަމުގެ ރިވެތިކަން މީހުންގެ ލޮލުގައި އަޅައިގަނެ، ހިތްތައް ޝައުޤުވެރިކުރުވައި، އިރު ފަދައިން އަލިވެގެންދިޔަ އެވެ. ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. "މުޝްރިކުންނާ ދެކޮޅަށް ބާރުގަދަކަމާއި، ބުންވަރު ދައްކަވާނެ ހިތްވަރުގަދަ ބޭކަލުންނަށް الله تعالى ޢަފޫކުރައްވާދޭވެ". މި ބަސްފުޅުތަކަށް ފަހު، އަޞްޙާބު ބޭކަލުން އެ ބޭކަލުންގެ ކަނާތު ކޮނޑު ކަޝްފުކުރައްވައި، އަވަހަށް އަދި ރިވެތިކޮށް ހިންގަވަމުން كعبة ވަށައިގެން ތިން ފަހަރު طوافކުރެއްވި އެވެ. އެކަމަކު، رُكنُ اليماني އާއި حجرُ الأسود ގެ ކަނާ ދޭތެރޭހައި އެ ބޭކަލުން ހިންގެވީ މަޑުމަޑުންނެވެ. رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުން حجرُ الأسود އާ ކައިރިވުމުން، އެ ހިލައިގައި ބޮސްދެއްވައި ނުވަތަ އެ ހިލަޔާ ދިމާލަށް އަތް ދިއްކޮށްލެއްވި އެވެ.
މުޝްރިކުން ދިޔައީ، އަޞްޙާބުންނަށް ބައްލަވަމުންނެވެ. މި ރިވެތި ހިނގުން ފެނިފައި އެ މީހުން ތިބީ ޙައިރާންވެފައެވެ. އެހެނީ، އެމީހުން ކައިރީގައި ބުނެވިފައިވަނީ، މަދީނާ އަށް ދިއުމަށް ފަހު މުސްލިމުން ބަލިކަށިވެ، ބަލިވެއްޖެ ކަމަށެވެ. އަދި މިފާޑުގެ އެހެން ޚަބަރުތައް ވެސް ފެތުރިއްޖެ އެވެ. މިހާރު، އެ ބޭކަލުންނަށް ފެންނަމުންދަނީ، އޭގެ ދިމާ އިދިކޮޅު ކަމަށް ވުމުން، އެ މީހުންގެ ޙައިރާންކަން ދިޔައީ ވަރުގަދަވަމުންނެވެ،
ބާކީ ހަތަރު طواف ލަސްލަހުން ލަހުން ފިޔަވަޅުއަޅަމުން ފުރިހަމަ ކުރެވުނެވެ. طواف ގެ ފަހުން، މަޤާމު إبراهيم ކިޔާ ތަނެއް ގައި އެ ބޭކަލުން ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. ދެން އެ ބޭކަލުން ލަސްލަހުން ހިންގެވީ ޞަފާ އާއި، މަރްވާ ފަރުބަދައާ ދެމެދު ހަތް ފަހަރު ހިންގެވި އެވެ. ޤުރްބާންކުރެވުނު ޖަނަވާރުތައް ކަތިލުމަށް ފަހު، رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ބޯ ބޭލުވުނެވެ. އެކަލޭގެފާނުގެ ބޮލުގެ އިސްތަށި ވައިގެ ތެރެއިން ދަމައިގަނެވުނެވެ. އަޞްޙާބު ބޭކަލުންގެ ބޯ ވެސް ބޭލުނެވެ. އެހެންކަމުން، رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތް ހުވަފެން، ޙަޤީޤަތަކަށް ވީއެވެ.
ޢުމުރާ ދަތުރު ފުރިހަމަވީ އެވެ. އޭރު ޢަޞްރު ނަމާދުގެ ވަގުތު ޖެހިއްޖެ އެވެ. ގެފުޅު ގައި ނަމާދަށް ބަންގޮގޮވުމަށް ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ بلال ގެފާނަށް އެންގެވުމުން، ވަގުތުން بلال ގެފާނު އެ އަމުރުފުޅަށް ތަބަޢަވެއްޖެ އެވެ. ބަންގި ގޮވަމުން ގެންދެވި އިރު، މުޅި މައްކާގެ ސަމާލުކަން ލިބިގެންދިޔަ އެވެ. އަޞްޙާބު ބޭކަލުން ބަންގި އަޑުއައްސަވަމުން ގެންދެވީ ޝައުޤުވެރިކަމާއެކު މަޑު އަޑަކުންނެވެ. ބަންގި ނިމުމުން، رَسُوْلُ اللهِ ﷺ ވެވަޑައިގަތީ އިމާމަށެވެ. ޖަމާޢަތުގައި ކުރެވުނު އަޞްރު ނަމާދުން މުޝްރިކުންގެ ހިތްތަކަށް ކުރީ ތަފާތު އަސަރެކެވެ.
އަބްތާ ގައި رَسُوْلُ اللهِ ﷺ އަށް ލެދަރުންވާ ޓެންޓެއް ތައްޔާރުކޮށްފައި ވެއެވެ. ޞަޙާބީން އެކަލޭގެފާނުގެ ވަށައިގެންވީ ފޭލިގެތަކުގައި ތިން ދުވަސް ވަންދެން ތިއްބެވި އެވެ. ނަމާދު ވަގުތުތަކުގައި، އެ ބޭކަލުން ގެފުޅަށް ޖަމާވެ ޖަމާޢަތުގައި ނަމާދު ކުރެއްވި އެވެ. އެހެން ވަގުތުތަކުގައި، އެބޭކަލުންގެ ތިމާގެ މީހުން ގާތަށް ޒިޔާރަތްކުރައްވައި، އިސްލާމް ދީން އެމީހުންނަށް ގެނެސްދިން ރަނގަޅު އަޚްލާޤީ ސިފަތަކުން ރިވެތި މިސާލެއް ދެއްކެވި އެވެ. އަޞްޙާބު ބޭކަލުންގެ ރިވެތި ސުލޫކު ފެނިފައި އެ މީހުން ވެފައި ތިބި އާޝޯޚުކަން ފޮރުވައެއް ނުލެވުނެވެ. އެ ތިން ދުވަހުގެ ތެރޭގައި، މައްކާ ވަނީ އެތެރެއިން ފަތަޙަކުރެވިފައެވެ.
"މުޝްރިކުންނާ ދެކޮޅަށް ބާރުގަދަކަމާއި، ބުންވަރު ދައްކަވާނެ ހިތްވަރުގަދަ ބޭކަލުންނަށް الله تعالى ޢަފޫކުރައްވާދޭވެ".
حديث الشريف
ތިން ދުވަސް ފާއިތުވެއްޖެ އެވެ... ދޫކޮށްލައްވާފައި ވަޑައިގަންނަވާ ވަގުތު ޖެހިއްޖެ އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "(ޢުމްރާ އަށް އައި) މުސްލިމުންގެ އެކަކު ވެސް މި ހާވީރުގެ ވަގުތު މައްކާ ގައި ހޭދައެއް ނުކުރާނެ އެވެ. އެ އެންމެން ފުރައިގެންދާނެ އެވެ". އެންމެން ފޮށިތަންމަތި ބަނދެގެން މަދީނާ އަށް ދިއުމަށް ދަތުރު ފަށައިފި އެވެ...
ޖުޙުފާ ގައި ވަނިކޮށް رَسُوْلُ اللهِ ﷺ عبّاسގެފާނާ ބައްދަލުވި ވަގުތު عبّاس (رضي الله عنه) ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. ميمونة ބިންތި ޙާރިޡް ހުވަފަތް ވެއްޖެ އެވެ. އެކަމަނާ ތިބާގެ އަންބެއްގެ ގޮތުގައި ނަގަން ހެއްޔެވެ"؟ މިއާއެކު، އަބޫ ރާފިޢު އާއި، އަންޞާރުންގެ ތެރެއިން މީހަކު، އެކަމަނާ އަށް ކައިވެނި ހުށަހެޅުމަށް ޓަކައި، رَسُوْلُ اللهِ ﷺ މައްކާ އަށް ފޮނުއްވި އެވެ. ޖަމަލަކަށް ސަވާރުވެ އިންނެވި ميمونة އެ ވަގުތު އިންނެވީ ވަރަށް ބޮޑަށް ހަމަޖެހިލައްވާފައެވެ. އެކަމަނާ ވިދާޅުވީ، "ޖަމަލާއި އޭގެ މަތީގައިވާ އެއްޗެއްހގެ މިލްކުވެރިޔަކީ އޭނާ އެވެ". އެކަމަނާ رَسُوْلُ اللهِ ﷺ އަށް ހިބަކޮށްދެއްވައިފި އެވެ. ކައިވެނީގެ އިންތިޒާމުތައް ކުރުމަށް އެކަމަނާ ޙަވާލުކުރެއްވީ، އެކަމަނާގެ އުޚްތު أُمُّ الفضل އާ އެވެ. އަދި أُمُّ الفضل އެ ކަން ޙަވާލުކުރެއްވީ އެކަމަނާގެ ފިރިކަލުން عبّاس (رضي الله عنه) އާ އެވެ. އެ ބޭފުޅުން ޢުމްރާ އިން އެނބުރި ވަޑައިގަތް މަގުމަތީގައި، عبّاس (رضي الله عنه)، ميمونة (رضي الله عنها)، رَسُوْلُ اللهِ ﷺ އާ، ހަތަރު ސަތޭކަ ދިރުހަމުގެ ރަނަށް ކައިވެނި ކޮށްދެއްވައިފި އެވެ. ކައިވެނީގެ ރަސްމިއްޔާތު ވެސް އެ ތާނގައި ބޭއްވުނެވެ. ميمونة (رضي الله عنها)، رَسُوْلُ اللهِ ﷺ އާ ކައިވެނިކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތީ އެވެ. އޭގެ ފަހުން رَسُوْلُ اللهِ ﷺ ކައިވެނި ނުކުރައްވައެވެ.
އަޅުގަނޑު އުއްބައްތިއެއް ހަދިޔާކުރުމުގެ ހިތްވަރު އަޅުގަނޑަށް ލިބުނޭ، މާތްﷲ ގެ ރަސޫލާއޭ!
އަޅުގަނޑު އެކަން ކުރީ ކަލޭގެފާނުގެ މަތިވެރި ދޮރުކޮޅަށް ޚިދުމަށޭ، މާތް ﷲ ގެ ރަސޫލާއޭ!
ކަލޭގެފާނުގެ ނިކަމެތި ނޯކަރު ދޭ ކަލޭގެފާނުގެ މަތިވެރިކަމާ ނުބައްދަލު ހަދިޔާއެކޭ؛
ކަލޭގެފާނުގެ އޯގާތެރިކަމާއި، މަތިވެރިކަމުން ހަދިޔާ ޤަބޫލުކުރައްވާށޭ، މާތް ﷲ ގެ ރަސޫލާއޭ!
ކަލޭގެފާނު ފިޔަވައި، އަޅުގަނޑު ބަރޯސާވާންވީ ކާކަށް ތޯއޭ؟
ކަލޭގެފާނާ އެކު ވަނީ އޯގާތެރިކަމޢި، ބަރަކާތޭ، މާތް ﷲ ގެ ރަސޫލާއޭ!
އަޅުގަނޑު ބަރޯސާވަނީ ހަމައެކަނި ކަލޭގެފާނަށެވެ؛ އަޅުގަނޑު ވަނީ ކަލޭގެފާނުގެ ރަޙުމްގައޭ!
އަޅާ އަށް ރަޙުމް ބަހައްޓަވައި، ޝަފާޢަތްދެއްވާށޭ، މާތް ﷲ ގެ ރަސޫލާއޭ!
ދެ ދުނިޔޭގައި ވެސް، ހާނީ މަޙްމޫދުލް ޢަދްލީ ހޯދައިގަންނާށެވެ!
މިނިވަންކަމަކީ ފެށުމާއި ނިމުގައި ވެސް ތިބާގެ އެއްޗެކޭ، މާތް ﷲ ގެ ރަސޫލާއޭ!
II. محمود خان
خالد بن الوليد އިސްލާމްވުން
ދެ ދުނިޔޭގެ ރަޙްމަތެއްގެ ގޮތުން ފޮނުއްވުނު ޢުމްރާއަކަށް މައްކާ އަށް ވަޑައިގެން އެކަލޭގެފާނުގެ އަޞްޙާބެއް ކަމުގައިވާ وليد بن وليد (رضي الله عنه) އާ ސުވާލުކުރެއްވި އެވެ. "خالد ކޮބައި ހެއްޔެވެ؟ އޭނާ ފަދަ މީހަކަށް އިސްލާމް ދީން ނޭނގުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އޭނާގެ ކުޅަދާނަކަން މުސްލިމުންގެ ފަޅީގައި ހުރެގެން މުޝްރިކުންނާ ދެކޮޅަށް ދެއްކުމަކީ ކިހާ ރަނގަޅު ކަމަކަށް ވީހެވެ. އަހަރެމެން އެކަމަށް ލޯބިކޮށް އޭނާ އަށް ޝުކުރުވެރިވީމުހެވެ". وليد بن وليد އޭނާގެ ދޮށީ ބޭބެއަށް އެކި ފަހަރު މަތިން ސިޓީ ލިޔެ، މުސްލިމަކަށް ވުމަށް ހިތްވަރުދީފައި ވެއެވެ. އޭނާ، رَسُوْلُ اللهِ ﷺ ގެ މި ބަރަކާތްތެރި ބަސްކޮޅު ގެ ވާހަކަ ކިޔައިދިނުމުން، خالد بن وليد އިސްލާމް ދީނަށް އޮތް ލޯބި އިތުރުވެއްޖެ އެވެ. ޢުމްރާ ދަތުރުން ޞަޙާބީން އެނބުރި މަދީނާ އަށް ވަޑައިގެންފި އެވެ. ދުވަސްތައް ހޭދަވަނީ އެވެ. އަދި ހިޖުރައިން 8 ވަނަ އަހަރު ފެށިއްޖެ އެވެ. خالد بن وليد އަށް ދެން އިތުރަކަށް ކެތެއް ނުކުރެވި، ވީހާ ވެސް އަވަހަކަށް މަދީނާ އަށް ދިއުމަށާއި، رَسُوْلُ اللهِ ﷺ ގެ ކުރިމަތީގައި ކަކޫޖެއްސުމާއި، މުސްލިމަކަށް ވުމުގެ ޝައުޤުވެރިކަން އުފެދިއްޖެ އެވެ. އޭނާ މިކަން ސިފަކުރައްވައި ވިދާޅުވަނީ އަންނަނިވި ގޮތަށެވެ.:
"الله تعالى ވަނީ އަޅުގަނޑުގެ ހިތުގައި رَسُوْلُ اللهِ ﷺ އަށް ލޯބި ޖައްސަވާފައެވެ. ހެވާއި ނުބައި ވަކިކޮށް ދެނެގަނެވޭނެ ގޮތް ލެއްވީ އެކަލާނގެ އެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ.: محمّدގެފާނާ ދެކޮޅަށް ކުރެވުނު ހުރިހާ ހަނގުރާމައެއް ގައި އަހަރެން ހުރީމެވެ. ކޮންމެ ހަނގުރާމައެއް ނިމިގެން ދާއިރު އަހަރެން ހިތަށް އެރީ އަހަރެން ހުރީ ގޯސް މަގެއްގައި ކަމަށާއި، ކޮންމެ ވެސް އެއް ދުވަހަކުން އެކަލޭގެފާނު އަހަރެމެންގެ މައްޗަށް ކާމިޔާބު ހޯއްދަވާނެ ކަމަށެވެ. رَسُوْلُ اللهِ ﷺ ޙުދައިބިއްޔާ އަށް ވަޑައިގެންނެވި އިރު، ޢަދުއްވުންގެ އަސްވާރުންގެ ކޮމާންޑަރަކަށް ހުރީ އަހަންނެވެ. ޢުސްފާން ގައި އަހަރެން މުސްލިމުންނާ ދިމާލަށް ގޮސް މުސްލިމުންނަށް އަހަރެން ފެނިފައިވާނެ އެވެ. އަހަރެމެންގެ ފަރާތުން ރައްކާތެރިކަން ހުރި ކަމަށް ބައްލަވާފައި، އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު ޢަޞްރު ނަމާދު ކުރެއްވި އެވެ. އަހަރެމެން ބޭނުންވީ އެ މީހުންނަށް ކުއްލި ޙަމަލާއެއް ދޭށެވެ. އެކަމަކު، އެކަން އެ ގޮތަށް ކުރެވޭ ގޮތެއް ނުވި އެވެ. އެހެން ދިމާވުމަކީ، ރަނގަޅަކަށް ވީ ކަމެކެވެ. އަހަރެމެން ނިޔަތްލައިގެން ތިބި ގޮތް رَسُوْلُ اللهِ ﷺ އަށް އެނިވަޑައިގަތީ ތޯއެޗެކެވެ. އެހެނީ، އެ ބޭކަލުން ޢަޞްރު ނަމާދުކުރެއްވީ ވަރަށް ސަމާލުކަން ދެއްވައިގެންނެވެ.
އެ ޙާލަތުން އަޅުގަނޑަށް ވަރަށް އަސަރުކުރި އެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. މި ބޭކަލަކު ވާނީ މާތް ﷲ ރައްކައުތެރިކުރައްވާފައެވެ. އަހަރެން ހުރީ ފުން ޚިލާޔުގައެވެ. އަދި محمّدގެފާނު ޢުމްރާ ކުރެއްވުމަށް މައްކާ އަށް ވަޑައިގެންނެވި އިރު، އެކަލޭގެފާނާ ހިސާބަށް ނުދަމެވެ. އެކަލޭގެފާނު އަހަރެންގެ ބޭބެ ވަލީދާ އެކު ވަޑައިގަތް އިރު އަހަރެން ނުފެނުނެވެ. އަހަރެންގެ ބޭބެ އަހަންނަށް ދޫކޮށްލި ސިޓީ ގައި ވަނީ އަންނަނނިވި ގޮތަށެވެ.: 'بسم الله الرّحمن الرّحيم! الله تعالى އަށް ޙަމްދާއި ޝުކުރު ކޮށް، رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔުމަށް ފަހު، އަހަރެން ބުނަމެވެ. ތިބާ އިސްލާމް ދީނާ ދުރަށް ދިއުންހާ އަހަރެން ޙައިރާން ކުރުވަނިވި ކަމެއް އަހަންކަށް ނޭނގެއެވެ. އެހެންނަމަވެސް، ތިބާ އަކީ، ތިބާ ތި ތަބާވާ ގޮތަކީ ގޯސް ގޮތްކަން ވިސްނައިނުގަނެވޭ ވަރުގެ މީހެއް ނޫނެވެ. ތިބާގެ ސިކުނޑީގެ ބޭނުންނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އިސްލާމް ދީން ފަދަ ދީނެއް ތިބާ އަށް ނޭނގި އަދި ނުވިސްނުމަކީ ކިހާ ޢަޖައިބުކުރުވަނިވި ކަމެއް ހެއްޔެވެ؟ އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އަހަރެން ގާތު ތިބާގެ ވާހަކަ އެއްސެވި އެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، ތިބާ އަށް އިސްލާމް ދީން އެނގި، ތިބާގެ ހިތްވަރުގަދަކަން މުޝްރިކުންނާ ދެކޮޅަށް ބޭނުންކުރުމަށެވެ. އޭ އަހަރެންގެ އަޚާއެވެ! ތިބާ އަށް ގިނަގުނަ ފުރުޞަތުތައް ގެއްލިގެން ގޮސްފި އެވެ. އިތުރަށް ދެން ލަސްނުކުރާށެވެ'.
އަހަރެންގެ ބޭބެގެ ސިޓީ އަހަންނާ ހަމަޔަށް އައި އިރު، މުސްލިމަކަށް ވުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގައި ވަނީ ވަރަށް ބޮޑުވެފައެވެ. އަވަހަށް މައްކާ ދޫކޮށް ދިއުމަށް އަހަރެން ހުރީ ތައްޔާރަށެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި ބަސްފުޅުތަކުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ. އެ ރޭ އަހަރެން ނިދަން އޮތް އިރު، އަހަންނަށް ހުވަފެނުން ފެނުނީ މައްސަލަ ބޮޑު، ހަނި އަދި ފެންނެތް ސަހަރާއެއް ފަދަ ތަނަކުން، ބޯކޮށް ގަސްހެދިފައިވާ، ފުޅާ އަދި ތަނަވަސް ތަނަކަށް ދެވުނު ތަނެވެ. މަދީނާ އަށް ފޯރުމުން، މި ހުވަފެން أبو بكر ގެފާނަށް ކިޔައިދީ، އޭގެ ތަޢުބީރަކީ ކޮބައިތޯ ސުވާލުކުރުމަށް އަހަރެން ހުރީ ނިންމައިގެންނެވެ.
"އިސްލާމްވުމުގެ ކުރިން ކޮށްފައިވާ ފާފަތައް ފުއްސަވާދެއްވައެވެ".
حديث الشريف
رَسُوْلُ اللهِ ﷺ އާ ހަމަޔަށް ދިއުމުގެ ތައްޔާރީތައް އަހަރެން ވަމުން ދިޔައިރު، އަހަންނަށް ވިސްނެމުންދިޔައީ، 'މި ދަތުރު ގައި އަހަންނާ އެކު ދާނީ ކާކު ބާވައޭ' މިހެންނެވެ. ހަމަ އެވަގުތު، އަހަންނާ صفوان بن أُميّة އާ ދިމާވެއްޖެ އެވެ. މިވެގެން އުޅޭ ގޮތުގެ ވާހަކަ އަހަރެން އޭނާ ކައިރީގައި ބުނެފީމެވެ. އޭނާ އަހަރެންގެ ހުށަހެޅުމާ ދެކޮޅުހަދައިފި އެވެ. ދެން އަހަންނާ ދިމާވީ، ޢިކްރިމަތު ބިން أبو جهل އެވެ. އޭނާ ވެސް ދެކޮޅުހެދުމުން، އަހަރެން ދިޔައީ ގެއަށެވެ. އަހަރެންގެ އަހަށް ސަވާރުވެގެން ދިޔައީ عُثمان بن طلحة އާ ހަމައަށެވެ. އަހަރެން އޭނާ ގާތު ބުނީ ދެންނެވީ، މުސްލިމަކަށް ވުމަށް ޓަކައި، އަހަރެން ގެ އަރިހަށް ދާ ވާހަކައާއި، އަހަންނާ އެކު ދިއުމަށެވެ. އެއްވެސް ކެހިލުންވުމަކާ ނުލައި އޭނާ މި ހުށަހެޅުން ޤަބޫލުކޮށްފި އެވެ. އެއާއެކު، އަހަރެމެން ދެމީހުން ޖެހިގެން އައި ދުވަހުގެ ފަޖްރު ވަގުތު އެކީ ގައި ދާން ދަތުރު ފަށްޓައިފީމު އެވެ. އަހަރެމެންނަށް ޙީރާ ނަމަކަށް ކިޔާ ހިސާބަކަށް ދެވުމުން، ބައްދަލުވީ عمرو بن العاص އާ އެވެ. އޭނާ ސުވާލުކުރީ ދަނީ ކޮން ތާކަށް ތޯ އެވެ. އަހަރެމެންގެ ދަތުރުގެ މަޤްޞަދު ބުނުމުން، އޭނާ ބުނިގޮތުގައި އޭނާ އެ އަންނަނީ ޙަބަޝް ކަރައިން ކަމަށާއި، އޭނާ ނަޖާޝީ އަޞްޙަމާ އަރިހުގައި ހުރި އިރު އިސްލާމްވެފައިވާ ކަމަށެވެ. މިހާރު، އޭނާ މަދީނާ އަށް އެ ދަނީ رَسُوْلُ اللهِ ﷺ އަށް ބައިޢަތުހިފުމަށް ކަމަށެވެ. އަހަރެމެންގެ ތިން މީހުންނަށް މަދީނާ އަށް އާދެވިއްޖެ އެވެ. އަހަންނަށް އެނގުނު ގޮތުގައި، އަހަރެމެން އަންނަ ކަން رَسُوْلُ اللهِ ﷺ އަށް އެނގިވަޑައިގަޔުމުން، އެކަލޭގެފާނު حديث ކުރެއްވީ، "މައްކާ އިން އެ ރަށް އެންމެ ލޯބިވާ މީހުން އަހަރެމެންނާ ހަމަޔަށް އެބަ ފޮނުވައެވެ".
އަހަރެން މަދީނާ އަށް އައި އިރު، އަހަރެންގެ ދަތުރު ހެދުން ބާލައިފީމެވެ. އަހަރެން އަތުގައި އޮތް އެންމެ މޮޅު ހެދުން ލައިގެން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރުމަށް ތައްޔާރުވެއްޖައީމެވެ. އެ ވަގުތު، އަހަރެންގެ ބޭބެ وليد އައިސް ބުންޏެވެ. 'އަވަސްކުރާށެވެ. ތިބާ އައިކަން އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އަށް ޚަބަރު ކުރެވިއްޖެ އެވެ. އެކަލޭގެފާނު ހުންނެވީ ވަރަށް އުފަލުންނެވެ. މިހާރު، އެކަލޭގެފާނު ހުންނެވީ ތިބާގެ އިންތިޒާރުގައެވެ'. އަވަސް އަވަހަށް، މަތިވެރިވެގެންވާ رَسُوْلُ اللهِ ﷺ ގެ އަރިހަށް އަހަރެން ގޮސްފީމެވެ. އަހަރެން އެކަލޭގެފާނާ ސަލާމްކޮށްފައި ދެންނެވީމެވެ. 'أشهد أن لاإله إلّا الله و أشهد أنّك رَسُوْلُ اللهِ'. އެކަލޭގެފާނު حديث ކުރެއްވި އެވެ. 'ތިބާ އަށް ތެދުމަގު ދެއްކެވި الله تعالى އަށް ޙަމްދު ހުއްޓެވެ'. ދެން އަހަރެން އެކަލޭގެފާނުގެ އަރިހުން އެދުނީ އަހަރެންގެ ފާފަތައް ފުއްސަވައިދެއްވުމަށް އަށް ދުޢާކޮށްދެއްވުމަށެވެ. އެކަލޭގެފާނު އަހަންނަށް ދުޢާކޮށްދެއްވައި حديث ކުރެއްވި އެވެ. "އިސްލާމްވުމުގެ ކުރިން ކޮށްފައިވާ ފާފަތައް ފުއްސަވާދެއްވައެވެ". އަހަރެންގެ ދެން ތިބި ދެ އެކުވެރިން ވެސް އިސްލާމް ވެއްޖެ އެވެ".2
އެހެންކަމުން، މައްކާގެ އެންމެ ހިތްވަރުގަދަ މީހުންގެ ތެރޭގައި ހިމެނޭ، އެ ކުރަން އުޅޭ ކަމަކަށް ބޭކަލުންގެ ފުރާނަ ދުއްވާލުމަށް ޖެހިލުމެއް ނުވާ، މި ތިން ހިތްވަރުގަދަ ފިރިހެނުން ތެދުވެރިކަމާ އެކު رَسُوْلُ اللهِ ﷺ ގެ ޙާޒިރުގައި އަޞްޙާބުންގެ ތެރޭގައި ހިމެނުމުގެ ޝަރަފު ހޯއްދަވައިފި އެވެ. މިހިސާބުން ފެށިގެން، އެ ބޭކަލުންގެ ހުރި ހުރިހާ ބާރެއް ބޭނުންކުރައްވައިގެން މަސައްކަތްކުރައްވާނީ، ކުފުރު ނައްތަވާލެއްވުމަށެވެ. އެ ބޭކަލުން އިސްލާމްވުމުން އަޞްޙާބު ބޭކަލުން އެކަމާ ވަރަށް ބޮޑަށް އުފާކުރައްވައި، އެ ބޭކަލުންގެ ހިތްހަމަޖެހުން ހާމަކުރެއްވީ تكبير ކަމުގައިވާ "الله أكبر!" ކިޔުއްވައިގެންނެވެ.
محمّدގެފާނަކީ ޙައްޤުގެ އަޑޭ،
އެކަލޭގެފާނަކީ، ދެ ދުނިޔޭގެ ސައްޔިދޭ.
ޢަރަބިންނާއި، ފާރިސީންނަކީ، އެކަލޭގެފާނުގެ އަޅުންނޭ.
އެ ފިނިފެންމާ ފަދަ ފިނިފެންމަލެއް ވަގުތަކަށް ފެނިފައެއް ނެތޭ،
އެ ރިވެތި ކަމަށް ތިބާ ވެސް އިސްޖަހާށޭ.
الإمام البُصيري
