ލޮބުވެތި ރަސޫލާ

ޣަޒްވަތު بنو قُريضة

"އޭ ތިމަންކަލޭގެފާނުންގެ އަޞްޙާބުންނޭވެ! ތެދު ތިޔަބައި މީހުންގެ އަސްތަކަށާއި، ޖަމަލުތަކަށް ސަވާރުވާށެވެ! މި އަމުރަށް ތަބަޢަވާ މީހުން ޢަޞްރު ނަމާދު ކުރާނީ ބަނީ ޤުރައިޟާ ގެ ބިމުގައެވެ".
حديث الشريف

ޚަންދަޤު ހަނގުރާމަ އަށް ފަހު، رَسُوْلُ اللهِ ﷺ މަދީނާ އަށް އެނބުރި ވަޑައިގަތުމަށް ފަހު، އެކަލޭގެފާނު ވަޑައިގަތީ عائشةގެފާނުގެ ގެއަށެވެ. އެކަލޭގެފާނުގެ ހަތިޔާރުތަކާއި، ދަގަނޑު ދަހަނާ ނެނެގެވި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅު ވަނީ ހިރަފުހުން ފުރިފައެވެ. އެކަލޭގެފާނު ނާނޭފުޅު ހިއްޕެވި އެވެ. އެ ވަގުތު، ދިޙްޔާ (‏رضي الله عنه)‏ ގެ ސިފަޖެހިގެން ހުރި ދަގަނޑު ދަހަނާ އެޅި އަސްވާރެއް ވަޑައިގެންފި އެވެ. އެއީ جبريل (‏عليه السّلام)‏ އެވެ. އެކަލޭގެފާނާ އަރާހަމަވުމުން އެކަލާނގެ އަމުރު އިއްވެވި އެވެ. "الله تعالى ގެ ރަސޫލާ އެވެ! بنو قُريضة އާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް الله تعالى އަމުރުކުރައްވައެވެ". ކައުނުގެ ސައްޔިދު بلال (‏رضي الله عنه)‏ އަށް ގޮވާލައްވާފައި އަޞްޙާބުންނަށް އަންނަނިވި ފަދައިން އިއްވެވުމަށް އަމުރުފުޅު ކުރެއްވި އެވެ. "އޭ ތިމަންކަލޭގެފާނުންގެ އަޞްޙާބުންނޭވެ! ތެދު ތިޔަބައި މީހުންގެ އަސްތަކަށާއި، ޖަމަލުތަކަށް ސަވާރުވާށެވެ! މި އަމުރަށް ތަބަޢަވާ މީހުން ޢަޞްރު ނަމާދު ކުރާނީ بنو قُريضة ގެ ބިމުގައެވެ".

رَسُوْلُ اللهِ ﷺ ވަގުތުން އެކަލޭގެފާނުގެ ދަގަނޑު ދަހަނާ އާއި ކަނޑި އަޅުއްވައިފި އެވެ. އެކަލޭގެފާނުގެ ހެލްމެޓް އެކަލޭގެފާނުގެ ބޯކޮޅު ގައި އަޅުއްވައި، އެކަލޭގެފާނުގެ ބުރަކަށިކޮޅުގައި އެކަލޭގެފާނުގެ އައްޑަނަ އަޅުއްވައި، އެކަލޭގެފާނުގެ ލޮންސި އަތުން ހިއްޕެވި އެވެ. ދެން، އެކަލޭގެފާނުގެ އަސްކޮޅަށް ސަވާރުވެވަޑައިގަތެވެ. އެކަލޭގެފާނުގެ އަޞްޙާބުންނަށް ދެއްވި ދައުރުތަކަށް ބަލާއިރު، މުސްލިމުންގެ ދިދަ ދެއްވީ علي (‏رضي الله عنه)‏ އަށެވެ.އަދި މަދީނާގެ އިރުދެކުނުގައި ވާ ބިމުގައި ހުންނަ بنو قُريضةގެ ކިއްލާ އަށް އެންމެ ކުރީގައި ހުންނަވައިގެން ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައިފޮނުއްވުނެވެ. އާދައިގެ މަތިން އެކަލޭގެފާނުގެ ނާއިބެއްގެ ގޮތުގައި މަދީނާ ގައި ބެހެއްޓެވީ ޢަބްދުﷲ ބިން އުއްމު މަޚްތޫމެވެ.1

މަތިވެރިވެގެންވާ އަޞްޙާބުން، رَسُوْلُ اللهِ ﷺ ވަށައިގެން ތިއްބަވާ "الله أكبر! الله أكبر!" تكبير ގެ އަޑު ދަށުގައި މަދީނާ އިން ނުކުންނަވައިފި އެވެ. އެ ވަޑައިގެންނެވި މަގުމަތީ ގައި ބަނީ ޣަނަމް އާ ދިމާވި އެވެ. އެ މީހުން ތިބީ ހަތިޔާރު އަޅައިގެން رَسُوْلُ اللهِ ﷺ ގެ އިންތިޒާރުގައެވެ. رَسُوْلُ اللهِ ﷺ އެ މީހުންނާ ސުވާލުކުރެއްވި އެވެ. "ތިޔަބައި މީހުންނާ އެއްވެސް ބަޔަކާ ދިމާވި ހެއްޔެވެ"؟ އެ މީހުން ޖަވާބު ދިނެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންނާ ދިމާވީ دحيةލް ކަލްބީ އާ އެވެ. އޭނާ ދުއްވަމުން ދިޔައީ ލަގަން އަޅުވާފައިވާ ޙިމާރެކެވެ. އެ ޙިމާރުގެ ގައި މަތީގައި ފަށުވި މަޚްމާ ފޮތިގަޑެއް އޮތެވެ". رَسُوْلُ اللهِ ﷺ އޭނާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އެއީ ޖިބްރީލެވެ. އެކަލޭގެފާނު بنو قُريضة އާ ހަމައަށް ފޮނުއްވުނީ، އެ މީހުންގެ ކިއްލާ ތަޅުއްވައި އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އަށަގެންނެވުމަށެވެ". އެ ބޭކަލިން بنو قُريضةގެ ކިއްލާ އަށް ވާޞިލުވީ އިރު، އިސްލާމީ ލަޝްކަރުގެ ސިފައިންގެ ޢަދަދު 3،000 އަށް އެރީ އެވެ.

عليގެފާނު އިސްލާމީ ދިދަ ޖެއްސެވީ بنو قُريضة ގެ ޔަހޫދީންގެ ކިއްލާގެ ކުރިމަތީގައެވެ. އެތަން ފެނި، رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން ޔަހޫދީން ނުބައިކޮށް ވާހަކަދެއްކި އެވެ. عليގެފާނު ވަޑައިގެން މި ޙާލަތާ ބެހޭ މަޢޫލޫމާތު رَسُوْلُ اللهِ ﷺ އަށް ދެއްވި އެވެ. ތިން ހާސް ސިފައިންނާ އެކު رَسُوْلُ اللهِ ﷺ އެ ތަނަށް ވަޑައިގަތުމަށް ފަހު، އެކަލޭގެފާނުގެ އޯގާތެރިކަމުން، އިސްލާމް ދީނަށް ވަނުމަށް ޔަހޫދީންނަށްދަޢުވަތު ދެއްވި އެވެ. އެ ރިވެތި ހުށަހެޅުއްވުން އެބައި މީހުން ޤަބޫލެއް ނުކުރި އެވެ. ހަމަ އެހެންމެ، رَسُوْلُ اللهِ ﷺ ހުށަހެޅުއްވި އަންނަނިވި ހުށަހެޅުއްވުން ވެސް އެބައި މީހުން ޤަބޫލެއް ނުކުރި އެވެ. "އެހެންވެއްޖެ ކަމަށް ވާނަމަ، ކިއްލާ އިން ފައިބައިގެން އައިސް، الله تعالى އާއި، އެކަލާނގެ ރަސޫލާ ގެ އަމުރަށް ކިޔަމަންވެ އަމާންދޭށެވެ".

މިއާ އެކު، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ، سعد بن أبي وقّاص އާ (‏رضي الله عنه)‏ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "އޭ سعدއެވެ! ކުރިޔަށް ޖެހި، އެ މީހުންނާ ދިމާލަށް ދުނިއުކާށެވެ"! سعد(‏رضي الله عنه)‏ އާއި އެހެން ދުނިޖެހުންތެރިން، އެ ބޭކަލުންގެ ދުނިއުރައިގައިވާ ދުނިތައް ޔަހޫދީންގެ ކިއްލާ އާ ދިމާލަށް، ތަކުބީރުގެ އަޑުދަށުން ޖައްސަވަން ފަށްޓަވައިފި އެވެ. ރައްދުގައި ޔަހޫދީން ދުނިޖަހައި، ހިލައުކައި، ހަނގުރާމަ ފަށްޓައިފި އެވެ.

މުސްލިމުން ބަލިކަށިވީ ވަގުތު ބަލައި މުސްލިމުންގެ ބުރަކަށްޓަށް ޚަންޖަރު ހަރައި، އެ މީހުންގެ ހިތުގައިވާ ޙަސަދަވެރިކަމެއްގެ ސަބަބުން رَسُوْلُ اللهِ ﷺގެ ރަސޫލުކަން ޤަބޫލުނުކުރި މި ޔަހޫދީ ޖަމާޢަތަށް، އެ މީހުންގެ ކިއްލާގެ ގޭޓްތައް ހުޅުވައި، ހަނގުރާމައިގެ މައިދާނަށް ނުކުމެލާނެހާ ހިތްވަރެއް ނެތެވެ.

ހަނގުރާމަ ކުރިޔަށް ދިޔައީ ޙިޞާރުކުރުމެއްގެ ގޮތުގައެވެ. އަދި މުސްލިމުންގެ މެދުގައި ތިބި މުނާފިޤުން ސިއްރު މެސެޖުތައް އެ ކިއްލާ އަށް ފޮނުވައި ބުނޫ އެވެ. "އަމާން ނުދޭށެވެ! މަދީނާ ދޫކޮށް ދާން އެ މީހުން އެދުނު ކަމުގައި ވިޔަސް އެ ގޮތަށް ޤަބޫލުނުކުރާށެވެ! ކަލޭމެން ހަނގުރާމައިގައި ކުރިޔަށް ދާ ނަމަ، އަހަރެމެންގެ އަތުގައިވާ ހުރިހާ ބާރަކާ އެކު އަހަރެމެން ކަލޭމެންނަށް އެހީތެރިވާނަމެވެ؛ ކަލޭމެން އެދޭ އެއްވެސް ކަމަކަށް އަހަރެމެން ނޫނެކޭ ނުބުނާނަމެވެ. އެ މީހުން ކަލޭމެން މަދީނާ އިން ބޭރުކޮށްލާ ނަމަ އަހަރެމެން ވެސް ކަލޭމެންނާ އެކު ދާނަމެވެ"! މި ޚަބަރާ އެކު، މުނާފިޤުންގެ އެހީތެރިކަމުގެ އިންތިޒާރުގައި ތިބި ޔަހޫދީން، އާ ޢަޒުމަކާއި އުއްމީދަކާ އެކު އެ މީހުންގެ ދިފާޢު ކުރިޔަށްގެންދިޔަ އެވެ. މަހެއް ވީ އިރު ވެސް ޙިޞާރު ކުރިޔަށް ދިޔައެވެ. މުނާފިޤުންގެ އެހީއެއް މީހުންނަކަށް ނުލިބުނެވެ. އެ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެރިވެ، މުސްލިމުންނާ އެކު މުޢާހަދާއެއް ކުރަން ބޭނުންވާ ކަމަށް ނިންމައިފި އެވެ.

މުޢާހަދާ ކުރުމަށް ޓަކައި، ޔަހޫދީއެއް ކަމުގައިވާ نبّاش بن قيص رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް ދެންނެވި އެވެ. "محمّدގެފާނެވެ! ބަނިއް ނަޟީރު ވަންހައިގެ މީހުންނަށް ކަލޭގެފާނު ދެއްކެވި އޯގާތެރިކަން އަޅުގަނޑުމެންނަށް ވެސް ދެއްވުން އެދެމެވެ. އަޅުގަނޑުމެންގެ މުދާތަކާއި، ހަތިޔާރުތައް ނަންގަވާށެވެ! އަޅުގަނޑުމެންގެ ލޭ ނުހޮރުވާށެވެ! އަޅުގަނޑުމެންގެ އަންހެނުންނާއި ކުޑަކުދިންނާ އެކު އަޅުގަނޑުމެންގެ ބިން ދޫކޮށްފައި ދިއުމުގެ ހުއްދަ ދެއްވާށެވެ. ހަތިޔާރުތައް ފިޔަވައި، ކޮންމެ ޢާއިލާ އަކަށް ވެސް ޖަމަލެއްގެ ލޯޑުގެ ތަކެތި ގެންދިއުމުގެ ހުއްދަ ދެއްވާށެވެ"! ޖަވާބު ގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ނޫނެކެވެ. ތިމަންކަލޭގެފާނަކަށް ތި ހުށަހެޅުން ޤަބޫލެއް ނުކުރެވެއެވެ". މިފަހަރު އޭނާ ބުންޏެވެ. "އަޅުގަނޑުމެންނާ އެކު މުދާ ގެންދިއުމުގެ ޚިޔާލު މިހާރު އަޅުގަނޑުމެން ދޫކޮށްލައިފީމެވެ. އަޅުގަނޑުމެންގެ ލޭ ނުހޮރުވާށެވެ! އަޅުގަނޑުމެންނާ އެކު އަޅުގަނޑުމެންގެ އަންހެނުންނާއި ކުޑަކުދިން ގެންދިއުމުގެ ހުއްދަ ދެއްވާށެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ނޫނެކެވެ! ކަލޭމެންނަށް ތިމަންކަލޭގެފާނުގެ ޙުކުމަށް ތަބާވެ، އަމާންދީ ކިޔަމަންވުން ފިޔަވައި އެހެން އިޚްތިޔާރެއް ނެތެވެ"! ޔަހޫދީ ނައްބާޝް އޭނާގެ ކިއްލާ އަށް ނާއުއްމީދުވެފައި ހުރެ ކިއްލާ އަށް ގޮސް، ދެކެވުނު ވާހަކަ އޭނާގެ މީހުންނަށް ކިޔައިދީފި އެވެ. މި ފަހަރު، بنو قُريضة މީހުން ތިބީ ވަރަށް ބޮޑަށް ނާއުއްމީދުވެ މޮޅިވެރިވެފައެވެ.2

އެ މީހުންގެ ވެރިއެއް ކަމަށް ވާ كعب بن أسد ޢަމަލުކުރީ އިންޞާފުވެރިކަމާ އެކުގައެވެ. އޭނާގެ ޤައުމަށް އޭނާ އަންނަނިވި އިޢުތިރާފު ވިއެވެ. "އޭ އަހަރެން ޤައުމުގެ މީހުންނޭވެ! ތިޔަބައި މީހުންނަށް ފެންނާނޭ ފަދައިން، އަހަރެމެންނާ ބޮޑު މުޞީބާތަކާ މިވަނީ ދިމާވެފައެވެ. މިޙާލަތުގައި އަހަރެން ތިޔަބައި މީހުންނަށް ތިން ނަސޭޙަތެއް ދޭނަމެވެ. އޭގެ ތެރެއިން ތިޔަބައި މީހުން އެއަށް ޢަމަލުކުރަން އެންމެ ބޭނުންވާ ކަމެއް އިޚްތިޔާރުކުރާނީ އެވެ.

އެންމެ ފުރަތަމަ، މިކަލޭގެފާނަށް ތަބަޢަވެ އެކަލޭގެފާނުގެ ރަސޫލުކަން ޤަބޫލުކުރަމާ ހިނގާށެވެ. އަހަރެން ﷲ ގަންދީ ހުވާކޮށްފަނި މި ބުނަނީ، އަހަރެމެންގެ ފޮތްތަކުން ފެނުނު ﷲ ފޮނުއްވި ރަސޫލާއަކީ އޭނާ ކަމަށް ޤަބޫލުކުރަމެވެ. އަހަރެމެން އެކަލޭގެފާނަށް އީމާންވާ ނަމަ، އަހަރެމެންގެ ލެޔާއި، ކުޑަކުދިންނާއި، އަންހެނުން އަދި މުދާތައް ރައްކާތެރިކުރެވޭނެ އެވެ. އަހަރެމެން އެކަލޭގެފާނަށް އީމާންނުވާ ހަމައެކަނި ސަބަބަކީ، އަހަރެމެން ޢަރަބިންނަށް އޮންނަ ޙަސަދަވެރިކަމާއި، އެކަލޭގެފާނަކީ ބަނީ އިސްރާއީލުގެ ތެރެއިން ވާ ބޭކަލަކަށް ނުވުމެވެ. އެހެން ނަމަވެސް، އެއީ ﷲ އަށް އެނގިވޮޑިގެންވާނޭ ކަމެކެވެ. އަންނާށެވެ. އަދި އެކަލޭގެފާނަށް އީމާންވާށެވެ". ޔަހޫދީން އިދިކޮޅުހަދައި އެންމެން އެއްފަހަރާ ބުނެފޫ އެވެ. "ނޫނެކެވެ. އަހަރެމެން ތި ކަމެއް ޤަބޫލެއް ނުކުރާނަމެވެ. އަދި އަހަރެމެންގެ ތެރެއިން ވާ މީހަކަށް ނޫނީ ތަބަޢެއް ނުވާނަމެވެ".

"ނޫނެކެވެ! ކަލޭމެންނަށް ތިމަންކަލޭގެފާނުގެ ޙުކުމަށް ތަބާވެ، އަމާންދީ ކިޔަމަންވުން ފިޔަވައި އެހެން އިޚްތިޔާރެއް ނެތެވެ".
حديث الشريف

މި ފަހަރު، كعب އޭނާގެ ދެވަނަ ހުށަހެޅުން ހުށަހެޅި އެވެ."އަހަރެމެން، އަހަރެމެންގެ ކުޑަކުދިންނާއި އަނބިން މަރާފައި، ބާކީ އިތުރު މީހަކު ނެތި ހުސްވުމުން އެކަމާ ކަންބޮޑުވެ، މުސްލިމުންނާ ދެކޮޅަށް މާޗްކޮށްފައި ގޮސް މަރުވަންދެން ހަނގުރާމަކުރާނީ އެވެ"! މި ހުށަހެޅުން ވެސް ޔަހޫދީން ޤަބޫލެއްނުކުރި އެވެ.

އޭނާގެ ތިން ވަނަ ހުށަހެޅުމުގައި كعب ބުންޏެވެ. "މި ރެއަކީ ހޮނިހިރު ދުވަހުރެ ރެއެވެ. މި ރޭ އަހަރެމެން ހަނގުރާމަ ނުކުރާނެކަން މުސްލިމުންނަށް އެނގޭތީ، އެ މީހުން ތިބޭނީ، ރައްކާތެރިނުވެ، ޣާފިލުކަން މަތީގައި ކަމަށް ވެދާނެ އެވެ. އަހަރެމެންގެ ކަނޑިތައް އުރައިން ނެގުމަށް ފަހު، އެންމެން އެކުގައި ގޭޓުން ނުކުންނަމާ ހިނގާށެވެ. އެފަދަ ޙަމަލާއަކުން ނަޞްރު ލިބުމަކީ ވެދާނެ ކަމެކެވެ"! ޔަހޫދީން މި ހުށަހެޅުން ވެސް ޤަބޫލުނުކޮށް، ބުނެފޫ އެވެ. "ހޮނިހިރު ދުވަހު މަސައްކަތް ނުކުރާ ގޮތަށް އޮންނަ އޮތުން އަހަރެމެންނަކަށް އުވައެއް ނުލެވޭނެ އެވެ". ފުރަތަމަ ހުށަހެޅުން ޤަބޫލުކުރީ، ހަމައެކަނި، އަސީދު އަދި ޞަލާބާ އާ ދެ އަޚުންނާއި، އެ މީހުންގެ ބަފައިފުށުގެ ބޮޑުބޭބެގެ ދަރިކަލުން އަސަދު އެވެ. މި ބޭކަލުން އިސްލާމް ވެސް ވިއެވެ. އެ ބޭކަލުން، އަޞްޙާބު ބޭކަލުންނާ ގުޅުމަށް ޓަކައި، رَسُوْلُ اللهِ ﷺ ކިއްލާ އިން ބޭރަށް ވަޑައިގަތެވެ.3

ޔަހޫދީން އެމީހުން އެމީހުންގެ މެދުގައި ގިނަ އިރުތަކެއް ވާންދެން ޒުވާބުކުރި އެވެ. އެންމެ ފަހުން، ހުދު ދިދައެއް ނަގައި، رَسُوْلُ اللهِ ﷺ ގެ އަރިހުން މައްސަލަބަލައި، އެ މީހުންގެ މައްޗަށް ޙުކުމްކުރާނެ މީހަކަށް އެދުނެވެ. އެ މީހުންނާ މުޚާޠަބުކުރައްވައި، حديث ކުރެއްވި އެވެ. "މައްސަލަ ބަލާ މީހެއްގެ ގޮތުގައި، ތިމަންކަލޭގެފާނު އަޞްޙާބުންގެ ކޮންމެ ބޭކަލަކު ނަމަ ވިޔަސް އިޚްތިޔާރުކުރާށެވެ". އެ މީހުން ބުނޫ އެވެ. "سعد بن مُعاذ ގެ ޙުކުން އަހަރެމެން ޤަބޫލުކުރާނަމެވެ". އެ ހުށަހެޅުން ޤަބޫލުކުރައްވައި سعد بن مُعاذ ގެންނެވުމަށް އެންގެވި އެވެ.

ޚަންދަޤު ހަނގުރާމައިގައި سعد بن مُعاذ ވަރަށް ބޮޑަށް ޒަޚަމްވި އެވެ. އޭނާ އަށް ބޭސްކުރުމުގެ ކަންތައް މަސްޖިދުނަބަވީ ގައި ވާ ފޭލިގެއެއް ގައި ކުރެވޭ ގޮތަށް ހަމަޖެއްސެވި އެވެ. އާބިޓްރޭޓަރގެ ގޮތުގައި ހަމަޖެއްސެވުމުން، بنو قُريضةގެ ކިއްލާއަށް ފަށްޖެހި އެނދެއް ގައި سعد بن مُعاذ ގެފާނު ގެނެސްފިއެވެ. ދިޔަ މަގުމަތީގައި، ސަޢުދުގެފާނު އަމިއްލަ ނަފްސަށް ވިދާޅުވެއްޖެ އެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. الله تعالى ގެ މަގުގައި ފާޑުކިޔާ މީހުން ކުށްވެރިކޮށްފައި ދައްކާ ވާހަކަތައް އަހަރެން އަޑެއް ނާހާނަމެވެ". އެ މީހުން އޭނާ އެކަލޭގެފާނުގެ އަރިހަށް ގެނެސްފި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ސަޢުދެވެ! މި މީހުން އަމާން ދިނުމަށް އެއްބަސްވީ، ކަލޭގެފާނުގެ ޙުކުމާ އެއްގޮތަށެވެ. އެ މީހުންނާ މެދު ކަލޭގެފާނުގެ ޙުކުމް ވިދާޅުވެބައްލަވާށެވެ". سعد بن مُعاذ ޖަވާބު ދެއްވި އެވެ. "އަޅުގަޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާންކުރައްވާށި އެވެ! މާތް ﷲ ގެ ރަސޫލާ އެވެ! ހަމަ ޔަޤީނުން ވެސް الله تعالى އާއި އެކަލާނގެ ރަސޫލާ ފަނޑިޔާރަކަށް ވުމަށް މާ އެކަށީގެން ވެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މި މީހުންނާ ބެހޭގޮތުން ޙުކުމެއް ކުރަން ތިބާގެ މައްޗަށް الله تعالى އަމުރުކުރައްވައިފި އެވެ". މި ޙުކުމަށް އެއްބަސްވާން ޔަހޫދީންގެ ފަރާތުން سعد بن مُعاذ ވަޢުދުކުރުވި އެވެ. ދެ ފަރާތުން އެ ޙުކުމަށް އިންތިޒާރުކުރަމުން ދިޔަ އެވެ.

އެއާ އެކު، سعد ގެފާނު، އޭނާގެ މަތިވެރިކަން ދައްކުވައިދިން، އޭނާގެ ބޮޑު ޙުކުމް އިއުލާންކުރެއްވި އެވެ.

"އަހަރެންގެ ޙުކުމަކީ، ބުއްދި ހަމަކޮށް ތިބި އަދި ފުރާވަރަށް އަރާފަ ތިބި އެންމެންގެ ބޯ ބުރިކޮށްލުމަށެވެ! އެ މީހުންގެ އަންހެނުންނާއި، ކުޑަކުދިން ޖެހޭނީ ހައްޔަރުކުރާށެވެ. އަދި އެބައި މީހުންގެ މުދާތައް ޖެހޭނީ މުސްލިމުންގެ މެދުގައި ބަހާލާށެވެ"!

"ނޫނެކެވެ! ކަލޭމެންނަށް ތިމަންކަލޭގެފާނުގެ ޙުކުމަށް ތަބާވެ، އަމާންދީ ކިޔަމަންވުން ފިޔަވައި އެހެން އިޚްތިޔާރެއް ނެތެވެ".
حديث الشريف

ވަރަށް ސާފުކޮށް އޮތް މި ޙުކުމާ އެކު، ޔަހޫދީން ޙައިރާންވެ އަންތަރީސް ވެއްޖެ އެވެ. އެހެނީ، އެ މީހުންގެ އަމިއްލަ ފޮތްތަކުގައި ވާ ގޮތުން، މި ފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ދޭންޖެހޭ އަދަބަކީ ސީދާ އެއީ އެވެ. އެގޮތުން ލިޔެވިފައި ވެއެވެ. "ކަލޭމެން ހަނގުރާމަކުރުމަށް ރަށަކަށް އަރާ އިރު، އެބައި މީހުންނަށް ޞުލްޙަ އަށް ގޮވައިލާށެވެ. އެ މީހުން އެ ކަން ޤަބޫލުކޮށް އެ މީހުންގެ ދޮރުތައް ހުޅުވައިފި ނަމަ، އެތެރޭގައި ތިބި އެންމެން ފީއެއް ދެއްކުމަށް ފަހު ތިޔަބައި މީހުންނަށް ޚިދުމަތްކުރަންވާނެ އެވެ. އެ މީހުން ހަނގުރާމަކުރުމަށް ނިންމައިފި ނަމަ، އެ މީހުން ޙިޞާރުކުރާށެވެ. الله تعالى ގެ އިރާދަފުޅާ އެކު ތިޔަބައި މީހުން އެ މީހުންގެ މައްޗަށް ނަޞްރު ހޯދުމުން އެ މީހުންގެ ހުރިހާ ފިރހެނުންނަށް ކަނޑިން ޙަމަލާދޭށެވެ. އެ މީހުންގެ އަންހެންވެރިންނާއި، ކުޑަކުދިންނާއި، މުދާ ޣަނީމާގެ ގޮތުގައި ނަގާށެވެ".

سعد بن مُعاذ ގެ ޙުކުމަކީ އިލާހީ ޙުކުމާ އެއްގޮތަށް ކުރެއްވި ޙުކުމަށް ވާތީ، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އޭނާ އަށް މަރުޙަބާ ކިޔުއްވައި އަގުވަޒަންކުރެއްވުމުގެ ގޮތުން حديث ކުރެއްވި އެވެ. "އެ މީހުންނާ ބެހޭގޮތުން ތިބާ ތި ކުރެއްވި ޙުކުމަކީ، ހަތް އުޑުމަތީ ގައި لوح المحفوط ގައި الله تعالى ލިޔުއްވާފައިވާ ޙުކުމާ އެއްގޮތަށް ކުރި ޙުކުމެކެވެ"! އެ މީހުންގެ ފޮތްތަކުގައި ވާ މި ޙުކުމާ ދެކޮޅަށް ޔަހޫދީންނަށް ދެކޮޅެއް ނުހެދުނެވެ.

ބުއްދި ސަލާމަތުން ހުރި ކޮންމެ ފިރިހެނަކު، އެ މީހުންގެ އަތްތައް ކަރަށް ބަދެވިގެން މަދީނާ އަށް ގެންދެވުނެވެ. ޖެހިގެން އައި ދުވަހު، رَسُوْلُ اللهِ ﷺ ގެ އަމުރުފުޅާ އެކު، عليގެފާނާއި، زُبيرގެފާނު ޙުކުމް ތަންފީޒުކުރެއްވި އެވެ. ކުޑަކުދިންނާއި، އަންހެނުންނާއި، މުދާތައް އަޞްޙާބުންގެ މެދުގައި ބަހާލެވުނެވެ.4

އެހެންކަމުން، މުސްލިމުންނަށް އެންމެ ދަތިވި ދުވަސްތަކުގައި ބުރަކަށްޓަށް ޚަންޖަރުން ހަރައި، ކުރި ހުރިހާ މުޢާހަދާއަކާ ޚިލާފުވެ، رَسُوْلُ اللهِ ﷺ ގެ ތުއްޕުޅު އިރުން ފެށިގެން އެކަލޭގެފާނު އަވަހާރަކޮށްލަން މަސައްކަތްކުރި މި މަކަރުވެރި، އޮޅުވާލާ، އަދި މަކަރުވެރި ޤައުމު މަދީނާ އާއި، މަދީނާގެ ރަށްބޭރު ހިސާބުތަކުން ބޭރުކޮށްލެވުނެވެ.

ހައްޔަރުކުރެވިފައިވާ މީހުންގެ ތެރެއިން އަންހެނަކު މުސްލިމަކަށް ވުމުގެ މަތިވެރި ނިޢުމަތް ޙާޞިލުކޮށްފި އެވެ. رَسُوْلُ اللهِ ﷺ، ރައިޙާނާ ނަމަކަށް ކިޔާ މި އަންހެންމީހާ އަށް އޭނާގެ ދީނުގައި ހުރުން ނުވަތަ މުސްލިމަކަށް ވުމުގެ އިޚްތިޔާރުކުރަން ފުރުޞަތު ދެއްވި އެވެ. ރައިޙާނާ ބުނީ، އޭނާ ބޭނުންވަނީ، އޭނާގެ ދީނުގައި ހުރުމަށް ކަމަށެވެ. އޭނާ ފޮނުވުނީ، އުއްމު މުންޒިރުގެ ގެއަށެވެ. ފަހުން ގޮސް، ޘަޢުލަބަތު ބިން ސަޢްޔާ ގެ އިރުޝާދާއި، މަސައްކަތުން އިސްލާމް ދީނަށް ޝައުޤު ޖެހިއްޖެ އެވެ. އެއާއެކު، ރައިޙާނާ އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "الله تعالى އާއި އެކަލާނގެ ރަސޫލާގެ މަގު ޚިޔާރުކުރަން ބޭނުން ހެއްޔެވެ؟ ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެއީ ތިބާ އަށް އެންމެ މުނާސަބު ގޮތެވެ". ރައިޙާނާ "އާދޭހެވެ" އޭ ބުންޏެވެ. އޭނާގެ މި ޢަމަލުން ކީރިތި رَسُوْلُ اللهِ ﷺ ވަރަށް ހިތްޕުޅާވެ، އަދި އެކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގަތީ އެ ކަމަނާ ސުވަރުގޭގެ މަތިވެރި ޖަރަޖައެއް ކަމުން، އެ ކަމަނާ މިނިވަންކުރައްވައި، އެ ކަލޭގެފާނުގެ އަނބިކަނބަލަކަށް ހެއްދެވި އެވެ. ކައިވެނީގެ ރަން ދެއްވައި، އެ ކަމަނާ އާ ކައިވެނިފުޅު ބައްލަވައިގަތެވެ. އެ ދެ ބޭފުޅުންގެ ކައިވެނި ކުރެވނީ އުއްމު މުންޒިރުގެ ގޭގައެވެ. އެހެންކަމުން، ريحانة (‏رضي الله عنها)‏ أمُّ المؤمنين އަށް ވުމުގެ ޝަރަފު ހޯއްދެވި އެވެ.5

سعد بن معاذ (‏رضي الله عنه)‏ ޝަހީދުވުން

بنو قُريضةގެ ޔަހޫދީންނާ ބެހޭގޮތުން ޙުކުމް ކުރެއްވުމަށް ފަހު، سعد بن مُعاذ رَسُوْلُ اللهِ ﷺ ގެ ފޭލިގެއަށް އަނެއްކާ ވެސް ގެނެވުނެވެ. އޭރު އޭނާގެ ޒަޚަމްތައް ބޮޑުވެ ޙާލަތު ވަރަށް ގޯސްވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ވަޑައިގެން އޭނާގެ ގައިގައި ބައްދާލެއްވި އެވެ. އަދި އަންނަނިވި ފަދައިން ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ ރުއްސެވުން އެދިގެން سعدވަނީ އިބަ ރަސްކަލާނގެ މަގުގައި ހަނގުރާމަކޮށްފައެވެ. އިބަ ރަސްކަލާނގެ ރަސޫލާ އަށް އޭނާ އީމާންވި އެވެ. އޭނާ އަށް ސުވަރުގެ ދެއްވާށި އެވެ....". رَسُوْلُ اللهِ ﷺ ގެ މި ބަރަކާތްތެރި حديث ބަސްކޮޅު އަޑު އިވުމުން، سعد بن مُعاذ އޭނާގެ ދެ ލޯ ހުޅުވާލައްވާފައި ވައި އަޑުން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ސަލާމާއި ވެދުން ކަލޭގެފާނަށް ދަންނަވަމެވެ. ކަލޭގެފާނަކީ الله تعالى ގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ".

"އަޅާގެ ﷲ އެވެ! އިބަރަސްކަލާނގެ ރުއްސެވުން އެދިގެން سعدވަނީ އިބަ ރަސްކަލާނގެ މަގުގައި ހަނގުރާމަކޮށްފައެވެ. އިބަ ރަސްކަލާނގެ ރަސޫލާ އަށް އޭނާ އީމާންވި އެވެ. އޭނާ އަށް ސުވަރުގެ ދެއްވާށި އެވެ".
حديث الشريف

އޭގެ ފަހުން، سعد بن مُعاذ ގެ ތިމާގެ މީހުން، އޭނާ ހުންނެވި ފޭލިގެއިން ޢަބްދުލް އަސްހަލްގެ ގެއަށް ގެންދެވި އެވެ. އެ ރޭ އޭނާގެ ޙާލަތު ގޯސްވެއްޖެ އެވެ. جبريل (‏عليه السّلام)‏ ވަޑައިގެން رَسُوْلُ اللهِ ﷺ އާ ސުވާލުކުރެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ އުއްމަތުގެ ތެރެއިން މި ރޭ ނިޔާވެ، އެ ބޭކަލެއްގެ މަރު މަލާއިކަތުންގެ ތެރޭގައި އިޢުލާންކުރެވުނީ ކާކު ތޯ އެވެ"؟ އެއާއެކު، ވަގުތުން سعد بن مُعاذ ގެ ޙާލަތާ ބެހޭގޮތުން رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. އެ މީހުން ބުނީ، އޭނާގެ ގެއަށް ގެންދެވުނު ވާހަކައެވެ. އަޞްޙާބުންގެ ބައެއް ބޭކަލުންނާ އެކު، رَسُوْلُ اللهِ ﷺ سعدބިން މުޢާޒާ ހަމަޔަށް ވަޑައިގަތެވެ. އެ ބޭކަލުން ވަޑައިގަތީ ވަރަށް އަވަހަށެވެ. އަޞްޙާބުން ދެންނވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން ވަރުބަލިވެއްޖެ އެވެ". އެހާ ބާރަށް އެ ވަޑައިގަންނަވަނީ ކީއްވެގެންކަން އޮޅުންފިލުއްވައިދެއްވި އެވެ. "ޙަންޒަލާގެ ޖަނާޒާ ގައި ވެސް ތިއްބެވި ފަދައިން، އަހަރެމެންނަށް ވުރެ ކުރިން މަލާއިކަތުން އޭނާގެ ޖަނާޒާ ގައި ތިއްބަވާނެ އެވެ. އޭގެ ކުރިން އަހަރެމެންނަކަށް ނުދެވޭނެ އެވެ".

سعد بن مُعاذ ގެ ގާތަށް رَسُوْلُ اللهِ ﷺ ވަޑައިގެންނެވި އިރު، އެކަލޭގެފާނަށް ފެނިވަޑައިގަތީ އޭނާ މަރުވެފައި އޮތް ތަނެވެ. އޭނާގެ ގާތަށް ވަޑައިގެން سعد بن مُعاذ ގެ ވަނަން ވިދާޅުވަމުން ޙަސީޝްކުރެއްވި އެވެ. "އޭ އަބޫ ޢަމްރެވެ! ތިބާ އަކީ ޤަބީލާތަކުގެ ވެރިންގެ ތެރެއިން އެންމެ ރަނގަޅު ވެރިޔާއެވެ. ތިބާ އަށް الله تعالى ނިޢުމަތަކާއި، އެންމެ ރަނގަޅު ދަރުމަ ދެއްވާށި އެވެ. ތިބާ ވަނީ الله تعالى އަށް ވީ ވަޢުދު ފުއްދާފަ ވެސް މެއެވެ. الله تعالى ވެސް އެކަލާނގެ ވަޢުދުވެވޮޑުގެންނެވި ކަންތައް ދެއްވާނެތެވެ". އެ ވަގުތު سعد بن مُعاذ ގެ މަންމަ ރޮވިފައިވާ ޙާލަތުގައި އަންނަނިވި ޅެން ބައިތު ކިޔުއްވި އެވެ.6

ކިހިނެއްހޭ އެ ކަމަނާ އަށް ތަޙައްމަލުކުރެވޭނީ، އާހ އޭނާގެ ނިކަމެތި މަންމާއޭ!
ކެތްތެރިކަން ބޭނުންވެއޭ، އަހަރެންގެ ކުރިމަތީގައި ވީ ކަމަކުން އަހަންނަށް ރޮވެޔޭ!

أسلم بن حارث ރިވާކުރައްވާފައި ވެއެވެ. " رَسُوْلُ اللهِ ﷺ سعد بن مُعاذ ގެ ގެއަށް ވަޑައިގަތެވެ. އަހަރެމެން ތިބީ ދޮރު ކައިރީގައި އިންތިޒާރުކޮށްގެންނެވެ. رَسُوْلُ اللهِ ﷺ އެތެރެއަށް ވެދެވަޑައިގެންފި އެވެ. އެކަލޭގެފާނު ހިންގަވަމުން ގެންދެވީ ފުޅާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަހަރެމެން އެކަލޭގެފާނުގެ ފަހަތުން ހިނގާފައި ދިޔައިމެވެ. رَسُوْلُ اللهِ ﷺ އަހަރެމެންނަށް މަޑުކޮށްލަން އިޝާރާތްކުރެއްވުމުން، އަހަރެމެން މަޑުކޮށްލާފައި އެނބުރި ބަލައިލީމެވެ. އެތެރޭގައި ސަޢުދުގެފާނުގެ ހަށިކޮޅު ފިޔަވައި އެހެން މީހަކު ނެތެވެ. އެތެރޭގައި އިރުކޮޅަކު މަޑުކޮށްލައްވާފައި، رَسُوْلُ اللهِ ﷺ ބޭރަށް ނުކުމެވަޑައިގެންފި އެވެ. އަހަރެން ހުރީ ވަރަށް ވަމުންދާ ގޮތް ހޯދަން ބޭނުންވެފައެވެ. އެހެންކަމުން، އަހަރެން ދެންނެވީމެވެ. 'މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ފުޅާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވުމުގެ ސަބަބަކީ ކޮބައިތޯ އެވެ'؟ އެއާއެކު، އެކަލޭގެފާނު ޖަވާބު ދެއްވި އެވެ. "ތިމަންކަލޭގެފާނު މިއަށް ވުރެ ބޮޑަށް ތޮއްޖެހިފައިވާ އެސެމްބްލީ އަކަށް ނުދެވެއެވެ. (‏އެތަން އޮތީ މަލާއިކަތުން ޖަމާވެ ފުރި ބަރުވެފައެވެ.)‏ މަލާއިކަތް ބޭކަލަކު އެ ކަލޭގެފާނުގެ ފިޔަ މަތީގައި ގެންދެވީ އެވެ؛ ތިމަންކަލޭގެފާނަށް އިށިނދެވެން އޮތީ ހަމައެކަނި އެ ގޮތަށެވެ'. ދެން، سعد بن مُعاذ ގެ ވަނަން ބަޔާންކުރައްވައި حديث ކުރެއްވި އެވެ. 'ނިޢުމަތްތަކުން އުފާލިބިގަންނާށޭ، އޭ އަބާ ޢަމްރެވެ! ނިޢުމަތްތަކުން އުފާލިބިގަންނާށޭ، އޭ އަބާ ޢަމްރެވެ! ނިޢުމަތްތަކުން އުފާލިބިގަންނާށޭ، އޭ އަބާ ޢަމްރެވެ!'"

އޭނާގެ އަވަހާރަވުމަކީ، رَسُوْلُ اللهِ ﷺ އާއި، އަޞްޙާބު ބޭކަލުން ވަރަށް ހިތާމަކުރެއްވި ކަމެކެވެ؛ އެ ބޭކަލުން ކަރުނަ އޮއްސަވައި ކީރިތި ކުރެއްވި އެވެ. އޭނާގެ ޖަނާޒާ އަށް ހުރިހާ އަޞްޙާބު ބޭކަލުން އެއްވި އެވެ. އޭނާގެ ކަށު ނަމާދު އިމާމުވެ ކުރެއްވައި، އޭނާގެ ހަށިގަނޑު އުފުއްލެވީ رَسُوْلُ اللهِ ﷺ އެވެ. އަޞްޙާބު ބޭކަލުން مُعاذގެފާނުގެ ހަށިކޮޅު އުފުއްލަވަމުން ގެންދެވި އިރު، ވިދާޅުވަމުން ގެންދެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އުފުއްލަން މިހާ ފަސޭހަ ހަށިކޮޅެއް އަޅުގަނޑުމެން ނުދެކެމެވެ". އެއާއެކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މަލާއިކަތުން ބިމަށް ފައިބައިވަޑައިގެންފި އެވެ؛ އޭނާގެ ހަށިކޮޅު އުފުއްލަވަމުން ގެންދަވަނީ އެ ބޭކަލުންނެވެ". مُعاذގެފާނުގެ ހަށިކޮޅު އުފުއްލެވެމުން ދިޔަ އިރު، މުނާފިޤުން އެކަލޭގެފާނާ ބެހޭގޮތުން ނުރަނގަޅަށް ވާހަކަދައްކަމުން ބުނޫ އެވެ. "ކިހާ ލުއި ހެއްޔެވެ"؟ رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "ސަޢުދުގެ ޖަނާޒާ އަށް ހަތްދިހަ ހާސް މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވައިފި އެވެ. އެ ބޭކަލުން މީގެ ކުރިން ބިމަށް މިހާ ގިނަ ޢަދަދަކަށް ފައިބާވަޑައިގެންފައެއް ނުވެއެވެ".

أبو سعيد الخضري، އޭނާގެ ކާފަގެ ކިބައިން ވާރިދުވެފައިވާ ކަމަށް ރިވާކުރައްވާފައި ވެއެވެ. "އަހަންނަކީ، سعد بن مُعاذ ގެ ކަށްވަޅު ކޮނުނު މީހުންގެ ތެރޭގައި ހިމެނޭ މީހަކީމެވެ. އަހަރެމެން، އޭނާގެ ކަށްވަޅު ކޮންނަން ފެށި ވަގުތު، ގޮމަކަސްތޫރީގެ ވަސް ކަށްވަޅުން ފެތުރިގެންދިޔަ އެވެ". ޝަރަޙްބީލް ބިން ޙަސަނާ ރިވާކުރައްވާފައި ވެއެވެ. "سعد بن مُعاذ ފަސްދާނުލެވެމުން ދިޔަ އިރު، މީހަކު އޭނާގެ ކަށްވަޅުން ގޮށްމުށުގެ ވެލި ނަގައިފި އެވެ. އޭނާ އެ ވެލިކޮޅު ގެއަށް ގެނައުމުން، އެ ވެލި ބަދަލުވީ ގޮމަކަސްތޫރި އަށެވެ. އޭނާގެ ހަށިކޮޅު ކަށްވަޅަށް ބާލަމުންދިޔަ ވަގުތު، رَسُوْلُ اللهِ ﷺ އޭނާގެ ކަށްވަޅުގެ ކައިރީގައި އިށީނދެވަޑައިގެން އިންނެވި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ދެލޯފުޅު ވަނީ ކަރުނުން ފޯވެފައެވެ. އެކަލޭގެފާނުގެ ތުނބުޅީގައި އަތުން ހިފަހައްޓަވާލައްވައިގެން ހުންނެވީ ވަރަށް ބޮޑަށް ހިތާމަކުރަވާ ޙާލަތުގައެވެ". އެކަލޭގެފާނު حديث ކުރެއްވި އެވެ. "سعد بن مُعاذ ގެ މަރުގެ ސަބަބުން ޢަރްޝް ތެޅިގެންދިޔަ އެވެ'".

އެއް ފަހަރަކު، رَسُوْلُ اللهِ ﷺ އަށް ވަރަށް އަގުބޮޑު ހެދުމެއް ހަދިޔާއެއްގެ ގޮތުގައި އެރުވުނެވެ. އަޞްޙާބު ބޭކަލުން އެ ހަދިޔާގެ ރިވެތިކަމުގެ ވާހަކަ ވިދާޅުވުމުން އެކަލޭގެފާނު حديث ކުރެއްވި އެވެ. "ސުވަރުގޭގައި سعد بن مُعاذ ގެ ރުމާލު މިއަށް ވުރެ ރީތިވާނެ އެވެ".

ބަދަލުހިފުމަށް ޓަކައި أبُو سُفيان އުޅުން

އެއް ދުވަހަކު، ޚަންދަޤު ހަނގުރާމައިން އެނބުރި އައި ފަހުން، أبو سُفيان އޭނާގެ ޤަބީލާ މީހުންގެ ތެރޭގައި ހުރެ ބުންޏެވެ. "محمّدގެފާނުގެ ކިބައިން އަހަރެމެންގެ ބަދަލުހިފުން ނަގާނެ މީހަކު ނެތް ހެއްޔެވެ"! ބަދަވީންގެ މީހަކަށް މިހެން ބުނި އަޑު އިވިގެން أبو سُفيان ގާތަށް ގޮސް ބުންޏެވެ. "އަހަރެންގެ ބޭނުންތައް ހަމަޖައްސައިފި ނަމަ، އަހަރެން ތިކަން ކޮށްފާނަމެވެ. އަހަންނަށް މަގުތައް ވަރަށް ރަނގަޅަށް އެނގެ އެވެ. އަދި އަހަރެންގެ އަތުގައު ތޫނު ޚަންޖަރެއް އެބަ އޮތެވެ. ހަމަ އެއާއެކު، އަހަންނަކީ އެއްވެސް މީހަކު ދެކެ ބިރުގަންނަ މީހެއް ނޫނެވެ". އަބޫސުފްޔާން އޭނާ ބޭނުންވީ ކަންތައް ފުއްދައިދީފި އެވެ. ޖަމަލެއް ގަނެ އެ ޖަމަލު އޭނާ އަށް ދީފައި، މިކަން ސިއްރުކޮށްފައި ބޭއްވުމަށް އޭނާ ކައިރީ ގައި ބުނެފި އެވެ.

ބަދަވީ މައްކާ ދޫކޮށް ރޭގަނޑު ގޮސް ކުރު މުއްދަތެއްގެ ތެރޭގައި މަދީނާ އަށް ގޮސްފި އެވެ. އޭނާ އަށް އެނގުނު ގޮތުގައި ހުންނެވީ ބަނީ ޢަބްދުލްއަސްހަލް ވަންހައިގެ މީހުން ގެ ތެރޭގައެވެ. އޭނާގެ ޖަމަލު ބަނދެފައި އެ ތަނަށް ހިނގާފައި ގޮސްފި އެވެ. رَسُوْلُ اللهِ ﷺ ގެންދެވީ އެ ޤަބީލާގެ މިސްކިތުގައި އިރުޝާދު ދެއްވަމުންނެވެ. ބަދަވީ ކަލޭގެ ދުރުން ފެނިވަޑައިގަތުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެ އަންނަ މީހާގެ ހިތުގައި ނުބައި ޚިޔާލެއް ދައުރުވަމުން އެބަދެއެވެ. އެކަމަކު، الله تعالى ގެ ރަޙުމާއި ނިޢުމަތް ވެގެންދާނީ އޭނާ އާ ތިމަންކަލޭގެފާނާ ދެމެދުގައިވާ ވާ ފަރުދާ އަކަށެވެ".

ބަދަވީ ކަލޭގެ އާ ދިމާލަށް ހިނގާފައި އަތުވެއްޖެ އެވެ. އެ ވަގުތު، أُسيد بن حُضير އޭނާގެ ގައިގައި ހިފައި ދަމައިގެންފައި، ވިދާޅުވި އެވެ. "އޭ ލަޢުނަތްލެއްވިގެންވާ މީހާ އެވެ. رَسُوْلُ اللهِ ﷺ އާ ދުރުގައި ހުންނާށެވެ". އޭނާގެ ބެލްޓް ބެއްލެވި އިރު، އުނަގަނޑު ގައި ޚަންޖަރެއް ހަރުކޮށްފައިވަނިކޮށް ފެނުނެވެ. އެއާއެކު، އެ ބަދަވީ ކަލޭގެ ހިތުގައި ނުބައި ނިޔަތެއް އޮތްކަން އެނގިގެންދިޔައެވެ. ބަދަވީ ކަލޭގެ އުސައިދުގެ ފައި މައްޗަށް ވެއްޓި ރޮއެގެންފި އެވެ. "އަހަރެންގެ ލޭގައި އަތްނުލާށެވެ". އުސައިދު، އެ ބަދަވީ ކަލޭގެ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންދެވި އެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ ބަދަވީ އެވެ! ތެދު ބުނާށެވެ. ތިއީ ކާކު ހެއްޔެވެ؟ ކަލެ އަށް އެހީތެރިވާނީ ތެދު ބަސް އެކަންޏެވެ. ކަލޭ ދޮގުހަދައިފި ނަމަ، الله تعالى ވަނީ ކަލޭ ގެންގުޅޭ ޚިޔާލު ތިމަންކަލޭގެފާނަށް އަންގަވާފައެވެ". ބަދަވީ ކަލޭގެ އޭނާގެ ޙިމާޔަތަށް އެދި ވީގޮތް ކިޔައިދީފި އެވެ. رَسُوْلُ اللهِ ﷺ ގެ އަމުރުފުޅަށް އަޞްޙާބު ބޭކަލުން އޭނާ ޖަލަށް ލެއްވި އެވެ.

ޖެހިގެން އައި ދުވަހު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަރިހަށް އޭނާ ގެންނަވައި ޙދީޘްކުރެއްވި އެވެ. "ތިމަންކަލޭގެފާނު ކަލެއަށް ސެކިއުރިޓީ ދީފީމެވެ. ކަލޭ ދާން ބޭނުން ކޮންމެ ތާކަށް ދާށެވެ. އެކަމަކު، ތިމަންކަލޭގެފާނު ކަލެއަށް މާ ރަނގަޅު އެއްޗެއް ހުށަހަޅަން ހެއްޔެވެ"؟ ބަދަވީ ބުންޏެވެ. "އެއީ ކޯއްޗެއް ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ، ތިބާ ﷲ ގެ އެއްކައުވަންތަކަމަށާއި، ތިމަންކަލޭގެފާނުގެ ރަސޫލުކަމަށް ހެކިވުމަށެވެ". ބަދަވީ ކަލޭގެ ވަގުތުން ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށް ފަހު ބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު އެއްވެސް މީހަކު ދެކެ ބިރުނުގަންނަމެވެ. އަޅުގަނޑަށް ކަލޭގެފާނު ފެނުމުން، އަޅުގަނޑުގެ ބުއްދި ފިލައި ގޮސްފި އެވެ. އަޅުގަނޑުގެ ސިކުނޑީގައި އޮތީ ކޮން ކަމެއް ކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ އެވެ. އަޅުގަނޑާއި أبو سُفيان ނޫން މީހަކަށް އެކަމެއް ނޭނގޭނެ އެވެ. ކަލޭގެފާނަކީ ގެ ރަސޫލާ ކަން އަދި ވަނީ އެކަލާނގެ ޙިމާޔަތުގައި ކަން އަޅުގަނޑަށް އެނގެއެވެ؛ أبو سُفيانގެ ޚިޔާލަކީ ޝައިޠާނީ ޚިޔާލެކެވެ.

އެފަދަ ނުބައި ރޭވުމެއް أبو سُفيانގެ ފަރާތުން އައިމާ، ފުރުޞަތެއް ލިބިއްޖެ ނަމަ أبو سُفيان ޤަތުލުކުރުމަށް ޓަކައި، رَسُوْلُ اللهِ ﷺ، عمرو بن أُميّة އާއި ޟަމްރާ ތަބްނީ އަސްލަމް މައްކާ އަށް ފޮނުއްވި އެވެ. އެ ދެ ޞަޙާބީން كعب އާ ގައި طوافކުރައްވަމުން ގެންދަވަނިކޮށް، ޖާރިޔާއަކަށް އެ ދެ ބޭކަލުން ދެނެގަނެވިއްޖެ އެވެ. އެ ކަނބުލޭގެ ރޮއިހޭރިގެންފައި ބުނެފި އެވެ. "އޭ މައްކާ މީހުންނޭވެ! ހޭއަރާށެވެ. މިތިބީ عمرُو އަދި އިބްނު އުމައްޔާ އެވެ". މީސްތަކުންނަށް އެ ދެ ބޭކަލުން އެނގުމުން، ދެ މީހުން ވަކިވެއްޖެ އެވެ.

عمرُو، މައްކާގެ ފަރުބަދައެއްގެ ހޮހަޅައަށް ގޮސް އެ ތާނގައި ފިލައިފި އެވެ. إبن أسلم ދިޔައީ މަދީނާ އަށެވެ. ދުވަސްކޮޅެއް ފަހުން، عمرُو ހޮހަޅައިން ނުކުމެގެން އަތުވެއްޖެ އެވެ. އޭނާ އާ أبو سُفيان ގެ ދެ ޖާސޫސުންނާ ދިމާވި އެވެ. އޭނާ އޭގެ ތެރެއިން އެކަކު ދުނިޖަހާ ޤަތުލުކޮށްލި އެވެ. ދެން ހުރި ޖާސޫސް ދުވެރައްކާވެއްޖެ އެވެ. ދެން، عمرُو ގަދަވެ ސަލާމަތުން މަދީނާ އަށް ވާޞިލުވެއްޖެ އެވެ. މި ޚަބަރު أبو سُفيان އަށް ލިބުމުން، އޭނާ ވަރަށް ބިރުގެންފި އެވެ.

ހިޖްރައިން ފަސް ވަނަ އަހަރު ހިންގާދިޔަ ބައެއް މުހިއްމު ޙާދިސާތައް

"ސުވަރުގޭގައި سعد بن مُعاذ ގެ ރުމާލު މިއަށް ވުރެ ރީތިވާނެ އެވެ".
حديث الشريف

زينب بنت خُزيمة، ޢުމުރުން ތިރީސް އަހަރު ގައި އަވަހާރަވެއްޖެ އެވެ. އެއީ، އެ ކަމަނާ رَسُوْلُ اللهِ ﷺ އާ ކައިވެނިބައްލަވައިގަތް ރަބީޢުލް އާޚިރު މަހުގެ ފަހުން އަށް މަސް ފަހުންނެވެ.7 رَسُوْلُ اللهِ ﷺ زينب بنت جحش އާ ކައިވެނި ބައްލަވައިގަތީ، ޒުލްޤައިދާ މަހުގެ ތެރޭގައެވެ.8 އެ އަހަރުގެ ތެރޭގައި ޙިޖާބާ ބެހޭ ކީރިތި قرآن ގެ އާޔަތް ބާވައިލައްވައި، މުސްލިމު އަންހެނުން ނިވާކުރުމަށް އަމުރުކުރެއްވި އެވެ.9 مدينة المُنوّرةއާ ކައިރީގައި އުޅުނު މުޒައިނާ ވަންހައިން މަންދޫބުން ފޮނުވައި، އިސްލާމް ވެއްޖެ އެވެ. އެ މީހުން ބެލެވުނީ މުހާޖިރުން ކަމުގައެވެ.10 އަނެއްކާ މި އަހަރުގެ ތެރޭގައި ބިންހެލުމަކާއި، ހަނދުކޭތައެއް ހިފައިފި އެވެ. އަދި އޭގެ އިތުރަށް، އެ އަހަރުގެ ތެރޭގައި ޙައްޖު ފަރުޟުކުރެއްވި އެވެ.

ޚަންދަޤު ހަނގުރާމައެއް ފަހު، ވަށައިގެން އުޅުނު ބައެއް ޤަބީލާތަކުން އިސްލާމީ ދައުލަތުގެ ބާރު ޤަބޫލުކޮށްފި އެވެ. އެ މީހުން ޤަބޫލުކުރަން ފެށީ، ކުރަން އެންމެ ރަނގަޅު ކަމަކީމުސްލިމުންނާ ރަޙްމަތްތެރިވުން ނުވަތަ އިސްލާމް ދީން ޤަބޫލުކުރުމެވެ. އޭގެތެރެއިން ބައެއް މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް އިސްލާމް ވެއްޖެ އެވެ.

ޢާލަމްތަކުގެ ސައްޔިދު، އަވަށްޓެރި ޤަބީލާތަކަށް އިސްލާމް ދީނަށް ގޮވާލެއްވުމަށްޓަކައި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރޭގައި ލަޝްކަރެއް އުފައްދަވައި، އަވަށްޓެރި ޤަބީލާތަކަށް އިސްލާމް ދީނަށް ގޮވާލައްވައިފި އެވެ. ބައެއް ޤަބީލާތަކަށް އެކަލޭގެފާނު ގިނިކަންޏާ ވެސް ވަޑައިގަތެވެ. رَسُوْلُ اللهِ ﷺ ދައުމަތުލް ޖަންގަލް ފަދަ ބައެއް ޤަބީލާތަކުން އެ ދެއްވި އިރުޝާދު ޤަބޫލޮށް، މުސްލިމުންނަށް ވިއެވެ. ޣަޠްފާނީ ފަދަ ބައެއް ޤަބީލާތަކާއި، ބަނީ ލިޙްޔާން ވަންހައިން ބިރުގަނެ، މުސްލިމުންނާ ކުރިމަތިލުމަށް ބިރުން، ދުވެ ފިލައިފި އެވެ. އެހެންކަމުން، އެ ސަރަޙައްދުގައި އުޅުނު ޤަބީލާތަކަށް އުނދަގޫވެއްޖެ އެވެ.

ޣަޒްވަތު ބަނީ ލިޙްޔާން

ރަޖީޢު ޙާދިސާ ގައި މުޝްރިކުން ވަނީ عاصم بن ثابت އާއި، خُبيب بن عدي އާއި، އެ ބޭކަލުންގެ ރަޙްމަތްތެރިން (‏رضي الله عنه)‏ ޝަހީދުކޮށްލާފަ އެވެ. މި ކަމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމައަކާއި މޮޅިވެރިކަމެއް رَسُوْلُ اللهِ ﷺ އަށް ލިބިގެންދިޔަ އެވެ. އެ މީހުން އެ ކުރި ކަމުގެ ހިތި ރަހަ ލައްވާލާނެ ވަގުތަކަށް އެކަލޭގެފާނު އިންތިޒާރުކުރެއްވި އެވެ. އެހެނީ އެބައިމީހުން ވަނީ ޣައްދާރުވެފައެވެ. ޙާލަތު ތަންދިނުމުން، އެ ބޭކަލުން ބަނީ ލިޙްޔާން އާ ދެކޮޅަށް ދުއިސައްތަ މީހުންގެ ފައުޖަކާ އެކު ވަޑައިގަތެވެ. އެކަލޭގެފާނުގެ ނައިބެއްގެ ގޮތުގައި މަދީނާ ގައި ބެހެއްޓެވީ عبدالله بن أُمُّ مكتُوم އެވެ. ޢަދުއްވުންނަށް އޮޅުވާލެއްވުމަށް ޓަކައި، އެ ބޭކަލުން ދިމިޝްޤަށް ދަތުރުކުރައްވާ ކަމަށް ހައްދަވައި އެ މުއުމިނުން ޝަހީދުކޮށްލެވުނު ރަޖީޢުގެ ފެންގަނޑަށް ވަޑައިގަތެވެ. މިތާނގައި، ޢާޞިމް އާއި، އޭނާގެ އެކުވެރިންގެ ފާފަ ފުއްސަވައި ދެއްވުން އެދި الله تعالى އަށް ދުޢާ ދެންނެވި އެވެ. އިސްލާމީ ލަޝްކަރު އަންނަ ޚަބަރު ބަނީ ލިޙްޔާން ވަންހައިގެ މީހުންނަށް އެނގުމުން އެ މީހުން ފަރުބަދަތަކުގެ މައްޗަށް އަރައި ދުވެ ފިލައިފި އެވެ. رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުން އެ ތާނގައި އެއް ދުވަސް ވާންދެން މަޑުކުރެއްވި އެވެ. އެ ބޭކަލުން ވަށައިގެންވާ ސަރަޙައްދުތަކަށް ސިފައިން ފޮނުއްވި އެވެ. ކިތަންމެ ވަރަށް ހޯއްދެވިޔަސް، އެ މީހުން ފެންނަ ގޮތެއް ނުވި އެވެ. އެކަމަކު، އެ ބިރުވެރިކަން އެ މީހުންނަށް ފުދިއްޖެ އެވެ. ދެން، އަޞްޙާބު ބޭކަލުން ވަޑައިގަތީ ޢުސްފާނަށެވެ. رَسُوْلُ اللهِ ﷺ، أبوبكر (‏رضي الله عنه)‏ އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ދިހަ މީހުންނާ އެކު ޣާނިމް އަށް ދާ ހިސާބު ޗެކްކުރުމަށް ފަހު އެނބުރި އަންނާށެވެ". އިސްލާމް ދީނުގެ ސިފައިންގެ ފަރާތުން އަންނަ އަޑުތައް ކާފަރުންނަށް އަޑުއިވި، އެ މީހުންގެ މެދުގައި ބިރުވެރިކަން ފެތުރިއްޖެ އެވެ. އެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ގެއްލިއްޖެ އެވެ، މުސްލިމުންނާ އެ މީހުންނާ އޭގެ ފަހަކުން ދިމައެއް ނުވި އެވެ. އެކަމަކު، މި ސަރިއްޔާ އަކި މުޝްރިކުންނާ ދެކޮޅަށް މުސްލިމުންގެ ބާރުގަދަވުމުގެ ރެކޯޑެކެވެ. ދެން މުސްލިމުން އެނބުރި މަދީނާ އަށް ރުޖޫޢަވެއްޖެ އެވެ. މި ސަރިއްޔާ އަށް ވީ ސާދަ ދުވަހެވެ.

ޣަޒްވަތު ޣާބާ

މި ހަނގުރާމަ އަށް ޣަޒްވަތު ޤަރްދު އޭ ވެސް ކިޔެއެވެ. رَسُوْلُ اللهِ ﷺ ގެ އަތްޕުޅުގައި ވިހި ދަރިންނާ އެކު އޮތް ޖަމަލެއް އޮތެވެ. އަބޫ ޒައްރުގެ ދަރިކަލުން ގެންދެވީ އެ ޖަމަލުތައް ދަނޑެއްގައި ހުއިހައްޕުވަމުންނެވެ. ބުދަ ވިލޭރެއެއް ގައި ފަރާޒާ ޤަބީލާގެ عُيينة بن حسين ނަމަކަށް ކިޔާ މީހަކު ސާޅީސް އަސްވާރުންނާ އެކު އައިސް އިބްނު އަބީ ޒައްރު އަވަހާރަކޮށްލައިފި އެވެ. އެ މީހުން ދިޔައީ ޖަމަލުތައް ގޮވައިގެންނެވެ.

މި ޚަބަރު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތުމުން، މަދީނާ ގައި عبدالله بن أُمً مكتوم އެކަލޭގެފާނުގެ ނައިބަކަށް ބަހައްޓަވާފައި ފަސްސަތޭކަ އަސްވާރުންނާ އެކު ނުކުންނަވައިފި އެވެ. مقداد بن أسود (‏رضي الله عنه)‏ ގެ އަތްޕުޅަށް ދިދައެއް ދެއްވައި، ބައެއް ޞަޙާބީންނާ އެކު އިސްވެ ޚަބަރު ހޯއްދެވުމަށް ކުރިޔަށް ފޮނުއްވި އެވެ. ހަމަ އެއާއެކު، ކާފަރުންނާ ދެކޮޅަށް سلامة بن عكوة (‏رضي الله عنه)‏ ވެސް ފޮނުއްވި އެވެ.

رَسُوْلُ اللهِ ﷺ މުސްލިމު ލަޝްކަރުގެ މަރުކަޒު ހެއްދެވީ ޒީ ޤުރްދާ އެވެ. އިސްވެ ޚަބަރު ހޯއްދަވާ ޞަޙާބީން އެ ތާނގައި އޮތް ލަޝްކަރުގެ މެދުތެރެއާ އަރާ ހަމަވެއްޖެ އެވެ. އަބޫ ޤަތާދާ (‏رضي الله عنه)‏ ކާފަރު މަޞާދަތުލް ފަރާރީ ޤަތުލުކޮށްލެއްވި އެވެ. عُكاشة (‏رضي الله عنه)‏، އިއްބާން ބިން عمرُو ނަމަކަށް ކިޔާ ކާފަރަކު ޤަތުލުކުރެއްވި އެވެ. މުސްލިމުންގެ ތެރެއިން އެކަކު ޝަހީދުވި އެވެ. سلامة بن عكوة (‏رضي الله عنه)‏ ކާފަރުންގެ ފަހަތުން ވަޑައިގަތެވެ. އޭނާ އަކީ ދުނިޖެހުމަށް ވަރަށް ކުޅަދާނަ ބޭކަލެކެވެ. އޭނާ އެކަނި ވެސް އެތަކެއް ކާފަރުން ޤަތުލުކުރައްވައި އެތައް ބަޔަކު ޒަޚަމްކުރެއްވި އެވެ. އެ މީހުންގެ މުދާތައް ދޫކޮށްލަން އޭނާ އެ މީހުންނަށް މަޖްބޫރުކުރައްވައި، އެ މީހުންގެ ދިހަ ގެރި ނެންގެވި އެވެ. ޤަތާދާ (‏رضي الله عنه)‏ މަރުކަޒަށް ވަޑައިގަތުމުން، އޭނާ އަށް رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. "އަޅާގެ ﷲ އެވެ! އަބޫ ޤަތާދާ އަށް ދުޅަހެޔޮކަން ދެއްވައި އޭނާގެ ޢުމުރު ނިމެންދެން ދުޅަހެޔޮ ޞިއްޙަތެއް ދެއްވާދޭވެ"! މަސާދަތުލް ފަޒާރީގެ އަހާއި ހަތިޔާރުތައް އަބޫ ޤަތާދާ (‏رضي الله عنه)‏ އަށް ދެއްވި އެވެ. އަބޫ ޤަތާދާ އަށް ފަހު ވަޑައިގަތީ سلامة بن عكوة އެވެ. އޭނާގެ އަތުގައި މުޝްރިކުންގެ އަސްތައް ގެންނެވި އެވެ. رَسُوْلُ اللهِ ﷺ އޭނާ އަށް މަރުޙަބާ ކިޔުއްވައި ތަހުނިޔާ ދެންނެވުމަށް ފަހު، حديث ކުރެއްވި އެވެ. "މިއަދު އަހަރެމެންގެ އެންމެ ކުޅަދާނަ އަސްވާރަކީ އަބޫ ޤަތާދާ އެވެ. އަދި އަހަރެމެންގެ އެންމެ މޮޅު ފައިމަގުގައި ހަނގުރާމަކުރާ ފަހުލަވާނަކީ سلامة بن عكوة އެވެ".

މި ސަރިއްޔާ ވެގެންދިޔައީ، رَسُوْلُ اللهِ ﷺ އާއި، އެހެން ޤަބީލާތަކުގެ މުދަލަށް އަރައިގަތް މުޝްރިކުންނަށް ހަނދާންނައްތާނުލެވޭ ފަދަ ފިލާވަޅަކަށެވެ. ޒީ ޤަރްދާ ގައި އެއް ރޭ އެއް ދުވާ ވަންދެން އެ ބޭކަލުން މަޑުކުރެއްވި އެވެ. ދެން، އެ ބޭކަލުން މަދީނާ އަށް އެނބުރި ވަޑައިގެންފި އެވެ. މި ސަރިއްޔާ ދެމި އޮތީ ފަސް ދުވަސް ވަންދެނެވެ.

ކަލޭގެފާނުގެ ވަޑައިގަތުމަކީ އޯގާތެރިކަމޭ އަދި ހިތްހަމަޖެހުމޭ، މާތް ﷲ ގެ ރަސޫލާއޭ،
ކަލޭގެފާނުގެ ފެނިލެއްވުމަކީ، ލޯބިވެރިޔާގެ ތުރާތަކަށް ވާ ފަރުވާއެކޭ، މާތް ﷲ ގެ ރަސޫލާއޭ.
آدمގެ ޙާލަތަކީ ފެނާއި މަށްޓާ ދެމެދު ކަމުގައި ވީއިރު، ކަލޭގެފާނަކީ ރަސޫލެކޭ،
ޔަޤީނުން ވެސް، ކަލޭގެފާނު ރަސޫލުންގެ ވެރިޔާ ކަމަށް ވުން މުނާސިބޭ، މާތް ﷲ ގެ ރަސޫލާއޭ.
އައުލިޔާއުން ފުރިހަމަކަމަށް ވާޞިލުވީ ކަލޭގެފާނުގެ ނޫރުގެ ޒަރީޢާއިންނޭ، މާތް ﷲ ގެ ރަސޫލާއޭ،
ކަލޭގެފާނުގެ ވުޖޫދުވުމަކީ ﷲ ގެ ސީދާ ރިފްލެކްޝަނޭ، މާތް ﷲ ގެ ރަސޫލާއޭ.
އެބައި މީހުން ﷲ އާއި ހުރިހާ ވައްތަރެއްގެ ރޫޙާނީވަންތަކަމަކަށް ވާޞިލުވީ ކަލޭގެފާނު މެދުވެރިކޮށޭ،
ކަލޭގެފާނުގެ ޢަމަލުފުޅުތަކަކީ ބޭނުންޖެހިފައިވާ މީހުންނަށް ވާ ނިޢުމަތެކޭ، މާތް ގެ ރަސޫލާއޭ.
ހިދާޔަތް ލިބިފައިވާ މީހުންނަށް މި ދުނިޔެ އަދި އަންނަންއޮތް ދުނިޔޭގައި ޝަފާޢަތް ދެއްވާތޯއޭ،
އޭނާ އަކީ ކަލޭގެފާނުގެ ދޮރުކޮޅު ކައިރީގައި މަޑުކޮށްލި ސަލާންޖަހާ މީހެކޭ، މާތް ﷲ ގެ ރަސޫލާއޭ.

عزيز محمود هُدائي

ވާރޭ ފެން

"މިއަދު އަހަރެމެންގެ އެންމެ ކުޅަދާނަ އަސްވާރަކީ އަބޫ ޤަތާދާ އެވެ. އަދި އަހަރެމެންގެ އެންމެ މޮޅު ފައިމަގުގައި ހަނގުރާމަކުރާ ފަހުލަވާނަކީ ސަލާމާ ބިން އަކްވާ އެވެ".
حديث الشريف

ހިޖްރައިން ހަ ވަނަ އަހަރު ވަރަށް ދަތި ބަނޑުހައިހޫނުކަމެއް މެދުވެރިވެ އުޑުން އެންމެ ފެން ތިއްކެއް ވެސް ނުވެހުނެވެ. މި ސަބަބަށް ޓަކައި، ބިން މަތީ ގައި ފެހި އެންމެ ގަހެއް ވެސް ނެތެވެ. އިންސާނުންނާއި، ޖަނަވާރުން ބަނޑުހައިހޫނުކަމުގެ ވޭން ދިޔައީ ތަޙައްމަލުކުރަމުންނެވެ.

ރޯދަ މަހުގެ ހުކުރު ދުވަހެއް ގައި، މީސްތަކުން އެ މީހުން އެދޭ ގޮތް رَسُوْلُ اللهِ ﷺ އަށް ހުށަހަޅައިފި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ވާރޭ ވެއްސަވާ ތޯ الله تعالى އަށް ދުޢާކޮށްދެއްވާށެވެ". رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ އެކު ޞަޙަރާ އަށް ވަޑައިގެން ބަންގިއާއި ޤަމަތް ނުދެއްވައި ދެ ރަކްޢަތް ނަމާދެއް ކުރެއްވި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރޮޅާލައްވައި، އެކަލޭގެފާނުގެ ކިހިލަތް އެކަލޭގެފާނުގެ ހެދުންކޮޅުގެ އަތުން ފެންނަ ވަރަށް ދެ އަތްޕުޅު އުފުއްލަވާފައި، އަންނަނިވި ދުޢާކުރައްވަން ފަށްޓަވައިފި އެވެ.:

"އަޅާގެ ﷲ އެވެ! އަޅަމެންނަށް ވާރޭ ވެއްސަވާފާދޭވެ"! އަޞްޙާބު ބޭކަލުން "އާމީން! އާމީން"! ވިދާޅުވަމުން ގެންދެވި އެވެ.

އެ ވަގުތު، އުޑު އޮތީ ސާފުކޮށެވެ؛ ވިލާތަކެއް ނެތެވެ. رَسُوْلُ اللهِ ﷺ ނަމާދުކުރައްވަމުން ގެންދަވަނިކޮށް،ވައިޖެހެން ފެށި އެވެ. އަދި އެއަށް ފަހު އުޑުމަތިބަނަވެ ވިލާތަކުން ފުރިގފައި ފައިވަނިކޮށް ފެނުނެވެ. ދެން އޭގެ ފަހުން މަޑުމަޑުން ވާރޭ ވެހެން ފެށި އެވެ. މި ފަހަރު، رَسُوْلُ اللهِ ﷺ ދުޢާ ދެންނެވި އެވެ. "އަޅާގެ ﷲ އެވެ! މި ވެހޭ ވާރޭ ފެން ވަރަށް ބޯކޮށް ވެއްސަވައި، އަޅަމެންނަށް ފައިދާ ހުރި އެއްޗެއް ކަމުގައި ލައްވާދޭވެ"! އެ ވަގުތު، ވަރަށް ބޯކޮށް ވާރޭ ވެހެން ފެށި އެވެ.

رَسُوْلُ اللهِ ﷺ އާއި އަޞްޙާބުންގެ ހެދުންކޮޅު ގައި ހިކި އެންމެ ތަންކޮޅެއް ނެތި ތެމިފޯވެއްޖެ އެވެ. އެ ބޭކަލުންގެ ގެކޮޅުތަކަށް ވަޑައިގެންނެވުނު އިރު، ހުރިހާ ދިމާލެއް ވަނީ ފެނުން ފުރިފައެވެ. ކޮންމެ މީހަކު ވެސް ދިޔައީ ފެނުގެ ތެރޭގައި ކަނބަމުންނެވެ. ވާރޭ ވެހެމުން ދިޔައެވެ. އެ ދުވަހާއި، ޖެހިގެން އައި ދުވަހު....ދެން ޖެހިގެން އައި ދުވަހު...އަދި ޖެހިގެން އައި ހުކުރު ދުވަހުގެ ހުކު ނަމާދު ވަގުތު، އަޞްޙާބުން ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ވާރޭ ފެނުން އަޅުގަނޑުމެންގެ ގެތައް ވެއްޓެން ފަށައިފި އެވެ؛ އަޅުގަނޑުމެންގެ ޖަނަވާރުތައް ގެނބެން ފަށައިފި އެވެ. ވާރޭ ހުއްޓަވާ ތޯ الله تعالى އަށް ދުޢާކޮށްދެއްވާށެވެ". رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ދެ އަތް މައްޗަށް ނަންގަވައި ދުޢާކުރެއްވި އެވެ.:

"އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! މި ވާރޭ ފެން ކުދި އަވަށްތަކަށާއި، ޖަންގަލިތަކަށާއި، ވާދީތަކަށް ފޮނުއްވާދޭވެ"! އެ ވަގުތު، ހަފުތާއެއް ވަންދެން ވެހެމުންދިޔަ ވާރޭފެން ހުއްޓާލައިފި އެވެ. އަދި رَسُوْلُ اللهِ ﷺ އެ ބަޔާންކުރެއްވި ތަންތަނަށް ވާރޭ ވެހެން ފަށައިފި އެވެ.

މުޅި ކައުނު ވަނީ ނޫރުން ފުރިފައޭ،
محمّد ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭގައޭ،
މުއުމިނާ އިންސާނިއްޔަތާ ވަކިކުރެވުނޭ،
محمّد ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭގައޭ،
އުޑުން، ނޫރު އޮއްސާލެވުނޭ،
އައުލިޔާއުންނާއި، ތަޤްވާވެރިން ގުޅިވަޑައިގަތޭ،
ފާދިރީންގެ ދޫތައް ގޮށްޖެހުނޭ،
محمّد ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭގައޭ،