ލޮބުވެތި ރަސޫލާ

ޢަޤަބާގެ ބައިޢަތު

ޢަޤަބާގެ ފުރަތަމަ ބައިޢަތު

بعثة އަށް އެގާރަ ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގައި أسعد بن زُرارة އާއި، އޭނާގެ ބާރަ އެކުވެރިން، ޙައްޖު މޫސުމު ގައި މައްކާ އަށް އަތުވެއްޖެ އެވެ. އޭރު އެ ދެމީހުން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރިތާ ފާއިތުވީ ބަރާބަރަށް އެއް އަހަރެވެ. އެ އަހަރު، މުޝްރިކުން މުސްލިމުންނަށް ދުއްތުރާކޮށް އަނިޔާކުރަމުން ދިޔައީ އެހެން އަހަރުތަކަށް ވުރެ ވެސް ބޮޑަށެވެ. އެ މީހުން މެދުނުކެޑި ދިޔައީ رَسُوْلُ اللهِ ﷺ ގެ ފަސްފަހަތުން ގޮސް، އެކަލޭގެފާނާ ވާހަކަދައްކާ ކޮންމެ މީހަކަށް އަނިޔާކުރަމުންނެވެ. މިކަން އެނގި، މަދީނާގެ އަހުލުވެރިން އިންތިޒާމުކުރީ، ޢަޤަބާ ގައި ރޭގަނޑުގެ ވަގުތު ގައި رَسُوْلُ اللهِ ﷺ އާ ބައްދަލުކުރުމަށެވެ. އެގޮތުން ރޭގަނޑުވުމުން އެ މީހުން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރި އެވެ. އެ މީހުން رَسُوْلُ اللهِ ﷺ އަށް ބައިޢަތުހިފައި، އެކަލޭގެފާނަށް ވަފާތެރިވާނެ ކަމަށް ކަނޑައަޅައި، އެކަލޭގެފާނުގެ ކޮންމެ އަމުރަކާއި، އެދިލެއްވުމެއް އެންގެވި ގޮތަކަށް ކުރުމަށް ޢަހުދުވެއްޖެ އެވެ. އެ މުޢާހަދާ ގައި އެ މީހުން ޢަހްދުވީ "އަށް އަހަރެމެން ޝަރީކުނުކުރާނަމު އެވެ؛ އަހަރެމެން ޒިނޭނުކުރާނަމު އެވެ؛ އަހަރެމެން ވައްކަން ނުކުރާނަމު އެވެ؛ އަހަރެމެން މީހުންގެ އަބުރަށް އަރައިގަތުމުން ދުރުވާނަމު އެވެ؛ އެހެން މީހުން ފާޑުކިޔާފާނެ ކަމަށް ޓަކައި އަދި ފުދޭ ވަރަށް ކާބޯތަކެތި ނުލިބޭތީ އަހަރެމެންގެ ދަރިން ނުމަރާނަމު އެވެ".1

ޢައުސް ވަންހަ އަށް ނިސްބަތްވާ ދެ މީހުންނާއި، ދެން ތިބި މީހުން ޚަޒްރަޖު ވަންހައަށް ނިސްބަތްވާ އިރު، رَسُوْلُ اللهِ ﷺ، މި ބާރަ މީހުންނަކީ، އެ މީހުންގެ ޤަބީލާތައް ތަމްސީލުކުރާ މީހުން ކަމަށް ޢައްޔަންކުރެއްވި އެވެ. މި ބައިޢަތުގެ ދަށުން، އެ މީހުންގެ ޤަބީލާތަކުގެ މީހުންނަށް އިސްލާމް ދީނުގެ މަޢުލޫމާތު ދީ، އެ މީހުންގެ ޤަބީލާތަކުގެ ފަރާތުން ގެރެންޓީދޭ މީހުން ކަމަށް އެ މީހުން ވާނެ އެވެ. أسعد بن زُرارة ޢައްޔަންކުރެވުނީ، އެ އެންމެން ތަމްސީލުކުރާ މިހާ ކަމަށެވެ.

ފާއިތުވެދިޔަ އަހަރުގެ ޢަޤަބާ ބައްދަލުވުމުގައި ތިބި ފަސް މީހުންނާއި، ދާދި ފަހުން އިސްލާމްވި ފަސް މީހުންނަކީ: مالك بن نجّار ގެ ފިރިހެން ދަރިންގެ ފަރާތުން أسعد بن زرارة، عوف بن الحارث، معاذ بن الحارث؛ زريق بن عامر ގެ ފިރިހެން ދަރިންގެ ފަރާތުން رافع بن مالك އާއި ذكوان بن عبد قيس؛ غنم بن عوف ގެ ފިރިހެން ދަރިންގެ ފަރާތުން عبادة بن الصّامت؛ ޣުސްޔާނާ ގެ ފިރިހެން ދަރިންގެ ފަރާތުން يزيد بن ثعلبة؛ أجلان بن زيد ގެ ފިރިހެން ދަރިންގެ ފަރާތުން عبّاس بن عبادة؛ حرم بن كعب ގެ ފިރިހެން ދަރިންގެ ފަރާތުން عقبة بن عامر؛ سواد بن غنم ގެ ދަރިންގެ ފަރާތުން قطبة بن عامر؛ عبد الأشهل بن جشم ގެ ފިރިހެން ދަރިންގެ ފަރާތުން أبو الهيثم مالك بن التييهان؛ عمرو بن عوف ގެ ފިރިހެން ދަރިންގެ ފަރާތުން عويم بن ساعدة އެވެ.

މަދީނާ ގައި އިރުއެރުން

ޢަޤަބާގެ ފުރަތަމަ ބައިޢަތުގެ ފަހުން أسعد بن زرارة އާއި، އެކަލޭގެފާނުގެ އެކުވެރިން މަދީނާ އަށް ވަޑައިގެންފި އެވެ. އެ މީހުންގެ ޤަބީލާތަކުގެ މީހުން ކައިރީ ގައި ރެއާއި ދުވާލު އެ މީހުން އިސްލާމް ދިނުގެ ވާހަކަދައްކައި، ސީދާވެގެން ތެދު ދީނަށް ދަޢުވަތު ދިނެވެ. މި ދަޢުވަތުގެ ނަތީޖާއެއްގެ ގޮތުން، މަދީނާ ގައި ހަލުވިކަމާ އެކު އިސްލާމް ދީން ފެތުރެން ފަށައިފި އެވެ. މިގޮތުން އިސްލާމް ދީން ފެތުރުނު މިންވަރަކީ، ކުރިން އެއް ބަޔަކު އަނެއް ބައެއްގެ ޢަދުއްވުންގެ ގޮތުގައި ތިބި އައުސް ވަންހަ އާއި ޚަޒްރަޖު ވަންހަ އެއް ގަލަކަށް އަރައި، އިސްލާމް ދީން ބޮޑަށް އުނގެނުމަށް ޓަކައި، رَسُوْلُ اللهِ ﷺ ގެ ފަރާތްޕުޅުން މުޢައްލިމަކަށް އެދި ދަންނަވައިފި އެވެ. އެ މީހުންނަށް ކީރިތި قرآن އާއި އިސްލާމް ދީން އުނގަންނައި ދެއްވުމަށް ޓަކައި، رَسُوْلُ اللهِ ﷺ ފޮނުއްވީ، މައްކާ ގައި އެކަލޭގެފާނުގެ ޞަޙާބީންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ مُصعب بن عُميرއެވެ.

مُصعب ގެފާނު މަދީނާ އަށް ވަޑައިގެން ހުންނެވީ، أسعد ގެފާނުގެ ގޭގައެވެ. ދެ ބޭފުޅުން އެކުގައި އެއް ގެއިން އަނެއް ގެއަށް ވަޑައިގެން މަދީނާގެ މީހުންނަށް އިސްލާމް ދީން އުނގަންނައިދެއްވި އެވެ. އެ ގޮތުން، އެބައި މީހުންގެ ހިތްތަކުގައި رَسُوْلُ اللهِ ﷺ އަށް ލޯބި ބިންވަޅުނަގައިދެއްވައި، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޢަދުއްވުންގެ ފަރާތުން ރައްކާތެރިކުރުމަށް ޢަހުދުވުމަށް އެމީހުންނަށް ވިދާޅުވި އެވެ. رَسُوْلُ اللهِ ﷺ އާ އެކު ބައިޢަތު ހިފުމަށް އެ މީހުން ތައްޔާރުކުރެއްވި އެވެ. أسعد بن زرارة ވަންހައިގެ އިސްވެރިޔަކީ، سعد بن معاذ އެވެ. އެ ދެ ބޭފުޅުންނަކީ ތިމާގެ ދެ މީހުންނެވެ. އެ ދުވަސްވަރު، ތިމާގެ މީހުންނަށް ހުތުރު އެއްޗެހި ކިޔުމުން ދުރުވުމަކީ، ޢަރަބިންގެ މެދުގައި އާދަކާދަ އޮންނަ ގޮތް ކަމަށް ވުމާއެކު، އޭރު އަދި އިސްލާމްނުވާ سعد بن معاذ، أسعد بن زرارة ގެ ގެއަށް ގޮސް އޭނާ ހުއްޓުވާކަށް ނޫޅެއެވެ. ޤަބީލާގެ އިސްވެރިޔާގެ ގޮތުން އެކަން ހުއްޓުވާކަށް އޭނާ ބޭނުމެއްނުވި އެވެ. އެ ސަބަބަށް ޓަކައި، އޭނާގެ ޤަބީލާގެ ކަމުވޮށިގެންވާ މީހެއް ކަމަށްވާ أسيد بن حضير ގެ ކައިރީ ގައި ބުންޏެވެ. "އަހަރެމެންގެ އަވަށްގަޑަށް ދާށެވެ. އައިސްގެން އެއުޅޭ މީހާ އަށް ބަލާށެވެ. ތިބާ ކުރާނެ ކޮންމެ ކަމެއް ކުރާށެވެ. އަސްޢަސަކީ އަހަރެންގެ ބޮޑުދައިތާގެ ދަރިއަށް ނުވި ނަމަ، އަހަރެން މި ކަން ކަލެއާ ޙަވާލެއް ނުކުރީހެވެ".

އެއާއެކު، أسيد بن حضير އޭނާގެ ލޮންސި ނަގައިގެން مُصعب بن عُمير ހުންނެވި ގެއަށް ގޮސްފި އެވެ. އޭނާ އެ ގެއަށް ގޮސް، ރުޅިއައިސްގެން ވާހަކަދައްކަން ފަށައިފި އެވެ. "ކަލޭ އަހަރެމެންނާ ހަމައަށް ތި އައީ ކީއްކުރަން ހެއްޔެވެ؟ ކަލޭ ތި މީހުންނަށް އޮޅުވާލަނީ އެވެ. ކަލޭމެން މަރުވާން ބޭނުން ނޫން ނަމަ، ހަމަ މިހާރު މިތަނުން ދާށެވެ". އޭނާގެ ރުޅިގަނޑު ފެނުމުން، مُصعب بن عُمير މަޑުމައިތިރިކަމާ އެކު ޖަވާބުދެއްވި އެވެ. "އިރުކޮޅަކަށް މަޑުކޮށްލާށެވެ. އަހަރެމެން މި ކިޔާ އެއްޗެއް އަޑުއަހާށެވެ. އަހަރެމެންގެ މަޤްޞަދު ވިސްނާގަންނާށެވެ. ކަލެ އަށް މި ގޮތް ރަނގަޅު ނަމަ، ކަލޭ މި ގޮތް ޤަބޫލުކުރާނީ އެވެ. ކަލެ އަށް މި ގޮތް ރަނގަޅު ނޫން ނަމަ، ކަލޭ އަހަރެމެންނަށް ދަތިކުރާނެ އެވެ". أُسيد ހަމައަކަށް އެޅިއްޖެ އެވެ. އަދި ބުންޏެވެ. "ތިބާ ތި ވިދާޅުވީ ރަނގަޅަށެވެ". ދެން އޭނާގެ އަތުގައި އޮތް ލޮންސި ބިމުގައި ޖެހުމަށް ފަހު އިށީނދެއްޖެ އެވެ. މީސްތަކުންގެ ހިތްތަކަށް އަސަރުކޮށްލި مُصعب ގެފާނުގެ މަޑުމައިތިރި ވާހަކަ އަށާއި، އޭނާގެ ރިވެތި އަޑުން ކިޔަވާވިދާޅުވި ކީރިތި ޤުރްއާން އަޑުއެހިއެވެ. ދެން އުސައިދު ބުންޏެވެ. "ހާދަ ރީތި އެއްޗެކެވެ". ދެން އޭނާ ސުވާލުކުރި އެވެ. "މި ދީނަށް ވަނުމަށް މީހަކު ކުރަންޖެހެނީ ކޮން ކަމެއް ހެއްޔެވެ"؟ ހަދަންވީ ގޮތް އެ މީހުން ކިޔައިދިނުމުން، ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށް ފަހު أسيد بن حضير އިސްލާމް ވެއްޖެ އެވެ. ވީ އުފަލުން أُسيد ގެފާނަށް މަޑުން ނުހުރެވި ވިދާޅުވި އެވެ. "އަހަރެން ގޮސް އެހެން މީހަކު ފޮނުވާނަމެވެ. އޭނާ އިސްލާމް ވެއްޖެ ނަމަ، މަދީނާ ގައި ތިބި އޭނާގެ ޤަބީލާގެ މީހުންގެ ތެރޭގައި އިސްލާމް ނުވާނެ މީހަކު ނުހުންނާނެ އެވެ..." ދެން އޭނާ ތެދުވެފައި އަވަހަށް ގޮސްފި އެވެ. އޭނާ ވަގުތުން ދިޔައީ ސީދާ سعد بن مُعاذ ކައިރި އަށެވެ. سعد بن مُعاذ އަށް އޭނާ ފެނުމުން ބުންޏެވެ. "އަހަރެން ހުވާކޮށްފައި މި ބުނަނީ أُسيد އެ އަންނަނީ އޭނާ މި ތަނުން ދިޔަ އިރު ހުރި މޫނަކާއެކުގައެއް ނޫނެވެ".

ދެން سعد بن مُعاذ އެހިއެވެ. "އުސައިދޭ، ކީއްހޭ ކުރީ"؟ أُسيدُ بن حُضيرُ ވަރަށް ބޮޑަށް ބޭނުންވީ سعد بن مُعاذ މުސްލިމަކަށް ވުމަށެވެ. އަދި ވިދާޅުވި އެވެ. "އެ މީހާ (‏مُصعب بن عُميرُ)‏ އާ ވާހަކަދައްކައިފީ މެވެ. އަހަންނަކަށް އެމީހުންގެ ތެރެއިން އެއްވެސް ނުބައި ކަމެއް ނުފެނެއެވެ. އެހެންނަމަވެސް، އަހަރެމެންނަށް އަޑުއިވިފައިވާ ގޮތުގައި، ބަނީ حارثة ގެ ފިރިހެން ދަރިން ޝައްކުކުރާ ގޮތުގައި، އެކަހަލަ މީހަކު ތިބާގެ ބޮޑުދައިތަގެ ދަރި أسعدُ ގެ ގޭގައި ގެންގުޅޭ ކަމާއި، އޭނާ މަރާނެ އެވެ.

މި ބަސްތަކުން سعد بن مُعاذ އަށް ވަރަށް އަސަރުކޮށްފި އެވެ. އެހެނީ މީގެ އަހަރުތަކެއް ކުރިން ކުރި ހަނގުރާމައެއް ގައި އެ މީހުން ވަނީ حارثة ގެ ފިރިހެން ދަރިން ބަލިކޮށް ޚައިބަރު ގައި އަމާންކަން ހޯދައިގެން ތިބުމަށެވެ. އެއް އަހަރު ފަހުން، އެ މީހުންނަށް މާފުދީ، އެ މީހުންގެ ޤައުމަށް ދާން ހުއްދަ ދީފި އެވެ. އެފަދަ ކަމެއް ކުރީމަ ވެސް މާފުދިނުމުން سعد بن مُعاذ ވަރަށް ބޮޑަށް ރުޅިދުރުވެއްޖެ އެވެ. އަޞްލުގައި ވެސް، މީގެ ކުރިން މިފަދަ ކަމެއް ހިނގާފައެއް ނެތެވެ. މި އުކުޅު ބޭނުންކޮށްގެން أُسيدُ بن حُضيرُ ބޭނުންވީ سعد بن مُعاذ، އޭނާގެ ބޮޑުދައިތައާއި، އޭނާގެ ބޮޑުދައިތަގެ ދަރި أسعد بن زُُرارة އަދި ހަމަ އެއާއެކު، مُصعب بن عُميرُ އަށް އަނިޔާކުރުން ހުއްޓާލުމަށެވެ. އެހެންކަމުން، أُسيدُ ބޭނުންވީ، މިގޮތަށް ކަންތައްތައް ފަހިކުރުމަށް ފަހު، سعد بن مُعاذ އެ މީހުން ކޮޅަށް ޖެހި، އެންމެ ފަހުން ގޮސް މުސްލިމަކަށް ވުމަށެވެ.

أُسيدُ بن حُضيرُ ގެ މި ބަސްތަކަށް ފަހު، سعد بن مُعاذ ކުރިޔަށް ޖެހިލާފައި أسعد بن زُُرارة ގެ އަރިހަށް ގޮސްފި އެވެ. އެތަނަށް ދިޔަ އިރު، އޭނާ އަށް ފެނުނީ أسعدُ އާއި مُصعب بن عُمرُ އާ ދެ ބޭކަލުން އިށީނދެވަޑައިގެން ޞުލްޙަވެރިކަމާ އެކު ވާހަކަދައްކަވަން ތިއްބެވި ތަނެވެ. އޭނާ، އެ މީހުންނާ ހަމަޔަށް ގޮސް ބުންޏެވެ. "އޭ أسعدُ އެވެ! އަހަރެމެންނަކީ ތިމާގެ މީހުން ނޫން ނަމަ، ކަލެއަށް ތިހެން ނޫޅެވުނީސްހެވެ....."

مُصعب بن عُمرُ ޖަވާބުދެއްވި އެވެ. "އޭ سعد އެވެ! އިރުކޮޅަކަށް މަޑުކޮށްލާފައި، އިށީނދެ އަހަރެމެން ކިޔާ އެއްޗެއް އަޑުއަހާފައި ވިސްނިގަންނާށެވެ. އަހަރެމެން ކިޔާ އެއްޗެއް ތިބާ އަށް ޤަބޫލުކުރެވިއްޖިއްޔާ ރަނގަޅެވެ. ތިބާ ޤަބޫލުނުކުރާ ނަމަ، މިކަމެއް އަހަރެމެން ހުށައެއް ނާޅާނަމެވެ. އަދި ތިބާ ދާނީއެވެ". މި މަޑުމައިތިރި ފޮނި ބަސްތައް އަޑުއަހާފައި، سعد بن مُعاذ ހަމައަކަށް އެޅި، އިށީނދެލާފައި އެ ދެބޭކަލުންނަށް އަޑުއަހަން ފަށައިފި އެވެ. އިސްލާމް ދީން، سعد بن مُعاذ އަށް ފުރަތަމަ އޮޅުންފިލުވައިދެއްވީ، مُصعب بن عُمير އެވެ. އެގޮތުން އިސްލާމް ދީނުގެ އަސާސްތައް އޮޅުންފިލުވައިދެއްވި އެވެ. ދެން އޭނާ ކީރިތި قرآن ގެ ބައެއް، އޭނާގެ ރީތި އަޑުން ކިޔުއްވިއެވެ. އޭނާ ކީރިތި ޤުރްއާން ކިޔުއްވަމުން ގެންދެވި އިރު، سعد بن مُعاذ ގެ ޙާލަތު ދިޔައީ ބަދަލުވަމުންނެވެ. ކީރިތި قرآن ގެ ބަލާޣާތްތެރިކަމުގެ ކުރިމަތީ ގައި އޭނާގެ ހިތް މަޑުވެ، ވަރަށް ބޮޑަށް އަސަރުކޮށްފި އެވެ. އޭނާ އަށް ކެތްނުކުރެވިގެން އަހައިފި އެވެ. "މި ދީނަށް ވަނުމަށް ކުރަންޖެހޭނީ ކޮން ކަމެއް ހެއްޔެވެ"؟ ދެން سعد بن مُعاذ އަށް، مُصعب بن عُمير ޝަހާދަތުގެ ދެ ކަލިމަ އުނގަންނަވައިދެއްވި އެވެ. "أشهد أن لا إله وأشهد أنّ محمّدا عبده ورسوله" އަދި ކިޔުއްވުމަށް ފަހު އިސްލާމް ވެއްޖެ އެވެ. މުސްލިމަކަށް ވުމުން އިޙްސާސްކުރެވުނު ޞުލްޙަވެރިކަމާއި، އުފާވެރިކަމުން، سعد بن مُعاذ އަށް ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ވަގުތުން އޭނާގެ ގެއަށް ވަޑައިގެން، އޭނާ އުނގެނުނު ގޮތަށް ފެންވެރިއެވެ. ދެން އޭނާގެ ޤަބީލާގެ މީހުން ކައިރީ ގައި އެއްވުމަށް އެންގެވި އެވެ. އޭނާ އާ އެކު أُسيدُ بن حُضيرُ ގެންދަވައި، މީސްތަކުން ޖަމާވެފައި ތިބި ތަނަށް ވަޑައިގަތެވެ. عبد الأشهل ގެ ފިރިހެން ދަރިންނާ މުޚާޠަބުކުރައްވަމުން مُصعب ވިދާޅުވިއެވެ. "އޭ عبد الأشهل ގެ ފިރިހެން ދަރިންނޭވެ! ކަލޭމެންނަށް އަހަރެން އެނގެނީ ކިހިނެއް ހެއްޔެވެ"؟ އެ އެންމެން ވެސް އެއް އަޑަކުން ބުންޏެވެ. "ތިބާ އަކީ އަހަރެމެންގެ ވެރިޔާ އަދި އިސް ބޭފުޅާ އެވެ. އަޅުގަނޑުމެން ތިބާ އަށް ކިޔަމަންތެރިވާނަމެވެ". މި ބަސްތަކަށް ފަހު، سعد بن مُعاذ ވިދާޅުވި އެވެ. "އެހެން ކަމަށް ވާ ނަމަ، އަހަރެން ތިޔަ އެންމެންނަށް މި އަންގަނީ އެވެ. މުސްލިމަކަށް ވުމުގެ ޝަރަފު އަހަންނަށް ލިބިއްޖެ އެވެ. އަހަރެން ބޭނުންވަނީ ތިޔަބައި މީހުން الله تعالى އާއި އެކަލާނގެ ރަސޫލާ އަށް އީމާންވުމަށެވެ. ތިޔަބައި މީހުން އީމާންނުވާ ނަމަ، އަހަރެން ތިޔައިގެ ތެރެއިން އެކަކާ ވެސް ވާހަކަނުދައްކާނަމެވެ".

سنة السرور (‏އުފާވެރިކަމުގެ އަހަރު)‏

އެ މީހުންގެ ވެރިޔާ އިސްލާމްވެއްޖެކަމާއި، އެ މީހުންނަށް އިސްލާމް ދީނަށް ދަޢުވަތުދީފިކަން عبد الأشهل ގެ ފިރިހެން ދަރިންނަށް އެނގުމުން، އެ އެންމެން ވެސް އިސްލާމްވެއްޖެ އެވެ. އެ ދުވަހުގެ ހަވީރު އަންނަން ދެން، މަދީނާގެ ޖައްވު އޮތީ ޝަހާދަތުގެ ދެ ކަލިމަ އިން ގުގުމާފައެވެ.2

عبد الأشهل ގެ ފިރިހެން ދަރިން އިސްލާމްވުމުގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވަނީސް، މަދީނާގެ އެންމެންނާއި، އައުސް ވަންހަ އާއި ޚަޒްރަޖު ވަންހައިގެ މީހުން އިސްލާމް ވެއްޖެ އެވެ. ކޮންމެ ގެއެއް ވެސް ވަނީ އިސްލާމް ދީނުގެ ނޫރުން އަލިކުރެވިފައެވެ. سعد بن مُعاذ އާއި، أُسيدُ بن حُضيرُ، އެ ބޭކަލުންގެ ޤަބީލާތަކުގެ ހުރިހާ ބުދެއް ތަޅާލެއްވައިފި އެވެ. رَسُوْلُ اللهِ ﷺ އަށް މި ކަން އެނގިވަޑައިގަތުމުން، ވަރަށް ބޮޑަށް އެ ކަމާ އުފާކުރެއްވިއެވެ. މައްކާގެ މުސްލިމުން އުފަލުން ފޮޅިއްޖެ އެވެ. މި ސަބަބަށް ޓަކައި، އެ އަހަރަށް (‏މީލާދީން 621)‏ އަށް سنة السرور (‏އުފާވެރިކަމުގެ އަހަރު)‏ ގެ ނަމުން ނަންދެވުނެވެ.

الصّلاة والسّلام عليك يا رَسُوْلُ اللهِ
الصّلاة والسّلام عليك يا حبيب الله
الصّلاة والسّلام عليك يا سيّد الأوّلين والآخرين.

ޢަޤަބާގެ ދެ ވަނަ ބައިޢަތު

بعثة އަށް 12 ވަނަ އަށް ވީ އަހަރު، މައްކާގެ މުޝްރިކުން މުސްލިމުންނަށް ކުރާ އަނިޔާ އޭގެ އެންމެ މައްޗަށް ގޮސް، ކެތްނުކުރެވޭ ހިސާބަށް ގޮސްފި އެވެ. މަދީނާ ގައި، أسعد بن زُرارة އާއި، مُصعب بن عُميرގެ މަސައްކަތުން އައުސް ވަންހަ އާއި، ޚަޒްރަޖު ވަންހައިގެ މީހުން ތިބީ، މުސްލިމުން ބަލައިގަތުމަށާއި، މުސްލިމުންނަށް ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވާން ކެތްމަދުވެފައެވެ. އެ މީހުން ބޭނުންވީ، رَسُوْلُ اللهِ ﷺ ވީހާ ވެސް އަވަހަކަށް މަދީނާ އަށް ވަޑައިގަތުމަށެވެ. އަދި އެ މީހުންގެ މާލާއި ޖާނު އެކަލޭގެފާނަށް ޓަކައި ނުހިފެހެއްޓުމަށް އެ މީހުން ވަޢުދުވިއެވެ. ޙައްޖު މޫސުން އަތުވެއްޖެ އެވެ. ޛުލްޙިއްޖާ މަހުގެ ތެރޭގައި، މަދީނާގެ 73 މުސްލިމު ފިރިހެނުންނާއި، 2 މުސްލިމު އަންހެނުން مُصعب بن عُمير އާ އެކު މަދީނާ އިން މައްކާ އަށް އަތުވެއްޖެ އެވެ. ޙައްޖަށް ފަހު، އެ އެންމެން رَسُوْلُ اللهِ ﷺ އާ ބައްދަލުކުރި އެވެ. أسعد بن زُرارة ހިމެނޭ ހެން 12 މުމައްސިލުން، އެ މީހުންގެ ޤަބީލާތަކުގެ ފަރާތުން ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ ގެ އަރިހުން އެދުނީ މަދީނާ އަށް ހިޖުރަކުރުމަށެވެ. ކީރިތި قرآن ގެ ބައެއް އާޔަތްތައް ކިޔުއްވުމަށް ފަހު، رَسُوْلُ اللهِ ﷺ އެދިވަޑައިގަތީ، އެ މީހުން، އެ މީހުންނާއި، އެ މީހުންގެ ދަރިން ވެސް ޙިމާޔަތްކުރި ފަދައިން އެކަލޭގެފާނު ޙިމާޔަތްކުރުމަށެވެ.

އޭރު އަދި އިސްލާމްނުވާ، رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑުބޭބޭ عبّاس ވެސް ހުންނެވީ އެތާގައެވެ. ބައިޢަތު ހިފަން އެ ތަނަށް އައިސް ތިބި މީހުންނާ މުޚާޠަބުކޮށް އޭނާ ވާހަކަދެއްކެވި އެވެ.

"އޭ މަދީނާގެ މީހުންނޭވެ! މިއީ، އަހަރެންގެ އަޚާގެ ދަރިކަލުންނެވެ. އެކަލޭގެފާނަކީ، މީސްތަކުންގެ ތެރެއިން އަހަރެން އެންމެ ލޯބިވާ ބޭފުޅާ ވެސް މެއެވެ. ތިޔަބައިމީހުން އެކަލޭގެފާނަށް ޔަޤީންކަން އަރުވައި، الله تعالى ގެ ޙަޟްރަތުން އެކަލޭގެފާނު ގެންނެވި ދީން ޤަބޫލުކޮށް، ތިޔަބައި މީހުންނާ އެކު ގެންދަން ބޭނުން ނަމަ، އަހަރެން ހިތްހަމަޖެހޭ ވަރުގެ ޢަހްދެއް ވާން އެބަޖެހެއެވެ. ތިޔަބައި މީހުންނަށް އެނގޭނޭ ފަދައިން، رَسُوْلُ اللهِ ﷺ އަކީ، އަހަރެމެން ބޭފުޅެކެވެ. އެކަލޭގެފާނަށް އީމާންނުވާ މީހުންގެ ކިބައިން އަހަރެމެން އެކަލޭގެފާނު ޙިމާޔަތްކޮށްފީމުއެވެ. އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި ދިރިއުޅުއްވަނީ، އެކަލޭގެފާނުގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރެވިގެންނެވެ. މި ހުރިހާ ކަމަކާ އެކު ވެސް، އެންމެންނަށް މޫނު އަނބުރާލައްވައި، ތިޔަބައި މީހުންނާ އެކު ވަޑައިގަންނަވަން ނިންމެވީއެވެ.ހުރިހާ ޢަރަބި ޤަބީލާތައް އެއްބައިވެގެން ތިޔަބައި މީހުންނަށް ޙަމަލަދޭ ނަމަ ތިޔަބައި މީހުންގެ އަތުގައި އެކަށީގެންވާ ޢަސްކަރީ ބަރު ހުރިތޯ ބަލައި އަޙުދުވާށެވެ. މުސްތަޤްބަލުގެ އަރައިރުންތަކުން ދުރުވުމަށް ޓަކައި، އެ ކަންކަމާ ބެހޭގޮތުން ތިޔަބައި މީހުންގެ ތެރޭގައި ރަނގަޅަށް މަޝްވަރާކޮށް ވާހަކަދައްކައި ހަދާށެވެ. ތިޔަބައި މީހުން ވަޢުދުވީ ގޮތަށް، ތިޔަބައި މީހުންނަށް، އެކަލޭގެފާނުގެ ޢަދުއްވުންގެ ކިބައިން ޙިމާޔަތްކުރެވޭނެ ހެއްޔެވެ؟ ތިޔަބައި މީހުންނަށް އެކަން ކުރެބޭ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. މައްކާ ދޫކޮށް ދިއުމަށް ފަހު، ތިޔަބައި މީހުން އެކަލޭގެފާނު ދޫކޮށްލާ ނަމަ، މިހާރު ދޫކޮށްލާށެވެ. އޭރުން، އެކަލޭގެފާނުގެ އަމިއްލަ ވަޠަނުގައި އެކަލޭގެފާނުގެ ޢިއްޒަތުގައި ޙިމާޔަތްކުރެވިގެން އުޅުއްވާނެ އެވެ".

"އަޅުގަނޑުމެންގެ މި ޢަހްދާ ޚިލާފުވެއްޖެ ނަމަ، الله تعالى އަށް ވާ ވަޢުދާ ޚިލާފުވެގެން ނަރަކަޔަށް ދާ މީހުންނާ އަޅުގަނޑުމެން ގުޅެންޖެހިދާނެ އެވެ. މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ބަހަށް އަޅުގަނޑުމެން ތެދުވެރިވަމެވެ. الله تعالى، އަޅުގަނޑުމެންނަކީ ކާމިޔާބު ބައެއް ކަމުގައި ލައްވާށި އެވެ".
أسعد بن زرارة (‏رضي الله عنه)‏

عبّاس ގެފާނު ދެއްކެވި ވާހަކައިގެ ސަބަބުން، މަދީނާގެ މުސްލިމުން ހިތްހަމަނުޖެހިއްޖެ އެވެ. އެބައި މީހުންނަށް ކުރިމަތިލާން ޖެހުނު ބަސްތަކުން ދޭހަކޮށްދެނީ، رَسُوْلُ اللهِ ﷺ އެބައި މީހުންގެ ބިމަށް ދަޢުވަތުދީގެން ގެންގޮސް، މުޝްރިކުންގެ ފަރާތުން ޙިމާޔަތްކުރުމަށް ނުކުޅެދޭނެ ކަމާއި، ކަންތައްތައް އުނދަގޫވުމުން، އެ މީހުން އެކަލޭގެފާނު ދޫކޮށްލައްވާނެ ކަމެވެ. މަދީނާގެ ޞަޙާބީއެއް ކަމުގައިވާ أسعد بن زُرارة، رَسُوْلُ اللهِ ﷺ އާ ދިމާ އަށް އެނބުރިފައި ވިދާޅުވެއްޖެ އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ހުއްދަ ދެއްވައިފި ނަމަ، އަޅުގަނޑު ދެތިން ބަހެއް ބުނަންވެފައި އެބަ އޮތެވެ. ކަލޭގެފާނަށް މި ދަންނަނީ އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށް ޓަކައި ޤުރްބާން ކުރެވިގެން ވެއެވެ. ކޮންމެ ދަޢުވަތަކަށް ވެސް ގޮތެއް ވެއެވެ. އެއީ، މަޑުމައިތިރި ނުވަތަ ހަރުކަށި ނަމަވެސް މެއެވެ. ކަލޭގެފާނު ތި ދަޢުވަތު ދެއްވަނީ، މީސްތަކުންނަށް ޤަބޫލުކުރަން ވަރަށް އުނދަގޫ ވާ ފަދަ އެއްޗަކަށެވެ. އެހެނީ، އެ މީހުން ވަރަށް ދިގު ޒަމާންތަކެއް ވަންދެން އަޅުކަން ކޮށްއުޅުނު ބުދުތައް ދޫކޮށްލައި އިސްލާމް ދީން ޤަބޫލުކުރުމަކީ، މީސްތަކުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެއާއެކު ވެސް، އަޅުގަނޑުމެން ވަނީ ހިތުގެ އަޑިން އިސްލާމް ދީން ޤަބޫލުކޮށްފައެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ މުޝްރިކު ތިމާގެ މީހުންނާ އޮތް ގުޅުން ކަނޑާލުމަށް ކަލޭގެފާނު އަޅުގަނޑުމެންނަށް އެންގެވުމުން ވެސް އަޅުގަނޑުމެން އިޚްލާޞްތެރިކަމާ އެކު އެކަން ޤަބޫލުކުރީމު އެވެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އެއީ ވެސް ޤަބޫލުކުރަން ވަރަށް އުނދަގޫ ކަމެކެވެ. އަޅުގަނޑުމެން ޤަބޫލުކުރީ ކަލޭގެފާނުގެ މަތިވެރި ޝަޚްޞިއްޔަތެވެ. ކަލޭގެފާނާ ދެކޮޅަށް ކަލޭގެފާނުގެ ބޮޑުބޭބެއިން ވެސް ޢަދާވާތްތެރިންނަށް ވެ ޙިމާޔަތް ނުދިނެވެ. މި ޝަރަފުވެރި ވާޖިބަކީ އަޅުގަނޑުމެން ދެކޭގޮތުގައި، ލާޒިމު އަދި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން އެންމެން މި ބަސްފުޅުތަކަށް އެއްބަސްވަމެވެ. އަޅުގަނޑުމެން ދޫތަކުން ބުނާ ބަސްތަކަށް އަޅުގަނޑުމެންގެ ހިތުން ޔަޤީންކަން ދެމެވެ. އަޅުގަނޑުމެން ހުވާކޮށްފައި މި ބުނަނީ، އަޅުގަނޑުމެންގެ ކުޑަކުދިން ޙިމާޔަތްކުރާ ގޮތަށް، އަޅުގަނޑުމެންގެ އެންމެ ފަހު ނޭވޭޔާ ހަމައަށް ކަލޭގެފާނުގެ ބަރަކާތްތެރި ހަށިގަނޑު ރައްކާތެރިކުރާނެ ކަމަށް ހުވާކުރަމު އެވެ. އަޅުގަނޑުމެންގެ މި ޢަހްދާ ޚިލާފުވެއްޖެ ނަމަ، الله تعالى އަށް ވާ ވަޢުދާ ޚިލާފުވެގެން ނަރަކަޔަށް ދާ މީހުންނާ އަޅުގަނޑުމެން ގުޅެންޖެހިދާނެ އެވެ. މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ބަހަށް އަޅުގަނޑުމެން ތެދުވެރިވަމެވެ. الله تعالى، އަޅުގަނޑުމެންނަކީ ކާމިޔާބު ބައެއް ކަމުގައި ލައްވާށި އެވެ"! ދެން އޭނާގެ ވާހަކަ ކުރިޔަށްގެންދަމުން ބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ފަރާތުން ބޭނުންފުޅުވާ ކޮންމެ ގެރެންޓީއެއް އެދިވަޑައިގެން، ކޮންމެ ޝަރުޠެއް ކަނޑައެޅުއްވިދާނެ އެވެ".

އަޅުގަނޑުމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އެ މީހުން އިސްލާމް ދީނަށް ވަނުމަށް ހިތްވަރުދެއްވައި، ކީރިތި قرآن ގެ އާޔަތްތަކެއް ތިލާވާކުރެއްވި އެވެ. ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުގައި ތިމަންކަލޭގެފާނުގެ ޝަރުޠަކީ ތިޔަބައި މީހުން الله تعالى އަށް އަޅުކަންކޮށް، އެކަލާނގެ އަށް ޝަރީކުނުކުރުމެވެ. އަދި ތިމަންކަލޭގެފާނަށް ޓަކައި އަދި ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ޓަކައި، ތިމަންކަލޭގެފާނުގެ ޝަރުޠަކީ، ތިޔަބައި މީހުން އަހަރެމެންނަށް މަދީނާ ގައި ތިބެވޭނެ ގޮތް ހަދައިދީ، ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް އެހީތެރިވެ، ތިޔަބައި މީހުން އެކަންކަމަކުން ދިފާޢުވެ ޙިމާޔަތްކުރާ އެއްޗަކުން ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ޞަޙާބީން ޙިމާޔަތްކުރުމެވެ".

براء بن معرور ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކުޑަކުދިން ދިފާޢުކޮށް ޙިމާޔަތްކުރާ ގޮތަށް ކަލޭގެފާނު ޙިމާޔަތްކުރާނެ ކަމަށް، ތެދު ދީނާއި ފޮތާ އެކު ކަލޭގެފާނު ރަސޫލެއްގެ ގޮތުގައި ފޮނުއްވި الله تعالى ގަންދީ އަޅުގަނޑު ހުވާކޮށްފައި ބުނަމެވެ! ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންނާ އެކު ބައިޢަތު ހިއްޕަވާށެވެ"!

رَسُوْلُ اللهِ ﷺ އާ އެކު ވެވޭ ބައިޢަތު ވަރުގަދަކުރުމަށް ޓަކައި، މަދީނާގެ މުސްލިމެއް ކަމުގައިވާ عبّاس بن عُبادة އޭނާގެ އެކުވެރިން ކައިރީގައި ވިދާޅުވި އެވެ. "އޭ ޚަޒްރަޖު ވަންހައިގެ މީހުންނޭވެ! ތިޔަބައި މީހުން محمّد (‏عليه السّلام)‏ އަށް އީމާންވީ ކީއްވެގެންކަން އެނގޭ ހެއްޔެވެ"؟ އެ މީހުން ބުންޏެވެ. "އާދޭހެވެ". އެއާއެކު އޭނާ ވިދާޅުވި އެވެ. "ތިޔަބައި މީހުން އެކަލޭގެފާނަށް އީމާންވެ ތަބަޢަވަނީ ޞުލްޙަވެރި އަދި ހަނގުރާމައިގެ ވަގުތުގައި ވެސް މެއެވެ. ތިޔަބައި މީހުންގެ މުދާތައް ހަލާކުވެ، ތިޔަބައި މީހުންގެ ތިމާގެ މީހުން ޤަތުލުކުރެވޭ ހިނދު، އެހީތެރިވުމެއް ނެތި رَسُوْلُ اللهِ ﷺ ދޫކޮށްލާނެ ނަމަ، މިހާރު އެ ކަން ކުރާށެވެ. ތިޔަބައި މީހުން އެފަދަ ކަމެއް ކޮށްފި ނަމަ، އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ކަލޭމެން ދުނިޔެ އާއި އާކިރަތުގައި ގެއްލެނިވެގެންދާނެ އެވެ. ތިޔަބައި މީހުންގެ މުދާތައް ހަލާކުވެ، ތިޔަބައި މީހުންގެ ތިމާގެ މީހުން ޤަތުލުކުރެވޭ ހިނދު ގައި ވެސް، އެކަލޭގެފާނުގެ ދަޢުވަތުދެއްވާ ކަންކަމުގައި އެކަލޭގެފާނަށް ވަފާތެރިކަމުގައި ތިބޭ ނަމަ، ތިޔަބައި މީހުންގެ ވަޢުދު ފުއްދާށެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ވެސް ތިޔަބައި މީހުންނަށް ރަނގަޅު ކަމެކެވެ". އޭނާގެ އެކުވެރިން ޖަވާބު ދިނެވެ. "އަހަރެމެން އަހަރެމެންގެ ރަސޫލާ ދޫކޮށެއްނުލާނަމެވެ. އަޅުގަނޑުމެންގެ މުދާތައް ހަލާކުވެ، އަޅުގަނޑުމެންގެ ތިމާގެ މީހުން ޤަތުލުކުރެވުނަސް، އަޅުގަނޑުމެން އެކަލޭގެފާނު ދޫކޮށެއް ނުލާނަމެވެ. އަޅުގަނޑުމެން މަރުވެދާނަމެވެ. އެކަމަކު ދޫކޮށެއް ނުލާނަމެވެ".

އެއަށް ފަހު، رَسُوْلُ اللهِ ﷺއާ ދިމާލަށް އެނބުރިފައި އެ މީހުން ސުވާލުކުރި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ މި ވަޢުދު ފުއްދައިފި ނަމަ އަޅުގަނޑުމެންނަށް ލިބޭނީ ކޯއްޗެއް ތޯ އެވެ"؟ ދެން رَسُوْلُ اللهِ ﷺحديث ކުރެއްވި އެވެ. "الله تعالى ގެ ރުހިވޮޑިގަތުމާއި، ސުވަރުގެ އެވެ".

އެއިން ކޮންމެ މީހަކު ވެސް ބައިޢަތު ހިފީ އެ މީހުންގެ ޤަބީލާތަކުގެ މުމައްސިލުންގެ ޙައިސިއްޔަތުންނެވެ. އެންމެ ފުރަތަމަ، أسعد بن زرارة މުޞާފަޙާ (‏އަތާއި އަތް ޖޯޑުކޮށް ސަލާންކުރުން)‏ ކުރެއްވަމުން ވިދާޅުވި އެވެ. "އަހަރެން ބައިޢަތު ހިފަނީ، الله تعالى އާއި އެކަލާނގެ ރަސޫލާ އަށް ވީ ވަޢުދު ފުއްދުމަށާއި، އަހަރެންގެ އަނބިމީހާ އާއި، އަހަރެންގެ މުދަލުން އެހީތެރިވުމަށެވެ". އޭނާގެ ފަހުން، އެއިން ކޮންމެ މީހަކު ވެސް އެ ގޮތަށް ބައިޢަތު ހިފައި، رَسُوْلُ اللهِ ﷺއަށް ތަބާވާކަން ހާމަކޮށް ބުނޫއެވެ. "الله تعالى އާއި އެކަލާނގެ ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ ގެ ދަޢުވަތު އަޅުގަނޑުމެން ޤަބޫލުކޮށްފީމެވެ؛ އަޅުގަނޑުމެން އެ އަޑުއަހައި އެއަށް އީމާންވެއްޖައީމުއެވެ". އެހެންކަމުން، އެއްވެސް ޖެހިލުންވުމެއް ނެތި، ﷲ ގެ ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ އަށް ޓަކައި، އެ މީހުންގެ ފުރާނަ އާއި، މުދާތައް ކުރިޔަށް ނެރުނީއެވެ. އަންހެނުންނާ އެކު ބައިޢަތު ވެބުނީ އަނގަބަހުން (‏އަތާއި އަތް ޖޯޑުކޮށް ސަލާންކުރުމެއް ނެތި)‏ ނެވެ. އަޅުގަނޑުމެންގެ ލޮބުވެރި ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ އެ މީހުން ލައްވާ ވަޢުދެއް ކުރުއްވި އެވެ. "الله تعالى އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމަށާއި، ވައްކަން ނުކުރުމަށާއި، ޒިނޭ ނުކުރުމަށާއި، އަނބުރު ނުކަތިލުމަށާއި؛ ކުޑަކުދިން ނުމެރުމަށާއި، ރަނގަޅު ކަންތައްތަކާ ދެކޮޅު ނުހެދުމަށެވެ..."

މަދީނާގެ މީހުން رَسُوْلُ اللهِ ﷺ އާ އެކު ބައިޢަތު ހިފަމުން ދިޔަ އިރު، ޢަޤަބާ ފަރުބަދަ އިން ހަޅޭލަވާފައި ބުނާ އަޑު އިވުނެވެ. "އޭ މިނާ ގައި މަޑުކޮށްގެން ތިބޭ މީހުންނޭވެ! ރަސޫލާ އާއި، މަދީނާގެ މުސްލިމުން ތިޔަބައި މީހުންނާ ހަނގުރާމަ ކުރުމަށް އެއްބަސްވެއްޖެ އެވެ". އެ އަޑާ ބެހޭގޮތުން رَسُوْلُ اللهِ ﷺحديث ކުރެއްވި އެވެ. "އެއީ ޢަޤަބާގެ ޝައިޠާނާ އެވެ". ދެން އެ އަޑުގެ ވެރިޔާ އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "އޭ الله تعالى ގެ ޢަދުއްވާ އެވެ! ތިމަންކަލޭގެފާނު ކަލޭގެމައްޗަށް ވެސް ގަދަވެގަންނާނަމެވެ". ދެން ބައިޢަތު ހިފި މަދީނާގެ މީހުންނާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ތިޔަބައި މީހުން ތިބޭ ތަނަށް ވަގުތުން ދާށެވެ". عبّاس بن عُبادة ވިދާޅުވި އެވެ. "ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު ހުވާކޮށްފައި ދަންނަވަމެވެ. ކަލޭގެފާނު އެވިވަޑައިގަންނަވާ ނަމަ، ކާފަރުންނާ ދެކޮޅަށް މިނާ ގައި މާދަމާ ހެނދުނު ހިނގައި އެ މީހުން ޤަތުލުކުރާނަމެވެ". رَسُوْلُ اللهِ ﷺ އެކަމާ ހިތްޕުޅާވެ، އެހެންނަމަވެސް حديث ކުރެއްވި އެވެ. "އެ ގޮތަށް ކަންތައް ކުރުމަށް އަހަރެމެންނަށް އަމުރުކުރެވިގެނެއް ނުވެއެވެ. މިހާރު ތިޔަބައި މީހުން ތިބޭ ތަންތަނަށް އެނބުރި ދާށެވެ". إمام النّسائيއެތާގައި ހުންނެވިعبدالله بن عبّاس ގެ އަރިހުން ރިވާކުރެއްވި ގޮތުގައި، ޢަޤަބާ ގައި ތިބި އަންޞާރުން، رَسُوْلُ اللهِ ﷺ ގެ އަރިހަށް ދިއުމުން ވެގެންދިޔައީ މުހާޖިރުންނަށެވެ.3

ސައިޕްރެސް، ހަރުކަށިކަމުގައި، ކޮތަރުގެ އާދޭހެއް އަޑެއްނާހައޭ،
އޭތީގެ ކަކުލަށް ތިރިވެ އާދޭސްކުރަންޖެހޭ، ފެން.
ފިނިފެންމާ ބޭނުންވަނީ އޮޅުވާލައިގެން ނައިޓިންގޭލް ގެ ލޭ ބޯށޭ،
ފިނިފެންމަލުގެ ނާރަށް ވަދެގެން ނައިޓިންގޭލް ސަލާމަތްކުރަންޖެހެއޭ، ފެން.
އިބަސުވާމީންގެ ސާފުތާހިރު ޚަލްޤުކުރެއްވުން ދުނިޔެ އަށް ދައްކާލައިފިއޭ،
އަޙްމަދުލްމުޚްތާރު ދެއްކެވި މަގުން ގޮސްގެނޭ، ފެން.
މީސްތަކުންގެ ސައްޔިދޭ، އިޚްތިޔާރުކުރެވޭ ކަނޑުގެ އިތާމުތޭ،
ނުބައިކަމުގެ އަލިފާނަށް، އެކަލާނގެ މުޢުޖިޒާތްތައް ފެން އޮއްސާލައިފިއޭ.
ރަސޫލުކަމުގެ ފިނިފެންމަލުގެ ބަގީޗާގެ ރިވެތިކަން އާކުރުމަށޭ،
އެކަލާނގެ މުޢުޖިޒާތުން، ހަރު ހިލައިން ނެރުއްވިއޭ، ފެން.
އެކަލާގެ މުޢުޖިޒާތްތަކަކީ މި ދުނިޔޭގެ ބިޔަ ކަނޑެއްފަދައޭ،
އެއިން ވާޞިލުވީ އަލިފާނަށް އަޅުކަންކުރާ މީހުންގެ ގެއަށޭ، ފެން.
އަޑު އިވިއްޖެ ނަމަ، އަންތަރީސްވެގެން ކޮންމެ މީހަކު ވެސް އިނގިލީގައި ދަތްއަޅާނެއޭ،
ކިހިނެއް، ހިތްދަތިކަމުގެ އެ ދުވަހު ގައި، އެކަލޭގެފާނުގެ އިނގިލިން އންޞާރުންނަށް ދެއްވިއޭ، ފެން.